-

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2009-11)

(މި ގާނޫނަށް އަމަލުކުރަން ފެށީ 10 ނޮވެމްބަރު 2009 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދެވޭ މުސާރައާއި ލިބިދެވޭނެ އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ދައުލަތުގެ އެންމެ އިސް އިއްޒަތްތެރިޔާ

ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސް އިއްޒަތްތެރިޔާކަމުގެ ށަރަފާއި ލަގަބު ކަނޑައެޅިފައިވާ މީހާއެވެ.

 

ރައީސުލްޖުމްހޫރިއްޔާއަށް ދެވޭ މުސާރައާއި އިނާޔަތްތައް

3 ވަނަ މާއްދާ – މުސާރަ

ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100,000 (އެއްލައްކަ) ރުފިޔާ އެވެ.

 

4 ވަނަ މާއްދާ - ދިރިއުޅޭނެ ތަން

(ހ) ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ އާއިލާ ދިރިއުޅޭނޭ ރަސްމީ ގެއަކާއި އެގެއަށް ބޭނުންވާ، އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އަދި އެގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެއެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާ ދިރިއުޅޭ ރަސްމީ ގެ ހިމެނޭ ގޮވަތީގައި، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތާގުޅޭ އިދާރާއެއް ފިޔަވައި އެހެން

އެއްވެސް މުއައްސަސާއެއްގެ މަސައްކަތް ހިންގާ އިދާރާއެއް ހުރެގެންނުވާނެއެވެ.

 

5 ވަނަ މާއްދާ - ހިމާޔަތާއި ރައްކާތެރިކަން

ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ އާއިލާއަށް ދެވޭ ހިމާޔަތާއި ރައްކާތެރިކަމާއި ދަތުރުފަތުރު ކުރުމުގެ އެންމެހައި ކަންކަން ހަމަޖައްސާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނެވެ.

 

6 ވަނަ މާއްދާ - ސިއްހީ ހިދުމަތް

ރައީސުލްޖުމްހޫރިއްޔާއަށާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އުމުރުން  18 އަހަރު ނުފުރޭ ދަރިންނާއި 18 އަހަރު ފުރިފައިވީ ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ދަރިންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަންމައާއި ބައްޕައަށް ދައުލަތުގެ ހަރަދުގައި ރާއްޖެއާއި ރާއްޖޭން ބޭރުން ސިއްހީ ހިދުމަތް ލިބިދޭންޖެހޭނެއެވެ.

 

7 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދެވޭ އެލަވަންސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންވާނެއެވެ. މިއެލަވަންސްގެ މިންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.

 

8 ވަނަ މާއްދާ - ޗުއްޓީ ހޭދަކުރުމުގެ ހަރަދު

ރައީސުލްޖުމްހޫރިއްޔާ އޭނާގެ އާއިލާއާއެކު ގިނަވެގެން އަހަރަކު 30 (ތިރީސް) ދުވަހުގެ ޗުއްޓީ ހޭދަކުރުމުގެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

9 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކުރެވިފައިވާ ރަށް

ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ކުރެވިފައިވާ ރަށެއްގެ ގޮތުގައި މާލެ އަތޮޅު އާރަށް ހަމަޖައްސަންވާނެއެވެ. މި ރަށާގުޅޭ ހުރިހާ ކަމެއް ކުރަމުން ގެންދާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އިނާޔަތްތައް

10 ވަނަ މާއްދާ – މުސާރަ

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަކީ މަހަކު 75,000 (ހަތްދިހަ ފަސްހާސް) ރުފިޔާއެވެ.

 

11 ވަނަ މާއްދާ - ދިރިއުޅޭނެ ތަން

(ހ) ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އޭނާގެ އާއިލާ ދިރިއުޅުމަށްޓަކައި ރަސްމީ ގެއަކާއި އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އަދި އެގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެއެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅޭ ރަސްމީ ގެ ހުންނަ ގޮވަތީގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސައްކަތާގުޅޭ އިދާރާއެއް ފިޔަވައި އެހެން އެއްވެސް މުއައްސަސާއެއްގެ މަސައްކަތް ހިންގާ އިދާރާއެއް ހުރެގެންނުވާނެއެވެ.

 

12 ވަނަ މާއްދާ - ހިމާޔަތާއި ރައްކާތެރިކަން

ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި އޭނާގެ އާއިލާއަށް ދެވޭ ހިމާޔަތާއި ރައްކާތެރިކަމާއި ދަތުރުފަތުރު ކުރުމުގެ އެންމެހައި ކަންކަން ހަމަޖައްސާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނެވެ.

 

13 ވަނަ މާއްދާ - ސިއްހީ ހިދުމަތް

ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަންމައާއި ބައްޕައަށް ދައުލަތުގެ ހަރަދުގައި ރާއްޖެއާއި ރާއްޖޭން ބޭރުން ސިއްހީ ހިދުމަތް ލިބިދޭންޖެހޭނެއެވެ.

 

14 ވަނަ މާއްދާ - ޗުއްޓީ ހޭދަކުރުމުގެ ހަރަދު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޭނާގެ އާއިލާއާއެކު ގިނަވެގެން  އަހަރަކު 30 (ތިރީސް) ދުވަހުގެ ޗުއްޓީ ހޭދަކުރުމުގެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

އެހެނިހެން

15 ވަނަ މާއްދާ - ރަސްމީ އިއްޒަތުގައި ފަސްދާނުލުން

(ހ) ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުވެއްޖެނަމަ، އެމީހަކު  ފަސްދާނުލުމުގެ ކަންތައްތައް ރަސްމީ އިއްޒަތުގައި ހަމަޖައްސާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާކަން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކު ކުށްވެރި ނުވެ ގާނޫނީ ހަމަތަކުގެ މަތިން އެ މަގާމުން ވަކިވެފައި ވަނިކޮށް މަރުވެއްޖެނަމަ، އެމީހަކު ފަސްދާނުލުމުގެ ކަންތައްތައް ރަސްމީ އިއްޒަތުގައި ހަމަޖައްސާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނެވެ.

 

16 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ކަނޑައަޅާ އިނާޔަތްތައް މުރާޖައާކުރުން

މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިނާޔަތްތައް،  ކޮންމެ ތިން އަހަރަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުން މުރާޖައާކޮށް، މުދަލާއި ހިދުމަތުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުމަށްފަހު، އަލުން އެއަދަދުތައް އެކަށައަޅަންޖެހޭތޯ ކަނޑައަޅަންވާނެއެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި "ރައީސުލްޖުމްހޫރިއްޔާގެ އާއިލާ" ކަމުގައި ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށާއި 18 އަހަރު ފުރިފައިވީ ނަމަވެސް ކައިވެންޏެއް ނުކޮށް ތިބޭ ދަރިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަންމަ އާއި ބައްޕައަށެވެ.

(ށ) "ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އާއިލާ" ކަމުގައި ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށާއި 18 އަހަރު ފުރިފައިވީ ނަމަވެސް ކައިވެންޏެއް ނުކޮށް ތިބޭ ދަރިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަންމަ އާއި ބައްޕައަށެވެ.

(ނ) މި ގާނޫނުގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެލަފުޒުތަކުގެ ޖަމްއު މާނައިގައްޔާއި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް އެލަފުޒުތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ރިފަރެންސް

2 ނޮވެމްބަރ 2009 ވި ހޯމަދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 59 ވަނަ ޖަލްސާއިން ފާސްކުޅަ "ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ބިލު" ބަލައި، ތަސްދީގުކޮށްފައިވަނީ 10 ނޮވެމްބަރ 2009 (23 ޒުލްގައިދާ 1430) ގައެވެ.

ކިޔުންތެރިންގެ ހިޔާލު