-

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު

(ގާނޫނު ނަންބަރު 2009-02)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވައި އަދި އެ އިންތިހާބުގެ އެންމެހައި އުސޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު

(ހ) ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބަށް ކިޔާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އަދި މި ގާނޫނުގެ ބޭނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އާންމު މާނައިގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް، އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށްޓަކައި ބާއްވާ ބައި-އިލެކްށަންވެސް ހިމެނޭނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުތަކާއި ކަންކަމާ ގުޅޭގޮތުން އަމަލުކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގައި ބަޔާންކޮށްފައިނުވާ ނުވަތަ މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައިނުވާ އެންމެހައި އުސޫލުތަކާއި ކަންކަމާ ގުޅޭގޮތުން އަމަލުކުރަންވާނީ ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންނާއި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ބަޔާންކޮށްފައިވާ މީހުންނަށެވެ. އަދި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމާއި އިއުލާންކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ - އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު

ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކުން، ގާނޫނު ނަންބަރު 1/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު) ގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ކޮންމެ އިންތިހާބީ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާނީ 1 (އެކެއް) މެންބަރެވެ.

 

5 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުން

(ހ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަމަވުމަށް 120 (އެއްސަތޭކަވިހި) ދުވަހަށް ވުމާއެކު، ގިނަވެގެން 10 ދުވަހުގެ (ދިހަ ދުވަހުގެ) ތެރޭގައި އަލަށް އިންތިހާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރަންވާނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަންޖެހޭ ހާލަތުގައި އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްށަން ބޭއްވުމަށްޓަކައި އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ގިނަވެގެން 5 ދުވަހުގެ (ފަސް ދުވަހުގެ) ތެރޭގައި، އެ އިންތިހާބީ ދާއިރާގެ ބައި-އިލެކްށަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް   14 ދުވަހުގެ (ސާދަ ދުވަހުގެ) މުއްދަތެއް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ކުރިމަތިލާ އިންތިހާބީ ދާއިރާ ބަދަލުކުރުމާއި، އެއް އިންތިހާބީ ދާއިރާއަށްވުރެ ގިނަ ދާއިރާއަށް ކުރިމަތިނުލެވުން

(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި، އެކަކަށް އެއް އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާތަކަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި، އެއް އިންތިހާބީ ދާއިރާއަށް ކުރިމަތިލާފައިވާ މީހަކަށް، އޭނާގެ ނަން އަނބުރާ ގެނެސް، އެހެން އިންތިހާބީ ދާއިރާއަކަށް ކުރިމަތިލެވިދާނެއެވެ.

 

7 ވަނަ މާއްދާ - ވޯޓު ނަގާ ތާރީހް

މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ކަނޑައަޅާ ތާރީހަކީ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ނަންތައް މި ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތު އޮންނަގޮތަށް ކަނޑައެޅޭ ތާރީހަކަށް ވާންޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ  މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރުގައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން.
  4. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކުކަމުގައިވުން.

(ށ) ބޭރުގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

 

9 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ އިއުލާން އިލެކްށަންސް ކޮމިށަނުން ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމާބެހޭ މައުލޫމާތާއި ތަކެތި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަމަށް އެދި ހުށަހަޅާއިރު، ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

 

10 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާ މައުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ  މައުލޫމާތާއެކު ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮޒިޓްގެ ފައިސާގެ އަދަދަކީ 5,000 (ފަސްހާސް) ރުފިޔާއެވެ.

(ނ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ތަކެތީގެ އިތުރުން، އެތަކެއްޗާއެކު އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިހާބީ ދާއިރާއެއްގެ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުމެއް އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި އެ ލިޔުމުގައި ސޮއިކޮށްފައިވާ މީސްމީހުންނަކީ އެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލާ އެހެން ކެންޑިޑޭޓަކަށް ސޮއިކޮށްފައިވާ ބަޔަކުކަމުގައި ވެގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ނަން އިއުލާންކުރުން

މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު އަންގައި އިއުލާންކޮށް އަދި އިލެކްށަންސް ކޮމިށަންގެ އޮފީހުގައާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސޭހައިން މީހުންނަށް ބެލޭނެގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު އިލެކްށަންސް ކޮމިށަންގެ ވެބްސައިޓްގައި ށާއިއު ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާންކުރުމާއި ކެންޑިޑޭޓުންނާގުޅޭ އާންމު އުސޫލުތައް

މި ގާނޫނުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި، 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، އަދި 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، އިންތިހާބު އިއުލާންކުރުމާއި، ކެންޑިޑޭޓުންނާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

13 ވަނަ މާއްދާ - ބާތިލު ވޯޓު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން، އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.

 

14 ވަނަ މާއްދާ - ރަސްމީ ނަތީޖާ ގެޒެޓްގައި ށާއިއުކުރަންޖެހޭ މުއްދަތު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ (ހަތް ދުވަހުގެ) ތެރޭގައި އެއިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންތައްތައް

މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައް ފިޔަވައި، ތާއީދުހޯދުމަށް މަސައްކަތްކުރުމާއި، ވޯޓުނެގުމަށް ތައްޔާރުވުމާގުޅޭ ގޮތުންނާއި، ވޯޓުނެގުމާއި، ވޯޓުގުނުމާއި ނަތީޖާ އިއުލާންކުރުމާއި، އިންތިހާބާ ބެހޭ ށަކުވާއާއި، ފައިސާއާއި މާލީކަންކަމާގުޅޭ ގޮތުންނާއި، އިންތިހާބާބެހޭ ކުށާއި އަދަބާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

16 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ހޮވޭގޮތް

(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ކޮންމެ އިންތިހާބީ ދާއިރާއެއްގައި ވާދަކުރާ މީހުންގެ ތެރެއިން އިންތިހާބުވާނީ، އެ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓު ދިން ކެންޑިޑޭޓެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާއިރު  އެ އިންތިހާބީ ދާއިރާއެއްގައި އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބޭ ކެންޑިޑޭޓަކު އެ އިންތިހާބީ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބު ވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - އިންތިހާބީ ދާއިރާއެއްގެ އިންތިހާބުގެ އިތުރުބުރެއް ބާއްވަންޖެހުން

(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެއްވެސް އިންތިހާބީ ދާއިރާއަކުން އެ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނީ އެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އެކަކަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ކަމުގައިވާނަމަ، އެ އިންތިހާބުގެ ރަސްމީ  ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އިންތިހާބީ ދާއިރާއިން އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އެ އިންތިހާބީ ދާއިރާގެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަންވާނެއެވެ. އަދި އެ އިންތިހާބީ ދާއިރާއަކުން މި ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކެންޑިޑޭޓަކު ހޮވެންދެން މިގޮތުގެމަތިން ވޯޓު ނަގަމުންދާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންތިހާބީ ދާއިރާއެއްގެ އިންތިހާބުގެ އިތުރު ބުރުގައި، އެ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބޭ ކެންޑިޑޭޓަކު އެ އިންތިހާބީ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބު ވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - އިންތިހާބީ ދާއިރާއެއްގެ އިންތިހާބުގެ އިތުރުބުރުގައި މި ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންތައްތައް

އިންތިހާބީ ދާއިރާއެއްގެ އިންތިހާބުގެ އިތުރުބުރެއް ބާއްވާއިރުވެސް، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި، ވޯޓު ނެގުމަށް ތައްޔާރުވުމާގުޅޭ ގޮތުންނާއި، ވޯޓު ނެގުމާއި، ވޯޓު ގުނުމާއި، ނަތީޖާ އިއުލާންކުރުމާއި، އިންތިހާބާބެހޭ ށަކުވާއާއި، ފައިސާއާއި މާލީކަންކަމާގުޅޭ ގޮތުންނާއި، އިންތިހާބާބެހޭ ކުށާއި އަދަބާގުޅޭ ގޮތުން އަމަލުކުރަންވާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

19 ވަނަ މާއްދާ - އެންމެ ކެންޑިޑޭޓަކު ކުރިމަތިލުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި، އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު އިންތިހާބީ ދާއިރާއަކަށް ކުރިމަތިލާފައިވަނީ ށަރުތުހަމަވާ އެންމެ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓަކު އެ އިންތިހާބީ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާން ކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ވޯޓުގެ ސިއްރުކަން ޔަގީން ކުރުން

(ހ) ވަކި ވޯޓު ފޮށްޓަކަށް ވޯޓުލާންޖެހުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތެއް މެދުވެރިވާ ހާލަތްތަކުގައި ވޯޓުގެ ސިއްރުކަން ޔަގީން ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. ވޯޓުގެ ސިއްރުކަން ޔަގީން ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތްތަކުގައިވެސް، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާހޯދައި، ނަތީޖާ އިއުލާން ކުރަންވާނީ އެވޯޓުލާ މަރުކަޒެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އަމަލުކުރުމަށް ކަނޑައަޅާ ގޮތް މި ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުން

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިގާލީ މަރުހަލާގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށްއެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިގާލީ މަރުހަލާގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްޓަކައި އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓް ށާއިއުކުރާތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން އިއުލާންކުރަންވާނެއެވެ. އަދި މިގޮތުން ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނުކުރުމުގެ ކުރިން، މި ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ ގަވާއިދެއްވާނަމަ އިލެކްށަންސް ކޮމިށަނުން އެގަވާއިދެއް ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 7 ދުވަހުގެ (ހަތް ދުވަހުގެ) ތެރޭގައި އެގަވާއިދުތައް ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ށ) އިންތިހާބާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނުން ހަދާ އެންމެހައި ގަވާއިދުތައް ބޭނުންވެއްޖެ ކޮންމެފަރާތަކަށް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނިއިތުރު ގެނައުމަށް ނުވަތަ އެއަކުރުގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން އިލެކްށަންސް ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއްނާޅައެވެ. އެހެންނަމަވެސް އެއްވެސް އިންތިހާބަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރުމާއި އެއިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރުމާ ދެމެދު އިތުރު ގަވާއިދެއް ނުހެދޭނެއެވެ. އަދި އަމަލުކުރަމުންދާ ގަވާއިދަކަށް އެއްވެސް އުނިއިތުރެއް ނުގެނެވޭނެއެވެ.

 

23 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

24 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު؛

"އިލެކްށަންސް ކޮމިށަން" ކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އައްޔަންކުރާ އިލެކްށަންސް ކޮމިށަނަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު" ކަމަށް ބަޔާންކޮށްފައިއެވަނީ، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނައިގައެވެ.

"ބައި-އިލެކްށަން" ކަމުގައި ބުނެފައިއެވަނީ، ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް، އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށްޓަކައި ބާއްވާ އިންތިހާބަށެވެ.

"އިދާރީ ދާއިރާ" ކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގޮތުގައި ބަލާ ވިހި އަތޮޅާއި މާލެއާއެކު ޖުމްލަ އެކާވީސް ދާއިރާއަށެވެ. އިދާރީ ދާއިރާތަކުގެ ތަފްސީލު ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި އެވަނީއެވެ.

"އިންތިހާބީ ދާއިރާ" ކަމުގައި ބުނެފައިއެވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށްޓަކައި ކޮންމެ އިދާރީ ދާއިރާއެއްގައި ވަކިވަކި އިންތިހާބީ ދާއިރާގެ ގޮތުގައި ގާނޫނު ނަންބަރު 1/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސަރަހައްދުތަކަށެވެ.

(ށ) މި ގާނޫނުގައި ބުނެފައިވާ އެކިއެކި ކަންތައްތައް ކުރުމަށާއި ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.

(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ނުވަތަ ދޭހަ ނުވާހާ ހިނދަކު މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު 

 

ކޮންސޮލިޑޭޓެޑް ގާނޫނު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-02)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-03)
  2. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-08)

ރިފަރެންސް

10 ފެބްރުއަރީ 2009 ވި އަންގާރަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި 13 ވަނަ ޖަލްސާއިން ފާސްކުޅަ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބިލު" ބަލައި، ތަޞްދީޤުކޮށްވަނީ 15 ފެބްރުއަރީ 2009 (20 ޞަފަރު 1430)

ކިޔުންތެރިންގެ ހިޔާލު