-

ރިޔާސީ އިންތިހާބުގެ ގާނޫނު

(ގާނޫނު ނަންބަރު 2008-12)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިހާބުކުރުމަށްޓަކައި އިންތިހާބު ބާއްވައި އަދި އެ އިންތިހާބުގެ ހާއްސަ އުސޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރާ ގާނޫނެވެ.

(ށ) މިގާނޫނަށް ކިޔާނީ "ރިޔާސީ އިންތިހާބުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ރިޔާސީ އިންތިހާބު

ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބަށް ކިޔާނީ ރިޔާސީ އިންތިހާބެވެ. ރިޔާސީ އިންތިހާބާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުތަކާއި ކަންކަމާ ގުޅޭގޮތުން އަމަލުކުރަންވާނީ މި ގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގައި ބަޔާންކޮށްފައިނުވާ ނުވަތަ މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައިނުވާ އެންމެހައި އުސޫލުތަކާއި ކަންކަމާ ގުޅޭގޮތުން އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. 

 

3 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންނާއި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ

ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ބަޔާންކޮށްފައިވާ މީހުންނަށެވެ. އަދި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމާއި އިއުލާންކުރުމާ ގުޅޭގޮތުން ރިޔާސީ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ - އިންތިހާބުކުރާ ގޮތް

ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބުކުރާނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ.

 

5 ވަނަ މާއްދާ - ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުން

(ހ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރި މީހެއްގެ ރިޔާސަތުގެ ދައުރު ހަމަވާން އޮންނަ އެންމެފަހު 120 (އެއްސަތޭކަވިހި) ދުވަހަށް ފެށުމާއެކު ގިނަވެގެން 10 ދުވަހުގެ (ދިހަ ދުވަހުގެ) ތެރޭގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަމަށް، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރަންވާނެއެވެ.

(ށ) ގާނޫނުއަސާސީގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އެއްފަހަރާ ހުސްވެއްޖެނަމަ އެދެމަގާމު ހުސްވި ތާރީހުން ފެށިގެން ގިނަވެގެން 5 ދުވަހުގެ (ފަސް ދުވަހުގެ) ތެރޭގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަމަށް، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް މަދުވެގެން   10 ދުވަހުގެ (ދިހަ ދުވަހުގެ) މުއްދަތެއް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ވޯޓު ނަގާ ތާރީހް

މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި، ރިޔާސީ އިންތިހާބު ބޭއްވުމަށް ކަނޑައަޅާ ތާރީހަކީ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ނަންތައް މި ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތު އޮންނަގޮތަށް ކަނޑައެޅޭ ތާރީހަކަށް ވާންޖެހޭނެއެވެ.

 

7 ވަނަ މާއްދާ - ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުކުރެވޭ މީހެއްގައި ހުންނާންވީ ށަރުތުތައްކަމަށް ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

(ށ) ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެމީހަކު ހުށަހަޅާ މީހެއްގައިވެސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ އިއުލާން އިލެކްށަންސް ކޮމިށަނުން ކުރުމުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އެކޮމިށަނުގެ މެންބަރެއް ނުވަތަ މުވައްޒަފެއްގެ ކުރިމައްޗަށް ހާޒިރުވެ، ރިޔާސީ އިންތިހާބަށް ކުރިމަތިލުމާބެހޭ މައުލޫމާތާއި ތަކެތި ހުށަހަޅަންވާނެއެވެ. އެމީހަކަށް ހާޒިރުވެވެން ނެތްނަމަ، އިލެކްށަންސް ކޮމިށަނަށް ސިޓީއަކުން ނުވަތަ މެސެޖަކުން އެމީހަކަށް ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށްދީ، އެމީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް، އިލެކްށަންސް ކޮމިށަނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލުމާބެހޭ މައުލޫމާތާއި ތަކެތި ހުށަހެޅުމުން މިމާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް އެމީހަކު ކުރިމަތިލީކަމަށް ވާނެއެވެ.

(ށ) ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަމަށް އެދި ހުށަހަޅާއިރު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ  16 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ މައުލޫމާތު ހިމަނަންވާނެއެވެ. އަދި އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭމީހާއާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެމީހަކު ހުށަހަޅާ މީހަކާ ގުޅޭގޮތުން ތިރީގައި ބުނެފައިމިވާ މައުލޫމާތުތައްވެސް ހިމަނަންވާނެއެވެ.

  1. ފުރިހަމަ ނަން.
  2. ދާއިމީ އެޑްރެސް (އަތޮޅާއި، ރަށާއި، އެޑްރެސް އެނގޭގޮތަށް).
  3. އުފަން ތާރީހް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.
  5. މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި، ރަށާއި، އެޑްރެސް އެނގޭގޮތަށް).
  6. ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަގާމުތަކުގެ ނަން.

 

9 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާ މައުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި

(ހ) މި ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ  މައުލޫމާތާއެކު ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި އޭގެ އިތުރުން، އަންނަނިވި ތަކެތިވެސް ހުށަހަޅަންވާނެއެވެ.

  1. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭމީހާއާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެމީހަކު ހުށަހަޅާ މީހާ އެކަން ގަބޫލުކޮށްފައިވާކަމުގެ އިގްރާރާއި އެމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. އެމީހެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު ކަމަށް ކަނޑައަޅާ ފަރާތެއްގެ ނަމާއި، އެޑްރެހާއި، އަދި އެފަރާތުން އެކަން ގަބޫލުކޮށްފައިވާ ކަމުގެ އިގްރާރު.

(ށ) ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮޒިޓްގެ ފައިސާގެ އަދަދަކީ  40,000.00 (ސާޅީސް ހާސް) ރުފިޔާއެވެ.

(ނ) ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ތަކެތީގެ އިތުރުން، އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 (އެއްހާސް ފައްސަތޭކަ) މީހުން އެމީހަކަށް ތާއިދުކުރާކަން ދައްކައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، އަދި ސޮއި ހިމެނޭ ލިޔުމެއް މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ތަކެއްޗާއެކު އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ނަން އިއުލާންކުރުން

މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެމީހަކު ހުށަހަޅާ މީހާގެ ފުރިހަމަ ނަމާއި އެޑްރެސް އާންމުކޮށް އަންގައި އިއުލާންކޮށް އަދި އިލެކްށަންސް ކޮމިށަންގެ އޮފީހުގައާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސޭހައިން މީހުންނަށް ބެލޭނެގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ.

 

11 ވަނަ މާއްދާ - ކެންޑިޑޭޓުންނަށް ލިބިދޭ ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް

މި ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލި މީހުންގެ ނަންތައް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން، އެއިންތިހާބެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ މީހާ އެމީހާގެ މަގާމާ ހަވާލުވަންދެން، ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި އެކެންޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެކެންޑިޑޭޓުން ހުށަހަޅާފައިވާ މީހުންނަށް، ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ދޭންވާނެއެވެ. މިކަން އިންތިޒާމްކޮށްދޭނީ އިލެކްށަންސް ކޮމިށަން މެދުވެރިކޮށް ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުންނެވެ.

 

12 ވަނަ މާއްދާ - ރިޔާސީ އިންތިހާބު އިއުލާންކުރުމާއި ކެންޑިޑޭޓުންނާގުޅޭ އާންމު އުސޫލުތައް

މި ގާނޫނުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި، 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި އަދި 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، އިންތިހާބު އިއުލާންކުރުމާއި، ކެންޑިޑޭޓުންނާގުޅޭ ގޮތުން ރިޔާސީ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

13 ވަނަ މާއްދާ - ދައުލަތުގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކެންޑިޑޭޓުންނަށް ހިލޭ އެއަރޓައިމް ދިނުން

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބްރޯޑްކާސްޓަރުން މެދުވެރިކޮށް ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް ކުރާ މަސައްކަތުގެ އިތުރުން، ދައުލަތުގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހަމަހަމަ އުސޫލަކުން، އެމުއައްސަސާތަކުން އެކަމަށް ކަނޑައަޅާ ށާއިއުކޮށްފައިވާ ގޮތެއްގެ މަތިން ހިލޭ އެއަރ ޓައިމް ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ބާތިލު ވޯޓު

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން، އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.

 

15 ވަނަ މާއްދާ - ރަސްމީ ނަތީޖާ ގެޒެޓްގައި ށާއިއުކުރަންޖެހޭ މުއްދަތު

ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ (ހަތް ދުވަހުގެ) ތެރޭގައި އެއިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ރަސްމީ އިންތިހާބީ އޮޑިޓަރުގެ ރިޕޯޓު

ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ ގޮތުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އެކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓު އެއިންތިހާބު ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ހުށަހަޅާ އޮޑިޓް ރިޕޯޓު އާންމުކޮށް ބެލޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

17 ވަނަ މާއްދާ - އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންތައްތައް

މި ގާނޫނުގެ 13 ވަނަ މާއްދާއާއި، 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި، 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި، ވޯޓު ނެގުމަށް ތައްޔާރުވުމާގުޅޭ ގޮތުންނާއި، ވޯޓު ނެގުމާއި، ވޯޓު ގުނުމާއި ނަތީޖާ އިއުލާންކުރުމާއި، އިންތިހާބާބެހޭ ށަކުވާއާއި، ފައިސާއާއި މާލީކަންކަމާގުޅޭ ގޮތުންނާއި، އިންތިހާބާބެހޭ ކުށާއި އަދަބާގުޅޭ ގޮތުން ރިޔާސީ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

18 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވޭގޮތް

(ހ) ރިޔާސީ އިންތިހާބުގައި ވޯޓު ދިން މީހުންގެ އަގްލަބިއްޔަތު ލިބިއްޖެކަމަށް ބަލާނީ، އެއިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓު އެ ކެންޑިޑޭޓަކަށް ލިބިފައިވާނަމައެވެ.

(ށ) އިލެކްށަންސް ކޮމިށަނުން ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާއިރު އެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓަކަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވޯޓު ދިން މީހުންގެ އަގްލަބިއްޔަތު ލިބިއްޖެނަމަ، އެ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބު ވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ރިޔާސީ އިންތިހާބުގެ ދެވަނަބުރު

(ހ) ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، އެ އިންތިހާބު ބޭއްވުނުތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންނެވެ. މިގޮތުން، އެންމެގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ އެއް އަދަދަކަށް ކަމުގައިވާނަމަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އެ ދެ ކެންޑިޑޭޓުން އެކަންޏެވެ.

(ނ) ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް އެންމެގިނަ ވޯޓުލިބުނީ ދެ ކެންޑިޑޭޓަކަށް އެއް އަދަދަކަށް ކަމުގައިވާނަމަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި، ދެވަނައަށް އެންމެގިނަ ވޯޓުލިބުނު ދެ ކެންޑިޑޭޓުންނެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ތިން ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓު ކެންޑިޑޭޓަކަށް ލިބިއްޖެނަމަ، އެ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބު ވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ތިން ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، އެ އިންތިހާބު ބޭއްވުނުތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ތިންވަނަ ބުރެއް ބާއްވަންވާނެއެވެ. އަދި ރިޔާސީ އިންތިހާބުގެ ތިންވަނަ ބުރުގައި ވާދަކުރާނީ އެއިންތިހާބުގެ ދެވަނަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންނެވެ. އަދި މިގޮތުން ބާއްވާ ރިޔާސީ އިންތިހާބުގެ ތިންވަނަ ބުރުގައި، އެއިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓު ކެންޑިޑޭޓަކަށް ލިބިއްޖެނަމަ، އެ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބު ވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރަންވާނެއެވެ.

(ޅ) ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުވަތަ ތިންވަނަ ބުރު ބާއްވާއިރު، އެބުރުގައި ވާދަކުރާ ކެންޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެ ކެންޑިޑޭޓުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރިއިރު ހުށަހަޅާފައިވާ މީހުންނަށް ބަދަލެއް ނުގެނެވޭނެއެވެ.

 

20 ވަނަ މާއްދާ - ރިޔާސީ އިންތިހާބުގެ ދެވަނަބުރާއި އިތުރަށް ބާއްވާ ބުރުގައި މިގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންތައްތައް

ރިޔާސީ އިންތިހާބުގެ ދެވަނަބުރު ބާއްވާއިރުވެސް، އަދި މި ގާނޫނުގެ 19 ވަނަ މާއްދާގެ (ބ) ގެ ދަށުން ތިންވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ އެބުރުގައިވެސް، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި، ވޯޓު ނެގުމަށް ތައްޔާރުވުމާގުޅޭ ގޮތުންނާއި، ވޯޓު ނެގުމާއި، ވޯޓު ގުނުމާއި، ނަތީޖާ އިއުލާންކުރުމާއި، އިންތިހާބާބެހޭ ށަކުވާއާއި، ފައިސާއާއި މާލީކަންކަމާގުޅޭ ގޮތުންނާއި، އިންތިހާބާބެހޭ ކުށާއި އަދަބާގުޅޭ ގޮތުން އަމަލުކުރަންވާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

21 ވަނަ މާއްދާ - އެންމެ ކެންޑިޑޭޓަކު ކުރިމަތިލުން

(ހ) ރިޔާސީ އިންތިހާބެއްގައި، އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު އިންތިހާބަށް ކުރިމަތިލާފައިވަނީ ށަރުތުހަމަވާ އެންމެ ކެންޑިޑޭޓެއްނަމަ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާ އިލެކްށަންސް ކޮމިށަނުން އެކަން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދެވަނަފަހަރަށް ހުޅުވާލެވޭ ފުރުސަތުގައި ވެސް އިންތިހާބަށް ކުރިމަތިލުމަށް ދެވުނު މުއްދަތު ހަމަވިއިރު އިންތިހާބަށް ކުރިމަތިލާފައިވަނީ ށަރުތުހަމަވާ އެންމެ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓުގެ ނަން ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ސިއްރު ވޯޓަކަށް ހުށަހަޅައި ވޯޓުދިން މީހުންގެ ތެރެއިން %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓު އެ ކެންޑިޑޭޓަކަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަން ފެންނަކަމަށް ލިބިއްޖެނަމަ، އެ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާން ކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި ބާއްވާ ރިޔާސީ އިންތިހާބު

ގާނޫނުއަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވައި ނިންމުމަށްޓަކައި، މި ގާނޫނުގައާއި އަދި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ މާއްދާތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ މާއްދާތަކުގައިވާ މުއްދަތުތަކުގެ ބަދަލުގައި ގާނޫނުއަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރަންވާނީ ތިރީގައި ބަޔާންކޮށްފައިމިވާ މުއްދަތުތަކެވެ.

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ   9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 45 ދުވަހުގެ (ސާޅިސް ފަސް ދުވަހުގެ) ބަދަލުގައި ގިނަވެގެން 10 ދުވަސް (ދިހަ ދުވަސް).

(ށ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ  10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 10 ދުވަހުގެ (ދިހަ ދުވަހުގެ) ބަދަލުގައި ގިނަވެގެން 5 ދުވަސް (ފަސް ދުވަސް).

(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ  10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 5 ދުވަހުގެ (ފަސް ދުވަހުގެ) ބަދަލުގައި ގިނަވެގެން 1 ދުވަސް (އެއް ދުވަސް).

(ރ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ  10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 5 ދުވަހުގެ (ފަސް ދުވަހުގެ) ބަދަލުގައި ގިނަވެގެން 2 ދުވަސް (ދެ ދުވަސް).

(ބ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ  10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 15 (ފަނަރަ) ދުވަހުގެ ބަދަލުގައި ގިނަވެގެން 2 ދުވަސް (ދެ ދުވަސް).

(ޅ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ  14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 14 (ސާދަ) ދުވަހުގެ ބަދަލުގައި ގިނަވެގެން 7 ދުވަސް (ހަތް ދުވަސް).

(ކ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ  21 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ 5 ދުވަހުގެ (ފަސް ދުވަހުގެ) ބަދަލުގައި ގިނަވެގެން 3 ދުވަސް (ތިން ދުވަސް).

(އ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ21 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ 7 ދުވަހުގެ (ހަތް ދުވަހުގެ) ބަދަލުގައި ގިނަވެގެން 2 ދުވަސް (ދެދުވަސް).

(ވ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 10 ދުވަހުގެ (ދިހަ ދުވަހުގެ) ބަދަލުގައި ގިނަވެގެން 5 ދުވަސް  (ފަސް ދުވަސް).

(މ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ ބަދަލުގައި ގިނަވެގެން 10 ދުވަސް (ދިހަ ދުވަސް).

(ފ) މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 14 (ސާދަ) ދުވަހުގެ ބަދަލުގައި ގިނަވެގެން 7 ދުވަސް (ހަތް ދުވަސް).

(ދ) މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 7 ދުވަހުގެ (ހަތް ދުވަހުގެ) ބަދަލުގައި ގިނަވެގެން 5 ދުވަސް (ފަސް ދުވަސް).

(ތ) މިގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 21 (އެކާވީސް) ދުވަހުގެ ބަދަލުގައި ގިނަވެގެން 10 ދުވަސް (ދިހަ ދުވަސް).

 

23 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މިގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ. އަދި މިގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 7 ދުވަހުގެ (ހަތް ދުވަހުގެ) ތެރޭގައި އެގަވާއިދުތައް ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ށ) އިންތިހާބާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނުން ހަދާ އެންމެހައި ގަވައިދުތައް ބޭނުންވެއްޖެ ކޮންމެފަރާތަކަށް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެއަކުރުގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން އިލެކްށަންސް ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

24 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަންފަށާނީ، މިގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

25 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު  1998-01 (ރިޔާސީ އިންތިހާބުގެ ގާނޫނު) އުވުނީއެވެ.

 

26 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު؛

"އިލެކްށަންސް ކޮމިށަން" ކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އައްޔަންކުރާ އިލެކްށަންސް ކޮމިށަނަށެވެ.

(ށ) މިގާނޫނުގައި ބުނެފައިވާ އެކިއެކި ކަންތައްތައް ކުރުމަށާއި ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.

(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ނުވަތަ ދޭހަ ނުވާހާ ހިނދަކު މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ރިޔާސީ އިންތިހާބުގެ ގަވާއިދު - 2018 (ގަވާއިދު ނަންބަރު 2018-71)
  2. ރިޔާސީ އިންތިހާބުގެ ގަވާއިދު 2013 (ގަވާއިދު ނަންބަރު 2013-40)
  3. އިއްޒަތްތެރިންނަށާއި މުއައްސަސާތަކަށް ސެކިއުރިޓީ ދިނުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު (2008)

 

އުވުނު ގާނޫނު

ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 1998-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު