-

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު

(ގާނޫނު ނަންބަރު 2016-03)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2021-26 އިން އުވާލެވިފައި)

 

 

އެއްވަނަ ބާބު

ތައާރަފު 

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރާ ގުޅުންހުރި އެންމެހައި ކަންކަން ރާވައި، ހިންގާނެ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި އަދި މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" ގެ ނަމުގައި އޮތޯރިޓީއެއް އުފައްދައި، އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއިބާރުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުން؛

(ށ) "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" ގެ ނަމުގައި ވަކި އިދާރާއެއް އުފައްދައި، އެ އިދާރާ ހިންގަމުން ގެންދާނެ އުސޫލުތައް ކަނޑައެޅުން.

 

 

ދެވަނަ ބާބު

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

 

3 ވަނަ މާއްދާ – އޮތޯރިޓީ އުފެއްދުން

މި ގާނުނަށް ޢަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރާބެހޭ އެންމެހައި ކަންކަން ރާވައި، ހިންގާނެ ގޮތްތައް ކަނޑައެޅުމަށާއި، އެ ދާއިރާތަކުގައި ހިދުމަތްދޭ ފަރާތްތަކާގުޅޭ އެންމެހައި ކަންކަން ހިންގުމަށްޓަކައި، "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" ގެ ނަމުގައި އޮތޯރިޓީއެއް އުފެދުނީއެވެ.

 

4 ވަނަ މާއްދާމޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގާއިމްކުރުން.

(ހ) މި ގާނޫނުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުގައި "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" ގެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރާ އޮފީހަކީ، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމާބެހޭ ވުޒާރާގެ ދަށުން ހިންގޭ، ދައުލަތުގެ ވަކި އިދާރާއެކެވެ.

(ނ) މި މާއްދާގ(ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރާ އޮފީސް ހިނގަމުންދާނީ، މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ.

(ރ) އޮތޯރިޓީއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.

 

5 ވަނަ މާއްދާ – އިންތިގާލީ މަރުހަލާ: މުދަލާއި ވަސީލަތްތަކާއި މުވައްޒަފުން ބަދަލުވުން

(ހ) މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ފައިސާއާއި، ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން ޓްރާންސްޕޯޓް އޮތޯރިޓީއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތަކާއި އަދި ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމު، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފެދޭ އޮތޯރިޓީއަށް ބަދަލުވީއެވެ.

(ށ) މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ޓްރާންސްޕޯޓް އޮތޯރިޓީގައި ހިދުމަތްކުރަމުންދިޔަ މުވައްޒަފުން، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފެދޭ އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެއެވެ.

 

 

ތިންވަނަ ބާބު

އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް 

 

6 ވަނަ މާއްދާ – އޮތޯރިޓީގެ މަސްއޫލިއްޔަތުތައް

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައިވަނީއެވެ.

(ހ) އެއްގަމާއި، ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ވިލަރެސްކޮށް، އެފަދަ ސިޔާސަތުތައް ކުރިއެރުވުމަށް މަސައްކަތްކުރުން؛

(ށ) އެއްގަމާއި، ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ގަވާއިދު ހަދައި ހިންގުން؛

(ނ) އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްތަކާ ގުޅޭގޮތުން ދޫކުރަންޖެހޭ ލައިސަންސްތައް ދޫކުރުން؛

(ރ) އެއްގަމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީކުރުމާއި، އުޅަނދުފަހަރާބެހޭ ދަފްތަރު ބެލެހެއްޓުމާއި، އުޅަނދުފަހަރުގައި ފަޅުވެރިން ތިބެންޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައެޅުން؛

(ބ) އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަހުނު ރަޖިސްޓަރީކޮށް، ރަހުނާބެހޭ ދަފްތަރު ބެލެހެއްޓުން؛

(ޅ) މަގުމަތީގައި މީހުން ހިނގާ އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެހި ދުއްވުމުގެ ކަންކަން ކަމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން؛

(ކ) ޢާންމުންގެ އަތުން ފީ ނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ހިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން؛

(އ) އެއްގަމުގައި ދުއްވާ އުޅަނދުތަކަށް ދޭންޖެހޭ ރޯޑްވާދިނަސް ސެޓްފިކެޓް ދިނުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދޭންޖެހޭ ސަލާމަތީ ސެޓްފިކެޓާއި، ސްޓެޓިއުޓަރީ ސެޓްފިކެޓް ދިނުމާއި، މިކަންކަމާ ގުޅޭ އެންމެހައި ކަންކަން ވިލަރެސްކުރުން؛

(ވ) އެއްގަމާއި، ކަނޑުގެ އުޅަނދުފަހަރު ދުއްވާ ފަރާތްތައް އިމްތިހާނުކުރުމާއި، އެފަރާތްތަކަށް ދޭންޖެހޭ ލައިސަންސް ދިނުން؛ 

(މ) އާގުބޯޓުފަހަރުގައި ވަޒީފާއަދާކުރާ ދިވެހިންނަށް ދޭންޖެހޭ "ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ" އާއި "ކޮންޓިނުއަސް ޑިސްޗާޖް ސެޓްފިކެޓް" ދޫކުރުމާއި، މިފަދަ ސެޓްފިކެޓްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ފ) އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ހުންނަންޖެހޭ އާލާތްތަކާއި ސާމާނުތައް އިންސްޕެކްޓްކޮށް ސަރވޭކުރުމާއި، އުޅަނދުފަހަރުން ހިދުމަތްދިނުމުގެ ކެޓަގަރީތައް ކަނޑައެޅުން؛

(ދ) ދިވެހިރާއްޖޭގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ކަނޑުގެ އުޅަނދުފަހަރުގެ ޕޯޓް ސްޓޭޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް ބަލަހައްޓައި ވިލަރެސްކުރުން؛

(ތ) ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޕައިލޮޓޭޖްގެ ހިދުމަތާއ ި، ކޯސްޓަލް ނެވިގޭށަންގެ ހިދުމަތްދިނުމާއި، ވިޔަފާރި ބަނދަރުތަކުން ފޯރުކޮށްދޭންޖެހޭ މެރީން ސަރވިސްގެ ކަންތައްތައް ވިލަރެސްކުރުން؛

(ލ) ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ކަނޑާއި ވައިގެ ދަތުރުފަތުރުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭށަންތައް ހަރުދަނާކުރުމަށް އެހީތެރިވުމާއި، އެކަންކަން ވިލަރެސްކުރުން؛

(ގ) ރާއްޖޭގައި ކަނޑުގެ އުޅަނދު ބަންނަ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއ ި، އުޅަނދުފަހަރު މަރާމާތުކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ރާއްޖެއަށް އެތެރެކުރާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ މާވަޑިކަން ގަބޫލުކުރާނެ މިންގަނޑުތައް ކަނޑައަޅައި ބެލެހެއްޓުން؛

(ޏ) އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހްގީގުކުރުމާއި އެފަދަ ކަންކަމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ސ) އެއްގަމާއި ކަނޑު ދަތުރުފަތުރަށް ބޭނުންވާ ޓްރެފިކް ލައިޓާއި، ނެވިގޭށަން ލައިޓާއި، ބޮއި އަދި މިނޫންވެސް ނެވިގޭށަން އެއިޑްތައް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެތަކެތި ބެލެހެއްޓޭނެ ނިޒާމެއް ރާވައި، އެކަންކަން ވިލަރެސްކުރުން؛

(ޑ) އެއްގަމާއި ކަނޑު ދަތުރުފަތުރާގުޅޭ ކަންކަމުގައި ބައިނަލްއަގްވާމީ އަދި ސަރަހައްދީ ކޮމިށަންތަކާއި، ޖަމްޢިއްޔާތަކާއި، ޔޫނިއަންތަކާއި އަދި ކޮމިޓީތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ވިލަރެސްކުރުން؛

(ޒ) އޮތޯރިޓީގެ ހަރަކާތްތަކާ ގުޅިގެން ގައުމީ ފެންވަރުގައާއި، ސަރަހައްދީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި، އެފަދަ ކަންކަމަށް އެއްބާރުލުން ދިނުން؛

(ޓ) އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ހޯދުންތަކާއި، ދިރާސާތަކާއި، ތަހްގީގުތަކާއި، ތަފާސްހިސާބުތައް އެއްކުރުމާއި، މިކަންކަމާ ގުޅިގެން އެކުލަވާލަންޖެހޭ ރިޕޯޓުތައް އެކުލަވާލައި ށާއިޢުކުރުން؛

(ޔ) އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ދެވޭ ޢާންމު ހިދުމަތްތަކާބެހޭ އެންމެހައި ކަންކަން ވިލަރެސްކުރުން؛

(ޕ) ރާއްޖޭގެ ކަނޑުގެ ވިޔަފާރި ބަނދަރުތަކާއި، ޕޯޓް ފެސިލިޓީތަކާބެހޭ ކަންކަން ހިންގުން؛

(ޖ) މި މާއްދާގައި ވަކިވަކިން ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ކަނޑު ދަތުރުފަތުރުގެ ކަންކަމާ ގުޅޭގޮތުން އެހެން ގާނޫނަކުން މިނިސްޓްރީން ކުރަން ލާޒިމުކޮށްފައިވާ ކަންތައްތައް ކުރުން؛ އަދި

(ޗ) ޢާންމު ގޮތެއްގައި، މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިގެންވާ ބާރުތައް ތަންފީޒުކުރުމަށްޓަކައި އަދި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ، ނުވަތަ އެކަމަށް މަގުފަހިކުރާ ނުވަތަ އެކަމާގުޅޭ އެންމެހައި ކަންކަން ކުރުން.

 

7 ވަނަ މާއްދާ - އޮތޯރިޓީގެ ބާރުތައް

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީއެއް ނެގުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އެގޮތުން ދެވޭ ހިދުމަތަށް ފީ ނެގޭނެ މިންވަރާއި އުސޫލު ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައެވެ.

(ނ) އޮތޯރިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދެވިދާނެއެވެ.

 

8 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފެށުމުގެކުރިން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތައް

މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ނުވަތަ މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ޓްރާންސްޕޯޓް އޮތޯރިޓީން ހަދާފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް ބަލަންވާނީ އޮތޯރިޓީން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކެއް ކަމުގައެވެ.

 

 

ހަތަރުވަނަ ބާބު

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު

 

9 ވަނަ މާއްދާ – މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު

(ހ) މިނިސްޓަރުގެ ލަފާގެ މަތިން އޮތޯރިޓީގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، އޮތޯރިޓީ ހިންގުމަށް ބޭނުންވާ ލަފަޔާއި އިރުށާދު ދިނުމަށްޓަކައި، ބޯޑެއް އެކުލަވާލަންވާނެއެވެ. މި ބޯޑަށް ކިޔާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑު ހިނގަމުންދާނީ މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ.

 

10 ވަނަ މާއްދާ – މުވައްޒަފުންގެ އަދަދު

ބޯޑު އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

 

11 ވަނަ މާއްދާ – ބޯޑު މެންބަރުންގެ ސިފަތައް

(ހ) ބޯޑު މެންބަރުންގެ ގޮތުގައި ބޯޑަށް ޢައްޔަންކުރެވޭނީ އަންނަނިވި ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ފަންނީ ތަޢުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ މީހުންނެވެ.

  1. މެރިޓައިމް ނުވަތަ ކަނޑު ދަތުރުފަތުރުކުރުމުގެ ދާއިރާ؛
  2. އެއްގަމު ދަތުރުފަތުރުގެ ދާއިރާ؛
  3. އިގްތިސާދީ ދާއިރާ؛
  4. ތިމާވެއްޓާބެހޭ ދާއިރާ؛
  5. މަސްވެރިކަމާބެހޭ ދާއިރާ؛ ނުވަތަ
  6. ހިންގުމުގެ ދާއިރާ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަޢުލީމު ނުވަތަ ތަޖުރިބާ ލިބުމުގެ އިތުރުން، އޮތޯރިޓީގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ބޯޑަށް ޢައްޔަންކުރެވޭ މެންބަރުންގެ ކިބައިގައި ތިރީގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހިރައްޔިތަކު ކަމުގައިވުން؛
  2. ޢުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛
  3. އެ މެންބަރަކު ތަމްސީލުކުރާ ދާއިރާއެއްގައި ހިދުމަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރު ވެފައިވުން؛
  4. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
  5. ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ހިންގާ އެއްވެސް ވިޔަފާރިއެއްގައި އެއްވެސް ހައިސިއްޔަތަކުން، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ ތިމާ ބަލަހައްޓަންޖެހިފައިވާ މީހެއްގެ މަސްލަހަތެއް ނެތް މީހަކު ކަމުގައިވުން؛
  6. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ކޮރަޕްށަންގެ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، އެ ދަރަނި ހަލާސް ނުކޮށްހުރި މީހަކު ކަމުގައި ނުވުން؛
  8. އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން.

 

12 ވަނަ މާއްދާ – ބޯޑު މެންބަރުން އައްޔަންކުރުން

(ހ) ބޯޑަށް މެންބަރުން ޢައްޔަންކޮށް ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން ޢައްޔަންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ – ރައީސާއި ނައިބު ރައީސް

(ހ) ބޯޑަށް ޢައްޔަންކުރާ މެންބަރުންގެ ތެރެއިން ބޯޑުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް މީހުން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. 

(ށ) ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމަށް ކަނޑައަޅާ މީހަކު އިސްތިޢުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، އޭނާ އިސްތިޢުފާ ހުށަހަޅާނީ މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބޯޑުގެ ރައީސް ނުވަތަ ނައިބު ރައީސް، ރައީސްކަމުން ނުވަތަ ނައިބު ރައީސްކަމުން އިސްތިޢުފާދިން ކަމުގައި ވިޔަސް، ބޯޑުގެ މެންބަރުކަމުން އޭނާ އިސްތިޢުފާދިނީ ކަމުގައި ނުބެލެވޭނެއެވެ.

 

14 ވަނަ މައްދާ – ބޯޑުގެ މަސްއޫލިއްޔަތު

މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް، އޮތޯރިޓީން ކުރަންޖެހޭ ކަންކަމާގުޅޭ އުސޫލުތައް ކަނޑައެޅުމަކީ އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ. މީގެ އިތުރުން، އޮތޯރިޓީގެ ހިންގާ ގަވާއިދުތައް ހަދައި، އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީ ހިނގާތޯ ބަލައި އަދި ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ ގަވާއިދުތައް ހަދައި، އޮތޯރިޓީ ހިންގުމުގެ ސިޔާސަތުތައް ކަނޑައަޅައި، ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

 

15 ވަނަ މާއްދާ – ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ބޯޑުގެ ރައީސް ކަނޑައަޅާ ވަގުތަކު ބޯޑުގެ ބައްދަލުވުންތައް ބޭއްވިދާނެއެވެ.

(ށ) މަދުވެގެން ކޮންމެ 2 (ދޭއް) މަހުން އެއްފަހަރު ބޯޑުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ނ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ރައީސެވެ. ރައީސަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސެވެ. އެ ދެ މީހުންގެ ތެރެއިން މީހަކު ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، ރިޔާސަތު ބަލަހައްޓާނީ ހާޒިރުވެތިބި މެންބަރުންގެ ތެރެއިން، މެންބަރުން ކަނޑައަޅާ މެންބަރެކެވެ.

(ރ) ބޯޑުގެ ބައްދަލުވުން ސައްހަވާނީ، އެ ބޯޑުގެ މެންބަރުންގެ ޖުމްލަ ޢަދަދަށް ނިސްބަތްވާ މެންބަރުންގެ އަޣްލަބިއްޔަތާ އެއްވަރު ޢަދަދަކަށް މެންބަރުން ހާޒިރުވެގެންނެވެ. އަދި ބޯޑުގެ ބައްދަލުވުމެއް ފަށަންވާނީ، އެ ޢަދަދަށް މެންބަރުން ހާޒިރުވެގެންނެވެ. އަދި ހިނގަމުންދާ ބައްދަލުވުމެއްގައި، އެ ޢަދަދަށްވުރެ މެންބަރުން މަދުވެއްޖެނަމައެ ބައްދަލުވުމެއް މެދުކަނޑާލަންވާނެއެވެ.

(ބ) ބޯޑުގެ ބައްދަލުވުމެއްގައި، ކަމަކާމެދު ގޮތެއް ނިންމާނީ ހާޒިރުވެ ވޯޓުދިން މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ކަމެއް ފާސްކުރުމަށް ވޯޓަށް އެހުމުން، އެކަމެއް ފާސްކުރުމަށް ވޯޓުދިން މެންބަރުންގެ ޢަދަދާއި އެކަން ފާސްކުރުމަށް ވޯޓުނުދީ ތިބި މެންބަރުންގެ ޢަދަދު އެއްވަރުވެއްޖެނަމަ، އެކަމަކާމެދު ގޮތެއް ނިންމުމަށްޓަކައި އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ މެންބަރު ވޯޓުދޭންވާނެއެވެ.

(ޅ) ބޯޑުގެ މެންބަރެއްގެ މަގާމު ހުސްވެފައިވުމަކުން، ނުވަތަ ބޯޑަށް މެންބަރުން ޢައްޔަންކުރުމުގައި ހިނގާފައިވާ އުނިކަމެއްގެ ސަބަބުން، ނުވަތަ މެންބަރެއްގައި ހުންނަންޖެހޭ ސިފައެއް އުނިވުމުގެ ސަބަބުން، ބޯޑުގެ ނިންމުމެއްގެ ސައްހަކަމަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

(ކ) ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ މެންބަރުން ސޮއިކުރަންވާނެއެވެ.

(އ) ބޯޑުން އަވަސް ގޮތަކަށް ކަމެއް ނިންމައިދިނުމަށް އެދި ރައީސަށް ހުށަހެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. އެގޮތުން މިނިސްޓަރު ލިޔުމަކުން ހުށަހަޅައިފިނަމަ އެ ހުށަހެޅުން ރައީސަށް ލިބޭތާ މަދުވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ބޯޑުގެ ބައްދަލުވުމެއް ބާއްވައި، ނިންމައިދިނުމަށް އެދިފައިވާ ކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމައި، ބޯޑުގެ ނިންމުން މިނިސްޓަރަށް އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ – ބޯޑުގެ ބައްދަލުވުންތަކަށް ދައުވަތު ދިނުން

(ހ) ބޯޑުން ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ބޯޑުން ނިންމުމުގައި، ވަކި ހާއްސަ ކަމަކާ ގުޅޭގޮތުން ނުވަތަ ވަކި ހާއްސަ ދާއިރާއަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި، ފަންނީ ނުވަތަ ޢިލްމީ ތަޖުރިބާހުރި ފަރާތެއް ނުވަތަ ފަރާތްތަކެއް ބޯޑުގެ ބައްދަލުވުމެއްގައި ބައިވެރިކުރެވިދާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް މި މާއްދާގެ (ހ) ގެ ދަށުން ދަޢުވަތުދެވޭ މީހަކީ، ބޯޑުގެ މެންބަރެއް ނޫނެވެ. އަދި ބޯޑުގެ ބައްދަލުވުމެއްގައި ގާނޫނީ ޢަދަދު ކަނޑައެޅުމުގައި ނުވަތަ ވޯޓެއް ނެގުމުގައި އޭނާ ހިމަނައިގެން ނުވާނެއެވެ.

 

17 ވަނަ މާއްދާ – މެންބަރުކަމުގެ ދައުރުގެ މުއްދަތު

ބޯޑަށް ޢައްޔަންކުރާ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތަކީ، އޭނާ ބޯޑަށް ޢައްޔަންކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެވެ. މި ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރާ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކުވެސް ބޯޑުގެ މެންބަރުކަމުގެ އިތުރު އެއް ދައުރަށް ޢައްޔަންކުރުމުގެ އިހްތިޔާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ – ބޯޑުގެ މެންބަރުންގެ އުޖޫރަ

ބޯޑުގެ މެންބަރުންނަށް އުޖޫރައިގެ ގޮތުގައި ލިބޭނީ ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅޭ އެލަވަންސެކެވެ. އެ އެލަވަންސް ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

 

19 ވަނަ މާއްދާމަގާމު ހުސްވުން

ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިޢުފާދިނުން؛

(ށ) މެންބަރުކަމުގެ ދައުރު ހަމަވުން؛ ނުވަތަ 

(ނ) މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެންބަރުކަމުން ވަކިކުރުން.

 

20 ވަނަ މާއްދާ – ހުސްވާ މަގާމަށް މީހުން އައްޔަންކުރުން

މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ބޯޑުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން ޢައްޔަންކުރަންވާނެއެވެ.

 

21 ވަނަ މާއްދާ – އިސްތިއުފާދިނުން

ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުންއެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

 

22 ވަނަ މާއްދާ – މެންބަރުކަމުން ވަކިކުރުން

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ބޯޑުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، ބޯޑުގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ހ) މަގުބޫލު އުޒުރެއްނެތި، އަދި ބޯޑުގެ ރައީސަށް އެންގުމަކާނުލައި، މެންބަރަކ ވިދިވިދިގެން ބޯޑުގެ 3 (ތިނެއް) ޖަލްސާއަށް ހާޒިރުނުވުން؛

(ށ) މެންބަރެއްގައި ހުންނަންޖެހޭ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުން؛

(ނ) މެންބަރަކު ކުރިކަމެއްގެ ސަބަބުން، އޭނާއަކީ މެންބަރުކަން ކުރުމަށް އެކަށީގެންނުވާ މީހަކު ކަމުގައިވުން؛

(ރ) މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތުގައި އަދާކުރުމަށް ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ނުކުޅެދުން؛

(ބ) ބޯޑުގެ ނަޒާހާތްތެރިކަން ހިފެހެއްޓުމަށްޓަކައި ނުވަތަ ބޯޑާއެކު ހިންގާ މުޢާމަލާތްތަކުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ވަކިކުރަންޖެހުން؛ ނުވަތަ

(ޅ) މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން.

 

 

ފަސްވަނަ ބާބު

އޮތޯރިޓީ ހިންގުމާއި މުވައްޒަފުން

 

23 ވަނަ މާއްދާ – އޮތޯރިޓީ ހިންގުމުގެ ޒިންމާ

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އޮތޯރިޓީގެ ދުވަހުން ދުވަހުގެ ކަންކަން ހިންގާނީ، ބޯޑުގެ ލަފަޔާއި އިރުށާދާ އެއްގޮތްވާ ގޮތުގެމަތިން، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް މީހަކު ޢައްޔަންކުރާނީ އޮތޯރިޓީގެ ބޯޑުންނެވެ.

 

24 ވަނަ މާއްދާ – ޗީފް އެގްޒެކެޓިވްގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

ޗީފް އެގްޒެކެޓިވްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތިރީގައި އެވަނީއެވެ.

(ހ) އޮތޯރިޓީގެ މަގްސަދާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީ ހިންގުން؛

(ށ) އޮތޯރިޓީގެ މަސައްކަތްތައް ހިނގަމުންދަނީ މި ގާނޫނާއި އޮތޯރިޓީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛

(ނ) އޮތޯރިޓީގެ އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބަލަހައްޓައި ހިންގުން؛

(ރ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފިޔަވައި، އޮތޯރިޓީ ތަމްސީލުކުރަންޖެހޭ ކަންކަމުގައި އޮތޯރިޓީ ތަމްސީލުކުރުން؛ އަދި

(ބ) އެހެން ގާނޫނަކުން، ޗީފް އެގްޒެކެޓިވްގެ މައްޗަށް ލާޒިމުކޮށްފައިވާ މިނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.

 

25 ވަނަ މާއްދާ – ޗީފް އެގްޒެކެޓިވްގެ ސިފަތައް

ޗީފް އެގްޒެކެޓިވްގެ ކިބައިގައި ތިރީގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން؛

(ށ) ޢުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ކޮރަޕްށަންގެ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ރ) ހިންގުމުގެ ދާއިރާއިން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް-9 ގެ ސަނަދެއް ހާސިލުކޮށް އަދި އެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން؛ 

(ބ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މުވައްޒަފެއް ކަމުގައި ނުވުން؛

(ޅ) އިފްލާސްކުރެވިފައިވާ މީހެއް ކަމުގައި ނުވުން.

 

26 ވަނަ މާއްދާ – ޗީފް އެގްޒެކެޓިވްގެ މަގާމުގެ ދައުރު

(ހ) ޗީފް އެގްޒެކެޓިވްގެ މަގާމުގެ ދައުރަކީ 5 (ފަހެއް) އަހަރުދުވަހެވެ.

(ށ) ޗީފް އެގްޒެކެޓިވްގެ މަގާމުގައި މީހަކަށް އެންމެ ދިގު މުއްދަތަކަށް ހުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރަށެވެ.

 

27 ވަނަ މާއްދާ – ޗީފް އެގްޒެކެޓިވްގެ މުސާރައާއި އިނާޔަތް

ޗީފް އެގްޒެކެޓިވްގެ މުސާރައާއި ޢިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ބޯޑުންނެވެ.

 

28 ވަނަ މާއްދާ – ޗީފް އެގްޒެކެޓިވްގެ މަަގާމުން އިސްތިއުފާދިނުން

ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނަ މީހަކު، އޭނާގެ މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ބޯޑުގެ ރައީސަށް ސިޓީއެއް ހުށަހަޅައި، އެ ސިޓީ ބޯޑުގެ ރައީސަށް ލިބުމުން އެމީހަކު ޗީފް އެގްޒެކެޓިވްކަމުގެ މަގާމުން ވަކިވީއެވެ.

 

29 ވަނަ މާއްދާ – ޗީފް އެގްޒެކެޓިވް މަގާމުން ވަކިކުރެވޭނެ ހާލަތްތައް

(ހ) ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނަ މީހަކު، އެ މަގާމުން ވަކިކުރެވޭނީ ބޯޑުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުގެ ތާއީދު ލިބިގެންނެވެ.

(ށ) ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނަ މީހަކު، އެ މަގާމުން ވަކިކުރުމަށް، މި މާއްދާގެ (ހ) ގެ ދަށުން ބޯޑަށް ލިބިދޭ ބާރު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

  1. މި ގާނޫނުގެ ދަށުން އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާނުކުރުން ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން.
  2. މި ގާނޫނުގައި އޮތޯރިޓީ ހިންގުމަށް ކަނޑައަޅާފައިވާ މަގްސަދުތަކާއި ސިޔާސަތުތަކާ ހިލާފުވުން.

 

30 ވަނަ މާއްދާ – އޮތޯރިޓީގެ މުވައްޒަފުން

(ހ) އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބޭނީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.

(ށ) އޮތޯރިޓީގެ ފަންނީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އިދާރީ އޮނިގަނޑެއް އޮތޯރިޓީގެ ބޯޑުން އެކުލަވާލައި ބޯޑުގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރަންވާނެއެވެ. އަދި އެ އޮނިގަނޑުގައި އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުތަކުގެ ށަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ ޢަދަދު ކަނޑައަޅާފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން އެކުލަވާލާ އޮނިގަނޑުގައިވާ ގޮތުގެމަތިން އަދި އޮތޯރިޓީގެ މަށްވަރާއާއެކު އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ރ) އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުގެ ފެންވަރާއި އެ މުވައްޒަފުންނަށް ލިބިދެވޭނެ މުސާރައާއި ޢިނާޔަތްތައް ސިވިލް ސަރވިސް ކޮމިށަނުން ކަނޑައެޅުމުގައި އެ ކޮމިށަނުން އޮތޯރިޓީއާ މަށްވަރާކުރަންވާނެއެވެ.

 

31 ވަނަ މާއްދާ – އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުން

އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ނުވަތަ މަސައްކަތުން ބައެއް، މި ގާނޫނު ނުވަތަ އެނޫންވެސް ގާނޫނަކާ ހިލާފުނުވާނެ ގޮތުގެމަތިން ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ. އެގޮތުން ހަވާލުކުރެވޭ މަސައްކަތެއް ހަވާލުކުރަންވާނީ އެކަމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

 

ހަވަނަ ބާބު

އޮތޯރިޓީން ނިންމާ ނިންމުންތައް މުރާޖައާކުރުން 

 

32 ވަނަ މާއްދާ – އޮތޯރިޓީގެ ނިންމުން މުރާޖައާކުރުން

މި ގާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމެއް ކުރުމުގެ ގޮތުން ނުވަތަ އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ހައްގު އެ ނިންމުމުގެ ސަބަބުން އެފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާކަމަށް ގަބޫލުކުރާ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ – މިނިސްޓަރަށް ހުށަހެޅޭ މައްސަލަ ބަލާނެގޮތް

(ހ) މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރަށް ހުށަހެޅޭ މައްސަލަތައް ބަލާނެ އިލްތިމާސް ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަންވާނެއެވެ. އިލްތިމާސް ކޮމިޓީ އެކުލަވާނެ ގޮތާއި އިލްތިމާސް ކޮމިޓީން މައްސަލަ ބަލާނެގޮތުގެ ގަވާއިދު ހަދާނީ ބޯޑުންނެވެ.

(ށ) މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްވާ ގޮތުގެމަތިން މިނިސްޓަރަށް ހުށަހެޅޭ މައްސަލަތައް އެ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިލްތިމާސް ކޮމިޓީން ބަލައި، މައްސަލަ ހުށަހެޅި ފަރާތަށް އެ ކޮމިޓީގެ ނިންމުން ލިޔުމުން އަންގަންވާނެއެވެ.

 

 

ހަތްވަނަ ބާބު

މާލީ ކަންކަން

 

34 ވަނަ މާއްދާ – ފައިސާއާއި ލިޔެކިޔުންތައް ބެލެހެއްޓުން

އޮތޯރިޓީގެ އެންމެހައި ފައިސާގެ ހިސާބުތަކާއި އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަންވާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

35 ވަނަ މާއްދާ – މާލީ އަހަރު

އޮތޯރިޓީގެ މާލީ އަހަރަކީ ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެންބަރު މަހުގެ 31 އަށެވެ.

 

36 ވަނަ މާއްދާހިސާބުތައް އޮޑިޓްކުރުން

އޮތޯރިޓީގެ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ނުވަތަ އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް ކޮންމެ އަހަރަކު އޮޑިޓް ކުރަންވާނެއެވެ.

 

37 ވަނަ މައްދާ – އަހަރީ ރިޕޯޓް

ވޭތުވެދިޔަ އަހަރު އޮތޯރިޓީ ހިންގިގޮތުގެ ރިޕޯޓެއް، އޮޑިޓްކުރެވިފައިވާ ހިސާބުތަކާއެކު، ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން ތައްޔާރުކޮށް ބޯޑަށް ހުށަހަޅައި ބޯޑުން ފާސްކޮށް، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

 

އަށްވަނަ ބާބު

ގަވާއިދު ހެދުން

 

38 ވަނަ މާއްދާ – ގަވާއިދު ހެދުން

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ އޮތޯރިޓީންނެވެ. މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

 

39 ވަނަ މާއްދާ – އަމަލުކުރަން ފަށާ ތާރީހު

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުންނެވެ.

 

40 ވަނަ މާއްދާ – ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" އަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އެއްގަމާއި ކަނޑު ދަތުރުފަތުރާގުޅޭ ސިޔާސަތުތައް އެކަށައަޅައި، އެއްގަމާއި ކަނޑު ދަތުރުފަތުރާގުޅޭ ކަންކަން ބެލެހެއްޓުމަށް އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ނ) "މިނިސްޓްރީ" ނުވަތަ "ކަމާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، އެއްގަމާއި ކަނޑު ދަތުރުފަތުރާގުޅޭ ސިޔާސަތުތައް އެކަށައަޅައި، އެއްގަމާއި ކަނޑު ދަތުރުފަތުރާގުޅޭ ކަންކަން ބެލެހެއްޓުމަށް އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާއަށެވެ.

(ރ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީގެ ބޯޑަށެވެ.

(ބ) "މެންބަރުން" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީގެ ބޯޑު މެންބަރުންނަށެވެ.

(ޅ) "ސިވިލް ސަރވިސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައި ބަޔާންކުރާ ކޮމިށަނަށެވެ.

 

އުވި ގާނޫނު

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު ( ޤާނޫނު ނަންބަރު 2016-03) އުވާލުމުގެ ގާނޫނު (ގާނޫނު ނަންބަރު 2021-26)

     

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ށިޕިންގ އޭޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-114)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު