-

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ގާނޫނު

(ގާނޫނު ނަންބަރު 2010-06) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރ 9/2015 އިން އުވާލެވިފައި)

އެއްވަނަ ބައި

ތައާރުފާއި މަގްސަދު

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ގޮތުގައި، ދައުލަތުގެ މީޑިއާ ގާއިމުކޮށް، އެކުންފުނީގެ އާންމު ސިފަތަކާއި އެކުންފުނި ހިންގުމުގެ އާންމު އުސޫލުތައް ބަޔާންކޮށް، ރައްޔިތުންގެ ލާބަޔާއި މަންފާއާއި މަސްލަހަތަށްޓަކައި، ރައްޔިތުންނަށް ކަންކަން އަންގައިދިނުމާއި، ކަންކަން އުނގަންނައިދިނުމާއި، ރައްޔިތުން މުނިފޫހިފިލުވައިދިނުމާއި، ނުފޫޒުން އެއްކިބާވެގެންވާ، ފޭރާންހެޔޮ، ޒިންމާ އުފުލަނިވި މިނިވަން ބްރޯޑްކާސްޓިންގ ހިދުމަތެއް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ނަމުގައި އެ ކޯޕަރޭށަންއިން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ގާއިމުކުރުމުގެ ގާނޫނު" މިހެންނެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) އިސްލާމްދީނާއި ދިވެހިރާއްޖޭގެ ސަގާފަތާއި ބަސްކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުން.

(ށ) ސިޔާސީ ނުފޫޒުންނާއި އިގްތިސާދީ ނުފޫޒުންނާއި މާލީ ނުފޫޒުން މިނިވަންވެގެންވާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ދައުރު ކަށަވަރުކޮށްދިނުމާއި ކުރިއަށް ނެރެދިނުން.

(ނ) ގައުމުގެ ހުރިހާ ހިސާބުތަކަކަށް ފޯރުކޮށްދެވޭ، ރައްޔިތުންގެ ހުރިހާ ގިންތިތަކަކަށް މަންފާ ލިބޭ، ފޭރާންހެޔޮ ޕްރޮގްރާމްތަކެއް ބްރޯޑްކާސްޓްކުރުމަށް މަގުފަހިކޮށްދިނުން.

(ރ) ރައްޔިތުންނަށް ސީދާ ޖަވާބުދާރީވާ، ރައްޔިތުންނަށްޓަކައި މަސްއޫލިއްޔަތު އުފުލަނިވި އޮނިގަނޑެއްގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުން.

(ބ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައި ގާއިމުކޮށް، އެގޮތުގައި ދެމެހެއްޓުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދީ، މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ގާއިމުކޮށްދީ، އެޑިޓޯރިއަލް މިނިވަންކަން އެކަށައަޅައިދިނުން.

 

ދެވަނަ ބައި

ކުންފުނި ގާއިމުކުރުން 

3 ވަނަ މާއްދާ - ގާއިމުކުރުން

(ހ) މި ގާނޫނަށް އަމަލުކުރަންފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ނަމުގައި، ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ ގޮތުގައި، އަދި މި ގާނޫނުން ލިބިދީފައިވާ ރައްކާތެރިކަމުގެމަތީގައި، އަދި މި ގާނޫނުގައިވާ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ހިދުމަތްދޭނެ ފަރާތް ދިވެހިރާއްޖޭގައި ގާއިމުކުރެވުނީއެވެ.

(ށ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަކީ މާލީ ފައިދާއެއް ހޯދުމުގެ ނިޔަތެއްނެތި، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ފޭރާންހެޔޮ ހިދުމަތެއް ފޯރުކޮށްދެމުން ދިޔުމަށްޓަކައި އުފެދިފައިވާ ދައުލަތުގެ މިނިވަން މުއައްސަސާއެކެވެ.

(ނ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަކީ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ސީދާ ރައްޔިތުންނަށް ޒިންމާއުފުލާނެ، މުއައްސަސާއެކެވެ. 

(ރ) މި ގާނޫނުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މަސްއޫލިއްޔަތުކަމަށް ނުވަތަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ބާރުތައްކަމަށް ބުނެފައިވާ ކަންކަން ކުރުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން މަގުފަހިކޮށްދޭނެ ނުވަތަ އެކަންކަން ހާސިލުކުރުމަށްޓަކައި ފަސޭހަކޮށްދޭނެ ހުރިހާ ސީދާ ބާރުތަކާއި ނުސީދާ ބާރުތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް މި ގާނޫނުގެ ދަށުން ލިބިގެންވެއެވެ.

(ބ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަކީ، އަމިއްލަ ނަމުގައި މުދާ ހޯދައި، މުދާ ލިބިގަނެ، އެ މުދަލުން މުއާމަލާތްކުރުމުގެ ގާނޫނީ ހައިސިއްޔަތު، މި ގާނޫނުން ލިބިދޭ ގާނޫނީ ށަހްސެކެވެ.

 

4 ވަނަ މާއްދާ - ނުފޫޒެއް ނެތުން

(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މައްޗަށް އިދާރީ ގޮތުން ނުވަތަ ހިންގުމުގެ ގޮތުން، ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުހިނގާނެއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މުވައްޒަފަކު އަދާކުރަންޖެހޭ ވާޖިބަށް، ސަރުކާރުގެ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެންވެސް ނުވާނެއެވެ. ނުވަތަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ހިންގަމުންގެންދާ ހަރަކާތަކަށް ނުވަތަ މަސައްކަތަކަށްވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެން ނުވާނެއެވެ.

(ށ) މި ގާނޫނުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް ދީފައިވާ މިނިވަންކަމަކީ، ހަމަ ހުރިހާ ހާލަތެއްގައިމެ، ހުރިހާ ފަރާތަކުންމެ، އިހްތިރާމުކުރަންޖެހޭނެ މިނިވަންކަމެކެވެ.

(ނ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ކުރަމުންގެންދާ ކަމަކާމެދު ނުވަތަ ހަރަކާތަކާމެދު، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން،   އެ މިންވަރަށް މެނުވީ، އެއްވެސް ފަރާތަކަށް ބާރެއް ނުފޯރުވޭނެއެވެ. އަދި  މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މުވައްޒަފަކު ކުރަމުންގެންދާ ކަމަކާމެދު ނުވަތަ ހިންގަމުން ގެންދާ މަސައްކަތަކާމެދު ގާނޫނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކުގެ މަތިން މެނުވީ ފިޔަވަޅެއް އަޅައިގެންނުވާނެއެވެ.

 

5 ވަނަ މާއްދާ - ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގކަމަށ ބެލެވޭ ކަންކަން

ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން މަސައްކަތްކުރުން ކަމުގައި، މި ގާނޫނުގެ ބޭނުމަށްޓަކައި ބުނެފައި އެވަނީ، އަންނަނިވި ހަމަތަކާއި އަންނަނިވި އުސޫލުތައް ހިމެނޭގޮތުން، ބްރޯޑްކާސްޓިންގގެ ހިދުމަތް ދިނުމަށެވެ.

(ހ) އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން، އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއެއްގޮތްވާ ގޮތުގެމަތިން ހިދުމަތްދޭ ތަނަކަށްވުން.

(ށ) ނުފޫޒުން އެއްކިބާވެގެންވާ މިނިވަން ބައެއްގެ ބެލުމުގެ ދަށުން ހިނގާ ތަނަކަށްވުން.

(ނ) އެކިއެކި މައުލޫމާތާއި ހަބަރު ހުށަހެޅުމުގައި އެޑިޓޯރިއަލް ގޮތުން މިނިވަންކަން ލިބިގެންވާ ބަޔަކަށްވުން.

(ރ) ހަމައެކަނި ރައްޔިތުންނަށް ހިދުމަތްކުރުން އަމާޒެއްކަމުގައި ބަލައިގެން ހިދުމަތްކުރާ ބަޔަކަށްވުން.

(ބ) ރައްޔިތުންގެ ކުރިމަތީގައި ޒިންމާ އުފުލައި، ރައްޔިތުންނަށް ޖަވާބުދާރީވާ ހިދުމަތަކަށްވުން.

(ޅ) ރައްޔިތުން ވަކިއަގެއް ދެއްކުމަކާނުލައި، ރައްޔިތުންނަށް ލިބޭ ހިދުމަތަކަށްވުން.

(ކ) ހުރިހާ ރައްޔިތުން ޖަމްއުކޮށް މިލްކުކުރާ، ހުރިހާ ރައްޔިތުންނަށް ޖަމްއުކޮށް ޒިންމާ އުފުލައި، އަދި ހުރިހާ ރައްޔިތުން ޖަމްއުކޮށް ކޮންޓްރޯލްކުރާ ހިދުމަތަކަށްވުން.

(އ) ހަބަރާއި މައުލޫމާތުގެ އެއްވިސްނުމަށްވުރެ ގިނަ ވިސްނުން ހިމެނޭ މައިދާނަކަށް ގައުމާއި މުޖުތަމައު ހަދައިދިނުމަށް މަސައްކަތްކުރާ ހިދުމަތަކަށްވުން.

(ވ) މައުލޫމާތުގެ މުއްސަނދިކަންއޮތް ރައްޔިތެއް ގައުމުގައި ގާއިމުކުރުމަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވުން.

(މ) ފޭރާންހެޔޮ ތަފާތު ބާވަތްތަކުގެ ޕްރޮގްރާމްތައް ރައްޔިތުންނަށް ހުށަހަޅައިދޭ ބަޔަކަށްވުން.

(ފ) އެއްކަމަކަށް އެއް ހިޔާލަށްވުރެ ގިނަ ހިޔާލާއި ވިސްނުން ހުށަހަޅައިދޭ ހިދުމަތަކަށްވުން.

(ދ) މައުލޫމާތުގެ މުއްސަނދިކަން ލިބިގެންވާ ޒިންމާދާރު ރައްޔިތެއް ދިރިއުޅޭ ރަނގަޅު ޑިމޮކްރަސީއަކަށް ގައުމުހެދުމަށް މަސައްކަތްކުރާ ބަޔަކަށްވުން.

(ތ) ރައްޔިތުންގެ އެކިއެކި ވިސްނުމަށް ޖާގަލިބިދޭ، މަދަނީ ޖަމާއަތްތަކުގެ ދައުރު ހަރުދަނާކުރެވޭ، ރައްޔިތުންގެ ބައިވެރިވުން ފުޅާ ދާއިރާއެއްގައި ލިބިދޭ ހިދުމަތަކަށްވުން.

(ލ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ޒިންމާ އުފުލަނީ ރައްޔިތުންގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްކަމުން،  އެ ކުންފުންޏަކީ، ރައްޔިތުންގެ ފަރާތުން އުފެދިފައިވާ، ރައްޔިތުންގެ ފައިސާއިން ހިންގަމުންދާ ރައްޔިތުންނަށް ޖަވާބުދާރީވާ، މުޅި އާބާދީއަށް އަމާޒުކުރެވިފައިވާ ހިދުމަތަކަށްވުން.

 

6 ވަނަ މާއްދާ - ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ މާނަކޮށްދޭ ކަންކަން

ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ މާނަކޮށްދެނީ:

(ހ) އެއްވެސް ތަފާތުކުރުމެއްނެތި، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ މައިދާނެއްގައި، ހަބަރާއި، މައުލޫމާތު އުފައްދައި، ހުށަހަޅައިދޭ، ބަދަލުކުރެވޭ މައިދާނެއް ކަށަވަރު ކޮށްދިނުމެވެ.

(ށ) މައުލޫމާތު ހިއްސާކުރުމާއި، އުގަންނައިދިނުމާއި، ވިސްނުން ފުޅާކޮށްދިނުމާއި، މައުލޫމާތު މުއްސަނދިކޮށްދިނުމަށްޓަކައި ހުރިހާ ރައްޔިތުންނަށްވެސް ބޭނުންހިފޭނެ އަދި ހުރިހާ ރައްޔިތުންނަށްވެސް އަމާޒުކުރެވިގެންދެވޭ ހިދުމަތަކަށްވުމެވެ.

(ނ) މީހާގެ އިޖްތިމާއީ ހައިސިއްޔަތަށް ނުވަތަ އިޖްތިމާއީ ނިސްބަތަށް ނުވަތަ އިގްތިސާދީ ފުދުންތެރިކަމަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންނަށްވެސް ބޭނުންކުރެވެންއޮތް އަދި ހުރިހާ ރައްޔިތުންނަށްޓަކައި ބޭނުންކުރެވިގެންދާނެ ހިދުމަތަކަށްވުމެވެ.

(ރ) ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އެހީތެރިވެދޭނެ ވަސީލަތަކަށްވުމެވެ.

(ބ) އާންމު އަހްލާގީ ސުލޫކީ މިންގަނޑުތަކާއި، ގައުމެއްގެގޮތުގައި ހިފަހައްޓާ އަގުތައް ހިފަހައްޓައިދޭ އޮނިގަނޑެއްގެ ތެރެއިން މަސައްކަތްކުރާ ބަޔަކަށްވުމެވެ.

(ޅ) ޒިންމާ އުފުލުމާއި ޒިންމާދާރުވުމުގެ އެންމެމަތީ ހަމަތައް ހިފަހައްޓައި، އިގްތިސާދީ ނުފޫޒުންނާއި މާލީ ނުފޫޒުންނާއި ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ބަޔަކަށްވުމެވެ.

(ކ) މުޅި އާބާދީއަށް ފޯރުކޮށްދެވޭ، މުޅި އާބާދީގައި ހިމެނިގެންވާ އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މީހުންނަށް ނިސްބަތްކުރެވިގެންވާ ޕްރޮގްރާމްތަކެއް ހިމެނޭގޮތުން ފޯރުކޮށްދެވޭ ހިދުމަތަކަށްވުމެވެ.

(އ) ސަރުކާރަށް އެކަނި، ރައްޔިތުންގެ މަޖިލީހަށް އެކަނި، ރައީސުލްޖުމްހޫރިއްޔާއަށް އެކަނި، ނުވަތަ ސިޔާސީ ޕާޓީއަކަށް އެކަނި، ނުވަތަ ދީނީ ވަކި ޖަމާއަތަކަށް އެކަނި ގެނެސްދޭ ހިދުމަތަކަށްނުވެ،   އެ ހިދުމަތަކީ އެ ހުރިހާ ނުފޫޒުތަކަކާއި ބާރުތަކަކުން މިނިވަންވެގެންވާ މުޅި ގައުމުގެ މުޅި އާބާދީގެ މަސްލަހަތަށް މަސައްކަތްކުރާ، ހިދުމަތް ބަލައިގަންނަން ތިބި، ހިދުމަތް ބޭނުންކުރަމުންދާ ރައްޔިތުންގެ ހިދުމަތަކަށްވުމެވެ.

 

7 ވަނަ މާއްދާ - ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ ކަމުގައި ނުބެލެވޭނެ ކަންކަން

މި ގާނޫނުގެ މަގްސަދަށްޓަކައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ސިފައެއް ނުވަތަ އުސޫލެއްކަމުގައި ނުބެލެވޭނެ ކަންކަން، އަދި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ކޮށްގެންނުވާނެ ކަންކަން ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ލިބޭ އާމްދަނީއަށް އެކަނި ބަރޯސާކޮށްގެން އެ އާމްދަނީން ފުއްދުމަށް ޕްރޮގްރާމްތަކުގެ ފެންވަރު ދަށްކުރުން.

(ށ) ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުތަކާ ހިލާފުވުން.

(ނ) ގައުމުގެ ވަކި ހިސާބަކަށް ނުވަތަ މުޖުތަމައުގެ ވަކި ބަޔަކަށް އެކަނި ހާއްސަކުރާ ހިދުމަތަކަށްވުން.

(ރ) ދައުލަތުގެ ރަސްމީ ބާރުތައް ތަންފީޒުކުރާ އެއްވެސް ފަރާތަކުން ކޮންޓްރޯލްކުރާ ހިދުމަތަކަށްވުން.

(ބ) އެ ވަގުތަކު ސިޔާސީ ބާރާއި ނުފޫޒުއޮތް ބައެއްގެ ހަމައެކަނި މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ހިދުމަތަކަށްވުން.

(ޅ) ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ނުފޫޒު ނުވަތަ ބެލެހެއްޓުމުގެ ނުވަތަ ބާރުވެރިކަމުގެ ދަށުގައި މަސައްކަތްކުރާ ބަޔަކަށްވުން.

(ކ) ހަމައެކަނި ލިބޭ އާމްދަނީ އިތުރުކުރުމަށާއި އިގްތިސާދީ ނުވަތަ މާލީ ވިޔަފާރީގެ މަސްލަހަތުތައް ކުރިއަށް ނެރުމަށް މަސައްކަތްކުރާ ބަޔަކަށްވުން.

(އ) ދައުލަތުގެ މީޑިއާއެއް ނުވަތަ ސަރުކާރުގެ މީޑިއާއެއް ނުވަތަ ރަސްމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތްކުރުން.

 

8 ވަނަ މާއްދާ - ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ އާންމު ސިފަތައް

ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.

(ހ) ގައުމާއި މުޖުތަމައު ބިނާކުރުމުގައި ހަބަރާއި މައުލޫމާތު، މިނިވަންގޮތެއްގައި ގައުމާއި މުޖުތަމައަށް ފޯރުކޮށްދޭ ވަސީލަތަކަށްވުން.

(ށ) އެޑިޓޯރިއަލް މިނިވަންކަން ލިބިގެންވާ ބަޔަކަށްވުން.

(ނ) ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކުރިއަރުވަން މަސައްކަތްކުރާ ބަޔަކަށްވުން.

(ރ) ނޫސްވެރިކަމުގެ އުސޫލުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ދަމަހައްޓާ ބަޔަކަށްވުން.

(ބ) ހުނަރުވެރިކަމާއި ސިކުނޑީގެ ގާބިލުކަން ބޭނުންކޮށްގެން އާ ހިޔާލުތަކާއި އާ ފިކުރުތައް އީޖާދުކޮށްދޭ ބަޔަކަށްވުން.

(ޅ) ރައްޔިތުންގެ އަޑު އޭގެ ފުރިހަމަގޮތުގައި އުފުލައިދޭ ބާރަކަށްވުން، އަދި، ހަމައެކަނި ބާރުލިބިގެންވާ ފަރާތުގެ އަޑު އުފުލައިދޭ ބަޔަކަށްނުވުން.

(ކ) ހުށަހަޅައިދޭ ކޮންޓެންޓް އަންނަނިވި ކަންކަމުން ރައްކާތެރިކުރުން.

  1. ސީދާގޮތުންނާއި ނުސީދާގޮތުން އަންނަ ސިޔާސީ އެކިއެކި ފިއްތުންތަކާއި ނުފޫޒުތަކުން.
  2. މާލީ އެކިއެކި ނުފޫޒުތަކުން.
  3. ވަކިބައެއްގެ ޒާތީ ނުވަތަ އިގްތިސާދީ ނުވަތަ ވިޔަފާރީގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ނުފޫޒުން.
  4. ރައްޔިތުންގެ ވަކި ބައެއްގެ މަސްލަހަތުތައް ކުރިއަށް ނެރެދިނުމުގެ ނުފޫޒުން.

(އ) ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަކީ މާލީގޮތުންވެސް ސަރުކާރުގެ ނުފޫޒުން އެއްކިބާވެގެން ތިބޭ ބަޔަކަށްވުން.

(ވ) ދައުލަތުގެ ހަޒާނާއިން ސަރުކާރު މެދުވެރިކޮށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ދެވޭ ފައިސާއަކީ ވެރިކަމުގެ ފަރާތުން ނުފޫޒު ފޯރުވުމަށް އޮތް ސަބަބަކަށް ނުހެދުން.

(މ) ހަމައެކަނި ދައުލަތުން ލިބިދޭ ފައިސާއިން އުޅުމުގެ ބަދަލުގައި، ތަފާތު އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ހޯދުމަށް މަސައްކަތްކުރުން.

(ފ) ހަރަދުކުރުމުގަޔާއި ފައިސާ ކޮންޓްރޯލްކުރުމުގަޔާއި އާމްދަނީ ހޯދުމުގައި ގެންގުޅޭ ހުރިހާ އުސޫލުތަކަކީވެސް ދެފުށްފެންނަ ޒިންމާދާރު އުސޫލުތަކަކަށްވުން.

(ދ) ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ރައްޔިތުންނަށް ސީދާ ޒިންމާއުފުލާ ބަޔަކަށްވުން.

 

9 ވަނަ މާއްދާ - އާންމު އަމާޒުތައް

ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ އަމާޒުތައް ތިރީގައި މިވަނީއެވެ.

(ހ) އިސްލާމްދީން ރައްކާތެރިކޮށް ދެމެހެއްޓުމާއި، ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށްހިތުމާއި، ގާނޫނުގެ ވެރިކަން ހިންގުމުގެ އުސޫލަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހިރާއްޖޭގެ ސަގާފަތާއި ގައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން.

(ށ) ގައުމުގެ އެއްބައިވަންތަކަން ހިފެހެއްޓުން.

(ނ) ތަފާތު ވިސްނުންތަކަށްވެސް ޖާގަލިބިދޭ މުޖުތަމައަކަށް ގައުމު ހެދުން.

(ރ) އެއްބަޔަކު އަނެއްބަޔަކާ ދެމެދު އޮތްގުޅުން ގާތްކޮށްދޭ ބަޔަކަށްވުން.

(ބ)  އެއްކަމަކަށް، އެއްވިސްނުމަށްވުރެ ގިނަ ވިސްނުން ހުށަހަޅައިދޭ ބަޔަކަށްވުން.

(ޅ) ބަހުގެ ހަމަތައް އަދި ގައުމުގެ އަގުތައް ހިފަހައްޓާ ބަޔަކަށްވުން.

(ކ) މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ނުވަތަ ދޭތެރެޖެއްސުމަށް ނުވަތަ ފިތުނަ އުފެއްދުމަށް މަސައްކަތްކުރާ ބަޔަކަށްނުވުން.

(އ) ގައުމުގެ ށަހްސިއްޔަތަށް އުނިކަން ގެންނަ ބަޔަކަށް ނުވުން.

(ވ) ބޭރު ބިދޭސީންނަށް ނަފްރަތުކުރުމަށް ދަސްކޮށްދޭ ބަޔަކަށްނުވުން.

(މ) ވަކި ވިސްނުމެއް އެކަނި ކުރިއެރުވުމަށް މަސައްކަތްކުރާ ބަޔަކަށް ނުވުން.

(ފ) ފަގީރުކަމުގެ ސަބަބުންނާއި މުޖުތަމައުގެ ތެރޭގައި ނޫޅެވުމުގެ ސަބަބުން އެކަހެރިވެފައިވާ މީހުން މުޖުތަމައުގެ ތެރެއަށް ގެނެސްދިނުމަށް މަސައްކަތްކުރާ ބަޔަކަށްވުން.

(ދ) ބާރުއޮތް ފަރާތުގެ އަޑު އިއްވުމުގެ ބަދަލުގައި މުޖުތަމައުގެ އަޑަށް ލިބިދޭ ބާރަކަށްވުން.

(ތ) ޑިމޮކްރެޓިކް ހަމަތަކުގެމަތިން ދިރިއުޅުމަށް ބޭނުންވާނެ އަސާސީ މައުލޫމާތުތަކާއި، އަސާސީ އެކިއެކި އިލްމުތަކާއި، ސިއްހީ އެކިއެކި މައުލޫމާތުތަކާއި، އިގްތިސާދީ އެކިއެކި މައުލޫމާތުތަކާއި، އިޖްތިމާއީ އެކިއެކި މައުލޫމާތުތައް ގެނެސްދޭ ބަޔަކަށްވުން.

(ލ) ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް ޖާގަލިބިގެންވާ އަދި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންވާ، ޑިމޮކްރަސީއެއް އަށަގެންނެވުމަށް، ފަރުދީގޮތުންނާއި ޖަމާއީގޮތުން މަސައްކަތްކުރާ ބަޔަކަށްވުން.

(ގ) އިންޓަރނެޓް މެދުވެރިކޮށް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކިއެކި ޕްރޮގްރާމްތައް ވީހާވެސް ގިނަ މީހުންނާ ހަމައަށް ފޯރުކޮށްދޭ ބަޔަކަށްވުން.

(ޏ) ހުނަރުގެ ކުރިއެރުމަށާއި ސިކުނޑީގެ ކުޅަދާނަކަމަށާއި މީހުންގެ ގާބިލުކަމަށް ފުރުސަތު ލިބިދޭ، އާ ހިޔާލާއި އާ ވިސްނުމާއި އާ އުފެއްދުންތެރިކަމަށް ޖާގަދޭ ބަޔަކަށްވުން.

(ސ) އިގްތިސާދީގޮތުންނާއި، އިޖްތިމާއީގޮތުންނާއި، މަދަނިއްޔަގޮތުން ތަފާތު އެކިއެކި ކުރިއެރުންތައް ހޯދައިދިނުމަށް މަސައްކަތްކުރުން.

(ޑ) ޑިމޮކްރަސީއެއްގައި މީހަކު ދިރިއުޅުމަށްޓަކައި ލިބިދޭންޖެހޭ މައުލޫމާތާއި ހަބަރުގެ މުއްސަނދިކަން އަބަދުވެސް ފޯރުވައިދެމުންދިޔުމާއި، ތިމާގެ މުޖުތަމައުގައި ހިނގާ އެކިއެކި ކަންކަން އޭގެ ރަނގަޅުގޮތުގައި ވިސްނައިގަތުމަށްޓަކައި ބޭނުންވާ ތަފާތު އެކިއެކި ހިޔާލުތަކާއި ވިސްނުންތައް ލިބެމުންދިޔުން.

(ޒ) މަދަނިއްޔަ ޒިންމާދާރު ރައްޔިތެއް ކުރިއެރުވުމަށް މަސައްކަތްކުރުން.

(ޓ) ހަގީގީ ތެދު ހަބަރާއި މައުލޫމާތު ހަމަހަމަ އުސޫލަކުން ގެނެސްދެމުން ދިއުން.

(ޔ) ދުޅަހެޔޮ ބަހުސްތަކަށް ފުރުސަތުދޭ ބަޔަކަށްވުން.

(ޕ) އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި ތަފާތު އެކިއެކި ވިސްނުންތަކުން ބަނދެވިގެންވާ ތަފާތު އެކިއެކި ވިސްނުންތައް ކުރިއަށް ނެރޭ މީހުންނަށްވެސް ފުރުސަތު ލިބިގެންވުން.

(ޖ) އިސްލާމްދީނުގެ ހަމަތަކާއި، އަދުލު އިންސާފާއި، ސުލްހަވެރިކަމާއި، އެކުވެރިކަމާއި، އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމްކުރާ، އަދި އެކަންކަން ކުރިއެރުވުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ބަޔަކަށްވުން.

(ޗ) އިޖްތިމާއީ، އިގްތިސާދީ، ސިޔާސީ އެކިއެކި ބަހުސްތަކާއި މައްސަލަތަކުގައި އާ ވިސްނުންތައް ހުށަހަޅައިދިނުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ، އަދި އެންމެ ފުރަތަމައަށް އެކަންކަން ކުރާ ބަޔަކަށްވަމުން ދިޔުން.

 

10 ވަނަ މާއްދާ - އާންމު މަސްއޫލިއްޔަތުތައް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ އާންމު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ގައުމުގެ އާބާދީ ބެހިފައިވާ ގޮތާއި، ގައުމުގެ ސިޔާސީ ވިސްނުން ބެހިފައިވާގޮތާއި ގައުމުގެ އާދަކާދަތައް ފާޅުވެފައިވާގޮތަށް ރިއާޔަތްކޮށް، ތަފާތު ބާވަތުގެ ޕްރޮގްރާމްތައް ހަދައި، އުފައްދައި، ގައުމުގެ ރައްޔިތުންގެ މެދުގައި އެއްވެސް އިސްތިސްނާއެއް ގެނައުމެއްނެތި، ގައުމުގެ ރައްޔިތުންނަށް، މައުލޫމާތު އަންގައިދީ، އެމީހުންގެ އާންމު ހޭލުންތެރިކަން އިތުރުކޮށްދީ، އެމީހުން މުނިފޫހިފިލުވައިދިނުން.

(ށ) މުޖުތަމައުގެ ތަފާތު އެކިއެކި ފިކުރުތަކާއި ތަފާތު އެކިއެކި ވިސްނުންތަކަށް ފުރުސަތުދެވޭފަދަ، ފޭރާންހެޔޮ ޕްރޮގްރާމްތަކެއް އުފައްދައި، ހަދައި، ހުށަހަޅައިދީ، ގެނެސްދިނުން.

(ނ) އަންނަނިވި ހަމަތަކުގެމަތިން، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ދައުރު ފުރިހަމައަށް އަދާކުރަމުން، ދިޔުން.

  1. ސަރުކާރުގެ ބާރާއި ކޮންޓްރޯލްކުރުމާއި ނުފޫޒުން މިނިވަންވެގެންވުން.
  2. ގައުމުގެ ސިޔާސީ ބާރުތަކުންނާއި ނުފޫޒުތަކުންނާއި އެފަރާތްތަކުގެ ކޮންޓްރޯލުން މިނިވަންވެގެންވުން.
  3. ގައުމުގެ އިގްތިސާދީ ބާރުތަކުންނާއި ނުފޫޒުތަކުންނާއި އެ ފަރާތްތަކުގެ ކޮންޓްރޯލުން މިނިވަންވެގެންވުން.
  4. ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި އެޑިޓޯރިއަލް މިނިވަންކަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ކަނޑައަޅާ ހަމަތަކެއްގެމަތިން، އެ ކުންފުނީގެ ހުރިހާ ގިންތިއެއްގެ މުވައްޒަފުންނަށްވެސް ވަކިވަކިންނާއި
  5. ޖަމްއުކޮށް ކަށަވަރު އޮވެގެން ކުރިއަށްގެންދިޔުން.
  6. ފުރިހަމަ ތަފްސީލު ލިބިގެންވާ، މައުލޫމާތުގެ މުއްސަނދިކަން ހުރި، ވަކި ފަރާތަކަށް ބުރަވުމެއްނެތް، ވަޒަން ހަމަވެފައިވާ، ހަބަރާއި މައުލޫމާތު ގެނެސްދެމުންދިޔުން.
  7. ބައިނަލްއަގްވާމީ ހަރަކާތްތަކާއި ގައުމީ ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަން ރައްޔިތުންނަށް އެކަށޭނަ ވަގުތުތަކުގައި ގެނެސްދެމުންދިޔުން.
  8. އިސްލާމްދީނާއި ގައުމުގެ ށަހްސިއްޔަތު ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  9. އާންމުކޮށް ހުރިހާ އެންމެނަށް ކަމުދާ ބާވަތުގެ ޕްރޮގްރާމްތައް ހެދުމާއި، މުޖުތަމައުގައި ހިމެނޭ ތަފާތު ވިސްނުންތަކާއި ތަފާތު ބޭނުންތަކުގެ ފަރުދުންނާއި ޖަމާއަތްތަކަށް ކަމުދާ ބާވަތުގެ ޕްރޮގްރާމްތައް ހަމަހަމަ އުސޫލެއްގެމަތިން ހަދައި، ހުށަހަޅައި، ގެނެސްދިނުމުގެ އުސޫލެއް ގެންގުޅުން.
  10. ގައުމުގެ އެކިއެކި ސަރަހައްދުތަކަށް ކަމުދާ ބާވަތުގެ ޕްރޮގްރާމްތައް ގެނެސްދެމުންދިޔުން.
  11. ގައުމަށް ކުރިމަތިވާ މުހިންމު ކަންތައްތަކާއި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެނައުންސްމަންޓްސް ގެނެސްދިނުން.
  12. ކުޑަކުދިންނާގުޅޭ އެކިއެކި ޕްރޮގްރާމްތަކާއި ތައުލީމީ އެކިއެކި ޕްރޮގްރާމްތައް ގެނެސްދެމުންދިޔުން.
  13. ޕްރޮގްރާމް އުފެއްދުމުގެ ސިޔާސަތުތައް އެކަށައެޅުމުގައި، މިނިވަން ޕްރޮޑިއުސަރުން އުފައްދާ ޕްރޮގްރާމްތައް ހޯދުމުގެ އުސޫލެއް މި މާއްދާގެ (ރ) އަށް ރިއާޔަތްކޮށް ގެންގުޅުން.
  14. ކަންކަމާމެދު ފުރިހަމަ މައުލޫމާތު ލިބިގެން، ކަންކަމާމެދު ވިސްނުމާއި ބަހުސްކުރުމާއި ފާޑުކިޔުމުގެ ސަގާފަތެއް ގާއިމުކުރުމަށް އެހީތެރިވެދިނުން.

(ރ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، މިނިވަން ޕްރޮޑިއުސަރުންގެ އަތުން އެމީހުން އުފައްދާ ޕްރޮގްރާމްތައް ގަތުން.

 

ތިންވަނަ ބައި

އޮނިގަނޑު

11 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑު

(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ހިންގަންވާނީ ޑިރެކްޓަރުންގެ ބޯޑަކުންނެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑު ޖަވާބުދާރީވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އަދި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގައުމުގެ ރައްޔިތުންނަށެވެ.

(ނ) ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިގެންވާނީ 9 (ނުވައެއް) މެންބަރުންނެވެ. އެމީހުންނަކީ އެމީހުންގެ ދާއިރާގައި ތަޖުރިބާ ހުރި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ ބަޔަކަށް ވާންވާނެއެވެ.

(ރ) ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމުގައި މުޖްތަމައުގެ ވީހާވެސް ގިނަ ދާއިރާތަކެއް ތަމްސީލުވާގޮތަށް އިސްކަންދޭންވާނެއެވެ. އަދި އެގޮތުން އަންނަނިވި ދާއިރާތަކުން ވީވަރަކުން މީހުން ހިމެނުމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އިސްލާމީ ތައުލީމުން މަތީ ފެންވަރަކަށް ތައުލީމު ހާސިލުކޮށްފައިވާ މީހުން.
  2. ތައުލީމީ ދާއިރާ.
  3. ކުޑަކުދިން.
  4. ބްރޯޑްކާސްޓިންގގެ ދާއިރާ.
  5. މުނިފޫހިފިލުވުމުގެ ދާއިރާ.
  6. ޖަރނަލިޒަމްގެ ދާއިރާ.
  7. ވިޔަފާރީގެ ދާއިރާ.

 

12 ވަނަ މާއްދާ - ޑިރެކްޓަރުންގެ  ބޯޑު އައްޔަންކުރުން

(ހ) ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރުމުގެ މަރުހަލާތަކަކީ ހުޅުވާލެވިފައިވާ ދެފުށްފެންނަ މަރުހަލާތަކަކަށް ވާންވާނެއެވެ.

(ނ) ބޯޑުގައި ހިމަނަން ފެންނަ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން އެކަމަށް އިއުލާނުކުރުމުން، އެ އިއުލާނެއްގައިވާ ގޮތުގެމަތިންނެވެ.

(ރ) މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ނަންތައް ބަލައި ދިރާސާކުރުމަށްފަހު، ބޯޑުގައި ހިމެނުމަށް އެންމެރަނގަޅުވެދާނެ، މީހުންގެ ނަންތައް އާންމުކޮށް އިއުލާނުކުރަންވާނެއެވެ. މިގޮތުން އިއުލާނުކުރާނީ، އެފަހަރަކު، ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން ބޭނުންވާ އަދަދުގެ ދެގުނައަށް ނިސްބަތްވާ އަދަދުގެ ނަމެވެ. ނަން އިއުލާނުކުރުމަށްފަހު، އެމީހުންނާބެހޭ ގޮތުން އެއްވެސްކަހަލަ ކޮމެންޓްއެއްކުރަން ބޭނުންވާ ފަރާތެއްވާނަމަ، އެމީހުންނާ ބެހޭގޮތުން ކޮމެންޓްކުރުމުގެ އެކަށީގެންވާ ފުރުސަތު ހުޅުވާލަންވާނެއެވެ. ހުރިހާ ކޮމެންޓްތަކެއް ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިއުލާނުކޮށްގެން ކުރިމަތިލި ފަރާތްތަކުގެ އަދަދު ބޯޑުގެ މެންބަރުންގެ އަދަދުގެ       ދެ ގުނައަށްވުރެ މަދުކަމަށްވިޔަސް، ކުރިމަތިލި ފަރާތްތަކުގެ ނަންތައް  މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އިއުލާން ކުރަންވާނެއެވެ. އަދި ކޮމެންޓްކުރަން ބޭނުންވާ ފަރާތްތަކުން ކޮމެންޓްކުރުމަށްފަހު ނުވަތަ ކޮމެންޓްކުރުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ބޯޑަށް އައްޔަންކުރަން ފެންނަ ފަރާތްތަކެއްގެ ނަންތައް މަޖިލީހަށް ފޮނުވަންވާނެއެވެ. މިގޮތުން ފޮނުވާ ނަންތަކުގެ އަދަދު ބޯޑަށް އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނަމަ ނުވަތަ މަޖިލީހުން ބޯޑަށް އައްޔަންކުރުމަށް ހޮވި ނަންތަކުގެ އަދަދު ބޯޑުގެ މެންބަރުންގެ އަދަދަށްވުރެ މަދުނަމަ ކޮމިޓީން އަނެއްކާވެސް އިއުލާންކޮށް، މި މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ބޯޑު މެންބަރުންގެ އަދަދު މަޖިލީހުން ހޮވައި ނިމެންދެން ކުރިއަށް ގެންދާނީއެވެ.

(ޅ) ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތުގެ ރުހުންލިބޭ ފަރާތްތަކެވެ. 

(ކ) އަންނަނިވި ފަރާތްތަކުގެ ތެރެއިން މީހަކު ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްގެން ނުވާނެއެވެ.

  1. ސިވިލް ސަރވިސްގެ މުވައްޒަފަކު.
  2. ދައުލަތުގެ ތިން ބާރުންކުރެ ބާރެއްގެ މުވައްޒަފަކު.
  3. ސިޔާސީ ޕާޓީއެއްގެ މުވައްޒަފަކު ނުވަތަ ސިޔާސީ ޕާޓީގެ މަގާމެއްގައި ހުރި މީހަކު.
  4. އިންތިހާބުކުރެވިފައިވާ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި މީހަކު.
  5. ބްރޯޑްކާސްޓިންގގެ ދާއިރާ ނުވަތަ ޓެލެކޮމިއުކޭށަންގެ ދާއިރާއާ ގުޅުންހުރި ވިޔަފާރިއެއްގެ ފަރާތުން ސީދާގޮތުން ނުވަތަ ނުސީދާގޮތުންނަމަވެސް، އުޖޫރައެއް ނުވަތަ މާލީ އެހީތެރިކަމެއް ލިބެމުންދާ މީހަކު.
  6. މަކަރާއި ހީލަތްހެދުން ނުވަތަ އަނިޔާވެރި ކުށުގެ އަމަލެއް ނުވަތަ ވައްކަމުގެ އަމަލެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު، އަދި  އެ ކުށުގެ އަދަބު ތަންފީޒުކޮށް ނިމުނުތާ ނުވަތަ އޭނާއަށް މައާފުލިބުނުތާ 5 އަހަރު ހަމަނުވާ މީހަކު.

(އ) ބުނެވިދިޔަ ބާވަތުގެ މީހުންގެ ތެރެއިން މީހަކު ބޯޑަށް އައްޔަންކުރުމުގެ ފުރުސަތު އޮތްކަމުގައިވާނަމަ، އެމީހަކަށް އެކަން އަންގައި، ބުނެވިދިޔަ ހުރަސްތަކުގެ ތެރެއިން ހުރަހެއް ނައްތާލުމަށް އޭނާ މަސައްކަތްކުރުމަށް އެކަށީގެންވާ ފުރުސަތު އޭނާއަށް ދޭންވާނެއެވެ.

 

13 ވަނަ މާއްދާ - މިނިވަންކަން

(ހ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި، މިނިވަންކަމާއެކު މަސައްކަތްކުރަންޖެހޭ ބައެކެވެ. އަދި އެމީހުން އަބަދުވެސް މަސައްކަތްކުރަންވާނީ އާންމު މަސްއޫލިއްޔަތުކަމަށް މި ގާނޫނުގެ    10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ދެމެހެއްޓުމަށެވެ.

(ށ) ގާނޫނެއްގައި ކަނޑައެޅިގެން ބަޔާންވެގެންވާ ގޮތަކަށް އެ މިންވަރަށް މެނުވީ، އެއްވެސް ފަރާތަކުން ކުރާ އަމުރަކަށް ނުވަތަ އިރުށާދަކަށް ނުވަތަ އެއްވެސް ފަރާތަކުން ދޭ ލަފައަކަށް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ބޯލަނބާކަށްނުޖެހޭނެއެވެ. ނުވަތަ އެފަދަ އަމުރެއް، ނުވަތަ އިރުށާދެއް ނުވަތަ، ލަފައެއް ހޯދައިގެންވެސް ނުވާނެއެވެ.

(ނ) އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމަށާއި، ތިންވަނަ ފަރާތެއްގެ މަސްލަހަތު ކުރިއަށް ނެރެދިނުމަށް، މަގާމުގެ ނުފޫޒު ނުވަތަ މަގާމުގެ ހައިސިއްޔަތު، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ބޭނުންކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު

(ހ) ކޮންމެ މެންބަރަކުވެސް ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭނީ 6 (ހައެއް) އަހަރުދުވަހުގެ ދައުރަކަށެވެ. އަދި އެ ދައުރު ފުރިހަމަވުމުން، އިތުރު 1 (އެކެއް) ދައުރަށް އޭނާ އިންތިހާބުކުރެވިދާނެއެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑުން މީހަކު ވަކިކުރެވޭނީ ހަމައެކަނި އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި، ރައްޔިތުންގެ މަޖިލީހަށެވެ.

  1. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް އައްޔަންކުރުމަށް ބޭނުންވާ ށަރުތަކުންކުރެ ށަރުތެއް އުނިވުން.
  2. އެކަށީގެންވާ ގޮތުގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވުން.
  3. އެކަށީގެންވާ އުޒުރެއްނެތި ބޯޑުގެ ޖަލްސާތަކަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ހާޒިރުނުވުން.

(ނ) ބުނެވިދިޔަ ގޮތުގެމަތިން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ވަކިކުރެވިއްޖެ ހިނދެއްގައި، އޭނާ ވަކިކުރިކުރުމާ ދެކޮޅަށް ށަރުއީ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އޭނާއަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - އުޖޫރަ

ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންނަށް އެމީހުން ކުރާ މަސައްކަތާ ގުޅިގެން އެކަށީގެންވާ މުސާރައާއި އުޖޫރަ ދޭންވާނެއެވެ. ޑިރެކްޓަރުންގެ ބޯޑުގެ މުސާރައާއި އުޖޫރަ ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީންނެވެ. 

 

16 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ ޒިންމާ

(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ އާންމު ހުރިހާ ސިޔާސަތުތައް ކަނޑައެޅުމުގެ އާންމު ޒިންމާ އުފުލަންޖެހޭނީ ޑިރެކްޓަރުންގެ ބޯޑުންނެވެ.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ އާންމު އުސޫލުތަކާއި އާންމު ސިޔާސަތުތަކާ އެކަށޭނަގޮތުގެމަތިން، އެކަށީގެންވާ ފޭރާންހެޔ ބްރޯޑްކާސްޓިންގގެ ހިދުމަތެއް ދެމުންގެންދިޔުމަށްޓަކައި އެކުލަވާލަންޖެހޭ ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގެ އާންމު ޒިންމާ އުފުލާނީ ބޯޑުންނެވެ.

(ނ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ކުންފުނީގެ އިސް މެނޭޖްމަންޓްގެ މުވައްޒަފުން ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުންނެވެ. އެމީހުންގެ އުޖޫރަ ކަނޑައަޅާނީ އެކުރާ ހަރަދާ އެއްވަރުގެ ހިދުމަތެއް  އެ މުވައްޒަފެއްގެ ފަރާތުން ލިބޭނެގޮތެއް ކަށަވަރުކުރުމަށްފަހުއެވެ.

(ރ) ދުވަހުންދުވަހަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ކުރަމުންގެންދާ ކަންކަމާ ބޯޑުން ބެހިގެން ނުވާނެއެވެ.

(ބ) މެނޭޖިންގ ޑިރެކްޓަރުގެ އެޑިޓޯރިއަލް މިނިވަންކަމާއި އޭނާގެ މުވައްޒަފުންގެ އެޑިޓޯރިއަލް މިނިވަންކަމާ ބޯޑުން ބެހިގެންނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، ކުންފުނީގެ އާންމު އެޑިޓޯރިއަލް ސިޔާސަތުތަކާއި ބޯޑުގެ ނިންމުންތަކާއި ހިލާފަށް ކަމެއް ހިނގަމުންދާކަމަށްވާނަމަ، އެކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައްކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.

(ކ) ތަން ހިންގުމަށް ބޭނުންވާ އާންމު ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އިރުށާދުތަކާއި، ހަމަތަކާއި، އުސޫލުތައް މެނޭޖިންގ ޑިރެކްޓަރު ކަނޑައެޅުމުން، ފާސްކޮށް ހިންގުމަށް އަމުރުކުރާނީ ޑިރެކްޓަރުންގެ ބޯޑުންނެވެ.

(އ) މެނޭޖިންގ ޑިރެކްޓަރުގެ ލަފަޔާއި މަށްވަރާ ހޯދުމަށްފަހު، ކޮންމެ އަހަރަކުވެސް އަހަރީ ރިޕޯޓެއް ބޯޑުން އެކުލަވާލަންވާނެއެވެ.

 

17 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ   އުސޫލުތައް

(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރ ޕަރސަނާއި ވައިސް ޗެއަރ ޕަރސަން އައްޔަންކުރާނީ ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުންނެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައަޅައި، ފާސްކޮށް، ހިންގާނީ ބޯޑުންނެވެ.

(ނ) ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތު އުފުލުމަށްޓަކައި ބޭނުންވާ އަވަސްމިނުގައި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތައް ބާއްވަމުން ގެންދަންވާނެއެވެ. އަދި މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބޯޑުގެ ބައްދަލުވުން ބާއްވަމުން ގެންދަންވާނެއެވެ.

(ރ) ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތައް ބާއްވާނީ ޗެއަރ ޕަރސަނުގެ އެންގުމަށެވެ. ޗެއަރ ޕަރސަނަށް އުޒުރެއް މެދުވެރިވެފައިވާ ހާލަތެއްގައި ވައިސް ޗެއަރ ޕަރސަނަށް މިއިހްތިޔާރު ލިބިގެންވެއެވެ.

(ބ) ޑިރެކްޓަރުންގެ ބޯޑުގެ 3 (ތިނެއް) މެންބަރުން ލިޔުމުން އެދިއްޖެހިނދެއްގައި، ބައްދަލުވުމެއް ޗެއަރ ޕަރސަން ބާއްވައިދޭންވާނެއެވެ.

(ޅ) ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދަކީ 5 (ފަހެއް) މެންބަރުންނެވެ.

(ކ) ބޯޑުން ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންނުކުރާހާހިނދަކު، ބޯޑުގެ ބައްދަލުވުންތަކަށް މެނޭޖިންގ ޑިރެކްޓަރ ހާޒިރުވާންޖެހޭނެއެވެ. މެނޭޖިންގ ޑިރެކްޓަރަކީ ވޯޓުދެވޭނެ މެންބަރެއްނޫނެވެ.

(އ) އެހެންގޮތަކަށް ބޯޑުން ކަނޑަނާޅާހާހިނދަކު، ބޯޑުގެ އެކިއެކި ނިންމުންތައް ނިންމަމުންގެންދާނީ ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަގްލަބިއްޔަތުންނެވެ. އަދި އެއްވެސް ހާލަތެއްގައި ވޯޓު ހަމަހަމަވެއްޖެކަމަށްވާނަމަ، ކާސްޓިންގ ވޯޓުދިނުމުގެ ބާރު ޗެއަރ ޕަރސަނަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރާއި އިސް މެނޭޖްމަންޓް އައްޔަންކުރުން

(ހ) ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމަށްފަހު ވީއެންމެއަވަސް ފުރުސަތެއްގެތެރޭގައި ބޯޑުގެ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުދިނުމުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގްލަބިއްޔަތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން މެނޭޖިންގ ޑިރެކްޓަރާއި އިސް މެނޭޖްމަންޓްގެ މުވައްޒަފުން އައްޔަންކުރަންވާނެއެވެ. (ށ) މެނޭޖިންގ ޑިރެކްޓަރު ވަކިކުރެވޭނީވެސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން ނަގާ ވޯޓަކުންނެވެ.

(ނ) މެނޭޖިންގ ޑިރެކްޓަރު ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނަގާ ވޯޓަކުން ފާސްކޮށްފިނަމަ، އޭނާގެ ބަދަލުގައި ވަގުތީގޮތުން އެ މަސްއޫލިއްޔަތު އަދާކުރާނޭ މީހަކު އެ ބައްދަލުވުމުގައި ޑިރެކްޓަރުންގެ ބޯޑުން ނިންމަން ވާނެއެވެ.

(ރ) މެނޭޖިންގ ޑިރެކްޓަރު ވަކިކުރުމަށް ބޯޑަށް ލިބިގެންވާ އިހްތިޔާރާއި ބާރު އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

  1. މި ގާނޫނުގެ ދަށުން އޭނާ އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ހިލާފުވުން ނުވަތަ އެއިން މަސްއޫލިއްޔަތެއް ނުއުފުލުން.
  2. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ އާންމު ސިޔާސަތުތަކާއި މި ގާނޫނުގެ 10  ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޔާސަތަކާ ހިލާފުވުން.

(ބ) މެނޭޖިންގ ޑިރެކްޓަރު އައްޔަންކުރާނީ 5 (ފަހެއް) އަހަރު ދުވަހަށެވެ. އަދި އޭނާއަކީ އަލުން އެ މަގާމަށް އައްޔަންކުރެވިދާނެ މީހެކެވެ.

(ޅ) މެނޭޖިންގ ޑިރެކްޓަރުގެ ދައުރު ހަމަވާއިރު، އެހެން މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކުރުމަށް ތައްޔާރަށް ނެތްކަމަށްވާނަމަ، އެހެން މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކުރެވެންދެން ދައުރު ހަމަވެފައިވާ މެނޭޖިންގ ޑިރެކްޓަރު އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.

 

19 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރުގެ ޒިންމާ

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައިވާ އުސޫލާ ހިލާފުނުވާނެ ގޮތުގެމަތިން، އެ މާއްދާގެ ދާއިރާގެ ތެރޭގައި ކުންފުނީގެ ދުވަހުންދުވަހަށް ނިންމަންޖެހޭ ކަންކަން ނިންމައި، ދުވަހުންދުވަހަށް ކުންފުނި ހިންގުމުގެ ޒިންމާ އުފުލާނީ މެނޭޖިންގ ޑިރެކްޓަރެވެ.

(ށ) ކުންފުނީގެ އެޑިޓޯރިއަލް ސިޔާސަތުތައް ހިންގައި، ކުންފުނި ދުވަހުންދުވަހަށް ހިންގުމުގެ އެންމެ އިސްވެރިޔަކަށްވާނީވެސް މެނޭޖިންގ ޑިރެކްޓަރެވެ.

(ނ) މެނޭޖިންގ ޑިރެކްޓަރުގެ މަށްވަރާގެމަތިން، ކުންފުނީގެ އިސް މެނޭޖްމަންޓްގެ މުވައްޒަފުން އައްޔަންކުރާނީ ޑިރެކްޓަރުންގެ ބޯޑުންނެވެ.

 

20 ވަނަ މާއްދާ - މުވައްޒަފުން

(ހ) ކުންފުނީގެ އާންމު މުވައްޒަފުން އައްޔަންކުރުމުގެ ބާރު ލިބިގެންވަނީ މެނޭޖިންގ ޑިރެކްޓަރަށެވެ. އެއީ، ބޯޑުން ކަނޑައަޅާފައިވާ މަގާމުތަކަކާއި ބޯޑުން ކަނޑައަޅާފައިވާ ބަޖެޓެއްގެ ތެރޭގައެވެ.

(ށ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބޯޑުން އަންގާ އެންގުމެއް ފިޔަވައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ނުވަތަ ކުންފުނީގެ އެހެން މުވައްޒަފަކުވެސް ވަޒީފާ އަދާކުރުމުގައި އެއްވެސް ފަރާތެއްގެ އިރުށާދަކަށް ނުވަތަ އެންގުމަކަށް ނުވަތަ ލަފަޔަކަށް އަމަލުކުރާކަށް ނުޖެހޭނެއެވެ. އަދި އެފަދަކަމެއް ކޮށްގެންވެސް ނުވާނެއެވެ.

(ނ) ޒާތީ މަސްލަހަތު ކުރިއެރުވުމާއި ނުވަތަ ތިންވަނަ ފަރާތެއްގެ ޒާތީ މަސްލަހަތު ކުރިއެރުވުމަށް ނުވަތަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މަސްލަހަތު ފިޔަވައި، އެހެން ފަރާތެއްގެ މަސްލަހަތު ކުރިއެރުވުމަށް، މެނޭޖިންގ ޑިރެކްޓަރު ނުވަތަ ކުންފުނީގެ މުވައްޒަފަކު މަގާމުގެ ހައިސިއްޔަތާއި ނުފޫޒު ބޭނުންކޮށްގެން ނުވާނެއެވެ.

(ރ) މުވައްޒަފުން އައްޔަންކުރުމާއި، ވަކިކުރުމާއި، މަގާމުގެ ކުރިއެރުންދިނުމާއި، ވަޒީފާގެ އާންމު އުސޫލުތަކާއި އަދި މިނޫންވެސް މުވައްޒަފުންގެ އެކިކަންކަމާބެހޭ ގޮތުން މި ގާނޫނުގެ ދަށުންހަދާ ގަވާއިދުތަކާއި އުސޫލުތައް ޑިރެކްޓަރުންގެ ބޯޑުން އަންގާ ގޮތެއްގެމަތިން ހިންގާނީ މެނޭޖިންގ ޑިރެކްޓަރެވެ.

 

21 ވަނަ މާއްދާ - މެނޭޖްމަންޓް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މެނޭޖްމަންޓް މަގާމުތައް ބޯޑުން ކަނޑައަޅަންޖެހޭނެއެވެ. ކޯޕަރޭށަންއާއި ކޯޕަރޭށަންއިން ހިންގާ ޓެލެވިޒަން އަދި ރޭޑިއޯ ޗެނަލްތަކުގެ ޑިޕާޓްމަންޓްތަކާއި ސެކްށަންތަކުގެ އިސް ފަރާތްތައް މެނޭޖްމަންޓް މަގާމުތަކުގައި ހިމެނޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ މަގާމުތައް ކަނޑައެޅުމަށްފަހު އެ މަގާމުތަކަށް މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބޯޑުން މި މަގާމުތަކަށް އައްޔަންކުރާ މީހުން ފިޔަވައި މި މަގާމުތަކުގައި ތިބި މީހުން ވަކިވާނެއެވެ. ވަކިވާ މުވައްޒަފުންނަށް ހިދުމަތްކޮށްފައިވާ މުއްދަތަށް ބިނާކޮށްގެން ރާއްޖޭގައި ދައުލަތުގެ އެކި މުއައްސަސާތަކުން އަމަލުކުރާ ގޮތުގެމަތިން ކޮމްޕެންޒޭށަން ދޭންވާނެއެވެ.

 

ހަތަރުވަނަ ބައި

ހިދުމަތް

22 ވަނަ މާއްދާ - ޕަބްލިކް ސަރވިސް ޗެނަލް

(ހ) ކުންފުނީގެ ފަރާތުން މަދުވެގެން ފްރީ-ޓު-އެއަރ ޓެރެސްޓްރިއަލް އެއް ޓެލެވިޒަން ޗެނަލާއި ފްރީ-ޓު-އެއަރ ޓެރެސްޓްރިއަލް އެއް ރޭޑިއޯ ޗެނަލް ހިންގަންވާނެއެވެ.

(ށ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މި މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފްރީކުއެންސީތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކަށަވަރުކޮށްދޭންވާނެއެވެ.

 

23 ވަނަ މާއްދާ - އިތުރު ޗެނަލްތައް ހިންގުން

(ހ) މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޗެނަލްތަކުގެ އިތުރުން ޗެނަލް ހިންގުމުގެ މިނިވަންކަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް ލިބިގެންވެއެވެ. އެއީ ޓެރެސްޓްރިއަލްކޮށް ނުވަތަ ސެޓެލައިޓް މެދުވެރިކޮށް ނުވަތަ ކޭބަލް މެދުވެރިކޮށް ނުވަތަ އެނޫންވެސް ފަންނީ ޓެކްނިކަލް ވަސީލަތެއް މެދުވެރިކޮށް ކަމަށްވިޔަސްމެއެވެ.

(ށ) މިފަދަ އެއްވެސް ޗެނަލެއް ހިންގުމަށްޓަކައި ކަމާބެހޭ ފަރާތަކުން  ލައިސަންސެއް ހޯދަންޖެހޭކަމަށްވާނަމަ، އެހެންވެސް ބްރޯޑްކާސްޓަރަކަށް ލައިސަންސް ލިބޭ އުސޫލުން މަސައްކަތްކޮށްގެން ލައިސަންސެއް ހޯދުމުގެ ހައްގު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް ލިބިގެންވެއެވެ. އެފަދަ ލައިސަންސް ހޯދުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން އެއީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންކަމަށްވީތީ ލިބޭނެ އިތުރު އެއްވެސް އިމްތިޔާޒެއްނެތެވެ.

 

24 ވަނަ މާއްދާ - އެހެނިހެން ހިދުމަތްތައް

ޗާޕްކުރުމާއި، ށާއިއުކުރުމާއި، ވީޑިއޯ އުފެއްދުމާއި، ކޮންޓެންޓް ވިއްކުމާއި، ކޮންޓެންޓް ފޯރުވައިދިނުމާއި، އިންޓަރނެޓްގައި އެކިއެކި ވެބްސައިޓްތައް ހަދައި ހިންގުމާއި މިފަދަ ކަންކަމުގެ ތެރެއިން ކުންފުނީގެ އާންމު ސިޔާސަތު ކުރިއެރުވުމަށްޓަކައި ނުވަތަ އާންމު މަގްސަދުތައް ހާސިލުކުރުމަށްޓަކައި ހަރަކާތްތެރިވާންޖެހޭ ކަންކަމުގައި ހަރަކާތްތެރިވުމުގެ ހައްގު މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު މަސްއޫލިއްޔަތުތަކާ ފުށުނާރާނެ ގޮތުގެމަތިން މޯލްޑިވްސް  ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް ލިބިގެންވެއެވެ.

 

ފަސްވަނަ ބައި

އާމްދަނީ އާއި އެހީ

25 ވަނަ މާއްދާ - އާމްދަނީ

(ހ)މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް އަންނަނިވި ގޮތްގޮތުން އާމްދަނީ ހޯދިދާނެއެވެ.

  1. ދައުލަތުގެ އެހީ އިން.
  2. ސީދާ ނުވަތަ ނުސީދާގޮތުން އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބޭ އާމްދަނީ އިން.
  3. އިށްތިހާރުން.
  4. ސްޕޮންސަރށިޕުން.
  5. ވިޔަފާރީގެ އުސޫލުން ހިންގާ އެހެނިހެން ހަރަކާތްތަކުން.
  6. ޑޮނޭށަނުން.

(ށ) ކޮންމެ އަހަރެއްގެވެސް ފަހު 3 (ތިނެއް) މަސްދުވަސް ފެށުމުގެ ކުރިން ވިދިގެން އަންނަ އަހަރަށް ހިނގާނެކަމަށް ލަފާކުރާ ހަރަދާއި ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ މައްޗަށް ބިނާކޮށް ބަޖެޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ. އަދި ފޮނުވާއިރު، އެ އަހަރުގެ އެހާތަނަށް ހިނގާފައިވާ މާލީ ހިސާބުތައް، ރާއްޖޭގައި ލައިސަންސް ލިބިފައިވާ އޮޑިޓް ފާރމަކުން އޮޑިޓްކުރުމަށްފަހު އެ ބަޖެޓާއެކު ހުށަހަޅަންވާނެއެވެ.

 

26 ވަނަ މާއްދާ - ދައުލަތުން ދޭ އެހީ

(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ހުށަހަޅާ ބަޖެޓެއްގައި ދައުލަތުގެ އެހީއަކަށް ސީދާ އެދިފައިވާކަމަށްވާނަމަ، އެ ފައިސާ ދައުލަތުގެ މާލިއްޔާއިން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ދައުލަތުގެ އެހީގެ ފައިސާ ބޭނުންކުރެވޭނީ ތަނުގެ މާއްދީ ވަސީލަތްތައް ކުރިއެރުވުމަށާއި ފަންނީ ހަރަދުތައް ކުރުމަށެވެ.

(ނ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ފަރާތުން ވިޔަފާރީގެ އުސޫލުން ހިންގާ އިތުރު ޗެނަލްތައް ހިންގުމުގައި ދައުލަތުގެ އެހީގެ ފައިސާއެއް ބޭނުންކޮށްގެންނުވާނެއެވެ. އެހެންނަމަވެސް، ވިޔަފާރީގެ އުސޫލުން ހިންގާ ކަންކަމުން ލިބޭ ފައިދާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ހިންގާ ޗެނަލްތަކަށް ބޭނުންވާ ކަންކަމަށް ހަރަދުކުރެވިދާނެއެވެ.

 

27 ވަނަ މާއްދާ - އިށްތިހާރު

އަންނަނިވި އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެމަތިން އިށްތިހާރު ފޮނުވުމުގެ މިނިވަންކަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް ލިބިގެންވެއެވެ.

(ހ) ދުވަހުގެ ސައުވީސްގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓްކުރާ ވަގުތުގެ 7.5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ނުވަތަ 1 ގަޑިއިރުގެ ޕްރޮގްރާމްއެއްގެ 10 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން.

(ށ) ވިޔަފާރި ހަރަކާތްތަކާއި އިށްތިހާރުކޮށްގެން ލިބޭ ފައިސާއަކީ އެތަނުގެ އާމްދަނީގެ 25 އިންސައްތައަށްވުރެ އިތުރުނުވާނެ ނިސްބަތަކަށްވާނެ ގޮތުގެމަތިން.

(ނ) ފޮނުވާ ކޮންމެ އިށްތިހާރަކީ އިށްތިހާރެއްކަން ކަނޑައެޅިގެން އެނގޭނެ ގޮތެއްގެމަތިން.

(ރ) ކޮންމެ އިށްތިހާރަކީވެސް އިންސާފުވެރި އަދި ތެދު މައުލޫމާތު ހިމެނޭ އިށްތިހާރަކަށްވާނެ ގޮތުގެމަތިން.

(ބ) އޮޅުވާލުމާއި ހިދުމަތާއި މުދާ ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ބާވަތުގެ އިށްތިހާރަކަށް ނުވާނެ ގޮތުގެމަތިން.

(ޅ) އެކިއެކި ޕްރޮގްރާމްތަކުގައި ހިމެނޭ މައުލޫމާތުތަކަށް ނުފޫޒު ފޯރުވުމަށް އިށްތިހާރުކުރާ ފަރާތްތަކުން ނޫޅެވޭނެ ގޮތުގެމަތިން.

 

28 ވަނަ މާއްދާ - ސްޕޮންސަރކުރުން

ސްޕޮންސަރކޮށްގެން ގެނެސްދޭ ޕްރޮގްރާމްއެއް ކަމަށްވާނަމަ، އެ ޕްރޮގްރާމްއެއްގެ ފެށޭ ތާނގަޔާއި ނިމޭ ތާނގައި، އެ ޕްރޮގްރާމްއަކީ ސްޕޮންސަރކޮށްގެން ގެނެސްދޭ ޕްރޮގްރާމްއެއްކަން އެނގޭނެގޮތް ހަދަންވާނެއެވެ.

 

ހަވަނަ ބައި

ޒިންމާ އުފުލުން

29 ވަނަ މާއްދާ - އަހަރީ ރިޕޯޓު ހުށަހެޅުން

(ހ) ކޮންމެ އަހަރެއްވެސް ނިމޭތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު އެކުލަވާލައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ. އަދި މިގޮތަށް ށާއިއުކުރާއިރު، އެ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުވެސް އެ އަހަރީ ރިޕޯޓުގައި ހިމަނަންވާނެއެވެ.

(ށ) ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓެއްގައިވެސް އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ރާއްޖޭގައި ލައިސަންސް ލިބިފައިވާ އޮޑިޓް ފާރމަކުން އޮޑިޓްކޮށްފައިވާ ފައިސާ ހިސާބުތަކުގެ ހުލާސާ.
  2. ފާއިތުވި އަހަރު ލިބުނު އާމްދަނީއާއި ކުރި ހަރަދުގެ އާންމު ހުލާސާ.
  3. ސީދާގޮތުން ނުވަތަ ނުސީދާގޮތުން، ނުވަތަ މުޅިން ނުވަތަ ބައިކުޅަބައެއް މިލްކުވާގޮތަށް، އެއްވެސް ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް ހިންގާފައިވާނަމަ، އެކަން.
  4. ވިދިގެން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު.
  5. މާލީ ކަންކަމާއި އިދާރީ ކަންކަމާބެހޭ މައުލޫމާތު.
  6. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މަގްސަދުތައް، ވޭތުވެދިޔަ އަހަރު ހާސިލުކުރެވުނު މިންވަރާއި ވިދިގެން އަންނަ އަހަރު އެ މަގްސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާނެ މިންވަރު.
  7. މޯލްޑިވްސް  ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ސިޔާސަތު.
  8. ވޭތުވެދިޔަ އަހަރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ހިންގި ހަރަކާތްތަކުގެ އާންމު ބަޔާނެއް.
  9. ޕްރޮގްރާމް ށެޑިއުލާއި އެ ށެޑިއުލަށް އަތުވެދާނެ އާންމު ބަދަލުތައް.
  10. ޕްރޮގްރާމް ޕްރޮޑިއުސްކުރި ނުވަތަ އުފެއްދި ޕްރޮޑިއުސަރުގެ ނަން އެނގޭގޮތަށް، މިނިވަން ޕްރޮޑިއުސަރުން މެދުވެރިކޮށް ތައްޔާރުކޮށްގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ބްރޯޑްކާސްޓްކުރި ޕްރޮގްރާމްތަކުގެ ލިސްޓެއް.
  11. ޕަބްލިކް ބްރޯޑްކާސްޓިންގ ކުރިއެރުވުމަށްޓަކައި އަޅަންޖެހޭނެކަމަށް ފެންނަ ފިޔަވަޅުތަކުގެ ކުރު ބަޔާނެއް.
  12. އޯޑިއަންސްގެ ފަރާތުން ލިބިފައިވާ ށަކުވާތަކާބެހޭ މައުލޫމާތު.

(ނ) ރައްޔިތުންގެ މަޖިލީހުން ބަޔާންކުރާ އުސޫލުތަކުގެ މަތިން ރައްޔިތުންގެ މަޖިލީހަށް އަހަރީ ރިޕޯޓު ހުށަހަޅަންވާނެއެވެ.

(ރ) އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ދިރާސާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ފެންނަކަމަށް ބަޔާންކުރާގޮތް އެއީ، ވިދިގެން އަންނަ އަހަރު އެ ކުންފުނީގެ ސިޔާސާތުތައް ކުރިއެރުވުމުގައި ވަޒަންކުރަންޖެހޭނެ ކަންކަމަށް ވާންޖެހޭނެއެވެ.

 

30 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރުގެ ވާޖިބު އަދާކުރާގޮތް މުރާޖައާކުރުން

(ހ) ކޮންމެ އަހަރެއް ނިމުމުން ހިނގާ ފުރަތަމަ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ވޭތުވެދިޔަ އަހަރު، މެނޭޖިންގ ޑިރެކްޓަރު ކުރި މަސައްކަތްތަކާއި އޭނާ އަމަލުކޮށްފައިވާގޮތާއި އޭނާގެ މަސްއޫލިއްޔަތު އަދާކޮށްފައިވާގޮތް ބޯޑުން މުރާޖައާކުރުމަށްފަހު ބޯޑަށް ފެންނަ އެއްޗެއް އޭނާއަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މެނޭޖިންގ ޑިރެކްޓަރުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށްފަހު، ބޯޑުން މެނޭޖިންގ ޑިރެކްޓަރަށް އަންގާ އެންގުމަކީ އާންމުކޮށް ށާއިއުކޮށްގެން އަންގާ އެންގުމަކަށް ވާންވާނެއެވެ.

 

31 ވަނަ މާއްދާ - އާންމު މުރާޖައާ

(ހ) ދެފުށްފެންނަ ސިޔާސަތު ކުރިއެރުވުމުގެ ގޮތުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ހިދުމަތްކުރުން ކުރިއެރުވުމަށްޓަކައި ރައްޔިތުންގެ ފަރާތުން އަންނަ އެކިއެކި ފާޑުކިޔުންތަކަށް އަބަދުވެސް  މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ޒިންމާދާރުގޮތެއްގައި ޖަވާބުދާރީވާންވާނެއެވެ.

(ށ) ރައްޔިތުންގެ މަންފާއަށްޓަކައި ރައްޔިތުންގެ ލާބައަށްޓަކައި ރައްޔިތުންގެ މަސްލަހަތަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެގޮތެއް ނުވަތަ ފެންވަރު ރަނގަޅުކުރެވިދާނެގޮތެއް ނުވަތަ އިސްލާހުކުރަންޖެހެނީ ކޮންކޮން ކަންތައްތަކެއްތޯ ބެލުމަށްޓަކައި، ކަނޑައެޅޭ އުސޫލުތަކެއްގެމަތިން، އާންމު ބައްދަލުވުންތައް ބާއްވައި، އެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް އާންމުކޮށް އިއުލާނުކޮށް، އެއާއެއްގޮތަށް އަމަލުކުރަމުންގެންދާކަން ރައްޔިތުންނަށް ދައްކައިދޭންވާނެއެވެ.

 

32 ވަނަ މާއްދާ - ށަކުވާގެ ނިޒާމު

(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ފަރާތުން ބްރޯޑްކާސްޓްކުރުމުގައި އަމަލުކުރާނެ ހަމަތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭނެ އެކިއެކި މިންގަނޑުތައް ހިމެނޭ ބްރޯޑްކާސްޓިންގ ކޯޑެއް ތައްޔާރުކޮށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން އިއުލާނުކުރަންވާނެއެވެ.

(ށ) އަންނަނިވި ކަންކަން އެ ކޯޑުގައި ހިމެނިގެންވާންވާނެއެވެ.

  1. މައުލޫމާތުގެ ތެދުކަމަށް، މައުލޫމާތުގެ ވަޒަން ހަމަކަމަށް، މައުލޫމާތުގެ އިންސާފުވެރިކަމަށް ބަލާނެގޮތް.
  2. މީހުންގެ ޒާތީ ދިރިއުޅުމަށް ބަލާނެގޮތް.
  3. މީހުންނަށް ގޯނާކުރުމާއި އުނދަގޫކުރުމަށް ބެލެވިދާނެ ކަންކަމުން ދުރަށްދިޔުމުގައި އަމަލުކުރާނެގޮތް.
  4. 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުދިން ހިމާޔަތްކުރުމަށް ހަދާނެގޮތް.
  5. ކުޑަކުދިންގެ ޕްރޮގްރާމްތަކާއި އެމީހުންނާ ނުގުޅޭ ޕްރޮގްރާމްތައް ދައްކާނެ ގަޑިތައް ވަކިގޮތަކަށް ފެއްތުމަށް އަމަލުކުރާނެގޮތް.
  6. އަނިޔާވެރި އަމަލުތައްކަމުގައި ނުވަތަ ޖިންސީ އަމަލުތައްކަމުގައި ބެލިދާނެފަދަ އަމަލުތައް ބްރޯޑްކާސްޓްކުރުމުގައި ނުވަތަ ނުކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައަޅާނެގޮތް.
  7. ހަރުކަށި ބަހުރުވަކަމަށް ނުވަތަ އެކަށީގެންނުވާ ބަހުރުވަކަމަށް ބެލެވޭ ބަސް ބްރޯޑްކާސްޓްކުރުމުގައި ނުވަތަ ނުކުރުމުގައި އަމަލުކުރާނެގޮތް.
  8. އެކިއެކި އަނިޔާ ލިބިފައިވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތާއި އެކިއެކި ހިތާމަތައްވެރިވެފައިވާ ފަރާތްތަކުގެ ކަންކަން ގެންނާނެގޮތް.
  9. ޖިނާއީ އަމަލުތަކާއި މުޖުތަމައުގެ އާންމު އަހްލާގީ ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލުތައް ގެނެސްދޭގޮތަށް ވިސްނާނެ މިންވަރު.
  10. އިށްތިހާރުކުރުމުގެ އުސޫލުތައް ގެންގުޅޭނެގޮތް.
  11. ފައިސާދީގެން މީހުންގެ ފަރާތުން މައުލޫމާތު ހޯދުމުގައި ކަންތައް ކުރާނެގޮތް.
  12. މަސްލަހަތު ފުށުއަރާނެ ދަނޑިވަޅުތަކުގައި އަމަލުކުރާނެގޮތް.
  13. އެއް ހާލަތެއްގައި ތިބޭ ދެ ފަރާތެއް ތަފާތުނުކުރުމުގައި އަމަލުކުރާނެގޮތް.
  14. އެކިއެކި މައުލޫމާތު ލީކުވުމާއި އެކިއެކި މައުލޫމާތު ލިބޭ މަސްދަރުތައް ހިމާޔަތްކުރުމުގައި އަމަލުކުރާނެގޮތް.

(ނ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ފަރާތުން އިއުލާނުކޮށްފައިވާ ކޯޑާ ހިލާފަށް ހިނގާކަމަށް ރައްޔިތުންނަށް ފެންނަ ކަންކަމުގެ ށަކުވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް ހުށަހެޅުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ.

(ރ) މިކަން ފުރިހަމަގޮތުގައި ތަންފީޒުކުރުމަށްޓަކައި، ށަކުވާ ބަލައިގަނެ، ށަކުވާއަށް އަމަލުކުރާނެގޮތުގެ ނިޒާމެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ގާއިމުކުރަންވާނެއެވެ.

(ބ) ށަކުވާގެ ނިޒާމު ގާއިމުކުރުމުގައި ށަކުވާކުރި ކަންތައް ރަނގަޅު ކުރުމަށްޓަކައި ނުވަތަ އިސްލާހުކުރުމަށްޓަކައި ހެދިދާނެ ގޮތްތައްވެސް ބަޔާންކުރެވިފައި ހުންނަންވާނެއެވެ. އެއީ، ވަކިކަމަކާބެހޭ ގޮތުން ދޮގު މައުލޫމާތެއް ދެވިފައިވާނަމަ، އެކަން ރަނގަޅުކުރާނެގޮތް، ނުވަތަ ވަކި މީހަކާބެހޭ ގޮތުން ވާހަކަތަކެއް ދެކެވިފައިވާނަމަ، އެކަމެއް ރައްދުވާމީހާ އެކަމަށް ޖަވާބުދާރީވާނެގޮތް ނުވަތަ މީހެއްގާތުން މައާފަށް އެދޭކަމަށްވާނަމަ، އެކަންކުރާނެގޮތް، އެ ނިޒާމުގެ އުސޫލުތަކުގެ ތެރޭގައި ބަޔާންކޮށްފައި ހުންނަންވާނެއެވެ.

(ޅ) ށަކުވާގެ ނިޒާމުގެ ތެރެއިން ށަކުވާއެއް ހުށަހެޅުމަކީ ވަކި ފަރުދަކަށް ލިބިދޭ އެހެން ގާނޫނީ ހައްގެއް އޭނާ ދޫކޮށްލަންޖެހޭކަމެއް ނޫނެވެ.

 

ހަތްވަނަ ބައި

އެކިކަންކަމާގުޅޭ 

33 ވަނަ މާއްދާ – އަރުށީފުކުރުން

(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ފަރާތުން ބްރޯޑްކާސްޓްކުރާ ހަމަކޮންމެ ޕްރޮގްރާމްއެއްވެސް ބްރޯޑްކާސްޓްކުރާ ތާރީހުން ފެށިގެން  28 (އަށާވީސް) ދުވަހުގެ ނިޔަލަށް ރައްކާކުރަންވާނެއެވެ.

(ށ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ބްރޯޑްކާސްޓްކުރި އެއްވެސް ޕްރޮގްރާމްއެއްގެ ސަބަބުން އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ، އެ މައްސަލައެއް ށަރުއީ ކޯޓުތަކުން ނިމެންދެން   އެ ޕްރޮގްރާމްއެއް ރައްކާކުރަންވާނެއެވެ.

(ނ) ތާރީހީގޮތުން، ނުވަތަ ސަގާފީގޮތުން މުހިންމުވެދާނެކަމަށް ބެލެވޭ އެކިއެކި ޕްރޮގްރާމްތައް ނުވަތަ ޕްރޮގްރާމްތަކުގައި ހިމެނޭ އެކިއެކި މެޓީރިއަލްތައް ބަލަހައްޓައި، އަރުށީފުކުރުމުގެ އިންތިޒާމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ހަމަޖައްސަންވާނެއެވެ.

 

34 ވަނަ މާއްދާ - ސިޔާސީ އިށްތިހާރު

ވަކި ސިޔާސީ މަގާމަކަށް އިންތިހާބުވުމަށްޓަކައި، ސިޔާސީ ޕާޓީއަކުން ކުރާ މަސައްކަތުގައި ނުވަތަ ކެންޑިޑޭޓަކު ކުރާ މަސައްކަތުގައި އޭނާއަށް ފައިދާވާގޮތަށް ނުވަތަ އޭނާގެ ފަރާތުން އެއްވެސް ސިޔާސީ އިށްތިހާރެއްގެގޮތުގައި ހިމެނޭ އެއްޗެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ފޮނުވަންވާނީ އިންތިހާބާގުޅޭ އެކިއެކި ގާނޫނުތަކުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

35 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) އަންނަނިވި ކަންކަމާގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން އަދާކުރަންޖެހޭ ދައުރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން އަދާކުރަމުންދޭތޯ ބަލައި، އެކަންކަމާގުޅޭގޮތުން ފިޔަވަޅު އަޅައި، އެކަންކަން ތަންފީޒުކުރާނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީންނެވެ. އެއީ، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމާބެހޭ މިނިވަން ކޮމިށަނެއް، ނުވަތަ އިދާރާއެއް، ނުވަތަ މުއައްސަސާއެއް އުފެދުމާ ހަމައަށެވެ. އެފަދަ މުއައްސަސާއެއް އުފެދުމުން، ދެން މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ އެ މުއައްސަސާއަކުންނެވެ.

  1. މިނިވަން ޕްރޮޑިއުސަރުންގެ އަތުން ޕްރޮގްރާމް ހޯދުމާބެހޭ އުސޫލުތައް.
  2. މާލީއެހީ ހޯދުމާބެހޭ އުސޫލުތައް.
  3. ދައުލަތުގެ އެހީ ރަނގަޅުގޮތުގައި ބޭނުންކުރުމާބެހޭ އުސޫލުތައް.
  4. އިށްތިހާރުކުރުމާބެހޭ އުސޫލުތައް.
  5. ސްޕޮންސަރކުރުމާބެހޭ އުސޫލުތައް.
  6. ކުންފުނީގެ ހަރަކާތްތައް އާންމުން މުރާޖައާކުރުމާބެހޭ އުސޫލުތައް.
  7. ށަކުވާގެ ނިޒާމާބެހޭ އުސޫލުތައް.
  8. އަރުށީފުކުރުމާބެހޭ އުސޫލުތައް.
  9. ސިޔާސީ އިށްތިހާރުތައް ފޮނުވުމާބެހޭ އުސޫލުތައް.

 (ށ) މި ގާނޫނުގައި ބުނެވިދިޔަ ކަންކަމާ ހިލާފަށް ކަމެއްކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފާހަގަކުރެވިއްޖެ ހިނދެއްގައި، އެކަމެއް ފާހަގަކޮށް، އެކަމެއް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އަންގާނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ބޯޑަށެވެ.

(ނ) ބުނެވިދިޔަ ގޮތުގެމަތިން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ބޯޑަށް އަންގާ އެންގުމަކަށް 3 (ތިނެއް) މަސްދުވަސް ފާއިތުވެގެންދާއިރުވެސް އެކަށީގެންވާ ގޮތުގައި އަމަލުކުރާކަމަށް ނުފެނިއްޖެކަމަށްވާނަމަ، މަޖިލީހަށް އެ މައްސަލަ ހުށަހަޅައި މަޖިލީހަށް ފެންނަގޮތެއްގެމަތިން، އެކަން ނިމުމަކަށް ގެނެވިދާނެއެވެ.

 

36 ވަނަ މާއްދާ - މައުލޫމާތު ލިބުމުގެ ހައްގު

(ހ) ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ބަލަހައްޓަމުންދާ އަރުށީފުތަކާއި، ލިޔެކިޔުންތަކާއި، މައުލޫމާތު އެކަށީގެންވާ އަވަސްމިނެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް ލިބެންވާނެއެވެ.

(ށ) އެފަދަ މައުލޫމާތު ހިފެހެއްޓޭނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެކަންޏެވެ.

 

37 ވަނަ މާއްދާ - ބައެއް ޕްރޮގްރާމްތައް ފޮނުވުން ލާޒިމުވުން

(ހ) ސަގާފީ އެކިއެކި ކަންކަމާއި، ކުޅިވަރާގުޅޭ ކަންކަމާއި، ގައުމުގެ އާންމު ފަރުދުންގެ ށައުގުވެރިކަން އުފެދިފައިވާ ކަންކަމާއި، އެ ކަންކަމުން ގައުމުގެ އެކިއެކި އަފްރާދުންނަށް ކުރިއެރުން ލިބިދޭފަދަ އެކިއެކި ހަރަކާތްތަކުގެ ހަބަރާއި މައުލޫމާތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން އަގެއް ނެގުމަކާނުލައި، ފޮނުވަންވާނެއެވެ.

ހައްގު ހިއްސާކުރުން

(ށ) މުހިންމު އެކިއެކި ކަންތައްތަކާއި ރަސްމިއްޔާތުތަކާއި ކުޅިވަރުގެ އެކިއެކި ކަންކަން ގައުމުގެ ބޮޑު އާބާދީއަކަށް ފެންނާނެގޮތް ހެދުމަށްޓަކައި އެފަދަ ކަންކަމުގެ އެކްސްކްލޫސިވް ރައިޓްސް އެއްވެސް ފަރާތަކުން ރާއްޖޭގެ ސަރަހައްދުގައި ދޭންވާނީ ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް ހިދުމަތްދެވޭ ރޭޑިއޯ ޗެނަލަކަށް ނުވަތަ ޓެލެވިޒަން ޗެނަލަކަށެވެ.

 

38 ވަނަ މާއްދާ - ތިންވަނަ ފަރާތަކަށް ވަގުތު ދޫކުރުން

(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން އުފައްދައި ނުވަތަ ހުށަހަޅައިދޭ ޕްރޮގްރާމްތައް ފިޔަވައި، ސަރުކާރުގެ އިދާރާއަކުން ވަކިކަހަލަ ހާއްސަ އިއުލާނެއްކުރުމަށް ބޭނުންވެގެން ފުރުސަތަށް އެދޭކަމަށްވާނަމަ، އެކަށީގެންވާ ފުރުސަތު އެ ފަރާތަކަށް ދޭންވާނެއެވެ.

(ށ) އެފަދަ ފުރުސަތެއް ސަރުކާރުގެ ފަރާތަކަށް ދޭކަމަށްވާނަމަ، ސަރުކާރާ ރަސްމީގޮތުން އިދިކޮޅު ސިޔާސީ ފަރާތަކީ ކޮބައިކަން ފާހަގަކުރެވިފައިވާ ދަނޑިވަޅުތަކުގައި ރައްދުދިނުމަށް ނުވަތަ ކޮމެންޓްކުރުމަށް އެކަށީގެންވާ ފުރުސަތު އެފަރާތްތަކަށް ދޭންވާނެއެވެ.

(ނ) ގައުމީ ނުވަތަ ލޯކަލް އިންތިހާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށް ކެމްޕޭނުގެ މުއްދަތުގައި އެކަށީގެންވާ އުސޫލަކުން ހަމަހަމަ ގޮތެއްގައި ވަގުތު ދޭންވާނެއެވެ.

(ރ) ސިޔާސީ ޕާޓީތަކުގެ އެކިއެކި ބްރޯޑްކާސްޓްތަކަށް، ކެމްޕޭނާ އެއްވެސް ގުޅުމެއް ނެތްކަމަށްވާނަމަ، ފުރުސަތު ނުދިނުމަކީ ކުރެވިދާނެކަމެކެވެ.

(ބ) ތިންވަނަ ފަރާތެއްގެ ޕްރޮގްރާމްއެއް ފޮނުވާ ވަގުތުގައި ދައްކާ ވާހަކައަކީ އެފަރާތުން ޒިންމާ އުފުލަންޖެހޭނެ ވާހަކައެކެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ޒިންމާ އުފުލަންޖެހޭނެ ކަމެއް ނޫނެވެ.

(ޅ) އެހެން މި މާއްދާގެ (ބ) ގައި ބުނެފައިވީނަމަވެސް، ކަނޑައެޅިގެން ދައުލަތުގެ މީޑިއާގެ އާންމު ސިޔާސަތަކަށް ފުށުއަރާގޮތަށް ތިންވަނަ ފަރާތަކުން ދައްކާވާހަކަ ބްރޯޑްކާސްޓްނުކުރުމުގެ ހައްގު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް ލިބިގެންވެއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ދޭ އެއަރޓައިމަށް އެކަށީގެންވާ އަގު ހޯދުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ - ރައްދުދިނުމުގެ ހައްގު

(ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ބުނާ އެއްޗަކާގުޅިގެން ނުވަތަ ފޮނުވާ އެއްޗަކާގުޅިގެން ނުވަތަ ބްރޯޑްކާސްޓްކުރާ މައުލޫމާތަކާ ގުޅިގެން މީހެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ ގާނޫނީ ށަހްސެއްގެ ހައްގަށް އުނިކަމެއް އަންނަކަމަށްވާނަމަ، އެކަމަކާގުޅޭގޮތުން ރައްދެއްދިނުމުގެ އެކަށީގެންވާ ފުރުސަތު އެފަރާތަކަށް ދޭންވާނެއެވެ. އަދި އެއީ، އެފަރާތަކަށް ލިބިގެންވާ ހައްގެކެވެ.

(ށ) ރައްދުދިނުމުގެ ހައްގު ލިބިގެންނުވަނީ، ށަރުއީ ކޯޓުތަކުގަޔާއި ގާނޫނުހަދާ މަޖިލިސްތަކުގައި ދެކެވޭ ވާހަކަ އެގޮތަށް ގެނެސްދިނުމުގައި، މީހަކާގުޅޭގޮތުން ގެނެސްދޭ ވާހަކައާގުޅިގެން ދޭންބޭނުންވާ ރައްދުދިނުމަށް އެކަންޏެވެ.

(ނ) ރައްދުދިނުމުގެ ހައްގު ހަނިކުރެވިގެންވާނީ ހަމައެކަނި ހަގީގަތް ހާމަކުރުމަށް ބޭނުންވާނެ މިންވަރަށެވެ.

(ރ) ރައްދުދިނުމުގެ ހައްގު ބޭނުންކުރާ ދަނޑިވަޅުގައި އޭނާގެ އަތުން އަގެއް އެކަމަށް ނަގައިގެންނުވާނެއެވެ.

(ބ) ރައްދުދިނުމުގެ ހައްގު ބޭނުންކުރާ މީހަކު ބުނާ އެއްޗެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން އަންނަނިވި ހާލަތްތަކުގައި ގެނެސްނުދިނުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.

  1. ބަޔާން ދޭ މީހާއާ ރައްދުދިނުމުގެ ހައްގެއް ނުވަތަ ހައިސިއްޔަތެއް ނެތުން.
  2. އެކަށީގެންވާ ވަރަށްވުރެ ދިގު ބަޔާނަކަށްވުން.
  3.  މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ބުނި ނުވަތަ ފޮނުވި ނުވަތަ ބްރޯޑްކާސްޓްކުރި އެއްޗަކާ، ދިގުކަމުގެގޮތުން ނުބައްދަލު ރައްދަކަށްވުން. 
  4. ބްރޯޑްކާސްޓްކުރި ނުވަތަ ފޮނުވި ނުވަތަ ދެއްކި އެއްޗަކާ ގުޅިގެން ރައްދުދޭން ބޭނުންވާކަމަށް އިށާރާތްކޮށް 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެކަމަށް އެދިފައިނެތުން.

 

40 ވަނަ މާއްދާ - މަޖިލިސް ދެއްކުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ބޭނުންކަމަށްވާނަމަ، ރައްޔިތުންގެ މަޖިލީހުގެ އެކިއެކި ބަހުސްތަކާއި ޖަލްސާތައް ރޭޑިއޯއިންނާއި ޓެލެވިޒަން މެދުވެރިކޮށް ދުރަށް ފޮނުވިދާނެއެވެ. އެހެންނަމަވެސް، އެކަންކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓްކުރުމާގުޅޭ ގޮތުން އެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީންނެވެ.

 

41 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އިށްތިހާރު" ކަމަށް ބުނެފައި އެވަނީ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށްޓަކައި ނުވަތަ ކުއްޔަށް ދޫކުރުމަށްޓަކައި، ނުވަތަ އެ މުދަލަކާމެދު ނުވަތަ އެ ހިދުމަތަކާމެދު ށައުގުވެރިކަން އިތުރުކުރުމަށްޓަކައި، އާންމުކޮށް ކުރެވޭ އިއުލާނަށެވެ. އިށްތިހާރުކުރާ ފަރާތުން ބޭނުންވާ ބަދަލެއް، މުދަލަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން މުޖުތަމައުގެ ވިސްނުމަށް ގެނައުމަށްޓަކައި، އާންމުކުރާ ފިކުރު ނުވަތަ ކުރިއަށްނެރޭ ވިސްނުމަށެވެ. އަދި އެކަންކުރުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ބްރޯޑްކާސްޓްކުރަމުންދާ ވަގުތުގެ ތެރެއިން ވަގުތެއް އަގުދޭގޮތަށް ނުވަތަ އޭގެ މުގާބިލުގައި އެއްޗެއް ލިބިދޭގޮތަށް ހޯދައިގެން، އެވަގުތަކު ކުރާ އިއުލާނަށެވެ. އަދި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކިކަމެއްގެ ވިސްނުން ކުރިއެރުވުމަށްޓަކައި ކުރާ އިއުލާނާއި ހުށަހަޅާ ހުށަހެޅުންވެސް އިށްތިހާރުގެ މާނައިގައި ހިމެނެއެވެ.

(ށ) "ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޓެލެވިޒަން މެދުވެރިކޮށް ނުވަތަ ރޭޑިއޯ މެދުވެރިކޮށް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ނުވަތަ މޯބައިލް ފޯނު މެދުވެރިކޮށް ރައްޔިތުންނަށް އަޑު ނުވަތަ މަންޒަރާއި އަޑު ފޯރުކޮށްދިނުމުގެ ހިދުމަތަށެވެ.

(ނ) "ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރުމުގައި އަމަލުކުރާނެ ހަމަތަކާއި ބްރޯޑްކާސްޓްކުރާ ކޮންޓެންޓްގައި ހިމެނެންވާނެ ހަމަތަކަށެވެ.

(ރ) "މިނިވަން ޕްރޮޑިއުސަރު" ކަމަށް ބުނެފައި އެވަނީ، ވަކި ބްރޯޑްކާސްޓަރެއްގެ ވަޒީފާއެއްގައި ނޫޅޭ، ވަކި ބްރޯޑްކާސްޓަރެއްގެ ނުފޫޒެއްގެ ދަށުގައިނެތް ގޮތުގައި ރޭޑިއޯ ނުވަތަ ޓެލެވިޒަން ޕްރޮގްރާމްތައް އުފައްދާ ފަރާތަކަށެވެ.

(ބ) "ޕްރޮގްރާމް ށެޑިއުލް" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރުމަށް ދައުލަތުގެ މީޑިއާއިން ކަނޑައަޅާ އެކިއެކި ބާވަތުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓްކުރަމުންދާނެގޮތުގެ ތާވަލަށެވެ. އަދި އެކިއެކި ޕްރޮގްރާމްތައް ބްރޯޑްކާސްޓްކުރެވޭ އިންސައްތައާއި އިށްތިހާރުކުރުމަށް ހޭދަވާ އިންސައްތައާއި އެ ޕްރޮގްރާމްއެއް ނިސްބަތްވާ ނުވަތަ އަމާޒުކުރެވޭ އޯޑިއަންސް އަންގައިދޭގޮތަށް ތައްޔާރުކުރެވޭ ތާވަލަށެވެ.

(ޅ) "ސްޕޮންސަރކުރުން" ކަމަށް ބުނެފައިއެވަނީ، ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއްދިނުމުގައި ނޫޅޭ، ނުވަތަ ރޭޑިއޯ މެދުވެރިކޮށް ނުވަތަ ޓެލެވިޒަން މެދުވެރިކޮށް ޕްރޮގްރާމް އުފެއްދުމުގެ މަސައްކަތެއްގައި ނޫޅޭ ފަރުދަކު ނުވަތަ ކުންފުންޏަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން އުފައްދާ ޕްރޮގްރާމްއަކަށް މާލީ އެހީ ފޯރުކޮށްދިނުމަށެވެ. އަދި އެއީ، އެ ފަރާތުގެ ނަން ނުވަތަ ބްރޭންޑް ނުވަތަ ޓްރޭޑްމާކް ނުވަތަ ށަހްސިއްޔަތު ކުރިއަށްނެރެ އިށްތިހާރުކޮށް މީހުންގެ ށައުގުވެރިކަން އެއާމެދު އުފެއްދުމުގެ މަގްސަދުގައިދޭ މާލީ އެހީތެރިކަމަށެވެ.

(ކ) "ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރާ އެއްޗިއްސަށެވެ. އޭގެ މާނައިގައި ހަބަރާއި، މައުލޫމާތާއި، އުފައްދާ ތައްޔާރުކޮށް ހުށަހަޅައިދޭ އެކިއެކި ޕްރޮގްރާމްތަކާއި މިޔުޒިކާއި އިށްތިހާރު ހިމެނެއެވެ.

(އ) "އޯޑިއަންސް" ކަމަށް ބުނެފައި އެވަނީ، ވަކި ޕްރޮގްރާމްއެއް އަމާޒުކުރެވޭ ފަރާތަށެވެ. ނުވަތަ ވަކި ހިދުމަތެއް އަމާޒުކުރެވޭ ފަރާތަށެވެ.

(ވ) "ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތެއްދޭ ބްރޯޑްކާސްޓަރަށެވެ.

(މ) "ފްރީ-ޓު-އެއަރ" ކަމަށް ބުނެފައި އެވަނީ، އެންކްރިޕްޓްކުރުމަކާ ނުލައި، އެކަށީގެންވާ ރިސީވަރެއް މެދުވެރިކޮށް ހާސިލުކުރެވިދާނެ އަދިއެ ހިދުމަތް ހޯދުމަށްޓަކައި އަގެއް ދައްކަންނުޖެހޭ ބާވަތުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބްރޯޑްކާސްޓްކުރުމަށެވެ.

(ފ) "ޓެރެސްޓްރިއަލް" ކަމަށް ބުނެފައި އެވަނީ، ބިންމަތީގައި ނުވަތަ ބިންމަތީގައި ހުރި ތަނެއްގައި އެންޓަނާ ޖަހައިގެން، އެ އެންޓަނާ މެދުވެރިކޮށް އެކިއެކި ސިގްނަލްތައް ހާސިލުކުރާ ބާވަތުގެ ޓެކްނޮލޮޖީއަށެވެ. 

(ދ) "މެޓީރިއަލް" ކަމަށް ބުނެފައި އެވަނީ، ކޮންޓެންޓްގައި ހިމެނޭ އެކިއެކި އެއްޗިއްސަށެވެ. ނުވަތަ ބައިތަކަށެވެ. ނުވަތަ އެ ބައިތަކުގެ ތެރެއިން ބަޔަކަށެވެ.

(ތ) "ބޯޑު" ކަމަށްބުނެފައި އެވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

 

އަށްވަނަ ބައި

އިންތިގާލީ ބައެއް އުސޫލުތައް


42 ވަނަ މާއްދާ - އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދު

މިހާރު އަމަލުކުރެވެމުންދާ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި، މި ގާނޫނުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއާގުޅޭ ގޮތުން ބަޔާންކޮށްފައިވާ އެއްވެސް އުސޫލަކާ ތައާރުޒުވާ މާއްދާއެއް ނުވަތަ އުސޫލެއް ހިމެނޭކަމަށްވާނަމަ، އެ ގާނޫނެއް ނުވަތަ ގަވާއިދެއް މި ގާނޫނާ ތައާރުޒުވާ މިންވަރަށް މި ގާނޫނުގެ ބޭނުމަށްޓަކައި ބާތިލުވެގެންވާނެއެވެ. އަދި ހުރިހާ ހާލެއްގައިވެސް އިސްކަންދޭނީ މި ގާނޫނުގައިވާ އުސޫލުތައް ދެމެހެއްޓުމަށެވެ.

 

43 ވަނަ މާއްދާ - ދިވެހިރާއްޖޭގެ އަޑު، ޓެލެވިޒަން މޯލްޑިވްސް

މި ގާނޫނަށް އަމަލުކުރަންފެށުމާއެކު، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް، މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ދެ ޗެނަލަށް ބަދަލުވެގެން ދިޔައީއެވެ.

 

44 ވަނަ މާއްދާ - މިހާރުތިބި މުވައްޒަފުން

(ހ) ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް، މި ގާނޫނުގެ 43 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ދެ ޗެނަލަށް ބަދަލުވެގެންދާއިރު، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގެ މުވައްޒަފުންގެ ތެރޭގައި 30 ނޮވެމްބަރ 2008 ގެ ނިޔަލަށް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ހިދުމަތްކުރި މުއްދަތު، އެއީ، މި ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މުވައްޒަފުންގެ ގޮތުގައި ހިދުމަތް ކޮށްފައިވާ މުއްދަތުކަމުގައި ބެލެވޭނެއެވެ.

(ށ) މި ގާނޫނުގެ ދަށުން އުފެދޭ ކޯޕަރޭށަންގެ ދެ ޗެނަލްގެ ގޮތުގައި ޓެލެވިޒަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑު ހަމަޖެހިގެން ދިއުމަށްފަހު މުވައްޒަފުންގެ އަދަދު މަދުކުރަންޖެހޭކަމަށް ބޯޑަށް ފެނިއްޖެ ހިނދެއްގައި ފުރަތަމަ މަދުކުރަންޖެހޭނީ ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި ކުރިން ހިދުމަތްކުރުމަށް ބަދަލުވެފައިވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނެވެ.

 

45 ވަނަ މާއްދާ - މިހާރު ހުރި މުދާ

ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް، މި ގާނޫނުގެ 43 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ދެ ޗެނަލަށް ބަދަލުވެގެންދާއިރު، އެދެތަނުގައި ހުރި ނުވަތަ އެއިންތަނަކަށް އޯޑަރުކޮށްފައިވާ، ނުވަތަ އެއިން ތަނަކަށް ލިބެންޖެހޭ މުދާ ނުވަތަ ފައިސާއަކީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ފައިސާއާއި މުދަލަށް މި ގާނޫނުގެ ދަށުން ބަދަލުވީއެވެ. އަދި އެއިންތަނަކުން އެވަގުތު ދައްކަން ޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއް ވާނަމަ، އެ ފައިސާއެއްދެއްކުމުގެ ނުވަތަ      އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމްވެސް، މި ގާނޫނުގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއަށް ބަދަލުވީއެވެ.

 

46 ވަނަ މާއްދާ - އެގްރީމަންޓްތައް މުރާޖައާކުރުން

(ހ) ޓެލެވިޒަން މޯލްޑިވްސްއިން ނުވަތަ ދިވެހިރާއްޖޭގެ އަޑުން ނުވަތަ މިދެފަރާތުގެ ކަންކަން ބެލެހެއްޓުމަށް ނުވަތަ ހިންގުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއަކުން އެކި ފަރާތްތަކާއެކު ކޮށްފައިވާ އެގްރީމަންޓްތައް ބޯޑު އުފެދޭތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި މުރާޖައާކުރަންވާނެއެވެ. އެގްރީމަންޓްތައް މުރާޖައާކުރުމަށްފަހު އުވާލަން ފެންނަ އެގްރީމަންޓްތައް އުވާލުމުގެ އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެގްރީމަންޓެއް އުވާލާއިރު އެގްރީމަންޓްގެ ދަށުން އުފުލަންޖެހޭ މާލީ ޒިންމާއެއް އޮތްނަމަ، އެޒިންމާއެއް ބޯޑުން އުފުލަންވާނެއެވެ.

 

47 ވަނަ މާއްދާ - އިންތިޒާމުތައް ހަމަޖެއްސުން

(ހ) މި ގާނޫނަށް އަމަލުކުރަންފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑު އުފައްދައި، މެންބަރުން އައްޔަންކުރަންވާނެއެވެ.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ އެހެން އިންތިޒާމުތައް މި ގާނޫނަށް އަމަލުކުރަންފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަމަޖައްސައި ނިންމަންވާނެއެވެ.

 

48 ވަނަ މާއްދާ - އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

49 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އަދި އެ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަންފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

އުވި ގާނޫނު

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ގާނޫނު ނަންބަރު 9/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު