-

މަސްތުވާތަކެއްޗާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2011-17)

 

އެއްވަނަ ބައި

ފެށުން

 

އެއްވަނަ ބާބު

ތައާރުފާއި މަގްސަދު

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ޕެޑްލްކުރުމާއި، ޓްރެފިކްކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ހާއްސަ ޕްރޮގްރާމްތަކެއްގެ ދަށުން ފަރުވާ ލިބިގަތުމަށް ބާރުއަޅައި، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައުގައި އެމީހުން ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، މަސްތުވާތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "މަސްތުވާތަކެއްޗާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) މަސްތުވާތަކެތި ބޭނުންކުރާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކުރުމަށް މަސައްކަތްކުރުން؛

(ށ) މަސްތުވާތަކެއްޗަށް އަލަށް ދެވިހިފާ މީހުން، އެހިސާބުން ފެށިގެން ފާހަގަކޮށް، އެމީހުންނަށް އެކަމުން އަވަހަށް ދުރަށް ދެވޭނެ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކޮށްދިނުން؛

(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަކީ، މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އޭގެ އަސަރަށް ލެނބި، އެއަށް ބަރޯސާކުރަންޖެހިފައިވާ ބައެއް ކަމުގައިވާތީ، އެމީހުންނަކީ ހަމައެކަނި ކުށްވެރިން ކަމުގައި ބެލުމުގެ ބަދަލުގައި، ފަރުވާވެސް ބޭނުންވާ މީހުން ކަމުގައި ގަބޫލުކޮށްގެން، އެމީހުންނަށް ފަރުވާ ދިނުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން؛

(ރ) މަސްތުވާތަކެތި ޕެޑްލްކުރާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި މަސްތުވާތަކެތިން މުއާމަލާތުކުރާ ކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން އެމީހުން ކުށަށް އަރައިގަންނަ ނިސްބަތް މަދުކުރުން؛

(ބ) މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި އެކަން ކުރާ މީހުން ފާހަގަކޮށް، ޓްރެފިކްކުރުމުގެ ވިޔަފާރިއަށް ހުރަސްތައް ކުރިމަތިކުރުމަށްޓަކައި ޓްރެފިކްކުރާ މީހުން އެކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ހުރަސްއެޅުމާއި، އެމީހުންނަށް ސީދާ އަމާޒުވާގޮތަށް އެކިއެކި ފިޔަވަޅުތައް އެޅުން؛

(ޅ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ހާއްސަ ޕްރޮގްރާމްތަކެއްގައި ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި ހާއްސަ ކޯޓެއް ގާއިމުކުރުން؛

(ކ) ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހާއްސަ ބާރުތަކެއް ދިނުން؛

(އ) މަސްތުވާތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުން.

 

3 ވަނަ މާއްދާ - ރަދީފު

(ހ) މި ގާނޫނު އެމައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތައް، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ.

(ށ) މި ގާނޫނުގައި ހިމެނިގެންވާ މައިގަނޑު ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ، މި ގާނޫނުގެ 188 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

4 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް

މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައިއެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

5 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރު

"ރީހެބިލިޓޭށަން އަމުރު" ކަމަށް ބުނެފައިއެވަނީ، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހަކު ބައިވެރިވެ، ފުރިހަމަކުރުމަށް އިންޑިކޭޓިވް އެސެސްމަންޓްގައި ހުށަހަޅާ ފަރުވާގެ ޕްރޮގްރާމް އޭނާގެ މައްޗަށް ހިންގުމަށް ކަނޑައަޅައި، އެ ކޯޓުން ކުރާ އަމުރަށެވެ.

 

6 ވަނަ މާއްދާ - އިންޑިކޭޓިވް އެސެސްމަންޓް

"އިންޑިކޭޓިވް އެސެސްމަންޓް" ކަމަށް ބުނެފައިއެވަނީ، ކުށުގެ ދައުވާ އުފުލިފައިވާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ޑްރަގް ކޯޓުގެ އެންގުމަކަށް ހަދާ އެސެސްމަންޓަށެވެ.

 

7 ވަނަ މާއްދާ – މަސްތުވާތަކެތި

"މަސްތުވާތަކެތި" ކަމަށް ބުނެފައިއެވަނީ، މަނާކޮށްފައިވާ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.

 

8 ވަނަ މާއްދާ - މަސްތުވާތަކެތި ބޭނުންކުރުން

"މަސްތުވާތަކެތި ބޭނުންކުރުން" ކަމަށް ބުނެފައިއެވަނީ، މަސްތުވާއެއްޗެއްގެ އެއްވެސް މިންވަރެއް، މީހެއްގެ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރުމަށް ނުވަތަ ވާސިލުކުރުވުމަށެވެ.

 

9 ވަނަ މާއްދާ - މަސްތުވާއެއްޗެއް އަތުގައި ހުރުން

"މަސްތުވާއެއްޗެއް އަތުގައި ހުރުން" ކަމަށް ބުނެފައިއެވަނީ، މީހެއްގެ އަތުގައި ނުވަތަ ހަށިގަނޑުގައި މަސްތުވާއެއްޗެއް މާއްދީގޮތުން ހުންނަ ހުރުމާއި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުންނަ ހުރުން ހިމެނޭގޮތުންނެވެ.

 

10 ވަނަ މާއްދާ - މަސްތުވާތަކެތިން މުއާމަލާތުކުރުން

"މަސްތުވާތަކެތިން މުއާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތި ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުންވެސް ހިމެނޭގޮތުންނެވެ.

 

11 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާ

"މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާ" ކަމަށް ބުނެފައިއެވަނީ، މަސްތުވާއެއްޗެއް ބޭނުންކުރަމުންދިޔުމުގެ ސަބަބުން، އެއާނުލާ ނުއުޅެވޭ މިންވަރަށް އެއަށް މުހުތާދުވެފައިވާ މީހާއަށެވެ. ނުވަތަ ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އޭގެ އަސަރަށް ލެނބި، އެއަށް ބަރޯސާކުރަންޖެހިފައިވާ މީހާއަށެވެ.

 

12 ވަނަ މާއްދާ - ފުރަތަމަ ހުކުމް

"ފުރަތަމަ ހުކުމް" ކަމަށް ބުނެފައިއެވަނީ، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހެއްގެ މައްޗަށް އެ ކޯޓުގައި އުފުލާފައިވާ ދައުވާ އެ ކޯޓުން އަޑުއަހައި، އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ކުށަށް ނުވަތަ ކުށްތަކަށް އޭނާ އިއުތިރާފުވާކަން ކަށަވަރުކުރުމަށްފަހު، އެ ކުށް ނުވަތަ ކުށްތައް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ކުރާ ހުކުމަށެވެ.

 

13 ވަނަ މާއްދާ - ފަހުގެ ހުކުމް

"ފަހުގެ ހުކުމް" ކަމަށް ބުނެފައިއެވަނީ، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރާ މީހަކު، އެ ޕްރޮގްރާމް ފުރިހަމަކޮށް ނިމުމުން، އޭނާއާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކޯޓުން ކުރާ ހުކުމަށެވެ.

 

14 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒު

"ފަރުވާދޭ މަރުކަޒު" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މި ގާނޫނުން ނޭށަނަލް ޑްރަގް އެޖެންސީން އުފެއްދުމަށް  ލާޒިމުކުރާ، ނުވަތަ އެ އެޖެންސީން އުފެއްދުމަށް ހުއްދަކުރާ ޑީޓޮކްސިފިކޭށަން ސެންޓަރުތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކާއި، ކުޑަކުދިންނަށް އަދި އަންހެނުންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކާއި، ހާފްވޭ ހައުސްތަކާއި، ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކާއި މިނޫންވެސް ފަރުވާގެ މަރުކަޒުތަކަށެވެ.

 

15 ވަނަ މާއްދާ - ޑްރަގް ކޯޓު

"ޑްރަގް ކޯޓު" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި ފަރުވާގެ ހާއްސަ ޕްރޮގްރާމްތަކެއްގައި އެމީހުން ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި ގާއިމުކުރާ ހާއްސަ ކޯޓަށެވެ.

 

16 ވަނަ މާއްދާ - ޑްރަގް ޑިޕެންޑެންސް އެސެސްމަންޓް

"ޑްރަގް ޑިޕެންޑެންސް އެސެސްމަންޓް" ކަމަށް ބުނެފައިއެވަނީ، ކުށުގެ ދައުވާ އުފުލިފައިވާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެންގުމަކަށް ހަދާ އެސެސްމަންޓަށެވެ.

 

17 ވަނަ މާއްދާ – ޓްރެފިކްކުރުން

"ޓްރެފިކްކުރުން" ކަމަށް ބުނެފައިއެވަނީ، ޕެޑްލަރަކަށް ނުވާ މީހަކު، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުއާމަލާތުކުރުމަށެވެ. ނުވަތަ ޕެޑްލަރަކަށް ހުރެ، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުއާމަލާތުކުރުމަށެވެ.

 

18 ވަނަ މާއްދާ - ޓްރެފިކްކުރާ މީހާ

"ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައިއެވަނީ، ޓްރެފިކްކުރުން ކަމަށް ބެލެވޭނެ އަމަލެއް ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ތެރެއިން އަމަލެއް ކުރުމާއެކު، މަސްތުވާތަކެތިން މުއާމަލާތުކުރާ މީހާއަށެވެ. ނުވަތަ ޕެޑްލަރަކަށް ހުރެ، ޓްރެފިކްކުރުން ކަމަށް ބެލެވޭނެ އަމަލެއް ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ތެރެއިން ދެ ކަމެއް ކުރާ މީހާއަށެވެ.

 

19 ވަނަ މާއްދާ – ޕެޑްލްކުރުން

"ޕެޑްލްކުރުން" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާ މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި، މަސްތުވާތަކެތިން މުއާމަލާތުކުރުމަށެވެ.

 

20 ވަނަ މާއްދާ – ޕެޑްލަރު

"ޕެޑްލަރު" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތިން މުއާމަލާތުކުރާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާއަށެވެ.

 

ދެވަނަ ބައި

މުއައްސަސާތައް އުފެއްދުމާގުޅޭ

 

ތިންވަނަ ބާބު

ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް

21 ވަނަ މާއްދާ - ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އުފެއްދުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް)  ދުވަހުގެ ތެރޭގައި "ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކައުންސިލެއް އުފައްދަންވާނެއެވެ.

(ށ) ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ފަރާތެވެ.

 

22 ވަނަ މާއްދާ - ކައުންސިލްގެ މަގްސަދު

ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މަސްތުވާތަކެއްޗާބެހޭ މައިގަނޑު ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުން؛

(ށ) ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އެންމެބޮޑު އިސްކަމެއްދީގެން އަމަލުކުރަންވީ އުސޫލުތަކާއި، އަޅަންވީ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛

(ނ) ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތައް ހިނގާގޮތާއި، އެ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛

(ރ) މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި އަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްހީ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް އަންގައިދިނުމާއި، އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ތައާރުފުކުރަންޖެހޭ ގައުމީ ސިޔާސަތުތަކަކީ ކޮބައިކަމާއި، ހުރި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛

(ބ) މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ހާލަތުތަކުގައި އަޅަން ފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛

(ޅ) ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގައި، މުޅި ސަރުކާރުގެ ފެންވަރުގައި އެއް އަމާޒެއް ގެންގުޅުމަށްޓަކައި، ސަރުކާރުގެ އިދާރާތަކަށް އަންގަންޖެހޭ އެންގުންތަކުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުން؛

(ކ) ބައިނަލްއަގްވާމީ ފެންވަރުގައާއި ގައުމީ ފެންވަރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާއި ހައްލުތައް ހޯދައި، ބަލައި، ދިރާސާކޮށް، ވަޒަންކޮށް، ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާނެ ހައްލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛

(އ) މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާއި އަމާޒުތައް ހާސިލުކުރެވެމުންދަނީ ކިހާ މިންވަރަކަށްތޯ ބަލައި، ސަރުކާރުގެ އިދާރާތަކުން އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކުރާ މަސައްކަތްތަކަކީ ކޮބައިކަން ހޯދައި، ބަލައި، ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އަންގަމުންދިޔުން؛

(ވ) މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި އެކި ފަރާތް ފަރާތުން ހޯދަންޖެހޭ އެހީ ދެނެގަނެ، އެފަދަ އެހީ ހޯދުމަށްޓަކައި މަސައްކަތްކުރުން.

 

23 ވަނަ މާއްދާ - ކައުންސިލް އެކުލެވިގެންވާ ގޮތް

ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އެކުލެވިގެންވާނީ، އަންނަނިވި 12 (ބާރަ)  މެންބަރުންގެ މައްޗަށެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާގެ ނައިބު؛

(ށ) މިނިސްޓަރ އޮފް ހޯމް އެފެއާޒް؛

(ނ) މިނިސްޓަރ އޮފް އެޑިއުކޭށަން؛

(ރ) މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ؛

(ބ) މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް؛

(ޅ) މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް؛

(ކ) އެޓަރނީ ޖެނެރަލް؛

(އ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް؛

(ވ) ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން؛

(މ) ޗީފް އޮފް ޑިފެންސް ފޯސް؛

(ފ) ކޮމިށަނަރ އޮފް ޕޮލިސް؛

(ދ) ޕްރޮސިކިއުޓަރ ޖެނެރަލް.

 

24 ވަނަ މާއްދާ - ކައުންސިލްގެ ރައީސް

ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. ކައުންސިލްގެ ރައީސް ކުރަންޖެހޭ ކަމެއް ކުރުމަށް ކައުންސިލްގެ ރައީސް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ކައުންސިލްގެ މެންބަރުންގެ ތެރެއިން މީހަކާ ކައުންސިލްގެ ރައީސް ހަވާލުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ކައުންސިލްގެ ބާރުތައް

ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ މަގްސަދުތައް ކަމުގައި މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު މި ގާނޫނުގައިވާ ގޮތުގެމަތިން އެ ކައުންސިލަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބާބު

ނޭށަނަލް ޑްރަގް އެޖެންސީ

26 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީ އުފެއްދުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް)  ދުވަހުގެ ތެރޭގައި "ނޭށަނަލް ޑްރަގް އެޖެންސީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

(ށ) ނޭށަނަލް ޑްރަގް އެޖެންސީއަކީ، މި ގާނޫނާއި މި ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާއާއި މަށްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމުން، އެ ސިޔާސަތުތައް ތަންފީޒުކުރާ މައިގަނޑު އިދާރާއެވެ.

 

27 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު

މި ގާނޫނުގެ ދަށުން އަންނަނިވި މަސްއޫލިއްޔަތުތައް ނޭށަނަލް ޑްރަގް އެޖެންސީއާ ހަވާލުކުރެވިގެންވެއެވެ.

(ހ) މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ހާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ށ) މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި އަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތައާރުފުކުރާ ގައުމީ ސިޔާސަތުތައް ތަންފީޒުކުރުން؛

(ނ) މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަމުންދޭތޯ ބަލަމުންދިޔުން؛

(ރ) މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން؛

(ބ) މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތްކުރުން؛

(ޅ) މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން؛

(ކ) މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން؛

(އ) މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މައުލޫމާތު ހިއްސާކުރުމާއި، އެމީހުންގެ މައުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން.

 

28 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީ ހިންގުން

(ހ) ނޭށަނަލް ޑްރަގް އެޖެންސީ ހިންގާނީ، އެ އެޖެންސީގެ ބޯޑުގެ ލަފާއާއި އިރުށާދާ އެއްގޮތްވާ ގޮތުގެމަތިން، އެ އެޖެންސީގެ ބޯޑުން އައްޔަންކުރާ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ޗީފް އެގްޒެކެޓިވް އޮފިސަރަކީ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކަށް ވާންވާނެއެވެ.

(ނ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރމަން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، ބޯޑުގެ ޖަލްސާތަކަށް ޗީފް އެގްޒެކެޓިވް އޮފިސަރ ހާޒިރުވާންވާނެއެވެ.

(ރ) ނޭށަނަލް ޑްރަގް އެޖެންސީއާބެހޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.

(ބ) ނޭށަނަލް ޑްރަގް އެޖެންސީ ހިންގުމާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ، އެޖެންސީގެ ބޯޑުންނެވެ.

 

29 ވަނަ މާއްދާ - އެޖެންސީގެ ބޯޑު

(ހ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑަކީ، އަންނަނިވި އިދާރާތައް ތަމްސީލުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 10 (ދިހައެއް)  މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ.

  1. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް؛
  2. މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ؛
  3. މިނިސްޓްރީ އޮފް ހޯމް އެފެއާޒް؛
  4. މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް؛
  5. މިނިސްޓްރީ އޮފް އެޑިއުކޭށަން؛
  6. މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް؛
  7. މޯލްޑިވްސް ޕޮލިސް ސަރވިސް؛
  8. މޯލްޑިވްސް ކަސްޓަމްސް ސަރވިސް؛
  9. ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން؛
  10. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް.

(ށ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރމަނަކީ، އެ ބޯޑުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހެކެވެ.

(ނ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑު ޖަވާބުދާރީވާނީ، މިނިސްޓަރަށެވެ.

 

ފަސްވަނަ ބާބު

ޑްރަގް ކޯޓު

30 ވަނަ މާއްދާ - ޑްރަގް ކޯޓު

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، "ޑްރަގް ކޯޓު" ގެ ނަމުގައި ކޯޓެއް އުފެދުނީއެވެ.

(ށ) ޑްރަގް ކޯޓަކީ، އާންމު ށަރުއީ ނިޒާމުގައި ހިމެނޭ، އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ އިހްތިސާސް ލިބިގެންވާ ކޯޓެކެވެ. އެހެންނަމަވެސް، އެ ކޯޓުގެ ޒާތުން އެ ކޯޓަށް ވަކި އިޖުރާއަތުތަކެއް ހާއްސަ ވެގެންވެއެވެ.

(ނ) ޑްރަގް ކޯޓަކީ ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)  ގައި ބަޔާންކުރާ ސުޕީރިއަރ ކޯޓާ އެއް ދަރަޖައެއްގައި އުފެދޭ ކޯޓެކެވެ. އަދި، މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)  ގައި ސުޕީރިއަރ ކޯޓުތަކާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތައް ޑްރަގް ކޯޓުގެ މައްޗަށް، އެ ކޯޓާގުޅޭ ނިސްބަތަށް ހިނގާނެއެވެ.

 

31 ވަނަ މާއްދާ - ކޯޓުގެ އަސާސް

ޑްރަގް ކޯޓުގެ އަސާސަކީ، ކޯޓުގެ އިހްތިސާސް ހިނގާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކޮށްގެން، އެމީހުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި ކުށަށް އަރައިގަތުމުގެ މިންވަރު މަދުކުރުމާއި، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުމެވެ.

 

32 ވަނަ މާއްދާ - ކޯޓުގެ މަގްސަދު

(ހ) ޑްރަގް ކޯޓު އުފެއްދުމުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

  1. ކޯޓުގެ އިހްތިސާސް ހިނގާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކުރުމަށް މަސައްކަތްކުރުން؛
  2. ކޯޓުގެ އިހްތިސާސް ހިނގާ މީހުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި ކުށަށް އަރައިގަތުމުގެ މިންވަރު މަދުކުރުން؛
  3. ކޯޓުގެ އިހްތިސާސް ހިނގާ މީހުން، އަނބުރާ މުޖުތަމައަށް ގެނެވޭނެ ގޮތް ހޯދައިދިނުމަށް އިސްކަންދިނުން؛
  4. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު، އާންމު ށަރުއީ ނިޒާމާ ގުޅުވައިދިނުމާއެކު، ފަރުވާ ދިނުމުގެ ނިޒާމަށް ގާނޫނީ އަދި ށަރުއީ ހައިސިއްޔަތު ދިނުން.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ މަގްސަދުތައް ޑްރަގް ކޯޓުން ހާސިލުކުރާނީ، އެ ކޯޓުގެ އިހްތިސާސް ހިނގާ މީހުން، އެ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު ނައްތާލައިގެން ނުވަތަ މަދުކޮށްގެންނެވެ.

 

33 ވަނަ މާއްދާ - ޑްރަގް ކޯޓަށް މައްސަލަތައް ބަދަލުވުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކްރިމިނަލް ކޯޓުން ނުވަތަ ޖުވެނައިލް ކޯޓުން ބަލަމުންއައި މައްސަލަތަކުގެ ތެރޭގައި ހުރި ޑްރަގް ކޯޓުގެ އިހްތިސާސާގުޅޭ މައްސަލަތަކަކީ ކޮބައިކަން އެ ދެ ކޯޓުގެ ފަނޑިޔާރުންނާއި، ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލް ގުޅިގެން ކަނޑައަޅައި، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 30 (ތިރީސް)  ދުވަހުގެ ތެރޭގައި އެ މައްސަލަތައް އެ ދެ ކޯޓުން ޑްރަގް ކޯޓަށް ބަދަލުކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކްރިމިނަލް ކޯޓުން ނުވަތަ ޖުވެނައިލް ކޯޓުން ބަލަމުންއައި މައްސަލަތަކުގެ ތެރޭގައި ހުރި ޑްރަގް ކޯޓުގެ އިހްތިސާސާގުޅޭ މައްސަލަތައް، މި މާއްދާގެ (ހ)  ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، ކްރިމިނަލް ކޯޓުން ނުވަތަ ޖުވެނައިލް ކޯޓުން ބަލައިގެންނުވާނެއެވެ.

 

34 ވަނަ މާއްދާ - ޑްރަގް ކޯޓު ހިންގަން ފެށުން

ފެށުން(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑްރަގް ކޯޓު އުފެދުނު ކަމުގައިވީނަމަވެސް، ޑްރަގް ކޯޓު ހިނގަން ފަށާނީ، އެ ކޯޓު ހިންގުމަށް ބޭނުންވާ ގަވާއިދުތައް އާންމުކޮށް އިއުލާންކުރާ ތާރީހުން ފެށިގެންނެވެ.

(ށ) ޑްރަގް ކޯޓު ހިންގުމަށް ބޭނުންވާ ގަވާއިދުތައް، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 30 (ތިރީސް)  ދުވަހުގެ ތެރޭގައި އެ ކޯޓުން ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސް ހިނގާނެ މީހުން

(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނީ، އެ ގިންތިއަކާ ގުޅޭގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ، އަންނަނިވި ތިން ގިންތީގެ މީހުންގެ މައްޗަށެވެ.

  1. މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހުން؛
  2. މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ނުފޫޒުގައި ހުރެ ކޮށްފައިވާ ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހުން؛
  3. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހުން.

(ށ) މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހެއް ކަމަށް މި މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނީ، އޭނާގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވުން؛ އަދި
  2. އޭނާއަކީ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަށް އިއުތިރާފުވެފައިވާ ނުވަތަ އިއުތިރާފުވުމަށް އެއްބަސްވެފައިވާ މީހެއް ކަމުގައިވުން؛ އަދި
  3. އޭނާއަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އުފުލިފައިވާ މީހެއް ކަމުގައިނުވުން؛ އަދި
  4. އޭނާއަކީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާ މީހެއް ކަމުގައިވުން.

(ނ) މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ތާސީރުގައި ހުރެ ކޮށްފައިވާ ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހެއް ކަމަށް މި މާއްދާގެ (ހ)  ގެ (2)  ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނީ، އޭނާގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވުން؛ އަދި
  2. އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާ ކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ނުފޫޒުގައި ހުރެ ކަމަށްވުން؛ އަދި
  3. އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމުގައިނުވުން؛ އަދި
  4. އޭނާއަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އުފުލިފައިވާ މީހެއް ކަމުގައިނުވުން؛ އަދި
  5. އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަކީ، އެ ކުށް ސާބިތުވެއްޖެނަމަ، 10 (ދިހައެއް)  އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ ނުވަތަ އަރުވާލުމުގެ އަދަބު އޭނާގެ މައްޗަށް ކަނޑައެޅިދާނެ ކުށަކަށްނުވުން؛ އަދި
  6. އޭނާއަކީ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަށް އިއުތިރާފުވެފައިވާ ނުވަތަ އިއުތިރާފުވުމަށް އެއްބަސްވެފައިވާ މީހެއް ކަމުގައިވުން؛ އަދި
  7. އޭނާއަކީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާ މީހެއް ކަމުގައިވުން.

(ރ) ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމަށް މި މާއްދާގެ (ހ)  ގެ (3)  ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނީ، އޭނާގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވުން؛ އަދި
  2. އޭނާ ތަންފީޒުކުރަމުންދާ ހުކުމް ނިސްބަތްވާ ކުށަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށް ކަމުގައިވުން؛ ނުވަތަ
  3. އޭނާއަކީ، އެއް ހުކުމަށްވުރެ ގިނަ ހުކުމް އޭނާގެ މައްޗަށް ކުރެވިފައިވާ މީހެއް ކަމަށްވެފައި، އޭނާ އެހިނދު ތަންފީޒުކުރަމުންދާ ހުކުމަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ހުކުމެއް ކަމުގައިނުވާނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުމުން، ދެން ތަންފީޒުކުރަން އޮތް ހުކުމަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ހުކުމެއް ކަމުގައިވުން؛ އަދި
  4. އޭނާ ތަންފީޒުކުރަމުންދާ ހުކުމް ނިސްބަތްވާ ކުށަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމުގައިނުވުން؛ އަދި
  5. އޭނާއަކީ، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އުފުލިފައިވާ މީހެއް ކަމުގައިނުވުން؛ އަދި
  6. އޭނާއަކީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާ މީހެއް ކަމުގައިވުން.

 

36 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސް ނުހިނގާނެ މީހުން

އަންނަނިވި ކުށްކުށުގެ ތެރެއިން ކުށެއްގެ ދައުވާ އުފުލިފައިވާ މީހުންނާއި، އެއިން ކުށެއް ސާބިތުވެ، ހުކުމް ތަންފީޒުކޮށްނިމިފައިނުވާ މީހުންގެ މައްޗަށް ޑްރަގް ކޯޓުގެ އިހްތިސާސެއް ނުހިނގާނެއެވެ.

(ހ) މީހަކު މެރުމުގެ ކުށް؛

(ށ) ޓެރަރިޒަމްގެ ކުށް؛

(ނ) ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު)  ގައި ކަނޑައަޅާފައިވާ ކުށެއް؛

(ރ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛

(ބ) ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް؛

(ޅ) މި މާއްދާގެ (ހ)  އިން ފެށިގެން (ބ)  ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގައި ބައިވެރިވުމުގެ ކުށް ނުވަތަ އެއިން ކުށެއް ކުރުމުގައި އެހީތެރިވެދިނުމުގެ ކުށް.

 

37 ވަނަ މާއްދާ - ޑްރަގް ކޯޓުގެ އިހްތިސާސް

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހުން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ޑްރަގް ކޯޓަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައި، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)  ގެ ދަށުން ކްރިމިނަލް ކޯޓަށާއި ޖުވެނައިލް ކޯޓަށް ލިބިގެންވާ ބާރުތައް ޑްރަގް ކޯޓަށް ލިބިގެންވެއެވެ.

 

38 ވަނަ މާއްދާ - ޑްރަގް ކޯޓު އެކުލެވިގެންވާ ގޮތް

(ހ) ޑްރަގް ކޯޓު އެކުލެވިގެންވާނީ މަދުވެގެން 5 (ފަހެއް)  ފަނޑިޔާރުންގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، ޑްރަގް ކޯޓުގެ މަސައްކަތަށް ބަލައި، ފަނޑިޔާރުން އިތުރުކުރަންޖެހޭ ކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ ކޮމިށަނުން ކަނޑައަޅާ އަދަދަކަށް، އެ ކޯޓަށް އިތުރު ފަނޑިޔާރުން އައްޔަންކުރެވިދާނެއެވެ.

(ނ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައި، ހުކުމްކުރާނީ އެއް ފަނޑިޔާރަކު ހުރެގެން ހިންގާ ށަރީއަތުގެ މަޖިލީހަކުންނެވެ.

 

39 ވަނަ މާއްދާ - ފަނޑިޔާރުން އައްޔަންކުރުން

މި ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޑްރަގް ކޯޓަށް އައްޔަންކުރަންޖެހޭ ފަނޑިޔާރުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް)  ދުވަހުގެ ތެރޭގައި ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)  އާ އެއްގޮތްވާ ގޮތުގެމަތިން ޖުޑީށަލް ސަރވިސް ކޮމިށަނުން އައްޔަންކޮށް ނިންމަންވާނެއެވެ.

 

40 ވަނަ މާއްދާ - ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ށަރުތު

(ހ) ޑްރަގް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އިސްލާމީ ށަރީއާގެ ރޮނގުން ނުވަތަ ގާނޫނުގެ ރޮނގުން ނުވަތަ ގާނޫނާއި އިސްލާމީ ށަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛
  2. ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނިގެންވާ ކަމަކާ ގުޅޭގޮތުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުންކުރެ ކަމެއްގައި އަމަލީ ގޮތުން މަސައްކަތްކޮށް، މަދުވެގެން 2 (ދޭއް)  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ދެ ށަރުތު ފުރިހަމަވުމުން، ގާނޫނުއަސާސީ ގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތައުލީމާއި ތަޖުރިބާގެ ށަރުތު ޑްރަގް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވީ ކަމުގައި ބެލެވޭނެއެވެ.

 

41 ވަނަ މާއްދާ - ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ބާރުތައް

ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް، މި ގާނޫނުގެ ދަށުން އަންނަނިވި ބާރުތައް ލިބިގެންވެއެވެ.

(ހ) ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުން؛

(ށ) ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ގާނޫނާއި ގަވާއިދު ހުއްދަކުރާ ގޮތުގެމަތިން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން؛

(ނ) ޑްރަގް ކޯޓުގެ ހިންގުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.

 

42 ވަނަ މާއްދާ - މުވައްޒަފުން އައްޔަންކުރުން

ޑްރަގް ކޯޓަށް ބޭނުންވާ މުވައްޒަފުން، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 30 (ތިރީސް)  ދުވަހުގެ ތެރޭގައި އައްޔަންކޮށް ނިންމަންވާނެއެވެ.

 

43 ވަނަ މާއްދާ - ޑްރަގް ކޯޓު ގާއިމުކުރެވިފައިވާ ތަން

ތަންޑްރަގް ކޯޓު އާންމުކޮށް ގާއިމުވެފައި ހުންނާނީ މާލޭގައެވެ. އެހެންނަމަވެސް، ޑްރަގް ކޯޓުގެ ފަނޑިޔާރުން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާގޮތަށް ހަމަޖެއްސުމަށް ނުވަތަ އެއިރެއްގައި ޑްރަގް ކޯޓު ހުރުމަށް ބޭނުންވާ ތަނަކަށް އެ ކޯޓު ބަދަލުކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

44 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ލަފާ ދިނުން

މަސްތުވާތަކެތީގެ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައާއި، އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގައާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމުގައި، ޑްރަގް ކޯޓަށް ބޭނުންވާ ލަފާ، ނޭށަނަލް ޑްރަގް އެޖެންސީން ދޭންވާނެއެވެ.

 

45 ވަނަ މާއްދާ - ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ލަފާދިނުމަށް ފަންނީ މީހުން އައްޔަންކުރުން

މި ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ލަފާ ދިނުމަށްޓަކައި، ފަންނީ ޓީމެއް ނުވަތަ ޓީމުތަކެއް އެ އެޖެންސީން އެކުލަވާލަންވާނެއެވެ. އަދި މިފަދަ ޓީމުތަކުގެ ހިދުމަތް މެދުކެނޑުމެއް ނެތި ޑްރަގް ކޯޓަށް ލިބޭނެ އިންތިޒާމު ނޭށަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެއެވެ.

