-

އާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރ 2000-04) އަށް 2 ވަނަ އިސްލާހް ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-09)

 

1   ވަނަ މާއްދާ – ބުނެވެދިޔަ ގާނޫނުގެ 11 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އޭގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

11. (ށ) މި މާއްދާގެ  (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އެކުލަވާލަންވާނީ، އިސްލާމީ ށަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

2  ވަނަ މާއްދާ – ބުނެވެދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދާ އަދުލުވެރި ބެހުމަކުން ބެހުން

32. (ހ) ކާވެނި ރޫޅޭ ހާލަތުގައި، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާއާމެދު އަމަލުކުރާނެ އުސޫލެއް ބަޔާންކޮށް މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކާވެނީގެ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައިވާނަމަ، ވަރިކުރުމުގެ ހުއްދަދިނުމުގެ ކުރިން ނުވަތަ ކާވެނި ރޫޅައިދިނުމުގެ ކުރިން، ނުވަތަ ވަރި ރަޖިސްޓަރީކޮށްދިމުނުގެ ކުރިން، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ، މި މާއްދާގައި  ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ)  މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކާވެނީގެ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައިވާ ނަމަވެސް، ނުވަތަ އެއްބަސްވުމެއް ފެމަފިރިންގެ މެދުގައި ކޮށްފައިނުވާ ނަމަވެސް، އެ ދެމަފިރިންކުރެ ކޮންމެ ފަރާތަކަށްވެސް އިސްލާމީ ށަރީއަތުން ލިބެންޖެހޭ އެންމެހައި ހައްގުތައް ފުރިހަމައަށް އެ ފަރާތަކަށް ލިބިދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ)ގެ ދަށުން ކޯޓުން އަދުލުވެރި ބެހުމަކުން މުދާ ބަހަންވާނީ، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމުގައިވާ ގޮތުގެމަތިން، ކާވެނި ރޫޅޭ ހާލަތުގައި ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާމެދު އަމަލުކުރާނެ ގޮތަކާމެދު ދެމަފިރިންގެ މެދުގައި ހިލާފު އުފެދިއްޖެ ހާލަތުގައެވެ.

(ރ) ކާވެނި ރޫޅޭ ހާލަތުގައި ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާމެދު އަމަލުކުރާނެ ގޮތަކާމެދު މި ގާނޫނުގެ 11 ވަނަ މާއްދަގެ ދަށުން ވެފައިވާ އެއްބަސްވުމުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ކަންކަމަށް އިސްކަންދިނުމުގެ އިތުރުން، ދެމަފިރިންގެ މެދުގައި މިކަމުގައި އުފެދިފައިވާ ހިލާފުތަކަށް ހައްލެއް ހޯދުމުގެ ގޮތުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަދުލުވެރި ބެހުމަކުން މުދާ ބަހާއިރު، އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

  1. ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލެއް ނުވަތަ ފައިސާއެއްވާނަމަ، އެ މުދަލަކީ ކޮބައިކަމާއި ނުވަތަ އެ ފައިސާގެ މިންވަރަކީ ކޮބައިކަމުގައި ކަނޑައެޅުން؛ އަދި
  2. އެ މުދަލުން ނުވަތަ ފައިސާއިން ފިރިމީހާއަށާއި އަނބިމީހާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައެޅުން.

(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ކޮބައިކަން ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

  1. ކާވެނީގެ މުއްދަތުގެ ކުރިން ދެމަފިރިން ވަކިން ހާސިލުކޮށްފައިވާ މުދާ ނުވަތަ ފައިސާގެ ތެރެއިން، ކާވެނީގެ މުއްދަތުގައި އެ މުދަލަކުން ނުވަތަ ފައިސާއަކުން ތަސައްރަފުކުރެވި، އެ މުދަލަކަށް ނުވަތަ ފައިސާއަށް އިތުރުވުމެއް ނުވަތަ ކުރިއެރުމެއް ލިބިފައިވާނަމަ، އިތުރުވި ނުވަތަ ކުރިއެރި ނިސްބަތަށް ބަލައި، އެ ނިސްބަތަކީ ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލެއް ނުވަތަ ފައިސާއެއް ކަމުގައި ބެލުން؛
  2. ކާވެނީގެ މުއްދަތުގައި ހޯދާފައިވާ މުދަލެއް ރަޖިސްޓަރީކުރެވިފައިވަނީ، ނުވަތަ ފައިސާއެއް ބެހެއްޓިފައިވަނީ، ދެމަފިރިން ކުރެ ކޮންމެވެސް އެއް ފަރާތެއްގެ ނަން މަތީގައި ކަމަށްވިޔަސް، އެކަމަކީ އެ މުދަލުގެ ނުވަތަ ފައިސާގެ މިލްކުވެރިކަން ހަމައެކަނި އެފަރާތުގެ މައްޗަށް އޮތްކަން ސާބިތުކޮށްދޭ ކަމެއް ކަމުގައި ނުބެލުން. 

(ޅ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލަކުން ނުވަތަ ފައިސާއަކުން އަނބިމީހާއަށާއި ފިރިމީހާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

  1. އެ މުދާ ނުވަތަ ފައިސާ ހޯދުމަށް ދެމަފިރިން ވަކިވަކީން މަސައްކަތްކޮށްފައިވާ ނުވަތަ ހޭދަކޮށްފައިވާ މިންވަރު؛
  2. ކަވެނިކޮށްގެން އުޅުނު މުއްދަތު؛
  3. އަމަލީ ގޮތުން ނުވަތަ މާލީ ގޮތުން މުދާ ނުވަތަ ފައިސާ ހޯދުމުގައި އަނބިމީހާގެ ހިއްސާއެއް ނެތް ނަމަވެސް، ކާވެނީގެ މުއްދަތުގައި ކާވެނި އާރާސްތުކުރުމަށްޓަކައި އަނބިމީހާގެ ހައިސިއްޔަތުން ނުވަތަ ދަރިންގެ މަންމަގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތް؛
  4. އެ މުދާ ނުވަތަ ފައިސާއަކަށް ނިސްބަތްވާ ދަރަންޏެއް ދެމަފިރިންކުރެ އެއްވެސް ފަރާތަކަށް ދައްކަންޖެހިފައިވާނަމަ، އެކަން. 

(ކ) މި މާއްދާގެ ދަށުން ކޯޓުން އަދުލުވެރި ބެހުމަކުން މުދާ ބަހާއިރު، ބެހުމަށް ކަނޑައަޅާ އެއްވެސް މުދަލަކީ އޭގެ ޒާތުގައި ބެހުމަށް ދަތި  މުދަލެއްނަމަ، އެ މުދަލެއް ބެހުމުގެ ބަދަލުގައި، އެ މުދަލަކުން ދެމަފިރިން ކުރެ ކޮންމެ މީހަކަށް ހައްގުވާ މިންވަރު، އެ އިރެއްގައި އެ މުދަލެއް ބާޒާރުގައި ވިއްކާލެވެން އޮތް އަގެއްގައި އަގުމަގުކުރުމަށްފަހު، އެ އަގަށްވާ ފައިސާ ކަނޑައަޅައި، އެ ފައިސާ ދެމަފިރިންކުރެ އެކަކަށް ދިނުމަށާއި، އަނެއް ފަރާތުގައި އެ މުދާ ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން ފައިސާ ދިނުމަށްފަހު މުދާ ބަހައްޓާނެ ފަރާތެއް ކަނޑައަޅާނީ ދެމަފިރިން އެއްބަސްވާ ގޮތެއްގެމަތިންނެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން ދެމަފިރިންނަށް އެއްބަސްނުވެވޭ ހާލަތުގައި، ފައިސާ ދީ މުދާ ބަހައްޓާނެ ފަރާތެއް ކަނޑައަޅާނީ މި ގަނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން  ކޯޓުންނެވެ.

(މ) މި މާއްދާގައި "ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ" ކަމަށް ބުނެފައި އެވަނީ، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ނުވަތަ ވަކިވަކިން ހޯދާފައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ނަގުދު ފައިސާ އަދި މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި މި ގަނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުދަލާއި ފައިސާއަށެވެ.

(ފ) މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މި ގާނޫނުގެ ބޭނުމަށްޓަކައި، ކާވެނި ކުރުމުގެ ކުރިން، ދެމަފިރިން ވަކިން ހޯދާފައިވާ މުދަލާއި ފައިސާއާއި، ދެމަފިރިންގެ އެކަހެރި ނަމުގައި ހޯދާފައިވާ މުދަލާއި ފައިސާ އަދި ތަރިކައިގެ އުސޫލުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ މުދަލާއި ފައިސާ މާނަކުރަންވާނީ ދެމަފިރިން ވަކިން ހޯދާފައިވާ މުދަލާއި ފައިސާގެ ގޮތުގައެވެ.

(ދ) މި މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ މުދަލާއި ފައިސާ، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ކާވެނީގެ މައްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާގެ ތެރޭގައި ހިމެނޭނީ، ހަމައެކަނި މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައެވެ.

(ތ) މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އަންނަނިވި ކަންކަން ހިމެނޭނެހެން މިނިސްޓްރީން ގަވާއިދު ހަދައި އެކުލަވާލަންވާނެއެވެ.

  1. ކާވެނި ކުރުމުގެ ކުރިން ދެމަފިރިން ވަކިން ހާސިލުކޮށްފައިވާ މުދަލާއި އެކަހެރި ނަމުގައި ހޯދާފައިވާ މުދާ ކަނޑައަޅާނެ މިންގަނޑުތަކާއި އުސޫލު؛
  2. ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދާ ނުވަތަ ފައިސާ ކަނޑައަޅާނެ އުސޫލު؛
  3. މުދާ ނުވަތަ ފައިސާ ހޯދުމަށް ދެމަފިރިން ވަކިވަކީން މަސައްކަތްކޮށްފައިވާ ނުވަތަ ހޭދަކޮށްފައިވާ މިންވަރު ކަނޑައަޅާނެ އުސޫލު؛
  4. ކާވެނީގެ މުއްދަތަށް ބަލައި، އަނބިމީހާއަށާއި ފިރިމީހާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައަޅާނެ އުސޫލު؛
  5. ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ އަގުކުރުމާބެހޭ އުސޫލު؛
  6. ކާވެނި ކުރުމުގެ ކުރިން ދެމަފިރިން ވަކިން ހާސިލުކޮށްފައިވާ މުދަލާއި ފައިސާއާއި އެކަހެރި ނަމުގައި ހޯދާފައިވާ މުދަލާއި ފައިސާ ކާވެނީގެ މުއްދަތުގައި ތަސައްރަފުކުރެވި، އެ މުދަލާއި ފައިސާއަށް އިތުރުވުމެއް ނުވަތަ ކުރިއެރުމެއް ލިބިފައިވާނަމަ، އެކަން ދެނެގަންނާނެ އުސޫލު؛
  7. ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވަ މުދަލާއި ފައިސާ އަދުލުވެރި ބެހުމަކުން ބަހާއިރު، ބެހުމަށް ކަނޑައަޅާ އެއްވެސް މުދަލަކީ އޭގެ ޒާތުގައި ބެހުމަށް ދަތި މުދަލެއްނަމަ، އެ މުދަލެއް ބެހުމުގެ ބަދަލުގައި އަމަލުކުރާނެ އުސޫލު.

 

3  ވަނަ މާއްދާ – ބުނެވެދިޔަ ގާނޫނުގެ 35 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހަރަދު ލެއްވުން 35.

ށަރީއަތުގެ ހަމަތަކާ ހިލާފުނުވާ ގޮތުގެމަތިން ދަރީންގެ ހަރަދާއި އަނބިމީހާގެ ހަރަދާ ގުޅޭގޮތުން ދެމަފިރިންނަށް އެއްބަސްވުމަކަށް އާދެވފައިނުވާނަމަ، ވަރިކުރުމުގެ ހުއްދަދިނުމުގެ ކުރިން ނުވަތަ ކާވެނި ރޫޅައިދިނުމުގެ ކުރިން، ނުވަތަ ވަރި ރަޖިސްޓަރީކޮށްދިނުމުގެ ކުރިން، މި ގާނޫނާއި ށަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އަނބިމީހާއަށާއި ދަރީންނަށާއި ވަރިކޮށްފައި އިންނަ އަންހެނާއަށް ހަރަދު ދޭންވާނެ މުއްދަތާއި މިންވަރާ ބެހޭގޮތުން ގޮތެއް ކަނޑައަޅައި، އެ ހަރަދުތައް ދިނުމަށް ފިރިމީހާއަށް ނުވަތަ ވަރިކުރި ފިރިހެނާއަށް ކޯޓުން އަންގަންވާނެއެވެ.

 

4  ވަނަ މާއްދާ – މި ބިލުން ބުނެވެދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން، އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5  ވަނަ މާއްދާ – ބުނެވެދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

6  ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2000-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު