-

މާލިއްޔަތުގެ ގެ ގާނޫނު (ގާނޫނު ނަންބަރ 2006-03) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނޫ

(ގާނޫނު ނަންބަރު 2014-37)

 

ގާނޫނު ނަންބަރ 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. ދައުލަތުން ދަރަންޏަސް ފައިސާ ނެގުމާއި ގެރެންޓީ ދިނުން

(ހ) ދައަލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް، ނުވަތަ ގެރެންޓީއެއް ދިނުމަށް ހުށަހަޅާ ކޮންމެ ހަށަހެޅުމެއް ހުށަހަޅަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހުށަހެޅުމެއް މިނިސްޓަރަށް ލިބިއްޖެނަމަ، އެ ދަރަނި ނެގުމާ ގުޅޭގޮތުން، ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންކަން ކުރުމަކީ، މިނިސްޓަރުގެ މަސްއޫލިއްޔަތެކެވެ.

(ނ) ދައުލަތުން ދަރަންޏަށް ފައިސާ ނަގަންވާނީ ނުވަތަ ސަރުކާރުން ގެރެންޓީއެއް ދޭންވާނީ އެ ދަރަނި ނެގުމުގެ ސަބަބުން ނުވަތަ ގެރެންޓީއެއް ދިނުމުގެ ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ރ) ދައުލަތުން ދަރަންޏަށް ފައިސާ ނަގާނަމަ ދަރަންޏަށް ނެގި ޕްރިންސިޕލް އަދަދާއި، އެއަށް ދޭންޖެހޭ އިންޓްރެސްޓާއި، އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެން ހަރަދުތައް، ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެ މަތިން ދޭންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިޔު ފަންޑުންނެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ދައުލަތުން ދަރަނި ނަގާ ކޮންމެ ފަހަރަކު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ދރަންޏަކާ ގުޅޭ މައުލޫމާތު، އެ ދަރަނި ނަގާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިރު އެ ދަރަންޏެއް ނެގި ބޭނުމާއި، މުޖުތަމައަށް ކުރާނެ ފައިދާއާއި، ދަރަންޏަށް ނެގި ޕްރިންސިޕަލް އަދަދާއި، އެއަށް ޖޭންޖެހޭ އިންޓްރަސްޓާއި، އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެން ކަރަދުތައް އެނގެން އޮންނަންވާނެއެވެ. އަދި އެ ދަރަންޏެއް ނެގުމާ ގުޅޭގޮތުން ކުރެވެނު ދިރާސާގެ ރިޕޯޓުގެ ކޮޕީވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ. 

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

7. ދައުލަތުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު އަމަލުކުރުން
ދައުލަތުގެ މުދަލެއް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މިކަންކަން ކުރުމަށް މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ. މިކަންކަން ކުރަންވާނީ، ކޮންމެ އޮފީހެއްގައި ހުންނަ މި ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާއެވެ.

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. ހާއްސަ އެހީ

(ހ) ގާނޫނުން އުފެދޭ ޒިންމާއެއްގެ ދަށުން ހޭދަކުރަންޖެހޭ ފައިސާއަކަށް ނުވާގޮތަށް ނުވަތަ ގާނޫނީ އިލްތިޒާމެއް އުފުލުމުގެ ގޮތުން އަދާކުރަންޖެހޭ ފައިސާއަކަށް ނުވާގޮތަށް، ހާއްސަ އެހީގެ ގޮތުގައި ދައުލަތުގެ ފައިސާއިން މީހަކަށް ނުވަތަ ފަރާތަކަށް ފައިސާގެ އެހީއެއް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ ފައިސާއިން ހާއްސަ އެހީއްގެ ގޮތުގައި، މީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ދެވޭނީ، އެމީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި، ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، ކޮންމެވެސް އެހީއެއް ދައުލަތުން ވެދިނުމަކީ، އިޖްތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ އަދުލުވެރި ކަމެއް ކަމުގައި ސަރުކާރަށް ފެންނ ހާލަތްތަކުގައެވެ. އެހެންނޫންނަމަ، އެފަދަ އެހީއެއް ވެދޭންވާނީ މީހަކަށް ނުވަތަ ފަރާތަކަށް ދިމާވެފައިވާ މާލީ ދައްޗަކުން އެމީހަކު ނުވަތަ އެފަރާތެއް ސަލާމަތްކޮށްދިނުމަކީ މުޖުތަމައުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު އެކަމުގައި ހިމެނިގެންވާ ކަމަކަށްވުމުގެ އިތުރަށް، އެ ހާލަތުގައި އެމީހަކު ނުވަތަ އެ ފަރާތެއް ސަލާމަށްކޮށްދިނުމަކީ އެންމެ އަދުލުވެރި، އިންސާފުވެރި ގޮތްކަމަށް ސަރުކާރަށް ފެންނަ ހާލަތްތަކުގައެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހާއްސަ އެހީގެ ގޮތުގައި މީހަކަށް ނުވަތަ ފަރާތަކަށް ދައުލަތުގެ ފައިސާއިން އެހީއެއް ވެދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ރައިސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު މިނިސްޓަރަށެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ، (ށ) އުނިކުރުން.

34. (ށ) ވަކި މާލީ އަހަރަކާ ގުލޅޭގޮތުން ފާސްކޮށްފައިވާ ބަޖެޓަކުން ހުއްދަކޮށްފައިވާ ފައިސާ ނޫން އެހެން ފައިސާއެއް، ހަރަދުކުރުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއްނޫނެވެ. އަދި، ވަކި މާލީ އަހަރަކާ ގުޅޭގޮތުން ފާސްކޮށްފައިވާ ބަޖެޓަކުން ހުއްދަކޮށްފައިވާ ފައިސާ ނޫން އެހެން ފައިސާއެއް، ހަރަދުކުރުމުގެ ފުރުސަތު، ދީގެން ނުވާނެއެވެ.


5 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ، (ނ) އުނިކުރުން.

34. (ނ) ބަޖެޓް ފާސްކުރާއިރު، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރެކޮމެންޑޭށަންތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ރެކޮމެންޑޭށަންތަކަށް ބަޖެޓް ތަންފީޒުކުރުމުގައި ސަރުކާރުން އަމަލުކުރުން ލާޒިމުވާނެއެވެ.

6 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.  

7 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލިއްޔަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު