-

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-22)

 

ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

6. ޓްރެފިކް ނިށާންތަކަށް އަމަލުކުރުން

(ހ) ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ގާއިމުކޮށްފައި ހުންނަ ޓްރެފިކް ނިށާންތަކާ ހިލާފަށް، އެއްގަމު އުޅަނދު ދުއްވުމާއި ގެންދިއުމަކީ މަނާކަމެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ ފަހަތަށް، 7 ވަނަ މާއްދާ، 8 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާތައް އިތުރުކުރުން.

7. ގަވާއިދާ ހިލާފަށް ޕާކު ކުރުން

(ހ) ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ގާއިމުކޮށްފައި ހުންނަ ޓްރެފިކް ނިށާންތަކާ ހިލާފަށް އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާކަމެކެވެ.

(ށ) ގަވާއިދާ ހިލާފަށް ޕާކު ކުރާ ފަރާތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ޖޫރިމަނާކުރުމުގެ ނުވަތަ އެމީހެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ 8 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ހާއްސަ އުޅަނދުފަހަރު މެނުވީ، އެފަދަ އުޅަނދެއް އެތަނަކުން ނަގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. މިފަދައިން ގެންދެވޭ އުޅަނދުފަހަރާމެދު އަމަލުކުރާނީ މި ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) ގައިވާ ފަދައިންނެވެ.

 

8. ގިނަ ދުވަސްތަކެއް ވަންދެން މަގުމަތީގައި ޕާކު ކޮށްފައި ހުންނަ އުޅަނދު

(ހ) އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޕާކު ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައިވެސް އެއްގަމުގައި ދުއްވާ އުޅަނދެއް މެދުކެނޑުމެއްނެތި ބޭއްވޭނީ އެންމެ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން އެފަދަ އުޅަނދެއް އެތަނަކުން ނަގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން  އެ އުޅަނދު ނަގައިގެން ގެންދާ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި،
އެ އުޅަނދެއްގެ މައުލޫމާތު ފަސޭހައިން ފެންނާނެ ގޮތަށް އާންމު ކުރަންވާނެއެވެ. އަދި  އެ އުޅަނދާ ހަވާލުވުމަށް އުޅަނދުގެ ވެރިފަރާތަށް 60 (ފަސްދޮޅަސް) ދުވަހުގެ މުހުލަތެއް ދޭންވާނެއެވެ. އެ 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތު ގުނަން ފަށާނީ، އުޅަނދާބެހޭ މައުލޫމާތު އާންމުކުރާ ތާރީހުން ފެށިގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައިވެސް އުޅަނދުގެ ވެރިފަރާތުން  އެ އުޅަނދެއް ނުގެންގޮސްފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

  1. އެ އުޅަނދެއް ނައްތާލުން؛ ނުވަތަ
  2. އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އެ އުޅަނދެއް ވިއްކާލުން.

(ބ) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރާ ހާއްސަ އެއްގަމު އުޅަނދުތައް މި މާއްދާއިން އިސްތިސްނާވެގެންވެއެވެ.

 

9. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މައާފުކުރެވޭ ޖޫރިމަނާ

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކު ކުރުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން، ޖޫރިމަނާގެ ގޮތުގައި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ނިޔަލަށް ދައްކާފައިނުވާ ފައިސާ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މައާފުވީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ލައިސަންސް އޮވެގެން ދުއްވަން ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން، ނުވަތަ އެއްވެސް ސަބަބަކާހުރެ ލައިސަންސް ހިފެހެއްޓިފައި ވަނިކޮށް، ނުވަތަ ވަގުތީ ލައިސަންސެއް ނެތި އެއްގަމު އުޅަނދެއް ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން، ޖޫރިމަނާގެ ގޮތުގައި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ނިޔަލަށް ދައްކާފައިނުވާ ފައިސާ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މައާފުވީއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

25. (ށ) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރާ ހާއްސަ އެއްގަމު އުޅަނދުތައް މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަހަރީ ފީ ދެއްކުމުން އިސްތިސްނާވެގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާ އުނިކުރުން.

49. ޕާކު ކުރުން

(ހ) އެއްގަމުގައި ދުއްވާ ކޮންމެ އުޅަނދެއް، ބަންޑާރަ މަގެއް ނުވަތަ ސަރަހައްދެއްގައި ޕާކު ކުރަންވާނީ އެކަމަށް ހުއްދަ ކުރެވިފައިވާ ގޮތެއްގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް ބަންޑާރަ މަގުތަކުގައި ޕާކު ކޮށްފައި އޮންނަ އުޅަނދުފަހަރު، އެތަނަކުން ނަގައި ވަކި ސަރަހައްދަކަށް ގެންދިއުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފުލުހުން ނަގާ އުޅަނދުފަހަރު، ދޫކޮށްލެވޭނީ ގަވާއިދާ ހިލާފަށް ޕާކު ކުރުމުގެ ސަބަބުން ދައްކަންޖެހޭ ފީ ދައްކާނެ ގޮތް ހަމަޖެއްސުމުންނެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ނެގިފައިވާ އުޅަނދެއް، އެ އުޅަނދުގެ ވެރިފަރާތުން ހަވާލުނުވެ 3 (ތިނެއް) މަސްދުވަސް ވުމުން އެ އުޅަނދަކާބެހޭ މައުލޫމާތު އާންމުކޮށް އިއުލާންކުރުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ އުޅަނދަކާ ހަވާލުނުވެއްޖެނަމަ، އެ އުޅަނދެއް ނީލަން ކިއުމުގެ ނުވަތަ ނައްތާލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

7 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު