-

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު

(ގާނޫނު ނަންބަރު 2015-09)

 

އެއްވަނަ ބައި: އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ހަބަރާއި މައުލޫމާތު ފެތުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މުނިފޫހިފިލުވުންވެސް ށާމިލުވާގޮތުން، ''ޕަބްލިކް ސަރވިސް މީޑިއާ'' ގެ ނަމުގައި ވަކި ކުންފުންޏެއްގެ ގޮތުގައި، ދައުލަތުގެ މީޑިއާ ގާއިމުކޮށް، ޕަބްލިކް ސަރވިސް މީޑިއާ ހިންގާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު" މިހެންނެވެ.

 

2 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުންތަކެވެ.

(ހ) "ޕަބްލިކް ސަރވިސް މީޑިއާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ދިނުމަށްޓަކައި ހިންގާ ކުންފުންޏަށެވެ.

(ށ) "ނިއު މީޑިއާ" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އިންޓަރނެޓާއި އެނޫންވެސް ޓެކްނޮލޮޖީތަކުގެ ތެރެއިން އަލަށް އުފެދޭ ފޭސްބުކް، ޓްވިޓަރ، ޔޫޓިއުބްފަދަ ވަސީލަތްތަކަށާއި، ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގައި އަލަށް ބޭނުންކުރެވޭ އެންމެހައި އީޖާދުތަކަށެވެ.

(ނ) "ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ޓީވީ މެދުވެރިކޮށް ނުވަތަ ރޭޑިއޯ މެދުވެރިކޮށް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ނުވަތަ މޮބައިލް ފޯން، ޓެބްލެޓް ފަދަ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް އަޑު ނުވަތަ މަންޒަރާއި އަޑު ފޯރުކޮށްދޭ ކޮންމެ ހިދުމަތަކަށެވެ.

(ރ) "ޕްރިންޓް މީޑިއާ" ކަމަށް ބުނެފައި އެވަނީ، ކަރުދާހުގައި ޗާޕުކުރެވިގެން ފޮތްފޮތާއި، ނޫސް މަޖައްލާ، ޖަރނަލް ފަދަ އުފެއްދުންތަކުގެ ގޮތުގައި ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދޭ ވަސީލަތްތަކަށެވެ.

(ބ) "އެޑިޓޯރިއަލް މިނިވަންކަން" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމާއި މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާއިން ނުވަތަ ކުންފުނީގެ ވަކި ސެކްށަނަކުން ނުވަތަ ކުންފުނީގެ ވަކި ހިދުމަތަކުން ނުވަތަ ކުންފުނީގެ ވަކި މުވައްޒަފަކު ހިފަހައްޓާ ހަމަތަކާއި އުސޫލުތަކުގެ މިނިވަންކަމަށެވެ.

(ޅ) "އެޑިޓޯރިއަލް ސިޔާސަތު" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާއިން ނުވަތަ ކުންފުނީގެ ވަކިވަކި ސެކްށަންތަކުން ނުވަތަ ކުންފުނީގެ ވަކިވަކި ހިދުމަތަކުން ނުވަތަ ކުންފުނީގެ ވަކިވަކި މުވައްޒަފަކު ހިފަހައްޓަންޖެހޭނެކަމަށް ކުންފުނީގެ އިސް މެނޭޖްމަންޓުން ކަނޑައަޅާ ހަމަތަކާއި އުސޫލުތަކަށެވެ.

(ކ) "ގަވަރނިންގ ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގެ ކަންކަން ހަވާލުކުރެވޭ ފަރާތަށެވެ.

(އ) "އިސް މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ގަވަރނިންގ ބޯޑުގެ މެންބަރުންގެ ތެރެއިން، ޕަބްލިކް ސަރވިސް މީޑިއާގެ ކަންކަން ދުވަހުން ދުވަހަށް ހިންގުމުގެ ބާރާއި އިހްތިޔާރު ހަވާލުކުރެވޭ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަށެވެ.

(ވ) "އަރުށީފުކުރުން" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ސަރވިސް މީޑިއާ އުފެދުމާ ގުޅިގެން މި ގާނޫނުގެ ދަށުން ކުންފުނީގެ ބެލުމުގެ ދަށަށް އަންނަ، ޓީވީ، ރޭޑިއޯ އަދި ނޫސް މަޖައްލާއާއި އެނޫން ލިޔެކިޔުންތަކުގެ އަރުށީފާއި، ޕަބްލިކް ސަރވިސް މީޑިއާގެ ދަށުން އުފައްދަމުން ގެންދާ އެންމެހައި އުފެއްދުންތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު ރައްކާކުރެވެމުންދާ ދިއުމަށެވެ.

(މ) "އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށްޓަކައި ނުވަތަ ކުއްޔަށް ދޫކުރުމަށްޓަކައި، ނުވަތަ އެ މުދަލަކާމެދު ނުވަތަ އެ ހިދުމަތަކާމެދު ށައުގުވެރިކަން އިތުރުކުރުމަށްޓަކައި، އާންމުކޮށް ކުރެވޭ އިއުލާނަށެވެ. އިށްތިހާރުކުރާ ފަރާތުން ބޭނުންވާ ބަދަލެއް، މުދަލަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން މުޖްތަމައުގެ ވިސްނުމަށް ގެނައުމަށްޓަކައި، އާންމުކުރާ ފިކުރު ނުވަތަ ކުރިއަށް ނެރޭ ވިސްނުމަށެވެ. އަދި އެކަން ކުރުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުމެއްގެ ތެރެއިން ވަގުތެއް ނުވަތަ ޖާގައެއް އޭގެ މުގާބިލުގައި އަގުދޭގޮތަށް ނުވަތަ އެއްޗެއް ލިބިދޭގޮތަށް ހޯދައިގެން ކުރާ އިއުލާނަށެވެ. އަދި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ކަމެއްގެ ވިސްނުން ކުރިއެރުވުމަށްޓަކައި ކުރާ އިއުލާނާއި ހުށަހަޅާ ހުށަހެޅުންވެސް އިށްތިހާރުކުރުމުގެ މާނައިގައި ހިމެނެއެވެ.

(ފ) "ސްޕޮންސަރކުރުން" ކަމަށް ބުނެފައި އެވަނީ، މީޑިއާގެ އެއްވެސް ބާވަތެއްގެ ހިދުމަތެއް ދިނުމުގައި ނޫޅޭ ފަރުދަކު ނުވަތަ ކުންފުންޏަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން، ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުމަކަށް މާލީ އެހީ ފޯރުކޮށްދިނުމަށެވެ. އަދި އެފަރާތުގެ ނަން ނުވަތަ ބްރޭންޑް ނުވަތަ ޓްރޭޑްމާކް ނުވަތަ ށަހްސިއްޔަތު ކުރިއަށް ނެރެ އިށްތިހާރުކޮށް މީހުންގެ ށައުގުވެރިކަން އެއާމެދު އުފެއްދުމުގެ މަގްސަދުގައި ދޭ މާލީ އެހީތެރިކަމަށެވެ.

 

ދެވަނަބައި: ކުންފުނި ގާއިމުކުރުމާއި، ކުންފުނީގެ އަސާސީ އުސޫލުތައް

3 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާ ގާއިމުވުން

މި ގާނޫނު ތަސްދީގުކޮށް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އަމިއްލަ ނަމުގައި މުދާ ހޯދައި، މުދާ ލިބިގަނެ، އެ މުދަލުން މުއާމަލާތްކުރުމުގެ ގާނޫނީ ހައިސިއްޔަތު މި ގާނޫނުން ލިބިދޭ، ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާ ގާއިމުވީއެވެ.

 

4 ވަނަ މާއްދާ - ޕަބްލިސް ސަރވިސް މީޑިއާގެ މަގްސަދުތައް

ޕަބްލިކް ސަރވިސް މީޑިއާ އަބަދުވެސް މަސައްކަތްކުރަމުން ދާނީ އަންނަނިވި މަގްސަދުތައް ހާސިލުކުރުމަށްޓަކައެވެ.

(ހ) އިންޓަރނެޓްގެ ޒަރީއާއިން އުފެދިގެން އަންނަ ނިއު މީޑިއާގެ އެންމެހައި ވަސީލަތްތަކާއި، ބްރޯޑްކާސްޓްކުރުމުގެ އެންމެހައި ވަސީލަތްތަކާއި، ޕްރިންޓް މީޑިއާއާއި، އަދި މިނޫނަސް ހަބަރާއި މައުލޫމާތާއި ހޭލުންތެރިކަމާއި މުނިފޫހިފިލުވުން ފޯރުކޮށްދޭ އެންމެހައި ޓެކްނޮލޮޖީތަކުގެ ބޭނުންހިފައިގެން، ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރުދަނާ ގައުމީ މީޑިއާއެއް ބިނާކޮށް ދެމެހެއްޓުމަށް.

(ށ) ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމަށް.

(ނ) ޕަބްލިކް ސަރވިސް މީޑިއާގައި ހިދުމަތްކުރާ ގަވަރނިންގ ބޯޑުގެ މެންބަރުންނާއި، އިސްވެރިންނާއި، އަދި އެންމެހައި މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ގެރެންޓީކޮށްދިނުމަށް.

(ރ) ޕަބްލިކް ސަރވިސް މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމަށާއި، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއާއެކު ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާނެ މާލީ އެހީތެރިކަމާއި ފުދުންތެރިކަން ހޯދައިދިނުމަށް.

 

5 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާގެ ސިޔާސަތުތައް

ޕަބްލިކް ސަރވިސް މީޑިއާގެ އެންމެހައި ކަންކަން ހިންގަންވާނީ އަންނަނިވި ސިޔާސަތުތަކާއި ހަމަތަކުގެ އިމުގެ ތެރޭގައެވެ.

(ހ) ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އިސްލާމީ ރިވެތި އާދަކާދަތަކާއި ފިކުރު ހިފެހެއްޓުން.

(ށ) ގާނޫނުއަސާސީއާއި ގާނޫނުތަކަށް ބޯލެނބުމުގެ ރޫހު މުޖްތަމައުގައި އަށަގެންނެވުން.

(ނ) ދިވެހިންގެ ގައުމީ ށަހްސިއްޔަތު ހިފެހެއްޓުން.

(ރ) ދިވެހިވަންތަ ސަގާފަތާއި، ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތްކުރުން.

(ބ) މުޖްތަމައުގެ އާންމު އަހްލާގާއި ސުލޫކަށް ހާއްސަ އިސްކަމެއް ދިނުމާއެކު، ސުލްހަވެރި، އެކުވެރި، ގުޅުންބަދަހި، އިންސާފަށް ލޯބިކުރާ، އެކަކު އަނެކަކަށް އިހްތިރާމްކުރާ މުޖްތަމައެއް ބިނާކުރުން.

(ޅ) ނޫސްވެރިކަމުގެ އާންމު މިންގަނޑުތަކާއި އުސޫލުތަކުގެ އިމުގެ ތެރޭގައި އެންމެހައި ކަންކަން ހިންގުމާއެކު، ހަބަރާއި މައުލޫމާތު ފެތުރުމާއި، ހިޔާލުފާޅުކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ހަރަކާތްތައް ހިންގުމުގައި ގާނޫނީ ހަމަތަކަށް ތަބާވުން.

(ކ) ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތްކުރުމާއި، ޕަބްލިކް ސަރވިސް މީޑިއާއިން ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން.

(އ) ރައްޔިތުންގެ މެދުގައި ނަފްރަތާއި ފިތުނަފަސާދަ އުފެދޭނެ ކަންތައްތަކަށް ޖާގަނުދިނުން.

(ވ) ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުން.

(މ) މުޖްތަމައަށް ބޭނުންތެރިވާނެ ބިނާކުރުވަނިވި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް އަދި އައު ވިސްނުންތަކަށް ޖާގަދިނުން.

(ފ) ރައްޔިތުންގެ ހުރިހާ ގިންތިއަކާ ގުޅޭ، ހުރިހާ އުމުރުފުރައަކަށް އަމާޒުކުރެވޭ، ރައްޔިތުންގެ ހާލަތާއި ކަންބޮޑުވުންތައް ހާމަކޮށްދެވޭ އުފެއްދުންތައް ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުން.

(ދ) ދައުލަތް ހިންގުމުގެ ތިންބާރާއި، މިނިވަން މުއައްސަސާތަކާއި، ދައުލަތުގެ އެކި އިދާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދިނުން.

(ތ) ދިވެހި ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގްވާމީ އެކި ކަންކަމާއި، ގައުމީ އެކި ކަންކަމުގެ ހަބަރާއި، މައުލޫމާތާއި، ކަން ހިނގަމުންދާގޮތް ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދިނުން.

 

6 ވަނަ މާއްދާ - ނުފޫޒުން އެއްކިބާވުން

(ހ) ޕަބްލިކް ސަރވިސް މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެއެވެ.

(ށ) ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެއެވެ.

(ނ) ޕަބްލިކް ސަރވިސް މީޑިއާގެ ވަކި މުވައްޒަފެއްގެ މަސައްކަތުގެ މައްޗަކަށްވެސް، ނުވަތަ ޕަބްލިކް ސަރވިސް މީޑިއާގެ ވަކި މަސައްކަތެއް ނުވަތަ ވަކި ހަރަކާތެއްގެ މައްޗަކަށްވެސް
މި ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކާއި އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވައި، އަމުރެއްކޮށް، ނުވަތަ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.

(ރ) ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސަރވިސް މީޑިއާއިން ހިންގައިގެން ނުވާނެއެވެ.

 

ތިންވަނަ ބައި: އިންތިގާލީ މަރުހަލާ

7 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނު ތަސްދީގުކޮށް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 6/2010 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ގާއިމުކުރުމުގެ ގާނޫނު) އުވުނީއެވެ.

 

8 ވަނަ މާއްދާ - ނިމުމަކަށް އަންނަ މަގާމުތައް

މި ގާނޫނު ތަސްދީގުކޮށް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 6/2010 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ގާއިމުކުރުމުގެ ގާނޫނު) އުވުމާ ގުޅިގެން، އެ ގާނޫނުގެ 11 ވަނަ މާއްދާއާއި 12 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެއެވެ. އަދި އެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ހިންގުމަށް އައްޔަންކޮށްފައިވާ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތުވެސް ނިމުމަކަށް އަންނާނެއެވެ.

 

9 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނަށް އިސްކަން ދިނުން

މި ގާނޫނުގައި ޕަބްލިކް ސަރވިސް މީޑިއާއާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، މިހާރު އަމަލުކުރެވެމުންދާ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ހިމެނޭކަމަށްވާނަމަ، އެ ގާނޫނެއް ނުވަތަ ގަވާއިދެއްގައި އެކަން އޮތްއޮތުން މި ގާނޫނުގެ ބޭނުމަށްޓަކައި ބާތިލުވާނެއެވެ. އަދި ހުރިހާ ހާލެއްގައިވެސް އިސްކަންދޭނީ މި ގާނޫނުގައިވާ އުސޫލުތައް ދެމެހެއްޓުމަށެވެ.

 

10 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން، މި ގާނޫނަށް އަމަލުކުރަން ފަށާނެއެވެ.

 

11 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާ ހިންގުމާ ގަވަރނިންގ ބޯޑުން ހަވާލުވުން

މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑު އެކުލަވާލައި، އެ ބޯޑުގެ އިސް މަގާމުތަކަށާއި، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގެ އެންމެ އިސް މަގާމުތަކަށް، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މީހުން އައްޔަންކޮށް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށަންވާނެއެވެ.

 

12 ވަނަ މާއްދާ - ވަގުތީގޮތުން ޕަބްލިކް ސަރވިސް މީޑިއާ ހިންގުން

މި ގާނޫނުގެ 11 ވަނަ މާއްދާގައި ބުނާ ގަވަރނިންގ ބޯޑުން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމާ ހަވާލުވަންދެން، ޕަބްލިކް ސަރވިސް މީޑިއާގެ ކަންކަން ވަގުތީގޮތުން ހިންގާނީ، މި ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއަށް ބަދަލުކުރެވޭ މުވައްޒަފުންގެ ތެރޭގައި އޮތް އެންމެ އިސް މެނޭޖްމަންޓަކުންނެވެ.

 

13 ވަނަ މާއްދާ - މުދަލާއި ވަސީލަތްތަކާއި މުވައްޒަފުން ބަދަލުވުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މިލްކުވެރިކަމުގެ ދަށުގައި ހުރި އެންމެހައި ވެބްސައިޓް، ޓީވީ ރޭޑިއޯ ޗެނަލް، ނޫސް މަޖައްލާ އަދި ހަބަރާއި މައުލޫމާތު ފެތުރުމުގެ މިނޫން ވަސީލަތްތައް ޕަބްލިކް ސަރވިސް މީޑިއާގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުވީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން، ބައިވެރިވެފައިވާ ޖަމްއިއްޔާ ޖަމާއަތްތަކުގެ މެންބަރށިޕްތަކާއި، ވެފައިވާ އެއްބަސްވުންތަކާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި ބިންބިމާއި، އިމާރާތްތަކާއި، އެންމެހައި މުދަލާއި ފައިސާއާއި، އަރުށީފު އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން އޯޑަރުކޮށްފައިވާ ނުވަތަ އެ ކޯޕަރޭށަނަށް ލިބެންޖެހޭ އެންމެހައި މުދަލާއި ފައިސާ، އަދި މިނޫންވެސް މިފަދަ ހުރިހާ މިލްކުވެރިކަމާއި ހައްގުތަކާއި ޒިންމާތައް މި ގާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއަށް ބަދަލުވީއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން އެ ހިނދަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އެ ފައިސާއެއް ދެއްކުމުގެ ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމުވެސް މި ގާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއަށް ބަދަލުވީއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގައި ހިދުމަތްކުރަމުންދިޔަ މުވައްޒަފުންނަކީ ޕަބްލިކް ސަރވިސް މީޑިއާގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެއެވެ. އަދި އެ މުވައްޒަފުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގައި ހިދުމަތްކުރަމުން ދިޔައިރު، ހިދުމަތުގެ މުއްދަތު ގުނަމުންދިޔަ ދިއުމަށް އެއްވެސް މެދުކެނޑުމެއް ނުގެނެސް، ޕަބްލިކް ސަރވިސް މީޑިއާގެ މުވައްޒަފުންގެ ގޮތުގައި، އެ މުވައްޒަފުންގެ ހިދުމަތުގެ މުއްދަތު ގުނަމުން ގެންދެވޭނެއެވެ.

 

ހަތަރުވަނަ ބައި: އޮނިގަނޑު

14 ވަނަ މާއްދާ - ގަވަރނިންގ ބޯޑު

(ހ) ޕަބްލިކް ސަރވިސް މީޑިއާ ހިންގާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ގަވަރނިންގ ބޯޑަކުންނެވެ. ގަވަރނިންގ ބޯޑަށް އައްޔަންކުރާނެ ފަރާތްތައް ކަނޑައަޅައި އެ ބޯޑަށް އައްޔަންކުރާނެ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑު އެކުލެވިގެންވާނީ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

 

15 ވަނަ މާއްދާ - ގަވަރނިންގ ބޯޑަށް ކުރިމަތިލާން ހުޅުވާލުން އަދި މަޖިލީހަށް އެ ނަންތައް ފޮނުވުން

(ހ) މި ގާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާގެ ފުރަތަމަ ގަވަރނިންގ ބޯޑަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ނަންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން އައްޔަންކުރާ ފުރަތަމަ ގަވަރނިންގ ބޯޑު އައްޔަންކުރުމަށްފަހު، އޭގެފަހުން ގަވަރނިންގ ބޯޑަށް މެންބަރުން އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން އަދާކުރުމަށް ށައުގުވެރިވާ ފަރާތްތައް އެކަމަށް އެދި ކުރިމަތިލުމަށް 5 (ފަހެއް) ދުވަހުގެ ފުރުސަތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެފަރާތަކުން އެކަމަށް އެދޭކަމުގެ ލިޔުމާއި، އެފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ނަކަލާއި، މި ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބުނާ އިގްރާރު ފޯމާއި، މި ގާނޫނުގެ 17 ވަނަ މާއްދާގެ
(ރ) ގައި ބުނާ ކުށުގެ ރެކޯޑު ފޯމާއި، މީޑިއާގެ މަސައްކަތުގައި އެފަރާތަށް ލިބިފައިވާ ތަޖުރިބާ ބަޔާންކޮށްފައިވާ ހުލާސާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު

ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވުން.

(ށ) ސިވިލް ސަރވިސްގެ މުވައްޒަފެއް ކަމުގައި ނުވުން.

(ނ) ދައުލަތުގެ ތިން ބާރުންކުރެ ބާރެއްގެ މުވައްޒަފެއް ކަމުގައި ނުވުން.

(ރ) ސަރުކާރު ހިއްސާވާ އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރެއް ކަމުގައި ނުވުން.

(ބ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މުވައްޒަފެއްކަމުގައި ނުވުން.

(ޅ) އިންތިހާބުކުރެވިގެން ނުވަތަ އައްޔަންކުރެވިގެން ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވުން.

(ކ) ދައުލަތުގެ އެއްވެސް މުއައްސަސާއެއް ނުވަތަ އިދާރާއެއްގެ މުވައްޒަފެއް ކަމުގައި ނުވުން.

(އ) ގާނޫނުގައި ބަޔާންވެފައިވާ މަކަރާއި ހީލަތުގެ ކުށެއް، ނުވަތަ ކޮރަޕްށަންގެ ކުށެއް، ނުވަތަ މާރާމާރީގެ ކުށެއް، ނުވަތަ ވައްކަމުގެ ކުށެއް ށަރީއަތަށް ސާބިތުވެ، އެ ކުށުގެ އަދަބު ތަންފީޒުކޮށް ނިމުނުތާ 5 (ފަހެއް) އަހަރު ހަމަނުވާ، ނުވަތަ އެ ކުށުގެ އަދަބަށް މައާފު ލިބުނުތާ 5 (ފަހެއް) އަހަރު ހަމަނުވާ މީހަކު ކަމުގައި ނުވުން.

 

17 ވަނަ މާއްދާ - ފުރިހަމަކުރަންޖެހޭ ލިޔެކިޔުން

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މަގާމަކަށް ކުރިމަތިލާ މީހަކީ، މި ގާނޫނުގެ 16 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ)، (ކ) މިއިން އަކުރެއްގައި ބުނާ މަގާމެއް ނުވަތަ ވަޒީފާއެއްގައި ހުރި މީހެއްކަން ނުވަތަ ނޫންކަން އެނގޭނެ އިގްރާރު ފޯމެއް ފުރިހަމަކޮށް، މި ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ އިގްރާރު ފޯމުގައި ބުނެވިދިޔަ މަގާމެއް ނުވަތަ ވަޒީފާއެއްގައި އެމީހަކު ހުރިކަމަށްވާނަމަ، ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޭނާއަށް ލިބިއްޖެ ހާލަތެއްގައި އެ މަގާމު ނުވަތަ ވަޒީފާއިން ވަކިވާނެކަމަށް އިގްރާރުވެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާ އިގްރާރު ފޯމު މި ގާނޫނުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނާފައިވާނެއެވެ.

(ނ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މަގާމަކަށް ކުރިމަތިލާ މީހަކީ، މި ގާނޫނުގެ 16 ވަނަ މާއްދާގެ (އ) ގައި ބުނާފަދަ ކުށުގެ ރެކޯޑެއް ނެތް މީހަކުކަން ސާބިތުކޮށްދިނުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފުރާފައިވާ ކުށުގެ ރެކޯޑު ފޯމެއް މި ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބުނާ ކުށުގެ ރެކޯޑު ފޯމު މި ގާނޫނުގެ ޖަދުވަލު 2 ގެ ގޮތުގައި ހިމަނާފައިވާނެއެވެ.

 

18 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން

(ހ) މި ގާނޫނުގެ ދަށުން އެކުލަވާލާ ޕަބްލިކް ސަރވިސް މީޑިއާގެ ފުރަތަމަ ގަވަރނިންގ ބޯޑަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ މީހުންގެ ނަންތައް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ނަންތަކާމެދު ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގައި ފެންނަ ގޮތެއް ކަނޑައަޅައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރުހުން ދިނުމާބެހޭ ކަންކަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖްރާއާތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ފުރަތަމަ ގަވަރނިންގ ބޯޑުގެ މުއްދަތު ހަމަވުމަށްފަހު ނުވަތަ ފުރަތަމަ ގަވަރނިންގ ބޯޑުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދަކަށް ގަވަރނިންގ ބޯޑުގެ މެންބަރުކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ މީހުންގެ ނަންތައް އެމީހުން ހުށަހަޅާފައިވާ ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން އެ ނަންތައް ދިރާސާކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މަޖިލީހުގެ ކަމާބެހޭ ކޮމީޓީން ނަންތައް ދިރާސާކޮށް ނިންމައި ރިޕޯޓު ހުށަހެޅުމުން، ވީ އެންމެ އަވަހަކަށް، އެ ނަންތަކާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންވާނެއެވެ.

 

19 ވަނަ މާއްދާ - ގަވަރނިންގ ބޯޑަށް އައްޔަންކުރެވޭނެ މީހުން

ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނީ މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން، މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑަށް އައްޔަންކުރަން ފާސްވާ ބަޔެކެވެ.

 

20 ވަނަ މާއްދާ - ރުހުން ނުލިބޭ މީހުންގެ ބަދަލުގައި އަލުން ނަން ފޮނުވުން

ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ނަންތަކުގެ ތެރެއިން ނަމަކަށް މި ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓުގައި، މި ގާނޫނުގެ 19 ވަނަ މާއްދާގައި ބުނާ އަގްލަބިއްޔަތު ނުލިބިއްޖެނަމަ، މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަމެއް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ. މިގޮތަށް ނަން ފޮނުވުމުގައި ކުރިން މަޖިލީހުގެ ރުހުން ނުލިބުނު ނަންވެސް އަލުން ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ގަވަރނިންގ ބޯޑަށް މީހުން އައްޔަންކުރުން

މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޔަކު އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާނީ، މަގާމުގެ މަސްއޫލިއްޔަތުގެ އިގްރާރުގައި ސޮއިކުރުމާއެކުއެވެ.

 

22 ވަނަ މާއްދާ - މެންބަރުންގެ އިގްރާރު

މި ގާނޫނުގެ 21 ވަނަ މާއްދާގައި ބުނާ އިގްރާރު، މި ގާނޫނުގެ ޖަދުވަލު 3 ގައި ހިމަނާފައިވާނެއެވެ.

 

23 ވަނަ މާއްދާ - ގަވަރނިންގ ބޯޑުގެ އުސޫލުތައް

ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުން، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަންކަން ހިންގުމުގައި އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ހ) މި ގާނޫނާ ހިލާފަށް ކަމެއް ކުރުމަށް، އެއްވެސް ފަރާތަކުން ފޯރުވާ ނުފޫޒަކަށް ބޯނުލެނބުން.

(ށ) އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމަށާއި، ތިންވަނަ ފަރާތެއްގެ މަސްލަހަތު ކުރިއަށް ނެރެދިނުމަށް، މަގާމުގެ ނުފޫޒު ނުވަތަ މަގާމުގެ ހައިސިއްޔަތު ބޭނުން ނުކުރުން.

 

24 ވަނަ މާއްދާ - ގަވަރނިންގ ބޯޑުގެ ޒިންމާތައް

ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑާ އަންނަނިވި ޒިންމާތައް މަތިކުރެވިގެންވެއެވެ.

(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕަބްލިކް ސަރވިސް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުން.

(ށ) ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި، އިސް މެނޭޖްމަންޓުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑު ފާސްކުރުމާއި، މުވައްޒަފުންގެ އޮނިގަނޑާއި މުސާރައަށް އިސް މެނޭޖްމަންޓުން ގެންނަން އެދޭ ބަދަލުތައް ގެނައުމުގެ ހުއްދަދިނުން.

(ނ) ޕަބްލިކް ސަރވިސް މީޑިއާގެ މަގްސަދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ހިންގުމުގެ މަގުފަހިކޮށްދީ، ފުރުސަތުތައް ތަނަވަސްކޮށްދިނުން.

(ރ) ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ މަގާމުތަކަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މީހުން އައްޔަންކުރުމާއި، އެފަދަ މަގާމުތަކުން މީހުން ވަކިކުރުމުގައި ކުރަންޖެހޭ ކަންކަން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.

(ބ) މި މާއްދާގައި އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް، ގަވަރނިންގ ބޯޑުން ކުރަންޖެހޭ ކަންކަމުގެ ގޮތުގައި މި ގާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި ކަންކަން ކުރުން.

 

25 ވަނަ މާއްދާ - ގަވަރނިންގ ބޯޑުން ކޮށްގެން ނުވާނެ ކަންކަން

(ހ) ދުވަހުން ދުވަހަށް ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް ކުރަމުންދާ ކަންކަމުގެ ތެރެއަށް، ގަވަރނިންގ ބޯޑުން ވަދެގެން ނުވާނެއެވެ.

(ށ) ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް އައްޔަންކުރެވޭ ވެރިންނާއި މުވައްޒަފުންގެ އެޑިޓޯރިއަލް މިނިވަންކަމުގެ ތެރެއަށް ގަވަރނިންގ ބޯޑުން ވަދެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ކުންފުނީގެ އާންމު އެޑިޓޯރިއަލް ސިޔާސަތުތަކާއި ބޯޑުގެ ނިންމުންތަކާ ހިލާފުކަމެއް ހިނގަމުންދާކަމަށްވާނަމަ، އެކަން ރަނގަޅުކުރުމަށް ކުންފުނީގެ އިސް މެނޭޖްމަންޓަށް މަށްވަރާދިނުމަކީ ގަވަރނިންގ ބޯޑުން ކުރަންޖެހޭނެ ކަމެކެވެ.

 

26 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރުގެ މުއްދަތު

ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑަށް މެންބަރަކު އައްޔަންކުރެވޭނީ 7 (ހަތެއް) އަހަރުދުވަހުގެ ދައުރަކަށެވެ.

 

27 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު

ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުކަމުގައި އެކަކަށް އެންމެ ދިގު މުއްދަތަކަށް ހުރެވޭނީ 7 (ހަތެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރަށެވެ.

 

28 ވަނަ މާއްދާ - މަގާމުން އިސްތިއުފާދިނުން

ގަވަރނިންގ ބޯޑުގެ މެންބަރަކު އެ މަގާމުން އިސްތިއުފާދޭން ބޭނުންވެ، އިސްތިއުފާދިންކަމުގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން، ކުންފުނީގެ ގަވަރނިންގ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އެކަން އެންގުމާއެކު އެ މެންބަރުކަމުގެ މަގާމުން ވަކިވާނެއެވެ.

 

29 ވަނަ މާއްދާ - މަގާމުން ވަކިކުރުން

ގަވަރނިންގ ބޯޑުގެ މެންބަރުކަމުގެ މަގާމުން މެންބަރަކު ވަކިކުރެވޭނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

(ހ) މެންބަރަކު މަގްބޫލު އުޒުރެއްނެތި ގަވަރނިންގ ބޯޑުގެ ޖަލްސާތަކަށް ހާޒިރުނުވާތާ ވިދިވިދިގެން 3 (ތިނެއް) މަސްދުވަސް ފާއިތުވުން.

(ށ) މެންބަރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ގަވަރނިންގ ބޯޑުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްކޮށް، އެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރުމުން.

(ނ) ގަވަރނިންގ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް ފެނިއްޖެކަމަށް ނިންމައި، އެ ނިންމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރުމުން.

 

30 ވަނަ މާއްދާ - މަގާމުން ވަކިވުން

މި ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރެއްގެ ކިބައިން އުނިވެއްޖެނަމަ، އެ މެންބަރަކު ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުކަމުން ވަކިވާނެއެވެ.

 

31 ވަނަ މާއްދާ - މަގާމު ގެއްލޭ ހާލަތުގައި ހައްގު ހޯދުން

މި ގާނޫނުގެ 29 ވަނަ މާއްދާއާއި، 30 ވަނަ މާއްދާ، މި މާއްދާތަކުގައި ބަޔާންކުރާގޮތަށް މެންބަރުކަމުގެ ދައުރުގެ މުއްދަތު ހަމަނުވަނީސް ގަވަރނިންގ ބޯޑުގެ މެންބަރަކު މަގާމުން ވަކިކުރެވިއްޖެނަމަ، އޭނާ ވަކިކުރި ވަކިކުރުމާ ދެކޮޅަށް ށަރުއީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އޭނާއަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - ހުސްވާ މަގާމަށް އަލުން މެންބަރަކު ހޮވުން

މި ގާނޫނުގެ 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއާއި، 30 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަލުން އެ މަގާމަށް މެންބަރަކު އައްޔަންކުރުމުގެ ކަންކަން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފުރިހަމަކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ދައުރު ހަމަވާ މަގާމަށް އަލުން މެންބަރަކު ހޮވުން

ކޮންމެ މެންބަރެއްގެވެސް މެންބަރުކަމުގެ ދައުރުގެ މުއްދަތު ހަމަވާން 3 (ތިނެއް) މަސްދުވަހަށް ވުމުން، އެ މެންބަރުގެ ދައުރުގެ މުއްދަތު ހަމަވުމުން ދެން އެ މަގާމަށް އަލުން އައްޔަންކުރާ މެންބަރެއްގެ ކަންކަން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފުރިހަމަކޮށް ނިންމައިދިނުން އެދި ގަވަރނިންގ ބޯޑުން ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.

 

34 ވަނަ މާއްދާ - ގަވަރނިންގ ބޯޑުގެ ރިޔާސަތު

(ހ) މި ގާނޫނުގެ ދަށުން ގަވަރނިންގ ބޯޑާ މަތިކޮށްފައިވާ ކަންކަން ކުރުމަށާއި، ގަވަރނިންގ ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް، ގަވަރނިންގ ބޯޑުގެ މެންބަރުންގެ ތެރެއިން ޗެއަރ ޕަރސަނަކާއި ވައިސް ޗެއަރ ޕަރސަނެއް ހޮވަންވާނެއެވެ.

(ށ) ޗެއަރ ޕަރސަނާއި ވައިސް ޗެއަރ ޕަރސަން ހޮވާނީ ގަވަރނިންގ ބޯޑުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

(ނ) ޗެއަރ ޕަރސަނާއި ވައިސް ޗެއަރ ޕާރސަން މަގާމުން ވަކިކުރެވޭނީވެސް މި މާއްދާގެ (ށ) ގައި އެ ބުނާ މިންވަރުގެ ތާއީދެއް އެ މަގާމުތަކުން ވަކިކުރަން ލިބިގެންނެވެ.

(ރ) ޗެއަރ ޕަރސަނަކާއި ވައިސް ޗެއަރ ޕަރސަނެއް ހޮވުމަށް ބާއްވާ ގަވަރނިންގ ބޯޑުގެ ޖަލްސާގައި ވޯޓުނަގައި އެ ދެ މަގާމަށް މީހުން ހޮވުމާ ހަމައަށް ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރެވެ.

 

35 ވަނަ މާއްދާ – ޖަލްސާތައް

(ހ) މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ގަވަރނިންގ ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ށ) ގަވަރނިންގ ބޯޑުގެ ޖަލްސާތައް ބާއްވާނީ ޗެއަރ ޕަރސަންގެ އެންގުމަށެވެ. ޗެއަރ ޕަރސަނަށް އުޒުރެއް މެދުވެރިވެފައިވާ ހާލަތެއްގައި، ނުވަތަ މި ގާނޫނުގެ 34 ވަނަ މާއްދާގެ (ނ) ގައި ބުނާފަދަ ވޯޓެއް ޗެއަރ ޕާރސަނާމެދު ނަގާ ދަނޑިވަޅެއްގައި، ގަވަރނިންގ ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ އިހްތިޔާރު ވައިސް ޗެއަރ ޕަރސަނަށް ލިބިގެންވެއެވެ.

(ނ) ގަވަރނިންގ ބޯޑުގެ 3 (ތިނެއް) މެންބަރަކު ސަބަބު ބަޔާންކޮށް ޖަލްސާއެއް ބާއްވައިދިނުމަށް އެދެފި ހިނދެއްގައި، ބޯޑުގެ ޖަލްސާއެއް ޗެއަރ ޕަރސަން ބާއްވައިދޭންވާނެއެވެ.

(ރ) ގަވަރނިންގ ބޯޑުގެ ކޮންމެ އާންމު ޖަލްސާއެއްގެ ނޯޓިސް، އެ ޖަލްސާއެއް ބޭއްވުމުގެ 3 (ތިނެއް) ދުވަސް ކުރިން މެންބަރުންނަށް ފޮނުވަންވާނެއެވެ. އަދި ގަވަރނިންގ ބޯޑުގެ ކުއްލި ޖަލްސާއެއް ބާއްވަންޖެހޭ ހާލަތްތަކާއި، އެ ޖަލްސާތަކަށް ނޯޓިސްދޭނެ އުސޫލު
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) ގަވަރނިންގ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދަކީ 4 (ހަތަރެއް) މެންބަރުންނެވެ.

(ޅ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ބޯޑުގެ ނިންމުމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

 

36 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

(ހ) ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ ޗެއަރ ޕަރސަނާއި ވައިސް ޗެއަރ ޕަރސަނާއި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރާއި 2 (ދޭއް) ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއި ބޯޑުގެ އެހެން މެންބަރުންގެ މަސައްކަތްތަކަށް ރިއާޔަތްކޮށް އެފަރާތްތަކަށް، މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ކަނޑައަޅަންވާނެއެވެ. މިގޮތުން މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ފިޔަވައި ގަވަރނިންގ ބޯޑުގައި ހިމެނޭ އެހެން މެންބަރުންނަށް ބޯޑުގެ ކޮންމެ ޖަލްސާއަކަށް ވަކި މިންވަރެއްގެ އުޖޫރައެއްދޭ އުސޫލުން، ނުވަތަ މި ގާނޫނުން ބޯޑާ މަތިކޮށްފައިވާ ޒިންމާތަކާއި މަސައްކަތްތަކަށް ރިއާޔަތްކޮށް ޕާޓް ޓައިމް އުޖޫރައެއް ދޭ އުސޫލުންވެސް މިކަން ހަމަޖެއްސިދާނެއެވެ.

(ށ) ގަވަރނިންގ ބޯޑުގެ މެންބަރުންނަށް މި މާއްދާގެ (ހ) ގެ ދަށުން ދެވޭ އުޖޫރައިގެ އިތުރުން، ދައުލަތުގެ މިފަދަ އިދާރާތަކާ މުއައްސަސާތައް ހިންގުމަށް އެކުލަވާލެވޭ ބޯޑުތަކުގެ މެންބަރުންނަށް ދެވޭ ހެލްތު އިންށުއަރެންސް ފަދަ އިނާޔަތްތައް ދޭން ކަނޑައެޅުމުގެ އިހްތިޔާރު ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - އެހެން ވަޒީފާތަކާ މަސައްކަތްތައް ކުރުމުގެ އުސޫލު

(ހ) ގަވަރނިންގ ބޯޑުގެ މެންބަރުންގެ ތެރެއިން، މި ގާނޫނުގެ 38 ވަނަ މާއްދާގައި ބުނާ ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓަށް ކަނޑައަޅާ 3 (ތިނެއް) މެންބަރުން ފިޔަވައި، ބާކީ ތިބި 4 (ހަތަރެއް) މެންބަރުންނަށްވެސް މި ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ވަޒީފާތަކާއި، ޕަބްލިކް ސަރވިސް މީޑިއާގެ ވަޒީފާއެއް ފިޔަވައި އެހެން ވަޒީފާތައް އަދާކުރެވޭނެއެވެ. ނަމަވެސް މިގޮތުން އަދާކުރާ ވަޒީފާއެއްގެ ސަބަބުން، މި ގާނޫނުގައި ގަވަރނިންގ ބޯޑުގެ މެންބަރުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަމުން ދިއުމަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެއެވެ.

(ށ) މި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސިޔާސަތުތަކާ ފުށުނާރާނެ ގޮތުގެމަތިން، މުޖްތަމައަށް ފައިދާހުރި އިލްމީ މަސައްކަތްތައް އެމީހެއްގެ އިލްމާއި ގާބިލުކަން ހުރި މިންވަރަކުން ކުރަމުން ގެންދިއުމަކީ، ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ އެއްވެސް މެންބަރަކަށް މަނާކަމެއް ނޫނެވެ.

 

38 ވަނަ މާއްދާ - އިސް މެނޭޖްމަންޓް

(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ ޗެއަރ ޕަރސަނަކާއި ވައިސް ޗެއަރ ޕަރސަނެއް ހޮވުމާއެކު، ވީ އެންމެ އަވަހަކަށް، ޕަބްލިކް ސަރވިސް މީޑިއާ ހިންގާނެ އިސް މެނޭޖްމަންޓުގެ ގޮތުގައި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރާއި، ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން، ގަވަރނިންގ ބޯޑުގެ މެންބަރުންގެ ތެރެއިން ހޮވަންވާނެއެވެ.

(ށ) ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަށް ހޮވޭނީ، ގަވަރނިންގ ބޯޑުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުގެ ތާއީދު ލިބިގެންނެވެ.

(ނ) ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އެ މަގާމުތަކުން ވަކިކުރެވޭނީ، ބޯޑުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުގެ ތާއީދު ލިބިގެންނެވެ.

(ރ) އެއްވެސް ސަބަބަކާހުރެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގެ ކަންކަން އިސްވެ ބަލަހައްޓާނީ، ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ތެރެއިން ވަގުތީ ގޮތުން އެ މަގާމާ ހަވާލުވުމަށް ގަވަރނިންގ ބޯޑުން ކަނޑައަޅާ މީހެކެވެ.

(ބ) އެއްވެސް ސަބަބަކާހުރެ ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ 3 (ތިނެއް) މަގާމު އެއްފަހަރާ ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުތަކަށް މީހުން ހަމަޖެއްސެންދެން، ޕަބްލިކް ސަރވިސް މީޑިއާ ވަގުތީ ގޮތުން ހިންގާނެ ފަރާތެއް، ގަވަރނިންގ ބޯޑުން ކަނޑައަޅަންވާނެއެވެ.

 

39 ވަނަ މާއްދާ - އިސް މެނޭޖްމަންޓުގެ މަގާމަކުން ވަކިކުރެވޭނެ ހާލަތް

ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ 3 (ތިނެއް) މަގާމުގެ ތެރެއިން މަގާމެއްގައި ހުރި މީހަކު، އެ މަގާމުން ވަކިކުރުމަށް، މި ގާނޫނުގެ 38 ވަނަ މާއްދާގެ (ނ) ގެ ދަށުން ގަވަރނިންގ ބޯޑަށް ލިބިދޭ ބާރު، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

(ހ) މި ގާނޫނުގެ ދަށުން އޭނާ އުފުލަންޖެހޭ މަސްއޫލިއްޔަތެއް ނުއުފުލުން ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން.

(ށ) މި ގާނޫނުގައި ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް ކަނޑައަޅާފައިވާ އާންމު ސިޔާސަތުތަކާ ހިލާފުވުން.

 

40 ވަނަ މާއްދާ - ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ

(ހ) މި ގާނޫނުގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަން ނިންމައި، ދުވަހުން ދުވަހަށް ކުންފުނި ހިންގުމުގެ ޒިންމާ އުފުލާނީ ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓުންނެވެ.

(ށ) ކުންފުނީގެ އެޑިޓޯރިއަލް ސިޔާސަތުތައް ހިންގައި، ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ފަރާތަކީވެސް ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓެވެ.

(ނ) ޕަބްލިކް ސަރވިސް މީޑިއާ ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާނެ އުސޫލުތައް ކަނޑައަޅައި، އެންގުންތައް އަންގައި، ކަންކަން ހިނގާ ނުހިނގާގޮތް ބެލުމަކީ އިސް މެނޭޖްމަންޓުން ކުރަންޖެހޭނެ ކަމެކެވެ.

(ރ) ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަކީ މީޑިއާގެ ދާއިރާ ނުވަތަ ޓެލެކޮމިޔުނިކޭށަންގެ ދާއިރާއާ ގުޅުންހުރި އެހެން އެއްވެސް އަމަލީ ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެން ނުވާނެއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގައި އެމީހުންނާ މަތިކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އެމީހުން އިސްކަންދީ، އެކަމަށް ވަގުތު ދޭންވާނެއެވެ.

 

41 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާގެ ވެރިންނާއި މުވައްޒަފުން

(ހ) ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ ދަށުން އެ ކުންފުނި ހިންގާނެ ވެރިންނާއި މުވައްޒަފުންގެ އޮނިގަނޑު މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކަނޑައެޅުމުން، އެ އޮނިގަނޑަށް ފެތޭނެ ގޮތުގެމަތިން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް އެކި ފެންވަރުގެ ވެރިންނާއި މުވައްޒަފުން ހަމަޖައްސަމުން ގެންދާނީ އިސް މެނޭޖްމަންޓުންނެވެ.

(ށ) މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ވެރިންނާއި މުވައްޒަފުން މަގާމުތަކަށް ހަމަޖައްސަމުން ދިއުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ އެކި ފަންތީގެ ވަޒީފާތަކުގައި ކުރިން ތިބި ވެރިންނާއި މުވައްޒަފުން، ޕަބްލިކް ސަރވިސް މީޑިއާގެ ވަޒީފާގެ އޮނިގަނޑަށް ފެތޭގޮތަށް އެކި މަގާމުތަކަށް ބަދަލުކުރުމާއި، އޮނިގަނޑަށް ނުފެތޭ މުވައްޒަފުން ވަކިކުރުމާއި އެކި މަގާމުތަކަށް އަލަށް މުވައްޒަފުން އައްޔަންކުރުމުގެ އިހްތިޔާރު އިސް މެނޭޖްމަންޓަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތުގެމަތިން މަގާމު ބަދަލުކުރާ ނުވަތަ މަގާމުން ވަކިކުރާ މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ހަމަޖައްސައިދޭންޖެހޭ
ބަދަލެއް ނުވަތަ ކޮމްޕެންސޭށަނެއް ވާނަމަ އެކަން ހަމަޖައްސައިދޭންވާނެއެވެ.

 

ފަސްވަނަ ބައި: ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް

42 ވަނަ މާއްދާ - ހިދުމަތުގެ މައިގަނޑު އަމާޒު

ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތުގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނީ، ދުނިޔެއަށް އަންނަމުންދާ ތަރައްގީއާއެކު، މީޑިއާގެ އެންމެ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، މި ގާނޫނުގައި ބުނާ މަގްސަދުތައް ހާސިލުކުރުމާއި، މި ގާނޫނުގައި ބުނާ އާންމު ސިޔާސަތުތަކާ ހަމަތައް ތަންފީޒުކުރުމެވެ.

 

43 ވަނަ މާއްދާ - ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން

ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ދިވެހި އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތްކުރަންވާނެއެވެ. އަދި އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރަމުން ގެންދަންވާނެއެވެ.

 

44 ވަނަ މާއްދާ - ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިޔަ، ޓީވީއާއި ރޭޑިއޯއާއި ހަބަރާއި މައުލޫމާތު ފެތުރުމުގެ އެނޫންވެސް ހިދުމަތްތައް މެދުކެނޑުމެއްނެތި ޕަބްލިކް ސަރވިސް މީޑިއާއިން ދެމުން ގެންދަންވާނެއެވެ.

 

45 ވަނަ މާއްދާ - ހިދުމަތުގެ އައު ތަސައްވުރު

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ޒަމާނީކުރުމާއި އެ ހިދުމަތް ފުޅާކުރަމުން ގެންދާނެގޮތުގެ ޕްލޭނެއް ގަވަރނިންގ ބޯޑުން އެކުލަވާލަންވާނެއެވެ. މި ޕްލޭންގެ ދަށުން، 1 (އެކެއް) ވެބްސައިޓް، 1 (އެކެއް) ޓީވީ ޗެނަލް، 1 (އެކެއް) ރޭޑިއޯ ޗެނަލް، އަދި ޕްރިންޓް މީޑިއާގެ ހިދުމަތްދޭ
1 (އެކެއް) ވަސީލަތް ޕަބްލިކް ސަރވިސް މީޑިއާއިން ދިނުން ލާޒިމު ހިދުމަތްތަކެއްގެ ގޮތުގައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައި އެވާ ޕްލޭންގައި، ނިއު މީޑިއާގެ ގޮތުގައި ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ފޯރުކޮށްދޭ ސޯށަލް މީޑިއާގެ ޒަމާނީ އެކި ވަސީލަތްތަކާއި، ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ފޯރުކޮށްދިނުމުގައި ދުނިޔޭގެ މަގްބޫލުކަން ހޯދަމުންދާ އައު އުސޫލުތަކާއި ޓެކްނޮލޮޖީތަކަށް ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާ ވަންނަމުން، ކުރިއަރަމުންދާނެ ވިސްނުންތަކެއް ހިމަނައި، މި ޕްލޭނާ އެއްގޮތަށް ޕަބްލިކް ސަރވިސް މީޑިއާ ހިންގަން ފަށައިގަންނަންވާނެއެވެ.

 

46 ވަނަ މާއްދާ - ހިދުމަތަށް ހުއްދަދިނުން

(ހ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި، ޕަބްލިކް ސަރވިސް މީޑިއާއިން ދިނުން ލާޒިމުކަމަށް ބުނެފައި އެވާ 4 (ހަތަރެއް) ހިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ފްރީކުއެންސީ، ޑޮމެއިން، އަދި ރެޖިސްޓްރޭށަން ފަދަ ކަންކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކަށަވަރުކޮށްދޭންވާނެއެވެ.

(ށ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި، ޕަބްލިކް ސަރވިސް މީޑިއާއިން ދިނުން ލާޒިމުކަމަށް ބުނެފައި އެވާ 4 (ހަތަރެއް) ހިދުމަތުގެ އިތުރަށްވެސް ތަފާތު ވެބްސައިޓާއި ޓީވީއާއި ރޭޑިއޯ ޗެނަލާއި އަދި ނޫސް މަޖައްލާގެ ހިދުމަތް ޕަބްލިކް ސަރވިސް މީޑިއާއަށް ދެމުން ގެންދެވިދާނެއެވެ. ނަމަވެސް އިތުރުކުރެވޭ ހިދުމަތްތަކަށް ރެޖިސްޓްރޭށަން ހެދުން، ފްރީކުއެންސީ ހޯދުން، ޑޮމެއިން ނެގުން ފަދަ ކަންކަމުގައި މިފަދަ ހިދުމަތްދޭ އެހެން ފަރާތްތަކާ ތަފާތު ވަކި ހާއްސަ އިމްތިޔާޒުތަކެއް ޕަބްލިކް ސަރވިސް މީޑިއާއަށް ވީތީ ލިބިއެއް ނުދެވޭނެއެވެ.

 

47 ވަނަ މާއްދާ - މީޑިއާއާ ގުޅުންހުރި ވިޔަފާރިތައް ކުރުން

(ހ) ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމާ ގުޅުންހުރި އެކި ބާވަތުގެ ފަންނުވެރިކަމާއި ލިޔުންތެރިކަމާއި އަދަބީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި، އެފަދަ މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކުގެ އުފެއްދުންތައް ގަތުމާއި އެފަދަ އުފެއްދުންތަކުން ވިޔަފާރިކުރުމަކީ ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭކަމެކެވެ.

(ށ) ޕަބްލިކް ސަރވިސް މީޑިއާ އުފެއްދި މަގްސަދުތައް ދިވެހި ރައްޔިތުންނަށް ހާސިލުކޮށްދިނުމަށްޓަކައި، އެކި ބާވަތުގެ ތަގްރީރު، ބަހުސް، ޑޮކިއުމެންޓްރީ، ފިލްމު، ޑްރާމާ، ލަވަ އަލްބަމް، ފޮތް ށާއިއުކުރުމާއި އަދި މިނޫންވެސް މިބާވަތުގެ އުފެއްދުންތައް އުފައްދައި އޭގެ ވިޔަފާރި ކުރެވިދާނެއެވެ.

(ނ) މީޑިއާގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެކި ބާވަތުގެ ތަކެތީގެ ވިޔަފާރި ކުރުމުގެ އިހްތިޔާރުވެސް ޕަބްލިކް ސަރވިސް މީޑިއާއަށް ލިބިގެންވެއެވެ.

(ރ) ދިވެހި ރައްޔިތުން ބެލުމަށް ށައުގުވެރިވާނެ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ޓީވީ ޗެނަލްތަކާއި ކޭބަލް ޓީވީއާއި އިންޓަރނެޓް ފަދަ ވަސީލަތްތައް މެދުވެރިކޮށް ހެޔޮއަގުގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕަބްލިކް ސަރވިސް މީޑިއާއަށް ދެވިދާނެއެވެ.

 

48 ވަނަ މާއްދާ - ވިޔަފާރިއަށްވުރެ ހިދުމަތަށް އިސްކަން ދިނުން

(ހ) ޕަބްލިކް ސަރވިސް މީޑިއާގެ ކުރިއެރުމާއި ދެމިއޮތުމަށްޓަކައި، އެ ކުންފުނީގެ ހިދުމަތުގެ ދާއިރާގެ ތެރެއިން ވިޔަފާރި އުސޫލުން އެކި ކަންކަން ކުރެވޭގޮތަށް މި ގާނޫނުގައި ފުރުސަތު ފަހިކޮށްދީފައި އޮތްކަމުގައި ވީނަމަވެސް، މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އެވާ 4 (ހަތަރެއް) ހިދުމަތް ޕަބްލިކް ސަރވިސް މީޑިއާއިން ފޯރުކޮށްދޭންވާނީ، ރައްޔިތުންނާ ހަމައަށް ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކެއްގެ ގޮތުގައެވެ. އަދި މި ގާނޫނުގެ ދަށުން ވިޔަފާރި އުސޫލުން ދެވޭ ހިދުމަތްތަކުގެ ތެރެއަށް ޕަބްލިކް ސަރވިސް މީޑިއާއިން ވަންނަންވާނީ، މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އެވާ 4 (ހަތަރެއް) ހިދުމަތަކީ އެންމެ އިސްކަމެއްދީގެން ކުންފުނިންދޭ ހިދުމަތްތައް ކަމުގައި ހެދުމަށްފަހުއެވެ.

(ށ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ 4 (ހަތަރެއް) ހިދުމަތް ޕަބްލިކް ސަރވިސް މީޑިއާއިން ރައްޔިތުންނާ ހަމައަށް ހިލޭ ފޯރުކޮށްދިނުމުގެ މާނައަކީ، އެއިން އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމުގެ މުގާބިލުގައި ޕަބްލިކް ސަރވިސް މީޑިއާއަށް ރައްޔިތެއްގެ އަތުން އެއްވެސް އަގެއް ނުނެގުމެވެ. އިންޓަރނެޓް ނުވަތަ ކޭބަލް ޓީވީ ފަދަ ވަސީލަތެއް މެދުވެރިކޮށް މިއިން ހިދުމަތެއް ފޯރުކޮށްދޭ އޮޕަރޭޓަރަކު އެފަރާތުން އެކޮށްދޭ މަސައްކަތަށް އަގެއް ނެގުމަކީ ޕަބްލިކް ސަރވިސް މީޑިއާއާ ގުޅުމެއްހުރި ކަމެއް ނޫނެވެ.

 

49 ވަނަ މާއްދާ - މީޑިއާގެ ހިދުމަތުގެ ދާއިރާއިން ތައުލީމާއި ތަމްރީން ދިނުން

މީޑިއާގެ ދާއިރާގައި ހިދުމަތްކުރާނެ ނޫސްވެރިންނާއި އެހެނިހެން ފަންނީ ހުނަރުވެރިން އުފައްދައި، ޒަމާނީ ތަމްރީނު ދިނުމަށްޓަކައި ހާއްސަ ޓްރެއިނިންގ ސެންޓަރެއް ޕަބްލިކް ސަރވިސް މީޑިއާގައި ގާއިމުކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - ގައުމީ ނިއުސް އެޖެންސީގެ ހިދުމަތް

ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ރާއްޖޭގެ ހަބަރާއި މައުލޫމާތު ދުނިޔެއަށް ފެތުރުމަށްޓަކައި އަދި ވިޔަފާރި އުސޫލުން އެފަދަ ބައެއް ހަބަރާއި މައުލޫމާތު އެކި ފަރާތްތަކަށް ވިއްކުމަށްޓަކައި ރާއްޖޭގެ ގައުމީ ނިއުސް އެޖެންސީއެއް އުފައްދަންވާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މި ނިއުސް އެޖެންސީ އުފައްދައި ހިދުމަތް ދޭން ފަށަންވާނެއެވެ.

 

ހަވަނަ ބައި: ޕަބްލިކް ސަރވިސް މީޑިއާގެ އަރުށީފު

51 ވަނަ މާއްދާ - އަރުށީފުގެ ގަވާއިދާއި އުސޫލުތައް

(ހ) ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން އުފައްދާ އެންމެހައި އުފެއްދުންތައް އަރުށީފުކުރުމުގައި އަމަލުކުރާނެ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ގަވަރނިންގ ބޯޑުން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމެނިފައިވާންވާނެއެވެ.

  1.  ޕްރިންޓް މީޑިއާގެ އުފެއްދުންތައް އަރުށީފުކުރެވޭނެ އުސޫލު.
  2. އިންޓަރނެޓް މެދުވެރިކޮށް، ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމުގެ އެކި ދާއިރާތަކުގައި ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުންތައް އަރުށީފުކުރެވޭނެ އުސޫލު.
  3. ޕަބްލިކް ސަރވިސް މީޑިއާއިން ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް ދުރަށް ފޮނުވާ އުފެއްދުންތައް އަރުށީފުކުރެވޭނެ އުސޫލު.'
  4. މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއިން އުފައްދާ، ނުވަތަ ވިޔަފާރި އުސޫލުން ގަނެވިއްކާ އުފެއްދުންތައް އަރުށީފުކުރާނެ އުސޫލު.

(ނ) ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުންތައް އަރުށީފުކުރާނެ އުސޫލު ބަޔާންކުރާ ގަވާއިދުގައި ޒަމާންތަކަށް ދެމިހުންނަގޮތަށް އަރުށީފުކޮށް ރައްކާކުރަންޖެހޭ އުފެއްދުންތަކަކީ ކޮބައިކަން ބަޔާންކޮށްދެވިފައި އޮންނަންވާނެއެވެ.

(ރ) ޒަމާންތަކަށް ދެމިހުންނާނެހެން އަރުށީފުކޮށް ރައްކާކުރަންޖެހޭ މުހިންމު އުފެއްދުންތައް ފިޔަވައި، ޕަބްލިކް ސަރވިސް މީޑިއާގެ އެހެނިހެން އުފެއްދުންތައް އަރުށީފުކޮށްފައި ބަހައްޓަންޖެހޭނީ އެ އުފެއްދުމެއް އާންމުންނާ ހަމައަށް ފޯރުކޮށްދޭން ފަށާ ތާރީހުން ފެށިގެން މަދުވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ.

(ބ) ޕަބްލިކް ސަރވިސް މީޑިއާގެ އެއްވެސް އުފެއްދުމަކާމެދު ށަރުއީ ކޯޓެއްގައި ދައުވާއެއް އުފުލިއްޖެ ހާލަތެއްގައި އެ އުފެއްދުމަކާ ގުޅޭ މައްސަލައިގައި ފައިސަލާކުރަނިވި ނިންމުމެއް ށަރުއީ މަރުހަލާއިން ނިންމަންދެން އެ އުފެއްދުމެއް އަރުށީފުކޮށްފައި ބަހައްޓަންވާނެއެވެ.

 

52 ވަނަ މާއްދާ - ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފުން

މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ވަރަށް މުހިންމު ގައުމީ އަދި ތާރީހީ އުފެއްދުންތަކެއް ޕަބްލިކް ސަރވިސް މީޑިއާގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނިގެންދާތީ، ޕަބްލިކް ސަރވިސް މީޑިއާގެ ވީހާވެސް ގިނަ އުފެއްދުމެއް ޒަމާންތަކަށް ދެމިހުންނާނެހެން ރައްކާކޮށް އަރުށީފުކޮށްފައި ބެހެއްޓުމަށްޓަކައި، ޖާގަބޮޑު، ހަރަދު ކުޑަ، އަދި ޔަގީންކަން ބޮޑު ޒަމާނީ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފަމުން ގެންދިއުމަކީ، އަދި ޕަބްލިކް ސަރވިސް މީޑިއާގައި އިތުބާރުހުރި ޒަމާނީ އަރުށީފެއް ގާއިމުކުރުމަކީ، މި ގާނޫނު ލާޒިމުކުރާކަމެކެވެ.

 

53 ވަނަ މާއްދާ - އަރުށީފުގެ މަންފާ ލިބިދިނުން

(ހ) ޕަބްލިކް ސަރވިސް މީޑިއާގެ އަރުށީފުގައި ހުންނަ އޯޑިއޯ ވީޑިއޯ އަދި ލިޔެކިޔުންފަދަ ތަކެތީގެ ނަކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް ވިއްކޭނެ އުސޫލުތަކެއް ގާއިމުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ އުސޫލުތަކަށް އަމަލުކުރަން ފަށަންވާނެއެވެ.

(ށ) ޕަބްލިކް ސަރވިސް މީޑިއާގެ އަރުށީފުގައި ހުންނަ އޯޑިއޯ ވީޑިއޯ އަދި ލިޔެކިޔުންފަދަ ތަކެތި، ކިޔަވާކުދިންނަށާއި ރިސަރޗްކުރާ ފަރާތްތަކަށް ބަލައި އަޑުއަހައި ދިރާސާކުރެވޭނެ އުސޫލުތަކެއް ގާއިމުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ އުސޫލުތަކަށް އަމަލުކުރަން ފަށަންވާނެއެވެ.

 

ހަތްވަނަ ބައި: އާމްދަނީއާއި މާލީ އެހީ

54 ވަނަ މާއްދާ - އާމްދަނީއާއި މާލީއެހީ ހޯދޭނެ ގޮތްތައް

ޕަބްލިކް ސަރވިސް މީޑިއާއިން އާމްދަނީއާއި މާލީ އެހީ ހޯދަންވާނީ އަންނަނިވި ގޮތްތަކުންނެވެ.

(ހ) ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ދޭ ފައިސާ.

(ށ) ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ގުޅިގެން ދައުލަތުންދޭ އެހީ.

(ނ) ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ގުޅިގެން ދައުލަތުގެ ފަރާތުން ގެރެންޓީކޮށްދީގެން ހޯދާ ލޯން.

(ރ) އިށްތިހާރުކޮށްދީގެން ހޯދާ ފައިސާ.

(ބ) ސްޕޮންސަރުންގެ އަތުން ހޯދާ ފައިސާ.

(ޅ) ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށާއި ޖަމާއަތަށް ފައިދާހުރި އެކި އުފެއްދުންތައް އިތުރުކުރުމަށް ރާއްޖެއާއި ރާއްޖޭން ބޭރުން ހޯދާ އެހީ.

(ކ) ޕަބްލިކް ސަރވިސް މީޑިއާ އުފެއްދި މަގްސަދުތަކާއި އާންމު އުސޫލުތަކާއި އަދި މި ގާނޫނާ ހިލާފުނުވާނެ ގޮތުގެމަތިން ގަވަރނިންގ ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން އެކި ބާވަތުގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ.

 

55 ވަނަ މާއްދާ - ދައުލަތުން ދޭންޖެހޭ ފައިސާ

(ހ) މި ގާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ޕަބްލިކް ސަރވިސް މީޑިއާއަށް ކޮންމެ އަހަރަކުދޭ ފައިސާއަކީ، އެންމެ މަދުވެގެން މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނާ 4 (ހަތަރެއް) ހިދުމަތް، މުވައްޒަފުންނާއި ވަސީލަތްތަކާއެކު ހިންގައި ރައްޔިތުންނާ ހަމައަށް މުޅި އަހަރުތެރޭ ފޯރުކޮށްދެވޭނެ މިންވަރަށް ދޭ ފައިސާއަކަށްވާންވާނެއެވެ.

(ށ) ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ މާލީ އަހަރަކަށް ފައިސާ ހޯދުމަށްޓަކައިވެސް، މާލީ އަހަރު ފެށުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން، ކުރިއަށް އޮތް އަހަރު ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދާއި، ޕަބްލިކް ސަރވިސް މީޑިއާ ހިންގައިގެން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ މައްޗަށް ބިނާކޮށް ބަޖެޓެއް ތައްޔާރުކޮށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ. އަދި މި ބަޖެޓާއެކު، ނިމިދިޔަ މާލީ އަހަރުގެ މާލީ ހިސާބުތައް، ރާއްޖޭގައި ލައިސަންސް ލިބިފައިވާ އޮޑިޓް ފަރމަކުން އޮޑިޓްކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

(ނ) މި ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކާ ގުޅިގެން ދައުލަތުގެ އެހީއަށް، ނުވަތަ ލޯނެއް ހޯދުމަށްޓަކައި ދައުލަތުގެ ގެރެންޓީއަށް އެދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައިފިނަމަ، ދައުލަތުގެ ފަރާތުން އެހިނދަކަށް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ޕަބްލިކް ސަރވިސް މީޑިއާއަށް ދޭންވާނެއެވެ.

 

56 ވަނަ މާއްދާ - ދައުލަތުން ދޭންޖެހޭ ފައިސާ

މި ގާނޫނުގެ 54 ވަނަ މާއްދާގެ (ރ) އާއި (ބ) ގެ ދަށުން، އިށްތިހާރުކޮށްދީގެންނާއި، ސްޕޮންސަރ ހޯދައިގެން އާމްދަނީ ހޯދުމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނާ 4 (ހަތަރެއް) ހިދުމަތް ދިނުމުގައި، އިންޓަރނެޓްގައި ފަރުމާކުރެވިފައިވާ ވެބްސައިޓްގެ ޖާގައިގެ، އަދި ރޭޑިއޯ ނުވަތަ ޓީވީއިން 1 (އެކެއް) ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރާ ޖުމްލަ ވަގުތުގެ، އަދި ނޫސް ނުވަތަ މަޖައްލާގެ ސަފްހާތަކުގެ ޖުމްލަ އަދަދުގެ 33 (ތިރީސް ތިނެއް) އިންސައްތައަށްވުރެ އިށްތިހާރަށް ދެވޭ ޖާގަ ނުވަތަ ވަގުތު އިތުރުނުކުރުން.

(ށ) ވެބްސައިޓާއި މަޖައްލާގައި އިށްތިހާރަށް ޖާގަދޭއިރު އަދި ބްރޯޑްކާސްޓްކުރަމުން ދިއުމުގައި އިށްތިހާރަށް ވަގުތުދޭއިރު އެއީ އިށްތިހާރަށް ދެވިފައިވާ ވަގުތުކަމާއި ޖާގަކަން އެނގޭނޭ އިންތިޒާމެއްގެމަތިން އިށްތިހާރުކުރަމުން ގެންދިއުން.

(ނ) އިށްތިހާރުތަކުގައި ހިމެނޭ މައުލޫމާތު، މިޔުޒިކް، މަންޒަރު ފަދަ ހުރިހާ ބައިތަކަކީވެސް ރާއްޖޭގެ ގާނޫނުތަކަށްފެތޭ، މުޖްތަމައުގެ އާންމު އަހްލާގީ މިންގަނޑު ގަބޫލުކުރާ ބައިތަކެއްކަން ކަށަވަރުކުރުން.

(ރ) ގާނޫނަކުން ބާރު ލިބިގެން ރާއްޖޭގައި ބޭއްވޭ އެކިއެކި އިންތިހާބުތަކާއި، ރައްޔިތުންގެ އާންމު ވޯޓުތައް ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިށްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލުމަށްފަހުނޫނީ އިންތިހާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިށްތިހާރުތައް ނުފޮނުވުމާއި ށާއިއުނުކުރުން.

(ބ) އެއްވެސް ފަރާތަކުން ސްޕޮންސަރކޮށްގެން ނުވަތަ ވަގުތާއި ޖާގަ ގަނެގެން އިންޓަރނެޓްގައި، ނޫސް މަޖައްލާގައި، ރޭޑިއޯއާއި ޓީވީގައި ޕްރޮގްރާމެއް ލިޔުމެއް ނުވަތަ އެނޫންވެސް ކަމެއް އާންމުކުރާނަމަ، އެއީ ވިޔަފާރި އުސޫލުން ސްޕޮންސަރކޮށްގެން ކުރާކަމެއްކަން އެނގޭނެގޮތް ހެދުން.

 

އަށްވަނަ ބައި: ގަވާއިދުތައް ހަދައި ހިންގުން

57 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުމުގެ އުސޫލު

(ހ) މި ގާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީ ގަވަރނިންގ ބޯޑުގެ ޒިންމާއެކެވެ.

(ށ) މި ގާނޫނުގައި ބުނާ ގަވާއިދުތަކާއި އަދި މި ގާނޫނު ތަންފީޒުކުރުމަށްޓަކައި މުހިންމުވާނެކަމަށް ގަވަރނިންގ ބޯޑަށް ފެންނަ އެންމެހައި ގަވާއިދުތައް ހެދުމުގެ ބާރު ގަވަރނިންގ ބޯޑަށް ލިބިގެންވެއެވެ.

(ނ) ވަކި މުއްދަތެއްގައި ހަދައި ނިންމުމަށް މި ގާނޫނުން ލާޒިމުކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ޕްލޭންތައް އެ މުއްދަތުގައި އެކުލަވާލައި ނިންމަންވާނެއެވެ.

(ރ) ވަކި މުއްދަތެއް ކަނޑަނާޅާ، ގަވަރނިންގ ބޯޑުން އެކުލަވާލަންވާނެކަމަށް މި ގާނޫނުގައި ބުނެފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ޕްލޭންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެކުލަވާލައި ނިންމަންވާނެއެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް މީޑިއާ ކޯޕަރޭށަންގެ އެންމެހައި މުދަލާ ވަސީލަތްތައް ޕަބްލިކް ސަރވިސް މީޑިއާގެ ދަށަށް ބަދަލުވާތީއާއި، މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް މެދުކެނޑުމެއްނެތި ޕަބްލިކް ސަރވިސް މީޑިއާ އުފެދުމާއެކު އެ ކުންފުނިން ދިނުން ލާޒިމުކޮށްފައިވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ހިންގުމަށްޓަކައި ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަކީ، މި ގާނޫނަށް އަމަލުކުރަން ފަށައިގަތުމާއެކު ޕަބްލިކް ސަރވިސް މީޑިއާވެސް ހިންގަމުން ގެންދަންވާނެ އުސޫލުތައް ކަމުގައި ބަލައިގަންނަންޖެހޭނެއެވެ. ނަމަވެސް ގަވަރނިންގ ބޯޑު އެކުލަވާލުމާއެކު އެ ބޯޑުގެ ފަރާތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ހިންގުމަށްޓަކައި ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތައް މުރާޖައާކޮށް، ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ފެތޭނެހެން އެ ގަވާއިދުތައް އަލުން އެކުލަވާލަންވާނެއެވެ.

 

58 ވަނަ މާއްދާ - ގަވާއިދު ހެދުން ލާޒިމުވާ ކަންކަން

ޕަބްލިކް ސަރވިސް މީޑިއާ ހިންގާނެގޮތުގެ ގަވާއިދުތައް އެކުލަވާލާއިރު، އަންނަނިވި ކަންކަމާ ގުޅޭ ގަވާއިދުތައް އެކުލަވާލެވިފައި ހުންނަންވާނެއެވެ.

(ހ) ގަވަރނިންގ ބޯޑުގެ ޖަލްސާތަކުގެ ގަވާއިދު.

(ށ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އެކިއެކި އުފެއްދުންތައް ގަނެ ވިއްކުމުގެ ކަންކަން ހިންގާނެގޮތުގެ ގަވާއިދު.

(ނ) މި ގާނޫނުގެ 54 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރުން އެހީ ހޯދުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު.

(ރ) އިށްތިހާރުކުރުމާއި ސްޕޮންސަރކުރުމުގެ ގަވާއިދު.

(ބ) އަރުށީފުކުރުމުގެ ގަވާއިދު.

(ޅ) ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތްތަކާމެދު ރައްޔިތުން ށަކުވާ ހުށަހެޅުމާއި އެ ށަކުވާ ބަލައި އަމަލުކުރާނެގޮތުގެ ގަވާއިދު.

(ކ) ޕަބްލިކް ސަރވިސް މީޑިއާއިން ބުނި އެއްޗެއް، ލިޔުނު އެއްޗެއް ނުވަތަ ފޮނުވި އެއްޗެއް ނުވަތަ ކުރި ކަމަކާ ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ރައްދުދޭން ބޭނުންވެއްޖެ ފަރާތަކަށް ރައްދުދިނުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅާ ގަވާއިދު.

(އ) ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކަށް އިށްތިހާރުކުރުމަށާއި ކެމްޕޭންކުރުމަށް އަދި އެނޫން ކަންކަމުގައިވެސް ހަމަހަމަ ފުރުސަތު ދިނުމުގެ ގަވާއިދު.

(ވ) އިންތިހާބުތަކުގައި ކެންޑިޑޭޓުންގެ ކެމްޕޭނަށް ހަމަހަމަ އުސޫލުން ފުރުސަތު ދިނުމުގެ ގަވާއިދު.

 

59 ވަނަ މާއްދާ - ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ ކޯޑު

ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުންތަކުގައި އަދި ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ފޯރުކޮށްދިނުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ ކޯޑެއް، ވަކި ގަވާއިދެއްގެ ގޮތުގައި މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާއިން އެކުލަވާލަންވާނެއެވެ. މި ބުނެވުނު ކޯޑުގައި އަންނަނިވި ކަންކަން ހިމެނިފައި ހުންނަންވާނެއެވެ.

(ހ) މައުލޫމާތުގެ ތެދުކަމާއި އިންސާފުވެރިކަމަށް ބަލާނެގޮތް.

(ށ) މީހުންގެ ޒާތީ ދިރިއުޅުމުގެ ހުރުމަތަށް ބަލާނެގޮތް.

(ނ) މީހުންނަށް ގޯނާކުރުމާއި އުނދަގޫކުރުންކަމަށް ބެލެވިދާނެ ކަންކަމުން ދުރަށް ދިއުމުގައި އަމަލުކުރާނެގޮތް.

(ރ) 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުދިން ހިމާޔަތްކުރުމަށް ހަދާނެގޮތް.

(ބ) ކުޑަކުދިންގެ ޕްރޮގްރާމްތަކާއި އެމީހުންނާ ނުގުޅޭ ޕްރޮގްރާމްތައް ދައްކާނެ ގަޑިތައް ވަކިގޮތަކަށް ފެއްތުމަށް އަމަލުކުރާނެގޮތް.

(ޅ) އަނިޔާވެރި އަމަލުތައް ކަމުގައި ނުވަތަ ޖިންސީ އަމަލުތައް ކަމުގައި ބެލިދާނެފަދަ އަމަލުތައް އާންމު ނުކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް.

(ކ) ހަރުކަށި ބަހުރުވަކަމަށް ނުވަތަ އެކަށީގެންނުވާ ބަހުރުވަކަމަށް ބެލެވޭ ބަސް އާންމު ނުކުރުމުގައި ހިފަހައްޓާނެ އުސޫލު.

(އ) އެކިއެކި އަނިޔާ ލިބިފައިވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތާއި އެކިއެކި ހިތާމަތައް ވެރިވެފައިވާ ފަރާތްތަކުގެ ކަންކަން ގެންނާނެގޮތް.

(ވ) ޖިނާއީ އަމަލުތަކާއި މުޖްތަމައުގެ އާންމު އަހްލާގީ ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލުތައް ގެނެސްނުދިނުމުގައި ހިފަހައްޓާނެ އުސޫލު.

(މ) މަސްލަހަތު ފުށުއަރާނެ ދަނޑިވަޅުތަކުގައި އަމަލުކުރާނެ ގޮތް.

(ފ) އެއް ހާލަތެއްގައި ތިބޭ ދެފަރާތެއް ތަފާތުނުކުރުމުގައި އަމަލުކުރާނެގޮތް.

(ދ) އެކިއެކި މައުލޫމާތުތައް ލީކުވިޔަނުދިނުމަށާއި އެކިއެކި މައުލޫމާތު ލިބޭ މަސްދަރުތައް ހިމާޔަތްކުރުމުގައި އަމަލުކުރާނެގޮތް.

 

ނުވަވަނަ ބައި: ޒިންމާ އުފުލުމާއި ޖަވާބުދާރީވުން

60 ވަނަ މާއްދާ - އޮޑިޓް ރިޕޯޓު

(ހ) ކޮންމެ މީލާދީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ނިމިދިޔަ އަހަރު ޕަބްލިކް ސަރވިސް މީޑިއާގެ މާލީ ކަންކަން ހިނގައިދިޔަ ގޮތުގެ އޮޑިޓެއް، ރާއްޖޭގައި އޮޑިޓްކުރުމުގެ ލައިސަންސް ލިބިފައިވާ އޮޑިޓް ފަރމަކުން ކުރުވައި، އަހަރީ އޮޑިޓް ރިޕޯޓެއް އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެވުނު އޮޑިޓް ރިޕޯޓު އެކުލަވާލާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.

 

61 ވަނަ މާއްދާ - އަހަރީ ރިޕޯޓު

ކޮންމެ މީލާދީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފާއިތުވި އަހަރު ޕަބްލިކް ސަރވިސް މީޑިއާ ހިނގައިދިޔަ ގޮތުގެ އަހަރީ ރިޕޯޓު އެކުލަވާލައި، އެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓު އާންމުންނަށް ފެންނާނެހެން ހާމަކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ ކަންކަން

ޕަބްލިކް ސަރވިސް މީޑިއާގެ އަހަރީ ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) އަހަރީ އާމްދަނީއާއި ހަރަދުގެ ހުލާސާ.

(ށ) މިހާރު ހިނގަމުންދާ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ހުލާސާ.

(ނ) ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނަށް އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ވޭތުވެދިޔަ އަހަރު އައި ބަދަލުތައް.

(ރ) ޕަބްލިކް ސަރވިސް މީޑިއާގެ މަގްސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރެވުނު މިންވަރު.

(ބ) ކުންފުނީގެ ކަންކަން ހިނގައިދިޔަ ގޮތުގެ އާންމު ބަޔާނެއް.

(ޅ) އަހަރު ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުންތެރިކަން ހުރިގޮތް.

(ކ) ޕަބްލިކް ސަރވިސް މީޑިއާ ހަރުދަނާކުރުމަށް ކުރިމަގުގައި އަޅަން ފެންނަ ފިޔަވަޅުތައް.

(އ) އާންމުކޮށް ލިބެމުންދާ ށަކުވާތަކާއި، އެ ށަކުވާތަކާ ގުޅިގެން ކުންފުނިން އަޅަމުންދާ ފިޔަވަޅުތައް، އަދި އެ ށަކުވާތަކާމެދު ކުންފުނިން ދެކޭގޮތް.

(ވ) އަހަރު ތެރޭގައި ފާހަގަކޮށްލެވޭ ހާއްސަކަމެއް ހިނގާފައިވާނަމަ އެކަމެއް.

 

 

 

 

ޖަދުވަލު 1

 (ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަމާއި ނިށާން)

 

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ވަޒީފާއެއް އަދާނުކުރާނެކަމުގެ އިގްރާރު

 

ފުރިހަމަ ނަން:

 

ދާއިމީ އެޑްރެސް:

 

މިހާރު ދިރިއުޅޭ އެޑްރެސް:

 

އައިޑެންޓިޓީ ކާޑު ނަންބަރު:

 

އުފަންވީ މީލާދީ ތާރީހު:

 

މިހާރު އަދާކުރާ ވަޒީފާ:

 

 

އަހުރެން .......... (ފުރިހަމަ ނަން)، .......... (އައިޑެންޓިޓީ ކާޑު ނަންބަރު) އަކީ ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ، (ސިވިލް ސަރވިސްގެ މުވައްޒަފެއް، ދައުލަތުގެ ތިން ބާރުންކުރެ ބާރެއްގެ މުވައްޒަފެއް، ސަރުކާރު ހިއްސާވާ އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހެއް، ސިޔާސީ ޕާޓީއެއްގެ މުވައްޒަފެއް، އިންތިހާބުކުރެވިގެން ނުވަތަ އައްޔަންކުރެވިގެން ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި މީހެއް، ދައުލަތުގެ އެއްވެސް މުއައްސަސާއެއް ނުވަތަ އިދާރާއެއްގެ މުވައްޒަފެއް) މަގާމުތަކުންކުރެ މަގާމެއްގައި ހުރި މީހަކު ކަމަށްވާނަމަ، ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން އެ މުއައްސަސާގެ ގަވަރނިންގ ބޯޑަށް އަހުރެން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިއްޖެ ހާލަތެއްގައި، މަގާމު ދޫކޮށްލުމަށް އަހުރެން އިގްރާރުވަމެވެ.

 

ސޮއި:

ނަން:

އައިޑެންޓިޓީ ކާޑު ނަންބަރު:

ތާރީހު:

 

 ------------------

 

ޖަދުވަލު 2

 (ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަމާއި ނިށާން)

ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކުށުގެ ރެކޯޑު ފޯމު

ކަމާބެހޭ ފަރާތްތަކަށް:

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 16 ވަނަ މާއްދާގެ (އ) ގައި ބުނާ ގޮތުގެމަތިން، މި ފޯމު ފުރިހަމަކުރުމުގައި ބަލާނީ، މި ފޯމުގައި ރެކޯޑު ސާފުކުރެވޭ މީހާއަކީ، ގާނޫނުގައި ބަޔާންވެފައިވާ މަކަރާ ހީލަތުގެ ކުށެއް، ނުވަތަ ކޮރަޕްށަންގެ ކުށެއް، ނުވަތަ މާރާމާރީގެ ކުށެއް، ނުވަތަ ވައްކަމުގެ ކުށެއް ށަރީއަތަށް ސާބިތުވެ، އެ ކުށުގެ އަދަބު ތަންފީޒުކޮށް ނިމުނުތާ 5 (ފަހެއް) އަހަރު ހަމަނުވާ، ނުވަތަ އެ ކުށުގެ އަދަބަށް މައާފު ލިބުނުތާ 5 (ފަހެއް) އަހަރު ހަމަނުވާ މީހެއްތޯއެވެ.

ރެކޯޑު ސާފުކުރެވޭ މީހާގެ މައުލޫމާތު:

ފުރިހަމަ ނަން:

ދާއިމީ އެޑްރެސް:

މިހާރު ދިރިއުޅޭ އެޑްރެސް:

އެންމެފަހުން އުޅުނު އެޑްރެސް:

އައިޑެންޓިޓީ ކާޑު ނަންބަރު:

އުފަން ތާރީހް:

 

 

ކުށުގެ ރެކޯޑު ސާފުކުރަންވި ތަންތަން:

 

އިދާރާ / ކޯޓު

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 16 ވަނަ މާއްދާގެ (އ) ގައި ބުނާ ފަދަ މައްސަލައެއް

އިދާރާ / ކޯޓުގެ ފަރާތުން މައުލޫމާތު ދިން ފަރާތުގެ ނަމާއި، މަގާމް

މައުލޫމާތު ދިން ފަރާތުގެ ސޮއިއާއި، އިދާރާ / ކޯޓުގެ ތައްގަނޑު

ތާރީހު

ހުރި

ނެތް

1.      

ސުޕްރީމް ކޯޓު

 

 

 

 

 

2.      

ހައިކޯޓު

 

 

 

 

 

3.      

ކްރިމިނަލް ކޯޓު

 

 

 

 

 

4.      

ޑީ.ޖޭ.އޭ/ މެޖިސްޓްރޭޓް ކޯޓުތައް

 

 

 

 

 

5.      

މޯލްޑިވްސް ކަރެކްށަނަލް ސަރވިސް

 

 

 

 

 

 

 

  • ނޯޓު: ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 16 ވަނަ މާއްދާގެ (އ) ގައި ބުނާފަދަ މައްސަލައެއް ރެކޯޑުތަކުން ފެންނަން އޮތްނަމަ، އެ މައްސަލައަކީ ކޮބައިކަން ހުލާސާކޮށް އެނގޭނެ ރަސްމީ ލިޔުމެއް މި ފޯމާއެކު ދޫކޮށްދިނުން އެދެމެވެ.

 

 

-----------------

ޖަދުވަލު 3

 (ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަމާއި ނިށާން)

ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުކަމުގެ އިގްރާރު

 

އަހުރެން .......... (ފުރިހަމަ ނަން)، .......... (ދާއިމީ އެޑްރެސް)، .......... (އައިޑެންޓިޓީ ކާޑު ނަންބަރު)، ގާނޫނު ނަންބަރު (ގާނޫނުގެ ނަންބަރު) (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) ގެ 21 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރުކަމާ މި ހަވާލުވަނީ، ދިވެހި ރައްޔިތުންނަށް އަމާނާތްތެރިކަމާއި ހަމަހަމަކަމާއެކު ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ދިނުމަށާއި، ޕަބްލިކް ސަރވިސް މީޑިއާގެ މަގްސަދުތަކާއި، ޕަބްލިކް ސަރވިސް މީޑިއާގެ އާންމު ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަމާނާތްތެރިކަމާއެކު ކުރުމަށާއި، ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނާ އެއްގޮތަށް ތެދުވެރިކަމާއެކު ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑުގެ މެންބަރެއް ކަމުގައިވުމަށް އިގްރާރުވާ ހާލު (އަހަރު/މަސް/ދުވަސް) ވީ (ހަފުތާގެ ދުވަސް) މި ތާރީހުގައެވެ.

ސޮއި:

ނަން:

އައިޑެންޓިޓީ ކާދު ނަންބަރ:

ތާރީހު:

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-09)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވުނު ގާނޫނު

ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2010-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު