-

ގާނޫނުއަސާސީއަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-20)

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

251. ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް މިލްކުކޮށްނުދިނުމާއި، އަސްކަރީ ބޭނުންތަކަށް ދިނުން
(ހ) މި ގާނޫނުއަސާސީގެ 302 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ. ފްރީހޯލްޑް އުސޫލުން ބިން ދޫކުރުން ހިމެނޭގޮތުން، މި ގާނޫނުއަސާސީގެ 302 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި، ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތަކަށް ދޫކުރުމަކީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ، ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެއެވެ.

 

2 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

251. (ށ)   މި ގާނޫނުއަސާސީގެ 302 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށްވެސް ދެވޭނީ، އެންމެ ދިގުވެގެން ނުވަދިހަނުވަ އަހަރަށެވެ.

 

3 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 14 ވަނަ ބާބު ނިމޭތަނަށް، އެ ގާނޫނުއަސާސީގެ 15 ވަނަ ބާބުގެ ގޮތުގައި، އަންނަނިވި ގޮތަށް އައު ބާބެއް އިތުރުކުރުން.

 

ފަނަރަވަނަ ބާބު

ށަރުތު ފުރިހަމަވާ ޕްރޮޖެކްޓަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރުން

 

302. ށަރުތު ފުރިހަމަވާ ޕްރޮޖެކްޓަކާ ގުޅިގެން ޕްރޮޖެކްޓް ހައްގު ދޫކުރުން

ށަރުތު ފުރިހަމަވާ ޕްރޮޖެކްޓަކާ ގުޅިގެން، އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި، ކޮންމެ މީހަކަށްވެސް، ދިވެހިސަރުކާރުން ޕްރޮޖެކްޓް ހައްގު ދޫކުރެވިދާނެއެވެ. އަދި، އެގޮތުން ޕްރޮޖެކްޓް ހައްގު ދޫކުރެވުނު ކަމުގައި ވީނަމަވެސް، އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި، މި ގާނޫނުއަސާސީއާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތައް ފުރިހަމައަށް ހިންގޭނެއެވެ.

 

303. ޕްރޮޖެކްޓް ހިންގާ ސަރަހައްދު ވަކި މިންވަރެއްގައި ހިފެހެއްޓުން

ޕްރޮޖެކްޓް ހިންގާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުފެދިފައިވާ ބިމުގެ ޖުމްލަ ނިސްބަތް ދިވެހިރާއްޖޭގެ މުޅި ސަރަހައްދުގައި ހުރި އުފެދިފައިވާ ބިމުގެ ޖުމްލައިގެ ދިހައެއް އިންސައްތައަށްވުރެ، އެއްވެސް އިރެއްގައި، އިތުރުވެގެންނުވާނެއެވެ.

 

304. ށަރުުތު ފުރިހަމަވާ ޕްރޮޖެކްޓްގެ މިންގަނޑުތައް

ށަރުތު ފުރިހަމަވާ ޕްރޮޖެކްޓެއް ކަމަށް ބަލާނީ، އަންނަނިވި މިންގަނޑުތައް ފުރިހަމަވާ ޕްރޮޖެކްޓެވެ.

(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެ ޕްރޮޖެކްޓަށް ހާއްސަ ގާނޫނަކުން ހުއްދަކުރެވިގެންވާ ޕްރޮޖެކްޓަކަށްވުން؛

(ށ) ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި، 1 (އެކެއް) ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއްކުރާ ޕްރޮޖެކްޓަކަށްވުން؛ އަދި

(ނ) ޕްރޮޖެކްޓް ފުރިހަމަކޮށް ނިމޭއިރު، އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި، މެދުދިޔައިގައި ކަނޑުގެ ސަތަހުން މައްޗަށް ހިކިފައި އޮންނަ ޖުމްލަ ބިމުގެ މަދުވެގެން 70 (ހަތްދިހަ) އިންސައްތަ ބިމަކީ، އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން ކަމުގައިވުން.

 

305. އިންވެސްޓްމަންޓްގެ މިންގަނޑު މަތިކުރުން

އިންވެސްޓްމަންޓްގެ މިންގަނޑުކަމަށް، މި ގާނޫނުއަސާސީގެ 304 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މަތިކުރެވިދާނެއެވެ. އެހެންނަމަވެސް، އެގޮތަށް ގެނެވޭ ބަދަލެއް، އެ ބަދަލު ތަންފީޒުކުރަން ފެށުމުގެ ކުރިން، މި ގާނޫނުއަސާސީގެ 304 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުއްދަކޮށްފައިވާ ށަރުުތު ފުރިހަމަވާ ޕްރޮޖެކްޓެއްގެ މައްޗަކަށް ނުހިނގާނެއެވެ.

 

306. ޕްރޮޖެކްޓް ހައްގުން މުއާމަލާތްކުރުމާއި ސާނަވީ ހައްގު ދޫކުރުން

ޕްރޮޖެކްޓް ހައްގު ދޫކުރެވޭ ނުވަތަ ލިބިގަންނަ ހަމަ ކޮންމެ މީހަކަށްމެ، އެ ޕްރޮޖެކްޓް ހައްގު މިލްކުކުރެވިދާނެއެވެ. އަދި، އެ ޕްރޮޖެކްޓް ހައްގުން، އަންނަނިވި މުއާމަލާތްތައް އޭނާއަށް ކުރެވިދާނެއެވެ.

   (ހ) ޕްރޮޖެކްޓް ހައްގުގެ ގޮތުގައި މިލްކުވެގެންވާ ހައްގުތައް އެކުގައި، ނުވަތަ އެ ހައްގުތަކުން ބައެއް، އެހެން މީހެއްގެ މައްޗަށް ނަގުލުކުރުމާއި، އެހެން މީހަކަށް ވަސިއްޔަތުން ނުވަތަ ހަދިޔާއެއްގެ ގޮތުގައި ދިނުމާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން މީހެއްގެ މައްޗަށް ނަގުލުކުރުން؛ އަދި

   (ށ)    އެ ހައްގުތަކުން އުފެދޭ ސާނަވީ ހައްގު އެހެން މީހަކަށް ދިނުން.

 

307. ސާނަވީ ހައްގުން މުއާމަލާތްކުރުން

މި ގާނޫނުއަސާސީގެ 306 ވަނަ މާއްދާގެ ދަށުން ސާނަވީ ހައްގު ލިބިގަންނަ ނުވަތަ ހޯދާ ހަމަ ކޮންމެ މީހަކަށްމެ، އެ ސާނަވީ ހައްގު މިލްކުކުރެވިދާނެއެވެ. އަދި، އެގޮތުން މިލްކުކުރާ ސާނަވީ ހައްގުން، މި ގާނޫނުއަސާސީގެ 306 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއާމަލާތް ކުރެވިދާނެއެވެ.

 

308. ޕްރޮޖެކްޓް ހައްގާއި ސާނަވީ ހައްގު ރައްކާތެރިވެގެންވުން

ޕްރޮޖެކްޓް ހައްގާއި ސާނަވީ ހައްގު ލިބިގެންވާ މީހެއްގެ ކިބައިން، އެ ހައްގުތައް އޭނާގެ ނުރުހުމުގައި ދައުލަތަށް ނެގޭނީ، ށަރުުތު ފުރިހަމަވާ ޕްރޮޖެކްޓާގުޅޭ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ނުވަތަ އެފަދަ އެއްބަސްވުމެއް ނެތް ހާލަތެއްގައި، ކޯޓުގެ ހުކުމަކުން ކަނޑައަޅާފައިވާ ގޮތެއްގެމަތިން، އިންސާފުވެރި އަދި އަދުލުވެރި ބަދަލު އެ ހައްގުގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.

 

309. ވަކި މާނަ ކުރުމެއްގައި މި ބާބުގައި ބޭނުންކޮށްފައިވާ ބައެއް ބަހާއި އިބާރާތް

މި ބާބުގައި ބޭނުންކޮށްފައިވާ އަންނަނިވި ބަހާއި އިބާރާތަށް ދެވިގެންވަނީ، ތިރީގައި އެ ބަހަކަށް ނުވަތަ އިބާރާތަކަށް ދީފައިއެވާ މާނަކުރުމެވެ.

"އުފެދިފައިވާ ބިން" ކަމަށް ބުނެފައި އެވަނީ، ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން ނުހިމެނޭ ގޮތުން، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެންމެހައި ބިމުގެ ތެރެއިން، މެދުދިޔައިގައި ކަނޑުގެ ސަތަހުން މައްޗަށް ހިކިފައި އޮންނަ ބިމުގެ ޖުމްލަ ސަރަހައްދަށެވެ.

"ޕްރޮޖެކްޓް ހިންގާ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުއަސާސީގެ 302 ވަނަ މާއްދާގެ ދަށުން ޕްރޮޖެކްޓް ހައްގު ދޫކުރެވޭ ދިވެހިރާއްޖޭގެ ސަރަހައްދުގެ ބަޔަށެވެ.

"ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން" ކަމަށް ބުނެފައި އެވަނީ، ށަރުުތު ފުރިހަމަވާ ޕްރޮޖެކްޓެއްގެ ބައެއްގެ ގޮތުގައި އެ ޕްރޮޖެކްޓްގެ ދަށުން، މެދުދިޔައިގައި ކަނޑުގެ ސަތަހުން މައްޗަށް ހިކިފައި އޮންނަ މިންވަރަށް، އުފައްދައި އުފުލާފައިވާ ދިވެހިރާއްޖޭގެ ބިމުގެ ސަރަހައްދަށެވެ.

"ޕްރޮޖެކްޓް ހައްގު" ކަމަށް ބުނެފައި އެވަނީ، ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައިވާ ބިމާ ގުޅޭގޮތުން ދޫކުރެވޭ އަންނަނިވި ހައްގުތަކުގެ ތެރެއިން ހައްގަކަށް، ނުވަތަ އެއިން އެއް ހައްގަށްވުރެ ގިނަ ހައްގަށެވެ.

ފްރީހޯލްޑް އުސޫލުން މިލްކުވުން ހިމެނޭގޮތަށް ދޫކުރެވޭ މުދަލުގެ މިލްކުވެރިކަމުގެ ހައްގު؛ ނުވަތަ

އެއް އެއްބަސްވުމުގެ ދަށުން ނުވަތަ އެއް އެއްބަސްވުމަށްވުރެ ގިނަ އެއްބަސްވުމުގެ ދަށުން، ކޮންމެ މުއްދަތަކަށް ނަމަވެސް ކުއްޔަށްދޭ ދިނުން.

"ށަރުުތު ފުރިހަމަވާ ޕްރޮޖެކްޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުއަސާސީގެ 304 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ މިންގަނޑުތަކެއް ފުރިހަމަވާ ޕްރޮޖެކްޓަށެވެ.

"ސާނަވީ ހައްގު" ކަމަށް ބުނެފައި އެވަނީ، ޕްރޮޖެކްޓް ހައްގެއްގެ ވެރިފަރާތުން ނުވަތަ ދެމިއޮތް ސާނަވީ ހައްގެއްގެ ވެރިފަރާތުން ދޫކުރާ ކޮންމެ ހައްގަކަށެވެ. އަދި، އޭގެތެރޭގައި، ކުއްޔަށް ދިނުމާއި، ބޭނުންކުރުމުގެ ހައްގު ދޫކުރުމާއި، ބޭނުންހިފުމާއި، ނަފާ ހޯދުމާއި، ރަހުނުކުރުމާއި، ޔަގީންކަށަވަރުކަން ދިނުމާއި، އެނޫންވެސް މުދަލުގެ މިލްކުވެރިކަމުގެ ހައްގެއް ނުވަތަ މަސްލަހަތެއް ދޭދިނުން ނުވަތަ ދޫކުރާ ދޫކުރުން ހިމެނޭގޮތުން، އެކަމަކު އެކަންކަމަށް އެކަނި ހަނިވެގެންނުވާނެ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ - މި ގާނޫނުން، ގާނޫނުއަސާސީއަށް އިތުރުކުރާ ބާބާ ގުޅިގެން، ގާނޫނުއަސާސީގެ ބާބުތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުގެ ރޭގެ މެންދަމު 12 ޖެހުމާއެކުގައެވެ.

 

ގާނޫނުއަސާސީ

ގާނޫނުއަސާސީ (2008)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ގާނޫނުއަސާސީ - 2008 (ކޮންސޮލިޑޭޓެޑް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު