-

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-07)

 

ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ރ) ތިރީގައިމިވާގޮތަށް އިސްލާހުކުރުން.

5. ޕެންށަން  ސުޕަރވިށަން ޑިޕާރޓްމަންޓް 

(ރ) ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކުރަންވާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) ތިރީގައިމިވާގޮތަށް އިސްލާހުކުރުން.

8. ޕެންށަން އޮފީހުގެ ބޯޑު

(ނ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުން އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕެންށަން އޮފީހުގެ ބޯޑު ފުރަތަމަ ފަހަރަށް އައްޔަނުކޮށް ނިންމަންވާނެއެވެ. ޕެންށަން އޮފީހުގެ ބޯޑުގެ ޗެއަރމަނާއި، ޕްރައިވެޓް ސެކްޓަރުން އައްޔަނުކުރާ 4 (ހަތަރެއް) މެންބަރުން އައްޔަނުކުރާނީ، ސިވިލް ސަރވިސް ކޮމިށަނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާއި، ސޯށަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީ ގުޅިގެން އުފައްދާ ސިލެކްށަން ކޮމިޓީއަކުން އެކުލަވާލާ ލިސްޓެއްގައި ހިމެނޭ ބައެއްގެ ތެރެއިންނެވެ. މިގޮތުން 8 ވަނަ މާއްދާގެ (ހ) ގެ 1 އަދި 5 ގައި ބަޔާންކޮށްފައިވާ ހުސް މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ސިލެކްށަން ކޮމިޓީން ކޮންމެ މަގާމަކަށްވެސް މަދުވެގެން 3 (ތިނެއް) ކެންޑިޑޭޓުން ހުށަހަޅަންވާނެއެވެ. މިގޮތުން ސިލެކްށަން ކޮމިޓީން ހޮވާ މީހުން އައްޔަނުކުރުމާބެހޭ އިދާރީ ކަންތައް ބަލަހައްޓާނީ ޕެންށަން އޮފީހުންނެވެ. ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ކުރިން ސަރުކާރު އޮފީސްތަކުގެ ފަރާތުން ހޮވާ މެންބަރުންނާއި، ސިލެކްށަން ކޮމިޓީން ހޮވާ މެންބަރުން، އެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް ހަމަވޭތޯ ޔަގީންކުރުމަށް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ހުށަހަޅަންވާނެއެވެ. ސިލެކްށަން ކޮމިޓީން ހޮވާ އެއްވެސް މެންބަރަކީ އެ ކޮމިޓީގެ އެއްވެސް މެންބަރެއްގެ ނުވަތަ ޕެންށަން އޮފީހުގެ ބޯޑުގެ އެއްވެސް މެންބަރެއްގެ ނުވަތަ މިނިސްޓަރުންނާއި އެފެންވަރަށްވުރެ މަތީ މަގާމެއް ފުރަމުންގެންދާ މީހެއްގެ އާއިލާގެ މީހަކަށް (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިއެއް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، ނުވަތަ އެއްބަފާ މީހަކަށް) ވެގެން ނުވާނެއެވެ.  

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ތިރީގައިމިވާގޮތަށް އިސްލާހުކުރުން.

10. ޕެންށަން އޮފީހުގެ ބޯޑު މެންބަރުކަމުގެ ދައުރާއި ވަކިކުރުން

(ރ) ޕެންށަން އޮފީހުގެ ބޯޑުގެ އެއްވެސް މެންބަރެއް، އެއްވެސް ހައިސިއްޔަތަކުން ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރެއް ނުވަތަ ކަސްޓޯޑިއަނެއް ނުވަތަ އެއިން ފަރާތަކާގުޅިފައިވާ ފަރާތަކުން ނުވަތަ ޕެންށަން އޮފީހަށް އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން ހަދިޔާއެއްގެ ގޮތުގައި ނުވަތަ ލޯނެއްގެ ގޮތުގައި ނުވަތަ އިނާޔަތެއްގެ ގޮތުގައި ދޭ އެއްވެސް އެއްޗެއް ގަބޫލުކޮށްގެން ނުވާނެއެވެ. ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ އާއިލާ މެންބަރުން (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިން، އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން ނުވަތަ އެއްބަފާ މީހުން) ވެސް މި ބައިގައި ށާމިލުވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާއަށް ތިރީގައިމިވާގޮތަށް (ކ) އެއް އިތުރުކުރުން.

12. ރިޓަޔަރމަންޓް ޕެންށަން ސްކީމް ގާއިމުކުރުން

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނަށް ގެނެވޭ އެއްވަނަ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ލަސްވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިވުމަށްޓަކައި އަމަލުކުރަންވީގޮތުގެ އުސޫލެއް ޕެންށަން އޮފީހުގެ ބޯޑުން އެކުލަވާލަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާއަށް ތިރީގައިމިވާގޮތަށް (އ) އެއް އިތުރުކުރުން.

12. 

(އ)  މި މާއްދާގެ (ޅ) ގައި އެހެން އޮތްނަމަވެސް، މި މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ބިދޭސީ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިކުރުމުގެ ކަންތައް، މި ގާނޫނަށް ގެނެވޭ އެއްވަނަ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އުނިކުރުން.

17. އިންށުއަރ ކުރުން

ޕެންށަން އެސެޓް އިންވެސްޓްކޮށްފައިވާ ފަރާތެއް ބަނގުރޫޓުވެގެން ނުވަތަ އެނޫންވެސް ގޮތަކުން ޕެންށަން ސްކީމްގެ ފައިސާ، ސްކީމްގެ ބައިވެރިންނަށް ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ސްކީމްގެ ފައިސާއާއި އިންވެސްޓްމަންޓް ހުންނަންވާނީ އިންށުއަރކުރެވިފައެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ) ތިރީގައިމިވާގޮތަށް އިސްލާހުކުރުން.

20.  ރިޓަޔަރމަންޓް ބެނިފިޓް 

(ނ) މިގޮތުން ތިރީގައިމިވާ އިނާޔަތްތަކުގެ ތެރެއިން އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ލިބިދެވޭނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގެ (4) ތިރީގައިމިވާގޮތަށް އިސްލާހުކުރުން.

20. (ނ)  (4)  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ އިންށުއަރަންސް ރެގިއުލޭޓްކުރާ ފަރާތުން ހުއްދަދީފައިވާ އެހެނިހެން އެނުއިޓީސް.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ތ) ތިރީގައިމިވާގޮތަށް އިސްލާހުކުރުން.

20. (ތ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތުން ހުއްދަކޮށްފައިވާ ގޮތެއްގެމަތިން ވަޒީފާ އަދާކުރާ ފަރާތްތައް ޑިސްއެބިލިޓީ އިންށުއަރެންސްކުރުމުގެ ކަންތައް ޕެންށަން އޮފީހުން ހަމަޖެއްސިދާނެއެވެ. މިކަން ފައިނޭންސްކުރުމަށް ބޭނުންވާ ފައިސާދައްކާނީ ވަޒީފާދޭ ފަރާތުންނެވެ. އަދި މިފަދަ ހާލަތެއްގައި ޕެންށަން އޮފީހުން، ސޯށަލް ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ލަފަޔާއެކު، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި މަސްވެރިން ޑިސްއެބިލިޓީ އިންށުއަރެންސް ސްކީމުގައި ބައިވެރިކުރުވުމަށްޓަކައި ހަދަންޖެހޭ ހާއްސަ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ. ޕެންށަން އޮފީހުން އިންށުއަރެންސް ހިދުމަތްދޭ އަމިއްލަ ފަރާތަކާ ކުރެވޭ އެއްބަސްވުމެއްގެ ތެރެއިން، މި ސްކީމްގެ ދަށުން ލިބިދޭންޖެހޭ ހައްގުތައް ފޯރުކޮށްދެވިދާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާއަށް ތިރީގައިމިވާގޮތަށް (ލ) އެއް އިތުރުކުރުން.

20. (ލ) މި ގާނޫނަށް ގެނެވޭ އެއްވަނަ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލަސްވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ދަށުން ގާއިމުކުރެވޭ ބިދޭސީންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ބާކީ އަދަދަށް ބިނާކޮށް، ބިދޭސީ ބައިވެރިންނަށް ހައްގުވާ އިނާޔަތްތަކުގެ ފައިސާ ފޯރުކޮށްދޭނެގޮތުގެ ގަވާއިދުތައް ޕެންށަން އޮފީހުން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގައި "އެނުއިޓީ" މި ލަފްޒު މާނަކޮށްފައިވާގޮތް އަންނަނިވިގޮތަށް އިސްލާހުކުރުން.

"އެނުއިޓީ" ކަމަށް ބުނެފައިއެވަނީ، ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް އުމުރު ދުވަހަށް، މަހަކު ވަކި އަދަދެއްގެ ފައިސާ ލިބޭނެ ގޮތަށް، އިންށުއަރެންސް ކުންފުންޏަކުން ގަންނަ އިންށުއަރެންސް ޕޮލިސީއަށް ނުވަތަ މިނޫންވެސް ގޮތަކަށް، ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ މަހަކު ދެވޭ ވަކި އަދަދެއްގެ ފައިސާއަށެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގައިވާ ލަފްޒުތަކާއި އިބާރާތްތަކުގެ މާނަކުރުންތަކުގެ ތެރެއިން "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން" މި އިބާރާތުގެ މާނަ އުނިކުރުން.

 

13 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

15 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު