-

ސިވިލް އޭވިއޭށަން އޮތޯރިޓީގެ ގާނޫނު

(ގާނޫނު ނަންބަރު 2012-02)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތުތައް އެކަށައަޅައި، މަދަނީ ވައިގެ ދަތުރުފަތުރާބެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި ހަމަތައް ކަނޑައަޅައި، އެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި "މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީ" ގެ ނަމުގައި ވަކި ގައުމީ އިދާރާއެއް އުފެއްދުމަށާއި، އެ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދުތައް

މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުން؛

(ށ) "މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީ" ގެ ނަމުގައި ވަކި އިދާރާއެއް އުފައްދައި، އެ އިދާރާ ހިންގަމުން ގެންދާނެ އުސޫލުތައް ކަނޑައެޅުން؛

(ނ) ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ބުރޫނާރާ ގޮތުގެމަތިން މަދަނީ ވައިގެ ދަތުރުފަތުރާބެހޭ މުއާހަދާތަކުގެ އުސޫލުތަކާއި އެއްގޮތްވާ، މަދަނީ ވައިގެ ދަތުރުފަތުރުގެ ކަންކަން ދިވެހިރާއްޖޭގައި ހިންގުމަށް މަގުފަހިކޮށްދިނުން.

 

ދެވަނަ ބާބު

އޮތޯރިޓީ ގާއިމުކުރުން

 

3 ވަނަ މާއްދާ - މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީ ގާއިމުކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީ އުފެދުނީއެވެ. މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމާއި، މުދާ ހޯދުމާއި މުދާ މިލްކު ކުރުމާއި، ދަރަންޏަށް ޒިންމާވުމާއި، އެ މުދަލުން ތަސައްރުފުކުރުމުގެ ހައްގު ލިބިގެންވާ، އަދި ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެންމެހައި ކަންކަން ހަރުދަނާކަމާއެކު ރާވައި ހިންގާނެ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި، އަދި މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާ ދައުލަތުގެ އިދާރާއެވެ.

(ށ) މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީއަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ އިދާރާއެކެވެ.

(ނ) މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީ ހިނގަމުންދާނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއްގެ ބެލުމުގެދަށުންނެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީ އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެކުރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންގެ ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓްގައި ބޭނުންކުރަމުންގެންދިޔަ އެންމެހައި މުދަލާއި، ވަސީލަތްތަކާއި، ސަރުކާރުގެ ބަޖެޓުން ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްވެފައިވާ ފައިސާއާއި، ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓުން ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އުފުލަންޖެހޭ އެންމެހައި  ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓަށް ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން ލިބޭ ހައްގުތަކާއި މަންފާތައް، އޮތޯރިޓީއަށް ބަދަލުވީއެވެ.

 

4 ވަނަ މާއްދާ – ސިއްކަ

އޮތޯރިޓީގެ ރަސްމީ ސިއްކައެއް އޮންނަންވާނެއެވެ. ލިޔުމުންއޮތުން ގާނޫނު ލާޒިމުކުރާ އެއްބަސްވުމެއްގައި އޮތޯރިޓީން ސޮއިކުރާނަމަ، އެ އެއްބަސްވުމެއްގައާއި ސިއްކަ އޮންނަންޖެހޭކަމަށް ގާނޫނު ބަޔާންކުރާ ކޮންމެ ލިޔުމެއްގައި އޮތޯރިޓީގެ ސިއްކަ ޖަހަންވާނެއެވެ. އޮތޯރިޓީގެ ސިއްކަ ޖަހާ ކޮންމެ ލިޔުމެއްގައި އޮތޯރިޓީން ހުއްދަދީފައިވާ 2 (ދޭއް) ޑިރެކްޓަރަކު ސޮއިކުރަންވާނެއެވެ.

 

ތިންވަނަ ބާބު

އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

 

5 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތުތައް

އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

(ހ) މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން އޮތޯރިޓީން ކުރަންޖެހޭނެކަމަށް ބަޔާންކުރާ މަދަނީ ވައިގެ ދަތުރުފަތުރުގެ ކަންކަން ކުރުން؛

(ށ) ގާނޫނު ނަންބަރު 2001-02 (ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ކުރުން؛

(ނ) ރޭވުންތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް، ކުރިއެރުވުން؛

(ރ) ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް، ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު ދިނުމަށްޓަކައި އެކަށައަޅަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކަށައެޅުން؛

(ބ) މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ސަރުކާރަށާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ބޭނުންވާ ފަންނީ އަދި އިދާރީ ލަފާއާއި އެހީތެރިކަން ދިނުން؛

(ޅ) ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ގާއިމުކޮށް، އެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުން؛

(ކ) ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން؛

(އ) މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭގޮތުންނާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ހެދިފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ތެރެއިން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި ސީދާ އޮތޯރިޓީން ކުރަންޖެހޭ ކަންތައްތައް ކުރުން؛

(ވ) އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތްތަކަށް އަގު ކަނޑައެޅުމާއި އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ލިޔެ ށާއިއުކުރުން؛

(މ) މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަގްވާމީ ޖަލްސާތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން؛

(ފ) މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ އިރުށާދު ދިނުން.

 

6 ވަނަ މާއްދާ - އޮތޯރިޓީގެ ބާރުތައް

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އަންނަނިވި ބާރުތައް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) އަންނަނިވި ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދައި ހިންގުން؛

  1. މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ އިގްތިސާދާ ގުޅޭގޮތުން؛ 
  2. އޮތޯރިޓީންދޭ ހިދުމަތްތަކާއި، ދޫކުރާ ހުއްދަތަކާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އިދާރީގޮތުން އަޅާނެ ފިޔަވަޅުތަކާއި، ކުރެވޭނެ ޖޫރިމަނާތަކާ ގުޅޭގޮތުން؛
  3. އޮތޯރިޓީގައި މަސައްކަތްކުރާނެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މުސާރައާއި އިނާޔަތްތަކާއި މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭގޮތުން.

(ށ) މަދަނީ ވައިގެ ދަތުރުފަތުރު ތަރައްގީކުރުމުގެ ބޭނުމުގައި އޮތޯރިޓީން އެކަނި ނުވަތަ އެހެން ގައުމެއްގެ ސިވިލް އޭވިއޭށަން އޮތޯރިޓީއާ ގުޅިގެން ނުވަތަ ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅިގެން އެކިއެކި ހަރަކާތްތައް ހިންގުން؛

(ނ) އޮތޯރިޓީގެ މުވައްޒަފުންނަށް ތަމްރީނު ދިނުމާއި، ސްކޮލަރށިފް ދިނުމާއި، ތަމްރީނު ހޯދުމަށްޓަކައި ލޯނު ދިނުން؛

(ރ) މިނިސްޓަރުގެ ހުއްދަ ލިބިގެން ކުންފުނި އުފެއްދުމާއި، ކުންފުނިތަކުގެ ހިއްސާ ގަތުމާއި، ޕާޓްނަރށިޕްތަކުގައި ބައިވެރިވުން؛

(ބ) މި ގާނޫނުގެ ދަށުން އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މުދަލާއި ހިދުމަތް ލިބިގަތުމުގެ އެއްބަސްވުންތަކުގައި ބައިވެރިވުން؛

(ޅ) އޮތޯރިޓީގެ މުދާ ބޭނުންކުރުމާއި، އެ މުދަލުން މުއާމަލާތްކުރުމާއި، އެ މުދާ ރަހުނުކޮށް ލޯނުގެ ގޮތުގައި ފައިސާ ހޯދުން؛

(ކ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ނުވަތަ އެކަންކަން ކުރަން މަގުފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

7 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފެށުމުގެކުރިން ހަދާފައިވާ ގަވާއިދުތައް

މި ގާނޫނަށް އަމަލުކުރަން ފެށުމުގެކުރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންގެ ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓުން ހަދާފައިވާ އެންމެހައި ގަވާއިދުތަކަކީ އޮތޯރިޓީން ހަދާފައިވާ ގަވާއިދުތަކެއްކަމުގައި ބެލެވޭނެއެވެ.

 

 ހަތަރުވަނަ ބާބު

 މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު

 

8 ވަނަ މާއްދާ - މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސިޔާސަތު

(ހ) މި ގާނޫނުގެ ރޫހާ އެއްގޮތްވާ ގޮތުގެމަތިން އަދި މި ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިން، ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ސިޔާސަތު އެކަށައެޅުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެކެވެ.

 (ށ) މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ސަރުކާރުގެ އާންމު ސިޔާސަތުތައް، ލިޔުމުން މިނިސްޓަރު އޮތޯރިޓީއަށް އަންގަންވާނެއެވެ.

 (ނ) މިނިސްޓަރު އެހެންގޮތަކަށް އަމަލުކުރުމަށް އަންގާފައި ނުވާހާހިނދަކު، މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން އަމަލުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - މިނިސްޓަރުގެ ބާރާއި މަސްއޫލިއްޔަތު

މިނިސްޓަރުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

(ހ) މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މަށްވަރާގެމަތިން ކަނޑައެޅުން؛ 

(ށ) އޮތޯރިޓީ މިނިސްޓަރަށް ޖަވާބުދާރީ ކުރުވުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތަކާއި ނިޒާމުތަކާއި ގަވާއިދުތައް އެކުލަވާލުމާއި، މިކަންކަމާ ގުޅޭގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ނ) އޮތޯރިޓީގެ އެންމެހައި ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން.

 

 

 ފަސްވަނަ ބާބު

އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު

 

10 ވަނަ މާއްދާ - އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު

އޮތޯރިޓީގެ ސިޔާސަތު ކަނޑައެޅުމަށް، މަސްއޫލުވާންޖެހޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެއެވެ.

 

11 ވަނަ މާއްދާ - -ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތް

(ހ) އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ. އެ 5 (ފަހެއް) މެންބަރުންނަކީ، ބޯޑުގެ ޗެއަރމަންއާއި، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާއި، އިތުރު 3 (ތިނެއް) ޑިރެކްޓަރުންނެވެ.

 (ށ) ބޯޑު އެކުލެވިގެންވަނީ އަންނަނިވި ދާއިރާތަކުންކުރެ ދާއިރާއަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންގެ މައްޗަށެވެ.

  1. އޭވިއޭށަންގެ ދާއިރާ؛
  2. ވިޔަފާރި ދާއިރާ؛
  3. ގާނޫނީ ދާއިރާ.

 
12 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ ސިފަތައް

ބޯޑަށް އައްޔަންކުރެވޭ މެންބަރުންގައި އަންނަނިވި ސިފަތައް ފުރިހަމަވާންވާނެއެވެ.

 (ހ) އެމީހެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތާއި މަސައްކަތުގެ އަހްލާގުހުރި ދިވެހިރައްޔިތަކު ކަމުގައިވުން؛

(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ވޭތުވެދިޔަ  5 (ފަހެއް) އަހަރުގެ ތެރޭގައި ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛

(ނ) މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެއްގެ ނުވަތަ އޮތޯރިޓީގެ ގަވާއިދުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ އެހެންވެސް މަގާމެއްގައިހުރި މީހަކުކަމުގައި ނުވުން؛

(ރ) މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެއްގެ ނުވަތަ އޮތޯރިޓީގެ ގަވާއިދުގެ ދަށުން ހިނގަމުންދާ އިދާރާއެއްގައި، އެތަނެއްގެ ޖުމްލަ %5 (ފަހެއް އިންސައްތަ) އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ ފަރާތެއްގެ ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކުކަމުގައި ނުވުން؛

(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން.

 

13 ވަނަ މާއްދާ - ބޯޑުގެ މެންބަރުން އައްޔަންކުރުން

އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންއާއި، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާއި ޑިރެކްޓަރުންގެ ބޯޑުގެ އެހެނިހެން ޑިރެކްޓަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

14 ވަނަ މާއްދާ - މަގާމުގެ މުއްދަތު

(ހ) އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ފިޔަވައި، ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ. މިގޮތުން އައްޔަންކުރެވޭ ކޮންމެ މެންބަރެއްވެސް އައްޔަންކުރެވޭނީ ގިނަވެގެން 2 (ދޭއް) ދައުރަށެވެ.

(ށ) އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އައްޔަންކުރެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ޗީފް އެގްޒެކެޓިވް ފިޔަވައި، އެހެން ކޮންމެ ޗީފް އެގްޒެކެޓިވްއެއް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަކަށް އަލުން އައްޔަންކުރެވިދާނެއެވެ. އަދި މިގޮތުން އައްޔަންކުރެވޭ ޗީފް އެގްޒެކެޓިވްއެއް ކޮންމެ 5 (ފަހެއް) އަހަރަކުން އައްޔަންކުރަމުން ގެންދެވިދާނެއެވެ.

 

15 ވަނަ މާއްދާ - ބޯޑުގެ ވާޖިބާއި މަސްއޫލިއްޔަތު

މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ ސިޔާސަތު ކަނޑައެޅުމާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ މަގަށް އަޅުވައި ތަރައްގީކުރުމަށް އޮތޯރިޓީން ކުރަންޖެހޭ ކަންތައްތަކުގެ ސިޔާސަތު ކަނޑައެޅުމަކީ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ. މީގެ އިތުރުން، އޮތޯރިޓީ ހިންގާނެ ގަވާއިދުތައް ހަދައި، އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީ ހިނގާތޯ ބަލައި އަދި ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ގަވާއިދުތައް ހަދައި، އޮތޯރިޓީގެ ހިންގުމުގެ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތު ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

 

16 ވަނަ މާއްދާ - ޗެއަރމަންގެ ވާޖިބާއި މަސްއޫލިއްޔަތު

(ހ) ޗެއަރމަންގެ ޒިންމާތަކަކީ ޑިރެކްޓަރުންގެ ބޯޑުގެ މަސައްކަތްތައް ރާވައި ހިންގުމާއި ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ށ) މި ގާނޫނުގެ ދަށުން ޗެއަރމަންއަށް ލިބިގެންވާ އިހްތިޔާރެއް ނުވަތަ ހުރިހާ އިހްތިޔާރުތަކާއި ބާރުތައް ޗެއަރމަން ކަނޑައަޅާ އުސޫލަކުން ބޯޑުގެ އެހެން މެންބަރަކާ ހަވާލުކުރެވިދާނެއެވެ.

 

17 ވަނަ މާއްދާ - މަގާމުން ވަކިކުރުން

 ޗެއަރމަން ނުވަތަ ޗީފް އެގްޒެކެޓިވް ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ އެހެން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވުމުގެކުރިން މަގާމުން ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މިގޮތުން މަގާމުން ވަކިކުރާއިރު މަގާމުން ވަކިކުރާ ސަބަބު ބަޔާންކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - މަގާމުން އިސްތިއުފާ ދިނުން

ޗެއަރމަން ނުވަތަ ޗީފް އެގްޒެކެޓިވް ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ އެހެން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން އެންގުމަށްފަހު އިސްތިއުފާ ދެވިދާނެއެވެ.

 

19 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ)  ޗެއަރމަންގެ ހުއްދަ ލިޔުމަކުން ލިބުމެއްނެތި ވިދިވިދިގެން 3 (ތިނެއް) ޖަލްސާއަށް ޑިރެކްޓަރަކު ހާޒިރުނުވެއްޖެނަމަ އެ ޑިރެކްޓަރެއްގެ މަގާމު ހުސްވެއްޖެކަމުގައި ބެލެވޭނެއެވެ.

(ށ) މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބުމެއްނެތި ވިދިވިދިގެން 3 (ތިނެއް) ޖަލްސާއަށް ޗެއަރމަން ހާޒިރުނުވެއްޖެނަމަ ޗެއަރމަންގެ މަގާމު ހުސްވެއްޖެކަމުގައި ބެލެވޭނެއެވެ.

 

20 ވަނަ މާއްދާ - ޗުއްޓީ ދިނުން

(ހ) ބޯޑުން ކަނޑައަޅާ އުސޫލެއްގެ ދަށުން ޗެއަރމަންއަށާއި، ޗީފް އެގްޒެކެޓިވްއަށް ޗުއްޓީ ދޭނީ މިނިސްޓަރެވެ.

(ށ) ބޯޑުން ކަނޑައަޅާ އުސޫލެއްގެ ދަށުން ބޯޑުގެ އެހެން ޑިރެކްޓަރުންނަށް ޗުއްޓީ ދޭނީ ޗެއަރމަންއެވެ.

 

21 ވަނަ މާއްދާ - ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތު ފުށުއެރުން

(ހ) ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއްއޮތްކަމެއް ނުވަތަ މައްސަލައެއް، އޮތޯރިޓީން ބަލާހިނދު، އެކަމެއް ނުވަތަ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި އޮތޯރިޓީން ބަލާ މައްސަލައަކީ، މިފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއްއޮތްކަމެއްކަން ނުވަތަ މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭހިނދު، އެކަން ޗެއަރމަންއަށް އެންގުމާއެކު، އެކަމެއް ނުވަތަ އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ މެންބަރަކު ތަނާޒުލުވާންވާނެއެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. މިފަދަ މައުލޫމާތެއް ދައުލަތުގެ ތަހުގީގީ އިދާރާއަކަށް ނުވަތަ ށަރީއަތުގެ ބޭނުމަށްޓަކައި މެނުވީ، އޮތޯރިޓީގެ މަސައްކަތާ ނުގުޅޭ އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

22 ވަނަ މާއްދާ - މުސާރައާއި އެހެނިހެން އިނާޔަތްތައް

ޗެއަރމަންއާއި ޑިރެކްޓަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

23 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް

(ހ) ޗެއަރމަން ކަނޑައަޅާ ގޮތެއްގެމަތިން އޮތޯރިޓީގެ މަސައްކަތް ކުރުމަށްޓަކައި ޖަލްސާތައް ބާއްވަންޖެހޭނެއެވެ. މިގޮތުން ކޮންމެ މީލާދީ މަހެއްގައި މަދުވެގެން 1 (އެކެއް) ޖަލްސާ ބާއްވަންވާނެއެވެ.

(ށ) އޮތޯރިޓީގެ ބައްދަލުވުމެއް ބޭއްވޭނީ އެންމެ މަދުވެގެން 3 (ތިނެއް) ޑިރެކްޓަރުންގެ ހާޒިރުގައެވެ.

(ނ) ބޯޑުން ވަކިގޮތަކަށްކަމެއް ނިންމާނީ ޖަލްސާއަކަށް ހާޒިރުވެފައިވާ މެންބަރުންގެ ވޯޓެއް ނަގައިގެން އަގުލަބިއްޔަތު ލިބޭ ގޮތެއްގެމަތިންނެވެ. ވަކިގޮތަކަށްކަމެއް ފާސްކުރުމަށް އަގުލަބިއްޔަތު ނުލިބި ވޯޓު ހަމަވެއްޖެނަމަ ގޮތެއް ނިންމުމަށްޓަކައި ވޯޓު ދިނުމުގެ އިހްތިޔާރު ރިޔާސަތަށް ލިބިގެންވެއެވެ.

(ރ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ޗެއަރމަންއެވެ. ޗެއަރމަން ނެތް ހާލަތެއްގައި ޗެއަރމަން ކަނޑައަޅާ، ބޯޑުގެ އެހެން ޑިރެކްޓަރެކެވެ.

(ބ) ބޯޑުގެ 3 (ތިނެއް) ޑިރެކްޓަރުންނަށްވުރެ މަދުނުވާ އަދަދެއްގެ ޑިރެކްޓަރުން، ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާނަމަ އެކަން ސަބަބު ބަޔާންކޮށް ޗެއަރމަންއަށް އެންގިދާނެއެވެ. އަދި ޗެއަރމަންއަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ނޯޓިސްގައި ބަޔާންކޮށްފައިވާ ކަންކަމާ ބެހޭގޮތުން ޖަލްސާއެއް ބާއްވަންވާނެއެވެ.

(ޅ) ބޯޑުން އަވަސްގޮތަކަށް މައްސަލައެއް ނިންމައިދިނުމަށް އެދި ޗެއަރމަންއަށް ލިޔުމަކުން ހުށަހެޅުމުގެ އިހްތިޔާރު ޗީފް އެގްޒެކެޓިވްއަށް ލިބިގެންވެއެވެ. މިގޮތުން ޗީފް އެގްޒެކެޓިވް ހުށަހަޅައިފިނަމަ މި ހުށަހެޅުން ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ބޯޑުގެ ޖަލްސާއެއް ބާއްވައި، ޗީފް އެގްޒެކެޓިވް ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއް -ނިންމަންވާނެއެވެ.

 

ހަވަނަ ބާބު

އޮތޯރިޓީ ހިންގުމާއި މުވައްޒަފުން

 

24 ވަނަ މާއްދާ - ބޯޑުގެ ޗީފް އެގްޒެކެޓިވް

އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ވެރިޔަކީ، އަދި އޮތޯރިޓީ ތަމްސީލުކުރާ ފަރާތަކީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއެވެ.

 

25 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވްގެ ވާޖިބާއި މަސްއޫލިއްޔަތު

ޗީފް އެގްޒެކެޓިވްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

(ހ) ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނު ތަންފީޒުކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުން؛

(ށ) ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީ ހިންގުން؛

(ނ) ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ބޭންކު އެކައުންޓްތައް ހުޅުވައި، ބަންދުކޮށް، އޮތޯރިޓީގެ ހިސާބުތައް ބަލަހައްޓައި ހިސާބުތައް އޮޑިޓްކުރުވުމަށް ބޭނުންވާ ހުރިހާކަމެއް ކުރުވުން.

 

26 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވްގެ ބައެއް މަސްއޫލިއްޔަތު އެހެން ފަރާތަކާ ހަވާލުކުރުން

މި ގާނޫނުގެ ދަށުން ޗީފް އެގްޒެކެޓިވް ކުރަންޖެހޭކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަމެއް ކުރުމުގެ މަސްއޫލިއްޔަތު، ލިޔުމަކުން ބޯޑުގެ އެހެން ޑިރެކްޓަރަކާ ހަވާލުކުރުމުގެ އިހްތިޔާރު ޗީފް އެގްޒެކެޓިވްއަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - މުވައްޒަފުން

އޮތޯރިޓީގެ މަސައްކަތް ހިންގުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކޮށް، ވަޒީފާއިން ވަކިކޮށް ހަދާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި ބޯޑުން ކަނޑައަޅާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޗީފް އެގްޒެކެޓިވްއެވެ.

 

28 ވަނަ މާއްދާ - ހިމާޔަތް

މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ލިބިދޭ ބާރެއްގެ ދަށުން، ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު މަސްއޫލިއްޔަތެއް އަދާކުރުމުގައި ދިމާވާ ނުވަތަ މެދުވެރިވާ ގެއްލުމެއްގެ ޒިންމާ، އޮތޯރިޓީ ނުވަތަ އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީގެ ނަމުގައި މަސައްކަތްކުރާ ފަރާތަކުން އުފުލާކަށް ނުޖެހޭނެއެވެ.

 

 ހަތްވަނަ ބާބު

މާލީ ކަންކަން

 

29 ވަނަ މާއްދާ - ސިވިލް އޭވިއޭށަން ފަންޑު

މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގައި "ސިވިލް އޭވިއޭށަން ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމުކުރަންވާނެއެވެ. އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ ދަށުން ފަންޑު ބެލެހެއްޓުމަކީ ޗީފް އެގްޒެކެޓިވްގެ މަސްއޫލިއްޔަތެކެވެ.

 

30 ވަނަ މާއްދާ - ފަސިންޖަރުންގެ އަތުންނެގޭ ފީ

ރާއްޖޭގެ ބައިނަލްއަގްވާމީ އެއަރޕޯޓަކުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ގާނޫނު ނަންބަރު 71/1978 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު) ގެ ދަށުން ނެގޭ ފައިސާގެ ތެރެއިން 2 (ދޭއް) އެމެރިކާ ޑޮލަރަކީ ސިވިލް އޭވިއޭށަން ފަންޑަށް ލިބޭ ފައިސާއެކެވެ.

 

31 ވަނަ މާއްދާ - ހަރަދު ކުރުން

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އޮތޯރިޓީން ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރާނީ މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިވިލް އޭވިއޭށަން ފަންޑުންނެވެ.

 

32 ވަނަ މާއްދާ - ލޯނުގެ ގޮތުގައި ފައިސާ ހޯދުން

އޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ސަރުކާރުން ނުވަތަ މާލީ އިދާރާއަކުން ލޯނުގެގޮތުގައި ފައިސާ ނެގިދާނެއެވެ.

 

33 ވަނަ މާއްދާ - ފައިސާއާއި ލިޔެކިޔުންތައް ބެލެހެއްޓުން

އޮތޯރިޓީގެ އެންމެހައި ފައިސާގެ ހިސާބުތަކާއި އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަންވާނީ، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

34 ވަނަ މާއްދާ - އިންވެސްޓުކުރުމުގެ ބާރު

އޮތޯރިޓީއަށް މަންފާ ހޯދުމުގެ ބޭނުމުގައި އޮތޯރިޓީގެ ފައިސާއިން އިންވެސްޓު ކުރެވިދާނެއެވެ. މިގޮތުން ފައިސާ އިންވެސްޓުކުރާނެ މިންވަރަކާއި އިންވެސްޓުކުރާނެ ދާއިރާތައް ކަނޑައަޅާނީ ބޯޑުންނެވެ.

 

35 ވަނަ މާއްދާ - މާލީ އަހަރު

އޮތޯރިޓީގެ މާލީ އަހަރަކީ ކޮންމެ މީލާދީ އަހަރެއްގެ ޖެނުއަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 އަށެވެ.

 

36 ވަނަ މާއްދާ - ހިސާބުތައް ބެލެހެއްޓުން

އޮތޯރިޓީގެ ފައިސާއާބެހޭ ހުރިހާ މުއާމަލާތެއްގެ ލިޔެކިޔުންތައް އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.

 

37 ވަނަ މާއްދާ - ހިސާބުތައް އޮޑިޓްކުރުން

އޮތޯރިޓީގެ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ނުވަތަ އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރެއް ލައްވާ ކޮންމެ އަހަރަކު އޮޑިޓް ކުރަންޖެހޭނެއެވެ.

 

38 ވަނަ މާއްދާ - އޮޑިޓަރުންގެ އުޖޫރަ

އޮޑިޓަރުންނަށް އުޖޫރަ ދޭނީ އޮތޯރިޓީންނެވެ.

 

39 ވަނަ މާއްދާ - އޮޑިޓަރުންގެ ރިޕޯޓު

ކޮންމެ މާލީ އަހަރެއް ނިމުމުން، އޮތޯރިޓީގެ މާލީ ބަޔާންތައް އޮޑިޓަރުންނަށް ހުށަހަޅައި، އޮޑިޓަރުންގެ ރިޕޯޓެއް ހޯދަންޖެހޭނެއެވެ.

 

40 ވަނަ މާއްދާ - އޮޑިޓަރުންގެ ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތު

އޮޑިޓަރުންގެ ރިޕޯޓުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) މާލީ ބަޔާންތަކުން، އޮތޯރިޓީގެ އެންމެހައި މާލީ މުއާމަލާތްތަކެއް ސާފުކޮށް އެނގެންހުރި މިންވަރު؛

(ށ) އޮތޯރިޓީގެ ހިސާބު ބެލެހެއްޓުމުގެ ލިޔެކިޔުންތައް ރަނގަޅަށް އެނގެންހުރި މިންވަރު؛

(ނ) އޮޑިޓް ރިޕޯޓެއްގައި ހިމެނުމަށް އޮޑިޓަރުންނަށް ފެންނަ އެހެނިހެން މައުލޫމާތު.

 

41 ވަނަ މާއްދާ - އޮޑިޓަރުން މިނިސްޓަރަށް މައްސަލަ ހުށަހެޅުން

އޮޑިޓްކުރަމުން އަންނައިރު ލިބޭ މައުލޫމާތަކާ ގުޅިގެން، އޮޑިޓަރުން ބޭނުން ކޮންމެ ވަގުތެއްގައި މިނިސްޓަރަށް މައްސަލަ ހުށަހެޅިދާނެއެވެ.

 

42 ވަނަ މާއްދާ - އޮޑިޓަރުންނަށް އެހީތެރިވުން

(ހ) އެއްވެސް ހުރަހެއްނެތި އޮތޯރިޓީގެ ހުރިހާ ލިޔެކިޔުންތަކާއި ފައިސާއާބެހޭ ހުރިހާ މައުލޫމާތެއް އޮތޯރިޓީން އޮޑިޓަރުންނަށް ފޯރުކޮށްދޭންވާނެއެވެ. އެއްވެސް ފަރާތަކުން އޮޑިޓަރުންނަށް ހުރަސްއެޅުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ 10،000 (ދިހަހާސް) ރުފިޔާއާއި 50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާކުރުމާއެކު، ވަޒީފާއިން ވަކިކުރުމެވެ.

 

43 ވަނަ މާއްދާ - ލިޔެކިޔުމުގެ ކޮޕީ

އޮޑިޓަރުން ބޭނުންވެއްޖެ ކޮންމެ ލިޔެކިޔުމެއްގެ ކޮޕީ ނެގިދާނެއެވެ.

 

44 ވަނަ މާއްދާ - އަހަރީ ރިޕޯޓު

ވޭތުވެދިޔަ އަހަރު އޮތޯރިޓީ ހިންގިގޮތުގެ ރިޕޯޓެއް، އޮޑިޓްކުރެވިފައިވާ ހިސާބުތަކާއެކު، ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން ތައްޔާރުކޮށް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި އެ ބޯޑުން ފާސްކޮށް، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އަދި މި ރިޕޯޓުގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

އަށްވަނަ ބާބު

ހައްގުތަކާއި، ޒިންމާތަކާއި، މުވައްޒަފުން ބަދަލުކުރުން

 

45 ވަނަ މާއްދާ - ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓުން ކުރިން ދޫކޮށްފައިވާ ހުއްދަތައް

މި ގާނޫނަށް އަމަލުކުރަން ފެށުމުގެކުރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންގެ ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓުން ދޫކޮށްފައިވާ ހުއްދަތަކާއި ލައިސަންސްތަކާއި ސެޓްފިކެޓްތަކަކީ، މި ގާނޫނަށް އަމަލުކުރަން ފެށުމުން އޮތޯރިޓީން ދޫކޮށްފައިވާ ތަކެތިކަމުގައި ބެލެވޭނެއެވެ.

 

46 ވަނަ މާއްދާ - މުވައްޒަފުން ބަދަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާއިރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންގެ ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުން އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ހަމަޖެހޭނެއެވެ.

 

47 ވަނަ މާއްދާ - ބަދަލުކުރެވޭ މުވައްޒަފުންގެ މުސާރަ

މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީގައި މަސައްކަތްކުރާ މުވައްޒަފުންގެ މަގާމުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، މުސާރައާއި އިނާޔަތްތައް އޮތޯރިޓީން ކަނޑައެޅުމަށްފަހު، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެއާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. މި ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން މުވައްޒަފުން ބަދަލުކުރުމަށްފަހުދޭ މުސާރައާއި އިނާޔަތްތަކަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންގެ ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓުން އެ މުވައްޒަފުންނަށް ދެމުންގެންދިޔަ މުސާރައާއި އިނާޔަތްތަކަށްވުރެ ކުޑަ މުސާރައަކަށްވެގެން ނުވާނެއެވެ. އަދި މުވައްޒަފަކަށް ކަނޑައަޅާ މަގާމަކީ އެ މުވައްޒަފަކު ކުރިން އަދާކުރަމުންގެންދިޔަ މަގާމަށްވުރެ ދަށް މަގާމަކަށްވެގެން ނުވާނެއެވެ.

 

48 ވަނަ މާއްދާ - މުވައްޒަފުންނަށް ޕެންށަން ލިބުމުގެ ހައްގާއި އެހެން އިނާޔަތްތައް

އޮތޯރިޓީގެ މުވައްޒަފުންގެ ޕެންށަނާގުޅޭ އެންމެހައި ކަންތައްތައް ކަނޑައަޅާނީ ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާ އެއްގޮތަށެވެ.

 

 ނުވަވަނަ ބާބު

އޮތޯރިޓީން ނިންމާ ނިންމުންތައް މުރާޖައާކުރުން

 

49 ވަނަ މާއްދާ - އޮތޯރިޓީގެ ނިންމުން މުރާޖައާކުރުން

މި ގާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމެއް ކުރުމުގެގޮތުން ނުވަތަ އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް އަލުން ބަލައިދިނުން އެދި މިނިސްޓަރަށް ހުށަހެޅުމުގެ ހައްގު، އެ ނިންމުމުގެ ސަބަބުން އެފަރާތެއްގެ ހައްގަކަށް އުނިކަން ލިބިފައިވާކަމަށް ގަބޫލުކުރާ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

 

50 ވަނަ މާއްދާ - މިނިސްޓަރަށް ހުށަހެޅޭ މައްސަލަ ބަލާނެގޮތް

(ހ) މި ގާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓަރަށް ހުށަހެޅޭ މައްސަލަތައް ބަލާނޭ އިލްތިމާސް ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަންވާނެއެވެ. އިލްތިމާސް ކޮމިޓީ އެކުލަވާލާނެގޮތާއި އިލްތިމާސް ކޮމިޓީން މައްސަލަ ބަލާނެގޮތުގެ ގަވާއިދު ހަދާނީ ޑިރެކްޓަރުންގެ ބޯޑުންނެވެ.

(ށ) މި ގާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓަރަށް ހުށަހެޅޭ މައްސަލަތައް އެ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިލްތިމާސް ކޮމިޓީން ބަލައި ނިންމަންވާނެއެވެ.

 

51 ވަނަ މާއްދާ - ނިންމިގޮތުގެ ސަބަބު

(ހ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމެއް ކުރުމުގެގޮތުން ނުވަތަ އޮތޯރިޓީއަށް ލިބޭ ބާރުގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުމެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން ލިބޭކަމަށް އެފަރާތަކަށް ގަބޫލުކުރެވޭނަމަ، އެ ނިންމުމާބެހޭ މައުލޫމާތު އެފަރާތަށް އެންގޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނިންމުން ނިންމުމުގައި ރިއާޔަތްކުރި ސަބަބުތައް ބަޔާންކޮށްދިނުން އެދި، ލިޔުމަކުން އޮތޯރިޓީއަށް ހުށަހެޅުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.

 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަބަބު ބަޔާންކޮށްދިނުން އެދި ހުށަހަޅާ ލިޔުން އޮތޯރިޓީއަށް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ނިންމުން ބިނާކޮށްފައިވާ ސަބަބުތަކާއި، އެ ނިންމުން ނިންމުމުގައި ރިއާޔަތްކުރި ސަބަބުތައް ބަޔާންކުރާ ލިޔުމެއް، އެފަރާތަކަށް ދޭންވާނެއެވެ.

 

ދިހަވަނަ ބާބު

އެހެނިހެން ކަންކަން

52 ވަނަ މާއްދާ – ގަވާއިދު

މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ އޮތޯރިޓީންނެވެ. މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަންފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

53 ވަނަ މާއްދާ - އަމަލުކުރަންފަށާ ތާރީހް

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

54 ވަނަ މާއްދާ - ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައިނުވާނަމަ ނުވަތަ އެ ބަހެއް ނުވަތަ އިބާރާތެއް އޮތްގޮތުން ސީދާ އެހެންގޮތަކަށް މާނަ ނުކުރެވޭނަމަ، ތިރީގައި ބަޔާންކޮށްފައިވާ ބަސްބަހާއި އިބާރާތްތައް މާނަކުރެވޭނީ އަންނަނިވިގޮތަށެވެ.

 "އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުން އުފައްދާ މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީއަށެވެ.

"މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން މިނިސްޓަރު ކުރަންޖެހޭ ކަންތައްތައް ކުރުމަށް އައްޔަންކޮށްފައިވާ ވަޒީރަށެވެ.

"ބޯޑު" ކަމަށް ބުނެފައިއެވަނީ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

"ޗެއަރމަން" ކަމަށް ބުނެފައިއެވަނީ، އޮތޯރިޓީގެ ޗެއަރމަންއާއި ވަގުތީގޮތުން އޮތޯރިޓީގެ ޗެއަރމަންގެ މަސްއޫލިއްޔަތު އަދާކުރާ ކޮންމެ މީހަކަށެވެ.

"ޗީފް އެގްޒެކެޓިވް" ކަމަށް ބުނެފައިއެވަނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާއި އެ ހައިސިއްޔަތުން މަސައްކަތްކުރާ ކޮންމެ މީހަކަށެވެ.

 "ޑިރެކްޓަރު" ނުވަތަ "ޑިރެކްޓަރުން" ކަމަށް ބުނެފައިއެވަނީ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށެވެ.

"ސިވިލް އޭވިއޭށަނާބެހޭ ޑިޕާޓްމަންޓް" ކަމަށް ބުނެފައިއެވަނީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭށަންގެ އެންމެހައި ކަންކަން ބަލަހައްޓައި ހިންގާ އިދާރާއަށެވެ.

"ކަމާބެހޭ މިނިސްޓްރީ" އަދި "މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަން" ކަމަށް ބުނެފައިއެވަނީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭށަންގެ އެންމެހައި ކަންކަން ބަލަހައްޓައި ހިންގާ އިދާރާގެ ބެލެނިވެރިކަން އެވަގުތަކު ހަވާލުކުރެވިފައިވާ މިނިސްޓްރީއަކަށެވެ. 

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ސިވިލް އެވިއޭށަން ރެގިއުލޭށަންސް "އެމްސީއޭއާރު-171" އެއަރޯނޯޓިކަލް ޓެލިކޮމިއުނިކޭށަން ސަރވިސަސް ސަރޓިފިކޭށަން (ގަވާއިދު ނަންބަރު 2023-186)
  2. އެމް.ސީ.އޭ.އާރު-11 އެއަރޓްރެފިކް ސަރވިސަސް (އެހެނިހެން ނަންބަރު 2023-124)
  3. އެމްސީއޭއާރ-19 ޓްރާންސިށަން ރޫލްސް (ގަވާއިދު ނަންބަރު 2023-93)
  4. އެމްސީއޭއާރ-172 އެއަރ ޓްރެފިކް ސަރވިސަސް އޯގަނައިޒޭށަން ސަރޓިިފިކޭށަން (ގަވާއިދު ނަންބަރު 2023-85)
  5. އެމް.ސީ.އާރު - ފޮރިން އޮޕަރޭޓަރސް (ގަވާއިދު ނަންބަރު 2022-124)
  6. އެމް.ސީ.އޭ.އާރު-އޭ އެއަރވޯރދިނެސް (ގަވާއިދު ނަންބަރު 2022-46)
  7. އެމް.ސީ.އޭ.އާރު-ސީ.އޭ.އޯ ކޮމްބައިންޑް އެއަރވޯރދިނެސް އޯރގަނައިޒޭށަންސް (ގަވާއިދު ނަންބަރު 2022-47)
  8. އެމް.ސީ.އޭ.އާރު-ސީ.އޭ.އެމް.އޯ ކޮންޓިނިއުނިންގ އެއަރވޯރދިނެސް މެނޭޖްމަންޓް އޯރގަނައިޒޭށަންސް (ގަވާއިދު ނަންބަރު 2022-48)
  9. އެމް.ސީ.އޭ.އާރު-އެމް ކޮންޓިނިއުންގ އެއަރވޯރދިނެސް (ގާނޫނު ނަންބަރު 2022-49)
  10. އެމް.ސީ.އޭ.އާރު-އެމް.އެލް ކޮންޓިނިއުނިންގ އެއަރވޯރދިނެސް ފޯރ ލައިޓް އެއަރކްރާފްޓް (ގާނޫނު ނަންބަރު 2022-50)
  11. އެމް.ސީ.އޭ.އާރު - ޓީ ކޮންޓިނިއުންގ އެއަރވޯރދިނެސް ފޯރ ފޮރިންގ އެއަރކްރާފްޓް (ގަވާއިދު ނަންބަރު 2022-51)
  12. އެމް.ސީ.އޭ.އާރު-66 ސަރޓިފައިންގ ސްޓާފް (ގަވާއިދު ނަންބަރު 2022-52)
  13. އެމް.ސީ.އޭ.އާރު - 145 އެޕްރޫވްޑް މެއިންޓެނަންސް އޯގަނައިޒޭށަންސް (ގަވާއިދު ނަންބަރު 2022-53)
  14. އެމް.ސީ.އޭ.އާރު - ޓްރެއިނިންގ އޯގަނައިޒޭށަން ރިކުއަރމަންޓްސް (ގަވާއިދު ނަންބަރު 2022-54)
  15. އެމް.ސީ.އޭ.އާރު ޑެފިނިށަންސް އެންޑް އެބްރިވިއޭށަންސް (ގަވާއިދު ނަންބަރު 2022-29)
  16. އެމް.ސީ.އޭ.އާރ-100 އިންޓަގްރޭޓެޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް (ގަވާއިދު ނަންބަރު 2022-12)
  17. މޯލްޑިވްސް ސިވިލް އެވިއޭށަން ރެގިއުލޭށަންސް އެމް.ސީ.އޭ.އާރު-4 އެއަރޯނޯޓިކަލް ޗާޓްސް (ގަވާއިދު ނަންބަރު 2021-120)
  18. އެމްސީއޭއާރު-އެއަރ އޮޕަރޭށަންސް ގަވާއިދު (ގަވާއިދު ނަންބަރު 2021-110)
  19. އެމްސީއޭއާރު-3 މީޓްރޮލޮޖިކަލް ސަރވިސް ފޯރ އެއަރ ނެވިގޭށަން ރެގިއުލޭށަން އެޓްކޯ.މެޑް މެޑިކަލް ރިކުއަރމެންޓްސް ފޮރ އެއަރ ޓްރެފިކް ކޮންޓްރޯލަރސް ގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-108)
  20. އެމްސީއޭއާރު-އެޓްކޯ.މެޑް މެޑިކަލް ރިކުއަރމެންޓްސް ފޮރ އެއަރ ޓްރެފިކް ކޮންޓްރޯލަރސް ގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-104)
  21. އެމްސީއޭއާރު-އެމް-ސީއޯއާރުއެސްއައިއޭ ކާބަން އޮފްސެޓިން އެންޑް ރިޑަކްށަން ސްކީމް ފޯ އިންޓަނޭށަނަލް އެވިއޭށަން (ގަވާއިދު ނަންބަރު 2021-48)
  22. އެމްސީއޭއާރު-1 ޑެފިނިށަންސް އެންޑް އެބްރިވިއޭށަންސް (ގަވާއިދު ނަންބަރު 2020-89)
  23. އެމްސީއޭއާރު-13-B އޮކަރެންސް ރިޕޯޓިންގް (ގަވާއިދު ނަންބަރު 2020-88)
  24. އެމްސީއޭއާރު-19 ޓްރާންސިށަން ރޫލް (ގަވާއިދު ނަންބަރު 2020-87) (އުވާލެވިފައި)
  25. އެމްސީއޭއާރު-65 އެއަރ ޓްރެފިކް ކޮންޓްރޯލެރ ލައިސެންސިންގ (ގަވާއިދު ނަންބަރ 2020-58)
  26. އެމް.ސީ.އޭ.އާރު އެއަރކުރޫ 2020-02 (ގަވާއިދު ނަންބަރު 2020-02)
  27. އެމް.ސީ.އޭ.އާރު - އެއަރ އޮޕަރޭށަންސް (ގަވާއިދު ނަންބަރު 2020-03)
  28. އެމްސީއޭއާރު-އެމް. ކޮންޓިނިއުއިންގ އެއަރވޯރތިނެސް (ގަވާއިދު ނަންބަރު 2019-1085)
  29. އެމްސީއޭއާރު-145 އެޕްރޫވްޑް މެއިންޓަނަންސް އޮރގަނައިޒޭށަންސް (ގަވާއިދު ނަންބަރ 2019-1084)
  30. ސިވިލް އެވިއޭށަން ރެގިއުލޭށަންސް "އެމްސީއޭއާރު-އެމް 21" އިނީށިއަލް އެއަރވޯރތިނެއސް ރެގިއުލޭށަން (ގަވާއިދު ނަންބަރު 2019-1083)
  31. އެމް.ސީ.އޭ.އާރު-26 އެޑިށަނަލް އެއަރވޯރދިނެސް ސްޕެސިފިކޭށަންސް ފޯރ އޮޕަރޭށަންސް (ގަވާއިދު ނަންބަރު 2018-61)
  32. އެމް.ސީ.އޭ.އާރު. އެވިއޭށަން ރިކްރިއޭށަން އޯގަނައިޒޭށަންސް (ގަވާއިދު ނަންބަރު 2017-81)
  33. އެމްސީއޭއާރ-147 ޓްރެއިނިންގ އޮރގަނައިޒޭށަން ރިކުއަރމަންޓްސް (ގަވާއިދު ނަންބަރު 2015-226)
  34. އެމްސީއޭއާ-66 ސަރޓިފައިންގ ސްޓާފް (ގަވާއިދު ނަންބަރު 2015-225)
  35. އުވާލެވިފައިއެމްސީއޭއާރ-11 އެއަރ ޓްރެފިކް ސެރވިސަސް (ގަވާއިދު ނަންބަރު 2015-194) (އުވާލެވިފައި)
  36. އެމްސީއޭއާރ-1 ޑެފިނިށަންސް އެންޑް އެބްރިވިއޭށަންސް (ގަވާއިދު ނަންބަރު 2015-193)
  37. އެމްސީއޭއާރ-އެމް ކޮންޓިނިއުއިންގ އެއަރވޯރތިނަންސް ރިކުއަރމަންޓްސް - ސިވިލް އެވިއޭށަން ރެގިއުލޭށަން (ގަވާއިދު ނަންބަރު 2015-182)
  38. ސިވިލް އެވިއޭށަން އޮތޯރިޓީގެ އިލްތިމާސް ކޮމިޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-169)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު