-

ސިވިލް ސަރވިސްގެ ގާނޫނު (ގާނޫނު ނަންބަރު 2007-05) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-05)

 

ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

3. ސިވިލް ސަރވިސްގައި ހިމެނޭ އަދި ނުހިމެނޭ ފަރާތްތައް

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މުސްތަގިއްލު ކޮމިށަންތަކާއި، މުސްތަގިއްލު މަގާމުތަކާއި، އެނޫންވެސް މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި އެ ފަރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި، ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ އެންމެހައި މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ދިވެހި ސިވިލް ސަރވިސްއަކު ނުހިމެނެއެވެ.

  1.  ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ  އައްޔަންކޮށް، ވަކިކުރާ ފަރާތްތައް؛
  2. ކޯޓުތަކުގެ ފަނޑިޔާރުން؛
  3. ދައުލަތުގެ ވިޔަފާރި ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން؛
  4. ދިވެހި ސިފައިން؛
  5. އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގައި ހިމެނޭ އެންމެހައި މުވައްޒަފުން؛
  6. އެހެން ގާނޫނަކުން ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތައް ކަމުގައި ކަނޑައަޅާ ފަރާތްތައް؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

53. ސިވިލް ސަރވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން

ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކު އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.

(ހ) އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް، ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް ބޭނުންކޮށްގެން، އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން؛

(ށ) މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން؛

(ނ) އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން؛

(ރ) އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން؛

(ބ) ސިވިލް ސަރވިސްގައި ދެމިހުރިހާ ހިނދަކު، ސިޔާސީ ޕާޓީއެއްގެ މަގާމުތަކުގެ ތެރެއިން ގާނޫނަކުން ނުވަތަ ސިވިލް ސަރވިސްގެ ގަވާއިދުގައި ހުއްދަނުކުރާ މަގާމެއް ފުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 77 ވަނަ މާއްދާގައި ހިމެނޭ، ތިރީގައި ނަކަލުކޮށްފައިވާ "ސަރުކާރު" މި ލަފުޒުގެ މާނަކުރުން އުނިކުރުން.

77. "ސަރުކާރު" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ސަރުކާރަށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 77 ވަނަ މާއްދާގައި ހިމެނޭ، ތިރީގައި ނަކަލުކޮށްފައިވާ "ސިޔާސީ ހަރަކާތް" މި ލަފުޒުގެ މާނަކުރުމުގައި ހިމެނޭ (ރ) އުނިކުރުން.

77. (ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބަކަށް ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތިލުމާއި، ކެންޑިޑޭޓަކަށް ވުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއްކުރުން.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2007-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު