-

ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2010-05)

 

1 ވަނަ މާއްދާ - ކުރުނަމާއި ތައާރުފު

(ހ) މިއީ، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ފޯރުކޮށްދޭންޖެހޭ އެހީތެރިކަން

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުވާ ފަރާތެއް އެދިއްޖެނަމަ، އަންނަނިވި ހަރަދާއި ހިދުމަތް ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިށަން ފޯރުކޮށްދޭންވާނެއެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރުމަށް އެކަށީގެންވާ އޮފީހާއި، އެއޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހަމަޖައްސައިދިނުން؛

(ށ) އޮފީހަށް ބޭނުންވާ މުވައްޒަފުންނާއި އެފަދަ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ހަމަޖައްސައިދިނުން؛

(ނ) ބޭނުންވެއްޖެ ހިނދެއްގައި، އެކިއެކި ފަންނީ މާހިރުންނާއި، ޖަމާއަތްތަކުގެ ފުރިހަމަ އެހީތެރިކަމާއި، އަދި އެފަދަ ފަރާތްތަކަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ފޯރުކޮށްދިނުން؛

(ރ) ކެއުންބުއިމާއި، ދިރިއުޅުމަށް ބޭނުންވާ އެކަށީގެންވާ ތަނެއް، ނުވަތަ އެކަމަށް ހިނގާ ހަރަދާއި، ކުއްޔަށް ހިފުމަށާއި، ދަތުރުފަތުރަށް ބޭނުންވާ ހަރަދު ހަމަޖައްސައިދިނުން؛

(ބ) މުއާސަލާތާއި ލިޔެކިޔުމަށް ބޭނުންވާނެ އެންމެހައި ހަރަދު ހަމަޖައްސައިދިނުން؛

(ޅ) ރައީސުލްޖުމްހޫރިއްޔާއަށް ދޭ ސަލާމަތާއި ރައްކާތެރިކަމާއި އެއްފެންވަރަށް ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވިފައިވާ މީހަކަށް ސަލާމަތާއި ރައްކާތެރިކަން ގައުމީ ދިފާއީ ބާރުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި މިކަމުގައި އަމަލުކުރާނޭ އުސޫލުތައް ކަނޑައެޅުމުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާ ހޯދަންވާނެއެވެ.

 

3 ވަނަ މާއްދާ - މުސާރައިގެ އިތުރުން އިނާޔަތް ލިބޭ ހާލަތު

މި ގާނޫނުގެ ދަށުން އައްޔަންކުރާ މުވައްޒަފަކީ ދައުލަތުގެ އެހެން މުއައްސަސާއެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކުނަމަ، އެ އޮފީހަކުން އެފަދަ މުވައްޒަފަކަށް ދޭ މުސާރައާއި އިނާޔަތްތަކަށްވުރެ މި ގާނޫނުގެ ދަށުން އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތަށްދޭ މުސާރައާއި އިނާޔަތްތައް ބޮޑުނަމަ، އެފަދަ މީހަކަށް ދޭނީ އޭގެތެރެއިން ބޮޑު މުސާރައެވެ. 

 

4 ވަނަ މާއްދާ - ހޭދަކުރެވޭނޭ މުއްދަތު

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުވާ މީހަކު ވާދަކުރި އިންތިހާބުގެ ނަތީޖާ އިއުލާންކުރުމުގެ ކުރިން ނުވަތަ މަގާމާއި ހަވާލުވުމަށްފަހު ކުރާ އެއްވެސް ހަރަދަކަށް މި ގާނޫނުގެ ދަށުން ފައިސާ ހޭދަކޮށްގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ހޭދަކުރެވޭނޭ އަދަދު

(ހ) މި ގާނޫނުގެ ދަށުން ހޭދަކުރެވޭނީ ގިނަވެގެން 1 މިލިޔަން ރުފިޔާއެވެ. އަދި މިގޮތުން ހޭދަކުރަންޖެހޭ ފައިސާ ރިޔާސީ އިންތިހާބެއް ބާއްވަންޖެހޭ އަހަރުގެ ބަޖެޓުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ހިމަނަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ބަޖެޓުގައި ހިމަނާ ފައިސާ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ދައުރު ބަދަލުވުމުގެ ކަންކަމުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ވިލަރެސްކުރާނޭ ފަރާތް

މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން އިންތިޒާމްކޮށް ބަލަހައްޓާނީ ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިށަންއެވެ.

 

7 ވަނަ މާއްދާ - ވިލަރެސްކުރާނޭ ފަރާތް އައްޔަންކުރުން

ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިށަން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ ފަރާތުން އެދޭގޮތަށް ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

8 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ރިފަރެންސް

6 އޭޕްރިލް 2010 ވި އަންގާރަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުޅަ "ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 20 އެޕްރީލް 2010 (5 ޖުމާދަލްއޫލާ 1431) ގައެވެ.

ކިޔުންތެރިންގެ ހިޔާލު