-

 

ގާނޫނު ނަންބަރު 1978-71(ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2009-10)

 

ގާނޫނު ނަންބަރު 1978-71 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - އެއަރޕޯޓް ސަރވިސް ޗާޖް ނެގުން

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ދިޔުމަށް ފުރާ އަންނަނިވި ފަސިންޖަރުންގެ އަތުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއަރޕޯޓް ސަރވިސް ޗާޖްގެ ނަމުގައި އަގެއް ނެގޭނެއެވެ.

1.ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން، 18.50 އެމެރިކާ ޑޮލަރުގެ އަގު.

2.އުމުރުން 2 އަހަރު ފުރިހަމަވެފައިވާ ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12.00 އެމެރިކާ ޑޮލަރުގެ އަގު.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް ދިވެހި ރުފިޔާއިން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގަބޫލުކުރާ ބޭރު ފައިސާއަކުން މިއަދަދަށްވާ ފައިސާ ދެއްކުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ޑިޕްލޮމެޓިކް އިމިޔުނިޓީ ލިބިފައިވާ ފަރާތްތަކާއި، ބޭރު ގައުމުތަކުގެ ވަޒީރުން ފެށިގެން މަތީ ފެންވަރުގެ ވެރިންނާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން، އެއަރޕޯޓް ސަރވިސް ޗާޖް ނެގުމުން އިސްތިސްނާވާނެއެވެ.

(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި ނަގާ ފައިސާއަކީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސް ދުވަސް ހަމަވުމުންނެވެ.

 

މައި ގާނޫނު

އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-71)

ރިފަރެންސް

2 ނޮވެމްބަރ 2009 ވި ހޯމަދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 59 ވަނަ ޖަލްސާއިން ފާސްކުޅަ "ޤާނޫނު ނަންބަރު 71/1978 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނު) އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 10 ނޮވެމްބަރ 2009 (23 ޛުލްޤަޢިދާ 1430)

ކިޔުންތެރިންގެ ހިޔާލު