-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު  

(ގާނޫނު ނަންބަރު 2015-21)

 

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އޭގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

31. (ށ) މި މާއްދާގެ (ހ) ގައި ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރަކު ވަކިވެއްޖެނަމަ، ލަސްވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެ ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ މެންބަރަކު ވަކިވިއިރު ކައުންސިލްގެ އުމުރުގެ ތިންބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާނަމަ، އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާވަރަށް އެ ކައުންސިލްގައި މެންބަރުން ނެތްނަމަ އެ ހުސްވި ގޮނޑިއަކަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު