-

ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު

(ގާނޫނު ނަންބަރު  2014-24)

 

އެއްވަނަ ބާބު

ތައާރުފު

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، "ސްޕެށަލް އިކޮނޮމިކް ޒޯން" ގެ ނަމުގައި ދިވެހިރާއްޖޭގައި މިނިވަން ވިޔަފާރި ސަރަހައްދުތައް ކަނޑައެޅުމާއި، އުފެއްދުމާއި، ހިންގުމާއި، އެ ޒޯނުތަކުގައި އިންވެސްޓްކުރުމާއި، އެ ޒޯނުތައް ތަރައްގީކުރާ ޑިވެލޮޕަރުންނާއި އެ ޒޯނުތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ އިނާޔަތްތަކާއި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގެ އިގްތިސާދީ ހަރަކާތްތެރިކަން އިތުރުކުރުމަށާއި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި އަންނަނިވި ކަންކަމަށް ސީދާ އަމާޒުކޮށް، ޒޯނުތައް މެދުވެރިކޮށް، އަންނަނިވި ލަނޑުދަނޑިތައް ހާސިލުކުރުން:

  1. ދިވެހިރާއްޖޭގެ ސިނާއީ، އިގްތިސާދީ، އިޖްތިމާއީ، މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުން؛
  2. ދިވެހިރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ދިވެހިރާއްޖެއަށް ލިބޭ ބޭރުފައިސާ އިތުރުކުރުން؛
  3. އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެއަށް ނަގުލުކުރުވުން؛
  4. ވަޒީފާގެ ފުރުސަތުތައް އުފައްދައި ފުޅާކުރުން؛ އަދި
  5. މުދަލާއި ހިދުމަތް އުފެއްދުން އިތުރުކޮށް އާލާކުރުން.

(ށ) ޒޯނުތައް ތަރައްގީކުރުމާއި އެ ޒޯނުތަކުގައި އިންވެސްޓްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެ ޒޯނުތަކުގެ ޑިވެލޮޕަރުންނާއި އެ ޒޯނުތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ މުދަލަށް ދެވޭ ހިމާޔަތް ކަނޑައެޅުމާއި، އެ ޒޯނުތަކުގެ ޑިވެލޮޕަރުންނަށާއި އެ ޒޯނުތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައެޅުން.

(ނ) ޒޯނުގެ ތަފާތު ބާވަތްތައް ކަނޑައެޅުމާއި، އެއިން ކޮންމެ ބާވަތެއްގެ ތެރޭގައި ހިންގާ އިގްތިސާދީ މާލީ މަސައްކަތްތަކަށް ހުއްދަދިނުމާއި، އެ މަސައްކަތްތައް ވިލަރެސްކުރުމާއި މޮނިޓަރކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.

(ރ) ޒޯނުގެ ތަފާތު ބާވަތް ރާއްޖޭގައި ހިންގުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކާ އެއްގޮތަށް އެކަން ކުރުމަށާއި، އެކަން އެގޮތަށް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން އެގޮތަށް ހިނގާކަން ކަށަވަރުކޮށް، މޮނިޓަރކުރުމުގެ އިސް މަސްއޫލިއްޔަތު އަދާކުރާނެ ބޯޑެއް ގާއިމުކޮށް، އެ މަސްއޫލިއްޔަތު ހަވާލުކުރުން.

 

3 ވަނަ މާއްދާ – ރަދީފު

(ހ) މި ގާނޫނުގައި ހިމެނޭ މައިގަނޑު މަފްހޫމްތަކުގެ ރަދީފު ދެވަނަ ބާބުގައި އެވަނީއެވެ.

(ށ) މި ގާނޫނުގައި ބޭނުންކޮށްފައިވާ ލަފްޒާއި އިބާރާތުގެ ތެރެއިން ވަކި ހާއްސަ މާނަކުރުމެއް ދީފައިވާ ލަފްޒާއި އިބާރާތް، 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ރަދީފުގައި އެވަނީއެވެ.

 

4 ވަނަ މާއްދާ - އިނގިރޭސި ބަހާއި އިބާރާތް

މި ގާނޫނުގައި ބައެއް އިނގިރޭސި ބަހާއި އިބާރާތް އެގޮތަށް ބޭނުންކޮށްފައި އެވަނީ، އެ ބަސްތަކަކީ، ނުވަތަ އިބާރާތްތަކަކީ، ޒޯނުގެ މަފްހޫމާ ގުޅޭގޮތުން ބޭނުންކުރަމުން އަންނަ ފަންނީ މާނަކުރުންތަކެއް ލިބިގެންވާ ބަސްތަކަކަށް ނުވަތަ އިބާރާތްތަކަކަށްވާތީ، ދިވެހިރާއްޖޭގައި ޒޯނުތައް ގާއިމުކޮށް އިންތިޒާމުކުރާ ގާނޫނީ އޮނިގަނޑު ބައިނަލްއަގްވާމީ މިންގަނޑުތަކާ ވީހާވެސް އެއްގޮތަށް އެކުލަވާލައި، ތަންފީޒުކުރުމަށް މަގު ފަސޭހަކުރުމުގެ ބޭނުމުގައެވެ.

 

5 ވަނަ މާއްދާ - ބަހާއި އިބާރާތް މާނަކުރުން

(ހ) މި ގާނޫނުގައި ހިމެނޭ ވަކި ބަހެއް ނުވަތަ އިބާރާތެއް ދެވަނަ ބާބުގައި އެވާ މަފްހޫމްތަކުގެ ރަދީފުގައި މާނަކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ އެ އިބާރާތަކަށް ދެވިގެންވަނީ އެ ބާބުގައި އެ ބަހަކަށް ނުވަތަ އިބާރާތަކަށް ދީފައިވާ މާނަކުރުމެވެ.

(ށ) މި ގާނޫނުގައި ހިމެނޭ ވަކި ބަހެއް ނުވަތަ އިބާރާތެއް 82 ވަނަ މާއްދާގައި އެވާ އާންމު ރަދީފުގައި މާނަކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ އެ އިބާރާތަކަށް ދެވިގެންވަނީ އެ މާއްދާގައި އެވާ އާންމު ރަދީފުގައި އެ ބަހަކަށް ނުވަތަ އިބާރާތަކަށް ދީފައިވާ މާނަކުރުމެވެ.

(ނ) މި ގާނޫނުގައި ބޭނުންކޮށްފައިވާ ބަހެއް ނުވަތަ އިބާރާތެއް ދެވަނަ ބާބުގައި އެވާ މަފްހޫމްތަކުގެ ރަދީފުގައި، ނުވަތަ 82 ވަނަ މާއްދާގައި އެވާ އާންމު ރަދީފުގައި މާނަކޮށްފައި ނެތްނަމަވެސް، އެ ބަހެއްގެ ނުވަތަ އިބާރާތެއްގެ މާނަކުރުމެއް ގާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު) ގައި ހިމެނޭނަމަ، އެ ބަހަކަށް ނުވަތަ އިބާރާތަކަށް ދެވިގެންވަނީ، އެ ގާނޫނުގައި ބަޔާންވެގެންވާ މާނަކުރުމެވެ.

(ރ) މި ގާނޫނުގެ އެއްވެސް މާއްދާއެއްގެ ނަތީޖާ ނުވަތަ މަގްސަދު ނުވަތަ ބޭނުން ނުވަތަ ދާއިރާ މާނަކުރަންޖެހިއްޖެ ހާލަތެއްގައި، އެކަމެއް ކުރަންވާނީ، ގާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު) ގައި ބަޔާންވެގެންވާ އުސޫލުތަކަށް ރިއާޔަތްކޮށްގެން، އަދި މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ކަމަށް މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ދިރުން ލިބިދޭގޮތަށެވެ.

 

6 ވަނަ މާއްދާ - ގާނޫނު މާނަކުރުމުގެ ބައެއް އުސޫލު

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާހާހިނދަކު، ނުވަތަ އެ ބަހެއް ބޭނުންކޮށްފައިވާ މަހައްލުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާހިނދަކު، މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން މާނަކުރުމުގައި އަންނަނިވި އާންމު އުސޫލުތައް ހިނގާނެއެވެ.

  1. މުފުރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ ބަހެއް ޖަމްއު މާނަ ދޭހަވާގޮތަށް ބޭނުންކުރެވިދާނެއެވެ. އަދި، ޖަމްއު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ ބަހެއް މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކުރެވިދާނެއެވެ.
  2. މި ގާނޫނުގައި މީހަކަށް ނުވަތަ ފަރާތަކަށް އިށާރާތްކުރާނަމަ، އެ އިށާރާތްކުރަނީ، ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭގޮތުންނެވެ.
  3. ބާބަކަށް ނުވަތަ މާއްދާއަކަށް ނުވަތަ މާއްދާއެއްގެ ބަޔަކަށް ނުވަތަ އަކުރަކަށް ނުވަތަ ޖަދުވަލަކަށް މި ގާނޫނުގައި އެ ހަވާލާދެވޭ ނުވަތަ އެ ހަވާލާ ނިސްބަތްވާ މި ގާނޫނުގެ ބާބަކަށް ނުވަތަ މާއްދާއަކަށް ނުވަތަ މާއްދާއެއްގެ ބަޔަކަށް ނުވަތަ އަކުރަކަށް ނުވަތަ ޖަދުވަލަކަށެވެ. 
  4. ގާނޫނަކަށް ހަވާލާދީފައިވާނަމަ، އެ ގާނޫނަކަށް އަންނަ އިސްލާހާއި  އެ ގާނޫނެއްގެ ބާރުލިބިގެން ހަދާ ގަވާއިދު، އެ ގާނޫނަކަށްދެވޭ ހަވާލާގައި ހިމެނިގެންވެއެވެ.
  5. އެއްބަސްވުމަކަށް ހަވާލާދީފައިވާނަމަ، އެ އެއްބަސްވުން ފުރަތަމަ ސޮއިކުރި ގޮތާއި، އެ އެއްބަސްވުމަށް އިސްލާހުގެނެވިދާނެ ގޮތްކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ އެއްބަސްވުމަށް ގެންނަ އިސްލާހު ހިމެނިގެންވެއެވެ.
  6. ވަކި ނޯޓިހެއް ދޭ ތާރީހަކުން، ނުވަތަ ވަކިކަމެއް ހިނގާ ދުވަހަކުން ފެށޭ މުއްދަތަކަށް ހަވާލާދީފައިވާނަމަ، އެ މުއްދަތެއް ގުނަން ފަށާނީ، އެ ނޯޓިހެއް ދޭ ތާރީހު ނުހިމަނައި، ނުވަތަ އެކަމެއް ހިނގާދުވަސް ނުހިމަނައި، އެ ތާރީހާ ނުވަތަ އެދުވަހާ ވިދިގެން ފެށޭ ދުވަހުންނެވެ.
  7. މި އަކުރުގެ(6) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، މި ގާނޫނުގައި ބަޔާންވެގެންވާ ވަކި މުއްދަތެއް ނުވަތަ މި ގާނޫނުގެ ދަށުން ދެވޭ ވަކި މުއްދަތެއް ގުނާނީ، ރަސްމީ ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.
  8. ވަކިކަމެއް ހިނގަންޖެހޭ ދުވަސްކަމަށް ބަޔާންކޮށްފައިވާ ދުވަސް، ނުވަތަ ވަކި މުއްދަތެއް ހަމަވާ ދުވަސް ދިމާވަނީ، ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާނަމަ، އެ ދުވަސް އަތުވެއްޖެކަމަށް ބަލާނީ، ނުވަތަ އެ މުއްދަތެއް ހަމަވާ ދުވަސްކަމަށް ބަލާނީ، އެ ރަސްމީ ބަންދު ދުވަހާ ވިދިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައެވެ.
  9. ވަކި ތާރީހަކަށް ނުވަތަ ވަކި ދުވަހަކަށް ނުވަތަ ވަކި ވަގުތަކަށް ހަވާލާދީފައިވާނަމަ،  އެ ތާރީހެއް ނުވަތަ ދުވަހެއް ނުވަތަ ގަޑިއެއް އަތުވެއްޖެކަމަށް ބަލާނީ، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އެ ތާރީހެއް ނުވަތަ ދުވަހެއް ނުވަތަ ވަގުތެއް އައުމުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހަމަތައް، މި ގާނޫނުގެ ދަށުން ހަދައި ހިންގާ ގަވާއިދުތައް މާނަކުރުމުގައިވެސް، ކަމާގުޅޭ ނިސްބަތަށް ހިނގާނެއެވެ.

 

7 ވަނަ މާއްދާ - ގާނޫނު ހިންގަން ފެށުން

(ހ) މި ގާނޫނުގެ ފުރަތަމަ ދެ ބާބާއި، 82 ވަނަ މާއްދާގައި އެވާ އާންމު ރަދީފަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުގެ މެންދަމު 12 ޖެހުމުންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދެންހުރި ބައިތަކަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ވަގުތު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި، އިއުލާންކުރާ ތާރީހެއްގައެވެ. ނުވަތަ ތާރީހުތަކެއްގައެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ އުސޫލު އެހެން އޮތްނަމަވެސް، އެ އަކުރުގައިވާ ގޮތުގެމަތިން ކަނޑައަޅާ ތާރީހެއް ނުވަތަ ތާރީހުތަކެއްގެ ސަބަބުން، މި ގާނޫނުގެ އެއްވެސް ބައެއް، 31 ޑިސެމްބަރު 2014 ގެ ފަހުން ހިފެހެއްޓިގެނެއް ނުވާނެއެވެ. އަދި، މި މާއްދާގެ (ށ) ގައިވާ އުސޫލު އެހެން އޮތްނަމަވެސް، 31 ޑިސެމްބަރު 2014 ގެ މެންދަމު 12 ޖެހުމާއެކު، މި ގާނޫނުގެ ހުރިހާ ބައިތަކަކަށް ފުރިހަމައަށް އަމަލުކުރަން ފެށޭނެއެވެ.

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

8 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް

މި ގާނޫނުގެ 9 ވަނަ މާއްދާއިން ފެށިގެން 19 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ ލަފްޒުތަކާއި އިބާރާތްތަކަކީ، މި ގާނޫނު ބިނާވެގެންވާ މައިގަނޑު މަފްހޫމްތަކެވެ. އެ މަފްހޫމްތައް އެ މާއްދާތަކުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، ނުވަތަ މާނަކުރަންވާނީ، އެ މަފްހޫމްތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

9 ވަނަ މާއްދާ - ސްޕެށަލް އިކޮނޮމިކް ޒޯން

"ސްޕެށަލް އިކޮނޮމިކް ޒޯން" ނުވަތަ "ޒޯން" ކަމަށް ބުނެފައިއެވަނީ، އިން ވަކިކުރެވިގެންވާ ނުވަތަ އިން ފާހަގަކުރެވިގެންވާ ވަކި ޖިއޮގްރަފިކް ސަރަހައްދެއްގައި، އެއް ޑިވެލޮޕަރެއްގެ، އެއް މެނޭޖްމަންޓެއްގެ ދަށުން، ކަނޑައެޅި ބަޔާންވެގެންވާ އިގްތިސާދީ މަސައްކަތްތަކެއް ކުރާ ނުވަތަ ހިންގާ ނުވަތަ ގާއިމުކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ލިބިދެވޭ ގޮތަށް، އަދި އެ ސަރަހައްދަކީ، އިމްޕޯޓް ޑިއުޓީއާއި އެކްސްޕޯޓް ޑިއުޓީ ދެއްކުމާގުޅޭ އުސޫލުތަކަށް ބަލާއިރު، މި ގާނޫނުގެ ދަށުން ދިވެހި ކަސްޓަމްސްގެ އާންމު އިހްތިސާސްއިން އެކަހެރިކުރެވިގެންވާ، ވަކި ކަސްޓަމްސް ސަރަހައްދެއްގެ ގޮތުގައި، އިންތިޒާމްކުރެވިގެން ހިންގާ ސަރަހައްދަކަށެވެ. އަދި، މި ގާނޫނުގެ 10 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް މާނަކޮށްދީފައިވާ ސްޕެށަލް އިކޮނޮމިކް ޒޯނުގެ ތަފާތު ބާވަތްތައް ކަމާގުޅޭ ނިސްބަތަށް ހިމެނޭގޮތުންނެވެ.

 

10 ވަނަ މާއްދާ - އިންޑަސްޓްރިއަލް އެސްޓޭޓް

"އިންޑަސްޓްރިއަލް އެސްޓޭޓް" ކަމަށް ބުނެފައިއެވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ހިމެނޭ ބިން ބައިކޮށް، އެކި ބައިތަކުގައި އެކި ވައްތަރުގެ އުމްރާނީ އަދި އާންމު ހިދުމަތުގެ ބޭނުންތައް ހާސިލުކުރެވޭނެގޮތަށް ޑިޒައިންކުރެވޭ، އަދި އެ ޒޯނުގައި އިންވެސްޓްކުރާ ހުރިހާ ފަރާތްތަކަކަށް އެކުގައި ބޭނުންކުރެވޭނެގޮތަށް، އަދި އެކުގައި ހިއްސާކުރެވޭގޮތަށް، އަދި އެތަންތަނުން އެމީހުންނަށް އެކުގައި ހިދުމަތް ފޯރުކޮށްދޭގޮތަށް، މައިގަނޑު ވަސީލަތްތައް ގާއިމުކޮށްފައިވާ ސަރަހައްދަކަށެވެ.

 

11 ވަނަ މާއްދާ - އެކްސްޕޯޓް ޕްރޮސެސިންގ ޒޯން

"އެކްސްޕޯޓް ޕްރޮސެސިންގ ޒޯން" ކަމަށް ބުނެފައިއެވަނީ، ރާއްޖޭގައި އުފެދޭ ތަކެތި ނުވަތަ ރާއްޖެއަށް އެތެރެކުރެވޭ ތަކެތި ބޭނުންކޮށްގެން އުފައްދާ މުދާ އެކްސްޕޯޓްކުރުމަށް އަމާޒުކޮށްގެން އިންތިޒާމުކުރެވިގެންވާ، އަދި އެތަނުން ލިބެން ހުންނަ ވަސީލަތްތަކާއި ހިދުމަތްތައް ބޭނުންކޮށްގެން މުދާ އުފައްދާ އެކްސްޕޯޓްކުރުމަށް ފަސޭހަވާނެގޮތަށް އިންތިޒާމުކުރެވިގެންވާ ސަރަހައްދަކަށެވެ.

 

12 ވަނަ މާއްދާ - ފްރީ ޓްރޭޑް ޒޯން

"ފްރީ ޓްރޭޑް ޒޯން" ކަމަށް ބުނެފައިއެވަނީ، އެކްސްޕޯޓްކުރުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ، އަދި އެ ސަރަހައްދަށް އެތެރެކުރާ މުދާ އެ ސަރަހައްދަށް އެތެރެކުރުމަށްފަހު، އެ މުދާ ޓްރާންށިޕްކުރުމަށް ނުވަތަ ރައްކާކޮށްފައި ބެހެއްޓުމަށް، ނުވަތަ ގުދަންކުރުމަށް، ނުވަތަ ރީޕެކްކުރުމަށް ނުވަތަ މުދަލެއްގެ ވެލިޔު އެޑްކުރުމަށް  ހާއްސަކުރެވިގެންވާ މަސައްކަތްތައް ކުރުމަށް، ވަކިން ބެލެހެއްޓޭގޮތަށް އިން ވަކިކުރެވިފައިވާ، އަދި ވައިގެ ބަނދަރެއް ނުވަތަ ކަނޑުގެ ބަނދަރަކާ އިންވެގެންވާގޮތަށް ގާއިމުކުރެވޭ ސަރަހައްދަކަށެވެ.

 

13 ވަނަ މާއްދާ – އެންޓަރޕްރައިސް

 "އެންޓަރޕްރައިސް ޒޯން" ކަމަށް ބުނެފައިއެވަނީ، ތަރައްގީކުރަން ބޭނުންވާ ދިވެހިރާއްޖޭގެ ވަކި ސަރަހައްދެއް ފާހަގަކޮށް، އެ ސަރަހައްދުގައި ވަކި ބާވަތެއްގެ އުފެއްދުންތެރިކަމެއް އާލާކުރުމުގެ ބޭނުމުގައި، ނުވަތަ ވަކި ބާވަތެއްގެ ވިޔަފާރިއެއް އެ ސަރަހައްދުގައި ކުރިއެރުވުމުގެ ބޭނުމުގައި، އެ ސަރަހައްދުގައި ގާއިމުކޮށް ހިންގާ ވިޔަފާރިތަކަށް ޓެކުހާގުޅޭ އިނާޔަތް ދީގެން، ނުވަތަ މާލީ އިނާޔަތްތައް ދީގެން، ނުވަތަ އެނޫންވެސް ހާއްސަ އިނާޔަތްތައް ދީގެން، އެ ސަރަހައްދު ހަރަކާތްތެރިކުރުވައި ތިޔާގިކުރުވުމުގެ މައްޗަށް އަމާޒުކޮށް އުފައްދާ ސަރަހައްދަކަށެވެ.

 

14 ވަނަ މާއްދާ - ފްރީ ޕޯޓް

"ފްރީ ޕޯޓް" ކަމަށް ބުނެފައިއެވަނީ، ފަތުރުވެރިކަމުގެ ވަސީލަތްތަކާއި ހިދުމަތްތަކާއި، ރީޓެއިލް ވިޔަފާރީގެ ވަސީލަތްތަކާއި ހިދުމަތްތަކާއި، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ، އަދި މި ގާނޫނުގެ ދަށުން ދިނުން ހުއްދަ އިނާޔަތްތައް ލިބޭގޮތަށް ހާއްސަކުރެވޭ ރަށަކަށް ނުވަތަ ސަރަހައްދަކަށެވެ.

 

15 ވަނަ މާއްދާ - ސިންގަލް ފެކްޓްރީ އެކްސްޕޯޓް ޕްރޮސެސިންގ ޒޯން

"ސިންގަލް ފެކްޓްރީ އެކްސްޕޯޓް ޕްރޮސެސިންގ ޒޯން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ކުރިއެރުވުމަށް ބޭނުންވާ ވަކި ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ފާހަގަކޮށް، އެ ސިނާއަތް ނުވަތަ ވިޔަފާރި ހިންގާ ފަރާތްތަކަށް އިނާޔަތް ދީގެން، އެ ސިނާއަތް ނުވަތަ ވިޔަފާރީގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް އަމާޒުކޮށް ހިންގޭ ސިނާއަތަކަށް ނުވަތަ ވިޔަފާރިއަކަށެވެ.

 

16 ވަނަ މާއްދާ - އޯފްށޯރ ފައިނޭންށަލް ސަރވިސަސް

"އޯފްށޯރ ފައިނޭންށަލް ސަރވިސަސް" ކަމަށް ބުނެފައިއެވަނީ، އާންމުގޮތެއްގައި ރެސިޑެންޓުންނަށް ސީދާ ހިދުމަތް ނުދެވޭގޮތަށް، މި ގާނޫނުގެ ދަށުން ދިނުން ހުއްދަ އިނާޔަތްތައް ލިބޭގޮތަށް، އޯފްށޯރ ފައިނޭންށަލް ސަރވިސަސް ލައިސަންސެއް ހޯދައިގެން، އޯފްށޯރ ފައިނޭންށަލް ސަރވިސަސްގެ ގޮތުގައި، ޒޯނެއްގައި ގާއިމުކޮށް ހިންގާ، އަންނަނިވި ހިދުމަތްތަކަށް ނުވަތަ އެ ހިދުމަތްތަކުގެ ތެރެއިން ހިދުމަތަކަށެވެ.

(ހ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަކުރާ ބޭންކިންގގެ ހިދުމަތް؛

(ށ) ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހުއްދަކުރާ ސެކިއުރިޓީޒްގެ ހިދުމަތް؛

(ނ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަކުރާ އިންށުއަރަންސްގެ ހިދުމަތް؛

(ރ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަކުރާ ފައިނޭންސް ލީސިންގ ހިދުމަތް؛

(ބ) ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހުއްދަކުރާ ކަލެކްޓިވް އިންވެސްޓްމަންޓް ސްކީމްގެ ހިދުމަތް؛ އަދި

(ޅ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހުއްދަކުރާ އެހެނިހެން މާލީ ހިދުމަތްތައް.

