-

އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު

(ގާނޫނު ނަންބަރު  2011-15)

(މި ގާނޫނަށް އަމަލުކުރަން ފެށީ 29 ޑިސެމްބަރު 2011 ގައި)

އެއްވަނަ ބައި

ތައާރުފާއި މަގްސަދު

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލުއިފަސޭހަގޮތެއްގައި ލިއްބައިދިނުމަށް މަގުފަހިކުރުމުގެގޮތުން ގައުމީ ފެންވަރުގައި ސިއްހީ ފަރުވާގެ އިންށުއަރަންސްއާބެހޭ ނިޒާމެއް އެކަށައަޅައި، އެ ނިޒާމު އިންތިޒާމުކުރެވިފައިވާ ގޮތުގެ ތަފްސީލާއި، އެ ނިޒާމު ހަރުދަނާ ގޮތެއްގައި ހިނގާނެ ގޮތް ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) ދިވެހިރައްޔިތުންނަށް ހަމަހަމަކަމާއެކު، ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކޮށްދިނުން؛

(ށ) ދިވެހިރައްޔިތުންނަށް ހަމަހަމަކަމާއެކު، ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތުގެ ހަރަދު ހަމަޖައްސައިދޭނެ އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމެއް ގާނޫނީގޮތުން ގާއިމުކުރުން؛

(ނ) އިޖްތިމާއީގޮތުންނާއި، އިގްތިސާދީގޮތުންނާއި، އުމުރުގެގޮތުންނާއި، ދުޅަހެޔޮކަމުގެގޮތުން އާބާދީގެ ތަފާތު ގިންތިތަކުގެ މެދުގައި ރިސްކް ޕޫލްކޮށް، އެމީހެއްގެ އިގްތިސާދީ ހާލަތު ތަންދޭ މިންވަރަކުން ހިއްސާކުރާ ގައުމީ ނިޒާމެއް ގާއިމުކުރުން؛

(ރ) ރަނގަޅު ފެންވަރުގެ އަސާސީ ހިދުމަތް ހޯދުމަށް އަމިއްލަ އަތުން ކުރަންޖެހޭ ހަރަދުތައް މަދުކޮށް، ސިއްހީ ހަރަދުތަކުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ އަދި އިޖްތިމާއީ ނިކަމެތިކަމުން ރާއްޖޭގެ ހުރިހާ ރައްޔިތުން ސަލާމަތްކުރުން؛

(ބ) އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމު ހިންގުމުގެ ހަރަދުތަކާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކޮށް، ސިއްހީ ވަސީލަތްތައް އެންމެ ފައިދާކުރުވަނިވި ގޮތެއްގައި ބޭނުންކުރުން؛

(ޅ) އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމު ހިންގުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި އެކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި "ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ" ގެ ނަމުގައި ވަކި އޮފީހެއް ގާއިމުކުރުން؛

(ކ) ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެފަދަ އިޖްތިމާއީ ސިއްހީ  އިންށުއަރަންސްއާބެހޭ ގައުމީ ނިޒާމެއް ގާއިމުކުރުން؛ 

(އ) ސްކީމް މެދުވެރިކޮށް ލިބިދެވޭ ސިއްހީ ހިދުމަތްތަކަކީ އެކަށީގެންވާ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތަކެއްކަމަށް ހެދުމަށްޓަކައި، ހިދުމަތުގެ ފެންވަރު ކުރިއަރުވައި ތަރައްގީކުރުމަށް ބާރުއެޅޭފަދަ ފިޔަވަޅުތައް އެޅުން.

 

3 ވަނަ މާއްދާ - ގާނޫނު ހިންގުމުގައި ދަމަހައްޓަންޖެހޭ މުހިންމު އުސޫލުތަކާއި މިންގަނޑުތައް

މި ގާނޫނު ހިންގުމުގައާއި، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ އިޖްތިމާއީ ސިއްހީ އިންށުއަރަންސް ސްކީމް ހިންގުމުގައި އަންނަނިވި އުސޫލުތަކާއި މިންގަނޑުތައް ދަމަހައްޓަންވާނެއެވެ.

(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމަށް ދައުލަތުގެ ވަސީލަތްތައް ކަނޑައެޅުމާއި، ހަލުއި މިނެއްގައި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިއްހީ ހިދުމަތްތަކަށް ސަރުކާރުން އިސްކަންދިނުމަށް ސްކީމް މެދުވެރިކޮށް ބާރުއެޅުން؛

(ށ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގެ ބައިވެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ފޯރުކޮށްދިނުން؛

(ނ) އިޖްތިމާއީ ތަފާތުކުރުންތަކާއި ވަކިފަރާތްތަކަށް ވަކިގޮތް ހެދުމަށް ފުރުސަތު ނުދިނުމުގެގޮތުން، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގައި ބައިވެރިވުން ލާޒިމުވުން؛

(ރ) ސްކީމްގެ ދަށުން ދެވޭ ސިއްހީ ހިދުމަތްތަކަކީ އެކި އުމުރުފުރާއާއި ދެ ޖިންސުގެ މީހުންގެ ސިއްހީ ބޭނުންތައް ފުއްދައިދެވޭ ހިދުމަތްތަކަކަށްވުން؛

(ބ) ސްކީމް ފުރިހަމަ ގޮތެއްގައި ހިންގުމަށްޓަކައި، އިގްތިސާދީގޮތުން ވަސީލަތްތައް ބޭނުންކުރުމާއި ސިއްހީ ހިދުމަތުގެ ފެންވަރު އެއް ހަމައެއްގައި ވަޒަންކުރުން؛

(ޅ) ސްކީމްގެ ދަށުން ލިބިދެވޭ ހިދުމަތްތައް ފަސޭހަކަމާއެކު އަދި ވީހާވެސް ގާތަކުން ލިބިދިނުން؛

(ކ) ސްކީމް މެދުވެރިކޮށް ލިބިދެވޭ ސިއްހީ ހިދުމަތްތަކަކީ އެކަށީގެންވާ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތަކެއްކަމަށް ހެދުމަށްޓަކައި، ހިދުމަތުގެ ފެންވަރު ކުރިއަރުވައި ތަރައްގީކުރުމަށް ބާރުއެޅޭފަދަ ފިޔަވަޅުތައް އެޅުން.

(އ) މި މާއްދާގެ (ނ)  ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމަށްވުރެ ކުޑަނޫން ސްކީމެއްގައި އެމީހަކު  ބައިވެރިވުން މި މާއްދާ ހުރަހެއްނާޅައެވެ.

 

ދެވަނަ ބައި

އިޖްތިމާއީ ސިއްހީ އިންށުއަރަންސް ސްކީމް

4 ވަނަ މާއްދާ - އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ސްކީމް

(ހ) ސިއްހީ ހިދުމަތްތަކުގެ ހަރަދުތައް ހަމަޖެއްސުމަށް މާލީ ތަނަވަސްކަން ކުޑަ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ހަމަހަމަކަމާއެކު އެންމެންނަށް ހިދުމަތްދެވޭ އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން "އިޖްތިމާއީ ސިއްހީ އިންށުއަރަންސް ސްކީމް" އެޖެންސީގެ ފަރާތުން އެކަށައަޅައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހިންގަންވާނެއެވެ.

(ށ) ސްކީމް މެދުވެރިކޮށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކަށައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރައްޔިތުންނަށް ފަސޭހަކަމާއި ހަމަހަމަކަމާއެކު ލިބިދެވޭ، އެކަށީގެންވާ ރަނގަޅު ފެންވަރުގެ، ސިއްހީ ހިދުމަތް ހޯދުމުގެ ޔަގީންކަން އޮންނަ އަސާސީ ސިއްހީ އިންށުއަރަންސްގެ ހިދުމަތް ފޯރުކޮށްދޭކަން އެޖެންސީން ޔަގީންކުރަންވާނެއެވެ.

(ނ) ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ނިޒާމެއް ގާއިމުކުރެވިފައިވާ ސްކީމަކަށް ވާންޖެހޭނެއެވެ.

(ރ) ސްކީމަށް ހިނގާ އެންމެހައި ހަރަދުތަކަށް ފައިސާ ހޭދަކުރާނީ ދައުލަތުގެ ފަރާތުންނާއި، ސްކީމްގެ އެކި ބައިވެރިންގެ ފަރާތުންނާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ސްކީމަށް ލިބޭ ފައިސާއިންނެވެ. އަދި އެއްވެސް ހާލަތެއްގައި މި ސްކީމް މެދުވެރިކޮށް ލިބިދެވޭ ހިދުމަތަށް ސްކީމްގެ ބައިވެރިން ހަރަދުކޮށް އެ ހަރަދު އަނބުރާ ހޯދާ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް މި ސްކީމް ވެގެންނުވާނެއެވެ.

(ބ) މި މާއްދާގެ (ރ)  ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ވަކި ބަޔަކަށް ހާއްސަކުރެވިގެން ނުވަތަ ވަކި ހާލަތެއްގައި ހޯދަންޖެހޭ ހާއްސަ ބޭހެއް ނުވަތަ ބަޔޮލޮޖިކަލްއެއް ނުވަތަ ޕްރޮސްތެޓިކްސްއެއް ނުވަތަ އެހެންވެސް ޑިވައިސްއެއް ރާއްޖެއިން ލިބެން ނެތިގެން، ކަނޑައެޅޭ އުސޫލެއްގެމަތިން ހޯދޭ ބޭހާއި ބަޔޮލޮޖިކަލްތައް ނުވަތަ ޕްރޮސްތެޓިކްސްތައް ނުވަތަ އެހެންވެސް ޑިވައިސްތައް ހޯދުމަށް ކުރެވޭ ހަރަދު އަނބުރާ ހޯދުން މި މާއްދާގެ (ރ)  އަށް އަމަލުކުރުމުގައެއް ނުބެލެވޭނެއެވެ.

 

5 ވަނަ މާއްދާ - ސްކީމްގައި ބައިވެރިވުން

(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގައި އެންމެހައި ދިވެހިރައްޔިތުން ހިމެނޭނެއެވެ.

(ށ) ސްކީމްގައި ބައިވެރިވާ އެންމެންނަށް، އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު މެދުވެރިކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އެޖެންސީން ޔަގީންކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ސްކީމްގެ ދަށުން ލިބިދެވޭނެ ހިދުމަތްތައް

ސްކީމްގެ ދަށުން އަންނަނިވި ކަންކަމާގުޅޭ ބާވަތްތަކުގެ ސިއްހީ ހިދުމަތްތައް ލިބިދެވޭނެއެވެ.

(ހ) ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެޑްމިޓްކޮށްގެން ދެވޭ ފަރުވާ؛

(ށ) ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެޑްމިޓްނުކޮށް ދެވޭ ފަރުވާ؛

(ނ) އިމަޖެންސީ އަދި އެކްސިޑެންޓާ ވިދިގެން ލިބެންޖެހޭ ފަރުވާ؛

(ރ) ޕްރިސްކްރިޕްށަންގައި ހުންނަ ބޭހާއި ފަރުވާއަށް ބޭނުންވާ ޑިވައިސަސް؛

(ބ) ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދޫކުރެވޭ ބޭހާއި ތެރަޕިއުޓިކް ޑިވައިސް ދޫކުރުން؛

(ޅ) ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޑޮކްޓަރުގެ ލަފާގެ މަތިން، ދިވެހިރާއްޖެއިން ބޭރުން ހޯދަންޖެހޭ ފަރުވާ؛

(ކ) ބަލި ދެނެގަތުމަށްޓަކައި ކުރެވޭ ތަހުލީލުތައް؛

(އ) މި މާއްދާގެ ދަށުން ލިބިދެވޭ ސިއްހީ ހިދުމަތެއް ލިބިގަތުމަށްޓަކައި، ޑޮކްޓަރުގެ ލަފާގެމަތިން، އިމަޖެންސީކޮށް، ރާއްޖޭގެ އެތެރޭގައި ކުރަންޖެހޭ ދަތުރުފަތުރުގެ ހިދުމަތްތައް؛

(ވ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެނިހެން ހިދުމަތްތައް؛

(މ) ޑޮކްޓަރެއްގެ އެންގުމުގެމަތިން ހަދަންޖެހޭ މެޑިކަލް ޗެކަޕްއާއި، ވެކްސިންއާއި، ޕްރޮފިލެކްޓިކްސް.

 

7 ވަނަ މާއްދާ - ސްކީމްގެ ދަށުން ލިބިދެވޭ ބައެއް ހިދުމަތްތައް ލިބިދިނުމުގައި ވަކި އުސޫލުތަކެއް ކަނޑައެޅުން

މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ހިދުމަތްތައް ލިބިދިނުމުގައި ވަކި އުސޫލުތަކަކާއި، ވަކި މިންވަރުތަކަކާއި، ވަކި މިންގަނޑުތަކެއް ކަނޑައެޅުމުގެ އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މިގޮތުން ކަނޑައަޅާ އުސޫލުތަކާއި، މިންވަރުތަކާއި، މިންގަނޑުތަކަކީ އެކަމުގެ ތަފްސީލުތަކާއި މައުލޫމާތު އާންމުކޮށް އިއުލާންކޮށް، ސްކީމްގެ ބައިވެރިންނަށް ފޯރުކޮށްދެވިފައިވާ ކަންކަމަށްވާންވާނެއެވެ.

 

8 ވަނަ މާއްދާ - ސްކީމްގެ ދަށުން ލިބިނުދެވޭނެ ހިދުމަތްތައް

މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމުން އިސްތިސްނާވާ ސިއްހީ ހިދުމަތާއި، ސިއްހީ ހިދުމަތާ ގުޅުންހުރި ހިދުމަތްތަކާއި ކަންކަން، މި ގާނޫނުގެ މަގްސަދާ ހިލާފުނުވާނެ ގޮތެއްގެމަތިން ކަނޑައެޅުމުގެ ބާރާއި އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މިގޮތުން ކަނޑައަޅާ ހިދުމަތްތަކަކީ ނުވަތަ ކަންކަމަކީ އެކަމުގެ ތަފްސީލުތަކާއި މައުލޫމާތު އާންމުކޮށް އިއުލާންކޮށް، ސްކީމްގެ ބައިވެރިންނަށް ފޯރުކޮށްދެވިފައިވާ ކަންކަމަށް ވާންވާނެއެވެ.

 

9 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން އިސްތިސްނާކުރެވޭ ޕްރިސްކްރިޕްށަން ބޭސްތައް ކަނޑައެޅުން

މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގެ ދަށުން އިސްތިސްނާކުރެވިފައިވާ ބޭހާއި ބަޔޮލޮޖިކަލްއާއި އެހެނިހެން ތަކެތި މި ގާނޫނުގެ މަގްސަދާ ހިލާފުނުވާނެ ގޮތެއްގެމަތިން ކަނޑައެޅުމުގެ ބާރާއި އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މިގޮތުން ކަނޑައަޅާ ބޭހާއި ބަޔޮލޮޖިކަލްތަކާއި އެހެނިހެން ތަކެތި އެކަމުގެ ތަފްސީލުތަކާއި މައުލޫމާތު އާންމުކޮށް އިއުލާންކޮށް، ސްކީމްގެ ބައިވެރިންނަށް ފޯރުކޮށްދެވިފައިވާ ތަކެއްޗަށްވާންވާނެއެވެ.

 

10 ވަނަ މާއްދާ - ސްކީމްގެ ދަށުން އިންށުއަރަންސްގެ ހިދުމަތް ދިނުން

(ހ) މި ގާނޫނުގެ ދަށުން، ސަރުކާރުގެ ހިއްސާ އޮންނަގޮތަށް ގާއިމުކުރެވޭ އިޖްތިމާއީ ސިއްހީ އިންށުއަރަންސް ސްކީމް ސަރުކާރާ ގުޅިގެން ހިންގައި، ސްކީމްގެ ބައިވެރިންނަށް ސަރުކާރާ ގުޅިގެން މި ގާނޫނުގައިވާ ގޮތުގެމަތިން އިންށުއަރަންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ، ވާދަވެރި ބީލަމަކުންނެވެ. ބީލަމުގެ ކަންތައް ހިނގާނެ އުސޫލުތަކާއި ށަރުތުތަކާއި، ބީލަމަށް ކުރިމަތިލުމަށް ޕްރީ-ކޮލިފައިވުމަށް ބޭނުންވާ ކަންތައްތައް ބޯޑުން ފާސްކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ އިޖްތިމާއީ ސިއްހީ އިންށުއަރަންސް ސްކީމްގައި، ސަރުކާރުގެ މަދުވެގެން %40 (ސާޅީސް އިންސައްތަ)  ހިއްސާ އޮންނަންވާނެއެވެ.

 

ތިންވަނަ ބައި

ސްކީމްގެ ދަށުން ދެވޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް

 

11 ވަނަ މާއްދާ - ސްކީމްގައި  ހިމެނޭ ސިއްހީ ހިދުމަތާއި، ސިއްހީ ހިދުމަތާ ގުޅުންހުރި ހިދުމަތްތަކާއި ކަންކަން ފޯރުކޮށްދޭ ފަރާތްތައް

އަންނަނިވި ފަރާތްތަކަކީ މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގެ ދަށުން ސިއްހީ ހިދުމަތާއި، ސިއްހީ ހިދުމަތާ ގުޅުންހުރި ހިދުމަތްތަކާއި ކަންކަން ފޯރުކޮށްދޭނެ ފަރާތްތަކެވެ. އެފަރާތްތަކުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ސްކީމްގެ ބައިވެރިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭންވާނެއެވެ.

(ހ) ސަރުކާރުން ނުވަތަ ދައުލަތުން ހިންގާ ސިއްހީ ފަރުވާދޭ އެންމެހައި ތަންތަން؛

(ށ) ސަރުކާރުން ނުވަތަ ދައުލަތުން ފައިސާ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދޭ، ނުވަތަ ސަރުކާރުގެ ހިއްސާވާ، ސިއްހީ ފަރުވާދޭ ތަންތަން؛

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައި ނުހިމެނޭ، ދިވެހިރާއްޖޭގެ ސިއްހީ ފަރުވާދޭ އަމިއްލަ ތަންތަނުގެ ތެރެއިން، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ތަންތަން؛

(ރ) ޕްރިސްކްރިޕްށަން ބޭހާއި ތެރަޕިއުޓިކް ޑިވައިސަސް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ތަންތަން؛

(ބ) ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން މެޑިކަލް އިވެކުއޭށަނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް؛

(ޅ) އިމަޖެންސީ މެޑިކަލް ސަރވިސްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް.

 

12 ވަނަ މާއްދާ – ރަޖިސްޓަރީކުރުން

މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގެ ދަށުން ސިއްހީ ހިދުމަތާއި، ސިއްހީ ހިދުމަތާ ގުޅުންހުރި ހިދުމަތްދޭ ކޮންމެ ތަނަކީ ނުވަތަ ފަރާތަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެޖެންސީގައި ރަޖިސްޓަރީކޮށްފައިވާ ތަނަކަށް ނުވަތަ ފަރާތަކަށް ވާންޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ބޭރުގެ ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުން

މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގެ ދަށުން ސިއްހީ ހިދުމަތް ފޯރުކޮށްދޭނެ ތަންތަނުގެ ތެރެއިން ރާއްޖެއިން ބޭރުގެ ސިއްހީ ހިދުމަތްދޭ ތަންތަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމުގެ އިހްތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ރަޖިސްޓަރީކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ މައިގަނޑު އުސޫލުތައް

މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގެ ދަށުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ ގޮތުގައި އެޖެންސީގައި ރަޖިސްޓަރީކުރާ ތަންތަނުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

15 ވަނަ މާއްދާ - ހިދުމަތްތައް މޮނިޓަރ ކުރުން

އަންނަނިވި ކަންކަން ބަލައި އެކަންކަމާމެދު ފިޔަވަޅު އެޅުމަށްޓަކައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަންތަން މޮނިޓަރކުރެވޭނެ ނިޒާމެއް އެޖެންސީން ގާއިމުކުރަންވާނެއެވެ.

(ހ) އެތަންތަނުންދޭ ސިއްހީ ހިދުމަތްތައް ކަނޑައެޅިފައިވާ މިންގަނޑާ ހިލާފަށް ބޭނުންކުރޭތޯ ނުވަތަ ނޫންތޯ ވަޒަންކުރުން؛

(ށ) އެތަންތަނުންދޭ ސިއްހީ ހިދުމަތްތައް އެކަށީގެންވާ މިންގަނޑަށްވުރެ މަދުން ބޭނުންކުރޭތޯ ވަޒަންކުރުން؛

(ނ) އެކަށީގެންނުވާ ގޮތެއްގައި ޕްރިސްކްރިޕްށަން ބޭހާއި ތެރަޕިއުޓިކް ޑިވައިސަސް ލިޔެދިނުމާއި ދޫކުރުމާއި ބޭސްދިނުން ވަޒަންކުރުން؛

(ރ) އެކަށީގެންނުވާ ގޮތެއްގައި ޑޮކްޓަރުންނަށް ދެއްކުމަށް އަންގާތޯ ވަޒަންކުރުން.

 

16 ވަނަ މާއްދާ - މައުލޫމާތު ފޯރުކޮށްދިނުން

މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އެޖެންސީން މޮނިޓަރކުރަންޖެހޭ ކަންކަން މޮނިޓަރކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު، އެޖެންސީން އަންގާ ގޮތެއްގެމަތިން، އިންށުއަރަންސްދޭ ފަރާތުންނާއި ސްކީމްގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން، އެޖެންސީއަށް ފޯރުކޮށްދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ފައިސާ ދެއްކުމުގެ ނިޒާމު

(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގެ ދަށުން ދެވޭ ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އިންށުއަރަންސްދޭ ފަރާތުގައި އެދޭނީ އެ ހިދުމަތެއްދިން ތަނަކުންނެވެ. އެ ހިދުމަތެއްދިން ތަނަކީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ، ނުވަތަ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތަކަށް ވާންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގެ ދަށުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިންމާދާރު ގޮތެއްގައި އަވަހަށް ފައިސާ ދެއްކޭނެ ނިޒާމެއް އިންށުއަރަންސްދޭ ފަރާތުން ގާއިމުކުރަންޖެހޭނެއެވެ. އަދި މިގޮތުން ގާއިމުކުރެވޭ ނިޒާމު ހިދުމަތްދޭ ތަނާއި އިންށުއަރަންސްދޭ ފަރާތާ ދެމެދު ކުރެވޭ އެގްރީމަންޓުގައި ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގެ ދަށުން ގާއިމުކުރެވޭ ފައިސާ ދެއްކުމުގެ ނިޒާމުގައި
އެ ފައިސާ ދެއްކުމަށް ހިދުމަތްދޭ ތަންތަނުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، އިންށުއަރަންސްދޭ ފަރާތުންނާއި އެޖެންސީން ބަލަންޖެހޭ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

18 ވަނަ މާއްދާ - ފައިސާ ދެއްކުން ފަސްކުރުމާއި، ޖޫރިމަނާކުރުން

ސައްހަނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށް ފައިސާ ހޯދުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ކަންކަން ފުރިހަމަކޮށްފައިނުވާނަމަ، އެފަރާތްތަކުން ފައިސާ ހޯދުމަށް އެދި އެޖެންސީއަށް ހުށަހަޅާ ހުށަހެޅުންތައް އިސްލާހުކުރަންދެން ފައިސާ ނުދެއްކުމުގެ ނުވަތަ ޖޫރިމަނާކުރުމުގެ އިހްތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ. އަދި މިކަން ކުރުމުގައި ގެންގުޅޭ އުސޫލު އެޖެންސީއާއި ސިއްހީ ހިދުމަތްދޭ ފަރާތާ ދެމެދު ކުރެވޭ އެގްރީމަންޓުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

ހަތަރުވަނަ ބައި

ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ 

19 ވަނަ މާއްދާ - އެޖެންސީ ގާއިމުކުރުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، "ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ" ގެ ނަމުގައި، ވަކި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ. މި އޮފީހަކީ، މެދުކެނޑުމެއްނެތި ހިނގަމުންދާނެ ގޮތެއްގައި އުފައްދާފައިވާ، ސަރުކާރުގެ ވަކި އިދާރާއެކެވެ.

 

20 ވަނަ މާއްދާ - ގާނޫނަށް ތަބާވުން

މި ގާނޫނުގައި ކަނޑައެޅިގެން ވަކިގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، އިންށުއަރަންސްދޭ ފަރާތާއި އެޖެންސީން ކުރާ އެންމެހައި ކަންކަން ކުރަންވާނީ އިންށުއަރަންސްއާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

21 ވަނަ މާއްދާ - އެޖެންސީގެ މައިގަނޑު މަސައްކަތްތައް

އެޖެންސީގެ މައިގަނޑު މަސައްކަތްތަކަކީ:

(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމް ހިންގައި ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި އެ ސްކީމްގެ ހިދުމަތްތައް ފޯރުކޮށްދޭކަން ޔަގީންކުރުން؛

(ށ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމް ހިންގުމާ ގުޅޭގޮތުން، މިނިސްޓަރުގެ ޒިންމާތައްކަމަށް
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ގުޅޭގޮތުން ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން؛

(ނ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން؛

(ރ) މިނޫންވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން އެޖެންސީގެ ޒިންމާތައްކަމަށް ކަނޑައަޅާފައިވާ ކަންކަން ކުރުން؛

(ބ) މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުންވެސް އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންކަން ކުރުން.

 

22 ވަނަ މާއްދާ - އެޖެންސީގެ ސީ.އީ.އޯ

އެޖެންސީގެ މަސައްކަތްތައް ހިންގައި ބަލަހައްޓާނީ އެޖެންސީގެ ސީ.އީ.އޯ.އެވެ. އެޖެންސީގެ ސީ.އީ.އޯ އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެޖެންސީގެ ސީ.އީ.އޯ ޖަވާބުދާރީވާނީ ބޯޑަށާއި މިނިސްޓަރަށެވެ.

 

23 ވަނަ މާއްދާ - އެޖެންސީގެ މުވައްޒަފުން

އެޖެންސީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ.

 

24 ވަނަ މާއްދާ - ސްކީމްގެ މެނޭޖްމަންޓް   ބޯޑު

(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްތައް ހިންގަންވާނީ 7 (ހަތެއް)  މެންބަރުންގެ ބޯޑަކުންނެވެ. ބޯޑު ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ށ) މި ބޯޑުގެ މެންބަރުންނާއި ބޯޑުގެ ޗެއަރމަން  އައްޔަންކޮށް ވަކިކުރާނީ މިނިސްޓަރުގެ މަށްވަރާގެމަތިން  ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ބޯޑުގެ މެންބަރުން އައްޔަންކުރުމުގައި އަންނަނިވި ދާއިރާތަކުގެ މީހުން ހިމަނަންވާނެއެވެ.

  1. ސިއްހަތާބެހޭ ވުޒާރާ؛
  2. މާލީ ވުޒާރާ؛
  3. އިންށުއަރަންސްގެ ދާއިރާ؛
  4. (4) ސޯށަލް ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާ؛
  5. ފައިނޭންސްއާއި އިންވެސްޓްމަންޓްގެ ދާއިރާ؛
  6. ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާ؛
  7. އެޖެންސީގެ ސީ.އީ.އޯ.

 

25 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ ށަރުތުތައްބޯޑު

ގެ މެންބަރުންނަކީ، އަބުރު ގެއްލިފައިނުވާ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ އަދި އެމީހުންގެ ދާއިރާގައި ތަޖުރިބާހުރި ފަންނީ ގާބިލުކަން ލިބިފައިވާ، މަސްލަހަތުގެ ފުށުއެރުމެއްނުވާ މީހުންކަމުގައި ވާންވާނެއެވެ. އަދި އެމީހުންނަކީ އިފްލާސްކުރެވިފައިވާ މީހުންކަމުގައި ނުވުމާއި، އަދި ވައްކަން، ޓެކުން، ފޭރުން، ހިޔާނާތް ނުވަތަ ކޮރަޕްށަންގެ ކުށެއް ސާބިތުވެފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 5 (ފަހެއް)  އަހަރުނުވާ މީހަކުކަމުގައި ވެގެންނުވާނެއެވެ.

 

26 ވަނަ މާއްދާ - ބޯޑުގެ އާންމު ޒިންމާތައް

(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމާގުޅޭ އާންމު ގަވާއިދުތަކާއި،  މިންގަނޑުތަކާއި، ހަމަތަކާއި އުސޫލުތައް ކަނޑައެޅުން.

(ށ) މި ގާނޫނުގެ ދަށުން، ސަރުކާރުގެ ހިއްސާ އޮންނަގޮތަށް ގާއިމުކުރެވޭ އިޖްތިމާއީ ސިއްހީ އިންށުއަރަންސް ސްކީމް ސަރުކާރާ ގުޅިގެން ހިންގައި، ސްކީމްގެ ބައިވެރިންނަށް ސަރުކާރާ ގުޅިގެން މި ގާނޫނުގައިވާ ގޮތުގެމަތިން އިންށުއަރަންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް، ވާދަވެރި ބީލަމަކުން ހޮވުމާއި، ބީލަމުގެ ކަންތައް ހިނގާނެ އުސޫލުތަކާއި ށަރުތުތަކާއި، ބީލަމަށް ކުރިމަތިލުމަށް ޕްރީ-ކޮލިފައިވުމަށް ބޭނުންވާ ކަންތައްތައް ފާސްކުރުމާއި، ބީލަމުގެ އުސޫލުން
އެ މަސައްކަތް ހަވާލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

(ނ) ސްކީމްގެ ބައިވެރިންގެ އަތުންނާއި، ދައުލަތުގެ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާއާއި، އެހެނިހެން ފަރާތްތަކުން ސްކީމަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި، ބެލެހެއްޓުމާއި، އެކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް ކަނޑައަޅައި ހިފެހެއްޓުން.

(ރ) މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ސްކީމަށް ލިބޭ ފައިސާ އިންވެސްޓްކުރުމާއި، އެކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި، މިންގަނޑުތަކާއި އުސޫލުތައް، ސެކިއުރިޓީޒް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް،  އެކުލަވާލައި ބެލެހެއްޓުން.

(ބ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމާގުޅޭ އާންމު ސިޔާސަތުތަކާއި ގަވާއިދުތަކާއި،  މިންގަނޑުތަކާއި، ހަމަތަކާއި އުސޫލުތަކާ ހިލާފަށް ކަމެއް ހިނގަމުންދާކަމަށްވާނަމަ، އެކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

 

27 ވަނަ މާއްދާ - ބޯޑުގެ މުއްދަތު

ގެ މެންބަރުންގެ މުއްދަތަކީ 3 (ތިނެއް)  އަހަރު ދުވަހެވެ.

 

28 ވަނަ މާއްދާ - ބޯޑުގެ މެންބަރުން ވަކިކުރުން

ބޯޑުގެ މެންބަރުންގެ މުއްދަތު ހަމަވުމުގެ ކުރިން ބޯޑުން ވަކިކުރެވޭނީ އަންނަނިވި ހާލަތްތަކުން ހާލަތެއްގައި، ރައީސުލްޖުމްހޫރިއްޔާއަށެވެ.

(ހ) ބޯޑުގެ މެންބަރެއްގައި ފުރިހަމަވާންޖެހޭ ށަރުތަކުންކުރެ ށަރުތެއް އުނިވުން.

(ށ) މެންބަރު ތަމްސީލުކުރާ ދާއިރާ ބަދަލުވުން.

(ނ) ކަނޑައެޅިފައިވާގޮތަށް އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރުން.

(ރ) ކަނޑައެޅިފައިވާ އަދި ހަވާލުކުރެވިފައިވާ ވަޒީފާ ބަޔާނެއްގައިވާ އުޒުރެއްނެތި ވިދިވިދިގެން ބޯޑުގެ
5 (ފަހެއް)  ޖަލްސާއަށް ހާޒިރުނުވުން.

(ބ) ބޯޑުން އިސްތިއުފާދިނުމަށް ހުށަހެޅުމުން ނުވަތަ އެމީހަކު މަރުވުމުން.

 

29 ވަނަ މާއްދާ - ބޯޑުގެ އުޖޫރަ

ބޯޑުގެ މެންބަރުންނަށް، އެ މެންބަރުން ހާޒިރުވާ ކޮންމެ ޖަލްސާއަކަށް ފައިސާގެ އިނާޔަތެއް ދޭންވާނެއެވެ. އެގޮތުން ދެވޭ ފައިސާގެ އިނާޔަތުގެ މިންވަރު ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

 

30 ވަނަ މާއްދާ - ބޯޑު ހިންގުމުގެ އުސޫލުތައް

ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައަޅައި، ފާސްކޮށް، ހިންގާނީ ބޯޑުންނެވެ.

 

31 ވަނަ މާއްދާ - އެޖެންސީގެ ސީ.އީ.އޯ.ގެ ޒިންމާ

(ހ) މި ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގައިވާ އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެމަތިން، އެ ދެ މާއްދާގެ ދާއިރާގެ ތެރޭގައި އެޖެންސީގެ ދުވަހުންދުވަހަށް ނިންމަންޖެހޭ ކަންކަން ނިންމައި، ދުވަހުންދުވަހަށް އެޖެންސީ ހިންގުމުގެ ޒިންމާ އުފުލާނީ އެޖެންސީގެ ސީ.އީ.އޯ.އެވެ.

(ށ) މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ސްކީމާބެހޭގޮތުން، ބޯޑުން ކަނޑައަޅާ ކަންކަން ހިންގައި، އެޖެންސީ ދުވަހުންދުވަހަށް ހިންގުމުގެ އެންމެ އިސްވެރިޔަކީ ސީ.އީ.އޯ.އެވެ.

(ނ) އެޖެންސީގެ މުވައްޒަފުން އައްޔަންކުރުމާއި، ވަކިކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާގެ އާންމު އުސޫލުތަކާއި އަދި މިނޫންވެސް މުވައްޒަފުންގެ ކަންކަން ހިންގާނީ ވަޒީފާއާބެހޭ ގާނޫނާއި ބޯޑުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން އެޖެންސީގެ ސީ.އީ.އޯ.އެވެ.

(ރ) ބޯޑުގެ ލަފާގެމަތިން ސްކީމަށް ބޭނުންވާ އަހަރީ ބަޖެޓާއި، އެޖެންސީގެ އަހަރީ ބަޖެޓް އެކުލަވާލާނީ ސީ.އީ.އޯ.އެވެ.

 

32 ވަނަ މާއްދާ - ސީ.އީ.އޯ.އާއި މުވައްޒަފުން ދަމަހައްޓަންޖެހޭ މިންގަނޑުތައް

ޒާތީ މަސްލަހަތު ކުރިއެރުވުމާއި ނުވަތަ އެހެން ފަރާތެއްގެ ޒާތީ މަސްލަހަތު ކުރިއެރުވުމަށް އެޖެންސީގެ ސީ.އީ.އޯ ނުވަތަ އެޖެންސީގެ މުވައްޒަފަކު މަގާމުގެ ހައިސިއްޔަތާއި ނުފޫޒު ބޭނުންކޮށްގެން ނުވާނެއެވެ.

 

33 ވަނަ މާއްދާ - އެޖެންސީގެ ބަޖެޓް

އެޖެންސީ ހިންގުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ކޮންމެ އަހަރަކު ހިމަނަންވާނެއެވެ. މީގެތެރޭގައި ސްކީމްގެ ބައިވެރިންގެ ފަރާތުން ސަރުކާރުންދޭ ކޮންޓްރިބިއުށަންއާއި، ސްކީމް ހިންގުމަށް ދާނެ އިދާރީ ހަރަދާއި، މުވައްޒަފުންނަށް ހިނގާ ހަރަދާއި، ސްކީމާގުޅޭގޮތުން ހިނގާ އެހެނިހެން ހަރަދާއި، އެޖެންސީގެ އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުން ހިނގާ ހަރަދުތައް ހިމަނަންވާނެއެވެ. މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމް ހިންގަން ފެށުމަށާއި، އެޖެންސީ ހިންގަން ފެށުމަށް ސަރުކާރުން އެޖެންސީއަށް ފައިސާ ދޫކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - އަހަރީ ރިޕޯޓު ހުށަހެޅުން

އެޖެންސީން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށާއި، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމް
އެ އަހަރެއްގެ ތެރޭގައި ހިނގާފައިވާ ގޮތުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، މިނިސްޓަރަށާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެޖެންސީން ފޮނުވަންވާނެއެވެ.

 

ފަސްވަނަ ބައި

ސްކީމް ހިންގުމަށް ފައިސާ ހޯދުމާއި އިންވެސްޓްކުރުން

35 ވަނަ މާއްދާ - ސްކީމަށް ފައިސާ ހޯދުން

(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމް ހިންގުމަށް ފައިސާ ހޯދާނީ އަންނަނިވި ގޮތްގޮތުންނެވެ.

  1. ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއިން؛
  2. ސްކީމްގެ އެސެޓްސް އިންވެސްޓްކޮށްގެން ލިބޭ ފައިދާއިން؛
  3. ސީދާ ނުވަތަ ނުސީދާގޮތުން އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބޭ އާމްދަނީއިން؛
  4. (4) ލޯނުގެ ގޮތުގައި ހޯދޭ ފައިސާއާއި ހިލޭ އެހީއިން؛
  5. ދުންފަތާއި، ދުންފަތުގެ ބާވަތްތަކުން އުފައްދާ ތަކެތިން ދައުލަތަށް ނަގާ ޓެކުހުން ލިބޭ ފައިސާއިން.

(ށ) ސްކީމް ހިންގުމަށް މާލީގޮތުން ދަތިވެއްޖެ ހާލަތްތަކުގައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އެޖެންސީން މާލީ ވުޒާރާގައި އެދުމުން އެ ވުޒާރާއިން އެކަން ހައްލުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގައިވާ ފަދަ ހުށަހެޅުމެއް މާލީ ވުޒާރާއަށް ލިބުމުން އެކަމާ ބެހޭގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ވީއެންމެ އަވަހަކަށް އެކަން ނިންމައިދޭންވާނެއެވެ. އަދި ހުށަހެޅުން ލިބުނު ތާރީހުން ފެށިގެން ލަސްވެގެން 30 (ތިރީސް)  ދުވަހުގެ ތެރޭގައި ގޮތެއް ނިންމުމަށްފަހު އެޖެންސީއަށް އަންގައި އަދި އެ މުއްދަތުގެ ތެރޭގައި ނިންމިގޮތެއް ތަންފީޒުކުރަންވާނެއެވެ.

(ރ) އެޖެންސީގެ ހިންގުމުގެ ބަޖެޓާއި ސްކީމްގެ އެސެޓްސް އެކުނުވާގޮތަށް ވަކިން ހުރިހާ އިރެއްގައިވެސް އެޖެންސީން ބަހައްޓަންވާނެއެވެ.

(ބ) ސްކީމްގެ ކޮންޓްރިބިއުށަންގެ ގޮތުގައި ލިބޭ ފައިސާއާއި އެސެޓްސް  ބެލެހެއްޓުމަށްޓަކައި ވަކި ފަންޑެއް އެޖެންސީން ގާއިމުކުރަންވާނެއެވެ. އަދި މި ފަންޑު ގާއިމުކޮށް ބެލެހެއްޓުމަށްޓަކައި ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން ބޭންކު އެކައުންޓެއް ގާއިމުކުރަންޖެހޭނެއެވެ.

 

36 ވަނަ މާއްދާ - ސްކީމްގެ ފައިސާ އިންވެސްޓްކުރުން

(ހ) ސްކީމް ހިންގުމަށް އިތުރަށް ފައިސާ ހޯދުމުގެ ގޮތުންނާއި، ދެމެހެއްޓެނިވި ގޮތެއްގައި ސްކީމް ހިންގުމަށް ސްކީމްގެ އެސެޓްސް މި މާއްދާގައިވާ ގޮތުގެމަތިން އިންވެސްޓްކުރެވިދާނެއެވެ. މިގޮތުން ސްކީމްގެ އެސެޓްސް އިންވެސްޓްކުރަންވާނީ މި ގާނޫނާއި، ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި  ކަނޑައެޅިފައިވާ ގޮތުގެމަތިންނެވެ. މިގޮތުން އިންވެސްޓްކުރުމުގައި އެޖެންސީން ބަލަންޖެހޭނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައް ހިމެނެއެވެ.

  1. ގާނޫނުގެ ދަށުން ހެދޭ ގަވާއިދެއްގައި ކަނޑައެޅިފައިވާ މިންވަރަކަށް ލިކުއިޑިޓީ ދެމެހެއްޓުން؛
  2. އެސެޓްސްގެ ރައްކާތެރިކަން؛
  3. އެސެޓްސްގެ ރައްކާތެރިކަމަށް ބަލާއިރު އެންމެ ފައިދާބޮޑު ގޮތެއްގައި އިންވެސްޓްކުރުން؛ 
  4. (4) ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފުނުވާ ގޮތެއްގެމަތިން އިންވެސްޓްކުރުން.

(ށ) ސްކީމްގެ އެސެޓްސް އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް ކަނޑައަޅައި މުރާޖައާކުރާނީ، ފަންނީ ލަފައާއެކު އަދި ސެކިއުރިޓީޒް މާރކެޓް ރެގިއުލޭޓަރުގެ ގަވާއިދުތަކާ ހިލާފުނުވާނެ ގޮތުގެމަތިން ބޯޑުގެ މެންބަރުންނެވެ. އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތަކުގައި އަންނަނިވި ކަންތައްތައް ބަޔާންކުރަންވާނެއެވެ.

  1. ސްކީމްގެ އެސެޓްސް އިންވެސްޓްކުރެވިދާނެ އިންސްޓްރޫމަންޓްތައް؛
  2. ސްކީމްގެ އެސެޓްސް އިންވެސްޓްކޮށްގެން ބޯޑުން ހާސިލުކުރަން ބޭނުންވާ ޕަރފޯމަންސް ބެންޗްމާކްތައް؛
  3. ސްކީމްގެ އެސެޓްސް އިންވެސްޓްކުރުމުގައި ހުރި މައިގަނޑު ރިސްކްތަކާއި އެ ރިސްކްތައް  މެނޭޖްކުރާނެ ގޮތްތައް؛
  4. (4) އިންވެސްޓްކުރާނެ ގޮތާއި ފައިދާހޯދާނެ ގޮތްތައް ކަނޑައެޅުމަށް ޒިންމާވާ ފަރާތްތައް؛
  5. އިންވެސްޓްކުރުމާބެހޭ ކަންތައްތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު؛
  6. އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް މުރާޖައާކުރާނެ ގޮތްތައް.

(ނ) ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އެސެޓެއްގައި ސްކީމްގެ ފަރާތުން އިންވެސްޓްކޮށްގެން ނުވާނެއެވެ.

  1. ލިސްޓްކޮށްފައިނުވާ ނުވަތަ އާންމުކޮށް ނުވިއްކާ ސެކިއުރިޓީޒް؛
  2. އެހެން އެސެޓްތަކާ ގާނޫނީގޮތުން ވަކިނުކުރެވޭނެ އެސެޓްތައް؛
  3. ސެކިއުރިޓީޒް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅާ ވަކި ބާވަތްތަކެއްގެ ޑެރިވެޓިވް އިންސްޓްރޫމަންޓްތައް؛
  4. (4) ގަވާއިދުން އިންތިޒާމުކުރެވިގެން ހިނގާ ބާޒާރެއްގައި ލިސްޓްކޮށްފައިނުވާ ރިއަލް އެސްޓޭޓްއާއި، އެހެންވެސް މުދަލުގެ ތެރެއިން ކަނޑައެޅިގެން ވަކި އަގެއް ހަމަނުޖެއްސޭނެ އެސެޓްތައް؛
  5. ސެކިއުރިޓީޒް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅާ އެހެނިހެން ބާވަތުގެ އެސެޓްސް.

 

ހަވަނަ ބައި

ށަކުވާ ހުށަހެޅުމުގެ ނިޒާމު

37 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމު

(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ޕްރޮގްރާމާގުޅޭ އެއްވެސް ކަމަކާ ގުޅިގެން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފަސޭހައިން
އެ ށަކުވާ ހުށަހެޅޭނެ އަދި އެ ށަކުވާތައް އަވަހަށް ބަލައި ފިޔަވަޅު އެޅޭނެ އަދި ދިމާވާ މައްސަލަތައް ސުލްހަވެރިކަމާއެކު ނިންމާނެ ނިޒާމެއް  ބޯޑުން އެކުލަވާލަންޖެހޭނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ށަކުވާ ހުށަހެޅުމުގެ ހައްގު އަންނަނިވި ފަރާތްތަކަށް ލިބިގެންވެއެވެ.

  1. ސްކީމްގެ ދަށުން ހިދުމަތް ލިބިގަންނަ ފަރާތްތައް؛
  2. ސްކީމްގެ ސަބަބުން ސީދާ ގޮތެއްގައި އަސަރުކުރާ ފަރާތްތައް؛
  3. މި ގާނޫނުގެ ދަށުން ސްކީމްގެ ހިދުމަތްދޭ ތަންތަން؛
  4. (4) އެޖެންސީ.

(ނ) ސްކީމްގެ ދަށުން ދެވޭ ހިދުމަތްތަކާމެދު ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެ ހިދުމަތުގެ ފެންވަރާމެދު ދެކޭގޮތް އޮޅުންފިލުވުމުގެގޮތުން ސްކީމްގެ ހިދުމަތް ލިބިދޭ ތަންތަނުގައި "ހިދުމަތް ރަނގަޅުކުރުމަށް ފެންނަ ހިޔާލު" މި ނަމުގައި ފޯމެއް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

ހަތްވަނަ ބައި

އިތުރު ކަންތައްތައް

38 ވަނަ މާއްދާ - "މަދަނަ" މި ގާނޫނުގެ ދަށަށް ބަދަލުވުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ސަރުކާރުގެ ފަރާތުން ހިންގަމުންދާ ސިއްހީ ހިދުމަތްދިނުމުގެ ސްކީމެއް ކަމުގައިވާ "މަދަނަ" މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެޖެންސީގެ ދަށަށް ބަދަލުވެގެންދިޔައީއެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން އެޖެންސީގެ ދަށަށް "މަދަނަ" ބަދަލުވާނީ އެ ސްކީމާގުޅިގެން އުފެދިފައިވާ އެންމެހައި ގާނޫނީ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކާއި، ބާރާއި، އިހްތިޔާރާއި، މުދަލާއި ފައިސާއާ އެކުގައެވެ.

 

39 ވަނަ މާއްދާ - ސްކީމަށް ޒިންމާދާރުވުން

މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ނިޒާމާއި ސްކީމްގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ. މި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުންދޭތޯ ބަލައި ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާއިމުކުރަންޖެހޭ ކަންތައްތައް ކަނޑައަޅާނީ މިނިސްޓަރެވެ. އަދި މިކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީވެސް މިނިސްޓަރެވެ.

 

40 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ހިންގާނީ ބޯޑުންނެވެ. އަދި
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް)  މަސްދުވަހުގެ ތެރޭގައި ބޯޑުން ހަދައި، މިނިސްޓަރުގެ ހުއްދައާއެކު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ދަށުން ހަދަންޖެހޭ ގަވާއިދު ހަދައި އެ ގަވާއިދުތަކަށް އުނިއިތުރު ގެނައުމަކަށް ނުވަތަ އެ މާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން މިނިސްޓަރު ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ)  ހުރަހެއްނާޅައެވެ. އަދި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ތަންފީޒުކުރަމުންދޭތޯ ބަލާނީ މިނިސްޓަރެވެ.

(ނ) މި ގާނޫނުގެ ޖަދުވަލަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. މިގޮތުން ގެނެވޭ އުނިއިތުރު ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅާ އަދި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް)  ދުވަހުގެ ތެރޭގައި
މި ގާނޫނުގައިވާ ގޮތުގެމަތިން އެޖެންސީގެ ބޯޑަށް މީހުން އައްޔަންކޮށް އެޖެންސީއާއި ބޯޑުގެ މަސައްކަތް ފަށަންވާނެއެވެ.

(ނ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުން އެކަށައަޅައި ހިންގަންޖެހޭ ސްކީމް
މި ގާނޫނުގައިވާ ގޮތުގެމަތިން ހިންގަން ފަށާނީ، 1 ޖެނުއަރީ 2012 އިން ފެށިގެންނެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ސަރުކާރުގެ ފަރާތުން ހިންގަމުންދާ ސިއްހީ ހިދުމަތްދިނުމުގެ ސްކީމެއް ކަމުގައިވާ "މަދަނަ" މި ގާނޫނުގެ 38 ވަނަ މާއްދާގެ (ހ)  ގެ ދަށުން މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެޖެންސީގެ ދަށަށް ބަދަލުވުމާއި، އަދި މި ގާނޫނުގެ ޖަދުވަލުގައި ވަކި ތާރީހެއްގައި އަމަލުކުރަންޖެހޭނެކަމަށް މިނިސްޓަރު ކަނޑައަޅާ ކަންކަން އެގޮތުގެމަތިން ކުރިއަށް ގެންދިއުމަކަށް މި މާއްދާގެ (ހ)  އަދި (ށ)  ހުރަހެއްނާޅައެވެ.

 

42 ވަނަ މާއްދާ – މާނަކުރުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައިނުވާހާހިނދަކު؛

"ސްކީމް" ކަމުގައި ބުނެފައިއެވަނީ، ސިއްހީ ފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށް މާލީ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދީ ހަމަހަމަކަމާއެކު އެންމެންނަށް ހިދުމަތްދެވޭ އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން ގާއިމުކުރާ "އިޖްތިމާއީ ސިއްހީ އިންށުއަރަންސް ސްކީމް" އަށެވެ.

"އެޖެންސީ" ކަމުގައި ބުނެފައިއެވަނީ، އިޖްތިމާއީ ސިއްހީ  އިންށުއަރަންސްގެ ގައުމީ ނިޒާމު ހިންގުމަށްޓަކައި، "ނޭށަނަލް  ސޯށަލް ޕްރޮޓެކްށަން އެޖެންސީ" ގެ ނަމުގައި މި ގާނޫނުގެ ދަށުން ގާއިމުކުރާ އޮފީހަށެވެ.

"މިނިސްޓަރު" ކަމުގައި ބުނެފައިއެވަނީ، ސިއްހަތާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ވަޒީރަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ" ކަމުގައި ބުނެފައިއެވަނީ، އިޖްތިމާއީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށެވެ.

"ބޯޑު" ކަމުގައި ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރާ "އިޖްތިމާއީ ސިއްހީ އިންށުއަރަންސް ސްކީމް" ގެ ކަންތައްތައް  ބެލެހެއްޓުމަށް މި ގާނޫނުގެ ދަށުން ގާއިމުކުރާ ބޯޑަށެވެ.

"އެޖެންސީގެ ސީ.އީ.އޯ" ކަމުގައި ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރާ "ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ" ގެ ޗީފް އެގްޒެކެޓިވް އޮފިސަރަށެވެ.

"ސްކީމްގެ އެސެޓްސް" ކަމުގައި ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމް ހިންގުމަށްޓަކައި ލިބޭ ފައިސާއަށާއި، އިންށުއަރަންސް ސްކީމްގެ ބައިވެރިންގެ އަތުން ނަގާ ކޮންޓްރިބިއުށަންއާއި، އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއަށެވެ.

"ބޭސް" ކަމުގައި ބުނެފައިއެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރީ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކަށެވެ.

"ތެރަޕިއުޓިކް ޑިވައިސަސް" ކަމުގައި ބުނެފައިއެވަނީ، ފަރުވާއަށް ބޭނުންވާ ކޮންމެ އާލާތްތަކަށެވެ.

"ސްކީމްގެ ދަށުން ދެވޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް" ކަމުގައި ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްގެ ދަށުން، ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ފަރާތްތަކާއި، ބޭހާއި ތެރަޕިއުޓިކް ޑިވައިސަސް ވިއްކުމާއި ދޫކުރުމާއި ބޭސްދިނުމުގެ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ފަރާތްތަކާއި، ޑޮކްޓަރުގެ ލަފާގެމަތިން އިމަޖެންސީކޮށް ކުރަންޖެހޭ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ފަރާތްތަކަށެވެ.

(ށ) މި ގާނޫނުގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި، އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

 -----------------

ޖަދުވަލު

 

ފަރާތް

ޕްރީމިއަމް ދައްކަންޖެހޭ ފަރާތް

ސްކީމްގައި ބައިވެރިވާންޖެހޭ ތާރީހް

ޕްރީމިއަމްގެ ގޮތުގައި ދައްކަންޖެހޭ އަދަދު

މާލީގޮތުން ތަނަވަސްކަން ލިބިގެންވާ ރާއްޖޭގައި ދިރިއުޅޭ ދިވެހިރައްޔިތުން

އެމީހަކު އަމިއްލައަށް

 

 

މާލީގޮތުން ތަނަވަސްކަން ލިބިގެންނުވާ ރާއްޖޭގައި ދިރިއުޅޭ ދިވެހިރައްޔިތުން

ސަރުކާރުން

 

 

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން

އެފަދަ މީހަކަށް ވަޒީފާދިން ފަރާތަކުން

 

 

ރިޒޯޓެއް އޮޕަރޭށަނަލްވާ ދުވަހުން ފެށިގެން އެ ރިޒޯޓުގައި ފުލްޓައިމް ވަޒީފާއަދާކުރާ މުވައްޒަފުން

އެ ރިޒޯޓެއްގެ ވެރިފަރާތުން

މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ)  ދުވަސް

 

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަނބިން، ފިރިން، ދަރިން

އެމީހަކު އަމިއްލައަށް

 

 

 

 މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-15)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު/އުސޫލު

  1. އާސަންދަ ސްކީމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދޭ ހިދުމަތްތަކަށް ފައިސާ ދެއްކުމާ ގުޅޭގޮތުން ށަކުވާ ހުށަހެޅުމާއި، ށަކުވާ ބަލައިގަތުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-137)
  2. ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރ 2015-19)
  3. އިޖުތިމާއީ ސިއްހީ އިންށުއަރަންސް ސްކީމުގެ ދަށުން ހިދުމަތް ރަޖިސްޓަރީވާ ފާމަސީތަކުން އަމަލުކުރަންޖެހޭ އުސޫލު 14-05-2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު