-

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-04)

 

ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 66 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

66 ވަނަ މާއްދާ -  އިންށުއަރެންސް

(ހ) ދިވެހިރާއްޖޭގައި، އެއްގަމު އުޅަނދު ދުއްވަންވާނީ، އެ އުޅަނދެއް އެކްސިޑެންޓެއްވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެގޮތުން ކުރާ ތާރޑް ޕާޓީ އިންށުއަރެންސް ކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) އަށް އަމަލުކުރަން ފަށާނީ، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަސް ފުރިހަމަވުމަށްފަހުގައެވެ.

(ނ) މި ގާނޫނުގެ 3 ވަނަ މާއްދާ އެހެން އޮތްކަމުގައިވީނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސްދުވަސް ކުރިން، މި ގާނޫނު ހިންގުމަށް ހަވާލުކުރެވޭ ފަރާތުން، އަންނަނިވި ކަންކަން ކޮށް ނިންމަންވާނެއެވެ.

  1. އެއްގަމު އުޅަނދެއް އެކްސިޑެންޓުވުމުން، އެ އެކްސިޑެންޓުގެ ސަބަބުން ގެއްލުން ލިބޭ އެއްޗަކަށް ނުވަތަ މީހަކަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެގޮތުން ކުރާ ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ އާންމު އުސޫލުތައް ހިމެނޭ ގަވާއިދެއް އިއުލާނުކުރުން.
  2. އެއްގަމުގައި ދުއްވާ އެއްޗެއް އެކްސިޑެންޓުވުމުން، އެ އެކްސިޑެންޓުގެ ތަހުގީގު ހިނގާނެ އުސޫލުތަކާއި، ގެއްލުމުގެ ނިސްބަތް ދެނެގަންނާނެގޮތުގެ އާންމު އުސޫލުތަކާއި، ގެއްލުމުގެ ބަދަލު ނަގައިދެވޭނެ އާންމު އުސޫލުތައް ހިމެނޭ ގަވާއިދެއް އިއުލާނުކުރުން.

(ރ) މި މާއްދާގެ (ށ) އެހެންއޮތްކަމުގައި ވީނަމަވެސް، މީހެއްގެ އަމިއްލަ އިހްތިޔާރުގައި ތާރޑް ޕާޓީ އިންށުއަރެންސް ކޮށްގެން އެއްގަމު އުޅަނދެއް ދުއްވުމަކަށް ހުރަހެއް ނެތެވެ. މި މާއްދާގެ (ށ) އިން ކަނޑައަޅާ ހަމައެކަނި އުސޫލަކީ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުރަންޖެހޭ އިންށުއަރެންސް ކުރުން ލާޒިމުވުމުގެ އުސޫލު ހިނގާ ތާރީހު، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް)  އަހަރުދުވަހުގެ ނިޔަލަށް ފަސްކުރުމެވެ.

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-05)

ރިފަރެންސް

12 އޭޕްރިލް 2010 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުޅަ [ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] ބަލައި، ތަޞްދީޤުކޮށްފައިވަނީ 13 އެޕްރީލް 2010 (28 ރަބީޢުލްއާޚިރު 1431) ގައެވެ.

ކިޔުންތެރިންގެ ހިޔާލު