 

17 ވަނަ މާއްދާ - ހައި ޓެކްނޮލޮޖީ ޕާކް

"ހައި ޓެކްނޮލޮޖީ ޕާކް" ކަމަށް ބުނެފައިއެވަނީ، އެތަނެއް މެދުވެރިކޮށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ކުރިއަރުވައި އާލާކޮށް، އެ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ދިރިއުޅުމުގެ އޮށްޓަރާއި ފެންވަރު މަތިކުރުމަށް ބާރުއަޅާ ނުވަތަ އެކަމަށް މަގުފަހިކުރާ މަސައްކަތްތަކާއި ދިރާސާއާއި ތައުލީމާއި ވިޔަފާރިއަށް ހާއްސަކުރެވިގެން އުފައްދާ ސަރަހައްދަކަށެވެ.

 

18 ވަނަ މާއްދާ – ޑިވެލޮޕަރ

"ޑިވެލޮޕަރު" ކަމަށް ބުނެފައިއެވަނީ، ޒޯނެއް ގާއިމުކުރުމަށް އެދޭ، އަދި، އެފަދަ ޒޯނެއް ގާއިމުކުރުމުގެ ޕާރމިޓް ދޫކުރެވޭ ފަރާތަށެވެ. އަދި، ޒޯނުގައި ހުންނަންޖެހޭ މާއްދީ ވަސީލަތްތަކާއި ހިދުމަތްތަކާއި ފަސޭހަތައް ގާއިމުކޮށް، އެ ޒޯން ހިންގައި ބެލެހެއްޓުމުގެ އާންމު އަދި އިސް ޒިންމާ އުފުލައި، އެ ޒޯނުގެ މުޅި މެނޭޖްމަންޓް ކޮންޓްރޯލްކުރާ ފަރާތަކަށެވެ.

 

19 ވަނަ މާއްދާ – އިންވެސްޓަރ

"އިންވެސްޓަރު" ކަމަށް ބުނެފައިއެވަނީ، ޒޯނެއްގައި، އެ ޒޯނެއްގެ މައިގަނޑު މެނޭޖްމަންޓްގެ ދަށުން، އަދި، އެ ޒޯނެއްގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، އެ ޒޯނުގައި ވަކި ވިޔަފާރިއެއް އުފައްދައި ގާއިމުކޮށް ހިންގައި ބަލަހައްޓައި ކޮންޓްރޯލްކޮށް، އެ ޒޯނުގައި ގާއިމުކޮށްފައިވާ މާއްދީ ވަސީލަތްތަކުގެ މަންފާއާއި ފަސޭހަ ލިބިގެން އެ ޒޯނުގައި ހަރަކާތްތެރިވުމަށާއި ވިޔަފާރި ނުވަތަ އިގްތިސާދީ މަސައްކަތް ހިންގުމަށް، އެ ޒޯނުގެ ޑިވެލޮޕަރު ހުއްދަކުރާ ވަކި އިންވެސްޓަރަކަށެވެ.

 

ތިންވަނަ ބާބު

ޒޯން ގާއިމުކުރުން

20 ވަނަ މާއްދާ - ޒޯނުގެ ބާވަތްތައް

ޒޯނެއް ކަނޑައެޅުމުގައި، ނުވަތަ ޒޯނަކަށް ހުއްދަ ދިނުމުގައި، އެ ޒޯނަކީ، އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ޒޯނެއް ކަމަށް ކަނޑައެޅިދާނެއެވެ. އަދި، އެއިން ކޮންމެ ބާވަތެއްގެ ޒޯނެއް ކަމުގައި ވީނަމަވެސް، އެ ޒޯނަކީ، ސްޕެށަލް އިކޮނޮމިކް ޒޯނެއް ކަމުގައި ބެލެވޭނެއެވެ.

(ހ) 10 ވަނަ މާއްދާގައި މާނަކޮށްދީފައިއެވާ "އިންޑަސްޓްރިއަލް އެސްޓޭޓް"؛

(ށ) 11 ވަނަ މާއްދާގައި މާނަކޮށްދީފައިއެވާ "އެކްސްޕޯޓް ޕްރޮސެސިންގ ޒޯން"؛

(ނ) 12 ވަނަ މާއްދާގައި މާނަކޮށްދީފައިއެވާ "ފްރީ ޓްރޭޑް ޒޯން"؛

(ރ) 13 ވަނަ މާއްދާގައި މާނަކޮށްދީފައިއެވާ "އެންޓަރޕްރައިސް ޒޯން"؛

(ބ) 14 ވަނަ މާއްދާގައި މާނަކޮށްދީފައިއެވާ "ފްރީ ޕޯޓް"؛

(ޅ) 15 ވަނަ މާއްދާގައި މާނަކޮށްދީފައިއެވާ "ސިންގަލް ފެކްޓްރީ އެކްސްޕޯޓް ޕްރޮސެސިންގ ޒޯން"؛

(ކ) 16 ވަނަ މާއްދާގައި މާނަކޮށްދީފައިއެވާ ''އޯފްށޯރ ފައިނޭންށަލް ސަރވިސަސް'' ގެ ހިދުމަތްދޭ މަރުކަޒެއް؛

(އ) 17 ވަނަ މާއްދާގައި މާނަކޮށްދީފައިއެވާ "ހައި ޓެކްނޮލޮޖީ ޕާކް".

 

21 ވަނަ މާއްދާ - ޒޯނުގެ އަދަދު

ރާއްޖޭގައި ހިންގުމަށް މި ގާނޫނުން ހުއްދަ ކުރާ ބާވަތުގެ ޒޯނުތަކުގެ ތެރެއިން، ރާއްޖޭގައި އެއިން ކޮންމެ ވައްތަރަކުން ހިންގާނީ ކިތައް ޒޯނުކަން ކަނޑައަޅާނީ، ބޯޑުންނެވެ.

 

22 ވަނަ މާއްދާ - އިންވެސްޓް ކުރެވިދާނެ ދާއިރާތައް ކަނޑައެޅުން

(ހ) ދިވެހިރާއްޖޭގައި ގާއިމުކުރާ ޒޯނެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އަދި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެކުޑަ މިންގަނޑަކީ ކޮބައިކަން، ބޯޑުގެ މަށްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، އަހަރަކު އެއްފަހަރު ކަނޑައަޅައި އިއުލާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަރާރު، އެންމެ ފުރަތަމަ ފަހަރު އިއުލާންކުރާނީ، މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބޯޑު އެކުލަވާލާތާ 45 ދުވަހުގެ ތެރޭގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ކޮންމެ ކަނޑައެޅުމެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން މުރާޖައާކޮށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަލުން ކަނޑައަޅައި އިއުލާންކުރަންވާނެއެވެ.

(ރ) ޑިވެލޮޕަރަކަށް ބޯޑުން ހުއްދަ ދިނުމުގައި، ޒޯނެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތް ކަމުގައި ބަލާނީ، އަދި، އެއިން ޒޯނަކަށް އިންވެސްޓްކުރެވޭނެ އެންމެކުޑަ މިންވަރު ކަމުގައި ބަލާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، މި މާއްދާގެ (ށ) ގެ ދަށުން ނުވަތަ މި މާއްދާގެ (ނ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިއުލާންކުރާ ގަރާރުގައިވާ އިގްތިސާދީ މަސައްކަތްތަކާއި އަދި އެ އިގްތިސާދީ މަސައްކަތްތަކުގެ އިންވެސްޓްމަންޓްގެ އަގުގެ އެންމެކުޑަ މިންވަރު ކަމުގައި އެ ގަރާރުގައި ކަނޑައަޅާފައިވާ މިންގަނޑުތަކެވެ.

 

23 ވަނަ މާއްދާ - އިނާޔަތްތައް

(ހ) މި ގާނޫނުގެ ދަށުން އުފައްދާ ޒޯނުތަކަށް ނުވަތަ ޒޯނުތަކުގެ ޑިވެލޮޕަރުންނަށް ނުވަތަ ޒޯނުތަކުގެ އިންވެސްޓަރުންނަށް ލިބިދޭ އިނާޔަތްތައް މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި އެވަނީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ތައާރުފުކުރާ އެހެން ގާނޫނެއްގެ ދަށުން އަލަށް ތައާރުފުކުރާ ޓެކުހެއްގެ ސަބަބުން ނުވަތަ އޭރުވެސް ނަގަމުންދާ ޓެކުހެއްގެ މިންވަރަށް ގެންނަ ބަދަލެއްގެ ސަބަބުން، މި ގާނޫނުގެ ދަށުން ޒޯނުތަކަށް ނުވަތަ ޒޯނުތަކުގެ ޑިވެލޮޕަރުންނަށް ނުވަތަ ޒޯނުތަކުގެ އިންވެސްޓަރުންނަށް ލިބިދޭ އިނާޔަތްތަކަށް ނޭދެވޭ ބަދަލެއް އަންނަކަމަށްވާނަމަ، އެ ޒޯނުތަކުގެ ޑިވެލޮޕަރުންނާއެކު ސޮއިކޮށްފައިވާ އިންވެސްޓްމަންޓް އެގްރިމަންޓްގައި އެއްބަސްވެފައިވާގޮތަށް އެ ޒޯނުތަކަށް ނުވަތަ ޑިވެލޮޕަރުންނަށް ނުވަތަ އިންވެސްޓަރުންނަށް ދެވޭ އިނާޔަތް ދެމެހެއްޓުމަށްޓަކައި، ފަހުން ތައާރުފުކުރާ ޓެކްސް ދެއްކުމުން، ނުވަތަ ފަހުން އިތުރުކުރާ ޓެކުހުގެ މިންވަރު ދެއްކުމުން، އެ ޒޯނެއް ނުވަތަ އެ ޒޯނެއްގެ ޑިވެލޮޕަރު ނުވަތަ އިންވެސްޓަރު، ބޯޑުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިސްތިސްނާކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށްލިބިގެންވެއެވެ.

(ނ) ޒޯނެއްގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެ ޒޯނުގެ ޑިވެލޮޕަރަށް އޮތް ޒިންމާ އަދާކުރުމުގައި، ކޮންޓްރެކްޓް އުސޫލުން ތިންވަނަ ފަރާތެއް އައްޔަންކުރާނަމަ، އަދި، އެކަން ކުރަނީ، އެ ޒޯނެއްގެ ޑިވެލޮޕަރާއި އެ ތިންވަނަ ފަރާތާ ދެމެދު ލިޔުމުން އެއްބަސްވާ އެއްބަސްވުމެއްގެ ދަށުން ކަމުގައިވާނަމަ، އެ މަސައްކަތް ކުރާކަމުގެ މުގާބިލުގައި، އެ ޒޯނުގެ ޑިވެލޮޕަރަށް ލިބޭނެކަމަށް މި ގާނޫނުގެ ޖަދުވަލު 1 ގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އިނާޔަތްތައް އެ ތިންވަނަ ފަރާތަށް، ބޯޑުގެ ހުއްދައާއެކު، ދެވިދާނެއެވެ. އަދި، އިނާޔަތް ދިނުމުގެ ބޭނުމަށް، އެ ތިންވަނަ ފަރާތަކީ، ޑިވެލޮޕަރުގެ މާނައިގައި ހިމެނޭ ފަރާތެއް ކަމަށް ބޯޑަށް ބެލިދާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ދެވޭ އިނާޔަތްތައް ކަމަށް މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިނާޔަތްތަކުގެ ތެރެއިން، އެންމެންނަށްމެ އެއް ގިންތިއެއްގައި ހިމެނޭކަމަށްވާތީ އެކީއެކަށް ލިބިދޭ އިނާޔަތްތައް ފިޔަވައި، ވަކި ކަމަކާ ގުޅިގެން މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިނާޔަތްތަކުގެ ތެރެއިން، ވަކި އިނާޔަތެއް ނުވަތަ ވަކި އިނާޔަތްތަކެއް ލިބިދެވޭނަމަ، އެ އިނާޔަތްތައް ލިބިދެވޭ  ހާލަތްތަކާއި އެ ހާލަތްތަކުގައި ލިބިދެވޭނެ އިނާޔަތްތައް މި ގާނޫނުގެ ދަށުން ބޯޑުން ހަދައި ހިންގާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ޒޯން ފާހަގަކުރުން

ޒޯނަކީ، އޭގެ ޒާތުގައި ރާއްޖޭގެ އާންމު ކަސްޓަމްސް ސަރަހައްދުން އެކަހެރިކުރެވިފައިވާ ވަކި ކަސްޓަމްސް ސަރަހައްދެއް ކަމުގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ސަރަހައްދަކަށްވާތީ، އަދި، އެއީ، ބައެއް ގާނޫނުތައް ހިންގުމުގައި އިނާޔަތް ލިބިދޭ ސަރަހައްދަކަށްވާތީ، ޒޯނެއްގެ ޖޯގްރަފިކް ބައުންޑަރީ ލޮންޖިޓިއުޑުންނާއި ލެޓިޓިއުޑުން ފާހަގަ ކުރެވެންވާނެއެވެ.

 

25 ވަނަ މާއްދާ - ޒޯނުގައި ހުންނަންޖެހޭ ސިފަތައް

ޒޯނެއްގައި އަންނަނިވި ސިފަތައް ނުވަތަ ވަސީލަތްތައް ގާއިމުވެގެން ވާންވާނެއެވެ.

(ހ) އިން ވަކިކުރެވިފައިވުން ނުވަތަ ސާފުކޮށް އެނގެންއޮތް ސަރަހައްދަކަށް، އެ ޒޯނުވުން؛

(ށ) ފީޒިބިލިޓީ ސްޓަޑީއެއް ހެދިފައިވުން؛

(ނ) އިންޖިނިއަރިންގ ސްޓަޑީއެއް ހެދިފައިވުން؛

(ރ) އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓެއް ހެދިފައިވުން؛

(ބ) ޒޯނެއްގައި އެކުލެވިގެންވާ ސަރަހައްދަށާއި، ވަށައިގެންވާ ސަރަހައްދަށް ހަރަކާތްތެރިކަމާއި، ތަނަވަސްކަމާއި، އުފެއްދުންތެރިކަން ގެނައުމަށް ގައުމީ ތަރައްގީގެ ޕްލޭންގައި ނުވަތަ ސަރުކާރުގެ ސިޔާސަތުގައި ފާހަގަކޮށްފައިވާ ސަރަހައްދަކަށް، އެ ޒޯނުވުން؛

(ޅ) ކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ނުވަތަ އުމްރާނީ ވަސީލަތްތަކާއި، މަގާއި، މުއާސަލާތުގެ ވަސީލަތްތަކާއި، ބަނދަރާއި، އެއަރޕޯޓާއި، އަދިވެސް ވިޔަފާރީގެ މަސައްކަތްތައް ކުރުމަށް މަގުފަހިކުރާ އުމްރާނީ ވަސީލަތްތައް ހުރި ނުވަތަ އެފަދަ ވަސީލަތްތައް ތައާރުފުކުރުމުގެ ޖާގައޮތް ސަރަހައްދަކަށް، އެ ޒޯނުވުން؛

(ކ) ބޭނުންވާ ތަރައްގީ ގެނައުމަށާއި، ބޭނުންކަމަށްވާނަމަ އެ ތަރައްގީ، އިތުރަށް ފުޅާ ކުރުމަށްޓަކައި ބޭނުންވާ ބިމުގެ ވަސީލަތް އޮތް ސަރަހައްދަކަށް، އެ ޒޯނުވުން؛

(އ) ޓްރޭނިންގ ލިބިފައިވާ މީހުންނާއި، ވަކިވަރަކަށް ޓްރޭނިންގ ލިބިފައިވާ މީހުންނާއި، އެއްވެސް ޓްރޭނިންގއެއް ނެތް މީހުންނަށް ވަޒީފާގެ ފުރުސަތު ލިބިދެވޭގޮތަށް ނުވަތަ އެފަދަ ވަޒީފާގެ ފުރުސަތުތައް އުފެއްދޭގޮތަށް އޮތް ސަރަހައްދަކަށް، އެ ޒޯނުވުން؛

(ވ) ޒޯނު އޮތް ތަނުގައި އެކަން ކުރުމަކީ، ވަށައިގެންވާ ސަރަހައްދަށް އެކަމުގެ ސީދާ މަންފާކުރާނެ، ޒޯނަކަށްވުން؛ ނުވަތަ އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް މަގުފަހިކުރާ ސަރަހައްދަކަށްވުން؛ އަދި

(މ) އެތަނަކީ ފަސޭހަކަމާއެކު ބެލެހެއްޓޭނެ، ނުވަތަ ވަކިން އިން ކަނޑައަޅައިގެން ބެލެހެއްޓޭނެ ތަނަކަށްވުން.

 

26 ވަނަ މާއްދާ - ޑިވެލޮޕަރުގެ ޒިންމާ

(ހ) ކޮންމެ ޒޯނެއްގައިމެ، އެ ޒޯނުގެ ޑިވެލޮޕަރު، އެ ޒޯނުގެ އެޑްމިނިސްޓްރޭށަން އޮފީސް ގާއިމުކޮށް ހިންގައި ބަލަހައްޓަންވާނެއެވެ. އަދި، އެ ޒޯނާއި، އެ ޒޯނުގެ އިންވެސްޓަރުންނާއި އެ ޒޯނުގެ ޒޯން އެޑްމިނިސްޓްރޭށަން އޮފީހުގެ މަސައްކަތަށް ޑިވެލޮޕަރު ޒިންމާ އުފުލަންވާނެއެވެ.

(ށ) ޒޯނުތަކުގެ ތެރެއިން، އެ ޒޯނަށް ހުއްދަދީފައިވާ ބާވަތުގެ އިގްތިސާދީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ މައިގަނޑު އަސާސީ އުމްރާނީ އަދި މާއްދީ ވަސީލަތްތައް ގާއިމުކޮށް، އެ ވަސީލަތްތަކުގެ ބޭނުންކުރުމުގެ ފަސޭހަ، އެ ޒޯނުގައި އިންވެސްޓްކުރާ ފަރާތްތަކަށް، ކަނޑައެޅޭ ވިޔަފާރި އުސޫލަކުން ލިބޭނެގޮތް ޑިވެލޮޕަރު ހަމަޖައްސަންވާނެއެވެ.

(ނ) ޒޯނުގައި ފެނާއި ނަރުދަމާއާއި ކަރަންޓާއި ކުނި އުކާލުމުގެ ނިޒާމާއި ކުނި ނައްތާލުމުގެ ނިޒާމާއި، ކަމާގުޅޭ އެހެން ވަސީލަތްތަކާއި ހިދުމަތްތައް ތިމާވެއްޓާ ރައްޓެހިގޮތުގައި ގާއިމުކުރުމަކީ، ޑިވެލޮޕަރުގެ ޒިންމާއެކެވެ.

(ރ) ޑިވެލޮޕަރަށް ދޫކުރެވޭ ޒޯނުގައި ކަސްޓަމްސްގެ ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ޑިވެލޮޕަރުގެ ޒިންމާއެކެވެ.

 

27 ވަނަ މާއްދާ - ޑިވެލޮޕަރުގެ ސިފަތައް

ޒޯނެއް ގާއިމުކުރަން އެދި ހުށަހަޅާ ޑިވެލޮޕަރެއްގައި އަންނަނިވި ސިފަތައް ނުވަތަ ގާބިލުކަން ހުންނަންވާނެއެވެ.

(ހ) ޒޯން ތަރައްގީކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހުރުން؛ ނުވަތަ އެ ފައިސާ ހޯދައި ލިބިގަތުމުގެ ގާބިލުކަން ހުރުން؛

(ށ) ޒޯން ހިންގުމަށްޓަކައި ބޭނުންވާ އުމްރާނީ، އަސާސީ، މާއްދީ ވަސީލަތްތައް އެކަށޭނަ ފެންވަރުގައި ގާއިމުކޮށްދެވޭނެ ގާބިލުކަން ހުރުން؛

(ނ) ޒޯނެއްގައި ހިމެނޭ ބިން، ގާނޫނީގޮތުން މިލްކުކުރެވޭނެ ހައިސިއްޔަތު، ނުވަތަ ކުއްޔަށް ހިފުމުގެ ގާނޫނީ ގާބިލުކަން ހުރުން؛ އަދި

(ރ) ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ދައުރަށް ހަނިކަމެއް ނާންނާނެގޮތަށް، އަދި ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ޒޯނުގެ ސަލާމަތީ ނިޒާމު ބެލެހެއްޓުމުގެ ގާބިލުކަން ހުރުން.

 

28 ވަނަ މާއްދާ - ޒޯން ސުޕްރިންޓެންޑެންޓް

(ހ) ކޮންމެ ޒޯނެއްގައި، ބޯޑުން ކަނޑައަޅާ ޒޯން ސުޕްރިންޓެންޑެންޓެއް ހުންނަންވާނެއެވެ.

(ށ) ޒޯން ސުޕްރިންޓެންޑެންޓަކީ، މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން ކަނޑައަޅާ، އެކަމަކު ބޯޑުގެ މެންބަރުންގެ ތެރޭގައި ނުހިމެނޭ މިނިސްޓްރީގެ މުވައްޒަފެކެވެ.

(ނ) ޒޯން ސުޕްރިންޓެންޑެންޓުގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

  1. ޒޯން ގާއިމުކުރުމުގެ މަސައްކަތުގައި ނުވަތަ އިންވެސްޓްމަންޓް ގާއިމުކުރުމުގެ މަސައްކަތުގައި، ޑިވެލޮޕަރަށް ނުވަތަ އެ ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރަށް މަގުދައްކައިދިނުން؛
  2. ޑިވެލޮޕަރާއި ބޯޑާ ދެމެދު، ނުވަތަ ޑިވެލޮޕަރާއި ލޯކަލް ކައުންސިލާ ދެމެދު ކަންކަން ވިލަރެސްކޮށްދީ ހިންގައިދިނުން؛
  3. ޒޯނުގެ އިންވެސްޓަރުންނާއި ބޯޑާ ދެމެދު، ނުވަތަ ޒޯނުގެ  އިންވެސްޓަރުންނާއި ލޯކަލް ކައުންސިލާ ދެމެދު ކަންކަން ވިލަރެސްކޮށްދީ ހިންގައިދިނުން؛
  4. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންގެ މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކޮށް، ބޯޑަށް ރިޕޯޓުކުރުން؛
  5. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންގެ މަސައްކަތާ ގުޅޭގޮތުން ބޯޑުން ދޭ އިރުށާދުތައް ތަންފީޒުކުރުން؛
  6. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންނާ ދެމެދު އުފެދޭ ހިޔާލު ތަފާތުވުންތައް ވާހަކަދައްކައިގެން ހައްލުކޮށްދިނުން؛
  7. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންނަށް ދީފައިވާ އިނާޔަތްތައް ބޭނުންކުރަމުންދާ ގޮތާއި ނިސްބަތާ ގުޅޭގޮތުން، ބޯޑަށް މައުލޫމާތު ދިނުމާއި ބޯޑަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހެޅުން؛ އަދި
  8. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންގެ މަސައްކަތާ ގުޅޭގޮތުން ބޯޑުން އަންގާ އެނޫންވެސް ކަންކަން ކުރުން.

 

29 ވަނަ މާއްދާ - ޒޯން ގާއިމުކުރުމުގެ މަރުހަލާތައް

ޒޯނެއް ގާއިމުކުރުމުގައި ހިނގާނެ މައިގަނޑު މަރުހަލާތަކާއި މައިގަނޑު މުއްދަތުތައް ތިރީގައި އެވަނީއެވެ.

