-

ގައުމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2011-03) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-19)

 

ގާނޫނު ނަންބަރު 2011-03 (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

5. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރުން
ޔުނިވަރސިޓީގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ އަދި ޔުނިވަރސިޓީގެ ބާރުތައް ބޭނުންކުރަންވާނީ، މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހުން ނުވަތަ މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

8. ޔުނިވަރސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތައް
މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހުން ނުވަތަ މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. ކައުންސިލްގެ މެންބަރުން
ކައުންސިލް އެކުލެވިގެންވަނީ، ތިރީގައި ބުނެފައިވާ މީހުންގެ މައްޗަށެވެ.
(ހ) މަގާމުގެ ހައިސިއްޔަތުން ހިމެނޭ 4 (ހަތަރެއް) މެންބަރުން؛
(ށ) އަންނަނިވި ދާއިރާތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 (ފަހެއް) މެންބަރުން. އެއީ:

  1. އިސްލާމީ ށަރީއާ ނުވަތަ ދީނީ ތައުލީމުގެ ދާއިރާ؛
  2. ވިޔަފާރި ނުވަތަ މާލީ ނުވަތަ އިގްތިސާދީ ދާއިރާ؛
  3. ތައުލީމީ ދާއިރާ؛
  4. ގާނޫނީ ދާއިރާ؛
  5. ސިއްހީ ދާއިރާ؛
  6. ބައިނަލްއަގްވާމީ ނުވަތަ ގައުމީ ފެންވަރުގައި އިލްމީގޮތުން ފާހަގަކުރެވޭ ފަރާތެއް؛
  7. ޔުނިވަރސިޓީ ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން އެހީތެރިވެދީފައިވާ ފަރާތެއް.
  8. އިންތިހާބުކުރާ 4 (ހަތަރެއް) މެންބަރުން.

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11.(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ، (ޅ) އުނިކުރުން.

11. (ޅ) ދިވެއްސެއްކަމުގައިވުން.

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

11. (ޅ) ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައިވުން؛
(ކ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛
(އ) އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން.

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. މަގާމުގެ ހައިސިއްޔަތުން ހިމެނޭ މެންބަރުން
މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އަންނަނިވި މެންބަރުން  ކައުންސިލްގައި ހިމެނޭނެއެވެ.
(ހ) ޔުނިވަރސިޓީގެ ޗާންސެލަރ؛
(ށ) ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ؛
(ނ) ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިނިސްޓްރޭށަން އެންޑް ފައިނޭންސް)؛
(ރ) ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭށަން).

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

13. އިންތިހާބުކުރާ އަންނަނިވި މެންބަރުންނަކީ، ޔުނިވަރސިޓީ ކައުންސިލަށް އިންތިހާބުކުރާ މެންބަރުންނެވެ.

  1. އަންނަނިވި މެންބަރުންނަކީ، ޔުނިވަރސިޓީ ކައުންސިލަށް އިންތިހާބުކުރާ މެންބަރުންނެވެ.
  2. ޔުނިވަރސިޓީގެ އެކަޑެމިކް ސެނެޓްއިން އެކަކު؛
  3. ފެކަލްޓީތަކާއި އެ ފެންވަރުގެ މަރުކަޒުތަކުގެ އިސްވެރިންގެ ތެރެއިން އެކަކު؛
  4. އެކަޑެމިކް މުވައްޒަފުން (ލެކްޗަރަރުންގެ ތެރެއިން) އެކަކު؛
  5. ޔުނިވަރސިޓީގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން އެކަކު.


9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. ޔުނިވަރސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތައް
ޔުނިވަރސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހުން ނުވަތަ މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ޔުނިވަރސިޓީގެ ކައުންސިލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

19.  (ހ)  މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުން މަގާމުގައި ދެމިތިބޭނީ 5 (ފަހެއް) އަހަރުގެ މުއްދަތަށެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ، (ށ) އުނިކޮށް، އެ މާއްދާގެ (ނ) އެ މާއްދާގެ (ށ) ގެ ގޮތުގައި ބަދަލުކުރުން.

19. (ށ) މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަކު އައްޔަންކުރާ 8 (އަށެއް) މެންބަރުން، މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނީ 4 (ހަތަރެއް) އަހަރަށްވުރެ ދިގުނުވާ ގޮތެއްގެމަތިން، އައްޔަންކުރާއިރު، ކަނޑައެޅޭ މުއްދަތަކަށެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 20 ވަނަ މާއްދާ އުނިކުރުން.

20. ކައުންސިލްގެ ނޮމިނޭށަން ކޮމިޓީ

މި ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި ބުނާ ލިސްޓު އެކުލަވައިލާނީ ކައުންސިލްގެ ނޮމިނޭށަން ކޮމިޓީންނެވެ. މި ކޮމިޓީ ހިމެނިގެންވަނީ އަންނަނިވި މީހުންގެ މައްޗަށެވެ.
(ހ) ޗާންސެލަރ.
(ށ) ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން، ޗާންސެލަރ އައްޔަންކުރާ 6 (ހައެއް) މެންބަރުން.

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 21 ވަނަ މާއްދާ އުނިކުރުން.

21. ނޮމިނޭށަން ކޮމިޓީން ނަން ލިސްޓު އެކުލަވާލާނެގޮތް
(ހ) ނޮމިނޭށަން ލިސްޓުގައި މަދުވެގެން 16 (ސޯޅަ) މީހުންގެ ނަން ހިމަނަންވާނެއެވެ.
(ށ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައިވާ މެންބަރުން އައްޔަންކުރުމަށް ހުށަހަޅާ ލިސްޓު ކައުންސިލްގެ ނޮމިނޭށަން ކޮމިޓީން އެކުލަވާލާއިރު، އެކިފަންނުގެ ހުނަރުތަކުގެ މީހުން ހިމެނުމަށް ސަމާލުކަން ދޭންވާނެއެވެ.
(ނ) ނޮމިނޭށަން ކޮމިޓީން އެކުލަވާލާ ލިސްޓުގައި ތިރީގައި މިބުނާ މީހެއްގެ ނަމެއް ހުށަހަޅައިގެން ނުވާނެއެވެ.
(1) ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް.
(2) ޔުނިވަރސިޓީގެ ދާއިމީ މުވައްޒަފެއް.
(3) ޔުނިވަރސިޓީގެ ދަރިވަރެއް.
(4) ނޮމިނޭށަން ކޮމިޓީގެ މެންބަރެއް.

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 22 ވަނަ މާއްދާ އުނިކުރުން.

22. ނޮމިނޭށަން ކޮމިޓީގެ ލިސްޓުން މެންބަރުން އައްޔަންކުރުން

ނޮމިނޭށަން ކޮމިޓީގެ ލިސްޓު ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަކު ލިސްޓުގައިވާ މެންބަރުންގެ ތެރެއިން، ވަޒީރަށް ފެންނަ ގޮތުގައި ޔުނިވަރސިޓީގެ މަސްލަހަތު ކުރިއަރުވަން އެންމެ އެކަށީގެންވާ މެންބަރުން އައްޔަންކުރަންވާނެއެވެ.

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

26.އިސްތިއުފާދިނުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.

(ށ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ޔުނިވަރސިޓީގެ ޗާންސެލަރަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ. އިސްތިއުފާދިންކަމުގެ ލިޔުން ޔުނިވަރސިޓީގެ ޗާންސެލަރަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ، (ށ) އުނިކޮށް، އެ މާއްދާގެ މިހާރު އޮތް (ނ) އެ މާއްދާގެ (ށ) ގެ ގޮތުގައި ބަދަލުކުރުން.

31. (ށ) ޗާންސެލަރގެ މަގާމުގެ މުއްދަތަކީ، މީލާދީ 5 (ފަހެއް) އަހަރު ދުވަހެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

32. ވައިސް ޗާންސެލަރ

(ހ) ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އައްޔަންކޮށް، ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ، (ށ) އުނިކޮށް، މިހާރު އޮތް އެ މާއްދާގެ (ނ) އެ މާއްދާގެ (ށ) ގެ ގޮތުގައި ބަދަލުކުރުން.

32. (ށ) ވައިސް ޗާންސެލަރގެ މަގާމުގެ މުއްދަތަކީ އެމީހަކު ވައިސް ޗާންސެލަރގެ މަގާމާ ހަވާލުވި ދުވަހުން ފެށިގެން، މީލާދީ 5 (ފަހެއް) އަހަރު ދުވަހެވެ.

 

19 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

34. ވަގުތީގޮތުން ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހުން އައްޔަންކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި ވަގުތީގޮތުން ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހަކު އައްޔަންކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މި ގޮތަށް ވަގުތީ ގޮތުން މީހަކު އައްޔަންކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ރުހުން ހޯދަންވާނެއެވެ.

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

34. (ށ) ވަގުތީގޮތުން އައްޔަންކުރާ މީހަކު 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބަހައްޓައިގެން ނުވާނެއެވެ.

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

42. (ށ) (7) ހާއްސަ ހާލަތްތަކުގައި ވައިސް ޗާންސެލަރގެ ޒިންމާތަކާއި ބާރުތައް ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިނިސްޓްރޭށަން އެންޑް ފައިނޭންސް) އުފުލައި، ބޭނުންކުރާނެ ގޮތްތައް ކަނޑައެޅުން.

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ، (ށ) އުނިކުރުން.

51. (ށ) ޗާންސެލަރ ނުވަތަ ވައިސް ޗާންސެލަރ އައްޔަންކުރުން ސައްހަނުވުމުގެ ސަބަބުންނާއި، ކޮމިޓީއަކަށް ގަވާއިދާ ހިލާފަށް އިންތިހާބުކުރެވިފައިވާ މީހަކު ހުރުމުންނާއި، ކޮމިޓީއެއް އެއްކުރުން ގަވާއިދާ ހިލާފުވުމުންނާއި، ކައުންސިލް ނުވަތަ ސެނެޓް ނުވަތަ ކޮމިޓީއަކަށް ހޮވަންޖެހޭ މެންބަރެއް ނުހޮވި އޮތުމުގެ ސަބަބުން އެފަދަ މީހަކު ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމެއް ބާތިލެއް ނުވާނެއެވެ.

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

59. ކައުންސިލް އަލުން އެކުލަވާލުން

ގާނޫނު ނަންބަރު 2011-03 (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކައުންސިލް އައްޔަންކޮށް އަދި އިންތިހާބުކުރަންޖެހޭ މެންބަރުން އިންތިހާބުކުރުމަށްފަހު، ޔުނިވަރސިޓީގެ ކައުންސިލް އަލުން އެކުލަވާލަންވާނެއެވެ.

24 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާއަށް އަންނަނިވި މާނަކުރުން އިތުރުކުރުން.

"މަތީ ތައުލީމާބެހޭ ގައުމީ މަޖިލިސް" ކަމަށް ބުނެފައިވަނީ، މަތީ ތައުލީމާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅައި ވިލަރެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދާ މަޖިލީހަށެވެ.

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާއަށް އަންނަނިވި މާނަކުރުން އިތުރުކުރުން.

"މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

 

26 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގައުމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2011-03)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ގައުމީ ޔުނިވަރސިޓީގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު