-

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-25)

 

5 ވަނަ މާއްދާ - ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުން

(ހ) އެހެން ގާނޫނެއްގައި، އެހެންގޮތަކަށް ބަޔާންކޮށްފައި އޮތްކަމުގައިވީނަމަވެސް، ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން، ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކުން، އެއްވެސް ލޯނެއް ނަގަންވާނީ، ނުވަތަ ދަރަންޏަށް އެއްވެސް ފައިސާއެއް ނަގަންވާނީ، މި ގާނޫނުގެ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން، ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކުން އެއްވެސް ލޯނެއް ނަގަންވާނީ ނުވަތަ ދަރަންޏަށް އެއްވެސް ފައިސާއެއް ނަގަންވާނީ، މިނިސްޓަރު އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަކުރާނަމަ، މި މާއްދާގެ މި އަކުރުގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ހުށަހެޅުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމައެވެ.
  2. މި މާއްދާގެ މި އަކުރުގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ތަފްސީލްތައް ހިމަނަންވާނެއެވެ.
    (ހހ) ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަކަށް ލޯނުގެގޮތުގައި ނަގަން ބޭނުންވާ ފައިސާ ނުވަތަ ދަރަންޏަށް ނަގަން ބޭނުންވާ ފައިސާގެ އަދަދު.
    (ށށ) ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަކަށް ލޯނުގެގޮތުގައި ނަގަން ބޭނުންވާ ފައިސާއާގުޅިގެން ނުވަތަ ދަރަންޏަށް ނަގަން ބޭނުންވާ ފައިސާއާގުޅިގެން، ދައްކަންޖެހޭ އިންޓްރެސްޓާއި، އެ ލޯނު ނެގުމަށްޓަކައި ނުވަތަ އެ ފައިސާ ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ހަރަދުތަކުގެ ނުވަތަ ކަމާގުޅޭގޮތުން ހަރަދުކުރަންޖެހޭ އެންމެހައި ފައިސާގެ ތަފްސީލް.
    (ނނ) ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަކަށް ލޯނުގެގޮތުގައި ނަގަން ބޭނުންވާ ފައިސާ ނުވަތަ ދަރަންޏަށް ނަގަން ބޭނުންވާ ފައިސާ، ހޯދަން ބޭނުންވަނީ ކޮން ބޭނުމެއްގައިކަމާއި، އެ ލޯނު ނެގުމުގެ ސަބަބުން ނުވަތަ ދަރަންޏަށް އެ ފައިސާ ހޯދުމުގެ ސަބަބުން، ހާސިލްވާނެ ތަރައްގީގެ އަމާޒަކީ ކޮބައިކަމާއި، އެކަމުގެ ސަބަބުން ގައުމަށް ކުރާނެ ފައިދާއަކީ ކޮބައިކަން.
    (ރރ) ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަކަށް ލޯނުގެގޮތުގައި ނަގާ ފައިސާ ނުވަތަ ދަރަންޏަށް ނަގާ ފައިސާ، އަނބުރާ ދައްކަން ދައުލަތަށް ލާޒިމްކުރާ މުއްދަތު.
    (ބބ) ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަކަށް ލޯނު ދޫކުރުމަށް ނުވަތަ ދަރަންޏަށް ފައިސާ ދޫކުރުމަށް އެއްބަސްވާ ފަރާތުން، ލޯނު ދިނުމުގެ ބޭނުމުގައި ނުވަތަ ދަރަންޏަށް ފައިސާ ދޫކުރުމުގެ ބޭނުމުގައި ކޮށްފައިވާ ދިރާސާ ނުވަތަ އެކުލަވާލާފައިވާ ރިޕޯޓް.
    (ޅޅ) ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަކަށް އެ ލޯނު ނެގުމުން ނުވަތަ ދަރަންޏަށް އެ ފައިސާ ނެގުމުން، ގައުމުގެ އިގްތިސާދީ ހާލަތަށް ނުވަތަ މާލީ ހާލަތަށް ކުރާނެ ހެޔޮ އަސަރާއި ނުރަނގަޅު އަސަރުގެ ތަފްސީލް.
    (ކކ) ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަކަށް އެ ލޯނު ނެގުމުން ނުވަތަ ދަރަންޏަށް އެ ފައިސާ ނެގުމުން، ދައުލަތުގެ ފަރާތުން ލޯނުގެގޮތުގައި ނުވަތަ ދަރަނީގެގޮތުގައި އުފުލަންޖެހޭ ހުރިހާ އިލްތިޒާމްތަކެއްގެ ޖުމްލަ އަދަދު، އަދި، އެ ހުރިހާ އިލްތިޒާމްތަކެއް ފުރިހަމައަށް އަދާކޮށް ނިންމަންޖެހޭ ތާރީހް.

(ށ) ދައުލަތަށް ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް ލޯނުގެގޮތުގައި ނަގާ ފައިސާއާއި، ދަރަނީގެގޮތުގައި ނަގާ ފައިސާއާއި، އެކަމާގުޅޭގޮތުން ދައްކަންޖެހޭ އިންޓްރެސްޓްގެ ފައިސާއާއި، އެކަމާގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ހަރަދުތަކަށްވާ ފައިސާ، ދައްކަންވާނީ ނުވަތަ ހަރަދުކުރަންވާނީ ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. އަދި އެ ފައިސާ ހަރަދުކުރަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

(ނ) ދައުލަތަށް ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް ނަގާ ލޯނަކާ ގުޅިގެން، ނުވަތަ ދަރަންޏަށް ނަގާ ފައިސާއަކާ ގުޅިގެން، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ މުއާމަލާތަކާ ގުޅިގެން، ދައުލަތުގެ ނަމުގައި ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީއެއް ދޭންވާނީ، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރަންވާނީ، ނުވަތަ ދައުލަތުގެ މުދަލަކާ ނުވަތަ ފައިސާއަކާގުޅޭ ގޮތުން އެއްވެސް ފަރާތަކަށް އެއްވެސް އަހުދެއް ނުވަތަ ކަށަވަރުކަމެއް ދޭންވާނީ، އަންނަނިވި ގޮތުގެމަތިންނެވެ.

  1. ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން އެއްވެސް ބާވަތެއްގެ ގެރެންޓީއެއް ދޭންވާނީ، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރަންވާނީ، ނުވަތަ ދައުލަތުގެ މުދަލަކާ ނުވަތަ ފައިސާއަކާގުޅޭ ގޮތުން އެއްވެސް ފަރާތަކަށް އެއްވެސް އަހުދެއް ނުވަތަ ކަށަވަރުކަމެއް ދޭންވާނީ، މިނިސްޓަރު އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަކުރާނަމަ، މި މާއްދާގެ މި އަކުރުގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ހުށަހެޅުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމައެވެ.
  2. މި މާއްދާގެ މި އަކުރުގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ތަފްސީލްތައް ހިމަނަންވާނެއެވެ.
    (ހހ) ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ދޭން ބޭނުންވާ ގެރެންޓީގެ، ނުވަތަ ރަހުނުކުރަން ބޭނުންވާ ދައުލަތުގެ މުދަލުގެ ނުވަތަ ހައްގުގެ ނުވަތަ މަސްލަހަތުގެ ނުވަތަ އަހުދުގެ ނުވަތަ  ކަށަވަރުކަމުގެ ތަފްސީލް.
    (ށށ) ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ދޭން ބޭނުންވާ ގެރެންޓީއެއް ދިނުމުން، ނުވަތަ ރަހުނުކުރަން ބޭނުންވާ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރުމުން ނުވަތަ ދޭން ބޭނުންވާ އަހުދެއް ނުވަތަ ކަށަވަރުކަމެއް ދިނުމުން، ހާސިލްވާނެ ތަރައްގީގެ އަމާޒަކީ ކޮބައިކަމާއި، އެކަމުގެ ސަބަބުން ގައުމަށް ކުރާނެ ފައިދާއަކީ ކޮބައިކަން.
    (ނނ) ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީއެއް ދިނުމުން، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރުމުން، ނުވަތަ ދައުލަތުގެ މުދަލަކާ ނުވަތަ ފައިސާއަކާގުޅޭ ގޮތުން އަހުދެއް ނުވަތަ ކަށަވަރުކަމެއް ދިނުމުން، ގައުމުގެ އިގްތިސާދީ ހާލަތަށް ނުވަތަ މާލީ ހާލަތަށް ކުރާނެ ހެޔޮ އަސަރާއި ނުރަނގަޅު އަސަރުގެ ތަފްސީލް.
    (ރރ) ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީއެއް ދިނުމުން، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރުމުން، ނުވަތަ އަހުދެއް ނުވަތަ ކަށަވަރުކަމެއް ދިނުމުން، ދައުލަތުގެ ފަރާތުން އުފުލަންޖެހޭ އެފަދަ ހުރިހާ އިލްތިޒާމްތަކެއްގެ ޖުމްލަ ތަފްސީލް، އަދި، އެ ހުރިހާ އިލްތިޒާމްތަކެއް ނިމުމަކަށް އަންނާނެ ތާރީހް.

(ރ) ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ދޭ ގެރެންޓީއެއް ދިނުމުގައި، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރުމުގައި، ނުވަތަ ދައުލަތުގެ މުދަލަކާ ނުވަތަ ފައިސާއަކާގުޅޭ ގޮތުން އެއްވެސް ފަރާތަކަށް ދޭ އެއްވެސް އަހުދެއް ނުވަތަ ކަށަވަރުކަމެއް ދިނުމުގައި، ކުރަންޖެހޭ އެންމެހައި ހަރަދުތަކަށްވާ ފައިސާ، ހަރަދުކުރާނީ ދައުލަތުގެ ބަޖެޓްގައި ކަނޑައެޅިފައިވާ ގޮތުގެމަތިންނެވެ. އަދި އެ ފައިސާ ހަރަދުކުރަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

(ބ) ގާނޫނަކާ ހިލާފުނުވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމަށާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެނޫންވެސް އިގްތިސާދީ ނުވަތަ އިޖްތިމާއީ މަސައްކަތްތައް ކުރުމަށް ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރެވޭ ރަށްރަށާއި، ބިންބިމާގުޅޭ ހައްގުތައް ރަހުނުކުރުމާއި، ގެދޮރު އިމާރާތްކުރުމަށާއި، ވިޔަފާރީގެ ބޭނުންތަކަށް ބަންޑާރަ ބިން ރަހުނުކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ މި މާއްދާގެ އިސްވެދިޔަ އަކުރުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކުން އިސްތިސްނާވެގެންވެއެވެ. އަދި އެއިން ހާލަތެއްގައި ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، އިމާރާތްތަކާއި، މިނޫންވެސް އުފުލޭ މުދަލާއި، ނުއުފުލޭ މުދާ މޯގޭޖްކުރުމަށް ނުވަތަ ރަހުނުކުރުމަށް އެގްރީމެންޓުން ހުއްދަކޮށްފައިވާ މުއްދަތުގައި މޯގޭޖްކުރުމަށް ނުވަތަ ރަހުނުކުރުމަށްޓަކައި ސަރުކާރުން އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ. އެ ހުއްދައަކީ އެތަނެއް ތަރައްގީކުރުމަށް ނުވަތަ މަސައްކަތެއް ހިންގުމަށް އެގްރީމެންޓްކުރެވިފައިވާ ފަރާތަކަށް މި ގާނޫނުން ލިބިދޭ ހައްގެކެވެ.

 

7 ވަނަ މާއްދާ - ދައުލަތުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު އަމަލުކުރުން

ދައުލަތުގެ މުދަލެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ ވިޔަފާރި މުއާމަލާތަކާ ގުޅިގެން ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ނުވަތަ އެހީއެއް ނުވަތަ ސަބްސިޑީއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމާބެހޭ ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

10 ވަނަ މާއްދާ - ހާއްސަ އެހީ

(ހ) ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން، ފައިސާގެ އެއްވެސް އެހީއެއް ދިވެހި ދައުލަތުގެ ފަރާތުން ދިވެހި ރައްޔިތަކަށް ނުވަތަ ވަކި ފަންތިއެއްގެ ރައްޔިތުންތަކަކަށް ނުވަތަ ވަކި ހާއްސަ ހާލަތެއް ދިމާވެފައިވާ ރައްޔިތުންގެ ބަޔަކަށް ދޭންވާނީ ނުވަތަ ދެމުން ގެންދަންވާނީ، ކަމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ނުވަތަ ގާނޫނީ އިލްތިޒާމެއް އުފުލުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހި ރައްޔިތުންގެ ބަޔަކަށް އެއްވެސް ފައިސާގެ އެހީއެއް، ދިވެހި ދައުލަތުގެ ނަމުގައި ދީގެން ނުވާނެއެވެ.

(ނ) ރައްޔިތަކަށް ނުވަތަ ރައްޔިތުންގެ ބަޔަކަށް ދިމާވާ ކުއްލި ގެއްލުމެއްގައި، ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، ފައިސާގެ ކޮންމެވެސް އެހީއެއް ދައުލަތުން ދިނުމަކީ، އިޖްތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއްކަމުގައި ނުވަތަ އަދުލުވެރި ކަމެއްކަމުގައި ސަރުކާރަށް ފެންނަ ހާލަތްތަކުގައި، އެފަދަ އެހީއެއް އެމީހަކަށް ނުވަތަ ބަޔަކަށް، ދިވެހި ސަރުކާރުގެ ނަމުގައި ވެވިދާނެއެވެ. އަދި މިގޮތުން ދެވޭ އެހީގެ ފައިސާ، ހަރަދުކުރަންވާނީ، އެ އަހަރުގެ ބަޖެޓްގައި އެފަދަ ކުއްލި ކަންކަމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިންނެވެ.

(ރ) ގައުމަށް މުހިންމު މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކުރަމުންދާ މީހަކަށް ނުވަތަ ވަކި ބަޔަކަށް ދިމާވެފައިވާ މާލީ ދައްޗަކުން އެފަދަ މީހަކު ނުވަތަ ބަޔަކު ދައުލަތުގެ ނަމުގައި އެހީވެދީގެން ސަލާމަތްކޮށްދިނުމަކީ، މުޖްތަމައުގެ އެކަށީގެންވާ ބޮޑު ނިސްބަތެއްގެ ބައެއްގެ ދިރިއުޅުމުގެ މަސްލަހަތު އެކަމުގައި ހިމެނިގެންވާ ކަމެއްކަމުގައި ސަރުކާރަށް ފެނިއްޖެހިނދެއްގައި، އެފަދަ މީހަކަށް ނުވަތަ ބަޔަކަށް ދިވެހި ސަރުކާރުގެ ނަމުގައި އެހީ ވެވިދާނެއެވެ. އަދި މިގޮތުން ދެވޭ އެހީގެ ފައިސާ، ހަރަދުކުރަންވާނީ، އެ އަހަރުގެ ބަޖެޓްގައި އެފަދަ ކަންކަމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިންނެވެ. އެ އަހަރުގެ ބަޖެޓްގައި އެފަދަ ފައިސާ ހިމެނިފައިނުވާނަމަ، އެފަދަ އެހީއެއްގެ ގޮތުގައި ފައިސާ ދޭންވާނީ ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައި، އެ ބަޖެޓް މަޖިލީހުން ފާސްކޮށްގެންނެވެ.

 

34 ވަނަ މާއްދާ - ހަރަދުކުރުމަށް ބަޖެޓްގައި ފައިސާ ކަނޑައެޅުން

(ހ) ވަކި މާލީ އަހަރަކާގުޅޭ ގޮތުން ފާސްކޮށްފައިވާ ބަޖެޓަކުން ދައުލަތުގެ ފައިސާއެއް އެ މާލީ އަހަރުގެ ތެރޭގައި ހަރަދުކޮށްފައިނުވާނަމަ، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، އެ މާލީ އަހަރު ނިމުމަށްފަހު، އެ ފައިސާ ހަރަދުކޮށްގެން ނުވާނެއެވެ.

(ށ) ވަކި މާލީ އަހަރަކާގުޅޭ ގޮތުން ފާސްކޮށްފައިވާ ބަޖެޓަކުން ހުއްދަކޮށްފައިވާ ފައިސާ ނޫން އެހެން ފައިސާއެއް، ހަރަދުކުރުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއްނޫނެވެ. އަދި، ވަކި މާލީ އަހަރަކާގުޅޭ ގޮތުން ފާސްކޮށްފައިވާ ބަޖެޓަކުން ހުއްދަކޮށްފައިވާ ފައިސާ ނޫން އެހެން ފައިސާއެއް، ހަރަދުކުރުމުގެ ފުރުސަތު، ދީގެން ނުވާނެއެވެ.

(ނ) ބަޖެޓް ފާސްކުރާއިރު، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރެކޮމެންޑޭށަންތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ރެކޮމެންޑޭށަންތަކަށް ބަޖެޓް ތަންފީޒުކުރުމުގައި ސަރުކާރުން އަމަލުކުރުން ލާޒިމްވާނެއެވެ.

 

50 ވަނަ މާއްދާ - ލޯނާބެހޭ ގާނޫނު އުވާލުން

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 21/1976 (ލޯނާބެހޭ ގާނޫނު) އުވުނީއެވެ.

 

51 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދިވެހިސަރުކާރުގެ ގެޒެޓްގައި މި ގާނޫނު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ބުނެވިދިޔަ ގާނޫނުގައި މިހާރު އޮތް 51 ވަނަ މާއްދާ އެއީ، 52 ވަނަ މާއްދާކަމުގައި ކަނޑައެޅުން.

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލިއްޔަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-03)

 

އުވާލެވުނު ގާނޫނު

ލޯނާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1976-21)

ރިފަރެންސް

26 އޯގަސްޓް 2010 ވި ބުރާސްފަތިދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ފާސްކުޅަ "ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 13 ޑިސެމްބަރ 2010 (7 މުޙައްރަމް 1432) އެވެ.

ކިޔުންތެރިންގެ ހިޔާލު