(ހ) ޒޯނެއް ގާއިމުކުރުމަށް ބޭނުންވާ ޑިވެލޮޕަރު އެކަމުގެ ހުއްދައަށް އެދި، ބޯޑަށް ހުށަހެޅުން؛ 

(ށ) ޒޯނެއް ގާއިމުކުރުމަށް އެދި ޑިވެލޮޕަރު އެކަމުގެ ހުއްދައަށް އެދުމުން، އެ ހުށަހެޅުން، ބޯޑުން މުރާޖައާކުރުން؛

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން، އުސޫލެއްގެގޮތުން ބޯޑަށް ގަބޫލުކުރެވޭ ކަމަށްވާނަމަ، އެ ހުށަހެޅުމުގެ ތާރީހުން ފެށިގެން 28 ދުވަހުގެ ތެރޭގައި، އިނީށަލް ޕާރމިޓެއް ޑިވެލޮޕަރަށް ދޫކުރުން؛ އަދި، އެ އިނީށަލް ޕާރމިޓްގެ ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައި، ތަފްސީލު ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު، އެ ޑިވެލޮޕަރަށް ބޯޑުން ދިނުން؛

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން، އުސޫލެއްގެގޮތުން ބޯޑަށް ގަބޫލުކުރެވެންއޮތީ، ބައެއް އިސްލާހުތައް ގެނެސް އަލުން ހުށަހެޅުމުން ކަމަށް ބޯޑަށް ފެންނަނަމަ، އެ ހުށަހެޅުން މުޅިން ބާތިލުނުކޮށް، އެ ހުށަހެޅުމުގައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ބޯޑަށް ފޮނުވުމަށް ފުރުސަތު ދިނުމާއި، އަދި އެގޮތުން ދޭ ފުރުސަތުގައި ފޮނުވާ އިސްލާހުތައް ހިމަނައިގެން ބޯޑުން، މައިގަނޑު ހުށަހެޅުން ދިރާސާކުރުމަށްފަހު، ފަހުން ފޮނުވި އިސްލާހުތަކުގެ ތާރީހުން ފެށިގެން، 28 ދުވަހުގެ ތެރޭގައި، އިނީށަލް ޕާރމިޓެއް ޑިވެލޮޕަރަށް ދޫކުރުން؛

(ބ) އިނީށަލް ޕާރމިޓް ޑިވެލޮޕަރަށް ލިބުމުން، އެ ޒޯނެއްގެ އިންފްރާސްޓްރަކްޗަރ މާސްޓަރ ޕްލޭނާއި، ފީޒިބިލިޓީ ސްޓަޑީޒް ރިޕޯޓާއި، އިންޖިނިއަރިންގެ ސްޓަޑީޒް ރިޕޯޓާއި، އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓާއި، ބިޒްނަސް ޕްލޭނާއި، އަދިވެސް ބޯޑުން ކަނޑައަޅާ ލިޔެކިޔުންތައް، އިނީށަލް ޕާރމިޓްގެ ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައި ބޯޑަށް ހުށަހެޅުން؛

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އެ ލިޔެކިޔުންތަކުގައިވާ ގޮތަށް އެ ޒޯން ހިންގުމުގެ ހުއްދަދޭން ބޯޑަށް ފެންނަނަމަ، އެ ލިޔެކިޔުންތައް ހުށަހެޅި ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި، އެ ޒޯން ހިންގުމުގެ ޕާރމިޓް އެ ޒޯނެއް ގާއިމުކުރުމަށް ބޭނުންވާ ޑިވެލޮޕަރަށް، ބޯޑުގެ ނިންމުމާ އެއްގޮތްވާ ގޮތުގެމަތިން އަދި، މިނިސްޓަރު ސޮއިކޮށް ދޫކުރާ ލިޔުމެއް މެދުވެރިކޮށް ދިނުން؛

(ކ) ކަމާ ގުޅޭގޮތުން ޑިވެލޮޕަރާއި ބޯޑާ ދެމެދު ސޮއިކުރަންޖެހޭ އިންވެސްޓްމަންޓް އެގްރިމަންޓްގައި ސޮއިކުރުމުގެ ކަންކަން، އެ ޕާރމިޓްގެ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނިންމުން؛ އަދި

(އ) އިންވެސްޓްމަންޓް އެގްރިމަންޓްގައި ސޮއިކުރުމާއެކު، އެ އިންވެސްޓްމަންޓް އެގްރިމަންޓްގެ ތާރީހުގައި، އެ ޒޯން އެގޮތަށް ކަނޑައަޅައިފިކަމާއި، އެ ޒޯނަކީ ކޮންބާވަތެއްގެ ޒޯނެއްކަމާއި، އެތަން ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ ޑިވެލޮޕަރަކީ ކޮބައިކަމާއި، އެތަނަށް ދެވޭ އިނާޔަތްތަކަކީ ކޮބައިކަމާއި، އެތަނުގައި ކުރެވިދާނެ އިންވެސްޓްމަންޓްތަކަކީ ކޮބައިކަމާއި، އެ ޑިވެލޮޕަރަށާއި އެތަނުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ އިނާޔަތްތަކަކީ ކޮބައިކަން ބޯޑުގެ ރަސްމީ ނިންމުމެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަދި މިނިސްޓަރުގެ ހުށަހެޅުމަކަށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި، އެކަން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުން.

 

30 ވަނަ މާއްދާ - ޕާރމިޓް ދޫކުރުމުގެ ށަރުތު

(ހ) ޒޯނެއް ގާއިމުކުރަން ޑިވެލޮޕަރަށް، ޕާރމިޓެއް ދޫކުރަންވާނީ،  އެފަރާތަކުން، އެ ޒޯނެއް ތަރައްގީކުރުމަށް ކުރާ އިންވެސްޓްމަންޓްގެ އަދަދަކީ، ރައީސުލްޖުމްހޫރިއްޔާ އެ ޒޯނަކާ ގުޅޭގޮތުން ނުވަތަ އެ އިގްތިސާދީ މަސައްކަތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އިންވެސްޓްމަންޓްގެ އެންމެކުޑަ އަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއް ކަމުގައި ވާނަމައެވެ. އަދި، އެ އަދަދަށް ފައިސާ ހަރަދުކުރެވިދާނެކަމުގެ ގާބިލުކަން އެފަރާތަށް ލިބިގެންވާކަމުގެ ހެކި ބޯޑަށް ހުށަހެޅުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދަށް ވާސިލުވުމަށްޓަކައި ޑިވެލޮޕަރުގެ އެކަނި ނަމުގައި ހޯދާ ގެރެންޓީއެއް ނުވަތަ ޑިވެލޮޕަރާއެކު މަށްރޫއު ތަރައްގީކުރުމަށް ބައިވެރިވާ އެހެން ފަރާތެއް ނުވަތަ ފަރާތްތަކަކާ އެކުވެގެން ހޯދާ ގެރެންޓީއެއް ބޯޑަށް ހުށަހެޅިދާނެއެވެ. އަދި، އެފަދަ ގެރެންޓީއެއް ބޯޑަށް ގަބޫލުކުރެވިދާނެއެވެ.

(ނ) ޒޯނެއް ގާއިމުކުރަން ޕާރމިޓަށް އެދި ހުށަހަޅާ ފަރާތަކީ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏެއްނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގެރެންޓީ ދިނުމުން އެފަރާތް އިސްތިސްނާވާނެއެވެ.

 

31 ވަނަ މާއްދާ - ޕާރމިޓް ދޫކުރުމުގެ ކުރިން ބޯޑުން ބަލަންޖެހޭނެ ކަންކަން

ޕާރމިޓެއް ދޫކުރުމުގެ ކުރިން އަންނަނިވި ކަންކަން ބޯޑުން ބަލަންވާނެއެވެ.

(ހ) ހިންގަން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ވަޒީފާގެ ފުރުސަތު އުފެދޭނެ މިންވަރާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރެވޭނެ މިންވަރު؛

(ށ) ހިންގަން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖޭގެ އުފެއްދުންތަކާއި، މުދަލާއި ތަކެތި އެކްސްޕޯޓްކުރުމަށް ލިބޭނެ ފުރުސަތު؛

(ނ) ހިންގަން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ކޮށްފާނެކަމަށް ބެލެވޭ އަސަރުތައް، އަދި އެކަންކަން ކުޑަކުރުމަށް ހުށަހަޅާ ފިޔަވަޅުތައް؛

(ރ) ހިންގަން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ޓެކްނޮލޮޖީއާއި މައުލޫމާތު، ދިވެހިރާއްޖެއަށް ތައާރުފުވުމަށް ނުވަތަ ނަގުލުވުމަށް އޮތް ފުރުސަތު؛ އަދި

(ބ) ހިންގަން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން، ދިވެހިރާއްޖޭގެ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތަށް ބާރުލިބިދޭ މިންވަރު ނުވަތަ އެކަމަށް މަގުފަހިކުރާ މިންވަރު.

 

32 ވަނަ މާއްދާ - ކައުންސިލާ އޮތްގުޅުން

(ހ) ޒޯނެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ވަކި ޒޯނެއް ކަނޑައެޅުމުން، އެ ޒޯނަކީ، ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އޮތް ޒޯނެއް ކަމުގައި ވީނަމަވެސް، އަދި އެ ޒޯނުގެ ދާއިރާ ހިމެނެނީ، ކޮންމެ ލޯކަލް ކައުންސިލެއްގެ އިހްތިސާސް ހިނގާ ސަރަހައްދެއްގައި ކަމުގައި ވީނަމަވެސް، އެ ހިސާބުން، އެ ކައުންސިލެއްގެ އިހްތިސާސުން އެ ޒޯނެއް ވަކިވެ، އެ ޒޯނެއްގެ އާންމު ބެލެނިވެރިކަން ޖަމާވެ، ގާއިމުވާނީ، މިނިސްޓްރީގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެ ޒޯނާ ގުޅޭގޮތުން ދެން އަމަލުކުރަންވާނީ، މި ގާނޫނުގެ ކުރީގެ ތާރީހެއްގެ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް، މި ގާނޫނަށާއި، މި ގާނޫނު ހިންގުމަށް ފަސޭހަކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހަދާ ގަވާއިދުތަކަށާއި، ބޯޑުގެ ނިންމުންތަކަށާއި، ޑިވެލޮޕަރުގެ ޕާރމިޓްގައިވާ ށަރުތުތަކަށާއި އިންވެސްޓްމަންޓް އެގްރިމަންޓް ނުވަތަ ކޮންސެށަން އެގްރިމަންޓްގައިވާ މާއްދާތަކަށެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، ޒޯނާ ގުޅޭގޮތުން، ބޯޑުން ކަނޑައަޅާ ވަކި މަސްއޫލިއްޔަތެއް، ބޯޑުގެ އޭޖެންޓެއްގެ ގޮތުގައި ތަންފީޒުކޮށްދިނުން، ބޯޑާއި ކަމާގުޅޭ ލޯކަލް ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، އެ ކައުންސިލަކާ ހަވާލުކޮށް، އެ ކައުންސިލެއް މެދުވެރިކޮށް، އެ މަސްއޫލިއްޔަތެއް އަދާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ރ) ޒޯނެއް ތަރައްގީކުރަނީ، ނުވަތަ ހިންގަނީ، ރަށު ކައުންސިލެއްގެ ނުވަތަ އަތޮޅު ކައުންސިލެއްގެ އިހްތިސާސް ހިނގާ ސަރަހައްދެއްގެ ތެރޭގައި ކަމުގައިވާނަމަ، އެ ސަރަހައްދުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ހައްގަކަށް އުނިކަމެއް ނުލިބޭނެކަން، ސަރުކާރާއި ޑިވެލޮޕަރު ކަށަވަރުކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ޒޯން އެޑްމިނިސްޓްރޭށަން އޮފީސް

ޑިވެލޮޕަރަކަށް ޕާރމިޓް ލިބޭތާ 30 ދުވަހުގެ ތެރޭގައި، އެ ޒޯނެއްގެ ޒޯން އެޑްމިނިސްޓްރޭށަން އޮފީސް ގާއިމުކުރަންވާނެއެވެ. އަދި، އެ ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރުންނާއި ގުޅޭގޮތުންނާއި އެ ޒޯނުގައި ހިންގާ އިގްތިސާދީ މަސައްކަތްތަކާ ގުޅޭގޮތުންނާއި ކައުންސިލްތަކާއެކު ހިންގަންޖެހޭ މުއާމަލާތްތަކާ ގުޅޭގޮތުންނާއި، ބޯޑާ ގުޅޭގޮތުންނާއި ޒޯން ސުޕްރިންޓެންޑެންޓުންނާ ގުޅޭގޮތުން އެ ޒޯނުގައި ހިންގަންޖެހޭ މުއާމަލާތްތައް ހިންގަންވާނީ، ޒޯން އެޑްމިނިސްޓްރޭށަން އޮފީހުން، އެ ޒޯނުގެ ޑިވެލޮޕަރުގެ ޒިންމާގެ ދަށުންނެވެ.

 

ހަތަރުވަނަ ބާބު

ޑިވެލޮޕަރ

34 ވަނަ މާއްދާ - ޒޯން ޑިވެލޮޕްކުރަން ހުށަހެޅުން

(ހ) ޒޯނެއް ގާއިމުކުރަން އެދޭ ފަރާތަކުން އެކަމުގެ ހުއްދައަށް އެދި ހުށަހަޅާނީ، ބޯޑަށެވެ. އޭނާ އެކަން ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފޯމެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުށަހެޅުން ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު ހުށަހަޅަންޖެހޭނެކަމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅައި، ދައްކަންޖެހޭ ފީ ދައްކަންވާނެއެވެ.

 

35 ވަނަ މާއްދާ - ޒޯން ޑިވެލޮޕްކުރަން ހުށަހެޅޭނެ ފަރާތްތައް

ޒޯނެއް ގާއިމުކުރަން އެދި، އެކަމުގެ ހުއްދައަށް އެދި ހުށަހެޅޭނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.

(ހ) އެހެން ފަރާތަކާ ގުޅުމެއްނެތި ސީދާ ދިވެހި ސަރުކާރަށް؛ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ހިއްސާއޮތް ސަރުކާރުގެ ކުންފުންޏަކަށް؛ ނުވަތަ އެހެން ފަރާތަކާއެކު ދިވެހި ސަރުކާރުން އުފައްދާ ޖޮއިންޓްވެންޗަރ ކުންފުންޏަކަށް؛ ނުވަތަ އެހެން ފަރާތްތަކަކާއެކު ދިވެހި ސަރުކާރުން އުފައްދާ ކޮންސޯށިއަމްއަކަށް؛

(ށ) ހަމައެކަނި ދިވެހިން ހިއްސާވާ ކުންފުންޏަކަށް؛

(ނ) ހަމައެކަނި ބިދޭސީން ހިއްސާވާ ކުންފުންޏަކަށް؛

(ރ) ދިވެހިންނާއި ބިދޭސީން އެކުގައި ހިއްސާވެގެން އުފައްދާފައިވާ ކުންފުންޏަކަށް؛

(ބ) ދިވެހިން، ނުވަތަ ބިދޭސީން، ނުވަތަ ދިވެހިންނާއި ބިދޭސީން އެކުގައި ހިއްސާވާ ކުންފުންޏަކާއި އެހެން ކުންފުންޏަކާ ގުޅިގެން އުފައްދާ ޖޮއިންޓްވެންޗަރ ކުންފުންޏަކަށް؛ ނުވަތަ

(ޅ) ދިވެހިން، ނުވަތަ ބިދޭސީން، ނުވަތަ ދިވެހިންނާއި ބިދޭސީން އެކުގައި ހިއްސާވާ ކުންފުންޏަކާއި އެހެން ކުންފުނިތަކަކާ ގުޅިގެން އުފައްދާ ކޮންސޯށިއަމްއަކަށް.

 

36 ވަނަ މާއްދާ - އިނާޔަތް ދިނުމުގައި ހާއްސަ ށަރުތު ކަނޑައެޅުން

(ހ) ޑިވެލޮޕަރަކަށް ދެވޭ އިނާޔަތްތައް ކަނޑައެޅުމުގައި، އެ އިނާޔަތްތައް އެ ޑިވެލޮޕަރަށް ލިބޭކަމަށްޓަކައި އޭގެ މުގާބިލުގައި، ދިވެހި ސަރުކާރުން އިސްކަންދީގެން ރާއްޖޭގައި ބިނާކުރާ މާއްދީ ނުވަތަ އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ވަސީލަތެއް، އެ ޒޯނުން ބޭރުގައި، ދިވެހި ސަރުކާރުން ކަނޑައަޅާ ތަނެއްގައި، އެ ޑިވެލޮޕަރު ބިނާކުރުން ށަރުތުކުރެވިދާނެއެވެ. އަދި އެކަމެއް ކުރުމަށްޓަކައި، އެ ޑިވެލޮޕަރަކު ކުރަންޖެހޭ ހަރަދާއި ގާބިލު އިނާޔަތެއް، އެ ޒޯނަށް ދެވޭ އިނާޔަތްތައް ކަނޑައެޅުމުގައި އެ ޑިވެލޮޕަރަށް ދިނުމަށް މި ގާނޫނުގެ ދަށުން، ބޯޑަށް، ކަނޑައެޅިދާނެއެވެ.  

(ށ) ޒޯނެއް ތަރައްގީކުރުމުގައި، އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް މަގުފަހިކުރާގޮތަށް އެ ޒޯނެއް ތަރައްގީކުރުމަށް ޑިވެލޮޕަރަކު ހުށަހަޅާ ކަމުގައިވާނަމަ، އެކަމުގެ މައްޗަށް ބޯޑުން ރިއާޔަތްކޮށް، އެ ޑިވެލޮޕަރަށް ދެވޭ އިނާޔަތުގެ ނިސްބަތް ނުވަތަ މިންވަރު ޖަދުވަލު 1 ގެ (ރ) ގައިވާ ގޮތުގެމަތިން އިތުރުކުރެވިދާނެއެވެ.

 

37 ވަނަ މާއްދާ - ޒޯން ތަރައްގީ ކުރުމުގައި ޑިވެލޮޕަރަށް ހުއްދަ ކަންކަން

ޒޯނެއް ތަރައްގީކުރުމުގައި ކޮންމެ ޑިވެލޮޕަރަކަށްވެސް، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

(ހ) އެ ޒޯނުގެ ތެރޭގައި ހިމެނޭ ބިން މިލްކުކުރުން ނުވަތަ ކުއްޔަށް ހިފުން؛

(ށ) ޑިވެލޮޕަރު ކުއްޔަށް ހިފާފައިވާ ބިން، އެ ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ކުއްޔަށް ދިނުން، ނުވަތަ އެ ބިމުގައި އެކިއެކި ކަންކަން ކުރުމުގެ ލައިސަންސް ނުވަތަ ކޮންސެށަން އެފަރާތްތަކަށް ދިނުން؛

(ނ) ޑިވެލޮޕަރަށް ދީފައިވާ ޕާރމިޓްގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ޒޯނުގައި ގާއިމުކުރަންޖެހޭ އިންފްރާސްޓްރަކްޗަރއާއި އިމާރާތްތަކާއި، ގުދަނާއި، ފެކްޓްރީއާއި އެފަދަ އެހެނިހެން އުމްރާނީ، އަދި މާއްދީ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކޮށް، ބިނާކޮށް، އިމާރާތް ހިންގައި، ބެލެހެއްޓުން؛

(ރ) އެ ޒޯނުގައި ފެނާއި ކަރަންޓާއި މުއާސަލާތާއި ނަރުދަމާ ނިޒާމުގެ ހިދުމަތްތަކާއި މިފަދަ އެހެނިހެން ވަސީލަތްތަކާއި ހިދުމަތްތައް ލިބިދިނުމަށް އެހެން ފަރާތްތަކާއި ހަވާލުކޮށް އެފަދަ ފަރާތްތަކާއެކު އެއްބަސްވުންތައް އެކުލަވާލުން؛

(ބ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި ޑިވެލޮޕަރަށް ދީފައިވާ ޕާރމިޓްގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ޒޯން ހިންގައި ބެލެހެއްޓުން؛

(ޅ) އެ ޒޯނުގައި  އިންވެސްޓްކުރާ އިންވެސްޓަރުންގެ އަތުން އެކިއެކި ކަންކަމާ ގުޅޭގޮތުން ހިދުމަތުގެ އަގު ނުވަތަ ފީ ނެގުން؛

(ކ) އެ ޒޯން ތަރައްގީކުރުމަށް ފައިސާ ހޯދުމާއި، ރަހުނު ދިނުމާއި، ގެރެންޓީދިނުން؛

(އ) އެ ޒޯން ތަރައްގީކުރުމާއި، ބިނާކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމާއި، ހިންގުމާއި އެ ޒޯނުގައި ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އަދި / ނުވަތަ އެ ޒޯން ހިންގައި ބެލެހެއްޓުމަށްޓަކައި އެހެން ފަރާތްތަކާއެކު އެއްބަސްވުންތައް އެކުލަވާލުން؛

(ވ) އެ ޒޯން މެނޭޖް ކުރާނެ ފަރާތެއް ކޮންޓްރެކްޓް އުސޫލުން އައްޔަންކުރުން؛ އަދި

(މ) އެ ޒޯނުގައި ހިމެނޭ ތަންތަނާއި ތަކެތި ކުއްޔަށްދިނުމާއި އެހެނިހެން ގޮތްގޮތުން ދޫކުރުން.

 

38 ވަނަ މާއްދާ - ޑިވެލޮޕަރުގެ ޕާރމިޓް އެހެން ފަރާތަކަށް ބަދަލުކުރުން

(ހ) ޑިވެލޮޕަރަކަށް ލިބިފައިވާ ޕާރމިޓް އެހެން ފަރާތަކަށް ބަދަލުކުރެވޭނީ، އެ ޕާރމިޓް ބަދަލުކުރެވޭ ފަރާތަކީ، ޑިވެލޮޕަރެއްގައި ހުންނަން ޖެހޭނެކަމަށް މި ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށްވުމާއެކު، ބޯޑުގެ ހުއްދަ ލިބިގެންނެވެ.

(ށ) ޑިވެލޮޕަރަކަށް ދޫކުރެވޭ ޕާރމިޓް އެހެން ފަރާތަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އެކަމުގައި ބަލަންޖެހޭނެ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ޕާރމިޓެއްގައި ހިމަނަންވާނެ މައުލޫމާތު

ޕާރމިޓެއްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ޑިވެލޮޕަރުގެ ނަމާއި ވިޔަފާރި އެޑްރެހާއި ގާނޫނީ ހައިސިއްޔަތު؛

(ށ) ޑިވެލޮޕަރަކީ ކުންފުންޏެއްނަމަ، ކުންފުނި ރަޖިސްޓަރީ ކުރެވިފައިވާ އޮފީސް ހުންނަ އެޑްރެހާއި، ކުންފުނީގެ ރަޖިސްޓްރޭށަން ނަންބަރު؛

(ނ) ޒޯނުގައި ހިންގުމަށް ހުށަހަޅާ އުމްރާނީ މަސައްކަތާއި އިގްތިސާދީ މަސައްކަތުގެ ހުލާސާއަކާއި އެކަމަށް ހަރަދުވާނެ ފައިސާގެ މިންވަރުގެ އަންދާޒާ؛

(ރ) ޕާރމިޓްގެ ދަށުން ކުރުމަށް ނުވަތަ ހިންގުމަށް ހުއްދަކުރެވޭ ކަންކަމާއި ހަރަކާތްތައް؛

(ބ) ޑިވެލޮޕަރަށް، ޒޯނާ ގުޅޭގޮތުން ދެވޭ އިނާޔަތްތައް؛ އަދި އެ ޒޯނުގައި އިންވެސްޓުކުރާ އިންވެސްޓަރުންނަށް ދެވޭ އިނާޔަތްތައް؛

(ޅ) ޕާރމިޓް ދޫކުރި ތާރީހާއި ޕާރމިޓްގެ މުއްދަތާއި، ޕާރމިޓްގެ މުއްދަތު ހަމަވާ ތާރީހު؛

(ކ) ބޯޑުން ކަނޑައަޅާ ށަރުތުތައް؛ އަދި

(އ)  ބޯޑުން ކަނޑައަޅާ އެހެން މައުލޫމާތު.

 

40 ވަނަ މާއްދާ - ޕާރމިޓް ހިފެހެއްޓޭ ހާލަތް

(ހ) ޑިވެލޮޕަރަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިނަމަ، އެފަރާތަކަށް ދީފައިވާ ޕާރމިޓް ހިފެހެއްޓުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.

  1. އެކަމުގެ ހުއްދަ ބޯޑުން ލިޔުމުން ހޯދުމަކާ ނުލައި، ޑިވެލޮޕަރުގެ ޕާރމިޓް އެހެން ފަރާތަކަށް ބަދަލުކުރުން؛
  2. އިންވެސްޓްމަންޓް ލައިސަންސްގެ ނުވަތަ އިންވެސްޓްމަންޓް އެގްރިމަންޓްގެ އަސާސީ މާއްދާއެއް ނޫން މާއްދާއަކާ ހިލާފުވުން؛
  3. ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް އަމަލުނުކުރުން؛
  4. ޕާރމިޓްގައި ކަނޑައަޅާފައިވާ ށަރުތަކާ އެއްގޮތަށް، އެކަށީގެންވާ ސަބަބެއްނެތި، އަމަލުނުކުރުން.

(ށ) ޑިވެލޮޕަރަކަށް ދީފައިވާ ޕާރމިޓެއް ހިފަހައްޓާހިނދު، އެ ޕާރމިޓް ހިފަހައްޓާކަމުގެ ނޯޓިސް، ބޯޑުން، ޑިވެލޮޕަރަށް ދޭންވާނެއެވެ. އަދި، އެ ނޯޓިހުގައި، ޕާރމިޓް ހިފަހައްޓާ ސަބަބާއި، ޕާރމިޓް ހިފަހައްޓާ މުއްދަތާއި، ޕާރމިޓް ހިފަހައްޓަންޖެހޭ ކަންތައް ރަނގަޅުކުރުމަށް ޑިވެލޮޕަރަށް ދެވޭ މުއްދަތާއި، ކަމާގުޅޭގޮތުން އެއްވެސް ޖޫރިމަނާއެއް ދައްކަންޖެހޭނަމަ އެ ޖޫރިމަނާގެ އަދަދާއި އެ ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު، އެ ނޯޓިހުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދެވޭ ނޯޓިހުގެ މުއްދަތު ހަމަވާއިރު، އެ ނޯޓިހުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް ނިންމާފައިވާނަމަ، ޕާރމިޓް ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށްގެނެސް، ޕާރމިޓް އޭގެ ސައްހަކަންމަތީ ދެމިއޮތްކަން ޑިވެލޮޕަރަށް ބޯޑުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދެވޭ ނޯޓިހުގެ މުއްދަތު ހަމަވާއިރު، އެ ނޯޓިހުގައި ބަޔާންކޮށްފައިވާ ކަންކަން އެ ނޯޓިހުގައި ބަޔާންކޮށްފައިވާގޮތަށް، އެ ނޯޓިހުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެކަށީގެންވާ ސަބަބެއްނެތި ފުރިހަމަކޮށް ނިންމާފައި ނުވާނަމަ، އެކަންވާނީ، ޕާރމިޓް ބާތިލުކުރުމަށް ލިބިދޭ ސަބަބަކަށެވެ. އަދި، އެހިސާބުން، ޕާރމިޓް ބާތިލުކުރުމަށް ހުރި އިޖުރާއަތުތައް ހިނގަންފަށާނެއެވެ.

(ބ) ޕާރމިޓް ހިފެހެއްޓިފައި އޮންނަ މުއްދަތުގައި، ޑިވެލޮޕަރަށް ބޯޑާ މުއާމަލާތްކުރުމާއި މި ގާނޫނުގެ ދަށުން އެފަރާތަކަށް ދީފައިވާ އިނާޔަތްތައް ހިފެހެއްޓިގެން ވީނަމަވެސް، އެ ޒޯނުގެ މަސައްކަތްތައް މެދުނުކެނޑި ހިނގަމުންދާނެ ގޮތަށް ކަންކަން ކުރުމާއި، ޒޯނުގައި ތިބި އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތްތައް ހޯދުމަކީ، އަދި، އިންވެސްޓަރުންނާ ގުޅޭގޮތުން ޑިވެލޮޕަރު އުފުލަންޖެހޭ އިލްތިޒާމްތައް ބޯޑުން އުފުލޭނެ އިންތިޒާމް ހަމަޖެއްސުމަކީ، ބޯޑުން އުފުލަންޖެހޭނެ މަސްއޫލިއްޔަތެކެވެ.

(ޅ) އިންވެސްޓަރަކު ހިންގާ އަމަލެއްގެ ސަބަބުން ޑިވެލޮޕަރެއްގެ ޕާރމިޓް އެއްވެސް ހާލަތެއްގައި ހިފެހެއްޓިގެންނުވާނެއެވެ. ޑިވެލޮޕަރެއްގެ ޕާރމިޓް ހިފެހެއްޓެންވާނީ، ޑިވެލޮޕަރު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް ޑިވެލޮޕަރު ކުރުމުން ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމަށްފަހުގައެވެ.

 

41 ވަނަ މާއްދާ - ޕާރމިޓް ބާތިލުކުރުން

(ހ) ޑިވެލޮޕަރަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިނަމަ، އެފަރާތަކަށް ދީފައިވާ ޕާރމިޓް ބާތިލުކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.

  1. ޕާރމިޓް ލިބިފައިވަނީ އޮޅުވާލައިގެން ކަމުގައިވުން؛
  2. ޕާރމިޓް ލިބިފައިވަނީ ހަގީގަތް އޮޅޭފަދަ ބަޔާނެއްގެ މައްޗަށް ބިނާކޮށް ކަމުގައިވުން؛
  3. ޕާރމިޓް ހިފަހައްޓައިފިކަމުގެ ނޯޓިހުގައި ބަޔާންކުރާ ކަންކަން އެ ނޯޓިހުގައި ބުނާގޮތަށް އެ ނޯޓިހުގައި ބުނާ މުއްދަތުގައި، އެކަށީގެންވާ ސަބަބެއްނެތި، ފުރިހަމަ ނުކުރުން؛ ނުވަތަ
  4. އިންވެސްޓްމަންޓް ލައިސަންސްގެ ނުވަތަ އިންވެސްޓްމަންޓް އެގްރިމަންޓްގެ އަސާސީ މާއްދާއަކާ ހިލާފުވުން.

(ށ) ޑިވެލޮޕަރަކަށް ދީފައިވާ ޕާރމިޓެއް ބާތިލުކުރުމުގެ ކުރިން، އެ ޕާރމިޓް ބާތިލުކުރަން ގަސްދުކުރާކަމާއި އެކަމުގެ ސަބަބު ބޯޑުން އެ ޑިވެލޮޕަރަކަށް އެންގުމުގެގޮތުން ބޯޑުން، ޑިވެލޮޕަރަށް ނޯޓިހެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޭ ނޯޓިހުގައި، އެފަރާތަކަށް ދީފައިވާ ޕާރމިޓް ބާތިލުކޮށްގެންނުވާނެ ސަބަބު ބަޔާންކޮށް ބޯޑަށް ލިޔުމުން އެންގުމަށް އެކަށީގެންވާ މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި އެކަމެއް ބޯޑަށް އެންގުމަށް ފުރުސަތުދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދެވޭ މުއްދަތު ހަމަވާއިރު، ޑިވެލޮޕަރު އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެ ހުށަހެޅުމަކަށް ރިއާޔަތްކުރަންވާނެއެވެ. އަދި، އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވާނަމަ، ނުވަތަ އެ ހުށަހެޅުމުގައިވާ ކަންކަން ބޯޑަށް ގަބޫލުނުކުރެވޭނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރެވިގެންވާ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި، ޕާރމިޓް ބާތިލުކުރުމަށް ބޯޑުން ކަނޑައަޅައިފިނަމަ، އެފަރާތަކަށް ދީފައިވާ ޕާރމިޓް ބާތިލުކުރިކަން ބޯޑުން ލިޔުމުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޕާރމިޓެއް ބާތިލުކޮށްފިނަމަ އެކަމާ ގުޅިގެން، އަޅަންޖެހޭކަމަށް ބޯޑަށް ފެންނަ އެހެން ފިޔަވަޅުތައް އަޅަންވާނެއެވެ. މީގެތެރޭގައި، މި ގާނޫނުގެ ދަށުން އެފަރާތަކަށް ދީފައިވާ އިނާޔަތްތައް ބާތިލުކުރުން ހިމެނެއެވެ. އަދި، އެ ޒޯނުގެ މަސައްކަތްތައް މެދުނުކެނޑި ހިނގަމުންދާނެ ގޮތްތަކާއި، ޒޯނުގައި ތިބި އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތްތައް  ބޯޑުން ކަނޑައަޅަންވާނެއެވެ.

(ޅ) ޕާރމިޓް ބާތިލުވުމުން އަމަލުކުރެވޭނެ އުސޫލުތައް މި ގާނޫނުގެ ދަށުން ބޯޑުން ހަދައި ހިންގާ ގަވާއިދުގައި ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

 

42 ވަނަ މާއްދާ – މުރާޖައާކުރުން

(ހ) ބޯޑާއެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމަށް އެއްބަސްވެފައި ނުވާނަމަ، ބޯޑުން ކަމެއް ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ، އެ ނިންމުމެއް ނިންމިތާ 30 ދުވަހުގެ ތެރޭގައި، އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުސަތު ޑިވެލޮޕަރަށް ލިބިގެންވެއެވެ. 

(ށ) ބޯޑުގެ ނިންމުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެކަމާމެދު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މިނިސްޓަރު ކަނޑައަޅަންވާނެއެވެ. އަދި، އެގޮތްތަކުގެ ތެރެއިން ކޮންމެ ގޮތެއް މިނިސްޓަރު ނިންމި ނަމަވެސް، އެ ނިންމުން ބިނާކުރި އަސާސްތަކާއި އެ ނިންމުމުގެ ސަބަބު މިނިސްޓަރު ލިޔުމުން އަންގަންވާނެއެވެ.

  1. ބޯޑުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ނުވަތަ އެ ނިންމުން އިސްލާހުކުރުން ނުވަތަ އެ ނިންމުން ބާތިލުކުރުން؛
  2. މައްސަލައާމެދު، މިނިސްޓަރަށް ފެންނަ ލަފައާއި އިރުށާދާއެކު، ބޯޑުން ނިންމާފައިވާ ނިންމުމާމެދު އަލުން ވިސްނުމަށް މައްސަލަ އަނބުރާ ބޯޑަށް ފޮނުވުން.

(ނ) ބޯޑުން ކަމެއް ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ، އެ ނިންމުމެއް ނިންމިތާ 30 ދުވަހުގެ ތެރޭގައި، އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުސަތު ޑިވެލޮޕަރަށް ލިބިދޭ އުސޫލުން، ކަމާގުޅޭ ނިސްބަތަށް، އެ ފުރުސަތު އެ ޒޯނެއްގެ އިންވެސްޓަރަށްވެސް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ޕާރމިޓް އާކޮށްދިނުން

(ހ) ޕާރމިޓްގެ މުއްދަތު ހަމަވުމުގެ ކުރިން ޕާރމިޓް އާކުރެވިދާނެއެވެ.

(ށ) ޕާރމިޓް އާކުރަން ހުށަހަޅަންވާނީ، ބޯޑުން ކަނޑައަޅާފައިވާ އުސޫލުން އަދި ކަނޑައަޅާފައިވާ މުއްދަތުގައި، އަދި އެކަމަށް ފީއެއް ކަނޑައަޅާފައިވާނަމަ، އެ ކަނޑައަޅާފައިވާ ފީއަކާ އެކުގައެވެ.

(ނ) ނަމަވެސް، ޕާރމިޓާއި މި ގާނޫނާއި އެހެނިހެން ގާނޫނުތަކާ އެއްގޮތަށް ޑިވެލޮޕަރު އަމަލުކޮށްފައިވާކަމަށް ބޯޑަށް ގަބޫލުކުރެވޭނަމަ، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމުން، ކުރިން ދޫކުރެވިފައިވާ ޕާރމިޓާ އެއްގޮތަށް ޕާރމިޓް، ބޯޑުން އާ ކޮށްދޭންވާނެއެވެ.

 

ފަސްވަނަ ބާބު

ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރުން

44 ވަނަ މާއްދާ - އިންވެސްޓަރުންނަށް ހުއްދަ ދިނުން

(ހ) ޒޯނުގެ ތެރޭގައި ވަކި މަސައްކަތެއް ކުރުމަށްޓަކައި އިންވެސްޓްކުރަން ބޭނުންވާ ފަރާތަށް އެކަން ކުރެވޭނީ، އެ އިންވެސްޓަރާއި އެ ޒޯނެއްގެ ޑިވެލޮޕަރާ ދެމެދު، ކަމާގުޅޭގޮތުން އެއްބަސްވާ އެއްބަސްވުމެއްގައިވާ ގޮތުގެމަތިންނެވެ.

(ށ) ޑިވެލޮޕަރާއި އިންވެސްޓަރާ ދެމެދު މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމެއް އެއްބަސްވާ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި، އެ އިންވެސްޓްމަންޓާއި އެ އިންވެސްޓަރާގުޅޭ މައުލޫމާތު، ބޯޑަށް ހުށަހަޅައި، އެ އިންވެސްޓަރާއި އޭނާގެ އިންވެސްޓްމަންޓް ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމުގެ ކަންތައް، ބޯޑަށް ހުށަހަޅައި، ފުރިހަމަކުރުމަކީ، ޑިވެލޮޕަރު ފުރިހަމަކުރަންޖެހޭ ކަމެކެވެ.

(ނ) ޑިވެލޮޕަރާއި އިންވެސްޓަރާ ދެމެދު، ޒޯނެއްގައި އިންވެސްޓްކުރުމާ ގުޅޭގޮތުން ސޮއިކުރެވޭ އެއްބަސްވުމުގެ ކޮޕީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުން ބޯޑަށް ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު ބޯޑަށް ހުށަހަޅަންވާނެއެވެ.

(ރ) ޒޯނެއްގައި އިންވެސްޓްކުރާ އިންވެސްޓަރާއި އޭނާގެ އިންވެސްޓްމަންޓް ރަޖިސްޓަރީކޮށްދީފިކަމަށްވާނަމަ، އޭނާއަށް އެކަމުގެ ހެއްކެއްގެ ގޮތުގައި، ބޯޑުން، އިންވެސްޓްމަންޓް ލައިސަންސެއް ދޫކުރަންވާނެއެވެ.

(ބ) ޒޯނެއްގައި އިންވެސްޓްކުރާ އިންވެސްޓަރާއި އޭނާގެ އިންވެސްޓްމަންޓް ރަޖިސްޓަރީކުރުމަށް ބޯޑަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބޯޑަށް ލިބޭ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އެ އިންވެސްޓަރު ނުވަތަ އިންވެސްޓްމަންޓް ރަޖިސްޓަރީކޮށްދިނުމާމެދު ބޯޑުން ގޮތެއް ނިންމަންވާނެއެވެ.

 

45 ވަނަ މާއްދާ - އިންވެސްޓްމަންޓް ލައިސަންސް ދިނުމުގައި ބަލަންޖެހޭ ކަންކަން

ޒޯނެއްގެ އިންވެސްޓަރާއި ޒޯނެއްގައި ކުރާ އިންވެސްޓްމަންޓް ރަޖިސްޓަރީކޮށްދިނުމަށް އެދި، މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ހުށަހެޅުމުން، އަންނަނިވި ކަންކަން ބޯޑުން ކަށަވަރުކުރަންވާނެއެވެ.

(ހ) ހިންގަން ހުށަހަޅާ ހަރަކާތަކީ، އެ ޒޯނުގައި ކުރުން ހުއްދަ ކަމެއްކަން؛

(ށ) އެ ޒޯން ތަރައްގީކުރުމަށް އެ އިންވެސްޓްމަންޓުން އެހީވެދޭނެ މިންވަރު؛ އަދި

(ނ) އެ އިންވެސްޓަރު ރާއްޖޭގައި އިންވެސްޓްކުރުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތްކަން.

 

46 ވަނަ މާއްދާ - އިންވެސްޓްމަންޓް ލައިސަންސެއްގައި ހިމަނަންވާނެ މައުލޫމާތު

އިންވެސްޓްމަންޓް ލައިސަންސެއްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ލައިސަންސަށް އެދި ހުށަހެޅި ފަރާތުގެ ނަމާއި، ގައުމާއި ވިޔަފާރި އެޑްރެސް؛

(ށ) ލައިސަންސަށް އެދި ހުށަހެޅި ފަރާތަކީ ކުންފުންޏެއްނަމަ، ކުންފުނި ރަޖިސްޓަރީކުރެވިފައިވާ އޮފީހުގެ އެޑްރެހާއި ކުންފުނީގެ ރަޖިސްޓްރޭށަން ނަންބަރު؛

(ނ) އިންވެސްޓްކުރުމަށް ހުށަހަޅާ އިގްތިސާދީ މަސައްކަތުގެ ހުލާސާއަކާއި އެކަމަށް ހަރަދުވާނެ މިންވަރު؛

(ރ) އިންވެސްޓްމަންޓް ލައިސަންސުން ހިންގުމަށް ހުއްދަ ލިބިފައިވާ ހަރަކާތްތައް / ކަންކަން؛

(ބ) އެފަރާތަކަށް ދީފައިވާ އިނާޔަތްތަކުގެ ތަފްސީލު؛

(ޅ) ލައިސަންސް ދޫކުރި ތާރީހާއި ލައިސަންސްގެ މުއްދަތާއި މުއްދަތު ހަމަވާ ތާރީހު؛ އަދި

(ކ) ބޯޑުން ކަނޑައަޅާ އެހެނިހެން ކަންކަން.

 

47 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓޭ ހާލަތް

(ހ) އިންވެސްޓްމަންޓް ލައިސަންސް އޮތް ފަރާތަކުން އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކޮށްފިނަމަ، އެފަރާތަކަށް ދީފައިވާ އިންވެސްޓްމަންޓް ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު، ބޯޑަށް ލިބިގެންވެއެވެ.

  1. އިންވެސްޓްމަންޓް ލައިސަންސް ހޯދާފައިވަނީ އޮޅުވާލައިގެން ކަމުގައިވުން ނުވަތަ ހަގީގަތް އޮޅޭފަދަ ބަޔާނެއްގެ މައްޗަށް ބިނާކޮށް ކަމުގައިވުން؛
  2. އެކަމުގެ ހުއްދަ ބޯޑުން ދިނުމުގެ ކުރިން، އިންވެސްޓްމަންޓް ލައިސަންސް އެހެން ފަރާތަކަށް ބަދަލުކުރުން؛
  3. ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އަމަލުނުކުރުން؛
  4. އިންވެސްޓްމަންޓް ލައިސަންސްގައި ކަނޑައަޅާފައިވާ ށަރުތަކާ އެއްގޮތަށް، އެކަށީގެންވާ ސަބަބެއްނެތި އަމަލުނުކުރުން؛ ނުވަތަ
  5. ދިވެހިރާއްޖޭގައި އެ އިންވެސްޓަރު ހަރަކާތްތެރިވުމަށް ގާނޫނީ ނުވަތަ ށަރުއީ ހުރަހެއް ކުރިމަތިވުން.

(ށ) އިންވެސްޓަރަކަށް ދީފައިވާ އިންވެސްޓްމަންޓް ލައިސަންސެއް ހިފެހެއްޓުމުގައި ނުވަތަ ބާތިލުކުރުމުގައި އަމަލުކުރާނީ، މި ގާނޫނުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކުގެ ކަމާގުޅޭ ނިސްބަތަށެވެ.

 

ހަވަނަ ބާބު

އިންވެސްޓްމަންޓް އެގްރިމަންޓް

48 ވަނަ މާއްދާ – އެގްރިމަންޓްކުރުން

(ހ) ޒޯނެއް ތަރައްގީކުރުމުގެ ޕާރމިޓް ޑިވެލޮޕަރަށް ދޭއިރު، އެ ޑިވެލޮޕަރާއި ބޯޑާ ދެމެދު އިންވެސްޓްމަންޓް އެގްރިމަންޓެއް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް އެގްރިމަންޓަކީ، ޑިވެލޮޕަރަށް ދޫކުރާ ޕާރމިޓްގެ އިތުރުން ސޮއިކުރާ އެއްބަސްވުމެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމުގައި ބޯޑުން ސޮއިކުރަންވާނީ، ނުވަތަ މި ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމުގައި ބޯޑުން ސޮއިކުރަންވާނީ، އެ އެއްބަސްވުމުގައި ސޮއިކުރުމާމެދު ގާނޫނީގޮތުން އިއުތިރާޒްކުރާނެ ސަބަބެއް ނެތްކަމަށް ބަންޑާރަނައިބުގެ ލަފާ ލިޔުމުން ހޯދުމަށްފަހުގައެވެ.

 

49 ވަނަ މާއްދާ - އިންވެސްޓްމަންޓް އެގްރިމަންޓްގައި ހިމެނެންވާނެ ކަންކަން

އިންވެސްޓްމަންޓް އެގްރިމަންޓެއްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ޒޯނުގެ ތަފްސީލު (އިން ވަކިކޮށް އެނގޭގޮތަށް)

(ށ) ޒޯނުގައި ކުރުމަށް ޑިވެލޮޕަރަށް ހުއްދަކޮށްފައިވާ އިގްތިސާދީ މަސައްކަތްތައް.

(ނ) ޒޯން ތަރައްގީކުރުމަށް ޑިވެލޮޕަރު ބިނާކުރަންޖެހޭ ނުވަތަ އުފައްދަންޖެހޭ ނުވަތަ ތަރައްގީކުރަންޖެހޭ މައިގަނޑު އުމްރާނީ ނުވަތަ މާއްދީ ވަސީލަތްތަކާއި ހިދުމަތްތަކާއި ފަސޭހަތައް.

(ރ) ޒޯން ތަރައްގީކުރުމަށް ހިނގާނެ ހޭދައިގެ މިންވަރުތައް.

(ބ) އެ ޒޯނާ ގުޅޭގޮތުން، ޑިވެލޮޕަރު ތަބާވާންޖެހޭ އާންމު ށަރުތުތަކާއި ހާއްސަ ށަރުތުތައް.

(ޅ) އެ ޒޯނާ ގުޅޭގޮތުން، ދިވެހި ސަރުކާރުން ދޭ އިނާޔަތްތައް (އާންމު އިނާޔަތްތަކާއި ހާއްސަ އިނާޔަތްތަކާއި، ވަކިކަމަކާ ގުޅުވައިދޭ އިނާޔަތްތަކުގެ ތަފްސީލު ހިމެނޭގޮތަށް).

(ކ) ޒޯނުގައި ހިމެނޭ ބިމުގެ ހައިސިއްޔަތު؛ އަދި އެ ބިން މިލްކުކުރުމުގެ ފުރުސަތު ދެވޭގޮތް.

(އ) ޒޯން ތަރައްގީކުރުމުގެ ފީޒިބިލިޓީ ސްޓަޑީ.

(ވ) ޒޯން ތަރައްގީކުރުމާ ގުޅޭ އިންޖިނިއަރިންގ ސްޓަޑީ.

(މ) ޒޯން ތަރައްގީކުރުމާ ގުޅޭ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް.

(ފ) ޒޯން ތަރައްގީ ކުރުމާގުޅޭ ބިޒްނަސް ޕްލޭން.

(ދ) ދެފަރާތުގެ ދެމެދުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެއްބަސްވާގޮތް.

(ތ) އާބިޓްރޭށަނާބެހޭ މާއްދާއެއް ހިމަނާނަމަ، އާބިޓްރޭށަނާގުޅޭ ބައިނަލްއަގްވާމީ އުސޫލުތަކުގެ ތެރެއިން ދެފަރާތަށްމެ އެއްބަސްވެވޭ އުސޫލެއް އިހްތިޔާރުކުރެވޭ ގޮތަށް އެ މާއްދާއޮތުން، އަދި އެގޮތުން އިހްތިޔާރުކުރާ އުސޫލާއި ދިވެހިރާއްޖޭގެ އާބިޓްރޭށަނާ ގުޅޭ ގާނޫނީ އޮނިގަނޑު ހިނގާނެގޮތް ބަޔާންކުރުން.

(ލ) ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި ޕާރމިޓަށާއި އިންވެސްޓްމަންޓް އެގްރިމަންޓްގެ މާއްދާތަކަށް ތަބާވުން ލާޒިމުކުރާ މާއްދާ.

(ގ) މި ގާނޫނުން ޑިވެލޮޕަރުގެ މައްޗަށް ލާޒިމުކުރާ އެހެން އުސޫލުތަކާއި މާއްދާތަކާއި ހަމަތަކާއި ކަންކަން.

 

50 ވަނަ މާއްދާ - ކޮރަޕްށަނާ ދެކޮޅު މާއްދާ

(ހ)  މި ގާނޫނުގެ ޖަދުވަލު 2 ގައި އެވާ މާއްދާގައި ހިމެނޭ އަސާސީ ނުކުތާތައް ހިމެނޭ ނުވަތަ އެ މާއްދާއާ އެއްގޮތް މާއްދާއެއް، އިންވެސްޓްމަންޓް އެގްރިމަންޓްގައި އެ އެގްރިމަންޓް އެކުލަވާލެވޭ ބަހަކުން، ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާއްދާ އިންވެސްޓްމަންޓް އެގްރިމަންޓްގައި ހިމެނުމަށްފަހު، އެ މާއްދާގެ ބާރު ކެނޑިގެންދާނެ ނުވަތަ އެ މާއްދާގެ ބާރު ނެތިގެންދާނެ އެހެން މާއްދާއެއް އެ އެއްބަސްވުމުގައި ނުވަތަ އެ ޒޯނާގުޅޭ އެނޫންވެސް އެއްބަސްވުމެއްގައި ހިމަނައިގެން ނުވާނެއެވެ.

 

51 ވަނަ މާއްދާ - ދައުލަތަށް އިންވެސްޓްމަންޓް ނުނެގުން

(ހ) މި ގާނޫނުގެ ދަށުން ޑިވެލޮޕަރަށް ދޫކޮށްފައިވާ ޒޯނެއްގައި ޑިވެލޮޕަރު ނުވަތަ އެ ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރަކު ކޮށްފައިވާ އިންވެސްޓްމަންޓެއް ދައުލަތަށް ނެގުމުގެ ބޭނުމުގައި، ނުވަތަ ދައުލަތުން އެ ވިޔަފާރިކުރުމުގެ ބޭނުމުގައި، މި ގާނޫނުގެ ފަހުން ހަދާ ގާނޫނެއް މެދުވެރިކޮށް ނުވަތަ ވަކި ތަންފީޒީ އެއްވެސް އިޖުރާއަތެއް މެދުވެރިކޮށް، ދިވެހި ދައުލަތުން ނުވަތަ ދައުލަތުގެ ބާރުހިނގާ ދައުލަތުގެ އިދާރާއެއް މެދުވެރިކޮށް، އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޑިވެލޮޕަރަކަށް ދޫކޮށްފައިވާ ޒޯނެއްގެ މުޅި އިންވެސްޓްމަންޓް، ކަނޑައެޅި ބަޔާންވެގެންވާ ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރުމަށްޓަކައި، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އެކަށޭނަ ބަދަލު ޑިވެލޮޕަރަށް ލިބިދިނުމާއެކު، ދައުލަތަށް ނެގިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ ޒޯނެއްގެ ޑިވެލޮޕަރަށް ދެވޭ އެކަށޭނަ ބަދަލުގެ ތެރޭގައި، އެ ޒޯނުގައި އިންވެސްޓްކޮށްފައިވާ އިންވެސްޓަރުންނަށް ދެވޭ ބަދަލު ހިމެނިގެންވެއެވެ. އަދި، ޒޯނުގެ ޑިވެލޮޕަރަށް އެކަށޭނަ ބަދަލު ދެވޭހިނދު، އެ ޒޯނުގެ އިންވެސްޓަރުންނަށް ލިބެންވާ ބަދަލުގެ މިންވަރު އެ އިންވެސްޓަރުންނަށް ލިބިދިނުމަކީ، އެ ޒޯނުގެ ޑިވެލޮޕަރުގެ ޒިންމާއެކެވެ.

(ރ) ޒޯނެއްގައި ކުރާ އިންވެސްޓްމަންޓަށް އެކަށޭނަ ބަދަލު ދޭންޖެހޭ ހާލަތުގައި، އެކަށޭނަ ބަދަލު ކަނޑައަޅާނެ ގޮތުގެ ފޯމިއުލާއެއް ނުވަތަ އުސޫލެއް އެ ޒޯނަކާގުޅޭ އިންވެސްޓްމަންޓް އެގްރިމަންޓްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެ ހާލަތުގައި އަމަލުކުރާނީ، އެ އިންވެސްޓްމަންޓް އެގްރިމަންޓްގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މި ގާނޫނުގެ ބޭނުމަށްޓަކައި، އެކަށޭނަ ބަދަލު މާނަކުރަންވާނީ، އެ އިންވެސްޓްމަންޓްގެ މާކެޓްވެލިޔުއަށް ރިއާޔަތްކުރުމާއެކު، އެ އިންވެސްޓްމަންޓްގައި ހިމެނޭ މާއްދީ މުދަލުގެ އަގާއި، އެ އިންވެސްޓްމަންޓްގެ ނަފާއިން ލިބެމުންދާ އާމްދަނީގެ ނިސްބަތުގެ އަގާއި، އެ އިންވެސްޓްމަންޓް ބީވެގެން ދިއުމުން ލިބޭ ސީދާ ގެއްލުމުގެ އަގު ހިމެނޭގޮތަށް ހިސާބުކުރުމުން ނުކުންނަ އަދަދަށެވެ. އަދި، އެކަށޭނަ ބަދަލު ލިބިދިނުމުގެ ބޭނުމަކަށްވާންވާނީ، އެ އިންވެސްޓްމަންޓް އެ ޑިވެލޮޕަރު ނުކުރިނަމަ، އޭނާ ހުންނާނެ ހިސާބަށް މާލީގޮތުން، އޭނާ ގެންގޮސްދިނުމެވެ.

(ޅ) މި ގާނޫނުގެ ބޭނުމަށްޓަކައި، ޑިވެލޮޕަރަކަށް ދޫކޮށްފައިވާ ޒޯނެއްގެ އިންވެސްޓްމަންޓް ނުވަތަ
އެ ޒޯނެއްގައި އިންވެސްޓަރަކު ގާއިމުކުރާ ވަކި އިންވެސްޓްމަންޓެއް ދައުލަތަށް ނެގުންކަމަށް ބުނެފައިއެވަނީ، ދައުލަތުން ބާރުލިބިގެންވާ ފަރާތަކުން އެ އިންވެސްޓްމަންޓް ދައުލަތަށް ހިފުން ހިމެނޭގޮތަށް، އަދި ދައުލަތުން ބާރުލިބިގެންވާ ފަރާތަކުން އަމަލުކުރާ ގޮތަކުން، ނުވަތަ ވަކިގޮތަކަށް އަމަލުކުރަންޖެހޭ ހާލަތުގައި އެގޮތަށް އަމަލުނުކުރުމުގެ ސަބަބުން،
އެ އިންވެސްޓްމަންޓްގެ މަންފާ ހޯދުމަށް އެ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް އޮތް ފުރުސަތު ނަފީވެގެން ދިއުންވެސް ހިމެނޭގޮތުންނެވެ.

(ކ) މި މާއްދާގެ (ހ) ނުވަތަ (ޅ) އެހެން އޮތްނަމަވެސް، އަންނަނިވި ކަންކަމަކީ، ޑިވެލޮޕަރަކަށް ދޫކޮށްފައިވާ ޒޯނެއްގެ އިންވެސްޓްމަންޓް ނުވަތަ އިންވެސްޓަރަކު ގާއިމުކޮށްފައިވާ އިންވެސްޓްމަންޓް ދައުލަތަށް ނެގުންކަމަކަށް ނުބެލެވޭނެއެވެ. އަދި، މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ކަންކަމަކީ، އެކަމެއްގެ ނަތީޖާއާ ގުޅޭގޮތުން، ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް ކުރިމަތިވާ މާލީ ގެއްލުމެއްވާނަމަ، އެ ގެއްލުމަށް ދައުލަތުގެ ފަރާތުން އެކަށޭނަ ބަދަލުދިނުމުން ފުދޭނެ ކަންކަމެވެ. އެހެންނަމަވެސް، މި އަކުރުގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި އަޅާ ފިޔަވަޅަކީ، އެ ފިޔަވަޅު އެޅުމުގެ ސަބަބުން ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް މާލީ ގެއްލުމެއް ކުރިމަތިވިނަމަވެސް، އެއްވެސް ބަދަލެއް ދޭންޖެހޭ ހާލަތެއް ނޫނެވެ.

  1. ވަކި ޑިވެލޮޕަރެއް ނުވަތަ ވަކި އިންވެސްޓަރެއް ނުވަތަ ވަކި އިންވެސްޓްމަންޓެއް ތަފާތުކުރުމެއް ނެތި ނަގާ ޓެކުހެއް ނެގުމުގެ ސަބަބުން؛
  2. ވަކި ޑިވެލޮޕަރަކަށް ނުވަތަ ވަކި އިންވެސްޓަރަކަށް ނުވަތަ ވަކި އިންވެސްޓްމަންޓަކަށް އަމާޒުކުރުމެއް ނެތި ހަދާ ގާނޫނެއް ނުވަތަ ގަވާއިދެއް ހެދުމުގެ ސަބަބުން؛
  3. ވަކި ޑިވެލޮޕަރަކަށް ނުވަތަ  ވަކި އިންވެސްޓަރަކަށް ނުވަތަ ވަކި އިންވެސްޓްމަންޓަކަށް އަމާޒުކުރުމެއް ނެތި ހަދާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ސަބަބުން އެ ޑިވެލޮޕަރުގެ އިންވެސްޓްމަންޓް ހިންގުމަށް ހަނިކަމެއް އައުން؛ ނުވަތަ
  4. މުދަލާއި ހިދުމަތް ހޯދާ ފަރާތްތައް ހިމާޔަތްކުރުމަށްޓަކައި، ނުވަތަ ޖިނާއީ އަމަލެއް ހުއްޓުވުމަށްޓަކައި، ނުވަތަ މުޅި ގައުމުގެ އިގްތިސާދަށް ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ވަކި އިންވެސްޓަރަކަށް ނުވަތަ ވަކި އިންވެސްޓްމަންޓަކަށް އަމާޒުކުރުމެއްނެތި އަޅާ ގާނޫނުގައި ސައްހަ ފިޔަވަޅެއްގެ ސަބަބުން.

 

52 ވަނަ މާއްދާ - ކޮންސެށަން އެގްރިމަންޓްކުރުން

ޒޯނެއްގެ ޑިވެލޮޕަރާއި ބޯޑާ ދެމެދު އިންވެސްޓްމަންޓް އެގްރިމަންޓެއް އޮތްނަމަވެސް، ދިވެހި ސަރުކާރުން އެ ޑިވެލޮޕަރަށް އެ އިންވެސްޓްމަންޓް އެގްރިމަންޓްގެ ދާއިރާގެ ތެރޭގައި ދިނުމަށް ކަނޑައަޅާ ވަކި އިމްތިޔާޒެއް ނުވަތަ ލުޔެއް ނުވަތަ ފަސޭހައެއް ނުވަތަ މަންފާއަކާ ގުޅިގެން، އެކަން ކަށަވަރުކޮށް ބަޔާންކުރުމަށްޓަކައި، އިންވެސްޓްމަންޓް އެގްރިމަންޓާ ހަވާލާދީ، ވަކި ކޮންސެށަން އެގްރިމަންޓެއް ބޯޑާއި އެ ޑިވެލޮޕަރާ ދެމެދު ސޮއިކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

ހަތްވަނަ ބާބު

މާލީ ހިދުމަތްދިނުން

53 ވަނަ މާއްދާ - އޯފްށޯރ ފައިނޭންށަލް ސަރވިސަސްގެ ހިދުމަތްދިނުން

އޯފްށޯރ ފައިނޭންށަލް ސަރވިސަސް ސެންޓަރެއް ގާއިމުކޮށްގެން ނުވަތަ އޯފްށޯރ ފައިނޭންށަލް ސަރވިސްދިނުމަށް ލައިސަންސެއް ހޯދައިގެން އޯފްށޯރ ފައިނޭންށަލް ސަރވިސަސްގެ ގޮތުގައި މާނަކުރާ ހިދުމަތްތައް ނުވަތަ އެ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ޒޯނެއްގައި ދެވިދާނެއެވެ.

 

54 ވަނަ މާއްދާ - އޯފްށޯރ ފައިނޭންށަލް ސަރވިސަސް ސެންޓަރެއް ގާއިމުކުރުމުގެ ހުއްދަ ހޯދުން

(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާލީ ހިދުމަތެއް ޒޯނެއްގައި ދިނުމަށް ބޭނުންވާ ޑިވެލޮޕަރު ނުވަތަ އިންވެސްޓަރު އެކަމަށް އެދި ހުށަހަޅާނީ، ބޯޑަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުށަހެޅުން ބޯޑުން ދިރާސާކުރުމަށްފަހު، އެއީ އެ ޒޯނެއްގައި ދެވިދާނެ ހިދުމަތެއް ކަމުގައި ނުވަތަ އެ ޒޯނެއްގައި ކުރެވިދާނެކަމެއް ކަމުގައި ގަބޫލުކުރެވޭނަމަ، އެ ހުށަހެޅުން ބޯޑުގެ ފަރާތުން ހުށަހަޅާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތެރެއިން، އެ ހުއްދަ ދޭން ބޭނުންވާ މާލީ ހިދުމަތަށް ލައިސަންސް ދިނުމުގެ ބާރު ލިބިގެންވާ އޮތޯރިޓީއަށެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅުމެއް ކަމާގުޅޭ އޮތޯރިޓީއަށް ލިބުމުން، އެ އޮތޯރިޓީއަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ކަމާގުޅޭގޮތުން، މި ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ހަދާ އިއުލާންކޮށްފައިވާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ހުއްދަ ދިނުމުގެ ކަންތައް ކުރާނީ،
އެ ޑިވެލޮޕަރަކާ ނުވަތަ އިންވެސްޓަރަކާ ސީދާ ގުޅިގެން، އެ މާލީ ހިދުމަތަކަށް ލައިސަންސް ދިނުމުގެ ބާރު އޮތް އޮތޯރިޓީއަކުންނެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަމާގުޅޭ އޮތޯރިޓީއަކުން އަމަލުކުރުމުގައި، އެ އޮތޯރިޓީން ނިންމާގޮތެއް، އެ ނިންމުމެއް ނިންމާތާ 7 ދުވަހުގެ ތެރޭގައި ބޯޑަށް އަންގަންވާނެއެވެ.

 

55 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) އޯފްށޯރ ފައިނޭންށަލް ސަރވިސަސްގެ ގޮތުގައި މާނަކުރާ ހިދުމަތްތައް ނުވަތަ އޭގެތެރެއިން ވަކި ހިދުމަތެއް ގާއިމުކުރުމަށް ހުއްދަ ދޭ އުސޫލުތަކާއި، އެ ހުއްދަ ދޭ ފަރާތަކުން ތަބާވާންޖެހޭ އުސޫލުތަކާއި، އެ ހުއްދަ ދެވޭ ފަރާތުގައި ހުންނަންޖެހޭ ށަރުތުތަކާއި، އެ ހުއްދައިގެ ދަށުން ހިންގާ މާލީ ހިދުމަތް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމުގައި އަމަލުކުރާނެ މިންގަނޑުތައް ކަނޑައަޅައި ބަލަހައްޓައި ތަންފީޒުކުރާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތެރެއިން އެ ހިދުމަތަކަށް ލައިސަންސް ދިނުމުގެ ބާރު ލިބިގެންވާ އޮތޯރިޓީއަކުން ކަނޑައަޅާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެ އޮތޯރިޓީއަކުންނެވެ.

(ށ) އޯފްށޯރ ފައިނޭންށަލް ސަރވިސަސްގެ ގޮތުގައި މާނަކުރާ ހިދުމަތްތައް ނުވަތަ އޭގެތެރެއިން ވަކި ހިދުމަތެއް ޒޯނެއްގައި ދިނުމުގައި، ދިވެހިރާއްޖޭގެ ރެސިޑެންޓުންނަށް އާންމު ގޮތެއްގައި ހިދުމަތް ނުދެވޭގޮތަށް އޮތްނަމަވެސް، ދިވެހިރާއްޖޭގެ ރެސިޑެންޓުންނަށް ހިދުމަތްދިނުމަށް އެދޭނަމަ، އެކަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތެރެއިން އެ ހިދުމަތަކަށް ލައިސަންސް ދިނުމުގެ ބާރު ލިބިގެންވާ އޮތޯރިޓީއަކުން ކަނޑައަޅާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އަށްވަނަ ބާބު

ބޯޑް އޮފް އިންވެސްޓްމަންޓްސް

56 ވަނަ މާއްދާ - ބޯޑް އޮފް އިންވެސްޓްމަންޓްސް އެކުލަވާލުން

(ހ) ޒޯން ގާއިމުކުރުމުގެ ހުއްދަދިނުމުގައާއި، ހުއްދަ ބާތިލުކުރުމުގައާއި، ޒޯނާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި، މިނިސްޓަރުގެ ބެލުމުގެ ދަށުން އިންތިޒާމުކުރެވިގެންވާ، "ބޯޑް އޮފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑު އެކުލަވާލައި، އިފްތިތާހުކުރަންވާނެއެވެ.

(ނ) ބޯޑުގެ ބާރުތައް މި ގާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.

(ރ) ބޯޑު ހިނގަމުންދާނީ، މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ. އަދި، ބޯޑުގެ ސެކްރެޓޭރިއެޓް ގާއިމުކުރާނީ، މިނިސްޓަރުގެ މަސްއޫލިއްޔަތު އޮތް ވުޒާރާގައެވެ. އަދި، ބޯޑުގެ އާންމު ހިންގުމުގައި، އިރުށާދު ލިބިގަންނާނީ، އަދި ބޯޑު ޖަވާބުދާރީވާނީވެސް މިނިސްޓަރަށެވެ.

 

57 ވަނަ މާއްދާ - ބޯޑުގެ ބާރުތައް

ބޯޑަށް އަންނަނިވި ބާރުތައް ހަވާލުކުރެވިގެންވެއެވެ.

(ހ) ޒޯނެއް ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމާ އެއްގޮތަށް ހުއްދަދިނުން؛ ނުވަތަ އެ ހުށަހެޅުމަށް ބަދަލުގެނެސް އަލުން ހުށަހެޅުމަށް އެންގުން، އަދި އެގޮތަށް ގެންނަންޖެހޭ ބަދަލުގެނެސް އަލުން ހުށަހެޅުމުން ހުއްދަދިނުން؛ ނުވަތަ އެ ހުށަހެޅުން ބަލައިގަނެވެން ނެތްކަމަށް ނުވަތަ އެ ހުށަހެޅުމުގެ މައްޗަށް ހުއްދަދެވެން ނެތްކަމަށް ސަބަބު ބަޔާންކޮށް ކަނޑައަޅައި، އެކަން ހުށަހެޅުން ހުށަހެޅި ފަރާތަށް އެންގުން؛

(ށ) ޒޯން ގާއިމުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ދިރާސާކޮށް، ވަޒަންކޮށް، އެ ހުށަހެޅުންތަކާމެދު ގޮތެއް ކަނޑައެޅުން؛

(ނ) ޒޯން ގާއިމުކުރުމާއި، ހިންގުމާއި ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން؛

(ރ) ޒޯން ގާއިމުކުރުމާއި، ހިންގުމާއި، ބެލެހެއްޓުމާގުޅޭ ގަވާއިދުތައް ހެދުން؛

(ބ) ޒޯނެއްގައި ހިންގުމަށް މި ގާނޫނުން ހުއްދަކުރާ ގިންތިތަކުގެ ތެރޭގައި ކުރެވިދާނެ ނުވަތަ ހުއްދަކުރެވިދާނެ ހަރަކާތްތަކުގެ ތަފްސީލުތައް ކަނޑައެޅުމާއި، އެއިން ޒޯނެއްގައި ކުރުމަށް ހުށަހަޅާ ކަންކަމަކީ، މި ގާނޫނުގެ ދަށުން ހުއްދަކުރާ ދާއިރާއެއްގެ ހަރަކާތެއްކަން ކަށަވަރުކުރުމާއި، ކަމާބެހޭ ގަވާއިދު ހަދައި ހިންގުން؛

(ޅ) ޒޯނެއްގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ ވަކިވަކި އިންވެސްޓްމަންޓްތަކަށް އިންވެސްޓްމަންޓް ލައިސަންސް ދޫކުރުން؛

(ކ) ޒޯނެއް ގާއިމުކުރާ ޑިވެލޮޕަރުންނާއި އެ ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރުން ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ އެންމެހައި ހުއްދަތަކަށް އެދި ހުށަހަޅަންޖެހޭ ފަރާތަކީ ބޯޑު ކަމުގައި ކަނޑައެޅުމާއެކީ، އަދި އެންމެހައި ހުއްދަތަކާއި ލައިސަންސްތަކާއި ޕާރމިޓްތައް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، އެ ހުއްދަތަކާއި ލައިސަންސްތަކާއި ޕާރމިޓްތައް ދޫކުރުން؛

(އ) ޒޯނުގައި ކުރާ އިންވެސްޓްމަންޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި ވަޒަންކޮށް އެ އިންވެސްޓްމަންޓްތަކާބެހޭ ރިޕޯޓުތައް މިނިސްޓަރަށް ހުށަހެޅުން؛

(ވ) ޒޯނުތަކަށް ލިބިދާނެ ގެއްލުންތަކަށާއި ރިސްކްތަކަށާއި ޒޯނުތަކުގެ ލަޔަބިލިޓީތަކަށް ބަލައި، އިންށުއަރކުރަންޖެހޭ ކަންކަން ކަނޑައެޅުން؛

(މ) މި ގާނޫނުގެ ދަށުން އެހެން އިދާރާއަކުން ހެދުން ލާޒިމުކޮށްފައިވާ ގަވާއިދުތައް ފިޔަވައި، އެހެން ގަވާއިދުތައް ހެދުން؛

(ފ) މި ގާނޫނުގެ ދަށުން ބޯޑުން ދޭ ހިދުމަތްތަކުން ނަގަންޖެހޭ ފީއާއި އަގު ކަނޑައެޅުން؛

(ދ) ޒޯނުތައް ގާއިމުކުރާ ޑިވެލޮޕަރުންނާއި ދިވެހި ސަރުކާރާ ދެމެދު އެކުލަވާލައި އިންވެސްޓްމަންޓް އެގްރިމަންޓްތަކާއި އެހެނިހެން އެއްބަސްވުންތަކުގައި ސޮއިކުރުން؛ އަދި

(ތ) އާންމު ގޮތެއްގައި، މި ގާނޫނުގެ ދަށުން ބޯޑަށް ލިބިގެންވާ ބާރުތައް ތަންފީޒުކުރުމަށްޓަކައި އަދި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ، ނުވަތަ އެކަމަށް މަގުފަހިކުރާ ނުވަތަ އެކަމާ ގުޅޭ އެންމެހައި ކަންކަންކުރުން.

 

58 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާގޮތް

(ހ) ބޯޑު އެކުލެވިގެންވަނީ، 5 މެންބަރުންގެ މައްޗަށެވެ.

(ށ) ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ، އަދި އެ ބޯޑުގެ މެންބަރުންގެ އުޖޫރައާއި އިނާޔަތް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ބޯޑަށް އައްޔަންކުރާ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތަކީ، އޭނާ ބޯޑަށް އައްޔަންކުރާ ތާރީހުން ފެށިގެން 5 އަހަރުދުވަހެވެ. މި ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރާ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކުވެސް ބޯޑުގެ މެންބަރުކަމުގެ އިތުރު އެއް ދައުރަށް އައްޔަންކުރުމުގެ އިހްތިޔާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑުގެ ދަށުން މަސައްކަތްކުރާނެ، އަދި ބޯޑަށް ފަންނީ ލަފާދޭނެ ޓެކްނިކަލް ކޮމިޓީއެއް ބޯޑުން އެކުލަވާލަންވާނެއެވެ. އެ ކޮމިޓީގައި ހިމަނާނީ، އަންނަނިވި ދާއިރާތަކުން އަންނަނިވި އަދަދަށް އައްޔަނުކުރާ 17 މެންބަރުންނެވެ.

  1. މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން އެކަކު.
  2. މިނިސްޓްރީ އޮފް ޓޫރިޒަމުން އެކަކު.
  3. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކަކު.
  4. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އެކަކު.
  5. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އެކަކު.
  6. އެޓަރނީ ޖެނެރަލްގެ އޮފީހުން އެކަކު.
  7. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އެކަކު.
  8. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެކަކު.
  9. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެކަކު.
  10. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކަކު.
  11. ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އެކަކު.
  12. ދިވެހި ފުލުހުންގެ ހިދުމަތުން އެކަކު.
  13. ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުން އެކަކު.
  14. ޕްރައިވެޓް ސެކްޓަރުން އެކަކު.
  15. މޯލްޑިވްސް އެސޯސިއޭށަން އޮފް ޓޫރިޒަމް އިންޑަސްޓްރީން އެކަކު.
  16. މޯލްޑިވްސް އެސޯސިއޭށަން އޮފް ކޮންސްޓްރަކްށަން އިންޑަސްޓްރީން އެކަކު.
  17. މޯލްޑިވްސް ނޭށަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީން އެކަކު.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ އެ ކޮމިޓީގެ މެންބަރުންނަށް ލިބިދޭ އުޖޫރައާއި މާލީ އިނާޔަތް ކަނޑައަޅާނީ، އަދި، އެ ކޮމިޓީ ހިންގާނެގޮތުގެ އުސޫލުތައް ކަނޑައަޅާނީ، ބޯޑުންނެވެ.

 

59 ވަނަ މާއްދާ - ޗެއަރޕަރސަންއާއި ވައިސް ޗެއަރޕަރސަން

(ހ) ބޯޑުގެ ޗެއަރޕަރސަންއާއި ވައިސް ޗެއަރޕަރސަންގެ ގޮތުގައި ހުންނާނީ ބޯޑަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހެކެވެ.

(ށ) ޗެއަރޕަރސަންއާއި ވައިސް ޗެއަރޕަރސަންގެ މަގާމަށް ކަނޑައަޅާ މީހަކު އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، އޭނާގެ އިސްތިއުފާ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

(ނ) ޗެއަރޕަރސަން ނުވަތަ ވައިސް ޗެއަރޕަރސަން އޭނާގެ މަގާމުން އިސްތިއުފާދީފިނަމަ، ނުވަތަ މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އޭނާ ޗެއަރޕަރސަންކަމުން ނުވަތަ ވައިސް ޗެއަރޕަރސަންކަމުން ވަކިކޮށްފިނަމަ، 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ކަނޑައަޅަންވާނެއެވެ.

(ރ) ޗެއަރޕަރސަން ނުވަތަ ވައިސް ޗެއަރޕަރސަން އެކަށީގެންވާ ގޮތެއްގައި، އޭނާގެ މަގާމު އަދާކުރަމުން ނުދާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، އޭނާ އެ މަގާމުން ވަކިކުރެވިދާނެއެވެ.

 

60 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ ސިފަތައް

ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރާ މީހުންގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.

(ހ) އެ މެންބަރަކު ތަމްސީލުކުރާ ދާއިރާއަކުން އެކަށޭނަ އިލްމާއި ތަޖުރިބާ ހުރުމާއި، ފަންނާއި ހުނަރުވެރިކަން ހުރުން؛ އަދި އެ ދާއިރާއެއްގައި ހިދުމަތްކުރާތާ މަދުވެގެން 7 އަހަރު ވެފައިވުން.

(ށ) ޒޯނެއްގެ ޑިވެލޮޕަރަކު ނުވަތަ ޒޯނެއްގައި އިންވެސްޓްކުރާ އިންވެސްޓަރަކު ހިންގާ އެއްވެސް ވިޔަފާރިއެއްގައި އެއްވެސް ހައިސިއްޔަތަކުން، ތިމާގެ ނުވަތަ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ ތިމާ ބަލަހައްޓަންޖެހިފައިވާ މީހެއްގެ މަސްލަހަތެއް ނެތުން.

(ނ) ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަނި އަދާނުކޮށްހުރި ނުވަތަ އެކަމުން ބަރީއަނުވެހުރި މީހަކު ކަމުގައި ނުވުން؛

(ރ) ބޯޑުގެ މެންބަރަކަށް އައްޔަންކުރުމާ ހަމައަށް ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، އެއްވެސް ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ އަދި

(ބ) ރިށްވަތުގެ ކުށެއް ނުވަތަ ކޮރަޕްށަންގެ ކުށެއް ނުވަތަ ވައްކަމުގެ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް އެއްވެސް އިރެއްގައި ސާބިތުވެފައިވާ މީހަކަށް ނުވުން.

 

61 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ބޯޑުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، ބޯޑުގެ މެންބަރުކަމުން އޭނާ ވަކިވާނެއެވެ. އަދި އޭނާ ފުރަމުންދިޔަ ގޮނޑި ހުސްވެއްޖެކަމަށް ބެލޭނެއެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އޭނާ އަމިއްލައަށް އިސްތިއުފާދިނުން.

(ށ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއްގެ މައްޗަށް ބިނާކޮށް، އޭނާގެ މެންބަރުކަމުން ރައީސުލްޖުމްހޫރިއްޔާ އޭނާ ވަކިކުރުން.

  1. މެންބަރެއްގައި ހުންނަންޖެހޭ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުން؛
  2. މެންބަރަކު ކުރިކަމެއްގެ ސަބަބުން، އޭނާއަކީ މެންބަރުކަން ކުރުމަށް އެކަށީގެންނުވާ މީހަކު ކަމުގައިވުން؛
  3. މެންބަރުން ތަބާވުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ނުކުރުން؛
  4. މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތުގައި އަދާކުރުމަށް ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ނުކުޅެދުން؛
  5. ބޯޑުގެ ހުއްދައަކާ ނުލައި، ޖެހިޖެހިގެން ބޯޑުގެ ތިން ބައްދަލުވުމަށް ހާޒިރު ނުވުން؛ ނުވަތަ
  6. ބޯޑުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށްޓަކައި ނުވަތަ ބޯޑާއެކު ހިންގާ މުއާމަލާތްތަކުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ވަކިކުރަންޖެހުން.

 

62 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ބޯޑުގެ ޗެއަރޕަރސަން ކަނޑައަޅާ ވަގުތަކު ކަނޑައަޅާ ތަނެއްގައި، ބޯޑުގެ ބައްދަލުވުންތައް ބޭއްވިދާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރޕަސަނެވެ. ޗެއަރޕަރސަނަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ވައިސް ޗެއަރޕަރސަނެވެ. އެ ދެ މީހުންގެ ތެރެއިން މީހަކު ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، ރިޔާސަތު ބަލަހައްޓާނީ ހާޒިރުވެތިބި މެންބަރުންގެ ތެރެއިން، މެންބަރުން ކަނޑައަޅާ މެންބަރެކެވެ.

(ނ) ބޯޑުގެ ބައްދަލުވުމެއް ސައްހަވާނީ، އެ ބޯޑު މެންބަރުންގެ ޖުމްލަ އަދަދަށް ނިސްބަތްވާ މެންބަރުންގެ އަގްލަބިއްޔަތާ އެއްވަރުގެ އަދަދަކަށް މެންބަރުން ހާޒިރުވުމުންނެވެ. ބޯޑުގެ ބައްދަލުވުމެއް ފަށަންވާނީ، އެ އަދަދަށް މެންބަރުން ހާޒިރުވެގެންނެވެ. އަދި ހިނގަމުންދާ ބައްދަލުވުމެއްގައި، އެ އަދަދަށްވުރެ މެންބަރުން މަދުވެއްޖެނަމަ އެ ބައްދަލުވުން މެދުކަނޑާލަންވާނެއެވެ.

(ރ) ބޯޑުގެ ބައްދަލުވުމެއްގައި، ކަމަކާމެދު ގޮތެއް ނިންމާނީ ހާޒިރުވެ ވޯޓު ދިން މެންބަރުންގެ އަގްލަބިއްޔަތުންނެވެ. ކަމެއް ފާސްކުރުމަށް ވޯޓަށް އެހުމުން، އެކަމެއް ފާސްކުރުމަށް ވޯޓު ދިން މެންބަރުންގެ އަދަދާއި އެކަން ފާސްކުރުމަށް ވޯޓު ނުދީ ތިބި މެންބަރުންގެ އަދަދު އެއްވަރުވެއްޖެނަމަ، އެކަމަކާމެދު ގޮތެއް ނިންމުމަށްޓަކައި، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ މެންބަރު ވޯޓު ދޭންވާނެއެވެ.

(ބ) ބޯޑުގެ މެންބަރެއްގެ މަގާމު ހުސްވެފައިވުމަކުން، ނުވަތަ ބޯޑަށް މެންބަރުން އައްޔަންކުރުމުގައި ހިނގާފައިވާ އުނިކަމެއްގެ ސަބަބުން، ނުވަތަ މެންބަރެއްގައި ހުންނަންޖެހޭ ސިފައެއް އުނިވުމުގެ ސަބަބުން، ބޯޑުގެ ނިންމުމެއްގެ ސައްހަކަމަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބުނެފައިނުވާނަމަ، ބޯޑުގެ ބައްދަލުވުންތައް ހިންގަންވާނީ ބޯޑުން ނިންމާ ގޮތެއްގެމަތިންނެވެ.

(ކ) ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ މެމްބަރުން ސޮއިކުރަންވާނެއެވެ.

 

63 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތަކަށް ދައުވަތު ދިނުން

(ހ) ބޯޑުން ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ބޯޑުން ނިންމުމުގައި، ވަކި ހާއްސަ ކަމަކާ ގުޅޭގޮތުން ނުވަތަ ވަކި ހާއްސަ ދާއިރާއަކާ ގުޅޭގޮތުން، ފަންނީ މައުލޫމާތު ނުވަތަ އިލްމު ނުވަތަ ތަޖުރިބާހުރި މީހަކު ބޯޑުގެ ބައްދަލުވުމެއްގައި ބައިވެރިކުރެވިދާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް މި މާއްދާގެ (ހ) ގެ ދަށުން ދައުވަތުދެވޭ މީހަކީ، ބޯޑުގެ މެންބަރެއް ނޫނެވެ. އަދި، ބޯޑުގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދު ކަނޑައެޅުމުގައި ނުވަތަ ވޯޓެއް ނެގުމުގައި އޭނާ ހިމަނައިގެން ނުވާނެއެވެ.

 

ނުވަވަނަ ބާބު

އެހެން އިދާރާތަކާގުޅޭ

64 ވަނަ މާއްދާ - ކަސްޓަމްސް ކޮންޓްރޯލް

(ހ) ކޮންމެ ޒޯނެއްގައި، ކަސްޓަމްސް ކޮންޓްރޯލްގެ ބޭނުމަށްޓަކައި އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތަންފީޒުކުރާ ގާނޫނުތައް ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި، އެއިން ކޮންމެ ޒޯނެއްގައި ހުންނަންޖެހޭ އެންމެ މަދު މިންވަރުގެ މިންގަނޑުތަކަކީ ކޮބައިކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހަދާ ގަވާއިދެއްގައި ކަނޑައަޅާ އިއުލާންކުރަންވާނެއެވެ.

(ށ) ކޮންމެ ޒޯނެއްގައިމެ، އެ ޒޯނެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ ވަސީލަތްތައް، އެ ޒޯނެއްގެ ޒޯން އެޑްމިނިސްޓްރޭށަން އޮފީހުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ގާއިމުކޮށްދޭންވާނެއެވެ.

 

65 ވަނަ މާއްދާ - ދައުލަތުގެ އިދާރާތައް ތަމްސީލުވުން

ޒޯނެއްގައި ދައުލަތުގެ އިދާރާއަކުން ދޭންޖެހޭ ހިދުމަތްދިނުމަށް، ނުވަތަ ޒޯނެއްގައި ހިންގަންޖެހޭ ގާނޫނުތައް އެގޮތުގައި ހިންގުމުގެ ބޭނުމަށްޓަކައި، ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެއްކޮށް ހިންގައި ބަލަހައްޓަންޖެހޭ ތަފާސްހިސާބާއި މައުލޫމާތު އެގޮތުގައި އެއްކޮށް ބެލެހެއްޓުމަށްޓަކައި، ނުވަތަ ދައުލަތުގެ ތަންފީޒީ އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން ދޭންޖެހޭ ހިދުމަތްތައް ދެމުންދިއުމަށްޓަކައި، ދައުލަތުގެ އެ އިދާރާތައް ތަމްސީލުކުރާ ފަރާތްތަކަށް އެ ޒޯނެއްގައި ތިބެ، އެ ހިދުމަތް ދެވޭނެ ވަސީލަތްތައް އެ ޒޯނެއްގެ ޒޯން އެޑްމިނިސްޓްރޭށަން އޮފީހުން ގާއިމުކޮށްދޭންވާނެއެވެ.

 

66 ވަނަ މާއްދާ - ޑޮމެސްޓިކް މާކެޓަށް މުދާ ދޫކުރުން

(ހ) ޒޯނެއްގައި އުފައްދާ މުދާ އެކްސްޕޯޓް ކުރުމުގެ ބަދަލުގައި، އެއްވެސް ހާލަތެއް ދިމާވެގެން ޑޮމެސްޓިކް މާކެޓަށް އެ މުދާ ދޫކުރާ ކަމުގައިވާނަމަ، އެކަމުގައި އަމަލުކުރާނެ އުސޫލު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހަދާ ގަވާއިދެއްގައި ކަނޑައަޅާ އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ށ) ޒޯނެއްގެ ތެރެއަށް އެތެރެކުރެވޭ މުދާ އެތެރެކުރެވޭނީ، ނުވަތަ ޒޯނަކުން ބޭރުކުރެވޭ މުދާ ބޭރުކުރެވޭނީ، ކަސްޓަމްސް ކޮންޓްރޯލްގެ ދަށުންނެވެ.

 

67 ވަނަ މާއްދާ - ޑޮމެސްޓިކް މާކެޓަށް މުދާ ވިއްކުން

(ހ) ޒޯނެއްގައި އުފައްދާ މުދާ، ރާއްޖޭގެ މާކެޓަށް ވިއްކުން ހުއްދަ ހާލަތެއްގައި، އެކަން ކުރާނަމަ، ގާނޫނުތަކުގެ ދަށުން ދައްކަންޖެހޭ ޑިއުޓީ ނުވަތަ ޓެކްސް ދައްކަންޖެހޭނެއެވެ.

(ށ) ވަކި މުދަލަކީ، އެކްސްޕޯޓް ކުރުމުގައި ތަބާވާންޖެހޭ މިންގަނޑަށް ތަބާނުވުމުގެ ސަބަބުން އެކްސްޕޯޓު ނުކުރެވޭ މުދަލެއް ކަމުގައި ވެގެން، އެ މުދަލެއް ޑޮމެސްޓިކް މާކެޓްގައި ވިއްކޭނީ، ރާއްޖޭގެ ގާނޫނުތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެ މުދަލެއް ފެތޭނަމައެވެ.

 

68 ވަނަ މާއްދާ - ނެގެޓިވް ލިސްޓް ކަނޑައެޅުން

(ހ) ޒޯނެއްގެ ބޭރުން، ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި ނެގެޓިވް ލިސްޓެއް މިނިސްޓަރުގެ ލަފާގެމަތިން، ރައީސުލްޖުމްހޫރިއްޔާ އެކަށައަޅަންވާނެއެވެ.

(ށ) ނެގެޓިވް ލިސްޓުގައި ހިމެނޭ ބާވަތުގެ ވިޔަފާރިއެއް ކުރާ ޒޯނެއްގައި އުފައްދާ މުދާ ނުވަތަ ހިދުމަތް ރާއްޖޭގެ ޑޮމެސްޓިކް މާކެޓަކަށް ނުވިއްކޭނެއެވެ.  

(ނ) ނެގެޓިވް ލިސްޓަކީ، ކޮންމެ ދެއަހަރަކުން އެއްފަހަރު މުރާޖައާކޮށް، މިނިސްޓަރު ށާއިއުކުރަންޖެހޭނެ ލިސްޓެކެވެ.

 

69 ވަނަ މާއްދާ - އާ ގަވާއިދުތައް ހެދުން

ޒޯނުތަކާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކަށް އަމަލުކުރުމަށްޓަކައި، އަދި، މި ގާނޫނުގެ ދަށުން ލިބެންވާ އިނާޔަތާއި މަންފާ އެ ޒޯނުތަކުގެ ޑިވެލޮޕަރުންނަށާއި އިންވެސްޓަރުންނަށް ލިބިދިނުމަށްޓަކައި، ދައުލަތުގެ ވަކިވަކި އިދާރާތަކުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި އިއުލާންކުރަންވާނެއެވެ. އަދި، އެއިން އެއްވެސް ގަވާއިދަކީ، މި ގާނޫނުގެ މަގްސަދުތަކާ ފުށުއަރާ، ނުވަތަ މި ގާނޫނުން ދިނުމަށް ކަނޑައަޅާ އިނާޔަތްތައް ނަފީވާނެ، ނުވަތަ އެ އިނާޔަތްތައް ދިނުމަށް ހުރަސްއެޅޭނެ ގަވާއިދަކަށް ވެގެންނުވާނެއެވެ.

 

70 ވަނަ މާއްދާ - މައުލޫމާތު ހޯދުމުގެ ބާރު

(ހ) ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ނުވަތަ ދިވެހިރާއްޖެ ބައިވެރިވާ މުއާހަދާތަކުގެ ދަށުން، ދައުލަތުގެ އިދާރާއަކުން ހޯދައި ބަލަހައްޓަންޖެހޭ ތަފާސްހިސާބާއި މައުލޫމާތު، ޒޯނަކާ ގުޅޭގޮތުން ނުވަތަ އެ ޒޯނެއްގެ ޑިވެލޮޕަރާ ގުޅޭގޮތުން ނުވަތަ އެ ޒޯނުގެ އިންވެސްޓަރަކާ ގުޅޭގޮތުން ހޯދައި ބެލެހެއްޓުމަށް، އަދި އެ ތަފާސްހިސާބާއި މައުލޫމާތު ރާއްޖޭގެ ކަމާގުޅޭ ގާނޫނުތަކުގެ ދަށުން ނުވަތަ ކަމާގުޅޭ މުއާހަދާތަކުގެ ދަށުން އެހެން ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކާއި އިދާރާތަކާއެކު ހިއްސާކުރުމަކަށް މި ގާނޫނުގެ އެއްވެސް މާއްދާއެއް، ދައުލަތުގެ އެއްވެސް އިދާރާއަކަށް ހުރަހެއް ނާޅައެވެ.

(ށ) ޒޯނުތަކުގައި ހިންގޭ އިގްތިސާދީ ހަރަކާތްތަކުގެ ކުޑަބޮޑުމިން ދެނެގަތުމަށާއި، މި ގާނޫނުގެ ދަށުން ދެވޭ އިނާޔަތްތަކުގެ "ޓެކްސް އެކްސްޕެންޑިޗަރ" ހިސާބުކުރުމުގެ ބޭނުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހަދާ ގަވާއިދެއްގައި ކަނޑައަޅާ މައުލޫމާތު، އެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، ޒޯން ޑިވެލޮޕަރުންނާއި އިންވެސްޓަރުން އެ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

ދިހަވަނަ ބާބު

އާންމު މާއްދާތައް

71 ވަނަ މާއްދާ - ގާނޫނާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން

(ހ) މި ގާނޫނުގެ ދަށުން ކަނޑައަޅާ ޒޯނެއްގައި، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމުގެ މައިގަނޑު ޒިންމާއާއި އިސް މަސްއޫލިއްޔަތު ހަވާލުކުރެވިގެންވަނީ އެ ޒޯނުގެ ޑިވެލޮޕަރަށެވެ. އަދި، އެ ޒޯނެއްގައި އިންވެސްޓްކުރާ އިންވެސްޓަރުން އެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމަކީވެސް، އެ ޒޯނެއްގެ ޑިވެލޮޕަރާ ހަވާލުވެގެންވާ ޒިންމާއަކާއި މަސްއޫލިއްޔަތެކެވެ.

(ށ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް އެއްވެސް ޒޯނެއްގައި ކަމެއް ހިނގައިފިނަމަ، ބޯޑުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި، އެ ޒޯނެއްގެ ޑިވެލޮޕަރު ޖޫރިމަނާކުރެވޭނެއެވެ. އަދި، އެ ޒޯނުގައި ގާނޫނާ ހިލާފުވިކަމެއް ރަނގަޅުކުރުމަށް ބޯޑުން މުއްދަތެއް ދޭންވާނެއެވެ.

(ނ) ޒޯނެއްގައި ގާނޫނާ ހިލާފު އަމަލެއް ހިނގައިފިނަމަ ނުވަތަ ގާނޫނަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ޑިވެލޮޕަރު ޖޫރިމަނާކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ބޯޑުން އެކުލަވާލައި އިއުލާންކުރަންވާނެއެވެ.

(ރ) ބޯޑުން، މި މާއްދާގެ (ށ) ގެ ދަށުން ކުރާ ޖޫރިމަނާއަކީ، ކަމާގުޅޭ ގާނޫނެއްގެ ދަށުން، އެ ގާނޫނަކާ ހިލާފުވި ފަރާތުން ދެއްކުމަށް ލާޒިމުކުރާ ޖޫރިމަނާއެއްގެ އިތުރަށް ދައްކަންޖެހޭ ޖޫރިމަނާއެކެވެ.

 

72 ވަނަ މާއްދާ - މަޖިލީހަށް ޖަވާބުދާރީވުން

ބޯޑުން ނިންމާ ނިންމުންތަކާ ގުޅޭގޮތުންނާއި، ޒޯނުތައް ހިންގުމާ ގުޅޭގޮތުން، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުން ކަނޑައަޅާ ކޮމިޓީއަކަށް މިނިސްޓަރާއި ބޯޑުގެ ޗެއަރޕަރސަން ޖަވާބުދާރީވާންވާނެއެވެ.

 

73 ވަނަ މާއްދާ - ހިނގަމުންދާ ރިޒޯޓު

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ ރިޒޯޓެއް ތަރައްގީކުރުމަށްޓަކައި ކޮށްފައިވާ ހަރަދަކީ، މި ގާނޫނުގެ ދަށުން، ޒޯނެއްގައި އިންވެސްޓްކުރުމުގެ މިންގަނޑުކަމަށް ބަޔާންކުރާ މިންގަނޑާ އެއްވަރު ހަރަދަކަށް ވީނަމަވެސް، އެ ރިޒޯޓަކީ، ނުވަތަ ރިޒޯޓު އޮތް ސަރަހައްދަކީ، ހަމައެކަނި އެ ސަބަބަށްޓަކައި، ޒޯނަކަށް ބަދަލުކުރެވޭނެ ތަނެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޒޯނެއްގެ ގޮތުގައި މި ގާނޫނުން ކަނޑައަޅާ ސަރަހައްދެއްގައި، ހިންގާ ވިޔަފާރިއާއި ކުރާ އިންވެސްޓްމަންޓްގެ 40 އިންސައްތައަށްވުރެ ބޮޑުނޫން މިންވަރެއްގެ ތެރޭގައި، އެ ޒޯނެއްގައި ރިޒޯޓާއި ފަތުރުވެރިކަމުގެ އެހެން އިންވެސްޓްމަންޓްތައް ކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ނ) އަދި، މި މާއްދާގެ (ހ) އާއި މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ހިންގަން ނުވަތަ އިމާރާތްކުރަން ފަށާފައިނުވާ ރަށެއް ނުވަތަ ރިޒޯޓެއް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ދާއިރާގެ ތެރޭގައި، ޒޯނަކަށް ބަދަލުކުރުމަކީ، ބޯޑަށް ކުރެވިދާނެ ކަމެކެވެ.

 

74 ވަނަ މާއްދާ - ބިމާބެހޭ ގާނޫނުގެ މައްޗަށް މި ގާނޫނު ހިންގުން

(ހ) ދިރިއުޅުމަށްޓަކައި ބޭނުންކުރާ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ ނުވަތަ ސިނާއީ ބޭނުމަށް ބޭނުންކުރާ ނުވަތަ ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކުގެ ކެޓަގަރީގައި ހިމެނޭ ބިން، ޒޯނެއްގެތެރޭގައި ހިމެނޭނަމަ، އެ ހުރިހާ ބިމަކީވެސް، އެއް ކެޓެގަރީއެއްގެ ބިން ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅިދާނެއެވެ. އަދި، އެގޮތަށް ކަނޑައެޅުމަށްފަހު، އެ ބިން ޒޯނާ ހަވާލުކުރެވިދާނެއެވެ.

(ށ) ބިމެއް އަމިއްލަކުރުމާ ގުޅޭގޮތުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް، ޒޯނުގެ ބިމެއް އަމިއްލަކުރުމުގައި ދައްކާކަށް ނުޖެހޭނެއެވެ.

 

75 ވަނަ މާއްދާ - ބިން މިލްކުކުރުން

(ހ) މި ގާނޫނުގެ ކުރީގެ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގެ ދަށުން ޒޯނެއް ހެދުމަށް ދޫކުރެވޭ ޕާރމިޓްގައި ނުވަތަ އިންވެސްޓްމަންޓް އެގްރިމަންޓްގައި ބަޔާންކޮށްފައިވާ ބިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކުގެ ތެރެއިން، ބިދޭސީ ކުންފުންޏަކަށްނުވާ ހަމަ ކޮންމެ ކުންފުންޏަކަށްމެ، މިލްކުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުމަކީ، ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ތައާރުޒުވާކަމެއް ނޫނެވެ.

 

76 ވަނަ މާއްދާ – ވަޒީފާއާގުޅޭ

(ހ) ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންވެގެންވާ މިންގަނޑުތަކަށްވުރެ ދަށް މިންގަނޑުތަކެއްގައި އެއްވެސް މީހަކު ވަޒީފާގައި ގެންގުޅެގެން ނުވާނެއެވެ. 

(ށ) ޒޯނެއްގައި ހިންގާ އިންވެސްޓްމަންޓެއްގައި ޑިވެލޮޕަރެއްގެ ނުވަތަ އިންވެސްޓަރެއްގެ މަސައްކަތްކުރުމަށް ސުޕަވައިޒަރީ ނުވަތަ ފަންނީ ނުވަތަ އެޑްވައިޒަރީ މަގާމުތަކުގެ ވަޒީފާ ދޭ ރާއްޖޭން ބޭރުގެ މީހުންގެ އަދަދު، އެ އިންވެސްޓްމަންޓެއްގައި މަސައްކަތްކުރާ ޖުމްލަ މުވައްޒަފުންގެ 10 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ނ)  ދިމާވާ އެއްވެސް ސަބަބަކާހުރެ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ނިސްބަތަށްވުރެ ރާއްޖޭން ބޭރުން ގެންނަ މީހުން އިތުރު ކުރަން ޖެހިއްޖެނަމަ، އެކަން ކުރެވޭނީ ސަބަބު ބަޔާންކޮށް ބޯޑަށް ހުށަހެޅުމުން، ބޯޑުން ދޭ ހުއްދައެއްގެ ދަށުންނެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންސައްތައަށްވުރެ އިތުރަށް ބޭރުމީހުން ވަޒީފާއަށް ގެންނަން ޑިވެލޮޕަރަކު ނުވަތަ އިންވެސްޓަރަކު އެދޭހިނދު، އެ ހުއްދަ ބޯޑުންދޭނީ، އަންނަނިވި ހާލަތުގައި އެކަންޏެވެ.

  1. ހުއްދައަށް އެދޭ ޑިވެލޮޕަރު ނުވަތަ އިންވެސްޓަރުގެ ސުޕަވައިޒަރީ ނުވަތަ ފަންނީ ނުވަތަ އެޑްވައިޒަރީ މަގާމުތަކަށް ދިވެހިން ތަމްރީނުކުރުމަށް އެއްބަސްވެފައިވުން؛ އަދި
  2. ދިވެހިން އެ މަގާމުތަކަށް ތަމްރީނުކުރާނެ ގޮތުގެ ތާވަލާއި ޕްލޭން ބޯޑަށް ހުށަހަޅާފައިވުން؛ އަދި
  3. މި މާއްދާގެ(ށ) ގައި ބަޔާންކޮށްފައިވާ އިންސައްތައަށްވުރެ އިތުރަށް ބޭރު މީހުން ގެނައުމުގެ ފުރުސަތު ޑިވެލޮޕަރަކަށް ނުވަތަ އިންވެސްޓަރަކަށް ދެވޭ މުއްދަތު 5 އަހަރަށްވުރެ އިތުރުނުވުން.

(ބ) ޒޯނުގައި ކުރާ މަސައްކަތަކަށް ރާއްޖޭން ބޭރުން ގެންނަ އެއްވެސް މީހަކު، އެ ޒޯނުން ބޭރުގައި އެއްވެސް މަސައްކަތެއް ކުރުމަކީ، ނުވަތަ ވަޒީފާއެއް އަދާކުރުމަކީ، ހުއްދަކަމެއް ނޫނެވެ.

(ޅ) ޒޯނުގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ދިވެހިރާއްޖޭގެ މާލީ އިދާރާއެއް މެދުވެރިކޮށް، އޭނާގެ މުސާރަ ނުވަތަ މުސާރައިގެ އެއްވެސް ބައެއް ދިވެހިރާއްޖޭން ބޭރަށް ފޮނުވާނަމަ، އެގޮތުން ފޮނުވާ ފައިސާއިން، 3 އިންސައްތައިގެ ރެމިޓެންސް ޓެކުހެއް ދައުލަތަށް ނެގޭނެއެވެ.

 

77 ވަނަ މާއްދާ - ހަމައެކަނި ކަނޑައެޅި ބަޔާންވެގެންވާ އިސްތިސްނާތައް ލިބުން

(ހ) ޒޯނަކަށް ލިބިގެންވަނީ، މި ގާނޫނުން ކަނޑައަޅައި ބަޔާންކޮށްފައިވާ އިނާޔަތްތައް، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ މަރުހަލާއެއްގެ ތެރެއިން ލިބިދޭ އިނާޔަތްތަކެވެ.

(ށ) ޒޯނަކަށް، މި މާއްދާގެ (ހ) ގެ ދާއިރާގެ ތެރޭގައި ލިބިދޭ އިނާޔަތްތަކުގެ ބޭރުން ހިމެނޭ އެންމެހައި ކަންކަމުގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުގެ ފުރިހަމަ އިހްތިސާސް ހިނގާނެއެވެ.

(ނ) ޒޯނަކަށް ލިބިދޭ އިނާޔަތްތައް އެގޮތަށް ލިބިގެން ވީނަމަވެސް، އަދި، އެ އިނާޔަތްތަކުގެ ބޭރުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް އެ ޒޯނެއްގެ މައްޗަށް ހިނގާހިނދު، އަންނަނިވި ކަންކަމާ ބެހޭގޮތުން ހަދާ ގާނޫނަކުން، އެ ޒޯނެއްގައި ހިނގާ ކަމަކަށް ހުއްޓުމެއް ނުވަތަ ހަނިކަމެއް ގެނައުމަކަށް މި ގާނޫނުގެ އެއްވެސް މާއްދާއެއް ހުރަހެއް ނާޅައެވެ.

  1. ދިވެހިރާއްޖޭގެ ސިޔާދަތީބާރު އެގޮތުގައި ދެމެހެއްޓުމަށްޓަކައި؛
  2. ދިވެހިރާއްޖޭގެ ސަރަހައްދުގެ ދިފާއާއި ސަލާމަތާއި ރައްކާތެރިކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި؛
  3. ދިވެހިރާއްޖޭގެ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި؛ ނުވަތަ
  4. ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖޭން ރައްކާތެރިކުރާނެ ސަގާފީ އަގުތައް އެގޮތުގައި ހިފެހެއްޓުމަށްޓަކައި.

 

78 ވަނަ މާއްދާ – ޖަދުވަލު

މި ގާނޫނުގައި ހިމެނިގެންވާ ދެ ޖަދުވަލަކީ، މި ގާނޫނުގެ ބައެކެވެ. މި މާއްދާގައި އެ ދެ ޖަދުވަލު ތަކުރާރުކުރެވިގެންވާ ފަދައިންނެވެ. މި ގާނޫނު ފުރިހަމަވާނީ، އެ ދެ ޖަދުވަލު ހިމަނައިގެންނެވެ.

 

79 ވަނަ މާއްދާ - ފުށުއެރުން މި ގާނޫނަށް ފަހިވާގޮތަށް ފިލުވުން

(ހ)  މި ގާނޫނުގައި ބަޔާންވެގެންވާ ކަމެއް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންވެގެން ވީނަމަވެސް، ޒޯނުތަކާ ގުޅޭގޮތުން އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ. އަދި، ޒޯނުތަކާ ގުޅޭގޮތުން އިސްކަންދޭނީ، މި ގާނޫނުގައިވާ ގޮތުގެމަތިން، އަމަލުކުރުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުގެމަތިން އަމަލުކުރުމުގައި، އަންނަނިވި ގާނޫނުތަކުގެ ތެރެއިން ގާނޫނެއްގައި އޮތް އުސޫލަކާއި މި ގާނޫނުގައި އޮތް އުސޫލަކާ ދެމެދު ފުށުއެރުމެއް ނުވަތަ ހިލާފެއް ކުރިމަތިވެއްޖެނަމަ، އެ ފުށުއެރުމެއް ނުވަތަ ހިލާފެއް ފިލުވާނީ، މި ގާނޫނުގައި އެ އުސޫލެއް ބަޔާންވެގެންވާ ގޮތަށް އިސްކަންދީ، އެ ގޮތް ބަލައިގަނެގެންނެވެ.

ގާނޫނު ނަންބަރު 25/1979 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު)

ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު)

ގާނޫނު ނަންބަރު 5/1980 (ބައެއް ފަރާތްފަރާތުގެ ޑިއުޓީއާއި މައްމޫލު މައާފު ކުރުމުގެ ހައްގު ދައުލަތަށް ލިބުމުގެ ގާނޫނު)

ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981)

ގާނޫނު ނަންބަރު 9/1981 (ދިވެހިރާއްޖޭގެ ޑިއުޓީ މައާފް ދާއިރާތަކާބެހޭ ގާނޫނު)

ގާނޫނު ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު)

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު)

ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު)

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު)

ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު)

ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު)

ގާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު)

ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު)

ގާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު)

ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު)

 

80 ވަނަ މާއްދާ - އެސްއީޒެޑް ރެސިޑެންސީ

(ހ) ޒޯނުގެ ޑިވެލޮޕަރަށާއި ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް އެ އިންވެސްޓްމަންޓްގެ މުއްދަތަށް އެސްއީޒެޑް ރެސިޑެންސީ ދިނުމުގެ އުސޫލުތައް ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގެ ދަށުން ދިވެހި ސަރުކާރުން ހަމަޖައްސަންވާނެއެވެ.

(ށ) ޒޯނުގެ ތެރޭގައި ގާއިމުކުރާ ލަގްޒަރީވިލާ ނުވަތަ ކޮންޑޮމީނިއަމް ނުވަތަ ބަންގަލޯ ނުވަތަ ދިރިއުޅުމުގެ ވަސީލަތްތައް ބޭނުންކުރުމުގެ ހައްގު ގަނެ މިލްކުކުރާ ބިދޭސީންނަށް ނުވަތަ ބިދޭސީ ކުންފުނިތަކަށް، އެ ތަންތަން ބޭނުންކުރުމުގެ ހައްގު އެމީހުން މިލްކުކުރާ މުއްދަތަށް، ނުވަތަ އެފަދަ ތަންތަން ދިގު މުއްދަތަށް ކުއްޔަށް ހިފާ ބިދޭސީންނަށް ނުވަތަ ބިދޭސީ ކުންފުނިތަކަށް
އެ ތަންތަން ކުއްޔަށް ހިފާ މުއްދަތަށް އެސްއީޒެޑް ރެސިޑެންސީ ދިނުމުގެ އުސޫލުތައް ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގެ ދަށުން ދިވެހި ސަރުކާރުން ހަމަޖައްސަންވާނެއެވެ.

 

81 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ބޯޑުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ބޯޑުންނެވެ.

(ށ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި،  ދައުލަތުގެ ވަކި އިދާރާއަކުން ހެދުމަށް ހަވާލުކުރެވިފައިވާ ގަވާއިދެއް ހަދައި ހިންގާނީ، އެ އިދާރާއަކުންނެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ނުހިމެނޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓަރެވެ.

(ރ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

82 ވަނަ މާއްދާ - އާންމު ރަދީފު

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

"ނެގެޓިވް ލިސްޓް" ކަމަށް ބުނެފައިއެވަނީ، ޒޯނެއްގައި އުފައްދާ މުދަލުގެ ތެރެއިން، ޑިއުޓީ ދެއްކުމަށްފަހުގައިވެސް، ޑޮމެސްޓިކް މާކެޓަށް ނުވިއްކޭނެ މުދަލަށެވެ. ނުވަތަ ޑޮމެސްޓިކް މާކެޓަށް ނުދެވޭނެ ހިދުމަތަށެވެ.

"ރެސިޑެންޓުން" ކަމަށް ބުނެފައިއެވަނީ، ރާއްޖޭގެ އިގްތިސާދުގައި ހަރަކާތްތެރިވާ ވަކިވަކި އާންމު ފަރުދުންނާއި ގާނޫނީ ށަހުސުތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގައި އެއް އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ނުވަތަ ދިރިއުޅޭނެކަމަށް ބެލެވޭ ކޮންމެ ފަރާތެއް؛ ނުވަތަ
  2. ދިވެހިރާއްޖޭގައި ވިޔަފާރީގެ ހަރަކާތްތައް ހިންގަމުންދާ އަދި ކުރިޔަށްއޮތް އެއް އަހަރު ތެރޭގައި ހިންގާނޭކަމަށް ބެލެވޭ ކޮންމެ ފަރާތެއް.

"ބިދޭސީ ކުންފުނި" ކަމަށް ބުނެފައިއެވަނީ، އެ ކުންފުންޏެއްގެ ހުއްދަކޮށްފައިވާ ހިއްސާގެ ރައުސްމާލުގެ ތެރެއިން، އެހާތަނަށް ދޫކޮށްފައިވާ ހިއްސާ ރައުސްމާލުގެ އަގްލަބިއްޔަތަށް ނިސްބަތްވާ ހިއްސާގެ މިލްކުވެރިކަން، ބިދޭސީ ރައްޔިތަކަށް ނުވަތަ ބަޔަކަށް ނުވަތަ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް މިލްކުވެގެންވާ ކުންފުންޏަށެވެ.

"ބިން" ކަމަށް ބުނެފައިއެވަނީ، ޒޯނެއް ތަރައްގީކުރުމުގެ ހުއްދަ ދޭއިރު އެ ޒޯނެއްގައި ހިމެނޭ ބިމަށާއި، އެ ޒޯނެއް ތަރައްގީކުރުމުގައި އެ ޒޯނެއްގެ ޑިވެލޮޕަރު އުފައްދާ ބިން ހިމެނޭގޮތުންނެވެ. އަދި، އެއިން ކޮންމެ ބާވަތެއްގެ ބިމަކާ ގުޅިފައިވާ ނުއުފުލޭ މުދަލާއި، ދާއިމަށް އެ ބިމެއްގެ ބައެއްގެ ގޮތުގައި ހިމެނޭގޮތަށް އެ ބިމެއްގައި ހަރުކޮށްފައިވާ އުފުލޭ މުދާ ހިމެނޭގޮތުންނެވެ.

"ބޯޑު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ބޯޑް އޮފް އިންވެސްޓްމަންޓްސް އަށެވެ.

"ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

"ކެޕިޓަލް ގުޑްސް" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްމަންޓަކުން އުފައްދަން ބޭނުންވާ މުދާ ނުވަތަ ހިދުމަތް އުފެއްދުމުގެ ނިޔަތުގައި ހޯދައި ލިބިގަންނަ މާއްދީ މުދަލަށާއި ތަކެއްޗަށާއި އެއްޗެއްސަށެވެ.

"ކޮންސެށަން" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްމަންޓް އެގްރިމަންޓްގެ ދަށުން ނަމަވެސް ނުވަތަ ވަކި ކޮންސެށަން އެގްރިމަންޓެއްގެ ދަށުން ނަމަވެސް، ޒޯނެއްގައި ވަކި އިގްތިސާދީ މަސައްކަތެއް ކުރުމަށް ވަކި އިންވެސްޓަރަކަށް ނުވަތަ ވަކި ޑިވެލޮޕަރަކަށް، ވަކި ށަރުތުތަކެއްގެ މަތިން ވަކި ލުއިތަކެއްދީ، ދިވެހި ސަރުކާރުން ދޭ ހައްގަށް ނުވަތަ އިމްތިޔާޒަށެވެ.

"ކޮންސޯށިއަމް" ކަމަށް ބުނެފައިއެވަނީ، ކަނޑައެޅި ބަޔާންވެގެންވާ ވަކި އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކޮށް، އޭގެން ނަފާ ހޯދުމުގެ ބޭނުމުގައި، ދެ ގާނޫނީ ށަހްސަށްވުރެ ގިނަ ގާނޫނީ ށަހްސު ގުޅިގެން އުފައްދައި ހިންގާ ޖަމާއަތްތަކަށެވެ.

"އިހްތިސާސް" ކަމަށް ބުނެފައިއެވަނީ، ވަކި މައްސަލައެއް ނުވަތަ ކަމެއް ބަލައި، ގޮތެއް ކަނޑައެޅުމުގެ ބާރާއި ހައިސިއްޔަތު ލިބިގެންވުމަށެވެ. ނުވަތަ އެގޮތުން ލިބިގެންވާ ބާރަށް ނުވަތަ ހައިސިއްޔަތަށެވެ.

"އިނާޔަތް" ކަމަށް ބުނެފައިއެވަނީ، ލުޔާއި ފަސޭހައާއި އިމްތިޔާޒާއި އިސްތިސްނާއާއި މަންފާ ހިމެނޭ ގޮތުންނެވެ.

"އިނީށިއަލް ޕާރމިޓް" ކަމަށް ބުނެފައިއެވަނީ، ޒޯނެއް ގާއިމުކުރުމަށް ޑިވެލޮޕަރަކު ހުށަހަޅާ ހުށަހެޅުން އުސޫލެއްގެގޮތުން ބޯޑަށް ގަބޫލުކުރެވޭކަމަށްވާނަމަ، ކަމާގުޅޭ ތަފްސީލު ލިޔެކިޔުންތައް ހުށަހެޅުމަށް ފުރުސަތު ދިނުމުގެގޮތުން ބޯޑުން އެ ޑިވެލޮޕަރަށް ދޭ ވަގުތީ ހުއްދައަކަށެވެ.

"އިންވެސްޓްމަންޓް" ކަމަށް ބުނެފައިއެވަނީ، ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވީނަމަވެސް، އަދި ކޮންމެ ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވީނަމަވެސް، މި ގާނޫނުގެ ދަށުން ހުއްދަ ލިބިގެން، ޒޯނެއް ތަރައްގީކުރާ ޑިވެލޮޕަރު ނުވަތަ އެ ޒޯނެއްގައި އިންވެސްޓްކުރާ އިންވެސްޓަރު، އުފައްދާ ނުވަތަ ކޮންޓްރޯލްކުރާ ނުވަތަ ހިންގާ އިގްތިސާދީ މަސައްކަތަށް ނުވަތަ އެކަމަށް ކުރާ ހަރަދަށެވެ. އަދި، ޒޯނެއްގެ އުމްރާނީ ނުވަތަ މާއްދީ ވަސީލަތްތަކާއި ހިދުމަތްތަކާއި ފަސޭހަތައް ގާއިމުކުރުމަށް ޒޯނުގެ ޑިވެލޮޕަރު ކުރާ ހަރަދާއި އޭނާ ބިނާކުރާ ވަސީލަތްތަކާއި ހިދުމަތްތަކާއި ފަސޭހަތައްވެސް ހިމެނޭގޮތުންނެވެ.

"އިންވެސްޓްމަންޓް އެގްރިމަންޓް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހިންގުމަށް ހުއްދަކުރާ ޒޯނެއްގެ ތަފްސީލުތަކާއި، އެ ޒޯނުގައި ހިންގަން ހުއްދަކުރާ އިގްތިސާދީ މަސައްކަތްތަކާއި އިންވެސްޓްމަންޓްތަކުގެ ތަފްސީލުތަކާއި، އެ ޒޯން ތަރައްގީކުރުމަށް ކުރާނެ ހޭދައިގެ މިންވަރުތަކާއި، އެ ޒޯނުގައި ކުރާ އިންވެސްޓްމަންޓާގުޅޭ ށަރުތުތަކާއި، އެ ކަންކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ދިނުމަށް ކަނޑައަޅާ އިނާޔަތްތަކާއި، އެ ޒޯނުގައި ކުރާ އިންވެސްޓްމަންޓާ ގުޅޭގޮތުން ސަރުކާރުން ކަށަވަރުކޮށްދޭ ކަންކަން ހިމެނޭގޮތުން، އެ ޒޯނުގެ ޑިވެލޮޕަރާއި ބޯޑާ ދެމެދު ސޮއިކުރާ އެއްބަސްވުމަށެވެ.

"އިމްޕޯޓް ކުރުން" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތް، ޒޯނެއް މެދުވެރިކޮށް، ރާއްޖޭން ބޭރުން ރާއްޖެއަށް، ކަނޑުމަގުން، ވައިގެމަގުން، ނުވަތަ އެއްގަމުމަގުން ގެނައުމަށް؛ ނުވަތަ އެއް ޒޯނެއްގެ ތެރޭގައި ހިމެނޭ ދެ އިންވެސްޓަރެއްގެ ދެމެދުގައި އެކެއްގެ ކިބައިން އަނެކަކު މުދަލެއް ނުވަތަ ހިދުމަތެއް ލިބިގަތުމަށެވެ.

"އިގްތިސާދީ މަސައްކަތް" ކަމަށް ބުނެފައިއެވަނީ، ޒޯނެއްގައި ހިންގާ އިގްތިސާދީ ނުވަތަ މާލީ ހަރަކާތްތަކާއި މަށްރޫއުތަކާއި ވިޔަފާރިތަކާއި ނަފާ ހޯދުމަށް ހިންގާ އެހެން މަސައްކަތްތައް ހިމެނޭ ގޮތުންނެވެ.

"އުމްރާނީ ވަސީލަތް" ކަމަށް ބުނެފައިއެވަނީ، ޒޯނެއް ތަރައްގީކުރުމުގައި އެ ޒޯނުގައި ގާއިމުކުރަންޖެހޭ އަސާސީ ވަސީލަތްތަކަށާއި މާއްދީ ވަސީލަތްތަކަށާއި އިންފްރާސްޓްރަކްޗަރުގެ ވަސީލަތްތަކަށާއި ހިދުމަތްތަކަށާއި ފަސޭހަތަކަށެވެ.

"އެކްސްޕޯޓް ކުރުން" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތް، ޒޯނެއް މެދުވެރިކޮށް، ރާއްޖޭން ބޭރަށް، ކަނޑުމަގުން، ވައިގެމަގުން، ނުވަތަ އެއްގަމުމަގުން ގެންދިއުމަށް؛ ނުވަތަ ކަސްޓަމްސް ސަރަހައްދަކުން ޒޯނެއްގެ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް؛ ނުވަތަ އެއް ޒޯނެއްގެ ތެރޭގައި ހިމެނޭ ދެ އިންވެސްޓަރެއްގެ ދެމެދުގައި އެކަކު އަނެކަކަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.

"ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، ބިމާއި، ބިމާ ގުޅިފައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި، ގާނޫނުން އުފައްދާ ހައްގާއި ވާޖިބާއި، ގާނޫނުން ލިބިދޭ އިނާޔަތްތަކާއި އިމްތިޔާޒުތަކާއި، މުދާ ގަނެވިއްކުމުގެ ގޮތުންނާއި އާމްދަނީ ހޯދުމުގެގޮތުން ކުރާ މަސައްކަތަށާއި، ވިޔަފާރި އުސޫލުން ދޭ ހިދުމަތަށާއި ކުރާ ނުވަތަ ހިންގާ މަސައްކަތް ހިމެނޭ ގޮތުންނެވެ. އަދި އެ މަސައްކަތްކުރުމަށްޓަކައި ހޯދާފައިވާ މުދާ ހިމެނޭ ގޮތުންނެވެ. އަދި އެ ވިޔަފާރިއަކާގުޅޭ ހައްގުތަކާއި ޒިންމާތައްވެސް ހިމެނޭ ގޮތުންނެވެ.

"މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، ސްޕެށަލް އިކޮނޮމިކް ޒޯނާގުޅޭ ދައުލަތުގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރަށެވެ. ނުވަތަ، އެފަދަ ވަޒީރަކު ނެތް ހާލަތުގައި، ސްޕެށަލް އިކޮނޮމިކް ޒޯނާގުޅޭ ދައުލަތުގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހަވާލުކުރެވިގެންވާ އެންމެ އިސް މަސްއޫލުވެރިޔާއަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، ކޮންމެ ނަމަކުން މުހާތަބުކުރެވުނު ކަމުގައިވީނަމަވެސް، ސްޕެށަލް އިކޮނޮމިކް ޒޯނާގުޅޭ ދައުލަތުގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރު ނިސްބަތްވާ ވުޒާރާއަށެވެ. އެފަދަ ވުޒާރާއެއް ނެތް ހާލަތުގައި، ސްޕެށަލް އިކޮނޮމިކް ޒޯނާގުޅޭ ދައުލަތުގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިގެންވާ ދައުލަތުގެ އިދާރާއަށެވެ. 

"މީހަކު" ކަމަށް ބުނެފައިއެވަނީ، ދިވެއްސެއް ނުވަތަ ބިދޭސީއެއްކަމަށް ވީނަމަވެސް ތަބީއީ ށަހްސާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ދިވެހިރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނަމަވެސް ގާނޫނީ ށަހްސު ހިމެނޭގޮތުންނެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

"ދިވެހިރާއްޖޭގެ ކަސްޓަމްސް ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ކަސްޓަމްސް ޕްރޮސީޖަރުތައް ހިނގާ ކަސްޓަމްސް ސަރަހައްދުތަކަށެވެ. އޭގެތެރޭގައި ޒޯން ފިޔަވައި މުޅި ރާއްޖޭގެ ސަރަހައްދު ހިމެނިގެންވެއެވެ.

"ތަބީއީ ށަހްސު" ކަމަށް ބުނެފައިއެވަނީ، ގާނޫނީ ށަހްސަކާ އަޅާކިޔާއިރު، ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުން، އިންސާނަކަށް ހަވާލާދިނުމަށެވެ.

"ގާނޫނީ ށަހްސު" ކަމަށް ބުނެފައިއެވަނީ، ކުންފުނިތަކާއި ޕާޓްނަރށިޕްތަކާއި ޖަމާއަތްތަކާއި އިދާރާތަކާއި އެޖެންސީތަކާއި ބޯޑުތަކާއި ކައުންސިލުތައް ހިމެނޭގޮތުންނެވެ.

"ސަރުކާރުގެ ކުންފުނި" ކަމަށް ބުނެފައިއެވަނީ، ދިވެހި ދައުލަތުގެ ނަމުގައި ނުވަތަ ދިވެހި ސަރުކާރުގެ ނަމުގައި މިލްކުކުރެވިގެންވާ ރައުސްމާލެއް ނުވަތަ ރައުސްމާލުގެ ބައެއް ހިމެނޭގޮތުން ހިއްސާގެ މައްޗަށް ނުވަތަ ގެރެންޓީގެ މައްޗަށް އުފައްދާ ނުވަތަ ހިންގާ ކުންފުނިތަކާއި، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރުމާއި ވަކިކުރުމާއި އެ ބޯޑުގެ ނިންމުންތައް ނިންމުމުގައި ދިވެހި ސަރުކާރުގެ ދައުރެއް އޮންނަ ކުންފުނިތަކާއި، އެއިން ކުންފުންޏެއްގެ ހިއްސާއިން އުފައްދާ ސަބްސިޑިއަރީ ކުންފުނިތަކާއި ރިލޭޓެޑް ކުންފުނިތަކާއި، ޖޮއިންޓް ވެންޗަރ ކުންފުނިތަކާއި ކޮންސޯށިއަމްތަކާއި، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އުފައްދާ ހިންގާ ހަމަ ކޮންމެ ކުންފުންޏެއް ނުވަތަ ގާނޫނީ ށަހްސެއް ހިމެނޭގޮތުންނެވެ.

"ޒޯން" ކަމަށް ބުނެފައިއެވަނީ، ޒޯނުގެ ގޮތުގައި މާނަކޮށްދީފައިވާ މިނިވަން ވިޔަފާރި ސަރަހައްދަށެވެ.

"ޓެކްސް ރިލީފް" ކަމަށް ބުނެފައިއެވަނީ، ޒޯނެއްގައި ހިންގާ އިގްތިސާދީ މަސައްކަތަކާ ގުޅިގެން އާންމު އުސޫލުން ދައްކަންޖެހޭ ޓެކުހުގެ މިންވަރަށް، އެ ޒޯނުގެ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް ދެވޭ ލުޔަކަށެވެ.

"ޓެކްސް ކްރެޑިޓް" ކަމަށް ބުނެފައިއެވަނީ، ޒޯނެއްގައި ހިންގާ އިގްތިސާދީ މަސައްކަތަކާ ގުޅިގެން އާންމު އުސޫލުން ދައްކަންޖެހޭ ޓެކުހުގެ މިންވަރުން އަޅާކެނޑުމަށް އެ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް ލިބިދެވޭ ފުރުސަތަށެވެ. ނުވަތަ އިނާޔަތަށެވެ.

"ޕާރމިޓް" ކަމަށް ބުނެފައިއެވަނީ، ޒޯނެއް ގާއިމުކުރުމަށް ޑިވެލޮޕަރަކު ހުށަހެޅުމުން ދެވޭ އިނީށިއަލް ޕާރމިޓްގެ މައްޗަށް ބިނާކޮށް އެ ޑިވެލޮޕަރަކު ހުށަހަޅާ ތަފްސީލު ލިޔުންތައް ދިރާސާކުރުމަށްފަހު، އެ ޒޯން ގާއިމުކުރުމަށް ފެންނަކަމަށް ކަނޑައަޅައި، ބޯޑުން ދޭ ރަސްމީ ހުއްދައަށެވެ.

 

_________________ 

ޖަދުވަލު 1

(23 ވަނަ މާއްދާއާގުޅޭ)

ޒޯނަށް ލިބޭ އިނާޔަތްތައް

(ހ) ޑިވެލޮޕަރަށް ޔަގީން ކަމާއެކު ލިބޭނެ އިނާޔަތްތައް

(މި އިނާޔަތްތައް ހާއްސަ ވެގެންވަނީ ޒޯނުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށާއި އަދި ޒޯނުގައި ގާއިމުކުރާ އެހެނިހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.)

  1. ޒޯނެއް ހިންގުމަށްޓަކައި ނުވަތަ ތަރައްގީކުރުމަށްޓަކައި ނުވަތަ އޮޕަރޭޓްކުރުމަށްޓަކައި ނުވަތަ ބެލެހެއްޓުމަށްޓަކައި ނުވަތަ ކުރިއެރުވުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާވުން؛
  2. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން އިސްތިސްނާވުން؛
  3. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރަށް އިސްތިސްނާވުން؛
  4. ކޮންމެ ށެއަރހޯލްޑަރަކަށް ލިބޭ ޑިވިޑަންޑްސްއިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން އިސްތިސްނާވުން؛
  5. ކަނޑައެޅޭ ވަކި އުސޫލަކުން ޓެކްސް ރިލީފް ދިނުން؛
  6. ކަނޑައެޅޭ ވަކި އުސޫލަކުން ޓެކްސް ކްރެޑިޓް ދިނުން؛
  7. ވިތްހޯލްޑިންގ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް ދައްކަން ނުޖެހުން؛ އަދި
  8. ބިދޭސީން ވަޒީފާއަށް ގެނައުމުގައާއި ގެންގުޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.
     

(ށ) ބޯޑުގެ މަށްވަރާގެ މަތިން ނެގޯށިއޭޓް ކުރެވިގެން ޑިވެލޮޕަރަށް އިތުރަށް ދެވިދާނެ އިނާޔަތްތައް

(މި އިނާޔަތްތައް ހާއްސަ ވެގެންވަނީ ޒޯނުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށާއި އަދި ޒޯނުގައި ގާއިމުކުރާ އެހެނިހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.)

  1. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރަށްވުރެ ދިގު މުއްދަތަށް އިސްތިސްނާވުން؛
  2. ވިތްހޯލްޑިންގ ޓެކްސް 10 އަހަރަށްވުރެ ދިގު މުއްދަތަށް އިސްތިސްނާކުރުން؛
  3. ބިދޭސީ ކުންފުނިތަކަށް ބިން 66 އަހަރަށް ކުއްޔަށް ދޫކުރުން؛ އަދި ފުރަތަމަ އެގްރިމަންޓާއެކު ސޮއިކުރާ އެހެން އެގްރިމަންޓެއްގެ ދަށުން، އިތުރު 33 އަހަރަށް މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު އޮތުން؛
  4. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކުގެ ތެރެއިން ބިދޭސީ ކުންފުންޏަކަށްނުވާ ކޮންމެ ކުންފުންޏަކަށްމެ ބިން މިލްކުކުރުމުގެ ފުރުސަތު އޮތުން؛ އަދި
  5. ބިން ގަތުމުގައި ނުވަތަ އަމިއްލަކުރުމުގައި އެއްވެސް ޓެކުހެއް ދައްކަން ނުޖެހުން.

 

(ނ)   ޒޯނުގައި ހިންގޭ އެހެނިހެން ވިޔަފާރީގެ މަށްރޫއުތަކަށް އަދި ހިދުމަތްތަކަށް އަދި މިފަދަ މަސައްކަތްތައް ކުރާ އިންވެސްޓަރުންނަށް ޔަގީންކަމާއެކު ލިބޭނެ އިނާޔަތްތައް

ވިޔަފާރީގެ ދާއިރާ

ހޮޓެލް އެންޑް ޓޫރިޒަމް އަދި ކޮމާރށަލް ރިއަލް އެސްޓޭޓް

     ލިބޭނެ އިނާޔަތް

  1. ދާއިރާގެ މަށްރޫއުތައް ތަރައްގީކުރުމަށްޓަކައި އެތެރެކުރާ  ކެޕިޓަލް ގުޑްސް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާވުން؛
  2. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ 2 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  3. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 2 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  4. ވިތްހޯލްޑިންގ ޓެކްސް ފުރަތަމަ 2 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  5. ކޮންމެ ށެއަރހޯލްޑަރަކަށް ލިބޭ ޑިވިޑަންޑްސްއިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ 2 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛ އަދި
  6. ބިދޭސީން ވަޒީފާއަށް ގެނައުމުގައާއި ގެންގުޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.

ބޯޑުން ޕާރމިޓް ދޫކުރެވޭ ޒޯނަކީ ސަރަހައްދީ ތަރައްގީއަށް މަގުފަހިވާކަމަށް ބޯޑުން ކަނޑައަޅައިފިނަމަ، އެ ޒޯނުގައިވާ ހޮޓެލް އެންޑް ޓޫރިޒަމްގެ ދާއިރާގެ މަށްރޫއުތަކަށް، މަތީގައި ދެންނެވިފައިވާ އިނާޔަތްތަކުގެ އިތުރުން، މި ޖަދުވަލުގެ (ރ) ގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، އިތުރަށް އިނާޔަތް ދިނުމުގެ އިހްތިޔާރު ބޯޑުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

ވިޔަފާރީގެ ދާއިރާ - މެނުފެކްޗަރިންގ، ލޮޖިސްޓިކްސް، ދަތުރުފަތުރު، ޕޯޓް ބިނާކޮށް ހިންގުމާއި މުއާސަލާތީ ހިދުމަތްތައް

ލިބޭނެ އިނާޔަތް

  1. ދާއިރާގެ މަށްރޫއުތައް ހިންގުމަށްޓަކައި ނުވަތަ ތަރައްގީކުރުމަށްޓަކައި ނުވަތަ އޮޕަރޭޓްކުރުމަށްޓަކައި ނުވަތަ ބެލެހެއްޓުމަށްޓަކައި ނުވަތަ ކުރިއެރުވުމަށްޓަކައި އެތެރެކުރާ މުދަލަށް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާވުން؛
  2. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ 20 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  3. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް މައާފުވެގެންވުން؛
  4. ވިތްހޯލްޑިންގ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  5. ކޮންމެ ށެއަރހޯލްޑަރަކަށް ލިބޭ ޑިވިޑަންޑްސްއިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ 15 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛ އަދި
  6. ބިދޭސީން ވަޒީފާއަށް ގެނައުމުގައާއި ގެންގުޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.
 

ވިޔަފާރީގެ ދާއިރާ - ތައުލީމު، ސިއްހަތު، ގެދޮރު

ލިބޭނެ އިނާޔަތް

  1. ދާއިރާގެ މަށްރޫއުތައް ތަރައްގީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާވުން؛
  2. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  3. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  4. ވިތްހޯލްޑިންގ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  5. ކޮންމެ ށެއަރހޯލްޑަރަކަށް ލިބޭ ޑިވިޑަންޑްސްއިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛ އަދި
  6. ބިދޭސީން ވަޒީފާއަށް ގެނައުމުގައާއި ގެންގުޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.
     

ވިޔަފާރީގެ ދާއިރާ -  ކުޅިވަރު

ލިބޭނެ އިނާޔަތް

  1. ދާއިރާގެ މަށްރޫއުތައް ތަރައްގީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާވުން؛
  2. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ 5 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  3. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 5 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  4. ވިތްހޯލްޑިންގ ޓެކްސް ފުރަތަމަ 5 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  5. ކޮންމެ ށެއަރހޯލްޑަރަކަށް ލިބޭ ޑިވިޑަންޑްސްއިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ 5 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛ އަދި
  6. ބިދޭސީން ވަޒީފާއަށް ގެނައުމުގައާއި ގެންގުޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.

 

ވިޔަފާރީގެ ދާއިރާ -  ފައިނޭންށަލް ސަރވިސަސް

 ލިބޭނެ އިނާޔަތް

  1. ދާއިރާގެ މަށްރޫއުތައް ތަރައްގީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާވުން؛
  2. ބޭންކް ޕްރޮފިޓް ޓެކްސް ދެއްކުން ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  3. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  4. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  5. ވިތްހޯލްޑިންގ ޓެކްސް ފުރަތަމަ 5 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  6. ކޮންމެ ށެއަރހޯލްޑަރަކަށް ލިބޭ ޑިވިޑަންޑްސްއިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ 5 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛ އަދި
  7. ބިދޭސީން ވަޒީފާއަށް ގެނައުމުގައާއި ގެންގުޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.

 

ވިޔަފާރީގެ ދާއިރާ - އެއަރޕޯޓް ބިނާކޮށް ހިންގުން

ލިބޭނެ އިނާޔަތް

  1. ދާއިރާގެ މަށްރޫއުތައް ހިންގުމަށްޓަކައި ނުވަތަ ތަރައްގީކުރުމަށްޓަކައި ނުވަތަ އޮޕަރޭޓްކުރުމަށްޓަކައި ނުވަތަ ބެލެހެއްޓުމަށްޓަކައި ނުވަތަ ކުރިއެރުވުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސް ފުރަތަމަ 5 އަހަރަށް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާވުން؛
  2. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  3. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  4. ވިތްހޯލްޑިންގ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  5. ކޮންމެ ށެއަރހޯލްޑަރަކަށް ލިބޭ ޑިވިޑަންޑްސްއިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛ އަދި
  6. ބިދޭސީން ވަޒީފާއަށް ގެނައުމުގައާއި ގެންގުޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.

 

ވިޔަފާރީގެ ދާއިރާ - ރިސަރޗް އެންޑް ޑިވެލޮޕްމަންޓް

ލިބޭނެ އިނާޔަތް

  1. ދާއިރާގެ މަށްރޫއުތައް ތަރައްގީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސް އިމްޕޯޓް ޑިއުޓީ ދެއްކުން މައާފުވެގެންވުން؛
  2. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  3. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  4. ވިތްހޯލްޑިންގ ޓެކްސް ފުރަތަމަ 10 އަހަރުގެ މުއްދަތަށް  އިސްތިސްނާވުން؛
  5. ކޮންމެ ށެއަރހޯލްޑަރަކަށް ލިބޭ ޑިވިޑަންޑްސްއިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ 10 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛ އަދި
  6. ބިދޭސީން ވަޒީފާއަށް ގެނައުމުގައާއި ގެންގުޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.

 

ވިޔަފާރީގެ ދާއިރާ - އެހެނިހެން ވިޔަފާރީގެ ހިދުމަތްތައް

ލިބޭނެ އިނާޔަތް

  1. ދާއިރާގެ މަށްރޫއުތައް ތަރައްގީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާވުން؛
  2. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ 5 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  3. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 5 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛
  4. ވިތްހޯލްޑިންގ ޓެކްސް ފުރަތަމަ 5 އަހަރުގެ މުއްދަތަށް  އިސްތިސްނާވުން؛
  5. ކޮންމެ ށެއަރހޯލްޑަރަކަށް ލިބޭ ޑިވިޑަންޑްސްއިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ 5 އަހަރުގެ މުއްދަތަށް އިސްތިސްނާވުން؛ އަދި
  6. ބިދޭސީން ވަޒީފާއަށް ގެނައުމުގައާއި ގެންގުޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.
 

(ރ)  މަތީގައިވާ  ތާވަލުގައިވާ އިނާޔަތްތަކުގެ އިތުރުން ޑިވެލޮޕަރު ހުށަހަޅާ ހުށަހެޅުމަށް ބަލައި، މި ޖަދުވަލުގެ (ނ) ގައި ބަޔާންވެގެންވާ ދާއިރާތަކަށް ދެވޭނެ އިނާޔަތްކަމަށް ބަޔާންކޮށްފައިވާ އިނާޔަތްތަކުގެ އިތުރަށް، ތިރީގައި ބަޔާންކޮށްފައިއެވާ އިތުރު އިނާޔަތްތަކުގެ ތެރެއިން އިނާޔަތެއް، ނުވަތަ އިނާޔަތްތަކެއް ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

  1. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް އިތުރު މުއްދަތަކަށް އިސްތިސްނާވުން.
  2. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް އިތުރު މުއްދަތަކަށް އިސްތިސްނާކުރުން.
  3. ވިތްހޯލްޑިންގ ޓެކްސް އިތުރު މުއްދަތަކަށް އިސްތިސްނާކުރުން.
  4. ބިދޭސީ ކުންފުނިތަކަށް ބިން 66 އަހަރަށް ކުއްޔަށް ލިބޭނެގޮތްވުން. އަދި ފުރަތަމަ އެގްރިމަންޓާއެކު ސޮއިކުރާ އެގްރިމަންޓެއްގެ ދަށުން، އިތުރު 33 އަހަރަށް މުއްދަތު އިތުރުކުރުމުގެ އިހްތިޔާރުއޮތުން.
  5. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކުގެ ތެރެއިން 51 އިންސައްތަ ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށާއި ދިވެހި ރައްޔިތުންނަށް ބިން މިލްކު ކުރުމުގެ ފުރުސަތު އޮތުން.
  6. ބިންގަތުމުގައި އެއްވެސް ޓެކުހެއް ދައްކަން ނުޖެހުން.
  7. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް އިތުރު މުއްދަތަށް ދައްކަން ނުޖެހުން.
  8. ކަނޑައެޅޭ ވަކި އުސޫލަކުން ޓެކްސް ކްރެޑިޓް ދިނުން.
  9. ކަނޑައެޅޭ ވަކި އުސޫލަކުން ޓެކްސް ރިލީފް ދިނުން.
  10. ޓޫރިޒަމް ގާނޫނުގެ ދަށުން، ޓޫރިސްޓް ރިޒޯޓުތަކުން ދައްކަންޖެހޭ ބިމު ކުލި.

(ބ) ޑިވެލޮޕަރު އަދި ޒޯނުގައި އިންވެސްޓްކުރާ ހުރިހާ ފަރާތަކަށް ލިބޭނެ އެހެނިހެން އިނާޔަތްތައް

  1. އެހެން އެއްވެސް ފަރާތެއްގެ ހުއްދައެއް ހޯދުމަކާ ނުލައި، ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގެ ފުރުސަތު ޑިވެލޮޕަރަށް ނުވަތަ އެ ޒޯނުގައި އިންވެސްޓްކޮށްފައިވާ ފަރާތަށް އޮތުން؛ އަދި
  2. ޒޯނެއްގެ ތެރޭގައި ކުރުމަށް ހުއްދަކުރެވޭ ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ފެންވަރުގައި އެކި އިދާރާތަކުން އާންމު އުސޫލުން ހޯދަންޖެހޭ ހުއްދަތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެގޮތްވުން.

 

_________________

ޖަދުވަލު 2

(50 ވަނަ މާއްދާއާގުޅޭ)

 

ކޮރަޕްށަނާ ދެކޮޅު މާއްދާ

(ހ) މި އެގްރިމަންޓްގައި ސޮއިކުރުމަށް، ނުވަތަ މި އެގްރިމަންޓް ހޯދުމަށް، ނުވަތަ މި އެގްރިމަންޓް މިގޮތަށް ކުރުމަށް ދެވޭ ހިތްވަރެއްގެ ގޮތުގައި، ނުވަތަ އެގްރިމަންޓްގައި ސޮއިކުރިކަމަށްޓަކައި ނުވަތަ މި އެގްރިމަންޓް  ހޯދައިދިންކަމަށްޓަކައި، ނުވަތަ
މި އެގްރިމަންޓް މިގޮތަށް ކުރުމަށްޓަކައި، އޭގެ މުގާބިލުގައި، ކޮރަޕްށަނާގުޅޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކޮރަޕްށަންގެ ކުށެއް ނުވަތަ ކޮރަޕްށަންގެ އަމަލެއް މި އެގްރިމަންޓްގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހިންގާފައެއް ނުވާނެއެވެ.

(ށ) މި އެގްރިމަންޓްގައި ސޮއިކުރީ، ނުވަތަ މި އެގްރިމަންޓް ލިބިގަތީ، ނުވަތަ މި އެގްރިމަންޓް ކުރުމަށް މެދުވެރިކުރުވީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްށަންގެ ކުށެއް ނުވަތަ ކޮރަޕްށަންގެ އަމަލެއް ހިންގައިގެން، ނުވަތަ އެފަދަ ކުށެއް ނުވަތަ އަމަލެއް މެދުވެރިކޮށް، ނުވަތަ އެފަދަ ކުށެއް ނުވަތަ އަމަލެއްގެ ނަތީޖާގެ ސަބަބުން ކަމުގައިވާނަމަ، އެކަމެއް އެއީ،
މި އެގްރިމަންޓް، އެ ސަބަބަށްޓަކައި، ފެށުނީއްސުރެ ނިޔަލަށް ގައިރު ގާނޫނީ އެއްބަސްވުމެއް ކަމުގައި، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކަނޑައަޅައި، އަދި އެ ކަނޑައެޅުމުގެ މައްޗަށް ބިނާކޮށް، މި އެގްރިމަންޓަކީ، ބާތިލު އެއްބަސްވުމެއް ކަމުގައި އެ ކޯޓަށް ކަނޑައެޅިދާނެކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، މި އެގްރިމަންޓް ބާތިލުކުރެވިއްޖެ ހިނދެއްގައި، މި އެގްރިމަންޓްގައި  ހިމެނޭ އެއްވެސް ފަރާތަކަށް ދިމާވާ ނުވަތަ ކުރިމަތިވާ ނުވަތަ ލިބޭ ގެއްލުމަކަށް، އެއްވެސް ބަދަލެއް ދިނުން، މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މައްޗަށް ނުވަތަ ދިވެހި ދައުލަތުގެ މައްޗަށް ނުވަތަ ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމެއް ނުކުރެވޭނެއެވެ. 

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު:

  1. ސްޕެށަލް އިކޮނޮމިކް ޒޯންގައި ހިންގޭ އޮފްށޯ ބޭންކް-ނޫން މާލީ ވިޔަފާރިތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 9/2016)
  2. ސްޕެށަލް އިކޮނޮމިކް ޒޯންގައި ހިންގޭ އޮފްށޯ ބޭންކްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 146/2015)
  3. ބޯޑް އޮފް އިންވެސްޓްމަންޓްސްގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރ 117/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު