-

ސިވިލް ސަރވިސްގެ ގާނޫނު (ގާނޫނު ނަންބަރު 2007-05) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-09)

 

ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

13 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން

(ހ) ކޮމިށަނުގެ މެންބަރުން އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.

(ށ) ކޮމިށަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށް އިއުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ރ) ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރަންވާނީ، ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ތައުލީމާއި ގާބިލުކަން ހުރި މީހުންގެ ތެރެއިން، މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.

 

14 ވަނަ މާއްދާ - މެންބަރުން މަގާމާ ހަވާލުވުން

ކޮމިށަނުގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއިކުރުމުންނެވެ.

 

"އަހުރެން ......... (މީހާގެ ނަން) ......... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި،  ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

 

15 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކޮމިށަނުގެ މެންބަރަކު އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީންނެވެ.

(ހ) ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު އެ ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައި ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

(ނ) މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ކޮމިށަނުގެ މެންބަރަކު، މެންބަރުކަމުން ވަކިކުރެވިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަން ރައީސުލްޖުމްހޫރިއްޔާއަށް އެންގުމުން، ރައީސުލްޖުމްހޫރިއްޔާ އެ މެންބަރަކަށް އެކަން އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުން

(ހ) ކޮމިށަނުގެ މެންބަރުންގެ ތެރެއިން ކޮމިށަނުގެ ރައީސާއި ނައިބުރައީސެއް އައްޔަންކުރަންވާނެއެވެ.

(ށ) ކޮމިށަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރާނީ، ކޮމިށަނުގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކޮމިށަނުގެ ރައީސާއި ނައިބުރައީސްގެ މަގާމަށް ހުށަހެޅި ތާއީދު ލިބޭ ފަރާތްތަކުގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ނ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އެއިން މަގާމެއްގައި ހުންނަ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން ނުވަތަ އެއިން މީހަކު ކޮމިށަނުގެ މެންބަރުކަމުން ވަކިވާ ހާލަތެއް މެދުވެރިވުމުންނެވެ.

 

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2007-05)

 

ރިފަރެންސް

14 ޖުލައި 2010 ވި ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުޅަ "ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު" ބަލައި، ތަސްދީގުކޮށްފައިވަނީ 21 ޖުލައި 2010 (9 ށައްބާން 1431) ގައެވެ.

ކިޔުންތެރިންގެ ހިޔާލު