 

46 ވަނަ މާއްދާ - ރިޕޯޓް ހުށަހެޅުން

ޑްރަގް ކޯޓުން އަހަރަކު އެއްފަހަރު އަންނަނިވި ކަންކަން ހިމެނޭގޮތަށް ރިޕޯޓެއް އެކުލަވާލާ ނޭށަނަލް ޑްރަގް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1. ހުށަހެޅޭ މައްސަލަތަކުގެ ތަފްސީލު؛
  2. މައްސަލަތައް ނިމުނު ގޮތްތައް؛
  3. މައްސަލަތަކުގެ ބާވަތް؛
  4. ފަރުވާއަށް ފޮނުވުނު މީހުންގެ ތަފްސީލު؛
  5. ފަރުވާ ފުރިހަމަކުރި މީހުންގެ ތަފްސީލު؛
  6. ފަރުވާ ފުރިހަމަނުކުރާ މީހުންގެ ތަފްސީލު؛
  7. މައްސަލަ ނިމުމަށް ހޭދަވި ވަގުތު؛
  8. އިދާރީގޮތުން ހުރި ދަތިތައް.

 

ހަވަނަ ބާބު

ފަރުވާދޭ މަރުކަޒުތައް

47 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތައް އުފެއްދުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި އަންނަނިވި ބާވަތުގެ މަރުކަޒުތައް، ނޭށަނަލް ޑްރަގް އެޖެންސީން އުފައްދައި، ހިންގަން ފަށަންވާނެއެވެ.

  1. ޑީޓޮކްސިފިކޭށަން ސެންޓަރެއް؛
  2. ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރެއް؛
  3. ކުޑަކުދިންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރެއް؛
  4. އަންހެނުންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރެއް؛
  5. ހާފްވޭ ހައުސެއް؛
  6. ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއް؛

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ކޮންމެހެން ބޭނުންވާ އަދަދަށް އުފައްދަންޖެހޭ ޑީޓޮކްސިފިކޭށަން ސެންޓަރުތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކާއި، ކުޑަކުދިންނަށް އަދި އަންހެނުންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކާއި، ހާފްވޭ ހައުސްތަކާއި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކާއި ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ އެނޫންވެސް ފަރުވާދޭ މަރުކަޒުތައް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ނޭށަނަލް ޑްރަގް އެޖެންސީން އުފައްދައި ހިންގުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 (ނ) ނޭށަނަލް ޑްރަގް އެޖެންސީން އުފައްދައި ހިންގަން މި މާއްދާގެ (ހ)  އިން ލާޒިމުކުރާ މަރުކަޒުތައް އުފެއްދުމުގެ އިތުރަށް، އެފަދަ މަރުކަޒުތައް އުފައްދައި ހިންގުމަށް ށައުގުވެރިވާ އަމިއްލަ ފަރާތްތަކަށް، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ މަރުކަޒުތައް ދިވެހިރާއްޖޭގައި ހަދައި ހިންގުމުގެ ހުއްދަ ދެވިދާނެއެވެ.

 

48 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތަކުގެ ތަފްސީލު

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޑީޓޮކްސިފިކޭށަން ސެންޓަރުތަކަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު މާއްދީގޮތުން ކަނޑުވާލައި، މަސްތުވާތަކެތީގެ ވަބާއިން އޭނާ ސަލާމަތްކުރުމަށް ސިއްހީ ފަރުވާދޭ ބައެއްގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމްތައް ހިންގުމަށް ހާއްސަކުރެވޭ މަރުކަޒުތަކެކެވެ.

(ށ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހާ އެތަނެއްގައި ބަންދުގައި ބަހައްޓައިގެން، އެކަމަށް ފަރުވާދީގެން އޭނާ އިސްލާހުކުރުމުގެ ޕްރޮގްރާމްތައް ހިންގައިދީގެން މަސްތުވާތަކެއްޗާ ދުރަށް ދިޔުމަށް މަސައްކަތްކުރާ ވަގުތު ދިމާވާ އުނދަގޫތައް ތަހައްމަލްކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ މަރުކަޒުތަކެކެވެ.

(ނ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކުޑަކުދިންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 18 (އަށާރަ)  އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން އެކުދިން ބޮޑެތި މީހުންނާ ވަކިން ބައިތިއްބައިގެން މަސްތުވާތަކެތީގެ ނުރައްކަލުން އެކުދިން ސަލާމަތްކުރުމަށް ފަރުވާދީ، އެކި ޕްރޮގްރާމްތައް ހިންގައިދީގެން، އެކުދިން މަސްތުވާތަކެއްޗާ ދުރަށް ދިޔުމަށް މަސައްކަތްކުރާ ވަގުތު ކުރިމަތިވާ އުނދަގޫތައް ތަހައްމަލްކުރުމުގައި އެހީތެރިވެދިނުމަށް ހާއްސަކުރެވޭ މަރުކަޒުތަކެކެވެ.

(ރ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ)  ގެ (4)  ވަނަ ނަންބަރުގައި ބަޔާންކުރާ އަންހެނުންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކަކީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ)  ގެ (2)  ވަނަ ނަންބަރުގައި ބަޔާންކުރާ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކުގެ ތެރެއިން، އަންހެނުންނަށް ހާއްސަކުރެވޭ މަރުކަޒުތަކެވެ.

(ބ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ހާފްވޭ ހައުސްތަކަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އާއިލާއެއްގެ ތެރޭގައި ދިރިއުޅެވޭ ގޮތުގެ މައްޗަށް ބިނާކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެތަނުގައި ދިރިއުޅެމުން ފަރުވާ ހޯދޭނެ ގޮތަށް ތައްޔާރުކުރެވޭ މަރުކަޒުތަކެކެވެ.

(ޅ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެމީހުންގެ ބަންދުގެ މުއްދަތުގައި އެތާނގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ހާއްސަކުރެވޭ މަރުކަޒުތަކެކެވެ.

 

49 ވަނަ މާއްދާ - މަރުކަޒުތައް ހިންގުމުގެ ހުއްދަ

މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން އުފައްދާ ފަރުވާދޭ މަރުކަޒުތަކަކީ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ އެޖެންސީން ދޫކުރާ ލައިސަންސެއްގެ ދަށުން ހުއްދަ ލިބިގެން ހިންގޭ މަރުކަޒުތަކެއް ކަމުގައި ވާންޖެހޭނެއެވެ.

 

50 ވަނަ މާއްދާ - މަރުކަޒުތަކާ ގުޅޭގޮތުން ގަވާއިދު ހެދުން

މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސްދިނުމުގެ އުސޫލުތައް، ނޭށަނަލް ޑްރަގް އެޖެންސީ އުފައްދާ ތާރީހުން ފެށިގެން 3 (ތިނެއް)  މަސްދުވަހުގެ ތެރޭގައި އެ އެޖެންސީން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ފަރުވާދޭ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކަކީ، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާފައިވާ، އަދި އެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގަމުންދާ ޕްރޮގްރާމްތަކަކަށް ވާންވާނެއެވެ. އަދި މިގަވާއިދުގައި ކައުންސެލިންގ ދިނުންވެސް ހިމެނުމާއިއެކު އެކައުންސެލިންގއަކީ އިސްލާމީ ތަރުބަވީ ކައުންސެލިންގ އެއްކަމަށް ކަނޑައަޅަންވާނެއެވެ.

(ށ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ފަރުވާދޭ މަރުކަޒުތަކުގައި ހިދުމަތްދޭ ތަފާތު ގިންތީގެ ނުވަތަ ތަފާތު ފަންނުގެ ނުވަތަ ތަފާތު ފަންތީގެ މުވައްޒަފުން މަގާމަށް ށަރުތު ފުރިހަމަވާނެ ގޮތާއި، މަގާމުގައި ހަރަކާތްތެރިވުމުގައި ހިފަހައްޓަންޖެހޭނެ ސުލޫކީ ހަމަތަކާއި، ފަންނީ ހަމަތައް، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ޒިންމާ

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ ކޮންމެ މަރުކަޒެއްވެސް ހިންގަންވާނީ، އެ މަރުކަޒު ހިންގާ ފަރާތުން ސުޕްރިންޓެންޑެންޓެއް އައްޔަންކޮށް، އެތަނުގެ ފުރިހަމަ ޒިންމާ އެ ސުޕްރިންޓެންޑެންޓް އުފުލަންޖެހޭނެ ގޮތަށެވެ.

(ށ) މި ގާނޫނާ ހިލާފަށް ނުވަތަ އެހެން ގާނޫނަކާ ހިލާފަށް މަރުކަޒެއްގައި ހިނގާ ކަމެއްގެ ސަބަބުން، މަރުކަޒުގެ ވެރިފަރާތް އުފުލަންޖެހޭ ޒިންމާއިން އެފަރާތެއް ބަރީއައެއްނުވާނެއެވެ.

(ނ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ މަރުކަޒުތައް ހިންގަމުންގެންދާ ގޮތް ނޭށަނަލް ޑްރަގް އެޖެންސީން ބަލަންވާނެއެވެ. އަދި މަދުވެގެން އަހަރަކު 2 (ދޭއް)  ފަހަރު ކަމާގުޅޭގޮތުން ރިޕޯޓެއް އެކުލަވާލައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

53 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތަކުގެ މުރާޖައާ ކޮމިޓީ

(ހ) މި ގާނޫނުގެ ދަށުން ފަރުވާދޭ މަރުކަޒުތަކުގައި ފަރުވާ ދެމުންގެންދާއިރު ނުވަތަ އިސްލާހުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން ގެންދާއިރު، ފަރުވާ ދެވޭ މީހުންނާގުޅޭ ކަންކަން މުރާޖައާކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މުރާޖައާ ކޮމިޓީއެއް ކޮންމެ މަރުކަޒެއްގެ ސުޕްރިންޓެންޑެންޓް އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީގެ ޗެއަރޕަރސަނަކަށް ހުންނަ މީހަކީ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ މީހަކަށް ވާންވާނެއެވެ.

 

ތިންވަނަ ބައި

ށަރީއަތުގެ މަރުހަލާ

 

ހަތްވަނަ ބާބު

މައްސަލަ ހުށަހެޅުމާއި މައްސަލަ ބަދަލުކުރުން

54 ވަނަ މާއްދާ -  ދައުވާ  އުފުލުން

(ހ) މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިގެން ހިންގޭ ތަހުގީގެއްގައި ފާހަގަކުރެވޭ ކަންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކޮށް، ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ދައުވާކުރުމަށް ނިންމައިފިނަމަ، އަދި ކުށުގެ ތުހުމަތުގައިވާ މީހާއަކީ ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެކުށުގެ ދައުވާ އޭނާ ހުށަހަޅާނީ ޑްރަގް ކޯޓަށެވެ.

(ށ) ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހުންގެ ތެރެއިން ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުން ފިޔަވައި އެހެން މީހުންގެ ދައުވާ ކުރިއަށް ގެންދާނީ، ކްރިމިނަލް ކޯޓުގައި ނުވަތަ ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓެއްގައެވެ.

 

55 ވަނަ މާއްދާ - ދައުވާކުރުމާއި ދައުވާ ނުކުރުމުގެ އިހްތިޔާރު

(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދިޔަ ނަމަވެސް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ، ކްރިމިނަލް ކޯޓުގައި ނުވަތަ އެފަދަ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮތް އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ އެހެން ކުށެއްގެ ދައުވާ، އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލަންޖެހިއްޖެ ހިނދެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލަށް އެ ދައުވާ ނުއުފުލާ ދޫކޮށްލައި، ޑްރަގް ކޯޓުގައި ހިނގަމުންދާ ދައުވާ އެކަނި ކުރިއަށް ގެންދިޔުމަށް ކަނޑައެޅިދާނެއެވެ.

 

56 ވަނަ މާއްދާ - ހިނގަމުންދާ ދައުވާއެއް އަނބުރާ ގެނައުން

(ހ) ޑްރަގް ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އެ ކޯޓު ނޫން އެހެން ކޯޓެއްގައި އުފުލާފައިވަނިކޮށް، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ ޑްރަގް ކޯޓުގައި އުފުލަންޖެހިއްޖެނަމަ، އެހާތަނަށް ކުރަމުންދިޔަ ދައުވާ އަނބުރާ ގެނެސް، އޭނާގެ މައްޗަށް ޑްރަގް ކޯޓުގައި އެކަނި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.

(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓަށް އޭނާގެ ދައުވާ ހުށަހެޅުނުއިރު އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކުށެއްގެ ދައުވާ، އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލާފައިވާނަމަ، އެ ދައުވާ އަނބުރާ ގެނެސް، ޑްރަގް ކޯޓުގައި ހިނގަމުންދާ ދައުވާ އެކަނި ކުރިއަށް ގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.

 

57 ވަނަ މާއްދާ - އެއް ދައުވާއަށްވުރެ ގިނަ ދައުވާ އުފުލުން

(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކުށަކާ ގުޅިގެން އެއް ދައުވާއަށްވުރެ ގިނަ ދައުވާ އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލަންޖެހިއްޖެ ހިނދެއްގައި، އޭނާގެ މައްޗަށް އެ ދައުވާތަކުގެ ތެރެއިން ކޮންމެވެސް އެއް ދައުވާއެއް ކޮށް، އެހެން ދައުވާތައް ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ. ނުވަތަ އެއިން އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލައި، ޑްރަގް ކޯޓުގައި ހިނގަމުންދާ ދައުވާ އެކަނި ކުރިއަށް ގެންދިޔުމަށް ކަނޑައެޅިދާނެއެވެ.

(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކުށަކާ ގުޅިގެން އެއް ދައުވާއަށްވުރެ ގިނަ ދައުވާ އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލާފައިވާ ހާލަތުގައި، އެ ދައުވާތަކުގެ ތެރެއިން ކޮންމެވެސް އެއް ދައުވާއެއް ކުރިއަށް ގެންގޮސް އެހެން ދައުވާތައް އަނބުރާ ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ. ނުވަތަ އެއިން އެއްވެސް ދައުވާއެއް ކުރިއަށް ނުގެންގޮސް، ޑްރަގް ކޯޓުގައި ހިނގަމުންދާ ދައުވާ އެކަނި ކުރިއަށް ގެންދިޔުމަށް ކަނޑައެޅިދާނެއެވެ.

 

58 ވަނަ މާއްދާ - ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ އިތުރު ކުށާގުޅޭ ދައުވާ

(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓުން ބެލުމުގެ އިހްތިސާސް ލިބިގެންވާ ކުށެއްގެ އިތުރު ދައުވާއެއް އޭނާގެ މައްޗަށް އުފުލަންޖެހިއްޖެ ހާލަތެއްގައި، އެ ދައުވާ ނުކޮށް ދޫކޮށްލައި، ޑްރަގް ކޯޓުގައި އެވަގުތު ހިނގަމުންދާ ދައުވާ އެކަނި ކުރިއަށްގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.

(ށ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދާ މީހެއްގެ މައްޗަށް، އޭނާ ކޮށްފައިވާ މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެހެން ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލަންޖެހިއްޖެ ހާލަތެއްގައި، އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭށަން އަމުރާ އެއްގޮތަށް އޭނާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރަމުން ގެންދާހާހިނދަކު، އެ ދައުވާ ނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ. އަދި ރީހެބިލިޓޭށަން އަމުރާ އެއްގޮތަށް ފަރުވާގެ ޕްރޮގްރާމް އޭނާ ފުރިހަމަނުކޮށް ހުއްޓާލައިފިނަމަ، އޭނާގެ މައްޗަށް އެ ދައުވާ އުފުލުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަށް މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފަހުގެ ހުކުމެއް އިއްވާފައިވަނިކޮށް، އެ ކޯޓަށް އޭނާގެ މައްސަލަ ހުށަހެޅުމުގެ ކުރިން އޭނާ ކޮށްފައިވާ މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެހެން ޖިނާއީ ކުށަކާ ގުޅިގެން ދައުވާއެއް އުފުލަންޖެހިއްޖެ ހާލަތެއްގައި، އެ ދައުވާ ނުކޮށް ދޫކޮށްލުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

59 ވަނަ މާއްދާ - ދައުވާ ނުކުރުމަށް ނުވަތަ ދައުވާ އަނބުރާ ގެނައުމަށް ނިންމުމުގައި ރިއާޔަތްކުރަންވީ ކަންކަން

މި ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން، ނުވަތަ 56 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން، ނުވަތަ 57 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން، ނުވަތަ 58 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން، އެއްވެސް ނިންމުމެއް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަންވާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައެވެ.

(ހ) ޑްރަގް ކޯޓު ނޫން އެހެން ކޯޓެއްގައި ހިނގަމުންދާ ދައުވާ ނިސްބަތްވާ ކުށް، ކުށުގެ ދައުވާ އުފުލިފައިވާ މީހާ ކޮށްފައިވާ ހާލަތަށް ބަލާއިރު، އޭނާ އެކުށް ކުރީ މަސްތުވާތަކެތި ބޭނުންކޮށްގެން އޭގެ ނުފޫޒުގައި ޖެހިގެންހުރެކަމަށް ބުރަވެވޭކަމަށް، ނުވަތަ އެކުށް އޭނާ ކުރިކަމަށް ބެލެވޭ ވަގުތުގައިވެސް އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށް ބެލުމުގެ ފުރުސަތު ލިބިދޭކަމަށް އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް މެދުވެރިކޮށް ހަދާ ޑްރަގް ޑިޕެންޑެންސް އެސެސްމަންޓަކުން ފެންނަން އޮތުން؛ ނުވަތަ

(ށ) އެ ދައުވާ ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމްގައި އޭނާ ބައިވެރިކުރުމަކީ އެ ހާލަތުގައި އެންމެ އަދުލުވެރި އަދި އިންސާފުވެރި ގޮތްކަމަށް ގަބޫލުކުރެވުން.

 

60 ވަނަ މާއްދާ - ޑްރަގް ކޯޓުން މައްސަލަ ބެލުން ހުއްޓާލުން

(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، މި ގާނޫނުގެ 65 ވަނަ މާއްދާގެ (ށ)  ނުވަތަ އެ މާއްދާގެ (ނ)  ގައި ބަޔާންކުރާ ސަބަބެއް ދިމާވެއްޖެނަމަ، އެ ދައުވާ، އެ ކޯޓުގައި ކުރިއަށްގެންދެވެން ނެތްކަމަށް ކޯޓުން ކަނޑައަޅައި، ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓަކަށް އެ ދައުވާ އެ ކޯޓުން ބަދަލުކުރަންވާނެއެވެ.

(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ ދައުވާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމް އޭނާގެ މައްޗަށް އަތުވެއްޖެނަމަ، އެހިނދުން ފެށިގެން ޑްރަގް ކޯޓުން ބަލަމުންދިޔަ ދައުވާ ބެލުން ހުއްޓާލައި، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރަން ފަށަންވާނެއެވެ.

 

ހަތަރުވަނަ ބައި

ޑްރަގް ކޯޓުން މައްސަލަ ބެލުން

 

އަށްވަނަ ބާބު

ޑްރަގް ކޯޓުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުން

61 ވަނަ މާއްދާ - ޑްރަގް ކޯޓުން ބައެއް ކަންކަން ކަށަވަރުކުރުން

މި ގާނޫނުގެ 54 ވަނަ މާއްދާގެ (ހ)  ގެ ދަށުން ޑްރަގް ކޯޓަށް ދައުވާއެއް ހުށަހެޅޭހިނދު، ކުށުގެ ދައުވާ އުފުލިފައިވާ މީހާއާ ގުޅޭގޮތުން އަންނަނިވި ކަންކަން އެ ކޯޓުން ކަށަވަރުކުރަންވާނެއެވެ.

(ހ) އޭނާއަކީ، އެ ކޯޓުގެ އިހްތިސާސް ހިނގާ މީހެއްކަން؛ އަދި

(ށ) އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭކަން؛ އަދި

(ނ) މި ގާނޫނުގެ 62 ވަނަ މާއްދާގެ (ށ)  ގައިވާ ގޮތުގެމަތިން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އޭނާ ގަބޫލުވާކަން؛ އަދި

(ރ) އޭނާ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާކަން.

 

62 ވަނަ މާއްދާ - ޑްރަގް ކޯޓުން ދައުވާ ކުރިއަށްގެންދިޔުމާމެދު ގޮތެއް ކަނޑައެޅުން

(ހ) ޑްރަގް ކޯޓުގައި ދައުވާ އުފުލިފައިވާ މީހަކީ، އެ ކޯޓުގެ އިހްތިސާސް ހިނގާ މީހެއް ނޫން ކަމުގައިވާނަމަ، ނުވަތަ އެ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އޭނާ އިއުތިރާޒްކުރާނަމަ، އެ ދައުވާ، އެ ކޯޓުގައި ކުރިއަށްގެންދެވެން ނެތްކަމަށް ކޯޓުން ކަނޑައަޅައި، ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓަކަށް އެ ދައުވާ ބަދަލުކުރަންވާނެއެވެ.

(ށ) ކުށުގެ ދައުވާ އުފުލިފައިވާ މީހާއަކީ، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހެއް ކަމާއި، އެ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އޭނާ އެއްބަސްވާކަން ޑްރަގް ކޯޓަށް ކަށަވަރުކުރެވިއްޖެނަމަ، އޭނާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާގެ ބާވަތް ކަނޑައެޅުމަށްޓަކައި، ހުއްދަކޮށްފައިވާ ފަރާތެއް މެދުވެރިކޮށް އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީއަށް އެ ކޯޓުން އަމުރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށްޓަކައި ކޯޓުން އަމުރުކުރާއިރު އެ އަމުރުގައި، އެ ރިޕޯޓް ހަދައި ކޯޓަށް ހުށަހަޅަންޖެހޭނެ ތާރީހެއް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ޑްރަގް ކޯޓުން އަމުރުކޮށްފިނަމަ، އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހަޅަންދެން، ކުށުގެ ދައުވާ އުފުލިފައިވާ މީހާއާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމަށްވެސް ކޯޓުން އަމުރުކުރަންވާނެއެވެ.

  1. ކަނޑައެޅޭ ވަކި ތާރީހެއްގައި އަނބުރާ ކޯޓަށް ހާޒިރުކުރުމަށްޓަކައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައި ކުށުގެ ދައުވާ އުފުލިފައިވާ މީހާ ބަންދުކުރުމަށް؛ ނުވަތަ
  2. ވަކި ތާރީހެއްގައި ކޯޓަށް ހާޒިރުވުން ށަރުތުކޮށް، ކަފާލާތުގެ އުސޫލުން ނުވަތަ އެނޫންވެސް ކޯޓުން ކަނޑައަޅާ ށަރުތަކާއެކު ކުށުގެ ދައުވާ އުފުލިފައިވާ މީހާ ދޫކޮށްލުމަށް.

(ބ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ޑްރަގް ކޯޓުން އަމުރުކޮށްފިނަމަ، އަދި އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހަޅަންދެން ކުށުގެ ދައުވާ އުފުލިފައިވާ މީހާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައި ބަންދުކުރުމަށް މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޯޓުން އަމުރުކޮށްފިނަމަ، އަންނަނިވި ކަންކަން ކުރުމަށް، އޭނާ ބަންދުގައި ބަލަހައްޓާ ފަރާތަށް ކޯޓުން އަމުރުކުރަންވާނެއެވެ.

  1. ކޯޓުން ކަނޑައަޅާ ތާރީހެއްގައި ކުށުގެ ދައުވާ އުފުލިފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަށް؛ އަދި
  2. ކުށުގެ ދައުވާ އުފުލިފައިވާ މީހާ ބަންދުކުރެވިފައިވާ ތަނުގައި އޭނާ ބަހައްޓައިގެން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ ބަޔަކަށް އޭނާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ޑްރަގް ކޯޓުން އަމުރުކޮށްފިނަމަ، އަދި އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހަޅަންދެން ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ކަނޑައަޅާ ށަރުތަކާއެކު ކުށުގެ ދައުވާ އުފުލިފައިވާ މީހާ ދޫކޮށްލުމަށް މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޯޓުން ނިންމައިފިނަމަ، އަންނަނިވި ކަންކަން ކުރުމަށް ކުށުގެ ދައުވާ އުފުލިފައިވާ މީހާއަށް ކޯޓުން އަމުރުކުރަންވާނެއެވެ.

  1. ކޯޓުން ކަނޑައަޅާ ތާރީހެއްގައި ކޯޓަށް ހާޒިރުވުމަށް؛ އަދި
  2. އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށްޓަކައި އޭނާ ހާޒިރުވުމަށް ނޭށަނަލް ޑްރަގް އެޖެންސީން އަންގާ ތަނަކަށް އަދި ތާރީހެއްގައި ހާޒިރުވެ، އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އެ އެޖެންސީން ކަނޑައަޅާ ބަޔަކާ ބައްދަލުކުރުމަށް.

 

63 ވަނަ މާއްދާ - އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށް ކޯޓަށް ހުށަހެޅުން

(ހ) މި ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޑްރަގް ކޯޓުން އަމުރުކޮށްފައިވާ ތާރީހަށް ނޭށަނަލް ޑްރަގް އެޖެންސީން އިންޑިކޭޓިވް އެސެސްމަންޓް ހަދައި، ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކުށުގެ ދައުވާ އުފުލިފައިވާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް؛
  2. ކުށުގެ ދައުވާ އުފުލިފައިވާ މީހާ ފަރުވާގެ ޕްރޮގްރާމަކަށް ތައްޔާރުވެފައިވާ ނިސްބަތް؛
  3. ކުށުގެ ދައުވާ އުފުލިފައިވާ މީހާ ފަރުވާގެ ޕްރޮގްރާމަކަށް ތައްޔާރުވެފައިވާނަމަ، އޭނާއަށް ދިނުމަށް ފެންނަނީ ކޮން ބާވަތެއްގެ ފަރުވާއެއްކަން އަދި/ނުވަތަ އޭނާ ބައިވެރިކުރަން ފެންނަނީ ފަރުވާގެ ކޮން ޕްރޮގްރާމެއްގައިކަން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހެޅުމުން، އެ ރިޕޯޓުގެ ކޮޕީއެއް، ދައުވާކުރާ ފަރާތަށާއި ކުށުގެ ދައުވާ އުފުލިފައިވާ ފަރާތަށް ކޯޓުން ދޭންވާނެއެވެ.

(ރ) އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުގެ މައްޗަށް ބިނާކޮށް، މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި ދައުވާކުރާ ފަރާތާއި ކުށުގެ ދައުވާ އުފުލިފައިވާ ފަރާތް ޑްރަގް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، އެ ރިޕޯޓުގައިވާ ކަންކަމާމެދު ރިއާޔަތްކުރުމަށް އެމީހުންނަށް އެކަށީގެންވާ ވަގުތު ކޯޓުން ދޭންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ އިންޑިކޭޓިވް އެސެސްމަންޓް ނޭށަނަލް ޑްރަގް އެޖެންސީން ހަދާނީ، އެކަމަށްޓަކައި އެ އެޖެންސީން ލައިސަންސް ދޫކޮށްފައިވާ ފަރާތެއް މެދުވެރިކޮށެވެ.

(ޅ) އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީން ހުއްދަކުރާ ފަރާތްތަކުގެ ށަރުތުތަކާއި، އެފަރާތްތަކަށް ލައިސަންސް ދޫކުރުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

64 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވުން

(ހ) ވަކި މީހަކީ ޑްރަގް ކޯޓުގައި ދައުވާ އުފުލިފައިވާ މީހެއް ކަމަށްވީނަމަވެސް، އޭނާ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަވާނީ، އޭނާއަކީ މި ގާނޫނުގެ 62 ވަނަ މާއްދާގެ (ށ)  ގެ ދަށުން ހަދާ އިންޑިކޭޓިވް އެސެސްމަންޓްގައި އޭނާ ބައިވެރިވާންޖެހޭކަމަށް ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމްގައި އަމަލީގޮތުން ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމުގެ ކުޅެދުންތެރިކަން ހުރި މީހެއް ކަމުގައިވާނަމައެވެ.

(ށ) އަންނަނިވި މީހުން، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމައެއްނުވާނެއެވެ.

  1. ސިކުނޑިއަށް ކުރިމަތިވެފައިވާ ހާލަތެއް ނުވަތަ އުނިކަމެއްގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި އަމަލީގޮތުން ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭގޮތަށް ފުރިހަމަކުރުމުގެ ކުޅެދުންތެރިކަން ނެތްކަމަށް އިންޑިކޭޓިވް އެސެސްމަންޓްގައި ފާހަގަކޮށްފައިވާ މީހުން؛
  2. ސިކުނޑިއަށް ކުރިމަތިވެފައިވާ ހާލަތެއް ނުވަތަ އުނިކަމެއްގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން އަނިޔާވެރި އަމަލަށް އަރައިގަތުމުގެ އިހްތިމާލު ބޮޑު ކަމަށްޓަކައި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި އަމަލީގޮތުން ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭގޮތަށް ފުރިހަމަކުރުމުގެ ކުޅެދުންތެރިކަން ނެތްކަމަށް އިންޑިކޭޓިވް އެސެސްމަންޓްގައި ފާހަގަކޮށްފައިވާ މީހުން.

 

ނުވަވަނަ ބާބު

ފުރަތަމަ ހުކުމް ކުރުމާއި ހުކުމް ތަންފީޒުކުރުން ފަސްކުރުން

65 ވަނަ މާއްދާ - ފުރަތަމަ ހުކުމް ކުރުން

(ހ) ކުށުގެ ދައުވާ އުފުލިފައިވާ ފަރާތަކީ، މި ގާނޫނުގެ 62 ވަނަ މާއްދާގެ (ށ)  ގެ ދަށުން ހަދާ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުގައި ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރެވޭ ފަދަ ހާލަތެއްގައި ހުރި މީހަކު ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާނަމަ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޑްރަގް ކޯޓުން އަޑުއަހައި، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކުށަށް އޭނާ އިއުތިރާފުވާކަން ކަށަވަރުކުރުމަށްފަހު، އެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ހުކުމްކޮށް، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ކުށުގެ ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުން ބާއްވާހިނދު، ކުށުގެ ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް ދައުވާކުރެވޭ ކުށަށް އޭނާ އިއުތިރާފުނުވެއްޖެނަމަ، ޑްރަގް ކޯޓުގައި އެ ދައުވާ އިތުރަށް ކުރިއަށްގެންދެވެން ނެތްކަމަށް އެ ކޯޓުން ކަނޑައަޅައި، އެ ދައުވާ، ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓަކަށް ބަދަލުކުރަންވާނެއެވެ.

(ނ) ކުށުގެ ދައުވާ އުފުލިފައިވާ ފަރާތަކީ، އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރެވޭ ފަދަ ހާލަތެއްގައި ހުރި މީހެއް ނޫންކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާނަމަ، އެ ދައުވާ އެ ކޯޓުގައި އިތުރަށް ކުރިއަށްގެންދެވެން ނެތްކަމަށް ޑްރަގް ކޯޓުން ކަނޑައަޅައި، އެ ދައުވާ، ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓަކަށް ބަދަލުކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - ފުރަތަމަ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުން

(ހ) މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށުގެ ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް ޑްރަގް ކޯޓުން ކުރާ ފުރަތަމަ ހުކުމް ކުރުމާ އެކުއެކީގައި، އެ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މީހެއްގެ މައްޗަށް ކުރާ ފުރަތަމަ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓިގެންވާނީ، އޭނާގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކުރާ ރީހެބިލިޓޭށަން އަމުރު ނިމުމަކަށް އަންނަންދެން ނުވަތަ ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކުއެވެ.

(ނ) ކުށުގެ ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރަގް ކޯޓުން ކުރާ ފުރަތަމަ ހުކުމަކީ، އޭނާ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް ނިންމައިފިނަމަ، ކޯޓުން ކުރާ އެހެން ހުކުމަކުން، ތަންފީޒުކުރުން މައާފުކުރެވޭނެ ހުކުމެކެވެ. އަދި ފަރުވާގެ ޕްރޮގްރާމް ފުރިހަމަނުކޮށްފިނަމަ، ނުވަތަ ހުށަހަޅާފައިވާ ފަރުވާގެ ޕްރޮގްރާމް ގަބޫލުނުކޮށްފިނަމަ، އޭނާގެ މައްޗަށް އިއާދަވެ، ހިންގަންފަށާނެ ހުކުމެކެވެ.

 

ދިހަވަނަ ބާބު

ރީހެބިލިޓޭށަން އަމުރު

67 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރު

މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށުގެ ދައުވާ އުފުލިފައިވާ ފަރާތުގެ މައްޗަށް ޑްރަގް ކޯޓުން ކުރާ ފުރަތަމަ ހުކުމްކޮށް، އަދި މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ހުކުމް ތަންފީޒުކުރުން ހިފެހެއްޓުމުގެ އަމުރެއް ކުރުމަށްފަހު، މި ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދާ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެ ރިޕޯޓު ނިސްބަތްވާ ފަރާތުގެ މައްޗަށް ރީހެބިލިޓޭށަން އަމުރެއް ކޯޓުން ކުރަންވާނެއެވެ.

 

68 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރުގައި ހިމެނޭ ބައިތައް

މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން ކުރާ ރީހެބިލިޓޭށަން އަމުރެއްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) އަމުރު ނިސްބަތްވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ހުކުމްގެ ތަފްސީލު؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްފައިވާ ގޮތް؛

(ނ) އަމުރުން ތަބާވުން ލާޒިމުކުރާ ށަރުތުތައް؛

(ރ) ބައިވެރިވާންޖެހޭ ފަރުވާގެ ޕްރޮގްރާމްގެ ބާވަތާއި ތަފްސީލު.

 

69 ވަނަ މާއްދާ - ފުރަތަމަ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރު އެކަހެރިކުރުން

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން މީހެއްގެ މައްޗަށް ރީހެބިލިޓޭށަން އަމުރެއް ކުރިނަމަވެސް، އެ އަމުރުގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގެ ކަންކަން ހަމަޖެއްސެން ނެތް ކަމަށް ކޯޓަށް ގަބޫލުކުރެވޭ ހާލަތެއްގައި، އޭނާގެ މައްޗަށް މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރު އެކަހެރިކޮށް، ފުރަތަމަ ހުކުމް ތަންފީޒުކުރަން ފެށުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

(ށ) މީހެއްގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރަން ފެށުމަށް މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ކޯޓުން ކުރާ އަމުރު ދެމިއޮންނާނީ، އަންނަނިވި ދެ ކަންތަކުގެ ތެރެއިން ފުރަތަމަ ދިމާވާ ކަންތައް ހިނގުމާ ހަމައަށެވެ. އަދި އެ ދެ ކަންތަކުގެ ތެރެއިން ކަމެއް އެގޮތަށް ހިނގުމާއެކު، ފުރަތަމަ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރު އިއާދަވެ، ރީހެބިލިޓޭށަން އަމުރު ހިނގަން ފަށާނެއެވެ.

  1. ރީހެބިލިޓޭށަން އަމުރުގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހުން؛
  2. ފުރަތަމަ ހުކުމް ކުރާ ދުވަހުން ފެށިގެން 90 (ނުވަދިހަ)  ދުވަސް ފާއިތުވުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ މުއްދަތު ހަމަވާއިރުވެސް، ރީހެބިލިޓޭށަން އަމުރުގައިވާ ގޮތުގެމަތިން ފަރުވާ ދިނުމުގެ ކަންކަން ހަމަޖެއްސެން ނެތްނަމަ، އަމުރު ނިސްބަތްވާ ފަރާތް ބަންދުގައި ބަލަހައްޓަމުންދާ ފަރާތުން، އެ މުއްދަތު ހަމަވުމުގެ ކުރިން، އޭނާ ޑްރަގް ކޯޓަށް ހާޒިރުކުރަންވާނެއެވެ.

(ރ) ރީހެބިލިޓޭށަން އަމުރު ނިސްބަތްވާ ފަރާތެއް، މި މާއްދާގެ (ނ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓަށް ހާޒިރުކުރެވިއްޖެނަމަ، އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒުކުރުމާއި، އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާއި، ރީހެބިލިޓޭށަން އަމުރު ހިންގަން ފެށުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

70 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރެއްގެ އަސާސީ ނުކުތާތައް

ރީހެބިލިޓޭށަން އަމުރެއް ކުރެވޭނީ އަންނަނިވި ކަންކަން ކުރުމަށް ށަރުތުކޮށްފައެވެ.

(ހ) އަމުރުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުން؛

(ށ) ފަރުވާދޭ މަރުކަޒުން ކުރާ އަމުރުތަކަށް ކިޔަމަންވަމުންދިޔުން؛

(ނ) ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ދުވަސްތަކުގައި ގަވާއިދުން ކޯޓަށް ހާޒިރުވަމުންދިޔުން؛

(ރ) ކޯޓުގެ އަމުރެއް ލިބިގެން މެނުވީ، ފަރުވާދޭ މަރުކަޒު ހުރި ރަށަކުން ފުރައިގެން ނުދިޔުން؛

(ބ) ދިރިއުޅޭ އެޑްރެސް ނުވަތަ ވަޒީފާއަދާކުރާ ތަން ބަދަލުވެއްޖެކަމަށްވާނަމަ، 3 (ތިނެއް)  ދުވަހުގެ ތެރޭގައި އޭނާ ރަޖިސްޓަރީކޮށްފައިވާ މަރުކަޒަކަށް އެންގުން.

 

71 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރެއްގެ އިތުރު ނުކުތާތައް

ރީހެބިލިޓޭށަން އަމުރެއްގައި އެހާލަތަކަށް ބިނާކޮށް އަންނަނިވި ބައިތައް ހިމެނުމަށްވެސް ށަރުތުކުރެވިދާނެއެވެ.

(ހ) މުޖުތަމައަށް ފައިދާހުރި މަސައްކަތެއްގައި ވަކި މުއްދަތަކަށް ނުވަތަ ވަކި ޖުމްލަ ގަޑިއަކަށް މަސައްކަތްކުރުން؛

(ށ) ފަރުވާގެ ނިޒާމަށް ނުވަތަ މުޖުތަމައަށް އަނބުރާ އައުމަށް މަގުފަހިވާނެ އެހެންކަމެއް ކުރަން އެންގުން.

 

72 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމެއްގައި ހިމެނެންވާނެ ކަންކަން

ރީހެބިލިޓޭށަން އަމުރެއް ކުރާއިރު، އެ އަމުރު ނިސްބަތްވާ ފަރާތް ހުށަހެޅޭ ފަރުވާގެ ޕްރޮގްރާމާބެހޭ މައުލޫމާތު، ލިޔެވެން އޮތް އެންމެ ތަފްސީލުކޮށް އެ އަމުރުގައި ބަޔާންކުރަންވާނެއެވެ. އެއީ، އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ.

(ހ) ކަރެކްށަންސް އޮފިސަރަކާ އޭނާ ބައްދަލުކުރަންޖެހޭނެ މިންވަރާއި މުއްދަތުތައް ނުވަތަ އަދަދުތައް؛

(ށ) އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރިތޯ ޓެސްޓްކުރުމަށް ހާޒިރުވާންޖެހޭ އަދަދުތައް ނުވަތަ ގަޑިތައް ނުވަތަ ދުވަސްތައް؛

(ނ) ވޮކޭށަނަލް އެޑިއުކޭށަން ޕްރޮގްރާމެއް ނުވަތަ ވޮކޭށަނަލް ޓްރޭނިންގ ޕްރޮގްރާމެއްގައި ބައިވެރިވެ މަސައްކަތެއް ނުވަތަ ހުނަރެއް ދަސްކުރަން ފެންނަ ކަމަށް އިންޑިކޭޓިވް އެސެސްމަންޓްގައި ބަޔާންކޮށްފައިވާ މީހުން އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވާން އެއްބަސްވުން؛

(ރ) މެޑިކަލް، ސައިކިއޭޓްރިކް ނުވަތަ ސައިކޮލޮޖިކަލް ފަރުވާއަށް ގަބޫލުވެ، އެކަމަށް ހުށަހެޅުމަށް އެއްބަސްވުން؛

(ބ) ފަރުވާގެ ޕްރޮގްރާމާ ގުޅޭގޮތުން، އަންނަނިވި ސަބަބުތަކަށްޓަކައި، ވަކި މުއްދަތަކަށް ޖަލުގައި ބަންދުކުރަންޖެހޭކަމަށް ކޯޓަށް ފެނިއްޖެނަމަ، 21 (އެކާވީސް)  ދުވަހަށްވުރެ ގިނަނުވާނެ ގޮތުގެމަތިން އޭނާ ޖަލުގައި ބަންދުކުރަން ކޯޓަށް ކަނޑައެޅިދާނެކަން.

  1.  އޭނާގެ ގައިން މަސްތުވާތަކެތީގެ އަސަރު ފިލުވާލުމަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ފަރުވާގެ ޕްރޮގްރާމްގައި އޭނާ ބައިވެރިވެ، އޭގެ އަސަރު އޭނާއަށް ރަނގަޅު ގޮތުގައި ކޮށްފައިވާ މިންވަރު ދެނެގަތުމަށް؛
  2. އޭނާ ފޮނުވާނެ އެކަށީގެންވާ އެހެން މަރުކަޒެއް ހޯދެންދެން ޖަލުގައި ބަންދުކުރުން ނޫންގޮތެއް ނެތުން.

 

73 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރުގައިވާ އެއްޗެއް ކިޔައިދިނުން

މީހެއްގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކުރުމުގެ ކުރިން އަންނަނިވި ކަންކަން، އޭނާއަށް ޑްރަގް ކޯޓުން ސާފުކޮށްދޭންވާނެއެވެ.

(ހ) ރީހެބިލިޓޭށަން އަމުރުގައި އަންނަނިވި ބައިތައް ހިމެނޭކަން.

  1. އޭނާގެ މައްޗަށް މި ގާނޫނުގެ ދަށުން ކުރެވުނު ހުކުމާއި އޭނާގެ މައްޗަށް ތަންފީޒުނުކުރެވިވާ އެހެން ހުކުމެއް ނުވަތަ ހުކުމްތަކެއް ހުރިނަމަ އެފަދަ ހުކުމްތައް ވަކި މުއްދަތެއް ވަންދެން ހިފެހެއްޓިފައިވާކަން.
  2. އެ އަމުރުގައި ހިމެނޭ އަސާސީ ނުކުތާތައް.
  3. މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިތުރު ށަރުތެއް ހިމަނާފައިވާނަމަ އޭގެ ތަފްސީލު.
  4. އޭނާ ބައިވެރިވާންޖެހޭ ފަރުވާގެ ޕްރޮގްރާމްގެ ތަފްސީލު.

(ށ) ރީހެބިލިޓޭށަން އަމުރުގެ ބޭނުމާއި އޭގެ ނަތީޖާ.

(ނ) ރީހެބިލިޓޭށަން އަމުރާ ހިލާފުވެއްޖެނަމަ، އޭނާއާމެދު އަމަލުކުރެވޭނެ ގޮތް.

 

74 ވަނަ މާއްދާ - އަމުރު ހިނގަން ފަށާ ވަގުތު

(ހ) މީހެއްގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކޮށްފިނަމަ، އެ އަމުރު އޭނާގެ މައްޗަށް ހިނގަން ފަށާނީ، އެ އަމުރުގެ ލިޔުން އޭނާއަށް ލިބިއްޖެކަން އޭނާ ލިޔުމުން ކަށަވަރުކޮށްދޭ ވަގުތުން ފެށިގެންނެވެ.

(ށ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ކުރާ ރީހެބިލިޓޭށަން އަމުރެއް ހިނގަން ފެށުމާއެކު، އެ އަމުރުގެ މުއްދަތަށް އޭނާ ހުންނާނީ ޑްރަގް ކޯޓުގެ އިހްތިސާސްގެ ދަށުގައެވެ.

 

75 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރު ހިނގުން ހިފެހެއްޓުން

ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ހިނގަމުންދަނިކޮށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމް އޭނާގެ މައްޗަށް އަތުވެއްޖެނަމަ، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރަން ފަށަންވާނެއެވެ. އަދި އެ ހުކުމް ތަންފީޒުކުރަމުންދާ މުއްދަތުގައި، އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ހިނގުން އޮންނާނީ ހިފެހެއްޓިފައެވެ.

 

76 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރަށް ބަދަލުގެނައުން

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތުން އަމިއްލައަށް އެދި ހުށަހެޅުމުން، ނުވަތަ ޑްރަގް ކޯޓަށް އަމިއްލައަށް ފެނިގެން، ކުރިން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރަކަށް އިސްލާހު ގެނެސް ބަދަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ރީހެބިލިޓޭށަން އަމުރަކަށް އިސްލާހެއް ނުވަތަ ބަދަލެއް ގެންނަނަމަ، އެ ބަދަލު ގެނައި ސަބަބު ލިޔުމުން ބަޔާންކުރަންވާނެއެވެ.

 

77 ވަނަ މާއްދާ – އިނާޔަތްދިނުން

ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތަކުން އެ އަމުރުގައިވާގޮތަށް ފަރުވާގެ ޕްރޮގްރާމްގައި ރަނގަޅުގޮތުގައި ބައިވެރިވަމުންދާކަމަށް ޑްރަގް ކޯޓަށް ކަށަވަރުކުރެވިއްޖެނަމަ، އަންނަނިވި އިނާޔަތްތައް އޭނާއަށް ދިނުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

(ހ) ކޯޓަށް ފެންނަ ވަކި ކަހަލަ ލުއިތަކެއް ނުވަތަ އިމްތިޔާޒުތަކެއް ދިނުން؛

(ށ) މަސްތުވާތަކެތީގެ އަސަރު ހަށިގަނޑުގައި ހުރިތޯ ޓެސްޓްކުރުމަށް ހާޒިރުވާންޖެހޭކަމަށް ބުނެފައިވާ ދުވަސްތައް މަދުކުރުން؛

(ނ) އޭނާ ބެލެހެއްޓުމުގެ ގޮތުން ވަކި ތަނަކަށް، ވަކި ގަޑިއަކަށް ހާޒިރުވެ، ވަކި މީހަކާ ބައްދަލުކުރުމަށް ބުނެފައިވާ އަދަދުތަކަށް ލުޔެއް ގެނައުން؛

(ރ) އޭނާ ބައިވެރިވަމުންދާ ވޮކޭށަނަލް ޓްރޭނިންގ ޕްރޮގްރާމެއް އެހެން ޕްރޮގްރާމަކަށް ބަދަލުކޮށްދިނުން، ނުވަތަ އޭނާ މުޖުތަމައަށް ފައިދާހުރި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ޖުމްލަ ގަޑިއިރަށް ބަދަލެއްގެނެސް، ލުޔެއް ދިނުން.

 

78 ވަނަ މާއްދާ – ފިޔަވަޅުއެޅުން

މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް ނިސްބަތްވާ ފަރާތަކުން އެ އަމުރުގައިވާގޮތަށް ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވަމުން ނުދާކަމަށް ޑްރަގް ކޯޓަށް ކަށަވަރުކުރެވިއްޖެނަމަ، އަންނަނިވި ކަންކަން ކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

(ހ) އެއްވެސް އިނާޔަތެއް ނުވަތަ ލުޔެއް އޭނާއަށް ދީފައިވާނަމަ، އެކަން ހުއްޓުމަކަށް ގެނައުން؛

(ށ) ކޯޓަށް ދައްކާ ފައިސާއެއްގެ ގޮތުގައި ކޯޓަށް ޖޫރިމަނާ ފައިސާއެއް ދެއްކުމަށް އެންގުން؛

(ނ) ފަރުވާ ހޯދަމުންދާ ފަރާތް ބެލެހެއްޓުމުގެގޮތުން ވަކި މީހެއްގެ ކައިރިއަށް ހާޒިރުވުމަށް ކުރިން ކަނޑައަޅާފައިވާ ވަގުތާއި ދާންޖެހޭ ނިސްބަތް އިތުރުކުރުން؛

(ރ) ފަރުވާ ހޯދަމުންދާ ފަރާތް މެޑިކަލް، ސައިކިއޭޓްރިކް ނުވަތަ ސައިކޮލޮޖިކަލް ފަރުވާއަށް ހުށަހަޅަންޖެހޭ ނިސްބަތް ނުވަތަ އަދަދު އިތުރުކުރުން؛

(ބ) މުޖުތަމައަށް ފައިދާހުރި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުން؛

(ޅ) 15 (ފަނަރަ)  ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން.

 

79 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް އޮތް ހައްގު ހަނިކުރުން

ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު، ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިދީފައިވީނަމަވެސް، ޑްރަގް ކޯޓުގެ ރީހެބިލިޓޭށަން އަމުރެއް ވަކި މީހެއްގެ މައްޗަށް ކުރެވެނީ އޭނާގެ އެއްބަސްވުމާއެކުގައި ކަމުގައިވާތީ، އަންނަނިވި ހާލަތުތަކުގައި ޑްރަގް ކޯޓުން ކުރާ ހުކުމްތަކާއި އަމުރުތަކާ ގުޅިގެން، އެ ހުކުމެއް ނުވަތަ އަމުރެއް އިސްތިއުނާފުކުރުމުގެ ހައްގު އޮތް ފަރާތްތަކަށް މި ގާނޫނުގެ ދަށުން އެ ހައްގު ލިބިގެނެއްނުވެއެވެ.

(ހ) މި ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ކުރާ ފުރަތަމަ ހުކުމް؛

(ށ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކުރާ ރީހެބިލިޓޭށަން އަމުރު؛

(ނ) ފުރަތަމަ ހުކުމް ތަންފީޒުކުރުން ހިފެހެއްޓުމުގެ އަމުރު އެކަހެރިކުރުމަށް ކުރާ އަމުރު؛

(ރ) ވަކި ތާރީހެއްގައި ކޯޓަށް ހާޒިރުވުމަށް އަންގައި، ކޯޓުން ކުރާ އަމުރު.

 

އެގާރަވަނަ ބާބު

ފަރުވާގެ ޕްރޮގްރާމް ހުއްޓާލުން

80 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމް ހުއްޓާލުން

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ހޯދަމުންދާ މީހެއްގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއްގައި ޑްރަގް ކޯޓަށް އެންގިދާނެއެވެ.

  1. ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް މި ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން އެދުން؛
  2. ރީހެބިލިޓޭށަން އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން، އޭގައި ބަޔާންކޮށްފައިވާގޮތަށް ނުކުރުން؛
  3. ރީހެބިލިޓޭށަން އަމުރު އިސްލާހުކުރަން ހުށަހެޅުމުން އެކަމަށް ފަރުވާ ހޯދަމުންދާ ފަރާތުން އެއްބަސްނުވުން؛
  4. އިސްލާހުކޮށްފައިވާ ރީހެބިލިޓޭށަން އަމުރަކާ އެއްގޮތަށް އަމަލުކުރުމަށް ފަރުވާ ހޯދަމުންދާ ފަރާތުން އެއްބަސްނުވުން؛
  5. ފަރުވާގެ ޕްރޮގްރާމް ކުރިއަށްގެންދިޔުމަކީ، އެދެވޭ ނަތީޖާއެއް ނިކުންނާނެ ކަމެއް ނޫންކަމަށް ފެނުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ނިމުމަކަށް ގެނައުމަށް ޑްރަގް ކޯޓުން ނިންމައިފިނަމަ، ސަބަބު ބަޔާންކޮށް، ފަރުވާ ހޯދަމުންދާ ފަރާތަށް ކޯޓުން އެކަން އަންގަންވާނެއެވެ.

 

81 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް ކޯޓުގައި އެދެވިދާނެ ފަރާތްތައް

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ހޯދަމުންދާ މީހެއްގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އަންނަނިވި ފަރާތްތަކަށް ކޯޓުގައި އެދެވިދާނެއެވެ.

  1. ފަރުވާ ހޯދަމުންދާ ފަރާތް؛
  2. ނޭށަނަލް ޑްރަގް އެޖެންސީ؛
  3. ފަރުވާ ހޯދަމުންދާ ފަރާތް ބަލަހައްޓަމުންދާ މަރުކަޒު.

(ށ) ފަރުވާ ހޯދަމުންދާ ފަރާތުން ފަރުވާ ހުއްޓާލުމަށް ޑްރަގް ކޯޓުގައި އެދިއްޖެނަމަ، އެކަމުގެ ނޯޓިސް، އޭނާ ބަލަހައްޓަމުންދާ ފަރުވާދޭ މަރުކަޒަށާއި، ޕްރޮސިކިއުޓަރ ޖެނެރަލަށާއި، ނޭށަނަލް ޑްރަގް އެޖެންސީއަށް ކޯޓުން ދޭންވާނެއެވެ.

(ނ) ފަރުވާ ހޯދަމުންދާ ފަރާތް ބަލަހައްޓަމުންދާ ފަރުވާދޭ މަރުކަޒުގެ ފަރާތުން ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އެދިއްޖެނަމަ، އެކަމުގެ ނޯޓިސް، ފަރުވާ ހޯދަމުންދާ ފަރާތަށާއި، ޕްރޮސިކިއުޓަރ ޖެނެރަލަށާއި، ނޭށަނަލް ޑްރަގް އެޖެންސީއަށް ކޯޓުން ދޭންވާނެއެވެ.

(ރ) ފަރުވާ ހޯދަމުންދާ ފަރާތުގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް ނޭށަނަލް ޑްރަގް އެޖެންސީން އެދިއްޖެނަމަ، އެކަމުގެ ނޯޓިސް، ފަރުވާ ހޯދަމުންދާ ފަރާތަށާއި، ޕްރޮސިކިއުޓަރ ޖެނެރަލަށާއި، ފަރުވާ ހޯދަމުންދާ ފަރާތް ބަލަހައްޓަމުންދާ ފަރުވާދޭ މަރުކަޒަށް ކޯޓުން ދޭންވާނެއެވެ.

 

82 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމުން ރީހެބިލިޓޭށަން އަމުރު ނިމުމަކަށް އައުން

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާ ހޯދަމުންދާ ފަރާތެއްގެ ފަރުވާގެ ޕްރޮގްރާމެއް ހުއްޓާލުމަށް، މި ގާނޫނުގެ 80 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުން ނިންމައިފިނަމަ، ފަރުވާ ހޯދަމުންދާ ފަރާތުގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ނިމުމަކަށް ގެންނަންވާނެއެވެ.

(ށ) ފަރުވާ ހޯދަމުންދާ ފަރާތެއްގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު މި މާއްދާގެ (ހ) ގެ ދަށުން ހުއްޓާލުމާއެކު، އޭނާގެ މައްޗަށް މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ ފުރަތަމަ ހުކުމް އިއާދަކޮށް، އެ ހުކުމާ އެއްގޮތަށް އޭނާ ޖަލުގައި ހުކުމް ތަންފީޒުކުރަން ފެށުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

 

ބާރަވަނަ ބާބު

ފަރުވާގެ ޕްރޮގްރާމް ނިމުން

83 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމް ނިމުން

މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދާ މީހެއްގެ ފަރުވާގެ ޕްރޮގްރާމް ނިމުނީ ކަމަށް ބެލެވޭނީ، އެ އަމުރުގައި ފުރިހަމަކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ފަރުވާގެ ޕްރޮގްރާމްގެ ހުރިހާ ބައިތައް، އެ އަމުރުގައިވާ ގޮތުގެމަތިން އަމުރު ނިސްބަތްވާ ފަރާތުން ފުރިހަމަކޮށް ނިމުމުންނެވެ.

 

84 ވަނަ މާއްދާ - ފަހުގެ ހުކުމް ކަނޑައެޅުން

(ހ) ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެފައިވާ މީހެއްގެ ފަރުވާގެ ޕްރޮގްރާމް މި ގާނޫނުގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނިމުމަކަށް އައުމުން، އޭނާގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ނިމުމަކަށް ގެނެސް، މި ގާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާގެ މައްޗަށް ޑްރަގް ކޯޓުން ފަހުގެ ހުކުމް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަހުގެ ހުކުމް ކަނޑައެޅުމުގައި ކޯޓުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ފަރުވާގެ ޕްރޮގްރާމް އޭނާ ފުރިހަމަކުރި ގޮތާމެދު އޭނާއަށް ފަރުވާ ދިން ފަރާތުން ދެކޭގޮތް؛
  2. ފަރުވާގެ މުއްދަތުގައި އޭނާއަށް ދީފައިވާ އިނާޔަތްތައް؛
  3. ފަރުވާގެ މުއްދަތުގައި އޭނާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް.

(ނ) ފަރުވާ ފުރިހަމަކޮށްފައިވާ ފަރާތެއްގެ މައްޗަށް މި ގާނޫނުގެ 85 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފަހުގެ ހުކުމް ކުރުމުން، މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ހުކުމް ބާތިލުވާނެއެވެ.

 

85 ވަނަ މާއްދާ - ފަހުގެ ހުކުމް ކުރެވިދާނެ ގޮތްތައް

(ހ) މި ގާނޫނުގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަހުގެ ހުކުމް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޯޓަށް ކުރެވިދާނެއެވެ.

  1. ފުރަތަމަ ހުކުމް ބާތިލުކުރުމާއެކު، އެއްވެސް ށަރުތެއް ކަނޑައެޅުމަކާ ނުލައި އޭނާ މިނިވަންކުރުން؛
  2. ފުރަތަމަ ހުކުމް ބާތިލުކުރުމާއެކު، ކޯޓުން ކަނޑައަޅާ ވަކި ށަރުތުތަކަކާއެކު އޭނާ ދޫކޮށްލުން؛
  3. ފުރަތަމަ ހުކުމް ބާތިލުކުރުމާއެކު، ފަހުގެ ހުކުމް ކަނޑައެޅުން ފަސްކޮށް، ކޯޓުން ކަނޑައަޅާ ވަކި ށަރުތުތަކަކާއެކު އޭނާ ދޫކޮށްލުން؛
  4. ފުރަތަމަ ހުކުމް ބާތިލުކުރުމާއެކު، ފަހުގެ ހުކުމެއް ކޮށް، އެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ކޯޓުން ކަނޑައަޅާ ވަކި ށަރުތުތަކަކާއެކު އޭނާ ދޫކޮށްލުން.

(ށ) ފަހުގެ ހުކުމް ނިސްބަތްވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ހުކުމުގެ މުއްދަތަށްވުރެ ފަހުގެ ހުކުމުގެ މުއްދަތު އިތުރުވެގެން ނުވާނެއެވެ. އަދި އެ ހުކުމުގެ ބާވަތްވެސް ފުރަތަމަ ހުކުމުގެ ބާވަތަށްވުރެ ހަރުކަށިވެގެން ނުވާނެއެވެ.

(ނ) މީހެއްގެ މައްޗަށް ފަހުގެ ހުކުމް ކަނޑައެޅުން މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ށަރުތަކާއެކު ފަސްކުރެވިފައިވާނަމަ، އެ ހުކުމް ނިސްބަތްވާ ފަރާތުން އެ ށަރުތާ ހިލާފުވެއްޖެނަމަ، އޭނާގެ މައްޗަށް ފަހުގެ ހުކުމް ކަނޑައަޅަންވާނެއެވެ.

(ރ) މީހެއްގެ މައްޗަށް ކަނޑައެޅިފައިވާ ފަހުގެ ހުކުމް ތަންފީޒުކުރުން މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ށަރުތަކާއެކު ފަސްކުރެވިފައިވާނަމަ، އެ ހުކުމް ނިސްބަތްވާ ފަރާތުން އެ ށަރުތާ ހިލާފުވެއްޖެނަމަ، އެ ހުކުމް އޭނާގެ މައްޗަށް ތަންފީޒުކުރަން ފަށަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން މީހެއްގެ މައްޗަށް ކުރާ ފަހުގެ ހުކުމެއްގައި ކަނޑައަޅާފައިވާ އެއްވެސް ށަރުތަކާ އެ ހުކުމް ނިސްބަތްވާ ފަރާތުން ހިލާފުނުވާހާހިނދަކު، އެ ހުކުމް އޭނާގެ މައްޗަށް ތަންފީޒެއް ނުކުރެވޭނެއެވެ.

(ޅ) މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ކަނޑައަޅާ ފަހުގެ ހުކުމަކީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ހުކުމެއް ކަމުގައިވާނަމަ، ފަރުވާގެ ޕްރޮގްރާމްގައި އޭނާ ހޭދަކުރި މުއްދަތު އެއީ، އެ ހުކުމުގެ ދަށުން އޭނާ ހޭދަކުރި މުއްދަތު ކަމުގައި ބަލައި، އެހިސާބުން އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުނީކަމަށް ބަލަންވާނެއެވެ.

(ކ) މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ކަނޑައަޅާ ފަހުގެ ހުކުމަކީ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ހުކުމެއް ކަމުގައިވާނަމަ، އެ ހުކުމުގައި ބަޔާންކޮށްފައިވާ ށަރުތަކާ އޭނާ ހިލާފުނުވާހާހިނދަކު، ފަރުވާގެ ޕްރޮގްރާމްގައި އޭނާ ހޭދަކުރި މުއްދަތު އެއީ، އެ ހުކުމުގެ ދަށުން އޭނާ ހޭދަކުރި މުއްދަތު ކަމުގައި ބަލައި، އެހިސާބުން އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުނީ ކަމުގައި ބަލަންވާނެއެވެ.

 

ތޭރަވަނަ ބާބު

ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާގުޅޭ ހާއްސަ އުސޫލުތައް

86 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވާން އެދޭ މީހުންނަށް އެކަމަށް އެދި ނޭށަނަލް ޑްރަގް އެޖެންސީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެދި ނޭށަނަލް ޑްރަގް އެޖެންސީއަށް މީހެއްގެ ހުށަހެޅުން ލިބުމުން، އެމީހަކީ، މި ގާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމަށް އެ އެޖެންސީއަށް ގަބޫލުކުރެވޭނަމަ، ޑްރަގް ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި އޭނާ ބައިވެރިކޮށްދިނުމަށް އެދި އެ އެޖެންސީން ޑްރަގް ކޯޓަށް ހުށަހަޅަންވާނެއެވެ.

 

87 ވަނަ މާއްދާ - ޑްރަގް ކޯޓުން ބައެއް ކަންކަން ކަށަވަރުކުރުން

މި ގާނޫނުގެ 86 ވަނަ މާއްދާގެ (ށ) ގެ ދަށުން ޑްރަގް ކޯޓަށް ހުށަހެޅުމެއް ހުށަހެޅޭހިނދު، އަންނަނިވި ކަންކަން އެ ކޯޓުން ކަށަވަރުކުރަންވާނެއެވެ.

(ހ) ހުކުމް ތަންފީޒުކުރަމުންދާ މީހާއަކީ، މި ގާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހެއްކަން؛ އަދި

(ށ) ހުކުމް ތަންފީޒުކުރަމުންދާ މީހާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭކަން؛ އަދި

(ނ) އިންޑިކޭޓިވް އެސެސްމަންޓެއް ހެދުމަށް ހުކުމް ތަންފީޒުކުރަމުންދާ މީހާ ގަބޫލުވާކަން؛ އަދި

(ރ) ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް ހުކުމް ތަންފީޒުކުރަމުންދާ މީހާ އެއްބަސްވާކަން.

 

88 ވަނަ މާއްދާ - ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ހުކުމް ތަންފީޒުކުރުން ފަސްކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވާން އެދޭ މީހެއްގެ ހުށަހެޅުމަކާ ގުޅޭގޮތުން މި ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ކޯޓުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، އޭނާއަކީ، އެ ކޯޓުގެ އިހްތިސާސް ހިނގާ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ، އޭނާ އެހިނދު ތަންފީޒުކުރަމުންދާ ހުކުމަކީ، މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ ފުރަތަމަ ހުކުމް ކަމުގައި ބަލައި، މި ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ކުރަންވާނެއެވެ. އަދި އޭނާގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރީހެބިލިޓޭށަން އަމުރެއްކޮށް، ކަމާގުޅޭގޮތުން މި ގާނޫނުގައިވާ އިޖުރާއަތުތަކަށް އެ ކޯޓުން އަމަލުކުރަންވާނެއެވެ.

(ށ) ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ މީހެއް ކަމަށް މި މާއްދާގެ (ހ) ގެ ދަށުން އެ ކޯޓުން ކަނޑައަޅާ މީހަކީ، އެއް ހުކުމަށްވުރެ ގިނަ ހުކުމް އޭނާގެ މައްޗަށް ކުރެވިފައިވާ މީހެއް ކަމަށްވާނަމަ، އޭނާ އެހިނދު ތަންފީޒުކުރަމުންދާ ހުކުމާއި އޭނާ ދެން ތަންފީޒުކުރަން އޮތް ހުކުމާއި ދެ ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ކުރަންވާނެއެވެ. އަދި އޭނާގެ މައްޗަށް މި ގާނޫނުގެ 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރީހެބިލިޓޭށަން އަމުރެއްކޮށް، ކަމާގުޅޭގޮތުން މި ގާނޫނުގައިވާ އިޖުރާއަތުތަކަށް އެ ކޯޓުން އަމަލުކުރަންވާނެއެވެ.

 

ސާދަވަނަ ބާބު

އެދިގެން ފަރުވާ ދިނުން

89 ވަނަ މާއްދާ - އެދިގެން ފަރުވާ  ދިނުން

(ހ) އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާތީ، އޭނާއަށް ފަރުވާދީގެން ރަނގަޅުކުރުމަށް އެދި މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒަކަށް އެކުއްޖެއްގެ ބެލެނިވެރިއަކު ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ބާބުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަރުވާދޭ މަރުކަޒެއްގައި އެކުއްޖަކަށް ފަރުވާ ދެވިދާނެއެވެ.

(ށ) އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހަކު، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާތީ، ފަރުވާ ހޯދައިގެން ރަނގަޅުވުމަށް އެދި މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒަކަށް ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ބާބުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަރުވާދޭ މަރުކަޒެއްގައި އޭނާއަށް ފަރުވާ ދެވިދާނެއެވެ.

 

90 ވަނަ މާއްދާ - އެދިގެން ފަރުވާ ދިނުމުގެ ށަރުތު

މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން، 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖެއްގެ ބެލެނިވެރިއަކު، ނުވަތަ 18 (އަށާރަ) އަހަރުން މަތީގެ މީހަކު އަމިއްލައަށް އެދިގެން، މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާކަން ނޭށަނަލް ޑްރަގް އެޖެންސީން ކަށަވަރުކޮށް، އެ އެޖެންސީން އެ ފަރުވާދޭ މަރުކަޒަށް އަންގާ އެންގުމެއްގެ މައްޗަށް ބިނާކޮށެވެ.

(ހ) މަސްތުވާތަކެތި ބޭނުންކުރުން ފިޔަވައި އެއްވެސް ގާނޫނެއްގެ ދަށުން ކުށެއް ކުރިކަން ތުހުމަތުކުރެވިފައި ނުވާކަން ޖިނާއީ ކުށްކުށުގެ ތަހުގީގުކުރުމަށް ގާނޫނުން ބާރުލިބިދޭ ދައުލަތުގެ މުއައްސަސާއަކުން ދޫކުރާ ލިޔުމަކުން އެނގެން އޮތުން، އަދި ކުށެއް ކުރިކަން ސާބިތުވެ، ހުކުމެއް ކަނޑައަޅާފައިނުވާކަން އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގެ ލިޔުމަކުން އެނގެން އޮތުން؛ އަދި

(ށ) އޭނާ ފަރުވާދޭ މަރުކަޒެއްގައި ނުބަހައްޓައިފިނަމަ، އޭނާއަށް ނުވަތަ މުޖުތަމައުގެ އެހެން މީހުންނަށް އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތްކަން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ހުއްދަކޮށްފައިވާ ފަރާތެއްގެ ލިޔުމަކުން އެނގެން އޮތުން؛ އަދި

(ނ) މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ހުއްދަކޮށްފައިވާ ފަރާތެއް މެދުވެރިކޮށް ފަރުވާ ހޯދުމަށް އެދޭ ފަރާތުން އެސެސްމަންޓެއް ހެދުމަށްފަހު، އެ އެސެސްމަންޓްގެ މައްޗަށް ބިނާކޮށް އޭނާ ބައިވެރިވާންޖެހޭ ފަރުވާގެ ޕްރޮގްރާމެއް ކަނޑައަޅާފައި އޮތްކަން އޭނާ ފަރުވާ ހޯދުމަށް އެދޭ މަރުކަޒުގެ ލިޔުމަކުން އެނގެން އޮތުން؛ އަދި

(ރ) ފަރުވާގެ ނިޒާމެއްގައި ބައިވެރިވުމަށް، 18 (އަށާރަ)  އަހަރުން ދަށުގެ ކުޑަކުއްޖާގެ ބެލެނިވެރިޔާ ނުވަތަ 18 (އަށާރަ)  އަހަރުން މަތީގެ މީހާ، ކަނޑައެޅިގެން އެއްބަސްވާކަން ލިޔުމަކުން އެނގެން އޮތުން؛ އަދި

(ބ) އޭނާ ފަރުވާ ހޯދުމަށް އެދޭ މަރުކަޒުން އޭނާއަށް ފަރުވާ ދިނުމަށްޓަކައި އެ މަރުކަޒުގައި އޭނާއަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދެވެން ހުރިކަން އެ މަރުކަޒުގެ ލިޔުމަކުން އެނގެން އޮތުން؛ އަދި

(ޅ) އޭނާ ފަރުވާ ހޯދުމަށް އެދޭ މަރުކަޒުގައި ޖާގަ ނެތުމުގެ ސަބަބުން މީހެއްގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭށަން އަމުރެއް މި ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ފަސްކޮށްފައި ނެތުން.

 

91 ވަނަ މާއްދާ - އެދިގެން ފަރުވާ ދިނުމުގެ އުސޫލުތައް

މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން، 18 (އަށާރަ)  އަހަރުން ދަށުގެ ކުއްޖެއްގެ ބެލެނިވެރިއަކު އެދިގެން، ނުވަތަ 18 (އަށާރަ)  އަހަރުން މަތީގެ މީހަކު އަމިއްލައަށް އެދިގެން، މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ދިނުމާބެހޭ އުސޫލުތަކުގެ ގަވާއިދެއް ނޭށަނަލް ޑްރަގް އެޖެންސީން ހަދައި، އާންމުކުރަންވާނެއެވެ. އަދި މި ބާބުގައިވާ ގޮތުގެމަތިން އެ އެޖެންސީން މީހަކު ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިކުރަންވާނީ، އެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

92 ވަނަ މާއްދާ - ދައުވާކުރުމުން ބަރީއަވެގެންވުން

މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން، 18 (އަށާރަ)  އަހަރުން ދަށުގެ ކުއްޖެއްގެ ބެލެނިވެރިއަކު، ނުވަތަ 18 (އަށާރަ)  އަހަރުން މަތީގެ މީހަކު މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ލިބިގަތުމަށް ހުށަހެޅުމުން، އޭނާ މަސްތުވާތަކެތި ބޭނުންކުރާކަމަށް އިއުތިރާފުވެފައިވުމަކީ، އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، މަސްތުވާތަކެތި ބޭނުންކުރުން ފިޔަވައި އޭނާ އެހެން ޖިނާއީ ކުށެއް ކުރިކަމަށް ދޭހަކޮށްދޭ ހެކި ހުރިކަމުގައިވާނަމަ، އެ ހެކީގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް އެ ޖިނާއީ ކުށުގެ ދައުވާ ކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

93 ވަނަ މާއްދާ - 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ ކުރުން

މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން މީހަކު ފަރުވާ ހޯދަމުން ދިޔަނަމަވެސް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ، ކްރިމިނަލް ކޯޓުގައި ނުވަތަ ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

94 ވަނަ މާއްދާ - އެދިގެން ފަރުވާހޯދާ މީހުން ކުރާ އިތުރު ކުށުގެ ދައުވާ

(ހ) މި ގާނޫނުގެ 89 ވަނަ މާއްދާގެ ދަށުން ފަރުވާ ހޯދަމުންދާ މީހެއްގެ މައްޗަށް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެހެން ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލަންޖެހިއްޖެ ހާލަތެއްގައި، އޭނާ ހޯދަމުންދާ ފަރުވާ ފުރިހަމަކުރަންޖެހޭ ގޮތަށް ފުރިހަމަކުރަމުން ގެންދާހާހިނދަކު، އެ ދައުވާ ނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ މީހާ ހޯދަމުންދާ ފަރުވާ ފުރިހަމަކުރަންޖެހޭ ގޮތަށް ފުރިހަމަނުކޮށް ހުއްޓާލައިފިނަމަ، މި މާއްދާގެ (ހ)  ގެ ދަށުން ހިފަހައްޓާފައިވާ ދައުވާ އޭނާގެ މައްޗަށް އުފުލުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ މީހާ ހޯދަމުންދާ ފަރުވާ ފުރިހަމަކުރަންޖެހޭ ގޮތަށް ފުރިހަމަކޮށް ނިންމައިފިނަމަ، މި މާއްދާގެ (ހ)  ގެ ދަށުން ހިފަހައްޓާފައިވާ ދައުވާ، ނުކޮށް ދޫކޮށްލުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

ފަނަރަވަނަ ބާބު

ފަރުވާއާގުޅޭ އާންމު ބައެއް ކަންކަން

95 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމް ހިނގަމުންދާ ގޮތް ކޯޓުން ބެލުން

މި ގާނޫނުގެ 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގައި ފަރުވާ ދިނުމަށް ކަނޑައެޅޭ މީހުންނަށް ހިންގޭ ފަރުވާގެ ޕްރޮގްރާމްތައް ހިނގަމުންދާ ގޮތް ޑްރަގް ކޯޓުން ބަލަމުންގެންދަންވާނެއެވެ.

 

96 ވަނަ މާއްދާ - މަރުކަޒުގައި ތިބޭ މީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުން

(ހ) މި ގާނޫނުގެ ދަށުން ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ހޯދަމުންދާ މީހުން، އެ މަރުކަޒެއްގެ ސުޕްރިންޓެންޑެންޓުން އެއްބަސްވާ ގޮތެއްގެމަތިން، އަދި ނޭށަނަލް ޑްރަގް އެޖެންސީގެ ހުއްދައާއެކު، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރެވިދާނެއެވެ. އެފަދައިން މީހަކު ބަދަލުކުރާއިރު، އޭނާ އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރިކަން ދެ މަރުކަޒުގައިވެސް ރިކޯޑްކުރެވިފައި އޮންނަންވާނެއެވެ. އަދި އެގޮތަށް ބަދަލުކުރެވުނުކަން ޑްރަގް ކޯޓަށް އަންގަންވާނެއެވެ. ފަރުވާދޭ މަރުކަޒެއްގައި ހުރި މީހަކު މި މާއްދާގެ ދަށުން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމުގެ ހުއްދަ ދިނުމުގައި ބަލާނެ ކަންތައްތައް، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  އެހެންއޮތްނަމަވެސް، މި ގާނޫނުގެ ދަށުން ފަރުވާދޭންޖެހޭ މީހަކު އެއް ބާވަތެއްގެ ފަރުވާދޭ މަރުކަޒެއްގައި ފަރުވާ ފުރިހަމަކުރުމަށްފަހު، އެހެން ބާވަތެއްގެ ފަރުވާދޭ މަރުކަޒަކަށް ބަދަލުކުރެވޭނީ، ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

(ނ) ފަރުވާދޭ މަރުކަޒެއްގައި ބަންދުގައި ބަހައްޓައިގެން ބަލަހައްޓަމުންދާ މީހަކު، ކޯޓަކަށް ހާޒިރުކުރުމަށްޓަކައި، ނުވަތަ ތަހުގީގެއް ހިންގުމަށްޓަކައި، ނުވަތަ އާންމު މަސްލަހަތު ނިޔާކުރާގޮތުން، ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށްޓަކައި، ވަކި ތަނަކަށް ވަކި ވަގުތަކަށް ގެންދަންޖެހޭނަމަ، ނުވަތަ ވަކި ތަނެއްގައި ވަކި ވަގުތެއްގައި ބަހައްޓަންޖެހޭކަމަށްވާނަމަ، އެތަނަކަށް އެވަގުތަކަށް އެމީހަކު ގެންދިޔުމަކީ، އޭނާ ހުރި މަރުކަޒެއްގެ ފަރާތުން ކުރަންޖެހޭނެކަމެކެވެ.

 

97 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުގައި ފަރުވާ ލިބިގަތުމަށް ތިބޭ މީހުން

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކުރާ ރީހެބިލިޓޭށަން އަމުރެއްގެ ދަށުން ފަރުވާދޭ މަރުކަޒެއްގައި ބަހައްޓާފައިވާ މީހާއަކީ ގާނޫނީގޮތުން ސައްހަ ބަންދެއްގައި ހުރި މީހެއް ކަމުގައި ބެލެވޭނެއެވެ.

(ށ) އަންނަނިވި ހާލަތުތަކުގައިވެސް، ބަންދުގައި ހުރި މީހާ އެހުރީ ގާނޫނީ ގޮތުން ސައްހަ ބަންދެއްގައި ކަމަށް ބެލެވޭނެއެވެ.

  1. ޑްރަގް ކޯޓުގެ އަމުރާ ގުޅިގެން ފަރުވާދޭ މަރުކަޒަކަށް އޭނާ ފުރަތަމަ ގެންދިޔުމަށްޓަކައި، ދަތުރުމަތީގައިވާ ހާލަތުގައި؛
  2. ފަރުވާދޭ މަރުކަޒެއްގައި، ބަންދުގައި ހުއްޓައި، ފަރުވާދޭ އެހެން މަރުކަޒަކަށް ގެންދިޔުމަށްޓަކައި، އޭނާ ދަތުރުމަތީގައިވާ ހާލަތުގައި؛
  3. މި ގާނޫނުގެ ދަށުން އޭނާ ގެންދަންޖެހޭ ތަނަކަށް ގެންދިޔުމަށްޓަކައި، ދަތުރުމަތީގައިވާ ހާލަތުގައި؛
  4. މި ގާނޫނުގެ ބޭނުމަށްޓަކައި ކުރަމުންދާ މަސައްކަތަކާ ގުޅިގެން ފަރުވާދޭ މަރުކަޒެއް ނޫން ތަނަކަށް ގެންދެވި، އެތަނުގައި ވަގުތީގޮތުން ބެހެއްޓިފައި ހުންނަ ވަގުތުގައި.

 

98 ވަނަ މާއްދާ - ހައްޔަރުކުރުމުގެ އަމުރު

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ މީހަކު ފަރުވާ ހޯދަމުންދަނީ ފަރުވާދޭ މަރުކަޒެއްގައި ހުރެގެން ކަމުގައިނުވާ ހާލަތެއްގައި، އެ އަމުރާ އޭނާ ހިލާފުވެއްޖެކަމަށް ޑްރަގް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ، އޭނާ ޑްރަގް ކޯޓަށް ހާޒިރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ކުރާ އަމުރެއްގެ ދަށުން ހައްޔަރުކުރާ މީހަކު، އޭނާ ހުރި ޕްރޮގްރާމް ކުރިއަށްގެންދިޔުމާމެދު ޑްރަގް ކޯޓުން ގޮތެއް ކަނޑައަޅަންދެން 30 (ތިރީސް)  ދުވަހަށްވުރެ ދިގުނުވާނެ ގޮތުގެމަތިން، އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން ކުރާ އަމުރެއްގެ ދަށުން ހައްޔަރުކުރާ މީހެއްގެ މައްޗަށް އެއްވެސް އެހެން ގާނޫނަކުން ކަނޑައަޅާ ކަފާލާތުގެ އުސޫލެއް ނުހިނގާނެއެވެ.

 

99 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރަށް ފަރުވާއަށް ދިޔުން

(ހ) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ މީހަކު، ދިވެހިރާއްޖެއިން ބޭރު ގައުމެއްގެ ފަރުވާދޭ މަރުކަޒެއްގައި ހިންގަމުންގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެ، ފަރުވާ ލިބިގަތުމަށް ނޭށަނަލް ޑްރަގް އެޖެންސީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ ފަދަ ހުށަހެޅުމެއް ނޭށަނަލް ޑްރަގް އެޖެންސީއަށް ލިބިއްޖެނަމަ، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ދިވެހިރާއްޖެއިން ބޭރު ގައުމެއްގެ ފަރުވާދޭ މަރުކަޒެއްގައި ހިންގަމުންގެންދާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިޔުމުގެ ހުއްދަ ހޯދުމަށް އެދި ޑްރަގް ކޯޓަށް އެ އެޖެންސީން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގައިވާ ފަދަ ހުށަހެޅުމެއް ޑްރަގް ކޯޓަށް ލިބިއްޖެނަމަ، އެކަމުގެ ހުއްދަ އެ ކޯޓުން ދޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ. ނުވަތަ އެ ށަރުތުތައް ފުރިހަމަވުމާއެކު އެ ކޯޓުން ކަނޑައަޅާ އިތުރު ށަރުތުތަކާ އެކުގައެވެ.

  1. އެ ހުށަހެޅުން ހުށަހެޅި ފަރާތުން ދިޔުމަށް އެދޭ މަރުކަޒަކީ ނޭށަނަލް ޑްރަގް އެޖެންސީން ހުއްދަކޮށްފައިވާ މަރުކަޒަކަށްވުން؛
  2. އެ މަރުކަޒުން އޭނާއަށް ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމަކީ ނޭށަނަލް ޑްރަގް އެޖެންސީން ގަބޫލުކުރާ ޕްރޮގްރާމަކަށްވުން؛
  3. އެ މަރުކަޒަކީ ނޭށަނަލް ޑްރަގް އެޖެންސީއަށް އެއްބާރުލުންދީ، މައުލޫމާތު ހިއްސާކޮށް، އެ އެޖެންސީގެ ހުށަހެޅުމަކަށް އެ މަރުކަޒުން ފަރުވާ ހޯދާ ފަރާތްތަކާ ގުޅޭގޮތުން އެ އެޖެންސީއަށް ރިޕޯޓުކުރަންޖެހޭ ކަންކަން ރިޕޯޓުކުރުން ލާޒިމުވާ އެއްބަސްވުމެއް އެ އެޖެންސީއާއެކު އޮތް މަރުކަޒަކަށްވުން؛
  4. އެ މަރުކަޒުގެ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެ މަރުކަޒުގައި ހުރުމުގެ މުއްދަތުގައި ހިނގާނެ ހަރަދުތައް ހަމަޖެހިފައި ހުރިކަން ނުވަތަ ހަމަޖެއްސެން އޮތްކަން؛
  5. އޭނާއަކީ، ޖިނާއީ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އޭނާގެ މައްޗަށް އުފުލިފައިވާ މީހެއް ކަމުގައި ނުވުން؛
  6. އޭނާއަކީ، ޑްރަގް ކޯޓުން ތަންފީޒުކުރުން ހިފަހައްޓާފައިވާ ހުކުމެއް ފިޔަވައި، ތަންފީޒުކޮށް ނިމިފައިނުވާ ޖިނާއީ ކުށެއްގެ ހުކުމެއް އޮތް މީހަކު ކަމުގައި ނުވުން.

(ރ) ރާއްޖެއިން ބޭރު ގައުމުތަކުގައި ހިންގާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން، ނޭށަނަލް ޑްރަގް އެޖެންސީން ގަބޫލުކުރާ ފަރުވާދޭ މަރުކަޒުތަކުގެ ލިސްޓެއް އެ އެޖެންސީން އާންމުކޮށް ށާއިއުކުރަންވާނެއެވެ. އަދި އެ ލިސްޓު، މަދުވެގެން ކޮންމެ ހަމަހަކުން އެއް ފަހަރު މުރާޖައާ ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ)  ގެ ދަށުން ހުއްދަ ދެވޭ ފަރާތަކުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ދިވެހިރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އޭނާގެ ފަރުވާގެ ޕްރޮގްރާމްގައި އޭނާ ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ނިސްބަތް ބަލައި، ޑްރަގް ކޯޓުން ކަނޑައަޅާ މުއްދަތުތަކެއްގައި އެ މައުލޫމާތު އެ ކޯޓަށް އަންގަމުން ދިޔުން ނޭށަނަލް ޑްރަގް އެޖެންސީގެ މައްޗަށް ލާޒިމުވެގެންވެއެވެ.

(ޅ) މި މާއްދާގެ (ނ)  ގެ ދަށުން ހުއްދަ ދެވޭ ފަރާތަކުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ދިވެހިރާއްޖެއިން ބޭރަށް ދިޔުމަށް ޑްރަގް ކޯޓުން ހުއްދަ ދޭނީ އޭނާ ދިވެހިރާއްޖެއިން ބޭރުގައި ހޯދާ ފަރުވާގެ މުއްދަތަށް އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ހިނގުން ހިފެހެއްޓުމަށް ފަހުގައެވެ. އަދި އެ މުއްދަތު ހަމަވުމުން އޭނާ ދިވެހިރާއްޖެއިން ބޭރުގައި ހުރި ކަމުގައިވީނަމަވެސް، އެ އަމުރު ހިނގުން އިއާދަވާނެ ގޮތުގެމަތިންނެވެ.

 

100 ވަނަ މާއްދާ - ޖަލުގައި ފަރުވާ ދިނުން

(ހ) ޑްރަގް ކޯޓުގެ އިހްތިސާސް ނުހިނގާ މީހެއްގެ މައްޗަށް ނުވަތަ އެ ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ށަރުތު ފުރިހަމަނުވާ މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާނަމަ އަދި އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރުމުގެ ސަބަބުން ފަރުވާދޭންޖެހޭ މީހެއް ކަމަށްވާނަމަ، އެމީހަކަށް ޖަލުގައި ފަރުވާ ދެވޭނެ އިންތިޒާމް ޖަލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ އިދާރާއާ ގުޅިގެން ނޭށަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެއެވެ.

(ށ) މި ގާނޫނުގެ 69 ވަނަ މާއްދާގެ (ހ)  ގެ ދަށުން ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ޑްރަގް ކޯޓުން ކަނޑައަޅާ މީހުންނަށް ޖަލުގައި ފަރުވާ ދެވޭނެ އިންތިޒާމު، ޖަލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ އިދާރާއާ ގުޅިގެން ނޭށަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެއެވެ.

 

101 ވަނަ މާއްދާ - ބަންދުގައި ހުންނައިރު ފަރުވާ ލިބިދިނުން

(ހ) މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވޭހިނދު، އޭނާއަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން، އެ ހާލަތުގައިވެސް ފަރުވާ ލިބިދޭންޖެހޭ މީހެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފެނިއްޖެނަމަ، ކުށުގެ ތުހުމަތުގައި މީހުން ބަންދުކުރުމަށް ކަނޑައަޅާފައިވާ ފުލުހުންގެ މަރުކަޒެއްގައި އޭނާ ބަންދުކުރުމުގެ ބަދަލުގައި އޭނާ ބަންދުކުރާނީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައެވެ.

(ށ) މި ގާނޫނުގެ 62 ވަނަ މާއްދާގެ (ރ)  ގެ (1)  ވަނަ ނަންބަރުގެ ދަށުން މީހަކު ބަންދުކުރުމަށް ޑްރަގް ކޯޓުން އަމުރުކޮށްފިނަމަ، އޭނާވެސް ބަންދުކުރަންވާނީ، ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައެވެ.

(ނ) މި މާއްދާގެ (ހ)  އަދި (ށ)  ގެ ދަށުން ބަންދުކުރެވޭ މީހަކު އެހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމުގައި ބެލެވޭނެއެވެ.

 

102 ވަނަ މާއްދާ - ފަރުވާ ދެވެމުންދާ މީހުންގެ ދަފްތަރު

މި ގާނޫނުގެ ދަށުން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއްގެ ދަށުން ފަރުވާ ހޯދަމުންދާ މީހުންނާއި އެމީހުން ބައިވެރިކޮށްފައިވާ ޕްރޮގްރާމްގެ ތަފްސީލާއި އެމީހުންނަށް ދެވޭފަރުވާގެ ހާލަތު އެނގޭނެ ދަފްތަރެއް ނޭށްނަލް ޑްރަގް އެޖެންސީން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި މިމަސައްކަތް ނޭށްނަލް ޑްރަގް އެޖެންސީން ކުރުމަށް ބޭނުންވާ މައުލޫމާތު، އެ އެޖެންސީން ކަނޑައަޅާ އުސޫލަކުން، ޑްރަގް ކޯޓުންނާއި ފަރުވާދޭ މަރުކަޒުތަކުން، އެ އެޖެންސީއަށް ގަވާއިދުން ފޮނުވަންވާނެއެވެ. އަދި ފަރުވާ ފުރިހަމަކުރުމަށް ފަހު ދޫކޮށްލެވޭ މީހުންގެ ތެރެއިން ފަރުވާ ތަކުރާރުކުރަންޖެހޭ މީހުންގެ ތަފާސް ހިސާބުތައްވެސް ނޭށްނަލް ޑްރަގް އެޖެންސީން ބަލަހައްޓަންވާނެއެވެ.

 

ފަސްވަނަ ބައި

ކުށާއި އަދަބު

 

ސޯޅަވަނަ ބާބު

ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗާގުޅޭ ކުށް

103 ވަނަ މާއްދާ - ޑައިމޯފިން ޓްރެފިކްކުރުން

(ހ) ޑައިމޯފިން ޓްރެފިކްކުރުމަކީ ކުށެކެވެ.

(ށ) ޑައިމޯފިން ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ)  ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 18 (އަށާރަ)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަ ފަސްހާސް)  ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

104 ވަނަ މާއްދާ - ޑައިމޯފިން ޕެޑްލްކުރުން

(ހ) ޑައިމޯފިން ޕެޑްލްކުރުމަކީ ކުށެކެވެ.

(ށ) ޑައިމޯފިން ޕެޑްލްކުރަން އުޅުމަކީ ނުވަތަ ޕެޑްލްކުރަން އެހީތެރިވުމަކީ ނުވަތަ ޕެޑްލްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް)  އަހަރާއި 10 (ދިހައެއް)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 15,000 (ފަނަރަހާސް)  ރުފިޔާއިން ފެށިގެން 250,000 (ދެލައްކަ ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރާއި 7 (ހަތެއް)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 10,000 (ދިހަހާސް)  ރުފިޔާއިން ފެށިގެން 150,000 (އެއްލައްކަ ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

105 ވަނަ މާއްދާ - ޑައިމޯފިނުން މުއާމަލާތުކުރުން

(ހ) ޑައިމޯފިނުން މުއާމަލާތުކުރުމަކީ ކުށެކެވެ.

(ށ) ޑައިމޯފިނުން މުއާމަލާތުކުރަން އުޅުމަކީ ނުވަތަ މުއާމަލާތުކުރަން އެހީތެރިވުމަކީ ނުވަތަ މުއާމަލާތުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ)  އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް)  ރުފިޔާއިން ފެށިގެން 500,000 (ފަސްލައްކަ)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް)  އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 15,000 (ފަނަރަހާސް)  ރުފިޔާއިން ފެށިގެން 250,000 (ދެލައްކަ ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

106 ވަނަ މާއްދާ - ކެނެބިސް ޓްރެފިކްކުރުން

(ހ) ކެނެބިސް ޓްރެފިކްކުރުމަކީ ކުށެކެވެ.

(ށ) ކެނެބިސް ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ)  ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 18 (އަށާރަ)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަފަސްހާސް)  ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

107 ވަނަ މާއްދާ - ކެނެބިސް ޕެޑްލްކުރުން

(ހ) ކެނެބިސް ޕެޑްލްކުރުމަކީ ކުށެކެވެ.

(ށ) ކެނެބިސް ޕެޑްލްކުރަން އުޅުމަކީ ނުވަތަ ޕެޑްލްކުރަން އެހީތެރިވުމަކީ ނުވަތަ ޕެޑްލްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް)  އަހަރާއި 10 (ދިހައެއް)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 15,000 (ފަނަރަހާސް)  ރުފިޔާއިން ފެށިގެން 250,000 (ދެލައްކަ ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރާއި 7 (ހަތެއް)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 10,000 (ދިހަހާސް)  ރުފިޔާއިން ފެށިގެން 150,000 (އެއްލައްކަ ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

108 ވަނަ މާއްދާ - ކެނެބިހުން މުއާމަލާތުކުރުން

(ހ) ކެނެބިހުން މުއާމަލާތުކުރުމަކީ ކުށެކެވެ.

(ށ) ކެނެބިހުން މުއާމަލާތުކުރަން އުޅުމަކީ ނުވަތަ މުއާމަލާތުކުރަން އެހީތެރިވުމަކީ ނުވަތަ މުއާމަލާތުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ)  އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް)  ރުފިޔާއިން ފެށިގެން 500,000 (ފަސްލައްކަ)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް)  އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 15,000 (ފަނަރަހާސް)  ރުފިޔާއިން ފެށިގެން 250,000 (ދެލައްކަ ފަންސާސްހާސް)   ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

109 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ އެހެން މަސްތުވާއެއްޗެއް ޓްރެފިކްކުރުން

(ހ) ޑައިމޯފިންއާއި ކެނެބިސް ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމަކީ ކުށެކެވެ.

(ށ) ޑައިމޯފިންއާއި ކެނެބިސް ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ)  ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 18 (އަށާރަ)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަފަސްހާސް)  ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

110 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެތެރެކުރުން ނުވަތަ ބޭރުކުރުން

(ހ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ.

(ށ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމަކީ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ)  ރުފިޔާއިން ފެށިގެން 10,000,000 (ދިހަ މިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 18 (އަށާރަ)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަފަސްހާސް)  ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

111 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އުފެއްދުން

(ހ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އުފެއްދުމަކީ ކުށެކެވެ.

(ށ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އުފައްދަން އުޅުމަކީ ނުވަތަ އުފެއްދުމަށް އެހީތެރިވުމަކީ، ނުވަތަ އުފެއްދުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ)  ރުފިޔާއިން ފެށިގެން 10,000,000 (ދިހަމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 18 (އަށާރަ)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 (ހަތްދިހަފަސްހާސް)  ރުފިޔާއިން ފެށިގެން 7,500,000 (ހަތްމިލިއަން ފަސްލައްކަ)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

112 ވަނަ މާއްދާ - ޑައިމޯފިން ބޭނުންކުރުން

(ހ) ޑައިމޯފިން ބޭނުންކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

113 ވަނަ މާއްދާ - ކެނެބިސް ބޭނުންކުރުން

(ހ) ކެނެބިސް ބޭނުންކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

114 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުން

(ހ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

115 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ވާސިލުކުރުވުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެއްވެސް ވަސީލަތެއް މެދުވެރިކޮށް އެހެން މީހެއްގެ ހަށިގަނޑުގެ ތެރެއަށް އޭނާގެ ރުހުމުގައި ނުވަތަ އެނގުމާއެކު ވާސިލުކުރުން ނުވަތަ ވާސިލުކުރުވުން؛
  2. މީހެއްގެ ނުރުހުމުގައި ނުވަތަ މީހެއްގެ އެނގުމަކާ ނުލައި، ނުވަތަ މީހެއްގެ އަމިއްލަ އިހްތިޔާރު ކެނޑިފައިވާ ހާލަތެއްގައި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް، އެއްވެސް ވަސީލަތެއް މެދުވެރިކޮށް އޭނާގެ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރުން ނުވަތަ ވާސިލުކުރުވުން.

(ށ) މި މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ)  ގެ (2)  ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

ސަތާރަވަނަ ބާބު

ޖަދުވަލު 2 ގައިވާ މަސްތުވާތަކެއްޗާގުޅޭ ކުށް

116 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުން

(ހ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމަކީ ކުށެކެވެ.

(ށ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް)  އަހަރާއި 15 (ފަނަރަ)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 50,000 (ފަންސާސްހާސް)  ރުފިޔާއިން ފެށިގެން 1,000,000 (އެއްމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް)  އަހަރާއި 11 (އެގާރަ)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 35,000 (ތިރީސްފަސްހާސް)  ރުފިޔާއިން ފެށިގެން 750,000 (ހަތްލައްކަ ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

117 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އެތެރެކުރުން ނުވަތަ ބޭރުކުރުން

(ހ) މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޖަދުވަލު 2 ގައިވާ މަސްތުވާއެއްވެސްއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ.

(ށ) މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޖަދުވަލު 2 ގައިވާ މަސްތުވާއެއްވެސްއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމަކީ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް)  އަހަރާއި 15 (ފަނަރަ)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 50,000 (ފަންސާސްހާސް)  ރުފިޔާއިން ފެށިގެން 1,000,000 (އެއްމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް)  އަހަރާއި 11 (އެގާރަ)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 35,000 (ތިރީސްފަސްހާސް)  ރުފިޔާއިން ފެށިގެން 750,000 (ހަތްލައްކަ ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

118 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އުފެއްދުން

(ހ) މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އުފެއްދުމަކީ ކުށެކެވެ.

(ށ) މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އުފައްދަން އުޅުމަކީ ނުވަތަ އުފައްދަން އެހީތެރިވުމަކީ، ނުވަތަ އުފެއްދުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް)  އަހަރާއި 15 (ފަނަރަ)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 50,000 (ފަންސާސްހާސް)  ރުފިޔާއިން ފެށިގެން 1,000,000 (އެއްމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް)  އަހަރާއި 11 (އެގާރަ)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 35,000 (ތިރީސްފަސްހާސް)  ރުފިޔާއިން ފެށިގެން 750,000 (ހަތްލައްކަ ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

119 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ވާސިލުކުރުވުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޕްރިސްކްރިޕްށަނެއް ނެތި އެއްވެސް ވަސީލަތެއް މެދުވެރިކޮށް އެހެން މީހެއްގެ ހަށިގަނޑުގެ ތެރެއަށް އޭނާގެ ރުހުމުގައި ނުވަތަ އެނގުމާއެކު ވާސިލުކުރުން ނުވަތަ ވާސިލުކުރުވުން؛
  2. މީހެއްގެ ނުރުހުމުގައި ނުވަތަ މީހެއްގެ އެނގުމަކާ ނުލައި، ނުވަތަ މީހެއްގެ އަމިއްލަ އިހްތިޔާރު ކެނޑިފައިވާ ހާލަތެއްގައި، ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޕްރިސްކްރިޕްށަނެއް ނެތި އެއްވެސް ވަސީލަތެއް މެދުވެރިކޮށް އޭނާގެ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރުން ނުވަތަ ވާސިލުކުރުވުން.

(ށ) މި މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ)  ގެ (2)  ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

120 ވަނަ މާއްދާ - ޕްރިސްކްރިޕްށަން ބަދަލުކޮށްގެން މަސްތުވާތަކެތި ހޯދުން

(ހ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ހޯދުމަށްޓަކައި، ޕްރިސްކްރިޕްށަނަކަށް ބަދަލު ގެނައުމަކީ ނުވަތަ އުނިއިތުރެއް ގެނައުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

އަށާރަވަނަ ބާބު

މަސްތުވާތަކެއްޗާގުޅޭ އެހެނިހެން ކުށް

121 ވަނަ މާއްދާ - ޖަދުވަލު 1 އާއި ޖަދުވަލު 2 ގައި ނުހިމެނޭ މަސްތުވާތަކެތި

(ހ) ޖަދުވަލު 1 ގައިވާ ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ކަމަށް ނުވިނަމަވެސް، މަސްތުވެގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުންކުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރޭގައި ބަނގުރަލެއް ނުހިމެނެއެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

122 ވަނަ މާއްދާ - މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ވަސީލަތެއް އުފެއްދުން

(ހ) މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި، ނުވަތަ ޕެޑްލްކުރުމަށްޓަކައި، ނުވަތަ ޓްރެފިކްކުރުމަށްޓަކައި، ނުވަތަ އެއިން ކުށެއް ކުރުމަށް ކުރާ ކަމެއްކަން އެނގިހުރެ، ނުވަތަ އެއިން ކުށެއް ކުރުމަށް ކުރާ ކަމެއްކަން ގަބޫލުކުރާނެ ފުރުސަތުއޮވެ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ މީހާ އެކުރަނީ ކުށެކެވެ.

  1. ޖަދުވަލު 3 ގައިވާ އެއްޗެއް އުފެއްދުން ނުވަތަ ތައްޔާރުކުރުން؛
  2. ޖަދުވަލު 3 ގައިވާ އެއްޗެއް އަތުގައި ބެހެއްޓުން؛
  3. ޖަދުވަލު 3 ގައިވާ އެއްޗެއް އެހެން މީހަކަށް ރައްދުކޮށްދިނުން، ނުވަތަ ފޯރުކޮށްދިނުން، ނުވަތަ ދިނުން؛
  4. ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުން.

(ށ) މި މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުން ފެށިގެން (4)  ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރާއި 5 (ފަހެއް)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން، ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ، ނުވަތަ އެ ހުއްދައިގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ އެއްޗެއް، އެ ހުއްދަ އޮތް މީހެއްގެ އަތުގައި ބެހެއްޓުމަކީ، މި މާއްދާގެ ދަށުން ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

123 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުން

(ހ) މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗެހި ޓެސްޓްކުރުމަށްޓަކައި، ކުޑަކަމުދާ އެއްޗެހި ދިނުމަށް މި ގާނޫނުގެ 161 ވަނަ މާއްދާގެ (ހ)  ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރާ މީހާ އެކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

124 ވަނަ މާއްދާ - ބޮޑީ ސާމްޕަލް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ފޮޓޯ ނެގުމަށް އިންކާރުކުރުން

(ހ) ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު އޭނާގެ އިނގިލީގެ ނިށާން ނެގުމަށް ނުވަތަ ފޮޓޯނެގުމަށް އެކަށީގެންވާ ސަބަބެއް ނެތި އިއުތިރާޒްކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.

(ށ) ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު އޭނާގެ ބޮޑީ ސާމްޕަލް ނެގުމަށް އެކަށީގެންވާ ސަބަބެއް ނެތި އިއުތިރާޒްކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.

(ނ) ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު އޭނާގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އެކަށީގެންވާ ސަބަބެއް ނެތި އިއުތިރާޒްކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.

(ރ) ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު އޭނާގެ ކިބައިން އެދޭ މައުލޫމާތު ސާފުކޮށްދިނުމަށް އެކަށީގެންވާ ސަބަބެއް ނެތި އިއުތިރާޒްކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.

(ބ) މި މާއްދާގެ (ހ)  އިން ފެށިގެން (ރ)  ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

 

125 ވަނަ މާއްދާ - މަސްތުވާތަކެތި ޓްރެފިކްކުރުމާ ގުޅޭގޮތުން ތަނުގެ ނުވަތަ އުޅަނދުގެ ވެރިފަރާތުން ކުރާ ކުށް

(ހ) ގެއެއް ނުވަތަ އިމާރާތެއް ނުވަތަ އުޅަނދެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ނުވަތަ އުޅަނދަކުން ބައެއް، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ގާނޫނާ ހިލާފަށް ޓްރެފިކްކުރުމަށް ނުވަތަ ޕެޑްލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތުއޮވެ، އެ ތަނެއް ނުވަތަ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއް ބަލަހައްޓަމުންދާ ފަރާތުން ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން، ހުއްދަ ދިނުމަކީ ނުވަތަ ހުއްދަކުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

126 ވަނަ މާއްދާ - މަސްތުވާތަކެތި ބޭނުންކުރުމާ ގުޅޭގޮތުން ބިމުގެ ނުވަތަ އިމާރާތުގެ ނުވަތަ އުޅަނދުގެ ވެރިފަރާތުން ކުރާ ކުށް

(ހ) މީހުން ދިރިއުޅޭ ގެއަކަށް ނުވާ، އެހެންނަމަވެސް މީހުން ބޭނުންކުރާ ނުވަތަ މީހުން ވަދެނިކުމެވާ ބިމެއްގައި ނުވަތަ އިމާރާތެއްގައި ނުވަތަ ތަނެއްގައި ނުވަތަ އުޅަނދެއްގައި، މީހަކު ނުވަތަ ބަޔަކު، ޖަދުވަލު 1 ގައިވާ ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރާކަމަށް، ނުވަތަ ހަށިގަނޑަށް ވާސިލުކުރާކަމަށް ނުވަތަ އެއިން ކަމެއް ކުރުމަށް އުޅޭކަމަށް ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތުއޮވެ، އެ ތަނެއްގެ ނުވަތަ އުޅަނދެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނެއް ނުވަތަ އުޅަނދެއްގައި އުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގެ ނުވަތަ އުޅަނދެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުމަކީ ނުވަތަ ހުއްދަކުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 2 (ދޭއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

127 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުން

(ހ) މަސްތުވާތަކެތި ޕެޑްލްކޮށްގެން ނުވަތަ ޓްރެފިކްކޮށްގެން ހޯދާފައިވާ، ނުވަތަ އެއިން ކަމެއް ކުރުމުގެ ސަބަބުން ލިބިފައިވާ މުދަލެއްކަން ނުވަތަ ފައިސާއެއްކަން އެނގިހުރެ، ނުވަތަ އެފަދަ ކުށެއް ކޮށްގެން ހޯދާފައިވާ ނުވަތަ ލިބިފައިވާ އެއްޗެއްކަމަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރެ، އެމުދަލެއް ނުވަތަ ފައިސާއެއް ލިބިގަނެ، އަތުގައި ބަހައްޓައި، ނުވަތަ ބޭނުންކުރުމަކީ ކުށެކެވެ.

(ށ) މަސްތުވާތަކެތި ޕެޑްލްކޮށްގެން ނުވަތަ ޓްރެފިކްކޮށްގެން ހޯދާފައިވާ އެއްޗެއްކަން ސިއްރު ކުރުމަށްޓަކައި ނުވަތަ ކުށުގައި ބައިވެރިވެފައިވާ މީހަކަށް ހައްގުވާ އަދަބުން މިންޖުކޮށްދިނުމަށްޓަކައި، ކުށްކޮށްގެން ހޯދާފައިވާ މުދަލެއްގެ ނުވަތަ ފައިސާއެއްގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ، ނުވަތަ އޭގެ މިލްކުވެރިކަމަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ނުވަތަ މިލްކުވެރިކަން ބަދަލުކުރުމަށް އެނޫންވެސް ގޮތަކުން އެހީތެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައި ބަޔާންކޮށްފައިވާ ކުށްކުށުގެ ތެރެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 10,000  (ދިހަހާސް)  ރުފިޔާއާއި 1,000,000 (އެއްމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

128 ވަނަ މާއްދާ - ހިތްވަރުދިނުމާއި ށައުގުވެރިކުރުވުމުގެ ކުށް

(ހ) މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދިނުން ނުވަތަ ށައުގުވެރިކުރުވުން ނުވަތަ އެއިން ކަމެއް ކުރުމަށް މަގުފަހިކޮށްދިނުމުގެގޮތުން އެއްވެސް އަމަލެއް ކުރުމަކީ ކުށެކެވެ.

(ށ) މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ށާއިއުކުރުން ނުވަތަ އާންމުންނަށް ދެއްކުމަށްޓަކައި ނެރުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައި ބަޔާންކޮށްފައިވާ ކުށްކުށުގެ ތެރެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

129 ވަނަ މާއްދާ - ޖަދުވަލު 1 ގައިވާ އެއްޗެއް ކަމުގައި ބަލައިގެން އެއްޗެއް ވިއްކުން ނުވަތަ ގަތުން

(ހ) އެ އެއްޗަކީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ކަމުގައި ބަލައިގެން އެއްވެސް އެއްޗެއް ގަތުން، ނުވަތަ އެ އެއްޗަކީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ކަމުގައި ބަލައިގެން ނުވަތަ ދައްކައިގެން އެއްވެސް އެއްޗެއް ވިއްކުން، ނުވަތަ އެފަދަ ކަމެއް ކުރަން އުޅުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 10,000 (ދިހަހާސް)  ރުފިޔާއާއި 1,000,000 (އެއްމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

130 ވަނަ މާއްދާ - ޓްރެފިކްކުރާކަން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާކަން ނުވަތަ ބޭރުކުރާކަން ނުއެންގުން

(ހ) ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރާކަން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާކަން ނުވަތަ ބޭރުކުރާކަން ނުވަތަ އެއިން ކަމެއް ކުރަން އުޅޭކަން އެނގިހުރެ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކަމެއް ނޭންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް)  އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 10,000 (ދިހަހާސް)  ރުފިޔާއާއި 1,000,000 (އެއްމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

131 ވަނަ މާއްދާ - ގާނޫނީ ށަހްސަކުން ކުށްކުރުން

(ހ) މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކުރީ ގާނޫނީ ށަހްސަކުން ކަމުގައިވާނަމަ، ނުވަތަ އެކަން ކުރީ، އެ ގާނޫނީ ށަހްސެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެ ށަހްސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމާއެކު ނުވަތަ އެއިން މީހަކަށް އެނގިހުރެ ކަމުގައިވާނަމަ، އެކަމެއް ކުރި މީހާއާއި އެމީހަކު ނިސްބަތްވާ ގާނޫނީ ށަހްސު އެކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)   ގައި  ބަޔާންކުރާ  ކުށެއް  ކޮށްފި  މީހެއްގެ  އަދަބަކީ، 1,000,000 (އެއްމިލިއަން)  ރުފިޔާއާއި 100,000,000 (ސަތޭކަމިލިއަން)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

132 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ކުށްކުރުން

(ހ) މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ އެއްވެސް ކުށެއް ދިވެހި ރައްޔިތަކު، ދިވެހިރާއްޖެއިން ބޭރުގައި ހުރެ ކުރިކަމުގައިވީނަމަވެސް، އޭނާ އެކުރީ ކުށެކެވެ. އަދި އެއިން ކުށަކަށް ކަނޑައެޅޭނެ އަދަބަކީ މި ގާނޫނުގައި އެކުށަކަށް ކަނޑައަޅާފައިވާ އަދަބެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ)  ގެ ދަށުން ދިވެހި ރައްޔިތެއްގެ މައްޗަށް ދިވެހިރާއްޖޭގައި ދައުވާ އުފުލޭނީ، އޭނާ ކުށް ކުރި ގައުމުގައި އޭނާގެ މައްޗަށް ދައުވާކޮށް ހުކުމްކޮށްފައިނުވާނަމައެވެ.

 (ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ދިވެހިރައްޔިތަކު ބޭރު ގައުމެއްގައި ކޮށް، އެ ކުށުގެ ތުހުމަތުގައި އެ ގައުމެއްގައި އެމީހެއްގެ މައްޗަށް ށަރީއަތްކޮށް، ކުށް ސާބިތުވެގެން އެމީހެއްގެ މައްޗަށް އެގައުމެއްގެ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމް އެ ގައުމުގައި ތަންފީޒުކުރެވެމުންދަނިކޮށް، އެމީހެއްގެ މައްޗަށް އެ ގައުމުގެ ކޯޓުން ކަނޑައަޅާފައިވާ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ ގާނޫނެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އެމީހަކު ދިވެހިސަރުކާރާ ހަވާލުކުރެވިއްޖެނަމަ، އެ ގައުމެއްގެ ކޯޓުން ކަނޑައަޅާފައިވާ ހުކުމަކީ ދިވެހިރާއްޖޭގެ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމެކޭ އެއްފަދައިން، ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނެ ހުކުމެކެވެ.

 

133 ވަނަ މާއްދާ - މި ގާނޫނުގައިވާ އެންމެ ބޮޑެތި އަދަބުތައް ދިނުން

މި ގާނޫނުގައި ބަޔާންވެގެންވާ ކުށެއް ކުރީ، ތިރީގައި ބަޔާންކޮށްފައިވާ މީހަކުނަމަ، މި ގާނޫނުގައި އެ ކުށަކަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު، އެ ކުށެއް ކުރި މީހަކަށް ދޭންވާނެއެވެ.

(ހ) ގާނޫނު ނަންބަރު 18/2010 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު)  ގައި ބަޔާންކުރާ ގޭންގެއްގެ މެންބަރެއް؛

(ށ) މި ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މީހަކު؛

(ނ) އަންނަނިވި ފަރާތްތަކަށް މި ގާނޫނާ ހިލާފަށް މަސްތުވާއެއްޗެއް ދިން މީހަކު، ނުވަތަ އެއިން ފަރާތެއްގެ ހަށިގަނޑަށް މި ގާނޫނާ ހިލާފަށް މަސްތުވާއެއްޗެއް ވާސިލުކުރުވައިފި މީހަކު، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދިން މީހަކު، ނުވަތަ މި ގާނޫނުގެ ދަށުން ކުށެއް ކުރުމުގައި އެއިން ފަރާތެއް ބައިވެރިކުރި މީހަކު.

  1. އުމުރުން 18 (އަށާރަ)  އަހަރު ނުފުރޭ ކުޑަކުއްޖަކަށް؛
  2. ބުއްދިހަމަނުޖެހޭ މީހަކަށް؛
  3. މި ގާނޫނުގެ ދަށުން ފަރުވާ ލިބެމުންދާ މީހަކަށް.

 

ނަވާރަވަނަ ބާބު

ގާނޫނު ގަބޫލުކުރާ ގޮތް

134 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު ޑައިމޯފިން ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުން

(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 2 (ދޭއް)  ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ބޭނުންކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ޑައިމޯފިން ހުރީ 2 (ދޭއް)  ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވީނަމަވެސް، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 2 (ދޭއް)  ގްރާމަށްވުރެ ގިނައިން، އެހެންނަމަވެސް 4 (ހަތަރެއް)  ގްރާމަށްވުރެ ގިނަނޫން އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް އޭނާ ކުރިކަމަށް ދައުލަތުން  ސާބިތުކޮށްނުދޭހާހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ނ)  އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ޑައިމޯފިން ހުރީ، 2 (ދޭއް)  ގްރާމަށްވުރެ ގިނައިން އެހެންނަމަވެސް 4 (ހަތަރެއް)  ގްރާމަށްވުރެ ގިނަނޫން އަދަދަކަށް ކަމުގައިވެފައި، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 4 (ހަތަރެއް)  ގްރާމަށްވުރެ ގިނަ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

 

135 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހަކު ޑައިމޯފިން ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުން

(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 2 (ދޭއް)  ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް މުއާމަލާތުކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި ޑައިމޯފިން ހުރީ 2 (ދޭއް)  ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވެފައި، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 2 (ދޭއް)  ގްރާމަށްވުރެ ގިނައިން، އެހެންނަމަވެސް 4 (ހަތަރެއް)  ގްރާމަށްވުރެ ގިނަނޫން އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް މުއާމަލާތުކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ނ)  އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި ޑައިމޯފިން ހުރީ، 2 (ދޭއް)  ގްރާމަށްވުރެ ގިނައިން އެހެންނަމަވެސް 4 (ހަތަރެއް)  ގްރާމަށްވުރެ ގިނަނޫން އަދަދަކަށް ކަމުގައިވެފައި، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް، އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 4 (ހަތަރެއް)  ގްރާމަށްވުރެ ގިނަ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

 

136 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު ކެނެބިސް ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުން

(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 5 (ފަހެއް)  ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ބޭނުންކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރީ 5 (ފަހެއް)  ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވީނަމަވެސް، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް، އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 5 (ފަހެއް)  ގްރާމަށްވުރެ ގިނައިން، އެހެންނަމަވެސް 14 (ސާދަ)  ގްރާމަށްވުރެ ގިނަނޫން އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޕެޑްލްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ނ)  އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރީ 5 (ފަހެއް)  ގްރާމަށްވުރެ ގިނައިން، އެހެންނަމަވެސް 14 (ސާދަ)  ގްރާމަށްވުރެ ގިނަނޫން އަދަދަކަށް ކަމުގައިވެފައި، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 14 (ސާދަ)  ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

 

137 ވަނަ މާއްދާ - މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހަކު ކެނެބިސް ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުން

(ހ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 5 (ފަހެއް)  ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ މަސްތުވާތަކެތިން މުއާމަލާތުކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރީ 5 (ފަހެއް)  ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވެފައި، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް، އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރީ 5 (ފަހެއް)  ގްރާމަށްވުރެ ގިނައިން، އެހެންނަމަވެސް 14 (ސާދަ)  ގްރާމަށްވުރެ ގިނަނޫން އަދަދަކަށް ކަމުގައިވީނަމަވެސް،
މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް އޭނާ ކުރިކަމަށް ދައުލަތުން ސާބިތުކޮށްނުދޭހާހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ މަސްތުވާތަކެތިން މުއާމަލާތުކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ނ)  އެހެން އޮތްނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރީ، 5 (ފަހެއް)  ގްރާމަށްވުރެ ގިނައިން އެހެންނަމަވެސް 14 (ސާދަ)  ގްރާމަށްވުރެ ގިނަނޫން އަދަދަކަށް ކަމަށްވެފައި، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް އޭނާ ކުރިކަމަށް ސާބިތުވެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 14 (ސާދަ)  ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

 

138 ވަނަ މާއްދާ - ޖަދުވަލު 1 ގައި ހިމެނޭ އެހެން މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކްކުރުން

(ހ) ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ތެރެއިން ޑައިމޯފިންއާއި ކެނެބިސް ފިޔަވައި އެޖަދުވަލުގައި ބަޔާންކޮށްފައިވާ އެހެން އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއްގެ 1 (އެކެއް)  ގްރާމް ނުވަތަ އެއަށްވުރެ މަދު އަދަދެއް މީހެއްގެ އަތުގައި ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ބޭނުންކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ށ) ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ތެރެއިން ޑައިމޯފިންއާއި ކެނެބިސް ފިޔަވައި އެޖަދުވަލުގައި ބަޔާންކޮށްފައިވާ އެހެން އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއް، 1 (އެކެއް)  ގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

 

139 ވަނަ މާއްދާ - ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަން ބަލާނެ ގޮތް

(ހ) މީހެއްގެ އަތުގައި ހުރި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ހުރީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ކަމުގައިނުވާނަމަ، އެ މަސްތުވާއެއްޗެއްގެ ބަރުދަނަކީ، އޭގެ ޒާތުގައި އެ އެއްޗެއްގައި ހުރި ބަރުދަނެވެ.

(ށ) މީހެއްގެ އަތުގައި ހުރި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ހުރީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ކަމުގައިވާނަމަ، އެ މަސްތުވާއެއްޗެއްގެ ބަރުދަނަކީ، އެ ހުރިހާ އެއްޗެއްގެ ޖުމްލަ ބަރުދަނެވެ.

(ނ) މީހެއްގެ އަތުގައި ހުރީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗަކާއި ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އެއްކޮށްފައި ކަމުގައިވާނަމަ، އެ އެއްޗެއްގައި ގިނައިން ފާހަގަވާން ހުރީ ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ކަމުގައިވާނަމަ، އޭނާގެ އަތުގައި އެ ހުރީ، ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ކަމުގައި މި މާއްދާގެ (ށ)  ގެ ބޭނުމަށްޓަކައި ބެލެވޭނެއެވެ.

(ރ) މީހެއްގެ އަތުގައި ހުރީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗަކާއި ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އެއްކޮށްފައި ކަމުގައިވާނަމަ، އެ އެއްޗެއްގައި ގިނައިން ފާހަގަވާން ހުރީ ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ކަމުގައިވާނަމަ، އޭނާގެ އަތުގައި އެ ހުރީ، ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ކަމުގައި މި މާއްދާގެ (ށ)  ގެ ބޭނުމަށްޓަކައި ބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ނ)  އަދި (ރ)  ގެ ބޭނުމަށްޓަކައި "ގިނައިން ފާހަގަވާން ހުރި" މިންވަރު ބެލުމުގައި ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާއެއްޗެހީގެ ބަރުދަން ބަލާނީ ގްރާމުންނެވެ. ޖަދުވަލު 2 ގައި ހިމެނޭ މަސްތުވާއެއްޗެހީގެ ބަރުދަން ބަލާނީ ޑޯސެޖުންނެވެ.

 

140 ވަނަ މާއްދާ - ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކްކުރުން

(ހ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ހުއްދަ ދީފައިވާ ފަރާތެއްގެ އަތުގައި، ހުއްދަ ދީފައިވާ މިންވަރަށްވުރެ ގިނައިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ށ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޕްރިސްކްރިޕްށަނެއް މެދުވެރިކޮށް، ޑޮކްޓަރަކު މީހަކަށް ލިޔެދީފައިވާނަމަ، އެ ލިޔެދީފައިވާ މިންވަރަށްވުރެ ގިނައިން އޭނާގެ އަތުގައި ހުރެއްޖެނަމަ، އެ އެއްޗެއްގެ އިތުރުވާ މިންވަރު އޭނާގެ އަތުގައި ހުރީ ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

(ނ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، މީހެއްގެ އަތުގައި ހުރީ، ޕްރިސްކްރިޕްށަނެއް ނެތި ކަމުގައިވެފައި، އޭނާގެ އަތުގައި އެ އެއްޗެއް ހުރި މިންވަރަކީ، ޑޮކްޓަރަކު އާންމުކޮށް އެއް ފަހަރު ލިޔެދޭ މިންވަރު  ނުވަތަ އެއަށްވުރެ މަދު މިންވަރެއް ކަމުގައިވާނަމަ، އޭނާގެ އަތުގައި އެއެއްޗެއް ބަހައްޓާފައި ހުރީ އެ އެއްޗެއް ބޭނުންކުރުމަށްޓަކައި ކަމުގައި ބެލެވޭނެއެވެ.

(ރ) ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރީ، ޕްރިސްކްރިޕްށަނެއް ނެތި ކަމުގައިވެފައި، އޭނާގެ އަތުގައި އެ އެއްޗެއް ހުރި މިންވަރަކީ، ޑޮކްޓަރަކު އާންމުކޮށް އެއް ފަހަރު ލިޔެދޭ މިންވަރަށްވުރެ ގިނައިން ކަމުގައިވާނަމަ، އެހެން ގޮތަކަށް އޭނާ ސާބިތުކޮށްނުދޭހާހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

 

141 ވަނަ މާއްދާ - މަސްތުވާއެއްޗެއް އަތުގައި ހުރީ ކަމުގައި ބެލުން

އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއްގައިވާ މީހާގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމުގައި ބެލެވޭނެއެވެ.

(ހ) މީހެއްގެ އަތުގައި ނުވަތަ ގައިގައި ނުވަތަ ހަށިގަނޑުގައި މަސްތުވާއެއްޗެއް ހުރުން؛

(ށ) މީހަކު ލައިގެން ހުންނަ އަންނައުނުގައި ނުވަތަ އަންނައުނާގުޅޭ ސާމާނުގައި ނުވަތަ އޭނާ އަޅައިގެން ހުންނަ ގަހަނާގައި މަސްތުވާއެއްޗެއް ހުރުން؛

(ނ) މީހަކު ހިފައިގެންއުޅޭ ނުވަތަ އަޅައިގެންއުޅޭ ނުވަތަ އޭނާގެ ގައިގައި ހަރުކޮށްގެންއުޅޭ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުން؛

(ރ) މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުން؛

(ބ) މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ގެއެއްގައި މަސްތުވާއެއްޗެއް ހުރުން ނުވަތަ މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ކޮޓަރިއެއްގައި މަސްތުވާއެއްޗެއް ހުރުން؛

(ޅ) މަތީގައިވާ ކަންކަމުގެ އިތުރުން، މީހެއްގެ އަތުގައި ހުރީ ކަމަށް މާނަކުރެވިދާނެ ގޮތަށް މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރުން.

 

142 ވަނަ މާއްދާ - ޓްރެފިކްކުރާ މީހެއް ކަމުގައި ބެލުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މަސްތުވާތަކެތިން މުއާމަލާތުކުރާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފި ކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ، މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއް ކަމުގައި ބެލެވޭނެއެވެ.

(ހ) މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ މަސްތުވާއެއްޗެއް ދިވެހިރާއްޖެއިން ބޭރުކުރުން؛ ނުވަތަ

(ށ) މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ދިވެހިރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބަޔަކާ ގުޅިގެން މަސައްކަތްކުރުން؛ ނުވަތަ

(ނ) ދާއިމީ ސިފައެއްގައި މަސްތުވާތަކެތި ބަޔަކަށް ފޯރުކޮށްދެމުންދިޔުން ނުވަތަ ދާއިމީ ސިފައެއްގައި އޭނާގެ އަތުން މަސްތުވާތަކެތި ބަޔަކު ހޯދަމުން ދިޔުން؛ ނުވަތަ

(ރ) އޭނާގެ އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު، އެ ހާލަތާ އަޅާކިޔޭ މިންވަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނުވަތަ މުދާ އޭނާގެ އަތުގައި ހުރުމާއެކު، އެ ލިބުނު ގޮތެއް ބަޔާންކޮށްދޭން ނޭނގުން؛ ނުވަތަ

(ބ) ގާނޫނު ނަންބަރު 18/2010 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު)  ގައި ބަޔާންކުރާ ގޭންގަކަށް އެހީތެރިވުން ނުވަތަ އެފަދަ ގޭންގަކުން އޭނާއަށް އެހީތެރިވުން؛ ނުވަތަ

(ޅ) މަސްތުވާތަކެތި ވިއްކުމަށްޓަކައި އެކި ފެންވަރުގައި، އެކި މިންވަރަށް، އެކި ގޮތަށް މަސްތުވާތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގެ ވަސީލަތްތައް، އޭނާގެ ކޮންޓްރޯލްގެ ދަށުގައި ހުރުން؛ ނުވަތަ

(ކ) ވަކި ތަރުތީބުތަކެއްގެމަތިން ރޭވިގެން ކުރާ ކަމެއްގެ ގޮތުގައި މަސްތުވާތަކެތި ފޯރުކޮށްދިނުން؛ ނުވަތަ

(އ) މަސްތުވާތަކެތި ވިއްކުމުގެ ނިޔަތުގައި ނުވަތަ ގަތުމުގެ ނިޔަތުގައި ފައިސާގެ މުއާމަލާތެއް ކޮށްފައިވުން؛ ނުވަތަ

(ވ) އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި އުފުލުން ނުވަތަ ފޮނުވުން ނުވަތަ ގެންދިޔުން ނުވަތަ އެއިން ކަމެއް ކުރުވުން؛ ނުވަތަ

(މ) މަސްތުވާތަކެތި ތައްޔާރުކުރުން ނުވަތަ އުފެއްދުން ނުވަތަ މަސްތުވާތަކެތި ލިބޭނެ ގަހެއް އިންދުން ނުވަތަ އެފަދަ ގަހެއް ހެއްދުން ނުވަތަ ހައްދައި ބޮޑުކުރުން؛ ނުވަތަ

(ފ) ޓްރެފިކްކުރާ މީހެއް ކަމަށް ބެލެވޭ މިންވަރު ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި އަތުގައި ހުރުން.

 

143 ވަނަ މާއްދާ - ޕެޑްލަރެއް ކަމުގައި ބެލުން

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، މަސްތުވާތަކެތިން މުއާމަލާތުކޮށްފިނަމަ، އޭނާއަކީ ޕެޑްލަރެއް ކަމުގައި ބެލެވޭނެއެވެ.

 

144 ވަނަ މާއްދާ - އެކެއްގެ އަތުގައި ހުރި މަސްތުވާއެއްޗެއް އެހެން މީހެއްގެ އަތުގައިވެސް ހުރީ ކަމަށް ބެލެވުން

އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އެމީހުންގެ ރުހުމާއެކު، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެ އަދަދަށް ހުރީ ކަމުގައި ބެލެވޭނެއެވެ.

 

145 ވަނަ މާއްދާ - މަސްތުވާތަކެތި ބޭނުންކުރާ ކޮޓަރިއެއް ކަމުގައި ބެލެވުން

(ހ) މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި ހަދާފައި ހުންނަ އެއްވެސް ބާވަތެއްގެ އާލާތެއް ކޮޓަރިއަކުން ފެނިއްޖެނަމަ، އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، އެ ކޮޓަރިއަކީ މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ކޮޓަރިއެއް ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކޮޓަރިއަކުން ނިކުމެގެންދާ މީހާއަކީ، ނުވަތަ މަސްތުވާތަކެތި ބޭނުންކުރަން ބަޔަކު ތިބި ކޮޓަރިއެއްގައި ހުރި މީހާއަކީ، އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، މަސްތުވާއެއްޗެއް ބޭނުންކުރުމަށް އެކޮޓަރީގައި ހުރި މީހެއް ކަމުގައި ބެލެވޭނެއެވެ.

 

146 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހީގެ ޓެސްޓާ ބެހޭގޮތުން ގަބޫލުކުރާނެ ގޮތް

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރެވޭ ކުޑަކަމުދާ އެއްޗެހީގެ ޓެސްޓުގެ ނަތީޖާއިން، އެ މީހެއްގެ ކުޑަކަމުދާ އެއްޗެހީގައި މަސްތުވާއެއްޗެއްގެ އަސަރު ހުރިކަމަށް ދައްކައިފިނަމަ، އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، އެމީހަކީ، މަސްތުވާއެއްޗެހި ބޭނުންކުރާ މީހެއް ކަމުގައި ބެލެވޭނެއެވެ.

 

ހަވަނަ ބައި

ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތަކާގުޅޭ

 

ވިހިވަނަ ބާބު

ބަލައި ފާސްކުރުން

147 ވަނަ މާއްދާ - ތަންތަން ބަލައި ފާސްކުރުމާއި އެއްޗެހި ހިފެހެއްޓުމުގެ ބާރު

އަންނަނިވި ހާލަތުތަކުގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

(ހ) ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ގެއެއްގައި ނުވަތަ ތަނެއްގައި ހުރިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރާކަން ފުލުހުންނަށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ކޯޓު އަމުރަކާ އެކު، އެ ގެއަކަށް ނުވަތަ އެ ތަނަކަށް ވަދެ، ގެއެއް ނުވަތަ ތަނެއް ބަލައި ފާސްކުރުން؛

(ށ) މި ގާނޫނުގެ ދަށުން ކުށެއް ކޮށްފިކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ މީހެއްގެ ހަށިގަނޑާއި ހެދުން ކޯޓު އަމުރަކާ ނުލައި ބަލައި، ފާސްކުރުން؛

(ނ) މި މާއްދާގެ (ށ)  ގެ ދަށުން މީހެއްގެ ހަށިގަނޑާއި ހެދުން ބަލައި ފާސްކުރަންވާނީ އޭނާއާ އެއް ޖިންސުގެ ފުލުހެއް މެދުވެރިކޮށެވެ.

(ރ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ގެއަކުން ނުވަތަ ތަނަކުން ފެންނަ އެއްޗެހީގެ ތެރެއިން، މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް ސާބިތުކުރުމަށްޓަކައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އަތުލުން، ނުވަތަ ނެގުން، ނުވަތަ ހިފެހެއްޓުން؛

(ބ) މަސްތުވާތަކެތި ދެނެގަނެ ހޯދުމުގައާއި، މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ހިންގަންޖެހޭ ތަހުގީގުތައް ހިންގުމުގައި، ކަމާގުޅޭ ނިސްބަތަށް، ބޭނުންކުރަންޖެހޭ ކުއްތާއާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރުން.

 

148 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް ލިބިދޭ އިތުރު ބާރު

(ހ) މި ގާނޫނުގެ 147 ވަނަ މާއްދާއިން ފުލުހުންގެ އޮފިސަރަކަށް ލިބިދޭ ބާރު ތަންފީޒުކުރުމުގައި ފުލުހުންގެ އޮފިސަރަކު އަންނަނިވި ކަންކަން ކުރުމަކީ، މި މާއްދާއިން ހުއްދަކުރާ ކަމެކެވެ.

  1. ތަޅުލާފައި ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން އެދޮރެއް ހުޅުވުން؛
  2. ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނުވަތަ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ކުޑަދޮރެއް ހުޅުވުން؛
  3. ތަޅުންގަނޑުން ބައެއް، ނުވަތަ ފާރުން ބައެއް، ނުވަތަ ފަންގިފިލާއިން ބައެއް ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ނުވަތަ ތަނެއް ބެލުން؛
  4. ބަންދުކޮށްފައި ހުރި ފޮށްޓެއް ނުވަތަ އެއްޗެއް ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ބެލުން.

(ށ) މި މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުން ފެށިގެން (4)  ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ފުލުހުން ކުރަންވާނީ، އެއިން ކަމެއް، ބާރުގެ ބޭނުން ނުކޮށް ކުރެވެން ނެތް ހާލަތުގައި އެކަންޏެވެ.

(ނ) މި ގާނޫނުގެ 147 ވަނަ މާއްދާއިން ފުލުހުންގެ އޮފިސަރަކަށް ލިބިދޭ ބާރު ތަންފީޒުކުރުމުގައި، ކޯޓު އަމުރަކާއެކު، މީހުންގެ މެދުގައި ޓެލެފޯނުންނާއި އެހެނިހެން މުވާސަލާތީ ވަސީލަތްތަކުން ދެކެވޭ ވާހަކައާއި ބަދަލުކުރެވޭ މައުލޫމާތު އަހައި، ބަލައި، ރެކޯޑްކުރެވިދާނެއެވެ.

(ރ) މި މާއްދާގައި ދީފައިވާ ބާރުތައް ފުލުހުން ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދައި ހިންގަންވާނެއެވެ.

 

149 ވަނަ މާއްދާ - އުޅަނދުފަހަރު ފާސްކުރުން

(ހ) ދިވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ފުރާ ނުވަތަ ދިވެހިރާއްޖޭގައި ދުއްވާ އުޅަނދުފަހަރާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންގެ އޮފިސަރަކަށް ލިބިގެންވެއެވެ.

  1. ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 3 ގައިވާ އެއްޗެއް އުޅަނދެއްގައި ހުރިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދެއް ބޭނުންކޮށްގެން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ގަބޫލުކުރެވޭނަމަ، އެ އުޅަނދެއް ހިފަހައްޓައި، އެ އުޅަނދަކަށް އަރައި، އެ އުޅަނދު ބަލައި ފާސްކުރުން؛
  2. އެ އުޅަނދެއްގައި އެވަގުތު ތިބި ބަޔަކާއި ތަކެތި ބަލައި ފާސްކުރުން.

(ށ) ދިވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ފުރާ އުޅަނދުފަހަރާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ކަސްޓަމްސްގެ އޮފިސަރަކަށް ލިބިގެންވެއެވެ.

  1. ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 3 ގައިވާ އެއްޗެއް އުޅަނދެއްގައި ހުރިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް
    އެ އުޅަނދެއްގައި ނުވަތަ އެ އުޅަނދެއް ބޭނުންކޮށްގެން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ގަބޫލުކުރެވޭނަމަ، އެ އުޅަނދެއް ހިފަހައްޓައި، އެ އުޅަނދަކަށް އަރައި، އެ އުޅަނދު ބަލައި ފާސްކުރުން؛
  2. އެ އުޅަނދެއްގައި އެވަގުތު ތިބި ބަޔަކާއި ތަކެތި ބަލައި ފާސްކުރުން.

(ނ) މި މާއްދާގެ ދަށުން އުޅަނދެއް ބަލައި ފާސްކުރުމުގައި މީހެއްގެ އަތުގައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 3 ގައިވާ އެއްޗެއް ހުރިކަމަށް މި މާއްދާގެ ދަށުން ހަރަކާތްތެރިވަމުންދާ އޮފިސަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ އެއްޗެއް އަތުލައި ހިފެހެއްޓުމުގެ ބާރު އެ އޮފިސަރަކަށް ލިބިގެންވެއެވެ. ހަމައެހެންމެ، އެފަދަ އުޅަނދެއް ހިފަހައްޓައި، އިތުރަށް އެ އުޅަނދެއް ދަތުރުކުރިޔަނުދިނުމުގެ ބާރުވެސް އެ އޮފިސަރަކަށް ލިބިގެންވެއެވެ.

 

150 ވަނަ މާއްދާ - މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބާރާއި މަސްއޫލިއްޔަތު

(ހ) ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކުންނާއި ކަނޑުގެ ބަނދަރުތަކުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ދިވެހިރާއްޖެއިން މަސްތުވާތަކެތި ބޭރުކުރުން ހުއްޓުވުމުގެ މައިގަނޑު މަސްއޫލިއްޔަތު އޮންނާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށެވެ.

 (ށ) ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ދިވެހިރާއްޖެއިން ފުރާ މީހުންގެ ތެރެއިން، އެކްސްރޭ މެށިނުން ނުވަތަ އެނޫންވެސް ވަސީލަތެއްގެ އެހީގައި ސްކްރީންކޮށް ބެލުމަށް އިއުތިރާޒްކުރާ މީހުންގެ ހަށިގަނޑު، އެމީހުންގެ ނުރުހުމުގައި، އެކަށީގެންވާ ބާރުގެ ބޭނުންކޮށްގެން ސްކްރީންކުރުމުގެ ބާރު ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

 

151 ވަނަ މާއްދާ - ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭ އިތުރު ބާރު

(ހ) މި ގާނޫނުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އެފަރާތުގެ ހުއްދަ ދީފައިވާ އޮފިސަރުން އަދާކުރުމުގެ ތެރޭގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް މީހަކު ކޮށްފިކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭކަމަށްވާނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ހައްޔަރުކޮށް ފާސްކުރުމުގެ ބާރު ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ކަސްޓަމްސްގެ އޮފިސަރަކަށް ލިބިދޭ ބާރު ބޭނުންކުރުމުގައި މީހެއްގެ ހަށިގަނޑާއި ހެދުން ބަލައި ފާސްކުރަން ޖެހިއްޖެނަމަ، އެކަން ކުރަންވާނީ އޭނާއާ އެއް ޖިންސުގެ އޮފިސަރެއް މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން ކަސްޓަމްސްގެ އޮފިސަރަކު، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފިނަމަ އެމައްސަލަ ތަހުގީގުކުރުމަށްޓަކައި ލަސްނުކޮށް އެމީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރަންވާނެއެވެ.

 

އެކާވީސްވަނަ ބާބު

ހާއްސަ އޮޕަރޭށަންތަކާ ގުޅޭ

152 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ

(ހ) މި ގާނޫނުގެ ދަށުން ކުށެއް ކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެތެރެކުރާ މަސްތުވާއެއްޗެއް، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި ވިއްކުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދެވޭ މަސްތުވާއެއްޗެއް، އެތަކެތި ޓްރެފިކްކުރާ ފަރާތްތައް ދެނެގަނެ ހިފައި ހައްޔަރުކުރުމުގެ ބޭނުމަށްޓަކައި، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާފައިވާ ފުލުހުންގެ އޮފިސަރެއްގެ ލިޔުމެއްގެ ދަށުން، ފުލުހުންގެ އޮފިސަރުން ނުވަތަ ފުލުހުންގެ އޮފިސަރުންގެ ބެލުމުގެ ދަށުން ކަސްޓަމްސްގެ އޮފިސަރުން، އެފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެވިޔަ ދިނުމަކީ، އަދި އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަ ދިނުމަކީ އަންނަނިވި ހާލަތުތަކުގައި ކުރެވިދާނެކަމެކެވެ.

  1. މަސްތުވާއެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ކޮން ބަޔަކުކަން ދެނެގަތުމަށް؛
  2. މަސްތުވާއެއްޗެއް ދިވެހިރާއްޖެ އެތެރެކުރަނީ ކޮން ބައެއް ގުޅިގެންކަން ދެނެގަތުމަށް؛
  3. މަސްތުވާއެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ނުވަތަ ދިވެހިރާއްޖެއިން ގެންދަނީ ކޮންބަޔަކު އެއިން ވިޔަފާރިކުރުމަށްޓަކައިކަން ދެނެގަތުމަށް؛
  4. އެތެރެކުރި ނުވަތަ ގެންދެވޭ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގައި ނުވަތަ ބޭނުންކުރުމުގައި ހިމެނެނީ ކޮންބައެއްކަން ދެނެގަތުމަށް.

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން އަމަލުކުރުމަކީ، އެ އަމަލު ހިންގި ފުލުހުންގެ އޮފިސަރަކު ނުވަތަ ކަސްޓަމްސްގެ އޮފިސަރަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމެއްނޫނެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ފަދަ އޮޕަރޭށަނަކާބެހޭ ހުރިހާ ލިޔެކިޔުންތަކެއް ހުންނަންވާނީ ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ރެކޯޑްކުރެވިފައެވެ.

(ރ) ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު)  ގެ 89 ވަނަ މާއްދާގެ (ހ)  އެހެން އޮތްކަމުގައިވީނަމަވެސް، މަސްތުވާތަކެއްޗާ ގުޅޭގޮތުން މި މާއްދާގެ ބޭނުމަށްޓަކައި ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއާގުޅޭ ކަންކަން ކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި، މި ގާނޫނުގެ ބޭނުމަށްޓަކައި ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު)  ގެ 89 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ އުސޫލު އެ ނިސްބަތަށް ހިފެހެއްޓިގެންވެއެވެ.

 

153 ވަނަ މާއްދާ - ސިއްރު އޮޕަރޭށަންތައް

(ހ) މަސްތުވާއެއްޗެއް ބޭނުންކުރާ ބަޔަކު ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރާ ބަޔަކު ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރާ ބަޔަކު ހޯދުމަށް ކުރެވޭ މަސައްކަތުގައި، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފުލުހުންގެ އޮފިސަރެއްގެ ހުއްދަ އޮވެގެން ފުލުހުންގެ އޮފިސަރަކު، އެއީ ކާކުކަން ނޭނގޭގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ ބަޔަކާ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރާ ބަޔަކާ ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރާ ބަޔަކާ ގުޅި، އެމީހުންގެ އަތުން މަސްތުވާތަކެތި ހޯދުމަށް ނުވަތަ ގަތުމަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ފުލުހުންގެ އޮފިސަރަކު ހިންގާ މުއާމަލާތަކީ ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ. އަދި އެފަދަ މުއާމަލާތަކާ ގުޅިގެން، އެއިން މީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާއެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ)  ގައި ބަޔާންކުރާ ފަދަ އޮޕަރޭށަނަކާބެހޭ ހުރިހާ ލިޔެކިޔުންތަކެއް ހުންނަންވާނީ ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ރެކޯޑްކުރެވިފައެވެ.

(ރ) ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު)  ގެ 89 ވަނަ މާއްދާގެ (ށ)  އެހެން އޮތްކަމުގައިވީނަމަވެސް، މަސްތުވާތަކެއްޗާ ގުޅޭގޮތުން މި މާއްދާގެ ބޭނުމަށްޓަކައި ހިންގޭ ސިއްރު އޮޕަރޭށަނާ ގުޅޭ ކަންކަން ކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގެ ބޭނުމަށްޓަކައި ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު)  ގެ 89 ވަނަ މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ އުސޫލު އެ ނިސްބަތަށް ހިފެހެއްޓިގެންވެއެވެ.

 

154 ވަނަ މާއްދާ - އޮޕަރޭށަންތަކުން ހޯދާ ހެކި

(ހ) މި ގާނޫނުގެ 152 ވަނަ މާއްދާގެ ދަށުން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއާ ގުޅޭ ހަރަކާތަކުން ކަސްޓަމްސްގެ އޮފިސަރުންނަށް ނުވަތަ ފުލުހުންނަށް، ނުވަތަ މި ގާނޫނުގެ 153 ވަނަ މާއްދާގެ ދަށުން ހިންގޭ ސިއްރު އޮޕަރޭށަނަކުން ފުލުހުންނަށް ލިބޭ ލިޔެކިޔުމަކީ ނުވަތަ އޯޑިއޯއަކީ ނުވަތަ ވީޑިއޯއަކީ މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް ސާބިތުކުރުމަށްޓަކައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ފަދައިން، ހެކީގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެހީގެ ތެރޭގައި އަންނަނިވި ގޮތްގޮތުން ހޯދާ އެއްޗެހި ހިމެނެއެވެ.

  1. ފުލުހުން އެހެން ގައުމެއްގައި، އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ހެކި؛
  2. އެހެން ގައުމެއްގެ އިދާރާއަކުން، އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހޯދައި، ފުލުހުންނާ ހިއްސާކުރާ ނުވަތަ ފޯރުކޮށްދޭ ހެކި.

 

ބާވީސްވަނަ ބާބު

ހިފެހެއްޓޭ މުދަލާއި އެއްޗެއްސާގުޅޭ

155 ވަނަ މާއްދާ - ޖަވާބުދާރީ ނުވެވޭ މުދަލާއި ފައިސާ

(ހ) މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށެއްގެ ތަހުގީގުގައި ފާހަގަކުރެވޭ ވަކި މުދަލެއް ނުވަތަ ފައިސާއަކީ، ކޮން ގޮތަކަށް ހޯދުނު މުދަލެއް ނުވަތަ ފައިސާއެއްކަމާމެދު ކުށުގެ ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރެވޭހިނދު، އެ މުދަލެއް ނުވަތަ ފައިސާއެއް ލިބުނު ގޮތް ސާފުކޮށް ބަޔާންކޮށްދިނުމަކީ މި ގާނޫނު އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށްކުށުގެ ތެރެއިން ކުށެއްގެ ތަހުގީގުގައި ފާހަގަކުރެވޭ ވަކި މުދަލެއް ނުވަތަ ފައިސާއަކީ، ކޮން ގޮތަކަށް ހޯދުނު މުދަލެއް ނުވަތަ ފައިސާއެއްކަން މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ތަހުގީގަށް ބަޔާންކޮށްނުދެވިއްޖެ ހިނދެއްގައި، އެ މުދަލެއް ނުވަތަ ފައިސާއަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއްކަމަށް ބަލައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ށަރީއަތް ވަކިގޮތަކަށް ނިމެންދެން، އެ މުދަލެއް ނުވަތަ ފައިސާއެއް، މައްސަލައާ ގުޅުންހުރި ހެކީގެ ގޮތުގައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ދަށުން ފުލުހުން ހިފަހައްޓަން ބޭނުންވާ ފައިސާއެއް ހުރީ ކުށުގެ ތުހުމަތުކުރެވޭ މީހާގެ ނުވަތަ އޭނާއާ ގުޅުމެއް އޮތް މީހެއްގެ ނުވަތަ ފަރާތެއްގެ ނަމުގައިވާ ބޭންކް އެކައުންޓެއްގައި ކަމަށްވާނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ށަރީއަތް ވަކިގޮތަކަށް ނިމެންދެން، އެ އެކައުންޓަކުން މުއާމަލާތުކުރުން ހުއްޓުވުމަށް އެ ބޭންކަކަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ)  ގެ ދަށުން އެކައުންޓަކުން މުއާމަލާތުކުރުން ހުއްޓުވުމަށް އަންގައިފި ހިނދެއްގައި އެ އެންގުން ދެމިއޮންނާނީ އެގޮތަށް އަންގާ ދުވަހުން ފެށިގެން 15 (ފަނަރަ)  ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތުގެ އިތުރަށް އެފަދަ އެކައުންޓަކުން މުއާމަލާތުކުރުން ހުއްޓުވުމަށް އެންގޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

 

156 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ހިފެހެއްޓުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމަށް ބޭނުންކުރި މަސްތުވާތަކެއްޗާއި، އާލާތާއި، އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ އަތުލެވޭނެއެވެ.

(ށ) މަސްތުވާތަކެތިން މުއާމަލާތުކުރިކަމަށް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރިކަމަށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރިކަމަށް ނުވަތަ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރިކަމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރިކަމަށް މީހެއްގެ މައްޗަށް ތުހުމަތުކުރެވޭނަމަ، ނުވަތަ އެފަދަ ކުށެއް ކުރިކަމުގެ ދައުވާ މީހެއްގެ މައްޗަށް އުފުލިއްޖެނަމަ، އެކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މުދަލާއި ފައިސާއާއި ތަކެތި، އެމައްސަލައެއް ށަރީއަތުން ވަކިގޮތަކަށް ނިމެންދެން ހިފެހެއްޓުމަށް، ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުން އެ އެއްޗެއް ދިޔަނުދިނުމަށް، ނުވަތަ އެ އެއްޗަކުން އެއްވެސް ތަސައްރުފެއް ނުކުރުމަށް، ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ އެއްޗެއް ބެހެއްޓުމަށް ކޯޓުން އަމުރު ކުރަންވާނެއެވެ.

(ނ) މަސްތުވާތަކެތިން މުއާމަލާތުކުރިކަމަށް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރިކަމަށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރިކަމަށް ނުވަތަ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރިކަމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރިކަމަށް މީހެއްގެ މައްޗަށް ތުހުމަތުކުރެވިއްޖެނަމަ، މި މާއްދާގެ (ށ)  ގައިވާ ގޮތުގެމަތިން، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައި، ވަކިގޮތަކަށް އެ މައްސަލަ ކޯޓުން ނިންމަންދެން، އެކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާއާއި މުދަލާއި ތަކެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

157 ވަނަ މާއްދާ - ގާނޫނުގެ ދަށުން ހިފެހެއްޓޭ އެއްޗެހި

(ހ) މި ގާނޫނުގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފިކަމަށްވާނަމަ، އެ އެއްޗެއް ހިފަހައްޓައިފިކަމުގެ ނޯޓިސް، އޭގެ ވެރިފަރާތަށް، އެ އެއްޗެހި ހިފެހެއްޓި ފަރާތަކުން ލިޔުމުން ދޭންވާނެއެވެ.

(ށ) އެ އެއްޗެއް ހިފެހެއްޓީ، އެ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ހާޒިރުގައި ނުވަތަ އެ އެއްޗެއްގެ ވެރިފަރާތުގެ ހާޒިރުގައި ނުވަތަ ވެރިފަރާތުގެ އެޖެންޓެއްގެ ހާޒިރުގައި ކަމަށްވާނަމަ، ނުވަތަ އެ އެއްޗަކީ އުޅަނދެއްގައި ވަނިކޮށް ހިފަހައްޓާފައިވާ އެއްޗެއް ކަމަށްވާނަމަ އެ އެއްޗެއް ހިފެހެއްޓީ އެ އުޅަނދުގެ މާސްޓަރ ނުވަތަ ކެޕްޓަންގެ ހާޒިރުގައި ކަމަށްވާނަމަ، މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ނޯޓިސް ދޭކަށް ނުޖެހޭނެއެވެ.

 

158 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ސާބިތުކުރުމުގެ ޒިންމާ

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމަށް ށައްކުކުރެވޭ މުދަލާއި ފައިސާއަކީ އެނޫން ގޮތަކަށް ހޯދާފައިވާ މުދަލާއި ފައިސާކަން ސާބިތުނުވާހާހިނދަކު، އެ މުދަލާއި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލެވޭނެއެވެ.

 

159 ވަނަ މާއްދާ - ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތް

މި ގާނޫނުގެ ދަށުން ދައުލަތަށް ނަގާ ފައިސާ ނުވަތަ މުދަލާމެދު އަމަލުކުރާނެ ގޮތް، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު)  ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

160 ވަނަ މާއްދާ - ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތް

(ހ) މި ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މަސްތުވާތަކެތި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނައްތާލަންވާނެއެވެ.

(ށ) މި ގާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހެކީގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހިފަހައްޓާ މަސްތުވާތަކެތި ނައްތާލުމާ ހަމައަށް އެތަކެއްޗާމެދު އަމަލުކުރާނެ ގޮތާއި، ހެކީގެ ގޮތުގައި ބޭނުންކުރުމަށްޓަކައި އެ ދެ އިދާރާއިން ހިފަހައްޓާ އެނޫންވެސް އެއްޗެއްސާމެދު  އަމަލުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައި ބަޔާންކޮށްފައިވާ ގަވާއިދު ހަދައި ހިންގާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.

 

ތޭވީސްވަނަ ބާބު

ބައެއް ބާރުތައް ދިނުމާއި މައުލޫމާތު ބަދަލުކުރުން

161 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ޓެސްޓްކުރުން

(ހ) މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި މަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި، އޭނާގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލެއް ދިނުމަށް ފުލުހުންގެ އޮފިސަރަކަށް އޭނާ ގާތު އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ހޯދާ ކޮންމެ ސާމްޕަލެއް ދެ ބަޔަކަށް ބަހައި، އެ ދެބައި ވަކިން ބަންދުކޮށް، އެއިން ކޮންމެ އެއްޗެއްގައި ވަކި ސިލެއް ޖެހުމަށްފަހު އެއާމެދު އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

  1. ދެބައިގެ ތެރެއިން އެއް ބައިގެ ޓެސްޓެއް ހެދުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުން؛
  2. ދެވަނަ ބައިގެ ޓެސްޓު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ އިދާރާއަކުން ހެދުމަށްޓަކައި، އެ އިދާރާއަކާ ހަވާލުކުރުން.

(ނ) މި މާއްދާގެ ދަށުން މީހެއްގެ ކުޑަކަމުދާ އެއްޗެހި ދިނުމަށް އެމީހެއްގެ ކައިރީގައި ފުލުހުންގެ އޮފިސަރުންނަށް އެދެވޭނެ ހާލަތުތަކާއި، މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދުމަށްފަހު ޓެސްޓުކުރުމަށްޓަކައި ގެންދަންޖެހޭ ތަނަކަށް ގެންދިޔުމާއި، ޓެސްޓުކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ)  ގެ (2)  ވަނަ ނަންބަރުގައިވާ ޓެސްޓު، އެ އަކުރުގައި ބަޔާންކުރާ އިދާރާއިން ހެދުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 18 (އަށާރަ)  މަސް ދުވަހުގެ ތެރޭގައި، ނޭށަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)  އެހެން އޮތްނަމަވެސް، އެ އަކުރުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަމަލުކުރަން ފަށާނީ، މި މާއްދާގެ (ރ)  ގައި ބަޔާންކޮށްފައިވާ އިންތިޒާމުތައް، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ނޭށަނަލް ޑްރަގް އެޖެންސީން ހަމަޖައްސާ ތާރީހުން ފެށިގެންނެވެ. އަދި އެ ތާރީހާ ހަމައަށް، މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި ހޯދާ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ޓެސްޓުކުރަމުންގެންދާނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު އަމަލުކުރަމުން އައި އުސޫލުންނެވެ.

 

162 ވަނަ މާއްދާ - އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްކުރާ މީހުންނާއި ކުށްކުރަން ރާވާ މީހުންނާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތު އެއްފަރާތުން އަނެއް ފަރާތަށް ހިއްސާކުރާނެ އުސޫލެއް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 45 (ސާޅީސްފަހެއް)  ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަށައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ އުސޫލަކީ ނުވަތަ އެ އުސޫލުގެ ދަށުން ހިއްސާކުރެވޭ މައުލޫމާތަކީ އެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާފައިވާ ބަޔަކަށް މެނުވީ، އެއްވެސް ހާލެއްގައި ހާމަކުރެވިގެންވާނެ އެއްޗެއް ނޫނެވެ.

 

ސައުވީސްވަނަ ބާބު

ފޮޓޯއާއި ނަމޫނާ ނެގުން

163 ވަނަ މާއްދާ - މި ބާބުގައިވާ ބައެއް ލަފްޒުތަކާއި އިބާރާތް މާނަކުރުން

މި ބާބުގެ ބޭނުމަށްޓަކައި، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބޮޑީ ސާމްޕަލް" ކަމަށް ބުނެފައިއެވަނީ، ލޭގެ ސާމްޕަލް ނުވަތަ ބޮލުން ނެގޭ އިސްތަށީގެ ސާމްޕަލް ނުވަތަ ސްވޮބް މެދުވެރިކޮށް މީހެއްގެ އަނގައިގައިވާ ކުޅުން ނުވަތަ ނިޔަފަތީގެ ދަށުން ނަގާ ސާމްޕަލަށެވެ.

(ށ) "ޑީ.އެން.އޭ" ކަމަށް ބުނެފައިއެވަނީ، ޑީއޮކްސީރައިބޯނިއުކްލިއެކް އެސިޑް (deoxyribonucleic acid)  އަށެވެ.

(ނ) "ޑީ.އެން.އޭގެ މައުލޫމާތު" ކަމަށް ބުނެފައިއެވަނީ، ބޮޑީ ސާމްޕަލް ބޭނުންކޮށްގެން ކުރާ ޑީ.އެން.އޭގެ ތަހުލީލުތަކުން ލިބޭ ޖެނެޓިކް މައުލޫމާތަށެވެ.

(ރ) "އިނގިލީގެ ނިށާން" ކަމަށް ބުނެފައިއެވަނީ، އަތުގެ ނުވަތަ ފައިގެ އިނގިލީގެ ނިށާނަށެވެ.

(ބ) "އެތެރެހަށީގެ ސާމްޕަލް" ކަމަށް ބުނެފައިއެވަނީ، ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ފޮނުވައިގެން ނަގާ ސާމްޕަލަށެވެ.

(ޅ) "ފޮޓޯ" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ސޫރަ ނުވަތަ އޭނާގެ ހަށިގަނޑުގެ ބައެއް ދައްކައިދޭ ކޮންމެ ފޮޓޯއަކަށެވެ.

(ކ) "އެތެރެހަށީގެ ފޮޓޯ" ކަމަށް ބުނެފައިއެވަނީ، އެކްސް-ރޭ، ސްކޭން، ނުވަތަ އެތެރެހަށި ދައްކުވައިދޭ އެނޫންވެސް ފޮޓޯއަށެވެ.

 

164 ވަނަ މާއްދާ - މި ބާބުގެ ދަށުން ހޯދޭ އެއްޗެހި ހެކީގެ ގޮތުގައި ބޭނުންކުރެވުން

މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނެގޭ ފޮޓޯއާއި އިނގިލީގެ ނިށާނާއި ހޯދޭ ޑީ.އެން.އޭގެ މައުލޫމާތަކީ، އަދި އޭގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެކިއެކި ރިޕޯޓުތަކަކީ އެ ރިޕޯޓެއް ތައްޔާރުކުރި ފަރާތަކުން ސޮއިކުރުމަށްފަހު ދޫކޮށްފައިވާ ލިޔުމެއްކަމަށްވާނަމަ، ށަރީއަތުގެ މަޖިލީހުގައި ސައްހަ ހެކީގެ ގޮތުގައި ގަބޫލުކުރެވޭނޭ ހެއްކެވެ.

 

165 ވަނަ މާއްދާ - ސާމްޕަލް ނެގުމާއި ފޮޓޯ ނެގުމާ ގުޅޭގޮތުން ލިބޭ ބާރު

(ހ) އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފަރުވާދޭ މަރުކަޒުގެ ސުޕްރިންޓެންޑެންޓަށް ނުވަތަ އޭނާ ހުއްދަކޮށްފައިވާ އެނަލިސްޓަށް ނުވަތަ ފުލުހުންގެ އޮފިސަރަކަށް ލިބިގެންވެއެވެ.

  1. މަރުކަޒުން ފަރުވާ ހޯދަމުންދާ މީހެއްގެ އިނގިލީގެ ނިށާން ނެގުން؛
  2. މަރުކަޒުން ފަރުވާ ހޯދަމުންދާ މީހެއްގެ ބޮޑީ ސާމްޕަލް ނެގުން؛
  3. މަރުކަޒުން ފަރުވާ ހޯދަމުންދާ މީހެއްގެ އެތެރެހަށީގެ ފޮޓޯ ނެގުން؛
  4. މި މާއްދާގެ ދަށުން ނަގާ ސާމްޕަލް ވަކިން ފާހަގަވާނެގޮތް ހަދައި، އެ ސާމްޕަލާގުޅޭ ފުރަތަމަ ރިޕޯޓް ތައްޔާރުކޮށް، ފަރުވާދޭ މަރުކަޒުގެ ސުޕްރިންޓެންޑެންޓަށް ނުވަތަ ޑްރަގް ކޯޓަށް ފޮނުވުން.

(ށ) މި މާއްދާގެ ދަށުން ފޮޓޯއެއް ނެގުމަށް، ނުވަތަ އިނގިލީގެ ނިށާން ނެގުމަށް، ނުވަތަ ބޮޑީ ސާމްޕަލް ނެގުމަށް ފުލުހުންގެ އޮފިސަރަކަށް، ނުވަތަ މަރުކަޒުގެ ސުޕްރިންޓެންޑެންޓަށް ނުވަތަ އޭނާ ހުއްދަކޮށްފައިވާ އެނަލިސްޓަށް އެކަށީގެންވާ ބާރުގެ ބޭނުންކުރެވިދާނެއެވެ.

 

166 ވަނަ މާއްދާ - ސާމްޕަލް ދިނުމަށާއި ފޮޓޯ ނެގުމަށް ދެކޮޅުހެދުން

ފަރުވާދޭ މަރުކަޒަކުން ފަރުވާ ހޯދަމުންދާ މީހަކު، އަންނަނިވި ކަންކަން ކޮށްގެންނުވާނެއެވެ.

(ހ) އެމީހާގެ އިނގިލީގެ ނިށާން ނެގުމަށާއި ފޮޓޯނެގުމަށް އިއުތިރާޒްކުރުން؛

(ށ) އެމީހާގެ ބޮޑީ ސާމްޕަލް ނެގުމަށް އިއުތިރާޒްކުރުން؛

(ނ) އޭނާގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އިއުތިރާޒްކުރުން؛

(ރ) އެމީހާގެ ކިބައިން އެދޭ މައުލޫމާތު ސާފުކޮށްދިނުމަށް އިއުތިރާޒްކުރުން.

 

167 ވަނަ މާއްދާ - ބޮޑީ ސާމްޕަލް ނެގުމުގެ އިތުރު ހަމަތައް

(ހ) ބޮޑީ ސާމްޕަލެއް ނަގަންވާނީ ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު، ނުވަތަ ހުއްދަލިބިފައިވާ ސިއްހީ އެހީތެރިއެއްގެ އެހީގައެވެ.

(ށ) ބޮޑީ ސާމްޕަލް ނެގުމުގެ ކުރިން، އެ ސާމްޕަލްގެ ސަބަބުން އެ ސާމްޕަލް ނެގޭ މީހާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް އެއްވެސް ނުރައްކަލެއްނުވާނެކަން ސުޕްރިންޓެންޑެންޓް ނުވަތަ އޭނާ ހުއްދަކޮށްފައިވާ އެނަލިސްޓް ކަށަވަރުކުރަންވާނެއެވެ.

(ނ) މީހެއްގެ ބޮޑީ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެކަން ލިޔުމުން ފެންނަން އޮންނަންވާނެއެވެ. އަދި އެ ސާމްޕަލް ނެގީ އޭނާގެ ރުހުމުގައިކަން ނުވަތަ ނޫންކަން، އަދި އެ ސާމްޕަލް ނެގީ ކާކުކަން އެ ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.

(ރ) ބޮޑީ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެ ސާމްޕަލް ފޮނުވާނީ، ތަހްލީލު ރިޕޯޓެއް ހޯދުމަށްޓަކައި، މިނިސްޓްރީން ހުއްދަކޮށްފައިވާ ލެބޯޓްރީއެއްގެ ޓެކްނީށަނަކަށެވެ.

 

168 ވަނަ މާއްދާ - ޑީ.އެން.އޭ މައުލޫމާތު ބޭނުންކުރުން

ޑީ.އެން.އޭ މައުލޫމާތުގެ ގޮތުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތު އަންނަނިވި ކަންކަމަށް ބޭނުންކުރެވިދާނެއެވެ.

(ހ) ފުލުހުންގެ އޮފިސަރަކު ތަހުގީގުކުރަމުންދާ ކުށަކާ ގުޅޭގޮތުން ލިބިފައިވާ ޑީ.އެން.އޭގެ މައުލޫމާތު، އެ މައުލޫމާތާ އަޅާކިޔުމަށް؛

(ށ) އެކުށަކާ ގުޅޭގޮތުން ހިނގާ ށަރީއަތުގެ މަޖިލީހެއްގައި ހެކީގެ ގޮތުގައި ބޭނުންކުރުމަށް މި ގާނޫނުގެ ދަށުން ހޯދާފައިވާ ޑީ.އެން.އޭގެ މައުލޫމާތުތަކާ އަޅާކިޔުމަށް.

 

169 ވަނަ މާއްދާ - ފޮޓޯއާއި އިނގިލީގެ ނިށާނާއި މައުލޫމާތު ދެމެހެއްޓުން

މި ބާބުގައިވާ ކަންކަމާ ގުޅޭގޮތުން އަންނަނިވި ކަންކަން ޑްރަގް ކޯޓުން ކުރަންވާނެއެވެ.

(ހ) މި ގާނޫނުގެ 165 ވަނަ މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރާއި (3)  ވަނަ ނަންބަރުގެ ދަށުން ނެގޭ އެތެރެހަށީގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި މައުލޫމާތު، ކޮމްޕިއުޓަރު މެދުވެރިކޮށް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ދަފްތަރުކޮށް ބަލަހައްޓަމުންދިޔުން؛

(ށ) މި ގާނޫނުގެ 165 ވަނަ މާއްދާގެ (ހ)  ގެ (2)  ވަނަ ނަންބަރުގެ ދަށުން ނެގޭ ބޮޑީ ސާމްޕަލްގެ މައްޗަށް ބިނާކޮށް ހޯދާ އެކިއެކި ޑީ.އެން.އޭ މައުލޫމާތު، ޑީ.އެން.އޭގެ ޑޭޓާ ބޭސްއެއް ހަދައި، ކޮމްޕިއުޓަރު މެދުވެރިކޮށް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ރައްކާކޮށް، ދަފްތަރުކޮށް ބަލަހައްޓަމުންދިޔުން.

 

ހަތްވަނަ ބައި

އެހެނިހެން

 

ފަންސަވީސްވަނަ ބާބު

މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑު

170 ވަނަ މާއްދާ - މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑު އުފެއްދުން

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް)  ދުވަހުގެ ތެރޭގައި، "މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑު" ގެ ނަމުގައި ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު)  ގައިވާ ގޮތުގެމަތިން ސަރުކާރުން ފަންޑެއް އުފައްދަންވާނެއެވެ. މި ފަންޑަށް ޖަމާކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފައިސާއެވެ.

 (ހ) މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާ؛

(ށ) ދައުލަތަށް ނެގޭ މުދާ ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާ؛

(ނ) މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އެކި ފަރާތްތަކުން ހަދިޔާކުރާ ފައިސާ.

 

171 ވަނަ މާއްދާ - ފަންޑުގެ ފައިސާ ހަރަދުކުރުން

މި ގާނޫނުގެ 170 ވަނަ މާއްދާގެ ދަށުން އުފައްދާ ފަންޑަށް ޖަމާކުރެވޭ ފައިސާ ހަރަދުކުރަންވާނީ މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ހިދުމަތްތައް ރަނގަޅުކުރުމަށާއި، މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށެވެ.

 

172 ވަނަ މާއްދާ - ފަންޑުގެ ގަވަރނިންގ ބޯޑު

(ހ) މި ގާނޫނުގެ 170 ވަނަ މާއްދާގައި ބަޔާންކުރާ ފަންޑު ހިންގައި ބެލެހެއްޓުމަށާއި ފަންޑުން ހަރަދުކުރާނެ ކަންކަމާ ބެހޭގޮތުން ނޭށަނަލް ޑްރަގް އެޖެންސީއަށް ލަފާދިނުމަށް 7 (ހަތެއް)  މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގަވަރނިންގ ބޯޑެއް، މި ގާނޫނުގެ 170 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 30 (ތިރީސް)  ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ގަވަރނިންގ ބޯޑުގެ ގަވާއިދު އެކުލަވާލާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެމަތިން ގަވަރނިންގ ބޯޑުންނެވެ.

 

173 ވަނަ މާއްދާ - ފަންޑުގެ ފައިސާ ހަރަދުކުރިގޮތުގެ ރިޕޯޓު

މި ގާނޫނުގެ 170 ވަނަ މާއްދާގައި ބަޔާންކުރާ ފަންޑަށް ކޮންމެ އަހަރަކު ލިބުނު ފައިސާގެ ޖުމްލަ އަދަދާއި ފަންޑުގެ ފައިސާ ހަރަދުކުރިގޮތް ބަޔާންކުރާ ރިޕޯޓެއް، ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ތައްޔާރުކޮށް އެ ރިޕޯޓު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

ސައްބީސްވަނަ ބާބު

އެހެނިހެން ކަންކަން

174 ވަނަ މާއްދާ - ގާނޫނުން އިނާޔަތް ލިބިދިނުން

(ހ) ގާނޫނުއަސާސީގައި ނުވަތަ މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މި ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެން މި ގާނޫނު ހިނގާނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތް ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންދިޔަ ގާނޫނެއްގެ ދަށުން ހިނގަމުންދާ ކުށެއްގެ ތަހުގީގްގެ މަރުހަލާގައިވާ މީހާއަށް ނުވަތަ އެފަދަ ކުށެއްގެ ށަރީއަތުގެ މަރުހަލާގައިވާ މީހާއަށް، މި ގާނޫނުގެ ދަށުން އެ ކުށް ކުރިނަމަ ލިބޭނެ ލުޔެއް ނުވަތަ މަންފާއެއްވާނަމަ، އެ ލުޔެއް ނުވަތަ މަންފާއެއް އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާ އެ ކުރި ކުށަކީ މި ގާނޫނުގެ ދަށުން ކުރި ކުށެއް ކަމަށްވެފައި، އޭނާއާމެދު އަމަލުކުރަންޖެހޭ ވަކި އިޖުރާއަތެއް މި ގާނޫނުގައި އޮވެ، އެ އިޖުރާއަތުން އޭނާއަށް ލުޔެއް ނުވަތަ މަންފާއެއް ލިބިދޭނަމަ، އެ ލުޔެއް ނުވަތަ މަންފާއެއް އޭނާއަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެއްވެސް ފަރާތަކުން ވަކި އިލްތިޒާމެއް ނުވަތަ ބުރައެއް އުފުލުން ލާޒިމުކުރާނަމަ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅޭގޮތުން އެ އިލްތިޒާމެއް ނުވަތަ ބުރައެއް އުފުލުން ލާޒިމުވެގެނެއްނުވެއެވެ.

 

175 ވަނަ މާއްދާ - އަދަބު ލުއިކޮށްދިނުމަށް އެދުން

(ހ) މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގެ ކުރިން، ނުވަތަ އެފަދަ ދައުވާއެއް މީހެއްގެ މައްޗަށް އުފުލާފައިވާނަމަ، އެ ދައުވާއާ ގުޅިގެން ހުކުމްކުރުމުގެ ކުރިން، އޭނާ ދައުލަތުގެ ހެއްކަކަށް ބަދަލުވެ، އޭނާގެ ކުށުގެ އަމަލާ ގުޅޭގޮތުން ކުރިން ބަޔާންކޮށްފައިނުވާ ނުވަތަ ކުރިން ދައުލަތަށް އެނގިފައިނުވާ މައުލޫމާތު ދައުލަތަށް ހާމަކޮށްފިނަމަ، އަދި އެ މައުލޫމާތަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް، ނުވަތަ ޕެޑްލްކުރުމުގެ ކުށް، ނުވަތަ މުއާމަލާތުކުރުމުގެ ކުށް ނުވަތަ ޓްރެފިކްކުރުމުގެ ކުށް ކުރުން ހުއްޓުވުމަށް ސީދާ މަގުފަހިކޮށްދޭ ފިޔަވަޅުތައް އެޅުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެހީތެރިވެދޭނެ މައުލޫމާތެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އޭނާގެ މައްޗަށް އުފުލަން ކަނޑައަޅާފައިވާ ނުވަތަ އުފުލާފައިވާ ކުށުގެ ދައުވާއާ ގުޅޭގޮތުން ހުކުމްކުރުމުގައި، އެ ދައުވާ ނިސްބަތްވާ ކުށަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ތިންބައިކުޅަ އެއްބަޔަށް ކުޑަކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކޯޓުގައި އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދެފިނަމަ، ދައުވާ އުފުލާފައިވާ މީހާގެ މައްޗަށް ހުކުމްކުރުމުގައި، އޭނާގެ އަދަބު ކަނޑައަޅަންވާނީ އެ ނިސްބަތަށެވެ.

 

176 ވަނަ މާއްދާ - ހެކިބަސް ދޭމީހުންނާއި މައުލޫމާތު ދޭ މީހުން ހިމާޔަތްކުރުން

(ހ) މި ގާނޫނުގެ ދަށުން ކުރެވޭ އެއްވެސް ދައުވާއެއްގައި ހިނގާ މައުލޫމާތު ދިނުމުގެ ނުވަތަ ހެކިބަސްދިނުމުގެ މަރުހަލާއެއްގައި، މި ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް މީހަކު ކޮށްފިކަމުގެ މައުލޫމާތު، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދިން ފަރާތެއް ހާމައެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ)  ގެ ދަށުން މީހަކު ހާމަކުރާ މައުލޫމާތަކީ، ކަނޑައެޅިގެން ދޮގު މައުލޫމާތެއްކަން އެނގިހުރެ އޭނާ ދީފައިވާ މައުލޫމާތެއް ކަމަށް ސާބިތުވެއްޖެނަމަ، އޭނާގެ ނަން ހާމަކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) އެއްވެސް ށަރީއަތުގެ މަޖިލީހަކަށް ހެކީގެ ގޮތުގައި ހުށަހެޅޭ ލިޔުމެއްގައި، ނުވަތަ ފޮތެއްގައި، ނުވަތަ ކަރުދާހެއްގައި ނުވަތަ އެނޫންވެސް އެއްޗެއްގައި މި ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް މީހަކު ކޮށްފިކަމުގެ މައުލޫމާތު ދޭ މީހާގެ ނަން ހިމެނޭ މައުލޫމާތެއް ނުވަތަ އެމީހާ ފާހަގަކުރެވިދާނެފަދަ މައުލޫމާތެއް ހިމެނޭކަމަށްވާނަމަ، އެމީހާ ރައްކާތެރިކޮށްދިނުމުގެ ގޮތުން، އެބައެއް ވަންހަނާކުރުމަކީ ނުވަތަ ނުފެންނަގޮތް ހެދުމަކީ، އެ ދައުވާއެއްގެ ށަރީއަތް ހިންގަމުންދާ ކޯޓުން ކުރަންޖެހޭނެ ކަމެކެވެ.

(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެން ހިންގޭ ށަރީއަތެއްގައި ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުންދީފާނެކަމުގެ އިންޒާރު ލިބިފައިވާނަމަ، ނުވަތަ އެފަދަ ނުރައްކަލެއް ލިބިދާނެކަމަށް ގަބޫލުކުރެވޭފަދަ ހާލަތެއް އޮތްނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ދޭ މީހާއަކީ ކާކުކަން ހާމަނުކޮށް ހެކިބަސްދެވިދާނެއެވެ.

  1. ހެކިބަސް ދޭ މީހާގެ ނަމާއި އެޑްރެސް ފަދަ އެމީހަކީ ކާކުކަން ދެނެގަނެވޭފަދަ މައުލޫމާތު، ދައުވާ ލިބޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލަށް ހާމަނުކޮށް އަދި އެމީހުންނަށް ނުފެންނަގޮތަށް ފަރުދާއެއްގެ ނިވަލުގައި ނުވަތަ ކޮޓަރިއެއްގެ ތެރޭގައި ހުރެގެން، އަދި އެމީހަކީ ކާކުކަން ހާމަނުވާގޮތަށް އޭނާގެ އަޑު ބަދަލުކޮށްގެން ހެކިބަސްދެވިދާނެއެވެ. މިގޮތުން މީހެއްގެ ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހުގައި ހަސްމުންގެ ހާޒިރުގައެވެ. އަދި ހެކިބަސްދޭ މީހާއަކީ ކާކުކަން ދެނެގަނެވޭ ފަދަ ސުވާލު ފިޔަވައި، އެހެން ސުވާލު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ. މިފަދަ ހެކިބަސް ވާނީ ށަފަހީ ހެކި ކަމުގައެވެ.
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ގޮތަކަށް ހެކިބަސް ދޭ މީހާއަކީ ކާކުކަން ހާމަނުކޮށް ހެކިބަސް ނެގުމަށް މައްސަލައިގެ ހަސްމުންގެ ތެރެއިން ހަސްމަކު ބޭނުންވާނަމަ، މައްސަލަ ށަރީއަތުން ބަލަން ފެށުމުގެ ކުރިން ލިޔުމުން ކޯޓަށް ހުށަހެޅުމުން، އެގޮތަށް ހެކިބަސްނެގުމަށް ކޯޓުން ހުއްދަ ދެވިދާނެވެ.

 

177 ވަނަ މާއްދާ - އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރުން

މި ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް، މީހެއްގެ މައްޗަށް ސާބިތުވެ، އޭނާގެ މައްޗަށް އެއް ހުކުމަށްވުރެ ގިނަ ހުކުމް ކަނޑައަޅައިފި ހިނދެއްގައި، އެ ހުކުމެއް ކަނޑައެޅި ކޯޓަކުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، އެ ހުކުމްތައް އޭނާގެ މައްޗަށް ތަންފީޒުކުރާނީ، އެއް ހުކުމަށްފަހު އަނެއް ހުކުމް ތަންފީޒުކުރާ އުސޫލުންނެވެ. އަދި އެ ހުކުމްތަކުގެ ތެރެއިން ފުރަތަމަ ތަންފީޒުކުރަން ފަށާނީ، ނިސްބަތުން އެންމެ ބޮޑު ހުކުމެވެ.

 

178 ވަނަ މާއްދާ - އެހެން ގައުމުތަކުގެ އިދާރާތައް މެދުވެރިކޮށް ޓެސްޓުތައް ހެދުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ޓެސްޓުތައް ހެދުމުގެ ބާރު ލިބިގެންވާ އިދާރާއަކުން އެ ޓެސްޓުތައް ހެދުމުގައި އެހެން ގައުމަކާއެކު އެއިން އިދާރާއަކުން އެއްބާރުލުމުގެ އެއްބަސްވުމެއް ވުމަކަށް ނުވަތަ އެފަދަ އެއްބަސްވުމެއްގެ ދަށުން އެއިން ގައުމަކުން އެ ޓެސްޓުތައް ހެދުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. އެހެންނަމަވެސް، އެ ޓެސްޓުތައް އެގޮތަށް ހަދަންވާނީ، ކަމާގުޅޭގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ހަދާ ޓެސްޓުތަކުގެ ނަތީޖާއަކީ، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.

 

179 ވަނަ މާއްދާ - ބަދަލުދިނުން

(ހ) މި ގާނޫނުގެ ދަށުން މީހެއްގެ މުދާ ހިފަހައްޓައި ދައުލަތަށް ނެގުމުގައި، ނުވަތަ މީހެއްގެ އިމާރާތަކަށް ވަދެ ތަނެއް ބަލައި ފާސްކުރުމުގައި، ނުވަތަ މީހަކު ބަންދުކުރުމުގައި ގާނޫނު ތަންފީޒުކުރާ ފަރާތަކުން އަމަލުކުރަން ޖެހެނު ގޮތަކުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމެއްގެ ބަދަލު ދައުލަތުން ނަގައިދިނުމެއް ނޯންނާނެއެވެ. ނަމަވެސް އެފަދަ ގެއްލުމެއް މެދުވެރިވީ ގާނޫނު ތަންފީޒުކުރާ ފަރާތެއްގެ އިހުމާލުން ނުވަތަ، ގާނޫނު ތަންފީޒުކުރާ ފަރާތުން ގާނޫނާ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއްގެ ސަބަބުން ނުވަތަ މީހަކަށް ގެއްލުމެއް ދިނުމުގެ ގަސްދުގައިކަމަށް ވާނަމަ، އެފަދަ ގެއްލުމުގެ ބަދަލު ނަގައިދޭންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭ ހާލަތުގައި، ބަދަލު ނަގައިދޭނެ އަދަދު ކަނޑައަޅާނީ ށަރީއަތުންނެވެ.

 

180 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތަކުގެ އިހްތިސާސް އިސްލާހުވުން

(ހ) ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)  ގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިހްތިސާސް އެގޮތަށް ކަނޑައަޅާފައި އޮތްކަމުގައިވީނަމަވެސް، ޑްރަގް ކޯޓުން ބެލުމަށް އެ ކޯޓަށް މި ގާނޫނުގެ ދަށުން އިހްތިސާސް ލިބިދީފައިވާ މައްސަލަތަކާއި، މި ގާނޫނުގައި 5 (ފަހެއް)  އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅާފައިވާ ކުށުގެ މައްސަލަތައް ފިޔަވައި، މި ގާނޫނުގައި ބަޔާންކުރާ އެހެން ކުށްކުށާ ގުޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް، މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓު ހިނގަން ފަށާ ތާރީހުން ފެށިގެން، ހަމަ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށްވެސް ލިބިގެންވެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް)  މަސް ދުވަސް ހަމަވުމުން، މި މާއްދާގެ (ހ)  އަށް އަމަލުކުރުން ނިމުމަކަށްއައިސް، ޑްރަގް ކޯޓުން ބެލުމަށް އެ ކޯޓަށް މި ގާނޫނުގެ ދަށުން އިހްތިސާސް ލިބިދީފައިވާ މައްސަލަތައް ފިޔަވައި މި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކުށްކުށާ ގުޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގައި ބަޔާންކުރާ ކުށްކުށުގެ މައްސަލަތައް ބެލުމަށް މެޖިސްޓްރޭޓް ކޯޓުތަކަށް މި މާއްދާގެ (ހ)  އަދި (ށ)  ގެ ދަށުން ލިބިދޭ އިހްތިސާސަށާއި، އެ ކޯޓުތަކަށް ލިބިދޭ ސަރަހައްދީ އިހްތިސާސަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މެޖިސްޓްރޭޓް ކޯޓެއްގައި ނުވަތަ ކްރިމިނަލް ކޯޓުގައި ނުވަތަ ޖުވެނައިލް ކޯޓުގައި މި ގާނޫނުގައި ބަޔާންކުރާ ކުށްކުށުގެ ދައުވާ އުފުލުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ރ) މި ގާނޫނުގައި ބަޔާންކުރާ ކުށްކުށުގެ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކުން ބެލުމުގައި، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)  ގެ ދަށުން ކްރިމިނަލް ކޯޓަށް ލިބިގެންވާ އިހްތިސާސް އެ ކޯޓުތަކަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ)  އަދި (ށ)  ގެ ބޭނުމަށްޓަކައި، އެ ބޭނުންވާ ނިސްބަތަށް މި ގާނޫނު މެދުވެރިކޮށް ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)  އިސްލާހުވީ ކަމުގައި ބެލެވޭނެއެވެ.

 

181 ވަނަ މާއްދާ - ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ

މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އުފައްދަންޖެހޭ މަރުކަޒުތައް އުފައްދައި އެމާއްދާގެ ދަށުން ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރުމަށް ކޮންމެހެން ބޭނުންވާނެ ފައިސާ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 120 (ސަތޭކަވިހި)  ދުވަހުގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކުރަންވާނެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަރުވާދޭ މަރުކަޒުތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގާއިމުކޮށް އެތަންތަނުން ހިދުމަތްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

182 ވަނަ މާއްދާ - ޖަދުވަލު 2 އަދި 3 ގައިވާ އެއްޗެއްސާބެހޭ ގަވާއިދު ހެދުން

(ހ) އަންނަނިވި ކަންކަމާ ބެހޭގޮތުން، މިނިސްޓްރީން ގަވާއިދު ހަދައި، ހިންގަންވާނެއެވެ.

  1. ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ އުސޫލުތައް؛
  2. ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ މީހުންނަށް ލައިސަންސްދިނުމުގެ ށަރުތުތަކާއި އުސޫލުތައް؛
  3. ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބޭނުމުގައި، ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ބޭނުމުގައި، ނުވަތަ އުފެއްދުމުގެ ބޭނުމުގައި، ނުވަތަ ޕްރޮސެސްކުރުމުގެ ބޭނުމުގައި، ނުވަތަ ބެހުމުގެ ބޭނުމުގައި، ނުވަތަ ރައްކާކުރުމުގެ ބޭނުމުގައި، ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ރައްދުކޮށްދިނުމުގެ ބޭނުމުގައި، ތައްޔާރުކޮށްފައިވާ އިމާރާތްތައް ނުވަތަ ތަންތަން ރަޖިސްޓްރީކުރުމުގެ އުސޫލުތައް؛
  4. ޖަދުވަލު 2 ގައިވާ މަސްތުވާތަކެއްޗާ ގުޅޭ ލިޔެކިޔުންތަކާބެހޭ އުސޫލުތައް؛
  5. ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭނެ ލިޔެކިޔުންތަކާއި ދޭންޖެހޭނެ މައުލޫމާތާއި އެ ލިޔެކިޔުންތައް ބަލައި ދިރާސާކުރެވޭނެ އުސޫލުތައް؛
  6. ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ހިމެނޭ ދާގީނާ ލޭބަލްކުރާނެ ގޮތް.

(ށ) އަންނަނިވި ކަންކަމާ ބެހޭގޮތުން، ނޭށަނަލް ޑްރަގް އެޖެންސީން ގަވާއިދު ހަދައި، ހިންގަންވާނެއެވެ.

  1. ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ އުސޫލުތައް؛
  2. ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ މީހުންނަށް ލައިސަންސްދިނުމުގެ ށަރުތުތަކާއި އުސޫލުތައް؛
  3. ޖަދުވަލު 3 ގައިވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބޭނުމުގައި، ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ބޭނުމުގައި، ނުވަތަ އުފެއްދުމުގެ ބޭނުމުގައި، ނުވަތަ ޕްރޮސެސްކުރުމުގެ ބޭނުމުގައި، ނުވަތަ ބެހުމުގެ ބޭނުމުގައި، ނުވަތަ ރައްކާކުރުމުގެ ބޭނުމުގައި، ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ރައްދުކޮށްދިނުމުގެ ބޭނުމުގައި، ތައްޔާރުކޮށްފައިވާ އިމާރާތްތައް ނުވަތަ ތަންތަން ރަޖިސްޓްރީކުރުމުގެ އުސޫލުތައް؛
  4. ޖަދުވަލު 3 ގައިވާ އެއްޗެއްގެ މުއާމަލާތުކުރުމުގައި ބޭނުންވާނެ ލިޔެކިޔުންތަކާބެހޭ އުސޫލުތައް؛
  5. ޖަދުވަލު 3 ގައިވާ އެއްޗަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭނެ ލިޔެކިޔުންތަކާއި ދޭންޖެހޭނެ މައުލޫމާތާއި އެ ލިޔެކިޔުންތައް ބަލައި ދިރާސާކުރެވޭނެ އުސޫލުތައް؛
  6. ޖަދުވަލު 3 ގައިވާ އެއްޗެއް ހިމެނޭ ދާގީނާ ލޭބަލްކުރާނެ ގޮތް.

 

183 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ނޭށަނަލް ޑްރަގް އެޖެންސީންނެވެ.

 

184 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

185 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާބެހޭ ގާނޫނު)  އުވުނީއެވެ.

 

186 ވަނަ މާއްދާ - އިޖުރާއަތު ތަފާތުވާ ހާލަތުގައި އަމަލުކުރާނެ އުސޫލު

މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ޖިނާއީ އިޖުރާއަތުގެ އާންމު ހަމަތަކެއް ގާނޫނެއްގައި ކަނޑައަޅައިފިނަމަ، މި ގާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތުތަކުގައާއި އެފަދަ ގާނޫނެއްގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކުގައި އެއްވެސް ތަފާތެއްވާ ހާލަތުގައި، އެ ދެ އިޖުރާއަތުގެ ތެރެއިން އިސްކަންދޭނީ، މި ގާނޫނުގެ ދަށުން  ކުށުގެ ތުހުމަތު ކުރެވިގެންވާ މީހާގެ ހައްގުތަކަށް ފަހިވާގޮތަށް ހުރި އިޖުރާއަތުތަކަށެވެ.

 

187 ވަނަ މާއްދާ – ޖަދުވަލުތައް

މި ގާނޫނުގައި ހަވާލާދީފައިވާ، އަދި މި ގާނޫނާ އެކުގައި އެވާ ތިން ޖަދުވަލަކީ، މި ގާނޫނުގެ މުހިންމު ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ އެ ތިން ޖަދުވަލާ އެކުގައެވެ. މި ގާނޫނުގައި އެ ތިން ޖަދުވަލުގެ ތެރެއިން ޖަދުވަލަކަށް ހަވާލާދޭ ފަހަރުތަކުގައި އެ ހަވާލާދެނީ، މި ގާނޫނުގެ މުހިންމު ބަޔަކަށެވެ.

 

188 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތް ގޮތުން ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާހިނދަކު:

(ހ) "ބެލެނިވެރިޔާ" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ށަރުއީ ބަލަދުވެރިންނާއި ގާނޫނީ ބަލަދުވެރިންނަށެވެ.

(ށ) "ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރުން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ނަމަ، މިނިސްޓްރީން ހުއްދަ ދީފައިވާ މެޑިކަލް ޑޮކްޓަރުންނާއި، ޖަދުވަލު 2 ގައިވާ ބޭސްތައް ދޫކުރުމުގެ ހުއްދަ ދީފައިވާ މީހުންނަށެވެ. އަދި ދިވެހިރާއްޖެއިން ބޭރުގައިނަމަ އެ ގައުމެއްގެ ކަމާބެހޭ ރަސްމީ ފަރާތްތަކުން ބޭސްކުރުމުގެ ހުއްދަ ދީފައިވާ މެޑިކަލް ޑޮކްޓަރުންނަށެވެ.

(ނ) "ކެނެބިސް" ކަމަށް ބުނެފައިއެވަނީ، ކެނެބިސް އާއިލާގެ ގަސްގަހުގެ ތެރެއިން ގަހަކަށް ނުވަތަ އެއިން ގަހެއްގެ ބަޔަކަށް، އެއަށް ކޮންމެ ނަމެއް ކީނަމަވެހެވެ.

(ރ) "ކެނެބިސް މިކްސްޗަރ" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލް އެއްވެސް މިންވަރަކަށް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ތާސީރަށެވެ.

(ބ) "ކެނެބިސް ރެޒިން" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އެއްވެސް ވަރަކަށް ހިމެނޭ މާއްދާއަށެވެ.

(ޅ) "ކެނެބިހުން މުއާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، ކެނެބިސް ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުން ހިމެނޭގޮތުންނެވެ.

(ކ) "ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓެއް" ކަމަށް ބުނެފައިއެވަނީ، ޑްރަގް ކޯޓު ފިޔަވައި، މަސްތުވާތަކެއްޗާގުޅޭ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓަކަށެވެ.

(އ) "ކަސްޓަމްސްގެ އޮފިސަރު" ކަމަށް ބުނެފައިއެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުކަމުގެ މަގާމު ހަވާލުކުރެވިފައިވާ، މި ގާނޫނު ތަންފީޒުކުރުމުގައި އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް އެ ސަރވިސްއިން ހުއްދަކޮށްފައިވާ ފަރާތްތަކަށެވެ.

(ވ) "ކޮޓަރި" ކަމަށް ބުނެފައިއެވަނީ، މީހުން ދިރިއުޅޭ ތަންތަނުގައާއި އެނޫން ތަންތަނުގައި ހުންނަ ކޮޓަރި ހިމެނޭގޮތުންނެވެ.

(މ) "އުފެއްދުން" ކަމަށް ބުނެފައިއެވަނީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗަކަށް ހަވާލާދީނަމަ، ވަކި މަސްތުވާއެއްޗެއް އުފެއްދުމަށާއި ވަކި މަރުހަލާތަކެއް ބޭނުންކޮށްގެން އެއްޗެއްގެ ތާސީރު އޭގެ އެންމެ ފުރިހަމަގޮތަށް ބަދަލުކުރުމަށާއި، އެއް މަސްތުވާއެއްޗަކުން އަނެއް މަސްތުވާއެއްޗަކަށް އޭގެ ބާވަތް ބަދަލުކުރުމަށެވެ.

(ފ) "އުމުރަށް ޖަލަށްލުން" ކަމަށް ބުނެފައިއެވަނީ، 25 (ފަންސަވީސް)  އަހަރަށް ޖަލަށްލުމަށެވެ.

(ދ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ވަޒީރަށެވެ.

(ތ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ލ) "މުދާ" ކަމަށް ބުނެފައިއެވަނީ، ނުއުފުލޭ މުދަލާއި، އުފުލޭ މުދާ ހިމެނޭގޮތުން، އަދި އެއިން މުދަލެއްގެ މިލްކުވެރިކަމާއި، އެއިން މުދަލަކާ ގުޅިގެން އުފެދިފައިވާ ނުވަތަ އުފެދޭ އެނޫންވެސް ހައްގާއި މަސްލަހަތާއި މަންފާވެސް ހިމެނޭގޮތުންނެވެ.

(ގ) "ފުލުހުންގެ އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު)  ގައި އެ އިބާރާތަށް ދީފައިވާ މާނަކުރުމުގެ ތެރޭގައި ހިމެނޭ މީހަކަށެވެ.

(ޏ) "ޑައިމޯފިނުން މުއާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، ޑައިމޯފިން ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުން ހިމެނޭގޮތުންނެވެ.

(ސ) "ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައިއެވަނީ، ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މާއްދާއަކަށް ނުވަތަ އެއިން މާއްދާއެއް ހިމަނައިގެން އުފައްދާފައިވާ ކޮންމެ އުފެއްދުމަކަށެވެ.

(ޑ) "ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައިއެވަނީ، ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ކޮންމެ އެއްޗަކަށް ނުވަތަ އެއިން އެއްޗެއް ހިމަނައިގެން އުފައްދާފައިވާ ކޮންމެ އެއްޗަކަށެވެ.

(ޒ) "ޖަދުވަލު 3 ގައިވާ އެއްޗެއް" ކަމަށް ބުނެފައިއެވަނީ، ޖަދުވަލު 1 ގައިވާ ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އުފެއްދުމަށް ނުވަތަ ތައްޔާރުކުރުމަށް ބޭނުންކުރެވިދާނެކަމަށް އެ ޖަދުވަލުގައި ބަޔާންކުރާ އެއްޗެއްސަށެވެ.

(ޓ) "ޕްރިސްކްރިޕްށަން" ކަމަށް ބުނެފައިއެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެހި ބޭނުންކުރުމަށްޓަކައި، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު އާންމުކޮށް ލިޔެދޭ މިންވަރު ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން ކަނޑައަޅާ މިންވަރަކަށް ލިޔެދޭ ބޭސް ސިޓީއަށެވެ.

 

 

ޖަދުވަލު 1

މަނާކުރެވިފައިވާ މަސްތުވާތަކެތި

 

1-        އެސިޓޯފިން

ACETORPHINE

2-        އެސިޓައިލް- އަލްފާ- މިތައިލްފެންޓަނިލް

ACETYL-ALPHA-METHYLFENTANYL

3-        އެސިޓައިލްޑައިހައިޑްރޯކޯޑެއިން

ACETYLDIHYDROCODEINE

4-        އެސިޓައިލްމެތަޑޯލް

ACETYLMETHADOL

5-        އެލައިލްޕްރޯޑިން

ALLYLPRODINE

6-        އަލްފާ- ސިޓައިލް- މެތަޑޯލް

ALPHA-CETYL-METHADOL

7-        އަލްފާމެޕްރޯޑިން

ALPHAMEPRODINE

8-        އަލްފާމެތަޑޯލް

ALPHAMETHADOL

9-        އަލްފާ- މިތައިލްފެންޓަނިލް

ALPHA-METHYLFENTANYL

10-     އަލްފާ- މިތައިލްތިއޯފެންޓަނިލް

ALPHA-METHYLTHIOFENTANYL

11-     އަލްފާޕްރޯޑިން

ALPHAPRODINE

12-     އެނިލެރިޑިން

ANILERIDINE

13-     ބެންޒެތައިޑިން

BENZETHIDINE

14-     ބެނަޒައިލްމޯފިން

BENZYLMORPHINE

15-     ބީޓާސިޓައިލްމެތަޑޯލް

BETACETYLMETHADOL

16-     ބީޓާ- ހައިޑްރޮކްސީފެންޓަނިލް

BETA-HYDROXYFENTANYL

17-     ބީޓާ- ހައިޑްރޮކްސީ-3- މިތައިލްފެންޓަނިލް

BETA-HYDROXY-3-METHYLFENTANYL

18-     ބީޓާމެޕްރޮޑިން

BETAMEPRODINE

19-     ބީޓާމެތަޑޯލް

BETAMETHADOL

20-     ބީޓާޕްރޯޑީން

BETAPRODINE

21-     ބެޒިޓްރަމައިޑް

BEZITRAMIDE

22-     ބްރޯލްއެމްފިޓަމިން

BROLAMFETAMINE

23-     ކެތިނޯން

CATHINONE

24-     ކެނެބިސް އަދި ކެނެބިސް ރޭސިން

CANNABIS AND CANNABIS RESIN

25-     ކެނެބިސް މިކްސްޗަރ

CANNABIS MIXTURE

26-     ކެނެބިސް އެކްސްޓްރެކްޓްސް އަދި ޓިންކްޗަރ

CANNABIS EXTRACTS AND TINCTURES

27-     ކްލޯނިޓަޒިން

CLONITAZENE

28-     ކޮކާ ލީފް

COCA LEAF

29-     ކޮކޭން

COCAINE

30-     ކޮޑޮކްސައިމް

CODOXIME

31-     ކޮންސެންޓްރޭޓް އޮފް ޕޮޕީ ސްޓްރޯ

CONCENTRATE OF POPPY STRAW

32-     ސައިކްލޯ ބާބިޓާލް

CYCLOBARBITAL

33-     ޑެސޯމޯފިން

DESOMORPHINE

34-     ޑީ.އީ.ޓީ

DET

35-     ޑެކްސްޓްރޯމޮރަމައިޑް

DEXTROMORAMIDE

36-     ޑީ.އެމް.އޭ

DMA

37-     ޑީ.އެމް.އެޗް.ޕީ

DMHP

38-     ޑީ.އެމް.ޓީ

DMT

39-     ޑީ.އޯ.އީ.ޓީ

DOET

40-     ޑައަމޯފިން

DIAMORPHINE

41-     ޑައަމްޕްރޮމައިޑް

DIAMPROMIDE

42-     ޑައިތައިލްތައަމްބިއުޓިން

DIETHYLTHIAMBUTENE

43-     ޑައިފެނޮކްސިން

DIFENOXIN

44-     ޑައިހައިޑްރޯމޯފިން

DIHYDROMORPHINE

45-     ޑައިހައިޑްރޯޓޯފިން

DIHYDROETORPHINE

46-     ޑައިމެނޮކްސްސަޑޯލް

DIMENOXADOL

47-     ޑައިމެފެޕްޓަނޯލް

DIMEPHEPTANOL

48-     ޑައިމެތައިލް، (މެތައިލީންޑައިއޮކްސީ)  ފެނެތީލިމަން)

DIMETHYL, (METHYLENEDIOXY)  PHENETHYLAMINE)

49-     ޑައިމިތަލްތައަމްބިއުޓިން

DIMETHYLTHIAMBUTENE

50-     ޑައޮކްސަފިޓައިލްބިއުޓަރޭޓް

DIOXAPHETYLBUTYRATE

51-     ޑައިފެނޮކްސިލޭޓް

DIPHENOXYLATE

52-     ޑައިޕިޕަނޯން

DIPIPANONE

53-     ޑްރޯޓިބަނޯލް

DROTEBANOL

54-     އެކްގޯނިން

ECGONINE

55-     އެތައިލް، (މެތައިލީންޑައިއޮކްސީ)  ފެނެތީލިމަން)

ETHYL, (METHYLENEDIOXY)  PHENETHYLAMINE)

56-     އިތައިލްމިތައިލްތިއަމްބިއުޓިން

ETHYLMETHYLTHIAMBUTENE

57-     އިތައިލްމޯފިން

ETHYLMORPHINE

58-     އެޓިސައިކްލިޑިން

ETICYCLIDINE

59-     އެޓޯނިޓަޒިން

ETONITAZENE

60-     އެޓޯފިން

ETORPHINE

61-     އެޓޯޒެރިޑިން

ETOXERIDINE

62-     އީޓްރިޕްޓަމިން

ETRYPTAMINE

63-     ފެނެޓިލީން

FENETYLLINE

64-     ފިޔުރެތިޑިން

FURETHIDINE

65-     ހައިޑްރޯމޯފިނޯލް

HYDROMORPHINOL

66-     ހައިޑްރޮކްސިޕެތިޑިން

HYDROXYPETHIDINE

67-     އައިސޯމެތަޑޯން

ISOMETHADONE

68-     ކީޓޯބެމިޑޯން

KETOBEMIDONE

69-     ލީވަމްޕެޓަމިން

LEVAMFETAMINE

70-     ލީވޯމެޓަންފިޓަމިން

LEVOMETAMFETAMINE

71-     ލީވޯމެތޯފަން

LEVOMETHORPHAN

72-     ލީވޯމޮރޮމައިޑް

LEVOMORAMIDE

73-     ލީވޯފެނަސިލްމޯފަން

LEVOPHENACYLMORPHAN

74-     ލައިސަރޖައިޑް (އެލް އެސް ޑީ) ،    އެލް އެސް ޑީ 25

LYSERGIDE (LSD) , LSD  25

75-     އެމް ޑީ އެމް އޭ، 4- (މިތައިލްއެނެޑިއޮކްސީ)  ފެނެތައިލަމައިން

MDMA, 4-(METHYLENEDIOXY)  PHENETHYLAMINE

76-     މެޓަޒޯސިން

METAZOCINE

77-     މެތައިލް، (މެތައިލީންޑައިއޮކްސީ)  ފެނެތީލިމަން)

METHYL, (METHYLENEDIOXY)  PHENETHYLAMINE)

78-     މިތައިލްޑެސޯފިން

METHYLDESORPHINE

79-     މިތައިލް ޑައިހައިޑްރޯމޯފިން

METHYLDIHYDROMORPHINE

80-     3- މިތައިލް ފެންޓަނިލް

3-METHYLFENTANYL

81-     3- މިތައިލް ތަޔޯފެންޓަނިލް

3-METHYLTHIOFENTANYL

82-     މެޓޯޕޯން

METOPON

83-     މެޓަމްފެޓަމިން ރެސިމޭޓް

METAMFETAMINE RACEMATE

84-     މެކްލޯކުއަލޯން

MECLOQUALONE

85-     މެފެޑްރޯން

MEPHEDRONE

86-     މެސްކަލިން

MESCALINE

87-     މެތަކުއަލޯން

METHAQUALONE

88-     މެތްކެތިނޯން

METHCATHINONE

89-     މިތައިލްފެނިޑޭޓް

METHYLPHENIDATE

90-     މޯފެރިޑިން

MORPHERIDINE

91-     މޮރަމައިޑް އިންޓަރމީޑިއޭޓް

MORAMIDE INTERMEDIATE

92-     މިތައިލްއެމިނޮރެކްސް

4-METHYLAMINOREX

93-     އެމް.ޕީ.ޕީ.ޕީ

MPPP

94-     އެމް.އެމް.ޑީ.އޭ

MMDA

95-     އެމް.ޑީ.އީ، އެން- އެތައިލް އެމް.ޑީ.އޭ

MDE, N-ETHYL MDA

96-     4- އެމް.ޓީ.އޭ

4-MTA

97-     މައިރޯފިން

MYROPHINE

98-     އެން- ހައިޑްރޮކްސީ އެމް.ޑީ.އޭ، އެން- މިތައިލް-3 (4- މެތްލީންޑައިއޮކްސީ)  (ފެނެތީލިމަން)

N- HYRDROXY MDA, N-METHYL-3 (4-(METHLENEDIOXY) PHENYLTHYLAMINE

99-      ނިކޯމޯފިން

NICOMORPHINE

100-   ނޯރޮސިމެތަޑޯލް

NORACYMETHADOL

101-   ނޯލިވޯފެނޯލް

NORLEVORPHANOL

102-   ނޯމެތަޑޯން

NORMETHADONE

103-   ނޯމޯފިން

NORMORPHINE

104-   ނޯޕިޕަނޯން

NORPIPANONE

105-   އޯޕިއަމް (އަފިހުން)

OPIUM

106-   އޮރިޕަވިން

ORIPAVINE

107-   ޕެރަ- ޕްލޫރޯފެންޓަނިލް

PARA-FLUOROFENTANYL

108-   ޕެރަހެކްސިލް

PARAHEXYL

109-   ޕީ.އީ.ޕީ.އޭ.ޕީ

PEPAP

110-   ފެނަޑޮކްސޯން

PHENADOXONE

111-   ފެނަމްޕްރޮމައިޑް

PHENAMPROMIDE

112-   ފެނަޒޯސިން

PHENAZOCINE

113-   ފެނޯމޯފަން

PHENOMORPHAN

114-   ފެނޯޕެރިޑިން

PHENOPERIDINE

115-   ފެންސައިކްލީޑިން

PHENCYCLIDINE

116-   ފެންމެޓްރިޒިން

PHENMETRAZINE

117-   ޕިމިނޯޑިން

PIMINODINE

118-   ޕިރިޓްރަމައިޑް

PIRITRAMIDE

119-   ޕީ.އެމް.އޭ

PMA

120-   ޕްރޯހެޕްޓަޒިން

PROHEPTAZINE

121-   ޕްރޯޕެރިޑިން

PROPERIDINE

122-   ސައިލޯސިން، ސައިލޮޓްސިން

PSILOCINE, PSILOTSIN

123-   ސައިލޯސައިބިން

PSILOCYBINE

124-   ރޭސިމެތޯފަން

RACEMETHORPHAN

125-   ރޭސިމޮރޮމައިޑް

RACEMORAMIDE

126-   ރޭސިމޯފަން

RACEMORPHAN

127-   ރޯލިސައިކްލިޑިން

ROLICYCLIDINE

128-   ރެމައިފެންޓަނިލް

REMIFENTANIL

129-   އެސް.ޓީ.ޕީ-ޑީ.އޯ.އެމް

STP-DOM

130-   އެސް.ޕީ. ޓެނެމްފެޓަމިން

SP TENAMPHETAMINE

131-   ޓީނޯސައިކްލިޑިން

TENOCYCLIDINE

132-   ޓެޓްރާހައިޑްރޯ ކެނެބިނޯލް

TETRAHYDRO CANNABINOL

133-   ތިބެކޯން

THEBACON

134-   ތިބޭން

THEBAINE

135-   ތަޔޯފެންޓަނިލް

THIOFENTANYL

136-   ޓިލިޑީން

TILIDINE

137-   ޓީ.އެމް.އޭ

TMA

138-   ޓްރައިމެޕެރިޑިން

TRIMEPERIDINE

139-  ޒިޕެޕްރޯލް

ZIPEPROL

 

މަތީގައިއެވާ ތަކެތީގެ އައިސޯމާރސްއާއި، އެސްޓާރޒްއާއި، އީތާރޒްއާއި، ސޯލްޓްސްއާއި، އެއިން އެއްޗެއް ބޭނުންކޮށްގެން ނުވަތަ މަތީގައިވާ އެއްޗެއް ބޭނުންކޮށްގެން ތައްޔާރުކުރެވޭ އެއްޗެހީގެ ތެރެއިން ޖަދުވަލު 2 ގައި ހިމެނިފައިނުވާ ތަކެތި.

 

މި ޖަދުވަލުގައިވާ އެއްޗެހީގެ ނަންތައް ލިޔެފައިއެވަނީ، އ.ދ. ގެ 1961 ވަނަ އަހަރުގެ ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސްއާއި 1971 ވަނަ އަހަރުގެ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސްގެ ށެޑިއުލްތަކުގައިވާ ގޮތަށެވެ. އަދި  މި ޖަދުވަލުގައިވާ އެއްޗަކަށް މި ޖަދުވަލުގައި ބޭނުންކޮށްފައިވާ ނަން ނޫން އެހެން ނަމެއް ބޭނުންކުރުމަކުން އެއެއްޗަކީ މި ޖަދުވަލުގައި ބަޔާންކޮށްފައިވާ އެތި ނޫން ކަމުގައެއް ނުބެލެވޭނެއެވެ.

 

 

 

ޖަދުވަލު 2

ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި

 

1.     އެމްފިޕްރޮމޯން

AMFEPRAMONE

2.     އެމްފިޓަމިން

AMFETAMINE

3.     އެމައިނެޕްޓިން

AMINEPTINE

4.     އެމައިނޯރެކްސް

AMINOREX

5.     އެމޯބާބިޓާލް

AMOBARBITAL

6.     އެމީލް ނައިޓްރޭޓް، ބިޔުޓީލް ނައިޓްރޭޓް

AMYL NITRATE, BUTYL NITRATE

7.     އަލްފެންޓަނިލް

ALFENTANIL

8.     އެލޯބާބިޓާލް

ALLOBARBITAL

9.     އެލްޕްރޮޒޯލަމް

ALPRAZOLAM

10.  ބާބިޓާލް

BARBITAL

11.  ބެންޒީން

BENZENE

12.  ބެންޒްފިޓަމިން

BENZFETAMINE

13.  ބްރޯމަޒެޕާމް

BROMAZEPAM

14.  ބްރޮޓިޒޯލަމް

BROTIZOLAM

15.  ބިޔުޕްރިނޯފިން

BUPRENORPHINE

16.  ބިޔުޓަލްބިޓާލް

BUTALBITAL

17.  ބިޔުޓޭން

BUTANE

18.  ބިޔުޓޯބާބިޓާލް

BUTOBARBITAL

19.  ކެމަޒިޕާމް

CAMAZEPAM

20.  ކެތީން

CATHINE

21.  ކްލޯރޑައިޒެޕޮކްސައިޑް

CHILORDIAZEPOXIDE

22.  ކްލޯބަޒާމް

CLOBAZAM

23.  ކްލޯނަޒިޕާމް

CLONAZEPAM

24.  ކްލޯރަޒިޕޭޓް

CLORAZEPATE

25.  ކްލޯޓިއަޒިޕާމް

CLOTIAZEPAM

26.  ކްލޮކްސަޒޯލަމް

CLOXAZOLAM

27.  ކޯޑީން

CODEINE

28.  2 ސީ-ބީ، 4-ބްރޯމޯ-2،  ޑައިމެތޯކްސީފެނެތިލަމިން

2 C-B, 4-BROMO-2, DIMETHOXYPHENETHYLAMINE

29.  ޑައަޒެޕާމް

DIAZEPAM

30.  ޑައިހައިޑްރޯކޯޑެއިން

DIHYDROCODEINE

31.  ޑިލޯރަޒިޕާމް

DELORAZEPAM

32.  ޑެކްސްއެމްފިޓަމިން

DEXAMFETAMINE

33.  ޑެކްސްޓްރޯޕްރޯޕޮކްސީފީން

DEXTROPROPOXYPHENE

34.  ޑްރޯނަބިނޯލް

DRONABINOL

35.  އެސްޓަޒޯލަމް

ESTAZOLAM

36.  އެތްކްލޯވިނޯލް

ETHCHLORVYNOL

37.  އެތިނަމޭޓް

ETHINAMATE

38.  އިތައިލްލޮފްލަޒިޕޭޓް

ETHYL LOFLAZEMPATE

39.  އެޓިލެމްފިޓަމިން

ETILAMFETAMINE

40.  ފެންކެމްފަމިން

FENCAMFAMINE

41.  ފެންޕްރޮޕޮރެކްސް

FENPROPOREX

42.  ފެންޓަނިލް

FENTANYL

43.  ފްލޫޑައިޒިޕާމް

FLUDIAZEPAM

44.  ފްލޫނައިޓްރޮޒިޕާމް

FLUNITRAZEPAM

45.  ފްލޫރަޒިޕާމް

FLURAZEPAM

46.  ފްރެއޮން

FREON

47.  ޖީ.އެޗް.ބީ (ވައި-ހައިޑްރޯކްސީބަޓްރިކް  އެސިޑް)

GHB (Y-HYDROXYBUTRIC ACID)

48.  ގްލޫޓެތިމައިޑް

GLUTETHIMIDE

49.  ހެލަޒިޕާމް

HALAZEPAM

50.  ހެލޮކްސަޒޯލަމް

HALOXAZOLAM

51.  ހައިޑްރޯކޯޑޯން

HYDROCODONE

52.  ހައިޑްރޯމޯފޯން

HYDROMORPHONE

53.  ކެޓަމީން

KETAMINE

54.  ކެޓަޒޯލަމް

KETAZOLAM

55.  ލިފިޓަމިން

LEFETAMINE

56.  ލިވޯފަނޯލް

LEVORPHANOL

57.  ލޯޕްރަޒޯލަމް

LOPRAZOLAM

58.  ލޮރަޒެޕާމް

LORAZEPAM

59.  ލޯމިޓަޒިޕާމް

LORMETAZETAM

60.  މެޒިންޑޯލް

MAZINDOL

61.  މެޑަޒިޕާމް

MEDAZEPAM

62.  މެފިނޮރެކްސް

MEFENOREX

63.  މެޕްރޯބަމޭޓް

MEPROBAMATE

64.  މެސްކަލީން

MESCALINE

65.  މެސޯކާބް

MESOCARB

66.  މެތަޑޯން

METHADONE

67.  މެތަޑޯން އިންޓަރމީޑިއެޓް

METHADONE INTERMEDIATE

68.  މެތައިލީން ކްލޮރައިޑް

METHYLENE CHLORIDE

69.  މެތައިލްފެނިޑޭޓް

METHYLPHENIDATE

70.  މެތައިލްފީނޯބާބިޓާލް

METHYLPHENOBARBITAL

71.  މެތިޕްރިލޯން

METHYPRYLON

72.  މެޑަޒޯލަމް

MIDAZOLAM

73.  މޯފިން

MORPHINE

74.  މޯފިން މެތޯބްރޯމައިޑް

MORPHINE METHOBROMIDE

75.  މޯފިން އެން- އޮކްސައިޑް

MORPHONE N-OXIDE

76.  ނަލްބިއުފީން

NALBUPHINE

77.  ނިކޯކޯޑެއިން

NICOCODEINE

78.  ނިކޯޑިކޯޑީން

NICODICODINE

79.  ނިމެޓަޒިޕާމް

NIMETAZEPAM

80.  ނައިޓްރަޒިޕާމް

NITRAZEPAM

81.  ނައިޓްރޯންސް އޮކްސައިޑް 1 ހެކްސޭން

NITRONS OXIDE 1 HEXANE

82.  ނޯޑަޒިޕާމް

NORDAZEPAM

83.  އޮކްސިކޯޑޯން

OXYCODONE

84.  އޮކްސިމޯފޯން

OXYMORPHONE

85.  އޮކްސަޒިޕާމް

OXAZEPAM

86.  އޮކްސަޒޯލަމް

OXAZOLAM

87.  ޕެތިޑިން

PETHIDINE

88.  ޕެތިޑިން-އިންޓަރމީޑިއޭޓް-އޭ

PETHIDINE-INTERMEDIATE-A

89.  ޕެތިޑިން-އިންޓަރމީޑިއޭޓް-ބީ

PETHIDINE-INTERMEDIATE-B

90.  ޕެތިޑިން-އިންޓަރމީޑިއޭޓް-ސީ

PETHIDINE-INTERMEDIATE-C

91.  ޕެންޓޯބާބިޓާލް

PENTOBARBITAL

92.  ޕެންޓަޒޯސިން

PENTAZOCINE

93.  ފޮލްކޯޑިން

PHOLCODINE

94.  ޕިމޯލިން

PEMOLINE

95.  ފެންޑައިމެޓްރޮޒީން

PHENDIMETRAZINE

96.  ފީނޯބާބިޓާލް

PHENOBARBITAL

97.  ފެންޓަމީން

PHENTERMINE

98.  ޕިނަޒިޕާމް

PINAZEPAM

99.  ޕިޕްރަޑޯލް

PIPRADOL

100.   ޕްރަޒިޕާމް

PRAZEPAM

101.   ޕްރޮޕޭން

PROPANE

102.   ޕްރޮޕިރެމް

PROPIRAM

103.   ޕްރޮޕޮކްސިފީން

PROPOXYPHENE

104.   ޕައިރޯވެލިރޯން

PYROVALERONE

105.   ސެކޯބާބިޓާލް

SECOBARBITAL

106.   ސެކްބިއުޓަބާބިޓާލް

SECBUTABARBITAL

107.   ސިޔުފެންޓަނިލް

SUFENTANIL

108.   ޓިމަޒިޕާމް

TEMAZEPAM

109.   ޓެޓްރަޒިޕާމް

TETRAZEPAM

110.   ޓޮލުއިން

TOLUENE

111.   ޓްރިއަޒޯލަމް

TRIAZOLAM

112.   ޓްރައިކްލޯރޯއެތިލިން

TRICHLOROETHYLENE

113.   ވިނައިލްބިޓާލް

VINYLBITAL

114.   ޒޮލްޕިޑެމް

ZOLPIDEM

 

މި ޖަދުވަލުގައިވާ އެއްޗެހީގެ ނަންތައް ލިޔެފައި އެވަނީ، އ.ދ. ގެ 1961 ވަނަ އަހަރުގެ ސިންގަލް ކޮންވެންށަން އޮން ނާކޮޓިކް ޑްރަގްސްއާއި 1971 ވަނަ އަހަރުގެ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސްގެ ށެޑިއުލްތަކުގައިވާ ގޮތަށެވެ. އަދި މި ޖަދުވަލުގައިވާ އެއްޗަކަށް މި ޖަދުވަލުގައި ބޭނުންކޮށްފައިވާ ނަން ނޫން އެހެން ނަމެއް ބޭނުންކުރުމަކުން އެ އެއްޗަކީ
މި ޖަދުވަލުގައި ބުނެފައިވާ އެތި ނޫން ކަމުގައެއް ނުބެލެވޭނެއެވެ. 

 

ޖަދުވަލު 3

މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެހި

 

1. އެން-އެސެޓީލްއެންތްރެނެލިކް އެސިޑް (އެން-އެސިޓީލް-އޯ-އެމައިނޯބެންޒޮއިކް އެސިޑް)

N-acetylanthranilic acid also known as N-Acetyl-o-aminobenzoic acid

 

2. އެފްރެޑީން (ބީޓާ-ހައިޑްކްސީ-އެން-މެތީލްއެމްފެޓަމިން)

Ephedrine also known as β-Hydroxy-N-methylamphetamine

3. އަރގޮމެޓްރީން (އަރގޮނޮވީން ނުވަތަ އަރގޮބެސީން ނުވަތަ [8ބީޓާ (އެސް) ]-9-10-ޑައިޑެހައިޑްރޯ-އެން-(2-ހައިޑްރޮކްސީ-1-މެތީލްއެތީލް) -6-މެތީލް-6-މެތީލްއަރގޮލީން-8-ކާރބޮކްސަމައިޑް

Ergometrine also known as Ergonovine or Ergobasine or [8β(S) ]-9-10-Didehydro-N-(2-hydroxy-1-methylethyl) -6-methyl-6-methylergoline-8-carboxamide

4. އަރގޮޓަމީން (‘12-ހައިޑްރޮކްސީ-‘2-މެތީލް-‘5-އޭ-(ފެނީމެތީލް)  އަރގޮޓަމަން-‘3,‘6’,18-ޓްރައިނޯން

Ergotamine also known as 12’-Hydroxy-2’-methyl-5’-a-(phenymethyl)  ergotaman-3’,6’,18’-trinone

5. އައިސޮސަފްރޯލް (1,2-މެތިލީންޑައިއޮކްސީ) -4-ޕްރޮޕެނީލްބެންޒީން

Isosafrole also known as 1,2-(Methylenedioxy) -4-propenylbenzene

6.   ލައިސަރޖިކް އެސިޑް (9,10-ޑައިޑެހައިޑްރޯ-6-މެތީލަރގޮލީން-8-ބީޓާ-ކާރބޮކްސީލިކްއެސިޑް

Lysergic acid also known as 9,10-Didehydro-6-methylergoline-8β-carboxylic acid

7.   3,4-މެތިލީންޑައިއޮކްސީޕެނީލް-2-ޕްރޮޕަނޯން

3,4-methylenedioxyphenyl-2-propanone

8.   ނޯރފެޑްރީން

Norephedrine

9.   1-ފެނީލް-2-ޕްރޮޕަނޯން (ފެނީލަސިޓޯން)

1-Phenyl-2-propanone also known as Phenylacetone

10.   ޕިޕެރޯނަލް (3,4-(މެތިލީންޑައިއޮކްސީ)  ބެންޒަލްޑީހައިޑް ނުވަތަ ޕައިޕެރޮނީލަލްޑީހައިޑް)

Piperonal also known as 3,4-(Methylenedioxy) benzaldehyde or Piperonylaldehyde

11.   ސޫޑޮއެފިޑްރީން

Pseudoephedrine

12.   ސޫޑޮއެފިޑްރީން (ބީޓާ-ހައިޑްރޮކްސީ-އެން-މެތީލް އެމްފެޓަމީން)

Pseudoephedrine also known as β-Hydroxy-N-methylamphetamine

13.   ސެފްރޯލް (4-އެލިލް-1,2-މެތިލިންޑައިއޮކްސީބެންޒީން)

Safrole also known as 4-Allyl-1,2-methylenedioxybenzene

14.   އެސިޓިކްއެންހައިޑްރައިޑް (އެސިޓިކް އޮކްސައިޑް)

Acetic anhydride also known as Acetic oxide

15.   އެސިޓޯން (2-ޕްރޮޕަނޯން ނުވަތަ ޑައިމެތީލް ކިޓޯން)

Acetone also known as 2-Propanone or Dimethyl ketone

16.   އެންތްރެނިލިކް އެސިޑް (އޯ-އެމީނޯބެންޒޮއިކް އެސިޑް)

Anthranilic acid also known as o-Aminobenzoic acid

17.   އެތީލް އީތަރ (އީތަރ ނުވަތަ ޑައިއެތީލް އީތަރ ނުވަތަ އެތީލް އޮކްސައިޑް ނުވަތަ ޑައިއެތީލް އޮކްސައިޑް ނުވަތަ އެތޮކްސީއީތޭން ނުވަތަ '1،1-އޮކްސީބިސްއީތޭން)

Ethyl ether also known as Ether or Diethyl ether or Ethyl oxide or Diethyl oxide or Ethoxyethane or 1,1’-Oxybisethane

18.   ހައިޑްރޮކްލޮރިކް އެސިޑް

Hydrochloric acid

19.   މެތީލް އެތީލް ކިޓޯން (2-ބިއުޓަނޯން)

Methyl ethyl ketone also known as 2-Butanone

20.   ފެނީލްއެސިޓިކް (ބެންޒީންއެސިޓިކް އެސިޑް ނުވަތަ އަލްފާ-ޓޮލުއިކް އެސިޑް)

Phenylacetic acid also known as Benzeneacetic acid or α-Toluic acid

21.   ޕިޕެރިޑީން (ހެކްސަހައިޑްރޮޕިރިޑީން)

Piperidine also known as Hexahydropyridine

22.   ޕޮޓޭސިއަމް ޕަރމަންގަނޭޓް

Potassium permanganate

23.   ސަލްފިއުރިކް އެސިޑް

Sulphuric acid

24.   ޓޮލުއީން (މެތީލް ބެންޒީން ނުވަތަ ފެނީލްމީތޭން)

Toluene also known as Methylbenzene or Phenylmethane.

 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓް ކުރެވިފައި

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-17)

 

އުވާލެވުނު ގާނޫނު

މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/1977)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ޑްރަގް ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-27)
  2. މަސްތުވާތަކެއްޗާއިބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރެވޭނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-230)
  3. މަސްތުވާ ތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުގެ ގަވަރނިންގ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-18)
  4. ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-386)
  5. މަސްތުވާ ތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި ނެގޭ ކުޑަކަމުދާއެއްޗެހީގެ ސާމްޕަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-385)
  6. ށަރުތުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-27)
  7. ޑްރަގް ކޯޓުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-26)
  8. ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-08)
  9. ޑްރަގް ކޯޓުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-15)
  10. މަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ނެގުމާއި، އެތަކެތި އެތަނުން އަނެއްތަނަށް ގެންދިއުމާއި، އެތަކެތި ޓެސްޓު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-26)
  11. މަސްތުވާތަކެތީގެ ކުށުގެ ދައުވާ އުފުލިފައިވާ ފަރާތްތަކުގެ ޑްރަގް ޑިފެންޑެންސް އެސެސްމެންޓް ހެދުމަށް ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-28)
  12. މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް ހިންގުމަށް ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-31)
  13. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-40)
  14. ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ށަރުތުތަކާ ހިލާފުވުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2013-35)
  15. ވީޑިއޯ މެދުވެރިކޮށް ޑްރަގް ކޯޓުގެ ށަރީއަށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-42)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު