-

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-08) 

1 ވަނަ މާއްދާ - ތައާރުފާއި ނަންﷲ

(ހ) މިއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެންމެހައި އަސާސީ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދިނުމާއި، އެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެހެން މީހުންނާ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި، އެފަދަ މީހުންނަށް ލިބިދޭންޖެހޭ ހާއްސަ ރައްކާތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މައިގަނޑު މަގްސަދު

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ހެދުމާއި، މާނަކުރުމާއި ތަންފީޒުކުރުމުގައި އަންނަނިވި މަގްސަދުތައް ހާސިލްކުރުމަށް މަސައްކަތްކުރަންވާނެއެވެ.

(ހ) އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެވެސް ކަރާމާތަށް އިހްތިރާމްކުރުމާއި، އަމިއްލައަށް ކަންތައްތައް ނިންމުމުގެ އިހްތިޔާރު ލިބިދިނުމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިދިނުން.

(ށ) ނުކުޅެދުންތެރިކަމަށް ބިނާކޮށް ތަފާތުނުކުރުން.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުން ފުރިހަމަ އަދި ފައިދާހުރި ގޮތެއްގައި މުޖްތަމައުގައި ހިމެނުމާއި ބައިވެރިކުރުން.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަކަމާއެކު ފުރުސަތުތައް ލިބިދިނުން.

(ބ) އެހެން މީހުންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ހައްގު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިމާރާތްތަކާއި، މަގުތަކާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މައުލޫމާތާއި، މުއާސަލާތީ ވަސީލަތްތަކާއި، މިނޫންވެސް އާންމުންނަށް ލިބިދޭ ނުވަތަ އާންމުންނަށް ހުޅުވައިލެވިފައިވާ ވަސީލަތްތަކާއި ހިދުމަތްތައް ފަސޭހައިން ބޭނުންކުރެވުން ނުވަތަ ލިބިދިނުން.

 

3 ވަނަ މާއްދާ - ސިޔާސަތު ކަނޑައަޅާ ފަރާތް

ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ.

 

4 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

(ށ) ކައުންސިލްގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާގުޅޭގޮތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރު ބަލައި، އެކަންކަން ހިންގުވުމެވެ.

(ނ) ކައުންސިލް ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. އަދި ކައުންސިލާގުޅޭ ކަންކަމުގައި މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެއެވެ.

 

5 ވަނަ މާއްދާ - ކައުންސިލް އެކުލެވިގެންވާ ގޮތް

(ހ) ކައުންސިލް އެކުލެވިގެންވަނީ އަންނަނިވި ދާއިރާތަކުން އައްޔަންކުރެވޭ  7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

  1. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް.
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންނާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ މިނިސްޓްރީން މެންބަރެއް.
  3. ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރެއް.
  4. ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިހާބުކުރާ މެންބަރެއް.
  5. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ މަދަނީ ޖަމްއިއްޔާތަކުން އިންތިހާބުކުރާ މެންބަރެއް.
  6. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރެއް.
  7. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރެއް.

(ށ) މި މާއްދާގެ (ހ) ގެ (2) ން ފެށިގެން (7) ގެ ނިޔަލަށް ހުރި ނަންބަރުތަކުގައިވާ މެންބަރުން އައްޔަންކުރުމާބެހޭ އެންމެހައި އިދާރީ ކަންކަން ކުރާނީ މިނިސްޓްރީންނެވެ.

 

6 ވަނަ މާއްދާ - ކައުންސިލްގެ ރައީސާއި ނައިބުރައީސް

ކައުންސިލްގެ ރައީސާއި ނައިބުރައީސް އިންތިހާބުކުރާނީ، ކައުންސިލް މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

 

7 ވަނަ މާއްދާ - މެންބަރުންގެ އުޖޫރަ

ކައުންސިލް މެންބަރުންގެ އުޖޫރަ ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

 

8 ވަނަ މާއްދާ - ކައުންސިލް މެންބަރުކަމުގެ މުއްދަތު

ކައުންސިލަށް އައްޔަންކުރެވޭ ނުވަތަ އިންތިހާބުކުރެވޭ މެންބަރަކު، އެ މަގާމުގައި ދެމިހުންނާނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

 

9 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) ކައުންސިލް މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ދައުރު ހަމަވުން.
  2. އިސްތިއުފާދިނުން.
  3. މެންބަރުކަމުން ވަކިކުރުން.
  4. މަރުވުން.
  5. ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން.

(ށ) އިސްތިއުފާދީގެން މެނުވީ، ކައުންސިލްގެ ރައީސްގެ މަގާމާއި، ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ ކައުންސިލް މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

 

10 ވަނަ މާއްދާ - މެންބަރުކަމުން އިސްތިއުފާދިނުމާއި ވަކިކުރުން

(ހ) ކައުންސިލްގެ އެއްވެސް މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމުން ރައީސުލްޖުމްހޫރިއްޔާއަށް އެންގުމުން، އެ މެންބަރަކު ކައުންސިލްގެ މެންބަރުކަމުން ވަކިވީއެވެ.

(ށ) ކައުންސިލްގެ ރައީސާއި ނައިބުރައީސްވެސް އިސްތިއުފާދޭން ބޭނުންވެއްޖެނަމަ އަމަލުކުރާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ނ) ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އެންމެ އެކަށީގެންވާ ގޮތެއްގެމަތިން މެންބަރަކަށް އަދާނުކުރެވޭކަމަށް އެ މެންބަރަކު އައްޔަންކުރި ނުވަތަ އިންތިހާބުކުރި ފަރާތަށް ފެނިއްޖެނަމަ، އެ މެންބަރަކު ކައުންސިލުން ވަކިކުރުމުގެ އިހްތިޔާރު އެފަރާތަކަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން އައްޔަންކުރުމާއި އިންތިހާބުކުރުން

ކައުންސިލްގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަންވާނެއެވެ. ނުވަތަ އިންތިހާބުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް

ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތިރީގައި އެވަނީއެވެ.

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވައި އެމީހުންގެ ލާބައަށް މަސައްކަތްކުރުން.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވައި، އެމީހުންގެ އަޑު އުފުލުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމްއިއްޔާތައް އުފެއްދުމަށް އެހީތެރިވެދިނުން.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާދިނުމަށް ގާއިމްކުރެވިފައިވާ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ކަނޑައެޅުން.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާދިނުމަށް ގާއިމްކުރެވިފައިވާ މަރުކަޒުތަކުން ފަރުވާގެ ހިދުމަތްތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރެވޭ މިންވަރު ބަލައި މިނިސްޓަރަށް ރިޕޯޓްކުރުން.

(ބ) ގާނޫނާއި ގަވާއިދު ހަދާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ނުކުޅެދުންތެރިކަމާބެހޭ ކަންކަމުގައި އިރުށާދު ދިނުމާއި، އެކަންކަމަށް އެމީހުން ހޭލުންތެރިކުރުވުން.

(ޅ) ކަނޑައެޅޭ ހުރިހާ ސިޔާސަތުތަކާއި، ގާނޫނުތަކާއި، ގައުމީ ފެންވަރުގައި، ނުވަތަ އާންމުންގެ ފައިދާއަށް ރޭވޭ ހަރަކާތްތަކުގައި ނުކުޅެދުންތެރިކަމާބެހޭ ކަންކަމަށް ރިއާޔަތްކުރެވިފައިވާ މިންވަރު ބަލައި، ނުކުޅެދުންތެރިކަމާގުޅޭ ކަންތައްތައް މެއިންސްޓްރީމްކުރުމުގެ މަސައްކަތްކުރުން.

(ކ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާބެހޭ މައްސަލަތަކާއި ށަކުވާތައް ބަލައި އެކަންކަމާގުޅޭ ގޮތުން މިނިސްޓަރަށް ރިޕޯޓްކުރުން.

(އ) މި ގާނޫނާއި އެހެން ގާނޫނުތަކުގައި ނުކުޅެދުންތެރިކަމާބެހޭގޮތުން ކަނޑައެޅިފައިވާ ކަންކަމަށް އަމަލުކުރެވޭ މިންވަރު ބަލައި މިނިސްޓަރަށް ރިޕޯޓްކުރުން.

(ވ) ނުކުޅެދުންތެރިކަމާބެހޭގޮތުން ރާއްޖެއިން ތަސްދީގުކޮށްފައިވާ މުއާހަދާތަކަށް އަމަލުކުރެވޭ މިންވަރު ބަލައި ރިޕޯޓްކުރުން.

(މ) ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ނުކުޅެދުންތެރިކަމާބެހޭގޮތުން ކުރަންޖެހޭ ދިރާސާތައްކުރުން.

(ފ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާއި، ނުކުޅެދުންތެރިކަމާބެހޭގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މުޖްތަމައު ހޭލުންތެރިކުރުވުން.

(ދ) ކައުންސިލްގެ މަސައްކަތްތަކާގުޅޭ ގޮތުން އަހަރީ ރިޕޯޓް އެކުލަވާލައި އާންމުކުރުން.

(ތ) ކައުންސިލް ހިންގާނެގޮތުގެ ގަވާއިދެއް އެކުލަވާލުން.

 

13 ވަނަ މާއްދާ - ކައުންސިލް ހިންގުން

ކައުންސިލް ހިންގުމާބެހޭ އެންމެހައި އިދާރީ މަސައްކަތްކުރާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ކަންތައްތައް ހިންގާ ބަލަހައްޓާ މިނިސްޓްރީންނެވެ. އަދި ކައުންސިލް ހިންގުމަށްޓަކައި ބޭނުންވާނެ އެންމެހައި ހަރަދު ކައުންސިލްގެ މަށްވަރާގެމަތިން، ކޮންމެ އަހަރަކު، މިނިސްޓްރީގެ ބަޖެޓްގައި ވަކިން ހިމަނަންވާނެއެވެ.

 

14 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުން

(ހ) ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖްތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ހަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކު ހިމެނޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި، އެފަދަ މީހުންގެ ދަފްތަރެއް މިނިސްޓްރީން އެކުލަވާލައި ބަލަހައްޓަންވާނެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ދަފްތަރު އެކުލަވާލައި ބަލަހައްޓަން ފަށަންވާނެއެވެ.

 

15 ވަނަ މާއްދާ - ޒާތީ މިނިވަންކަމަށް ހުރުމަތްތެރިކޮށް ހިތުމާއި ސިއްރުތައް ހިފެހެއްޓުން

(ހ) ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހަކީ، ޒާތީ ދިރިއުޅުމަށް، އާއިލާއަށް، ގޮވަތި ގެދޮރަށް އަދި އަނެކުންނާ ކުރާ މުއާމަލާތުތަކަށް ނުހައްގު ނުވަތަ ގާނޫނާ ހިލާފު ނުފޫޒު ނުފޯރުވޭ އަދި އެމީހެއްގެ އިއްޒަތަށާއި ގަދަރަށް ގާނޫނާ ހިލާފު ހަމަލާތައް ކުރިމަތިވާ މީހަކަށް ވެގެން ނުވާނެއެވެ. މިފަދަ ނުފޫޒާއި ހަމަލާތަކުން ސަލާމަތްވުމަށް ގާނޫނީ ހިމާޔަތް ހޯދުމުގެ ހައްގު ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޒާތީ، ސިއްހީ އަދި އެހެނިހެން ފަރުވާތަކާބެހޭ މައުލޫމާތުވެސް އެހެން މީހުންނެކޭ އެއްފަދައިން ސިއްރުކޮށް ރައްކާތެރިކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ގާނޫނީ ހައްގުތައް ލިބިދިނުމުގައި އެހީތެރިވެދިނުން

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ގާނޫނީ ހައިސިއްޔަތު ފުރިހަމައަށް އަދާކުރުމުގައި ބޭނުންވެދާނެ އެހީތެރިކަން ލިބިދިނުމަށް މަގުފަހިކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ އެހީތެރިކަން ލިބިދިނުމަށް އެޅޭ ފިޔަވަޅުތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެފަދަ ގޮތަކަށް އެކަށީގެންވާ އަދި ރައްކާތެރިގޮތެއްގައި، އެފަދަ މީހުންގެވެސް ހައްގުތަކާއި އިހްތިޔާރާއި ބޭނުންތަކާއެއްގޮތްވާ ގޮތުގެމަތިން އެޅޭ ފިޔަވަޅުތަކަކަށް ވާންވާނެއެވެ. އަދި އެ ފިޔަވަޅުތަކަކީ، މަސްލަހަތުގެ ފުށުއެރުމަކުން ނުވަތަ ނޭދެވޭ ބާރުފޯރުވުމަކުން ސަލާމަތްވެގެންވާ، އަދި އެމީހެއްގެ ހާލަތަށް ރިއާޔަތްކުރެވިގެން، އެމީހެއްގެ ހުރި ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި، އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެޅޭ، އަދި އެކަމަށް ގާބިލް، ވަކި ފަރާތަކަށް ނުޖެހޭ، މުސްތަގިއްލު މުއައްސަސާއަކުން ނުވަތަ ށަރުއީ ކޯޓަކުން ގަވާއިދުން މުތާލިއާކުރެވޭ ފިޔަވަޅުތަކަކަށް ވާންވާނެއެވެ.

 

17 ވަނަ މާއްދާ - މުދާ ހޯދުމާއި ލިބިގަތުން

(ހ) މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުއާމަލާތުކުރުމުގެ ހައްގު ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ލިބިގެންވެއެވެ.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުންގެ މުދަލުން ތަސައްރަފްކުރުމުގެ ގާބިލްކަން ނެތް މީހެއްގެ މުދަލެއް ނުވަތަ އޭނާގެ ވާރުތައިން ލިބޭ މުދަލެއް ނުވަތަ ހަދިޔާގެ ގޮތުގައި ނުވަތަ ވަގުފުގެ ގޮތުގައި ނުވަތަ އޭނާގެ މިލްކިއްޔާތުން، އިސްލާމީ ށަރީއަތާއެއްގޮތްވާ ގޮތުގެމަތިން ހަރަދުކުރުމުގެ އިހްތިޔާރު ށަރުއީ ނިޒާމުގެ ތެރެއިން އޭނާގެ ހަވާލުދާރަށް ލިބިދެވިދާނެއެވެ. އަދި އޭނާގެ ހަވާލުދާރު، އެ ބާރުގެ ބޭނުންކުރަންވާނީ ހަމައެކަނި އޭނާގެ ހަވާލުގައި ހުރި އެ މުދަލުގެ ވެރިފަރާތުގެ ފައިދާއާއި ލާބައަށްޓަކައެވެ. މިނޫންގޮތަކަށް އެ ބާރުގެ ބޭނުންކުރުމަކީ މަނާކަމެކެވެ.

 

18 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅޭ މާހައުލާއި އާންމު ތަންތަނަށް ވަދެނިކުމެ އުޅުމާއި ހިދުމަތް ލިބިގަތުމުގެ ފުރުސަތު

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިމާރާތްކުރެވިފައިވާ މާހައުލާއި ތަންތަނާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މައުލޫމާތާއި، ކުރެވޭ މުއާމަލާތުތަކާއި، މިނޫންވެސް އާންމުންނަށް ހުޅުވާލެވިފައިވާ ނުވަތަ އާންމު ވަސީލަތްތަކާއި ހިދުމަތްތައް އެހެން މީހުންނެކޭވެސް އެއްފަދައިން، ހޯދައި ބޭނުންކުރުމުގެ ފުރުސަތު އެމީހުންނަށް ލިބިދޭންވާނެއެވެ. މީގެތެރޭގައި އަންނަނިވި ކަންކަމާއި ތަންތަން ހިމެނޭނެއެވެ.

  1. އާންމު އިމާރާތްތަކާއި، މަގުތަކާއި، ޕާކުފަދަ ތަންތަނާއި، ވިޔަފާރިކުރާ ސުޕަރމާރކެޓް ނުވަތަ ކޮމްޕްލެކްސް ފަދަ ތަންތަނާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، ސްކޫލްތަކާއި، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި ވަޒީފާއަދާކުރާ ތަންތަން.
  2. މައުލޫމާތާއި، މުއާމަލާތާއި އެހެނިހެން މުއާސަލާތީ ހިދުމަތްތައް.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އާންމުންނަށްޓަކައި އިމާރާތްކުރެވޭ ތަންތަނުގައާއި އާންމު ހިދުމަތްދޭ ތަންތަނުގައާއި، އާންމު ހިދުމަތްދިނުމުގައި ހުންނަންޖެހޭ ނުވަތަ ގެންގުޅެންޖެހޭ އެކްސެސިބިލިޓީ މިންގަނޑުތަކާއި ގަވާއިދުތައް މިނިސްޓްރީން ހަދައި އާންމުކުރަންވާނެއެވެ. އަދި އެ މިންގަނޑުތަކަށާއި ގަވާއިދުތަކަށް އަމަލުކުރާކަން ކައުންސިލުން ޔަގީންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި އެކަށީގެންވާ މުއްދަތެއް، މިނިސްޓްރީން ކަނޑައަޅާ ގަވާއިދުގައި އާންމުކުރަންވާނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އޭނާ ދިރިއުޅޭނެ ތަނެއް ކުއްޔަށް ހޯދުމުގައި އަދި އޭނާ ހިމެނޭ އާއިލާއަށް ތަނެއް ކުއްޔަށް ދިނުމުގައި، ނުވަތަ ވިޔަފާރީގެ ނުވަތަ މާލީ، ނުވަތަ އެހެންވެސް މަދަނީ ހިދުމަތެއް ހޯދުމުގައި ނުވަތަ ލިބިގަތުމުގައި އެހެން އެއްވެސް މީހަކާ ތަފާތުކޮށްގެންނުވާނެއެވެ.

(ބ) އާންމު ހިދުމަތްތަކުގެ ތެރެއިން ހިލޭ ނުވަތަ އަގުދައްކައިގެން މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި، އާންމު ބޭނުންތަކަށް ހިލޭ ނުވަތަ އަގުދައްކައިގެން ބޭނުންކުރުމަށް ހުޅުވައިލެވިފައިވާ އެންމެހައި ވަސީލަތްތަކުގެ ބޭނުންހިފުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެންނުވާނެއެވެ.

(ޅ) މުނިފޫހިފިލުވުމުގެ ގޮތުން ހިންގޭ ފެއަރތަކާއި، ފެސްޓިވަލް އަދި މައުރަޒުފަދަ ތަންތަން ކުރިއަށްގެންދަންވާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވެސް ހުރަހަކާނުލައި އެ ކަންތައްތަކުގައި ބައިވެރިވެވޭފަދަ ގޮތަކަށެވެ.

 

19 ވަނަ މާއްދާ - ވަޒީފާދިނުމާއި، މަސައްކަތުގެ މާހައުލުގައި ތަފާތުނުކުރުމާއި ހަމަހަމަ ފުރުސަތު ލިބިދިނުން

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ، އަދި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ލިބިދިނުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ވަޒީފާއެއް ދިނުމުގައި، ނުވަތަ މަސައްކަތުގެ މާހައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެމީހުންނަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާމެދު ތަފާތުކުރުންތަކެއް ގެންގުޅުމަކީ މަނާކަމެކެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭފަރާތުން، އޭނާއަށް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދީ ވަޒީފާދޭފަރާތުގެ އެހެން މުވައްޒަފުންނަށް އެކަމާބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދޭފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، ސަރުކާރުން އެފަދަ ފަރާތްތަކަށް އެކަށީގެންވާ އިނާޔަތްތަކާއި ލުއިތައް ދޭންވާނެއެވެ. އަދި އެފަދަ މީހުންނަށް ވަޒީފާދިނުމަށް ވަޒީފާދޭފަރާތްތަކަށް ހިތްވަރުދީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ ބާޒާރަށް ނިކުތުމަށާއި، އެކަމަށް މަގުފަހިކޮށްދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން އެކަމުގައި އިސްނަގަންވާނެއެވެ.

(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަދާކުރުމުގައި، ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުންނާއި، މަގާމުގެ ކުރިއެރުން ދިނުމުގައާއި، އެހެނިހެން އެލަވަންސްތައް ދިނުމުގައި އެމީހުން އެއްކިބާކުރުމަކީ  މި މާއްދާގެ (ށ) ގައި ބުނެފައިވާފަދަ ތަފާތުކުރުންކަމުގައި ހިމެނޭނެއެވެ.

(ޅ) މަސައްކަތްތައް ހަވާލުކުރުމުގައާއި، ވަޒީފާތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ކިބައިގައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން އަދާނުކުރެވޭފަދަ، ނުވަތަ އެ ވަޒީފާއެއް ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ދީފިނަމަ ވަޒީފާދޭފަރާތަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ކުރިމަތިވާފަދަ ވަޒީފާތައް ދިނުމާއި މަސައްކަތްތައް ހަވާލުކުރުން، މި މާއްދާގެ (ށ) އާއި (ބ) އިން އިސްތިސްނާވާނެއެވެ. ނަމަވެސް، ހަވާލުކުރެވޭ މަސައްކަތްތައް ކުރުމުގައި، އެހެން މީހުންނެކޭވެސް އެއްފަދައިން، އެއްވަރެއްގެ މަސައްކަތަށް އެއްވަރެއްގެ އުޖޫރަ ލިބުމުގެ ހައްގު އެފަދަ މީހުންނަށް ލިބިގެންވެއެވެ.

(ކ) ނުކުޅެދުންތެރިކަން ހުންނަ މީހުން އަމިއްލަ މަސައްކަތްކުރުމުގެ ފުރުސަތުތައް ތަނަވަސްކޮށްދޭންވާނެއެވެ. އަދި މިކަމަށްޓަކައި އެމީހުންނަށް ބޭނުންވާ ތަމްރީނާއި، މައުލޫމާތާއި، ވަސީލަތްތަކާއި، މާލީ އެހީތެރިކަން ލިބޭނެ މަގުފަހިކޮށްދޭންވާނެއެވެ.

 

20 ވަނަ މާއްދާ - ތައުލީމާއި ތަމްރީނު

(ހ) އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި، ތައުލީމީ ނިޒާމުގެ ތެރެއިން އުނގެނުމާއި ތަމްރީނު ލިބުމުގެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހޯދައިދޭންވާނެއެވެ.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭވެސް އެއްފަދައިން، އަސާސީ ތައުލީމާއި، ސާނަވީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތަކާއި ވަސީލަތްތަކާއި އާލާތްތައް އެކަށީގެންވާގޮތެއްގައި ސަރުކާރުން ފޯރުކޮށްދީ، މަތީ ތައުލީމު އުނގެނުމާއި، ތަމްރީނު ލިބުމުގެ ފުރުސަތު އެފަދަ މީހުންނަށްވެސް ހަމަހަމަގޮތެއްގައި ފަހިކުރެވިފައި އޮންނަންވާނެއެވެ. މިގޮތުން:

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން، އުނގެނުމުގައި ބޭނުންކުރަންޖެހޭ ބްރެއިލް، ސައިން ލެންގުއެޖް، ބޮޑެތި އަކުރު ފަދަ ވަސީލަތްތައް ފޯރުކޮށްދޭންވާނެއެވެ.
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ހާއްސަ ޓީޗަރުންނާއި އެހެނިހެން ފަންނީ މީހުން ސަރުކާރުން ބިނާކުރަންވާނެއެވެ.

(ނ) ސަރުކާރުން ހިންގާ މަދަރުސާތަކާއި އަމިއްލަ މީހުން ހިންގާ މަދަރުސާތަކުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތައުލީމު ހާސިލްކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމްކުރަންވާނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތައުލީމާއި ތަމްރީނާއި، ތަޖުރިބާ ހޯދައިދިނުމަށް އެކަށައަޅާފައިވާ ތަންތަނުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމްކުރަންވާނެއެވެ.

(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުންގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ތައުލީމާއި ފަންނީ މަސައްކަތެއް ދަސްކުރުމުގެ ފުރުސަތު ލިބިފައިނުވާ މީހުންނަށް، އެކަށީގެންވާ ތައުލީމެއް ނުވަތަ ތަމްރީނެއް ލިބިގަތުމަށް މަގުފަހިކޮށްދޭންވާނެއެވެ.

(ޅ) ނުކުޅެދުންތެރިކަން ހުންނަ މީހުން، އެމީހުންގެ ހުރި ގާބިލްކަމާ އެއްވަރަށް ފުރިހަމައަށް ބިނާކޮށް ތަރައްގީކުރުމުގެ ގޮތުން، އެމީހުންގެ ނުކުޅެދުންތެރިކަމާއި، ފެންވަރާއި، މިޒާޖާގުޅޭގޮތަށް ތައުލީމީ މަންހަޖާއި މުގައްރަރުތައް ބައްޓަން ކުރަންވާނެއެވެ.

(ކ) މީހެއްގެ ކިބައިގައިވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެމީހަކު ތައުލީމީ ފުރުސަތަކުން އެއްކިބާކޮށްގެން ނުވާނެއެވެ.

(އ) ވަކި ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނަށް ހާއްސަކޮށްގެން ތައުލީމާއި ތަމްރީނު ދިނުމަށް ގާއިމްކުރެވިފައިވާ ތަންތަނުން، އެ ބާވަތުގެ ނުކުޅެދުންތެރިކަމެއް ނުވަތަ އުނިކަމެއްނުވާ ފަރާތްތަކަށް އިސްކަން ދިނުން މި މާއްދާގެ (ށ) އާއި (ކ) އިން އިސްތިސްނާ ވެގެންވެއެވެ.

(ވ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ރާއްޖޭގައި ގާއިމްކޮށްފައިވާ ދަނާލުފަދަ ތަންތަނުގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސަންވާނެއެވެ. އަދި އެފަދަ ތަންތަނުގައި ގާއިމްކުރެވިފައިވާ އެންމެހައި އާންމު ވަސީލަތްތަކުގެ ބޭނުންހިފުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުންހިފޭނޭ ގޮތްތައް ހަމަޖައްސަންވާނެއެވެ.

(މ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް، ސަރުކާރުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

  1. ތައުލީމާއި ތަމްރީނު ހޯދުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންނާ އެންމެ ގާތުން ތައުލީމާއި ތަމްރީނު ލިބޭނެ މަރުކަޒުތަކުން އެ ހިދުމަތް ލިބިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތައުލީމަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގައި ސަރުކާރުން އެހީތެރިވެދިނުން.
  3. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ސަރުކާރުން ސްކޮލަރށިޕް ހޯދައިދިނުމަށް މަސައްކަތްކުރުން.

 

21 ވަނަ މާއްދާ - ސިއްހީ ދާއިރާ

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު، ސިއްހީ ދާއިރާއިން ލިބެންހުރި އެންމެ ފުރިހަމަ ހިދުމަތްތައް ލިބިގަތުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ އެހެން މާއްދާއަކާއި، ނުވަތަ މިނޫން ގާނޫނަކާއި، ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ހިނދެއްގައި އަދި އޭނާގެ ފުރާނައަށް ގެއްލުންވެދާނެފަދަ ހާލަތެއްގައި ކަމާބެހޭ ސިއްހީ ދާއިރާގެ ފަންނީ މީހެއްގެ ނިންމުމަކާ ހިލާފުނުވާ ހިނދެއްގައި، ނުކުޅެދުންތެރިކަން ހުންނަ މީހެއް، އެމީހެއްގެ ސިއްހަތާއި، ހަށިގަނޑާއި، ނުކުޅެދުންތެރިކަމާބެހޭގޮތުން ނިންމަންޖެހޭ ނިންމުން އަމިއްލައަށް ނިންމުމުގެ ފުރިހަމަ އިހްތިޔާރު އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން، އެހެން މީހުންނަށްވެސް އާންމުކޮށް ލިބޭ ސިއްހީ މައުލޫމާތުތައް ދިނުމުގައި އޭނާ ތަފާތުކޮށްގެން ނުވާނެއެވެ.

(ނ) ކޮންމެ މަރުހަލާއެއްގައިވެސް ނުކުޅެދުންތެރިކަމުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، އެންމެހައި ދާއިރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުވުމަށް މިނިސްޓްރީން މަސައްކަތްކުރަންވާނެއެވެ.

(ރ) ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމްކޮށް، މި ނިޒާމުގައި ވިހެއުމުގެ ކުރިންނާއި ވިހެއުމުގެ ފަހުންވެސް، ހެދިބޮޑުވުމުގެ މަރުހަލާތައް ގިރާކުރެވޭ މިންވަރު ބަލައި، ވީހާވެސް ކުރިން ނުކުޅެދުމަކަށް ފަހިވެދާނެކަމެއް ނުވަތަ ނުކުޅެދުމެއް ދެނެގަނެވޭނެ ގޮތްތަކެއް ގާއިމްކުރަންވާނެއެވެ. އަދި ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަތުމާއި އަދި މިކަމުން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.

(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބިދޭންޖެހޭ އެކި އެކި ހިދުމަތްތައް އެމީހުންގެ އަމިއްލަ މުޖްތަމައުގައި ތިބެގެން ނުވަތަ އެ މުޖްތަމައާ ވީހާވެސް ގާތުން ލިބޭނެ މަގުފަހިކޮށްދޭންވާނެއެވެ. މި ހިދުމަތްތަކުގެ ތެރޭގައި ތިރީގައިއެވާ ކަންތައްތައްވެސް ހިމަނަންވާނެއެވެ.

  1. ނުކުޅެދުންތެރިކަން ދެނެގަންނާނެގޮތާއި އެފަދަ މީހުންނަށް ދެވޭ ތަމްރީނުތަކާ ބެހޭގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް، މައުލޫމާތު ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ނުކުޅެދުންތެރިކަން ބަލައިގަތުމަށް
  2. ބާރުއަޅާ މަގުފަހިކޮށްދީ އެހީތެރިވުމުގެ ގޮތުން ދޭންޖެހޭ ނަފްސާނީ އެހީތެރިކަން.
  3. ފިޒިއޮތެރަޕީ އާއި އޮކިއުޕޭށަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީ އާއި ބިހޭވިއަރަލް ތެރަޕީއާއި މިނޫންވެސް މިފަދަ ފަރުވާތައް.
  4. ތަފާތު އެކިއެކި ނުކުޅެދުންތެރިކަން ދެނެގަންނާނެ ވަސީލަތްތަކާއި ނިޒާމުތަކުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުން.
  5. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ ނުކުޅެދުންތެރިކަމަށާއި އެ ނުކުޅެދުންތެރިކަން އިތުރަށް ގޯސްވެދިޔަ ނުދިނުމަށް ބޭނުންވާ ސިއްހީ ފަރުވާތަކާއި އެނޫންވެސް ފަރުވާތައް ލިބޭނެ މަގުފަހިކޮށްދިނުން.

(ޅ) ނުކުޅެދުންތެރިކަމުގެ ދާއިރާގައި މަސައްކަތްކުރާނެ ފަންނީ މީހުން އުފައްދައި، ތަމްރީނުކޮށް، ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރަންވާނެއެވެ.

 

22 ވަނަ މާއްދާ – ރައްކާތެރިކަން

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ގޭތެރެއިންނާއި، ގެއިންބޭރުން ލިބިދާނެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކާއި އިހާނެތި ގޯނާތަކުންނާއި، ފުރައްސާރަކުރުމުންނާއި، އެމީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެމީހުންގެ ބޭނުން ނަހަމަގޮތުގައި ހިފުން ފަދަ އެންމެހައި ކަންކަމުން އެމީހުން ހިމާޔަތްކުރަންވާނެއެވެ. އަދި މިފަދަ އަމަލުތަކުން އެމީހުން ރައްކާތެރިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނާއި، އެމީހުންނަށާއި އެމީހުންގެ އާއިލާތަކަށާއި މުޖްތަމައުގެ އެހެން މީހުންނަށް މިފަދަ އަމަލުތައް ދެނެގަތުމަށާއި، ހުއްޓުވުމަށާއި، ކަމާބެހޭ ފަރާތައް ރިޕޯޓްކުރުމަށް މަގުފަހިކޮށްދިނުމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް ލިބިދޭންޖެހޭ އިންސާފާއި، ރައްކާތެރިކަމާއި، ފަރުވާއާއި، އެހީތެރިކަން ހޯދައިދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ގާނޫނީ، އިދާރީ، އިޖްތިމާއީ، އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ފިޔަވަޅުތައް ދައުލަތުން އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަޅާ ހުރިހާ ފިޔަވަޅުތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އުމުރާއި، ޖިންސާއި، އެމީހުންގެ ހުރި ނުކުޅެދުމަކާ އެކަށީގެންވާ ފިޔަވަޅުތަކެއްކަމުގައި ވާންވާނެއެވެ.

(ނ) މަގުމަތީގައި އުޅުމާއި މަގުތަކުގެ ބޭނުންހިފުމުގައި، އެހެން މީހުންނެކޭވެސް އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހައްގުތައް ލިބިގެންވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭއިރު، ދުވާރު ބޭނުންކުރުމާއި، މަގު ހުރަސްކުރުންފަދަ ކަންކަމުގައި، ކޮންމެ މީހަކުވެސް އެފަދަ މީހުންނަށް ދޭންޖެހޭ ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން ދޭންވާނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭ ވަގުތުތަކުގައާއި، އެހެނިހެން ވަގުތުތަކުގައިވެސް، އެމީހުންނާ ދިމާކުރުމާއި، ފޮށުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމަކީ މަނާކަމެކެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރިކަން ށަރީއަތަށް ސާބިތުވާ ކޮންމެ މީހަކު 500 (ފައްސަތޭކަ) ރުފިޔާ އާއި 2,000 (ދެހާސް) ރުފިޔާ އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަމެއް ދެވަނަ ފަހަރަށް ނުވަތަ އެއަށްވުރެ ގިނަ ފަހަރަށް ކުރިކަން އެމީހެއްގެ މައްޗަށް ށަރީއަތުގައި ސާބިތުވާ ކޮންމެ މީހަކު، 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.

 

23 ވަނަ މާއްދާ - ދަތުރުފަތުރުކުރުމުގައި ހިމާޔަތްތެރިކަން ދިނުން

ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ދަތުރުފަތުރުގެ ހިދުމަތްދޭއިރު، އެ ހިދުމަތްދޭ އުޅަނދަކުން ދަތުރުކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން ދޭންވާނެއެވެ. އަދި އެ އުޅަނދެއްގައި އެފަދަ މީހުންނަށް އެބައެއްގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ފަސޭހަތައް ގާއިމްކުރުމަކީ، އެ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ. އަދި މިފަދަ ފަސޭހަތައް ގާއިމްކުރުމަށްޓަކައި ނުވަތަ ލިބިދިނުމަށްޓަކައި ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުން ހިނގައިބިނގައިވެ އުޅުމަށްޓަކައި ބޭނުންކުރާ އާލާތެއް އެމީހާއާ އެކުގައި އެއްތަނުން އަނެއްތަނަށް އުފުލުމަށް އިތުރު އަގެއް ނަގައިގެންނުވާނެއެވެ.

 

24 ވަނަ މާއްދާ - ކުލަބު ޖަމްއިއްޔާތަކުގައި ބައިވެރިވުން

(ހ) ކުލަބުތަކާއި، ޖަމްއިއްޔާތަކާއި، ޖަމާއަތްތަކުގައި ބައިވެރިވެ ހަރަކާތްތެރިވުމުގެ ހައްގު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ލިބިގެންވެއެވެ.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެއްވެސް ކުލަބެއް ނުވަތަ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގައި ބައިވެރިވުމަށް އެދުމުން، އެމީހެއްގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެކަމަށް ހުރަސްއަޅައި އެފަދަ މީހަކަށް ފުރުސަތު ނުދީ ހިފަހައްޓައިގެން ނުވާނެއެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެމީހަކު ބައިވެރިވެފައިވާ ކުލަބެއް ނުވަތަ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގައިވާ ވަކި ފަންތިއެއްގެ މެންބަރަކަށްވުމަށް އެދިއްޖެނަމަ، އެމީހެއްގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެފަދަ މީހަކާމެދު އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެމީހެއްގެ ނުކުޅެދުންތެރިކަމުގެ ސަބަބުން، އެމީހަކު ބައިވެރިވެފައިވާ ކުލަބެއް ނުވަތަ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގައި މެންބަރުންނަށްދެވޭ ހިދުމަތްތަކާއި، މެންބަރުންނަށް ވަދެވޭ ތަންތަނަށް ވަނުމުން އެމީހަކު އެއްކިބާކޮށްގެން ނުވާނެއެވެ.

(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުން މެންބަރުކަމުން ވަކިވާނެފަދަގޮތަކަށް، ނުކުޅެދުންތެރިކަން ހުންނަ މީހަކު ބައިވެރިވެފައިވާ ކުލަބެއް ނުވަތަ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގެ ގަވާއިދު ބަދަލުކޮށްގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ - އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވުން

(ހ) މީހެއްގެ ކިބައިގައިވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެމީހަކު ކުޅިވަރު ކުޅުމުންނާއި، އިސްލާމީ، ސިޔާސީ، އަދި ސަގާފީ ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި އިޖްތިމާއީ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ލިބުމުގައި އެހެން މީހުންނާ ތަފާތުކޮށްގެން ނުވާނެއެވެ.

(ށ) މީހެއްގެ ކިބައިގައިވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އިޖްތިމާއީ ހަރަކާތްތަކާއި އާންމުކޮށް ހުޅުވައިލެވިގެން ބާއްވާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުން އެމީހަކު އެއްކިބާކުރުމަކީ މަނާކަމެކެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ގާބިލްކަން ހުރި މިންވަރަކުން އާންމު ކުޅިވަރު ހަރަކާތްތަކުގައި އެންމެ ފުރިހަމައަށް ބައިވެރިވުމަށް މަގުފަހިކޮށްދީ ހިތްވަރުދީ އެކަން ކުރިއަރުވަންވާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށް ތައުލީމީ ނިޒާމުގެ ތެރެއިންނާއި އެނޫންވެސް ގޮތްގޮތުން ލިބޭ ކުޅިވަރާ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެހެން ކުދިންނެކޭވެސް އެއްފަދައިން ލިބިދޭންވާނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އެހެން މީހުންނެކޭ އެއްފަދައިން އެފަދަ މީހުންނަށް ހާއްސަ ކުޅިވަރުތައް ރާވައި، ކުރިއަރުވައި، ކުޅުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނާއި ފުރުސަތުތައް ލިބިދިނުމަށް މަގުފަހިކޮށްދޭންވާނެއެވެ.

(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް، ސިޔާސީ މައިދާނުގައާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ވޯޓުލުމުގެ ފުރިހަމަ މިނިވަންކަމާއި ހައްގު ލިބިގެންވެއެވެ. އަދި މި ހައްގު ރައްކާތެރިކުރުމުގެ ގޮތުން ދައުލަތުން ތިރީގައިވާ ކަންކަން ކަށަވަރުކުރަންޖެހޭނެއެވެ.

  1. ވޯޓުލާ ސަރަހައްދާއި، ވޯޓުލުމުގައި ބޭނުންކުރެވޭ ވަސީލަތްތަކާއި، މައުލޫމާތާއި، ގަވާއިދުތައް ހިމެނޭގޮތަށް، ވޯޓުލާ ނިޒާމުތަކަކީ އެފަދަ މީހުންނަށް ފަސޭހަކަމާއި، މިނިވަންކަމާއި، ނޭދެވޭ ނުފޫޒެއް ނެތި ބޭނުންކުރެވޭ، އަދި އޭގެ ބޭނުންހިފޭ ނިޒާމުތަކެއްކަމުގައިވުން.
  2. އާންމު އިންތިހާބުތަކާއި، އާންމު ވޯޓުލުންތަކުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް، އެހެން މީހެއްގެ ނުފޫޒެއްނެތި، އަމިއްލައަށް، ސިއްރު ވޯޓުލުމުގެ ހައްގު ރައްކާތެރިކުރުން. އަދި އަމިއްލައަށް ވޯޓުލުމުގެ ކުޅެދުންތެރިކަން ނެތް މީހުންނަށް، މިނިވަންކަމާއި އަމިއްލަ އިހްތިޔާރާއެކު، އެމީހުން އަމިއްލައަށް ކަނޑައަޅާ މީހެއްގެ އެހީތެރިކަމާއެކު ވޯޓުލުމުގެ ހައްގު އެމީހުންނަށް ލިބިދިނުން.

 

26 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މާލީ އިނާޔަތް ދިނުމާއި އާލާތް ހޯދައިދިނުން

(ހ) މި ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށްވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް، މީލާދީ ކޮންމެ މަހަކު މަދުވެގެން 2,000 (ދެހާސް) ރުފިޔާގެ މާލީ އިނާޔަތެއް ސަރުކާރުން ދޭންވާނެއެވެ.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކުވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް، ސަރުކާރުގެ ހަރަދުގައި ހެލްތް އިންށުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭންވާނެއެވެ.

(ނ) އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ދެވޭ ހިދުމަތްތަކާއި އޭގެ ފައިދާ ލިބިދިނުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން، އެމީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެކަށީގެންނުވާ ގޮތަކަށް ތަފާތުކޮށްގެން ނުވާނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުން، އެމީހުން އަމިއްލައަށް އުޅުމަށް އެހީތެރިވުމުގެ ގޮތުން ބޭނުންކުރާ ތަފާތު އާލާތްތައް، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ފުދުންތެރިކަން ނެތް މީހުންނަށް ހިލޭ ފޯރުކޮށްދޭންވާނެއެވެ.

(ބ) އެކިއެކި އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި، ހިދުމަތްތަކާއި ވަސީލަތްތައް ފަރުމާކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަދަންޖެހޭ މިންގަނޑުތައް ހެދުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ހަބަރު ފަތުރާ ވަސީލަތްތައް

(ހ) މި ގާނޫނުގައި ބަޔާންކުރާ އެއްވެސް ހަމައަކާއި ހިލާފަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ތަފާތުކުރެވޭގޮތަށް، އަދި އެމީހުންނަކީ މުޖްތަމައުން އެކަހެރިވާ ބައެއްގެ ގޮތުގައި އެއްވެސް އެއްޗެއް

ށާއިއުކުރުމަކީ މަނާކަމެކެވެ. އޭގެތެރޭގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ހިމެނޭނެއެވެ.

  1. ވަޒީފާ ހޯދުމުގައި އިއުލާނުކުރުން؛
  2. މަސައްކަތްތައްކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކުރުން؛
  3. ޓެލެވިޒަން، ރޭޑިއޯ، ނޫސް އަދި މިނޫނަސް މިފަދަ ހަބަރުފަތުރާ ވަސީލަތްތަކުން ފޮނުވާ ހަބަރުތަކާއި، ޕްރޮގްރާމްތަކާއި، ޑޮކިއުމެންޓްރީތަކާއި އިށްތިހާރާއި އަދިވެސް މިފަދަ ޕްރޮގްރާމްތައް.

(ށ) މި މާއްދާގެ (ހ) ގައި ށާއިއުކުރުމޭ ބުނެވޭ ބަހުގެ މާނައިގެތެރޭގައި، އާންމުކޮށް ނުވަތަ އާންމުނުކުރިނަމަވެސް ނޯޓިސްއާއި، ނޫސްމަޖައްލާ ފަދަ ތަކެތީގައި ށާއިއުކުރުމާއި، ރޭޑިއޯ، ޓެލެވިޒަން ފަދަ ޒަރީއާ އަކުން ކަމެއް އާންމުކުރުމާއި، ނިށާނެއް، ނުވަތަ ކާޑެއް، ސަރކިއުލަރ، ކެޓަލޮގް، އަގު ލިސްޓް ނުވަތަ އެހެންވެސް އެއްޗަކާއި، މައުރަޒެއްގައި މަންޒަރެއް ދެއްކުމާއި، ފިލްމުކުޅުމާއި ޑްރާމާއާއި ލަވަފަދަ ތަކެތި ހިމެނޭނެއެވެ.

(ނ) ނުކުޅެދުންތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭގޮތުން ށާއިއުކުރެވޭ ހުރިހާ ތަކެއްޗަކީ، މި ގާނޫނާ ހިލާފުނުވާގޮތަށް، ޒިންމާދާރުކަމާއި، އިހްލާސްތެރިކަމާއެކީ ށާއިއުކުރެވޭ ތަކެއްޗަށް ވާންވާނެއެވެ.

 

28 ވަނަ މާއްދާ - ގުދްރަތީ ކާރިސާތަކާއި، އެހެނިހެން ހާދިސާތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބިގެންވާ ހާއްސަ ރައްކާތެރިކަން

ގުދްރަތީ ކާރިސާތަކާއި، އެހެނިހެން ހާދިސާތަކުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާއި، ރައްކާތެރިކުރުމާއި އެހީފޯރުކޮށްދިނުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި މިކަންކަމަށް ތައްޔާރުވުމަށް ހަދާ ޕްލޭންތައް ހެދުމުގައި ކައުންސިލްގެ ލަފައާއި މަށްވަރާ ހޯދަންވާނެއެވެ.

 

29 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި ކުޑަކުދިން

(ހ) މި ގާނޫނުގައި ބަޔާންކުރާ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށާއި އަންހެނުންނަށް އިތުރު ހާއްސަ ރައްކާތެރިކަމާއި ސަމާލުކަން ދޭންވާނެއެވެ.

(ށ) ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ އުމުރާއި، ވިސްނުމުގެ ގާބިލްކަން ހުރި މިންވަރާ އެކަށީގެންވާގޮތަށް، އެކުދިންގެ ދިރިއުޅުމުގެ ކަންކަމާ ގުޅޭގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެކުދިންނަށްވެސް ލިބިގެންވެއެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނާބެހޭ ކަންކަން ނިންމުމުގައި އަބަދުވެސް ވިސްނަންވާނީ ހަމައެކަނި އެކުދިންގެ މަންފާއާއި ލާބައަށެވެ. އަދި މިނޫންގޮތަކަށް ކަންކުރުމަކީ މަނާކަމެކެވެ.

 

30 ވަނަ މާއްދާ - ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތައް

ނުކުޅެދުންތެރިކަމާބެހޭގޮތުން، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭގޮތުން ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި، އެއްބަސްވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެ އެއްބަސްވެވިފައިވާ ގޮތެއްގެމަތިން އަމަލުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 

31 ވަނަ މާއްދާ - ކުށާއި އަދަބު

މި ގާނޫނުގެ ދަށުން މަނާކުރެވިފައިވާކަމެއް ކުރުމަކީ ކުށެކެވެ. މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅި ބަޔާންކުރެވިފައި ނުވާހާ ހިނދަކު، މިފަދަކަމެއް ކުރިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، އެމީހަކު 1,000 (އެއްހާސް) ރުފިޔާ އާއި 5,000 (ފަސްހާސް) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެމީހަކު 2,000 (ދެހާސް) ރުފިޔާ އާއި 10,000 (ދިހަހާސް) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

32 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓްގައި ފައިސާ ހިމެނުން

މި ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންޖެހޭ ފައިސާ ކޮންމެ މާލީ އަހަރެއްގެ ދައުލަތުގެ ބަޖެޓްގައި ހިމަނަންވާނެއެވެ.

 

33 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނިއިތުރު ގެނައުމަށް ނުވަތަ އެ މާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއްނާޅައެވެ.

 

34 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

35 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު:

"ތަފާތުކުރުން" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަމެއްގެ މައްޗަށް ބިނާކޮށް ސިޔާސީ، އިގްތިސާދީ، އިޖްތިމާއީ، ސަގާފީ، މަދަނީ ނުވަތަ އެނޫންވެސް ރޮނގަކުން އެއްވެސް މީހެއްގެ އިންސާނީ ހައްގަކާއި އަސާސީ މިނިވަންކަން އެހެން މީހުންނާ އެއްހަމައެއްގައި ލިބިގަނެ އެ ހައްގުތަކުގެ ބޭނުންހިފުން ނައްތާލުމުގެ ނުވަތަ ހުރަސްއެޅުމުގެ މަގްސަދުގައި ނުވަތަ އެފަދަ އަސަރެއް ފޯރާފަދަ ގޮތެއްގައި ކުރެވޭ ތަފާތުކުރުމެއް، ބާކީކުރުމެއް ނުވަތަ އެކަހެރިކުރުމެއް ނުވަތަ މަނާކުރުމަކަށެވެ. އޭގެ ތެރޭގައި އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދިނުމަށް އިންކާރުކުރެވޭ ކުރެވުންވެސް ހިމެނެއެވެ.

"އެކަށީގެންވާ މާހައުލެއް" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން އެހެން މީހުންނާ އެއްހަމައެއްގައި ލިބިދިނުމަށާއި އެކަންކަމުގެ ފުރިހަމަ ބޭނުންހިފުމަށް، އެފަދަ މީހުންނަށް އެކަށީގެންނުވާ ނުވަތަ އާދަޔާހިލާފު ބުރަތައް ނުޖެއްސުމަށް، ކޮންމެހެން ބޭނުންވާ ދަނޑިވަޅުތަކުގައި، ކަންކަމަށާއި، ތަންތަނަށާއި، މާހައުލަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކާއި އިސްލާހުތަކަށެވެ.

"އެކްސެސިބިލިޓީ" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ނުހުންނަ މީހުންނެކޭވެސް އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ހައްގު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިމާރާތްކުރެވިފައިވާ މާހައުލަށާއި ތަންތަނަށާއި، ދަތުރުފަތުރުގެ ވަސީލަތްތަކަށާއި، މައުލޫމާތަށާއި، ކުރެވޭ މުއާމަލާތުތަކަށާއި، މިނޫންވެސް އާންމުންނަށް ހުޅުވާލެވިފައިވާ ނުވަތަ އާންމު ވަސީލަތްތަކާއި ހިދުމަތްތައް އެހެން މީހުންނެކޭވެސް އެއްފަދައިން، ހޯދައި ބޭނުންކުރެވޭފަދަ ގޮތަކަށް އެކަންކަން ރޭވި ފަރުމާކުރެވިފައިވުމަށެވެ.

"މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ސަރުކާރުން ހަވާލުކުރާ ވުޒާރާއަކަށެވެ.

"މިނިސްޓަރ" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ސަރުކާރުން ހަވާލުކުރާ ވުޒާރާގެ ވަޒީރަށެވެ.

"ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި މި ގާނޫނުގެ ދަށުން އުފެއްދޭ ކައުންސިލަށެވެ.

"އާލާތްތައް" ކަމުގައި ބުނެފައި އެވަނީ، ފުރޮޅުލީގޮނޑި، އަތްގަނޑު، ވޯރކިންގ ފްރޭމް، ސްޕެށަލް ސީޓް، އައިނު، ބޮޑުވާ ބިއްލޫރި، ލޯންގް ކޭންސް، ހިޔަރިން އެއިޑް، ޕްރޮސްތެސިސް، އޯރތޯސިސް، ބްރެއިލް، އަދި މީގެއިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން މިނިވަންކަމާއެކު ދިރިއުޅުމަށް އެހީތެރިވެދޭން ބޭނުންކުރާ މިފަދަ ވަސީލަތްތަކާއި އާލާތްތަކަށެވެ.

(ށ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ނުވަތަ ދޭހަނުވާހާ ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު 

 

ކޮންސޮލިޑޭޓެޑް ގާނޫނު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-08)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދ (ގަވާއިދު ނަންބަރު 2024-09)
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-17)
  3. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލު ގެ ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-79)
  4. ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-54)
  5. ނުކުޅެދުންތެރިކަން ހުންނަ މިހުންނަށް ހިދުމަތްދޭ މަރުކަޒުތަކައި ހުނަންޖެހޭ ފެންވަރު ކަނޑައަޅާ ގަވާއިދު (ގަވާއިދު ނަންބަރު 2013-557)
  6. ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-02)
  7. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-03)

 

ގުޅުންހުރި ގަވާއިދު/އުސޫލު

ނުކުޅެދުންތެ ރިކަން ހުންނަ މީހުންނާއި ކުދިންނަށް ހާއްސަ ކޮށްގެން ބާއްވާ 'ރިވެލި ތަރި' މައު ރަޒު ހިންގުމުގެ އުސޫލ (އުސޫލު ނަންބަރު 2022-36)

ރިފަރެންސް

22 ޖޫން 2010 ވި އަންގާރަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާއިން ފާސްކުޅަ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު" ބަލައި، ތަސްދީގުކޮށްފައިވަނީ 8 ޖުލައި 2010 (26 ރަޖަބު  1431) ގައެވެ. 

ކިޔުންތެރިންގެ ހިޔާލު