-

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރ 1978-69)

އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-35)

 

ގާނޫނު ނަންބަރު 1978-69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ރަޖިސްޓްރީކުރުން

(ހ) ދިވެހިރާއްޖޭގައި އުފައްދާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާއި ރާއްޖެއިން ބޭރުން ގެންނަ އެހެން ގައުމެއްގައި ރަޖިސްޓަރީކޮށްފައިނުވާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު މިނިސްޓްރީން ދޭ ހުއްދައެއްގެ ދަށުން އިންޖީނު ޓެސްޓުކުރުމަށް ނުވަތަ ބަނދަރަށް ވެއްދުމަށް ދުއްވާ ދުއްވުން ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެންނެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓްރީކުރެވިފައިނުވާ ބޭރު ފަރާތްތަކުގެ ކަނޑުގައި ދުއްވާ އުޅަނދުތައް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްފަހު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވިދާނެއެވެ.

(ނ) ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓްރީކުރެވިފައިވާ އުޅަނދުތައް ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

2. ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ފީ ނެގުން  

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން ފީ ނެގޭނެ ބާވަތުގެ އުޅަނދުތަކާއި، ރަޖިސްޓަރީކުރުމުގެ ފީތަކާއި، އެހެން ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބަދަލުކުރުމާއި، އެ އުޅަނދުތައް ދިވެހިރާއްޖޭގައި ބޭނުންކުރުމާގުޅޭ އެންމެހައި އުސޫލުތަކާއި، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތައް ޖޫރިމަނާކުރެވޭނެ ހާލަތްތަކާއި، ޖޫރިމަނާ ކުރެވޭނެ އަދަދުތައް މި ގަނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.

(ށ) މި ގަނޫނުގެ 1 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ކުރެވޭ އުޅަނދުތަކުގެ ތަފްސީލު އެނގޭނެ ފަދައިން އެ އުޅަނދުތަކުގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީއެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން ގާއިމުކުރުންވާނެއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީކޮށްފައިވާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތަކަކީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ އުޅަނދުތަކެއް ކަމުގައި ބަލަންވާނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

3. ކަނޑު ދަތުރުފަތުރުކުރާ އުޅަނދު ދުއްވުން 

(ހ) ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތައް ދުއްވަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަރުވާތެރިކަމާއެކު އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް ބަލައިގެންނެވެ.

(ށ) ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތައް ދުއްވަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާޢި އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ – ބުނެވެދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

4.  އިސްތިސްނާ

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ތިރީގައިވާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތައް މި ގާނޫނުން އިސްތިސްނާވާނެއެވެ. މިގޮތުން އިސްތިސްނާކުރެވޭ އުޅަނދުފަހަރު، އެ އުޅަނދެއް ބޭނުންކުރާ މިނިސްޓްރީއެއްގައި ރަޖިސްޓަރީ ކުރެވިފައި ހުންނަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ސިފައިންގެ ބޭނުންތަކަށް ދުއްވާ އުޅަނދުތައް؛ އަދި،

(ށ) ދިވެހިރާއްޖެއަށް އަންނަ ބޭރު ގައުމުތަކުގެ އަސްކަރީ އުޅަނދުތަކާއި، ޑިޕްލޮމެޓިކް ކްލިއަރަންސް ލިބިގެން އަންނަ އުޅަނދުތައް.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަނޫނުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ދެ މާއްދާ އިތުރުކުރުން.

5. ގަވައިދު ހެދުން 

(ހ) މި ގަނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގައި ގަވާއިދު ހަދަންޖެހޭނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން އަންނަނިވި ކަންކަމާ ގުޅޭގޮތުން ގަވާއިދު ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. އުޅަނދުފަހަރު ބަންނަންޖެހޭ ފެންވަރާއި މިންގަނޑާ ގުޅޭގޮތުން؛
  2. އުޅަނދުގައި ބޭނުންކުރާ އާލާތުގެ މިންގަނޑާއި ގުޅޭގޮތުން؛
  3. އުޅަނދުގައި ހުންނަންޖެހޭ ސަލާމަތާބެހޭ ސާމަނުގެ ފެންވަރާއި މިންގަނޑާ ގުޅޭގޮތުން؛
  4. އަލިފާނުން ރައްކާތެރިވުމާއި އަލިފާން ނިއްވުމަށް ބޭނުންވާ މިންގަނޑާ ގުޅޭގޮތުން؛
  5. ފަޅުވެރިންގެ ސަލާމަތާއި، ސިއްހަތާ އަދި ވެލްފެއަރއާ ގުޅޭގޮތުން؛
  6. މުވާސަލާތާބެހޭ ތަވެތީގެ މިންގަނޑާ ގުޅޭގޮތުން؛
  7. އުޅަނދުގެ ބަރުމަރުކާ ކަނޑައަޅާ މިންގަނޑާ ގުޅޭގޮތުން؛
  8. އުޅަނދުގެ ޓަނޭޖް ކަނޑައަޅާނެ މިންގަނޑާ ގުޅޭގޮތުން؛
  9. މުދާ ބަރުކުރުމާއި އުފުލުމާ ގުޅޭގޮތުން؛
  10. ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން؛
  11. ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން؛
  12. ސަރވޭކުރުމާއި އޮޑިޓްކުރުމާ ގުޅޭގޮތުން؛
  13. ސަލާމަތާބެހޭ ސެޓްފިކެޓްތައް ދޫކުރުމާ އެގްޒެމިނޭށަން ސެޓްފިކެޓް ދޫކުރުމާ ގުޅޭގޮތުން؛
  14. ކަނޑު ދަތުރުކުރުމުގެ ހިދުމަތްދިނުމާ ގުޅޭގޮތުން؛
  15. ބޭރު ދަތުރުކުރާ އުޅަނދުތައް ރާއްޖޭގައި ބަނދަރުކުރުމާ ގުޅޭގޮތުން؛
  16. ފަޅުވެރިންގެ ތަމްރީނާއި ސަނަދާ ގުޅޭގޮތުން؛
  17. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއަވުމުގެ ލައިސަންސަގުޅޭ ކަންތައްތަކާ ގުޅޭގޮތުން؛
  18. ކަނޑުދުތުރުކުރާ މީހުންނަށް ވަޒީފާދޭ ފަރަތްތަކާ ގުޅޭގޮތުން؛
  19. ބޯޓުފަހަރު ދުއްވާ ކުންފުނިތަކާ ގުޅޭގޮތުން؛
  20. ށިޕިންގ އެޖެންސީގެ ހިދުމަތާ ގުޅޭގޮތުން؛
  21. ޕައިލޮޓޭޖް ހިދުމަތް ދިނުމާބެހޭ ކަންތައްތަކާ ގުޅޭގޮތުން؛
  22. ބޭރުދަތުރުކުރާ އުޅަނދުފަހަރަށް ހިދުމަތްދޭ ބަނދަރުތައް ހިންގުމާ ގުޅޭގޮތުން؛
  23. ޕޯޓް ސްޓޭޓް އަދި ފްލޭގް ސްޓޭޓް ކޮންޓްރޯލް އިންސްޕެކްށަންއާ ގުޅޭގޮތުން؛
  24. ކަނޑުގައި ދުއްވާ އުޅަނދުފަހަރު މޯގޭޖްކުރުމާ ގުޅޭގޮތުން؛
  25. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން؛
  26. ރާއްޖެއިން ބޭރުގެ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަޅުވެރިއަކު ދަތުރުކުރާ އުޅަނދު ދަތުރުމަތީގައި ވަނިކޮށް ނުވަތަ ބަނދަރުގައި ވަނިކޮށް ހާނިއްކައެއް ވެއްޖެނަމަ ނުވަތަ ފަޅުވެރިއަކު މަރުވެއްޖެނަމަ، އެމީހަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމާ ގުޅޭގޮތުން؛
  27. އުރޭ އުޅަނދުފަހަރާއި ފެތޭ އުޅަނދުފަހަރާ ގުޅޭގޮތުން.

 

(ނ) މި މައްދާގައި ބަޔާންކޮށްފައިވާ ގަވާއިދުތަކުގެ ދަށުން ޖޫރިމަނާއާއި ފީ ނެގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ރ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރަންވާނެއެވެ.

 

6. މާނަކުރުން 

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކަނދު ދަތުރުފަތުރާބެހޭ އެންމެހައި ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "ކަނޑު ދަތުރުފަތުރުކުރާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ނުވަތަ ފެނުގައި މީހުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ. އަދި މި މާނައިގައި ބަނޑު، ކޮޅުވެއްޓި، ޓަގް ބޯޓު، ހައިޑްރޯފޮއިލް، ފުލައިޓް ށިޕް، ހޯވަރކްރާފްޓް އޯފްށޯރ ޕްލެޓްފޯމް އިންޖީނު ނާޅާ އުޅަނދުފަހަރު އަދި އަޑިންދާ ބޯޓު (ސަބްމެރީން) ވެސް ހިމެނޭނެއެވެ.

(ނ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ކަނޑު ދަތުރުފަތުރާބެހޭ އެންމެހައި ކަންކަން ހަވާލިކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އުނިކުރުން.

 

7 ވަނަ މާއްދާ – ބުނެވެދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އުނިކުރުން.

 

8 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 19/1983 (ކަނޑުގައި ދުއްވާ އެއްޗެހިން ފީނެގުމުގެ ގާނޫނު) އަދި ގާނޫނު ނަންބަރު 7/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ފެތޭ އުޅަނދުތަކާއި އުރޭ އުޅަނދުތަކާބެހޭ ގާނޫނު) އުވުނީއެވެ.

 

9 ވަނަ މާއްދާ -

މި ގާނޫނުން ބުނެވެދިޔަ ގާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

10 ވަނަ މާއްދާ -

ބުނެވެދިޔަ ގާނޫނުގައި "މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސް" މިހެން ހުރި ތަންތަން "މިނިސްޓްރީ" މިގޮތަށް ބަދަލުކުރުން.

 

11 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-69)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ށިޕިންގ އޭޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 114/2020)
  2. ދިވެހިރާއްޖޭގައި ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 52/2020)
  3. ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 6/2016)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު