-

ދިވެހި ރެޑް ކްރެސެންޓްގެ ގާނޫނު

(ގާނޫނު ނަންބަރު 2009-07)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހި ރެޑް ކްރެސެންޓްގެ ނަމުގައި އިންސާނިއްޔަތާބެހޭ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ، މިނިވަން މުސްތަގިއްލު ޖަމާއަތެއް އުފައްދައި، އެ ޖަމާއަތް ދިވެހިރާއްޖޭގައި ހިންގުމުގެ ގާނޫނީ ހައިސިއްޔަތު ދީ އަދި އެޖަމާއަތާބެހޭ މައިގަނޑު އަސާސްތައް ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދިވެހި ރެޑް ކްރެސެންޓްގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު

(ހ) ދިވެހި ރެޑް ކްރެސެންޓްއަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

(ށ) ދިވެހި ރެޑް ކްރެސެންޓްއަކީ، އިންސާނިއްޔަތާބެހޭ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ، މުސްތަގިއްލު ޖަމާއަތެކެވެ. އަދި އިންޓަރނޭށަނަލް ފެޑަރޭށަން އޮފް ދަ ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްއާ ގުޅިގެން، މި ގާނޫނުގެ 3 ވަނަ މާއްދާގައިވާ މަގްސަދުތައް ހާސިލުކުރުމުގެ ބޭނުމުގައި ގައުމީ ޖަމާއަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ދިވެހި ރެޑް ކްރެސެންޓްއަށެވެ.

(ނ) ދިވެހި ރެޑް ކްރެސެންޓްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އެޖަމާއަތުން ހިންގާ ހަރަކާތްތައް، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިންގުމުގެ ބާރާއި އިހްތިޔާރު ދިވެހި ރެޑް ކްރެސެންޓްއަށް ލިބިގެންވެއެވެ.

(ރ) މި ގާނޫނުގައިވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ހިންގާއިރު އެ ހަރަކާތްތައް ހިންގަންވާނީ، އިންސާނިއްޔަތާބެހޭ ކަންކަމުގައާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް ވާގިވެރިވެ، ވީވަރަކުން އެ މުއައްސަސާތަކާ ގުޅިގެންނެވެ.

 

3 ވަނަ މާއްދާ - ދިވެހި ރެޑް ކްރެސެންޓްގެ މަގްސަދު

(ހ) ދިވެހި ރެޑް ކްރެސެންޓްގެ އަސާސީ މަގްސަދަކީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތައް އެފަދަ ހާލަތްތަކުން ސަލާމަތްކޮށް ރައްކާތެރިކޮށްދިނުމެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަސާސީ މަގްސަދު ހާސިލުކުރުމުގެގޮތުން ދިވެހި ރެޑް ކްރެސެންޓްގެ މައިގަނޑު މަގްސަދުތަކަކީ؛

  1. ހަނގުރާމައިގެ ވަގުތުތަކުގައާއި، ހަމަނުޖެހުމުގެ ވަގުތުތަކުގައާއި، ސުލްހައިގެ ވަގުތުތަކުގައި، ހާލުގައި ޖެހިފައިވާ ނުވަތަ ގެއްލުން ލިބިފައިވާ އަސްކަރީ އަދި މަދަނީ ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުން؛
  2. ހަނގުރާމައިގެ ވަގުތުތަކުގައާއި، ހަމަނުޖެހުމުގެ ވަގުތުތަކުގައާއި، ސުލްހައިގެ ވަގުތުތަކުގައި، ހާލުގައި ޖެހިފައިވާ ނުވަތަ ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދޭ ހިނދު، އެބައެއްގެ ގަދަރާއި ޖިސްމާނީ ކަރާމާތްތެރިކަން ރައްކާތެރިކުރުން؛
  3. ބަލިމަޑުކަމުގެ ވަގުތުތަކުގައާއި، ބަލިބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތްތަކުގައާއި، އިންސާނިއްޔަތަށް ނުރައްކާވާފަދަ ކުއްލި ހާލަތްތަކުގައި އެކަންކަމުގެ އަސަރު ފޯރާފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރުން؛
  4. އެކިއެކި ކާރިސާތަކުގައާއި، ގުދުރަތީ ހާދިސާތަކުގައި ގެއްލުންލިބިފައިވާ ނުވަތަ އަސަރުކޮށްފައިވާ ފަރާތްތަކަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދޭހިނދު، އެ މުއައްސަސާތަކަށް އެއްބާރުލުން ދިނުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށް ދިވެހި ރެޑް ކްރެސެންޓްއިން މަސައްކަތް ކުރަންވާނީ، އެއްވެސް މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ގައުމީ ނިސްބަތަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެމީހެއްގެ ދީނަށް ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކުރުމެއްނެތި ހަމަހަމަ ގޮތުގައެވެ.

 

4 ވަނަ މާއްދާ - ދިވެހި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ހިންގުމުގައި އަމަލުކުރަންޖެހޭ  މައިގަނޑު އުސޫލު

(ހ) ދިވެހި ރެޑް ކްރެސެންޓްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ދިވެހި ރެޑް ކްރެސެންޓްއިން ހިންގާ ހަރަކާތްތައް ހިންގަންވާނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން، އިންޓަރނޭށަނަލް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް މޫވްމަންޓްގެ މައިގަނޑު އަސާސްތަކާއި، 1949 ޖެނީވާ ކޮންވެންށަންތަކާއި އެ ކޮންވެންށަންތަކުގެ އިތުރު ޕްރޮޓޮކޯލްތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓްއިން، އިންޓަރނޭށަނަލް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް މޫވްމަންޓް އާއި އިންޓަރނޭށަނަލް ފެޑަރޭށަން އޮފް ދަ ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްގެ މެންބަރުން ތަބާވާންޖެހޭ އުސޫލުތަކާއި އުފުލަންޖެހޭ ޒިންމާތައް ދަމަހައްޓަން ޖެހޭނެއެވެ.

 

5 ވަނަ މާއްދާ - އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު

މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓް ހިންގުމަށްޓަކައި ދިވެހި ރެޑް ކްރެސެންޓްގެ އަސާސީ ގަވާއިދެއް އެކަށައަޅާފައި އޮންނަންވާނެއެވެ. އަދި އެ އަސާސީ ގަވާއިދުގައި އަންނަނިވި ކަންކަން ނުވަތަ އެކަންކަމާގުޅޭ އުސޫލުތައް ކަނޑައަޅަންވާނެއެވެ.

(ހ) ދިވެހި ރެޑް ކްރެސެންޓްގެ ޒިންމާތައް އަދާކުރާނެ ޖެނެރަލް އެސެމްބްލީ އާއި ހިންގާ ކޮމިޓީ؛

(ށ) ދިވެހި ރެޑް ކްރެސެންޓްގެ މެންބަރުންނާބެހޭ ކަންކަން؛

(ނ) ދިވެހި ރެޑް ކްރެސެންޓްގެ އެކިއެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރާނެ ނުވަތަ އައްޔަންކުރާނެ ގޮތާއި، އެ މަގާމުތަކުގެ ޒިންމާތައް ހަވާލުކުރެވޭނެ ގޮތާއި އެ ޒިންމާތައް ހަވާލުކުރެވޭނެ މުއްދަތު؛

(ރ) ދިވެހި ރެޑް ކްރެސެންޓްގެ އާންމު ޖަލްސާތަކާއި، އެ ޖަލްސާތައް ބޭއްވުމާއި، އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛

(ބ) ދިވެހި ރެޑް ކްރެސެންޓްގެ އާންމު ޖަލްސާތަކާއި އެހެނިހެން ޖަލްސާތަކުގައި ވޯޓުދޭނެ ގޮތާއި، އެ ޖަލްސާތަކުގައި ކަންކަން ފާސްކުރެވޭނެގޮތް ނުވަތަ ކަންކަން ނިންމޭނެގޮތް؛

(ޅ) ދިވެހި ރެޑް ކްރެސެންޓްގެ އަސާސީ ގަވާއިދަށް ބަދަލު ނުވަތަ އިސްލާހު ގެނެވޭނެގޮތް؛

(ކ) ދިވެހި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ނިމުމަކަށް ގެންނާނެގޮތާއި، ދިވެހި ރެޑް ކްރެސެންޓް އުވާލަން ޖެހިއްޖެނަމަ އަމަލުކުރާނެގޮތާއި، ދިވެހި ރެޑް ކްރެސެންޓް އުވާލުމުގައި އެ ޖަމާއަތުގެ މިލްކުގައިވާ ފައިސާއާއި މުދަލާއި ތަކެއްޗާމެދު އަމަލުކުރާނެގޮތް؛

(އ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރު ތަފްސީލުތަކާއި، ދިވެހި ރެޑް ކްރެސެންޓްގެ މެންބަރުންނާއި އެކިއެކި މަގާމުތަކަށް އިންތިހާބުކުރެވިފައި ނުވަތަ އައްޔަންކުރެވިފައިވާ މެންބަރުންނާއި ދިވެހި ރެޑް ކްރެސެންޓްގެ މުވައްޒަފުންނާއި މަންދޫބުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ދިވެހި ރެޑް ކްރެސެންޓްގެ އިދާރީ ކަންތައްތަކާއި، މުވައްޒަފުންނާބެހޭ ކަންތައްތަކާއި، ފައިސާއާބެހޭ ކަންތައްތައް ހިންގާނެ ގޮތް ބަޔާންކޮށްދޭ ދިވެހި ރެޑް ކްރެސެންޓްގެ ހިންގާ ގަވާއިދު.

 

6 ވަނަ މާއްދާ – މެންބަރުން

ގައުމިއްޔަތާއި، ނަސްލާއި، ޖިންސާއި، ދީނާއި، ބަހާއި، އިޖްތިމާއީ ދަރަޖައާއި ސިޔާސީ ފިކުރުތަކަށް ބަލައި ތަފާތު ކުރުމެއް ނެތި ފަރުދުންނަށާއި ގާނޫނީ ށަހްސިއްޔަތު ލިބިގެންވާ މުއައްސަސާތަކަށް ދިވެހި ރެޑް ކްރެސެންޓްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓްގެ މެންބަރުންނަށް ވެވިދާނެއެވެ.

 

7 ވަނަ މާއްދާ - އާމްދަނީ އާއި މުދާ

(ހ) ދިވެހި ރެޑް ކްރެސެންޓްއަށް ލިބޭ އާމްދަނީއާއި މުދަލާއި ތަކެތި ބޭނުންކުރަންވާނީ ހަމައެކަނި ދިވެހި ރެޑް ކްރެސެންޓްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައެވެ. އަދި އެއްވެސް ހާލަތެއްގައި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް އެފަދަ އެއްޗެއް ފައިދާއެއްގެ ގޮތުން، ނުވަތަ ބޯނަސް އެއްގެ ގޮތުން ދިވެހި ރެޑް ކްރެސެންޓްގެ މެންބަރުންނަށް ދީގެންނުވާނެއެވެ.

(ށ) ދިވެހި ރެޑް ކްރެސެންޓްގެ މަސައްކަތެއް ކޮށްދިންކަމަށްޓަކައި، ދިވެހި ރެޑް ކްރެސެންޓްގެ އަސާސީ ގަވާއިދާ ނުވަތަ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓްގެ އޮފިށަލަކަށް ނުވަތަ މުވައްޒަފަކަށް ނުވަތަ މެންބަރަކަށް އުޖޫރައެއްގެ ގޮތުން ނުވަތަ އިނާޔަތެއްގެ ގޮތުން ދޭ ފައިސާއާއި ތަކެތި މި މާއްދާގެ (ހ) އިން އިސްތިސްނާވެގެންވެއެވެ.

 

8 ވަނަ މާއްދާ - ދިވެހި ރެޑް ކްރެސެންޓްގެ ނިށާނާއި ސިއްކަ ބޭނުންކުރުން

(ހ) ދިވެހި ރެޑް ކްރެސެންޓްގެ ނިށާނާއި ސިއްކަ ހުންނަންވާނީ މި ގާނޫނުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) ދިވެހި ރެޑް ކްރެސެންޓްއިން ނުވަތަ ދިވެހި ރެޑް ކްރެސެންޓްއިން ހުއްދަ ދީފައިވާ ފަރާތަކުން މެނުވީ ދިވެހި ރެޑް ކްރެސެންޓްގެ ނިށާން ނުވަތަ ސިއްކަ ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އާ ހިލާފުވާ ފަރާތެއް 12,000 (ބާރަ ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 6 (ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރުމުގެ ބާރު ދިވެހިރާއްޖޭގެ ކަމާބެހޭ ށަރުއީ ކޯޓްތަކަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ސަރުކާރާ މުއާމަލާތްކުރުން

(ހ) ދިވެހި ރެޑް ކްރެސެންޓްއާއި ސަރުކާރާ ދެމެދު ކުރާ މުއާމަލާތްތަކުގައި ސަރުކާރުގެ ފަރާތުން އިސްވެ ދިވެހި ރެޑް ކްރެސެންޓްއާ މުއާމަލާތްކުރާނީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާފައިވާ ވުޒާރާއެއް މެދުވެރިކޮށެވެ.

(ށ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓްއިން ހިންގާ ހަރަކާތްތަކަށާއި ދަމަހައްޓާ އުސޫލުތަކާއި ޒިންމާތަކަށް ސަރުކާރުގެ މުއައްސަސާތަކުން އިހްތިރާމުކޮށް، ދެވެންއޮތް އެންމެ ފުޅާ މިނެއްގައި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

 

10 ވަނަ މާއްދާ - ދިވެހި ރެޑް ކްރެސެންޓް އުފެއްދުމާއި އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ބާރާއި ޒިންމާ ލިބިފައިވާ ފަރާތް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނާއި ދިވެހި ރެޑް ކްރެސެންޓްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓް އުފައްދައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓް އުފައްދައި ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކޮށް އެކަންކަން ހިންގައި ބަލަހައްޓާނީ، އިންޓަރިމް ޕްލޭނިންގ ގްރޫޕް އިންނެވެ. އަދި މި ގާނޫނުގައިވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓް އުފެދި އެޖަމާއަތުގެ ފުރަތަމަ އާންމު ބައްދަލުވުން ބޭއްވުމާއެކު އިންޓަރިމް ޕްލޭނިންގ ގްރޫޕް އުވޭނެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެހި ރެޑް ކްރެސެންޓް ހިންގުމަށްޓަކައި، ދިވެހި ރެޑް ކްރެސެންޓްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ހަދައި ހިންގާނީ ދިވެހި ރެޑް ކްރެސެންޓްއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ދިވެހި ރެޑް ކްރެސެންޓް އުފައްދައި ނިންމުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، އިންޓަރިމް ޕްލޭނިންގ ގްރޫޕް އިން ހަދައި ހިންގުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

12 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު: 

"ދިވެހިރާއްޖޭގެ ސަރަހައްދު" ކަމުގައި ބުނެފައިއެވަނީ، ދިވެހި  ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ސަރަހައްދު ކަމުގައި ބުނެފައިވާ ސަރަހައްދަށެވެ.

"އިންޓަރިމް ޕްލޭނިންގ ގްރޫޕް" ކަމުގައި ބުނެފައިއެވަނީ، ދިވެހި ރެޑް ކްރެސެންޓްގެ ނަމުގައި ދިވެހިރާއްޖޭގައި އިންސާނިއްޔަތާބެހޭ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތެއް އުފެއްދުމަށާއި އެމަސައްކަތް ވިލަރެސް ކުރުމުގެ މަގްސަދުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އާންމު ރައްޔިތުންގެ ފަރާތުންނާއި، އިންޓަރނޭށަނަލް ފެޑަރޭށަން އޮފް ދަ ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްގެ މަންދޫބުން ހިމެނޭ ގޮތުގެމަތިން "އިންޓަރިމް ޕްލޭނިންގ ގްރޫޕް" ގެ ނަމުގައި 2006 ވަނަ އަހަރު އެކުލަވާލެވުނު މަސައްކަތު ގްރޫޕަށެވެ.

(ށ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ނުވަތަ ދޭހަ ނުވާހާ ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

 

---------------

 

ޖަދުވަލު

ދިވެހި ރެޑް ކްރެސެންޓްގެ ނިށާނާއި ސިއްކަ

ދިވެހި ރެޑް ކްރެސެންޓްގެ ނިށާނަކީ، ހުދުކުލައިގެ ފަސްމަންޒަރެއްގައި، ކަނާތްފަރާތަށް ހުޅުވިފައި އޮންނަ ރަތް ކުލައިގެ ހަނދުފަޅިއެކެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ ސިއްކައަކީ، ހުދުކުލައިގެ ފަސްމަންޒަރެއްގައި ކަޅުކުލައިގެ ދެ ވަށްބުރުގެ ތެރޭގައި އޮންނަ ރަތްކުލައިގެ ހަނދުފަޅިއެކެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ ސިއްކައިގެ ދެ ވަށްބުރުގެ ތެރޭގައި، ސިއްކައިގެ މަތީގައި އިނގިރޭސި އަކުރުން "Maldivian Red Crescent" މި އިބާރާތް އަދި ސިއްކައިގެ ތިރީގައި ތާނަ އަކުރުން "ދިވެހި ރެޑް ކްރެސެންޓް" މި އިބާރާތް ލިޔެވިފައި އޮންނަންވާނެއެވެ.

ރިފަރެންސް

29 އޭޕްރިލް 2009 ވި ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުޅަ "ދިވެހި ރެޑް ކްރެސެންޓްގެ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 7 މެއި 2009 (12 ޖުމާދަލްއޫލާ 1430)

ކިޔުންތެރިންގެ ހިޔާލު