-

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2009-09)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެމަތިން އެމަގާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާފަދަ ރައްކާތެރިކަމާއި މާލީ އިނާޔަތާއި އެހެނިހެން އިނާޔަތްތައް، ގާނޫނުއަސާސީގެ ދަށުން އެމީހަކަށް ހައްގުވެގެންވާ ހިނދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހުންނަށް ދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ދައުލަތުގެ އެންމެ އިސް އިއްޒަތްތެރީން

(ހ) މި ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހަކީ، ދައުލަތުގެ އެންމެ އިސް އިއްޒަތްތެރީންގެ ތެރޭގައި ހިމެނޭ މީހެކެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހަކަށް ރަސްމީ ގޮތުން މުހާތަބުކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް "ރައީސް" މި ލަގަބު ބޭނުންކުރެވިދާނެއެވެ.

 

3 ވަނަ މާއްދާ - މާލީ އިނާޔަތް

(ހ) ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000 (ފަންސާސް ހާސް) ރުފިޔާ ދައުލަތުން ދޭންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000 (ފަންސަހަތްތަރި ހާސް) ރުފިޔާ ދައުލަތުން ދޭންވާނެއެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މަރުވެއްޖެނަމަ، އެމީހާގެ އަނބިމީހާއަށް، އޭނާ އެހެން ކައިވެންޏެއް ކުރަންދެން ނުވަތަ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ އިނާޔަތް ދައުލަތުން ދޭންވާނެއެވެ.

(ނ) ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މި މާއްދާގެ (ހ) ގައިވާ މާލީ އިނާޔަތް ލިބެމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އެމީހަކު ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ، އެމަގާމުން އެމީހަކު ވަކިވަންދެން، މި މާއްދާގެ (ހ) ގައިވާ މާލީ އިނާޔަތް އެމީހަކަށް ނުލިބޭނެއެވެ.

 

4 ވަނަ މާއްދާ - ދިރިއުޅޭނެ ތަނުގެ ހަރަދުތައް

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 (ފަންސާސް ހާސް) ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ހިމާޔަތާއި ރައްކާތެރިކަން

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކާއި، އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނެށަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެއެވެ. އަދި މިކަމުގައި އަމަލުކުރާނޭ އުސޫލުތައް ކަނޑައެޅުމުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާ ހޯދަންވާނެއެވެ.

 

6 ވަނަ މާއްދާ - ދަތުރުފަތުރުގެ ކަންތައްތައް

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި، އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށުގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް، ދައުލަތުގެ ހަރަދުގައި މޯލްޑިވްސް ނެށަނަލް ޑިފެންސް ފޯސްގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި ވައިގެމަގުން ދަތުރުކުރާނަމަ، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށަކާއި އެއަރޕޯޓާއި ދެމެދު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައްވެސް ދައުލަތުގެ ހަރަދުގައި މޯލްޑިވްސް ނެށަނަލް ޑިފެންސް ފޯސްގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

7 ވަނަ މާއްދާ - ސިއްހީ ހިދުމަތް

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި، އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ހަމަޖައްސައިދޭންވާނެއެވެ.

 

8 ވަނަ މާއްދާ - އޮފީސް ހިންގުމުގެ ހަރަދުތައް

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައުއަށް ފައިދާހުރި އިޖްތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175,000 (އެއްލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެއެވެ.

 

9 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ކަނޑައަޅާ އިނާޔަތްތައް މުރާޖައާކުރުން

(ހ) މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިނާޔަތްތަކުގެ ފައިސާގެ އަދަދުތައް، މަދުވެގެން ކޮންމެ ތިން އަހަރަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުން މުރާޖައާކޮށް، މުދަލާއި ހިދުމަތުގެ އަގު އެމުއްދަތުގައި މައްޗަށް ގޮސްފައިވާ ނިސްބަތާ ގުޅިގެން، އަލުން އެއަދަދުތައް އެކަށައަޅަންޖެހޭތޯ ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް މި ގާނޫނުގެ ދަށުން ދޭން ކަނޑައަޅާފައިވާ އިނާޔަތްތަކަށް ބަދަލުގެނައުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ. އަދި މިފަދަ ބަދަލެއް ގެންނަންޖެހޭނަމަ، އެފަދަ ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާއެއް ހޯދުމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ.

 

10 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

11 ވަނަ މާއްދާ 

މި ގާނޫނުގެ 10 ވަނަ މާއްދާގައި އެހެން އޮތްކަމުގައިވީނަމަވެސް، 2008 ގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ތާރީހުކަމުގައިވާ 7 އޮގަސްޓް 2008 އިން ފެށިގެން މި ގާނޫނުން ލިބިދޭ އެންމެހައި އިނާޔަތްތައް ލިބިދޭންވާނެއެވެ.

 

12 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާހައި ހިނދަކު؛

(ހ) "ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތިން އެމަގާމުން ވަކިވެފައިވާ މީހުންނަށެވެ. އަދި ގާނޫނުއަސާސީގެ 300 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކުރުމަށްފަހު އެމަގާމުން ވަކިވެފައިވާ މީހުންވެސް މި މާނައިގެ ތެރޭގައި ހިމެނޭނެއެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާގެ އަނބިމީހާއަށް މި ގާނޫނުގެ ދަށުން ދޭންޖެހޭ މާލީ އިނާޔަތް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާގެ އެއް އަންބަށްވުރެ ގިނަ އަނބިން ތިބިނަމަ، އެހުރިހާ އަނބިންނަށް ދޭނީ މި ގާނޫނުގައި ދިނުމަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދު އެމީހުންގެ މެދުގައި ހަމަހަމައަށް ބައިވާ ގޮތަށެވެ.

(ނ) މި ގާނޫނުގައި އެކަހެރިނަން ބޭނުންކޮށްފައިވާ ތަންތާނގައި ގިނަނަމުގެ ގޮތުގައި އަދި ގިނަނަން ބޭނުންކޮށްފައިވާ ތަންތާނގައި އެކަހެރިނަން ދޭހަވާގޮތަށް މާނަކުރެވިދާނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު 

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

ރިފަރެންސް

13 އޮކްޓޯބަރ 2009 ވި އަންގާރަދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާއިން ފާސްކުޅަ "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ބިލު" ބަލައި، ތަސްދީގުކޮށްފައިވަނީ 20 އޮކްޓޯބަރ 2009 (2 ޒުލްގައިދާ 1430) ގައެވެ.

ކިޔުންތެރިންގެ ހިޔާލު