-

 

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2008-14) 

 

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރަން.

2. ހިންގޭނެ ދާއިރާ
(ހ) އެހެން ގާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް މި ގާނޫނު ހިންގޭނެއެވެ. ނަމަވެސް ފުލުހުންނާ ސިފައިންނަކީ ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ބަޔަކަށްވުމާއެކު ސިފައިންނާ ފުލުހުންނަށް ހިނގާނީ ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) އާއި ގާނޫނު ނަންބަރ 2008-05 (ފުލުހުންގެ ގާނޫނު) އެވެ.

2 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރަން.

13.(ކ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ އަމަލުތައް ބަހައްޓާގޮތުން، އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްނޫން ކަމުގައި ބަލަންޖެހޭނެއެވެ.

3 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރަން.

14. ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. އަދި އެމުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލު ކުރެވިދާނެއެވެ.

4 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ (1) އަންނަނިވި ގޮތަށް އިސްލާހުކުރަން.

21 (ށ) 1. މުވައްޒަފުގެ ނަސްލު، ކުލަ، ގައުމީ ނިސްބަތް، އިޖްތިމާއީ ނިސްބަތް، ދީން، ސިޔާސީގޮތުން ގެންގުޅޭ ހިޔާލުތައް، ނިސްބަތްވާ ސިޔާސީ ޕާޓީ، ޖިންސު، ކައިވެނީގެ ނިސްބަތް، އާއިލީ ގޮތުން އުފުލަންޖެހޭ ޒިންމާތައް، ނުވަތަ އޭނާގައި ހުރި ނުކުޅެދޭ ސިފައެއް.

5 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ (1) އަންނަނިވި ގޮތަށް އިސްލާހުކުރަން.

22 (ހ) 1. ހަ މަސް ދުވަހަށްވުރެ ކުރުނޫން އަދި އެއްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެހަފުތާގެ ނޯޓިސް.

6 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރަން.

32. ހަަފުތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތް ކުރެވޭ ގަޑިތައް 

(ހ) ހަފުތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތް ކުރެވޭ ގަޑިތައް ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން 48 ގަޑިއިރަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެއެވެ. މި އުސޫލުގެ ތެރޭގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިތުރުގަޑީގައި މަސައްކަތް ކުރުވުމެއް ނުހިމެނޭނެއެވެ.

7 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރަން.

32. (ނ) ޓޫރިސްޓު ރިސޯޓުތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި މަސައްކަތްކުރާ މީހެއް ނުވަތަ މީހުން އަދި މީހުން  ދިރިނޫޅޭ ސިނާއީ މަސައްކަތްތައްކުރާ ރަށްރަށުގައި މަސައްކަތްކުރާ މީހެއް ނުވަތަ މީހުންނާއި ވަޒީފާ ދޭފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުމުގައި، ކަނޑައަޅާފައިވާ ގޮތެއްގެމަތީން ވިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތް ކުރުމަށްފަހު، ވިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތްކުރާ ކޮންމެ 6 ދުވަހަކަށް 1 ދުވަހުގެ މަގުން އަރާމްކުރުމަށް ދުވަސްތައް އެއްކޮށް ނެގުމަށް މި މާއްދާގެ (ށ) ހުރަހެއް ނާޅައެވެ.

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ (ރ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރަން.

32. (ރ) ޓޫރިސްޓު ރިސޯޓުތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި މަސައްކަތް ކުރާ މީހެއް ނުވަތަ މީހުން އަދި މީހުން ދިރިނޫޅޭ ސިނާއީ މަސައްކަތްތައްކުރާ ރަށްރަށުގައި މަސައްކަތްކުރާ މީހަކު، ނުވަތަ މީހުން ވަޒީފާ ބަޔާނުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ދުވާލަކު އިތުރު 2 ގަޑިއިރު މަސައްކަތްކުރުވުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. ނަމަވެސް މި ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މިގޮތުން އިތުރުވާ ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

9 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (3)، (4) އަދި (5) ވަނަ ނަންބަރު އުނިކޮށް ދެންހުރި ނަންބަރުތައް ތަރުތީބުކުރަން.

10 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (3)، (4) ގެގޮތުގައި ތިރީގައިވާ ނަންބަރު ހިމެނުން.

34. (ހ)

3. މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތުމީހުން
4. އޮންކޯލް ޑިއުޓީގައި ތިބޭ ވަގުތުތަކުގައި، އޮންކޯލް ޑިއުޓީގައި ތިބޭ މީހުން.

11 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 35 ވަނަ މާއްދާގައި މިހާރު އޮތް ބަޔަކީ އެމާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އަންނަނިވި ބައި އެމާއްދާގެ (ށ) ގެ ގޮތުގައި އިތުރުކޮށް ދެންހުރި ނަންބަރުތައް ތަރުތީބުކުރަން.

35. ކެއުމުގެ ގަޑި
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާވާ މުވައްޒަފުންނަށް، އެމުވައްޒަފުންނާއި އެމުވައްޒަފުންނަށް ވަޒީފާދޭ ފަރާތާ ދެމެދު އެއްބަސްވާ ގޮތެއްގެމަތިން، އެހެން އުސޫލަކުން ކެއުމުގެ ގަޑި ކަނޑައަޅަންވާނެއެވެ.

12 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކޮށް ނަންބަރު ތަރުތީބުކުރަން.

51. ރަމަޒާން މަހުގެ އިނާޔަތް

 ކޮންމެ މުވައްޒަފަކަށްވެސް ރަމަޒާން މަހުގެ އިނާޔަތުގެ ގޮތުގައި އެމީހެއްގެ މަހު މުސާރައިގެ 3/1 ބަޔަށް ވާ އަދަދަށްވުރެ މަދުނޫން އަދަދަކަށް ފައިސާ އެއަހަރެއްގެ ރަމަޒާން މަސް ފެށުމުގެ ކުރިން ދޭންވާނެއެވެ.

13 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ނ)  އަންނަނިވި ގޮތަށް އިސްލާހުކުރަން.

69.(ނ) ވަޒީފާދޭ ފަރާތުން އެ  ތަމްރީނެއް ދިނުމަށް ކުރި ހަރަދަށްވުރެ އިތުރު ފައިސާއެއް، މި މާއްދާގެ (ހ) ގެ ދަށުން ވެވޭ އެއްބަސްވުމުގެ ދަށުން،  ތަމްރީނުދެވޭ މުވައްޒަފެއްގެ އަތުން، ވަޒީފާދޭ ފަރާތުން ސީދާގޮތުން ނުވަތަ ނުސީދާ ގޮތުންނަމަވެސް އެ ތަމްރީނެއް ދިނުމުގައި  އޭނާ ބައިވެރިވިކަމަށްޓަކައި، އަތުލައިގެން ނުވާނެއެވެ.

14 ވަނަ މާއްދާ - ބުނެވެދިޔަ ގާނޫނުގެ 86 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރަން.

86.

(ހ) އެކުލެވިގެންވާ ގޮތް 
 ޓްރައިބިއުނަލް އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 7 މެންބަރުންގެ މައްޗަށެވެ.

(ށ) މެންބަރުންގެ މުއްދަތު

  1. ޓްރައިބިއުނަލަށް އައްޔަނުކުރެވޭ މެންބަރަކު، އެމަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަނުކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
  2. މި މާއްދާގެ (އ) ގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކު އަލުން 5 (ފަހެއް) އަހަރުގެ ދައުރަކަށް އައްޔަނުކުރެވިދާނެއެވެ. އަދި އެގޮތުން އައްޔަނުކުރެވޭ މެންބަރަކު ކޮންމެ 5 (ފަހެއް) އަހަރަކުން އައްޔަނުކުރަމުން ގެންދެވިދާނެއެވެ.

(ނ) މެންބަރުންގެ ސިފަތައް

ޓްރައިބިއުނަލްގެ މެންބަރުންގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.

  1. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  2. ރިށްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  5. ވަޒީފާގެ ދާއިރާގެ މައްސަލަތައް ދެނެގަތުމާއި ހައްލު ހޯދައިދިނުމުގެ ގާބިލުކަން އިލްމީގޮތުން ނުވަތަ ތަޖުރިބާގެ ގޮތުން ލިބިފައިވުން.

(ރ) މެންބަރުކަމަށް ފުލްޓައިމްކޮށް އަދި ޕާޓްޓައިމްކޮށް އައްޔަނުކުރުން

ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުން ޕާޓްޓައިމްކޮށް ނުވަތަ ފުލްޓައިމްކޮށް އައްޔަނުކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ

(ބ) ޓްރައިބިއުނަލްގެ ރައީސާއި ނައިބުރައީސް

  1. ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންގެ ތެރެއިން ޓްރައިބިއުނަލަށް ރައީސަކާއި ނައިބުރައީސެއް، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަންވާނެއެވެ.
  2. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޓްރައިބިއުނަލް ހިންގައި ބެލެހެއްޓުމުގައި ޓްރައިބިއުނަލްގެ އެންމެ އިސްފަރާތަކީ ޓްރައިބިއުނަލްގެ ރައީސެވެ.'
  3. ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ޓްރައިބިއުނަލްގެ ނައިބުރައީސެވެ. މީގެ އިތުރުން، ޓްރައިބިއުނަލްގެ ރައީސް ޓްރައިބިއުނަލްގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
  4. ޓްރައިބިއުނަލްގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ.

(ޅ) މެންބަރުން މަގާމާ ހަވާލުވުން
ޓްރައިބިއުނަލްގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި އަންނަނިވި ހުވާކުރުމުންނެވެ.

"އަހުރެން ....................... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތަކަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރެއްގެގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މިނިވަންކަމާއި، އަދްލުވެރިކަމާއި، އިންސާފުވެރިކަމާއެކު، އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."


(ކ) މަގާމު ހުސްވުން
ޓްރައިބިއުނަލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. މެންބަރުކަމުގެ މުއްދަތު ހަމަވުމުން.
  2. އިސްތިއުފާ ދިނުމުން.
  3. މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން، ޓްރައިބިއުނަލްގެ މެންބަރުކަމުން ވަކިކުރުމުން.
  4. މަރުވުމުން.
  5. ޓްރައިބިއުނަލްގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން

(އ) މެންބަރުކަމުން ވަކިކުރުން
ޓްރައިބިއުނަލްގެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، ރައީސުލްޖުމްހޫރިއްޔާ އެމެންބަރަކަށް ފޮނުވާ ލިޔުމަކުންނެވެ.

  1. ށަރްއީ ހުކުމަކުން އިފްލާސްކުރުން.
  2. ޓްރައިބިއުނަލްގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން؛ ނުވަތަ ޓްރައިބިއުނަލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް ދިމާވުން.
  3. ހުވަޔާ ހިލާފުވުން.
  4. މެންބަރެއްގެ މައްޗަށް ސާބިތުވާ ކުށެއްގެ ސަބަބުން، ޓްރައިބިއުނަލްގެ މެންބަރަކު ހިފަހައްޓަންޖެހޭ އަބުރުވެރިކަމަށް އުނިކަން އަތުވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނުން.
  5. ޓްރައިބިއުނަލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުމާއި، އެކަމަށް ދޭންވާ ސަމާލުކަން ނުދިނުން.

(ވ) އިސްތިއުފާ ދިނުން

  1. ޓްރައިބިއުނަލްގެ ރައީސް ނުވަތަ ނައިބުރައީސް ނުވަތަ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން ނުވަތަ އިސްތިއުފާ ހުށަހެޅި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ވަންދެން އެމީހަކު އޭނާގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.  
  2. މި މާއްދާގެ (ވ) ގެ (1) ގެ ދަށުން ޓްރައިބިއުނަލްގެ ރައީސް ނުވަތަ ނައިބުރައީސް އޭނާގެ މަގާމުން އިސްތިއުފާ ދިން ކަމުގައިވިޔަސް، ޓްރައިބިއުނަލްގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދިނީކަމުގައެއް ނުބެލެވޭނެއެވެ.

(މ) މެންބަރުންގެ މުސާރައާއި އިނާޔަތްތައް

  1. ޓްރައިބިއުނަލްގެ ރައީސާއި ނައިބުރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި އެމެންބަރަކީ ޓްރައިބިއުނަލްގައި ފުލްޓައިމްކޮށް ނުވަތަ ޕާޓްޓައިމްކޮށް ވަޒީފާއަދާކުރާ ފަރާތެއްކަމާމެދު ރިއާޔަތްކުރަންވާނެއެވެ.

ޓްރައިބިއުނަލްގެ ރައީސަށާއި ނައިބުރައީސަށް ދެވޭ މުސާރައާއި މާލީ އިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ޓްރައިބިއުނަލްގެ މެންބަރުންނަށް ދެވޭ މުސާރައާއި މާލީ އިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.

(ފ) ޓްރައިބިއުނަލަށް މުވައްޒަފުން އައްޔަނުކުރުން
ޓްރައިބިއުނަލަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، އެއް މަގާމުން އަނެއް މަގާމަށް ބަދަލުކޮށް އެމީހުން ވަޒީފާއިން ވަކިކުރާނީ ޓްރައިބިއުނަލުން އެކުލަވާލާ ގަވާއިދެއްގެ މަތިން ޓްރައިބިއުނަލްގެ މެންބަރުންގެ ފަރާތުން ޓްރައިބިއުނަލްގެ ރައީސެވެ.

(ދ) ޓްރައިބިއުނަލްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް
ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ކަނޑައަޅާނީ ޓްރައިބިއުނަލްގެ މެންބަރުންގެ ފަރާތުން ޓްރައިބިއުނަލްގެ ރައީސެވެ.

(ތ) މާލީ ކަންކަން

  1. ޓްރައިބިއުނަލްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ޓްރައިބިއުނަލަށް ދޫކުރަންވާނެއެވެ.
  2. ޓްރައިބިއުނަލްގެ އާމްދަނީއާއި، ހަރަދާއި، މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ޓްރައިބިއުނަލުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ލ) ދިވެހި ސިވިލް ސަރވިސްގައި ނުހިމެނުން
ޓްރައިބިއުނަލްގެ މެންބަރުންނާއި ޓްރައިބިއުނަލްގެ މުވައްޒަފުންނަކީ ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ ބައެއް ނޫނެވެ.

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 89 ވަނަ މާއްދާއަށް އަންނަނިވި އިބާރާތް އިތުރުކުރަން.

"ހިންގުމުގެ އިސްމަގާމުގައި ތިބޭ މީހުން" ހިންގުމުގެ އިސްމަގާމުތަކުގައި ތިބޭ މީހުން ކަމުގައި ބުނެފައި އެވަނީ ހިންގާ ކޮމިޓީގެ މެންބަރުންނާއި، އެފެންވަރުގެ އެހެނިހެން މުވައްޒަފުންނާއި، ހިންގުމުގެ ދާއިރާގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށެވެ.

16 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.

  

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ފަހުގެ ވަރށަން) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-02)

ރިފަރެންސް

6 އޮކްޓޯބަރ 2008 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2008 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ އެއްވަނަ ޖަލްސާއިން.ފާސްކުރި މި ބިލު ތަބްދީޤު ކުރެއްވީ 13 އޮކްޓޯބަރ 2008 (13 ޝައްޥާލް  1429) ގައެވެ.

ކިޔުންތެރިންގެ ހިޔާލު