-

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)

އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-26)

 

ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ އަރިމަތީ ސުރުހީ ''ފައިސާގެ އަދަދުތައް މުރާޖައާކުރުން'' އަށް ބަދަލުކޮށް، އެ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16 ވަނަ މާއްދާ - ފައިސާގެ އަދަދުތައް މުރާޖައާކުރުން
(ހ) މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލާ ގުޅިގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދުތަކަށް ބަދަލު ގެންނަންޖެހޭތޯ ކަނޑައެޅުމަށްޓަކައި މަދުވެގެން ކޮންމެ 5 އަހަރުން އެއްފަހަރު އެ އަދަދުތައް މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ސަރުކާރުން ހުށަހަޅާ މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލާބެހޭ ބިލާ ގުޅިގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދުތަކަށް ރައްޔިތުންގެ މަޖިލީހުން ބަދަލުނުގެންނަހާ ހިނދަކު، މި ގާނޫނުގައި ބަޔާންވެގެންވާ ފައިސާގެ އަދަދުތައް ނުވަތަ މި މާއްދާގެ (ހ) ގެ ދަށުން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުރާޖައާކޮށްފައިވާ އަދަދުތައް އެގޮތުގައި ދެމިއޮންނާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 314 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

314. (ށ) (2) އެ މަންފާއަކީ މި މާއްދާގެ (ހ) ގެ ދަށުން ގަބޫލުކުރުމުގެ ހުއްދަނެތް މަންފާއެއް ކަމުގައިވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1205 ވަނަ މާއްދާގެ އަރިމަތީ ސުރުހީ ''އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތައް'' އަށް ބަދަލުކޮށް، އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

1205 ވަނަ މާއްދާ އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތައް
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ނުވަތަ ގިސާސް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ށަރީއަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ށައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ށަރީއަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ށަރީއަތުގައިވާ އަދަބެވެ.

(ށ) އެއްވެސް މީހެއްގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަބެއް ތަންފީޒުކުރަންވާނީ، އެ މައްސަލައެއްގެ ށަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު ސުޕްރީމް ކޯޓުން އެ އަދަބެއް ދިނުމަށް ހުކުމް ކޮށްފިނަމައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން އަދަބު ކަނޑައެޅޭ މީހެއްގެ އަދަބާމެދު ގޮތެއް ނިންމުމަށް،  އިސްލާމީ ށަރީއަތުގައި ކަނޑައެޅިފައިވާ އިމުގެ ތެރެއިން ހާކިމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހްތިޔާރު ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ ބޭނުމަށް "އިސްލާމީ ށަރީއަތް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "އިސްލާމީ ށަރީއަތް" އަށް ދީފައިވާ މާނަކުރުމެވެ.

 

4 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

6 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވް.

 

މައި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)

 

ކޮންސޮލިޑޭޓެޑް

ގާނޫނުލްއުގޫބާތު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު