-

ސިވިލް ސަރވިސްގެ ގާނޫނު (ގާނޫނު ނަންބަރު 2007-05) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2008-07)

 

ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާއަށް އަންނަނިވި އަކުރު އެމާއްދާގެ (ރ) ގެ ގޮތުގައި އިތުރުކުރަން.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބުނެފައިވާ މުސްކުޅިކުރުމުގެ އިނާޔަތް، ގާނޫނަކުން ކަނޑައަޅައި، އެ ގާނޫނުގައިވާ ގޮތުގެމަތިން އެ އިނާޔަތް ދޭންފެށުމާ ހަމައަށް ހިނގާ މުއްދަތުގައި، އެ އިނާޔަތަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފަޔާއެކު ކޮމިށަނުން ހަމަޖައްސާ އިނާޔަތެއް ކަމުގައި ހެދުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އެހެންނަމަވެސް، މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފަޔާއެކު ކޮމިށަނުން ހަމަޖައްސާ އިނާޔަތަކީ ގާނޫނަކުން ކަނޑައަޅާ މުސްކުޅިކުރުމުގެ އިނާޔަތަށްވުރެ ކުޑަ އިނާޔަތެއްނަމަ، އެ މަދުވާ މިންވަރު އެ ގާނޫނަކަށް އަމަލުކުރަން ފެށުމާއެކު އެމީހަކަށް ދޭންވާނެއެވެ.

 

2 ވަނަ މާއްދާބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާއަށް އަންނަނިވި އަކުރު އެމާއްދާގެ (ބ) ގެ ގޮތުގައި އިތުރުކުރަން.

(ބ) މިގާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް، މުސްކުޅިކުރުމުގެ އިނާޔަތްދިނުމުގައި އަންނަނިވި ދެގޮތުންކުރެ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި މިދެގޮތުންކުރެ ގޮތެއް އެމީހަކު ހިޔާރުކުރުމަށްޓަކައި އެހީތެރިވެދިނުމުގެ ގޮތުން، މިދެގޮތުން އެމީހަކަށް ލިބޭނެ އިނާޔަތްތަކާއި، ދެގޮތުގައި ހުރި ތަފާތުތަކާއި، ފަރަގު ކޮމިށަނުން އެމީހަކަށް އަންގައިދޭންވާނެއެވެ. އަދި މިގޮތުން އެމީހަކު ހިޔާރުކުރާ ގޮތެއްގެ މަތިން އެމީހަކު މުސްކުޅިކުރުމުގެ އިނާޔަތް ލިބިދޭންވާނެއެވެ.

  1. މިމާއްދާގެ (ނ) ގެދަށުން ލިބިދޭ އިނާޔަތް ލިބުން، މިއިނާޔަތް ގާނޫނަކުން ކަނޑައެޅިފައިނެތް ހާލަތެއްގައި މިމާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ކޮމިށަނުން ހަމަޖައްސާ އުސޫލެއްގެ ދަށުން ކޮމިށަނުން ކަނޑައަޅާ އިނާޔަތް ލިބުން.
  2. އެމީހަކު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރި ތާރިހުން ފެށިގެން 24 މަސް ދުވަސް ވަންދެން، އެމީހަކު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރިއިރު ލިބެމުން ދިޔަ މުސާރައާއި އެއްވަރުގެ އިނާޔަތް ލިބުން. އަދި އެމީހަކު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން 24 މަސް ދުވަސް ހަމަވުމުން މިމާއްދާގެ 1 ގައިވާ ގޮތުގެ މަތިން ލިބިދޭ އިނާޔަތް ލިބުން.

 

މައި ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2007-05)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު