-

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު

(ގާނޫނު ނަންބަރު 2014-19)

 

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމާއި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނު ނުހިނގާނެ ފަރާތްތައް

އަންނަނިވި ފަރާތްތަކުގެ މައްޗަކަށް މި ގާނޫނެއް ނުހިނގާނެއެވެ.

(ހ) ދައުލަތުގެ މުއައްސަސާތައް؛

(ށ) ގާނޫނަކުން އުފައްދާ އިދާރާ؛

(ނ) ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން އުފައްދާ ކުންފުނި؛

(ރ) ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އުފައްދާ ޕާޓްނަރށިޕް؛

(ބ) ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން އުފައްދާ ޖަމްއިއްޔާ؛

(ޅ) ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން އުފައްދާ ކޯޕަރޭޓިވް ސޮސައިޓީ.

 

3 ވަނަ މާއްދާ - އަމިއްލަ ވިޔަފާރި އަދި ވިޔަފާރީގެ މަސްއޫލުވެރިޔާ

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި "އަމިއްލަ ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގަން އެދޭ އަމިއްލަ ފަރުދަކު، މި ގާނޫނުގައިވާ ގޮތުގެމަތިން، ވަކި ނަމެއްގައި ރަޖިސްޓަރީކޮށް، ހިންގާ ވިޔަފާރިއަށެވެ.

(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި "އަމިއްލަ ވިޔަފާރީގެ މަސްއޫލުވެރިޔާ" ނުވަތަ "ވިޔަފާރީގެ މަސްއޫލުވެރިޔާ" ކަމަށް ބުނެފައިއެވަނީ، އެ މީހެއްގެ ނަންމަތީގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރެވޭ މީހާއަށެވެ.

 

4 ވަނަ މާއްދާ - އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރުމުގެ ނަތީޖާ

އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރުމުގެ ނަތީޖާއަކީ، އެ ވިޔަފާރިއާއި އެ ވިޔަފާރީގެ މަސްއޫލުވެރިޔާއާ ވަކިނުކުރެވުމެވެ. މާނައަކީ:

(ހ) އެ ވިޔަފާރީގެ ރައުސްމާލަކީ، ހަމައެކަނި ވިޔަފާރީގެ މަސްއޫލުވެރިޔާ އުފައްދާ އެއްޗަކަށްވުން؛ އަދި

(ށ) އެ ވިޔަފާރީގެ އެންމެހައި މިލްކިއްޔާތެއްގެ މިލްކުވެރިއަކީ، އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ކަމުގައިވުން؛ އަދި

(ނ) އެ ވިޔަފާރިން އުފައްދާ ފައިދާއަކީ، އެ ވިޔަފާރީގެ މަސްއޫލުވެރިޔާގެ އެއްޗަކަށްވުން؛ އަދި

(ރ) އެ ވިޔަފާރިންވާ ގެއްލުމަކީ، އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ތަހައްމަލު ކުރަންޖެހޭ އެއްޗަކަށްވުން؛ އަދި

(ބ) އެ ވިޔަފާރީގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތަކީ، އެ ވިޔަފާރީގެ މަސްއޫލުވެރިޔާކަމަށްވުން؛ އަދި

(ޅ) އެ ވިޔަފާރިން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާއި އެންމެހައި ކަންކަމަށް، އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ޒިންމާވުން.

 

ދެވަނަ ބާބު

ރަޖިސްޓަރީކުރުން

5 ވަނަ މާއްދާ – ރަޖިސްޓްރާރ

މި ގާނޫނުގައި ރަޖިސްޓްރާރ ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ގާނޫނުގައި ބަޔާންކުރާ "ރަޖިސްޓްރާރ އޮފް ބިޒްނަސަސް" އަށެވެ. ރަޖިސްޓްރާރ އޮފް ބިޒްނަސަސްގެ ބާރުތަކާއި އިހްތިޔާރުތައް ކަމަށް އެ ގާނޫނުގައި ބަޔާންކުރާ ބާރުތަކާއި އިހްތިޔާރުތައް، މި ގާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމުގައިވެސް އޭނާއަށް ލިބިދެއެވެ.

 

6 ވަނަ މާއްދާ - އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގަން އެދޭ ފަރާތަކީ، ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދައިގެން ވިޔަފާރި ހިންގަން އެދޭ ފަރާތެއް ކަމުގައި ނުވާނަމަ، އެފަރާތަކުން ކުރަން ބޭނުންވާ ވިޔަފާރިއެއް ފެށުމުގެ ކުރިން، މި ގާނޫނުގެ ދަށުން އެފަރާތުގެ ނަމުގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރުމަށްޓަކައި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން، އެކަކުގެ ނަމުގައި ރަޖިސްޓަރީކޮށްދެވޭނީ، އެއް އަމިއްލަ ވިޔަފާރިއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތް ނަމަވެސް، މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރާ މީހަކަށް، ކުންފުންޏެއްގެ ހިއްސާދާރަކަށްވުމަށް ނުވަތަ ޕާޓްނަރށިޕެއްގެ ޕާޓްނަރަކަށްވުމަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ މެންބަރަކަށްވުމަށް ކަމާބެހޭ ގާނޫނުތަކުގެ ދަށުން ލިބިދޭ އިހްތިޔާރު، މި ގާނޫނުން ހަންޏެއްނުކުރެއެވެ.

 

7 ވަނަ މާއްދާ - ރަޖިސްޓަރީކުރަން އެދި ހުށަހެޅުން

(ހ) މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ދޫކުރާ ކަމާބެހޭ ފޯމު މެދުވެރިކޮށް، ރަޖިސްޓްރާރަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން؛
  2. ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ އެޑްރެސް؛
  3. ވިޔަފާރީގެ މަސްއޫލުވެރިޔާގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓީ ކާޑު ނަންބަރު؛
  4. ހިންގަން ގަސްދުކުރާ ވިޔަފާރީގެ ބާވަތާއި ދާއިރާ؛
  5. ވިޔަފާރި މައިގަނޑު ގޮތެއްގައި ހިންގާނެ ތަން؛
  6. ވިޔަފާރި ހިންގަނީ އެއް ތަނަށްވުރެ ގިނަ ތަނުގައި ކަމަށްވާނަމަ، އެ ހުރިހާ ތަނެއްގެ މައުލޫމާތު؛
  7. ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް ވިޔަފާރީގެ މަސްއޫލުވެރިޔާ އެހެން މީހަކު ހަމަޖައްސާނަމަ، އެ މީހެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓީ ކާޑު ނަންބަރު؛
  8. ވިޔަފާރި ފަށަން ގަސްދުކުރާ ތާރީހް؛
  9. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ރަޖިސްޓްރާރ ކަނޑައަޅާ އިތުރު މައުލޫމާތު.

 

8 ވަނަ މާއްދާ – ރަޖިސްޓަރީކޮށްދިނުން

(ހ) އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރުމަށް އެދި މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ރަޖިސްޓްރާރަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާ ގުޅޭގޮތުން ރަޖިސްޓްރާރ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ހުށަހެޅުމެއްގައި މި ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެ ވިޔަފާރިއެއް ރަޖިސްޓަރީކޮށް، މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމަނަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްދެވޭނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެއްވެސް މީހަކަށް އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްދީފިނަމަ، އެ ވިޔަފާރި ރަޖިސްޓަރީކުރިކަމުގެ ސެޓްފިކެޓެއް، އެ ވިޔަފާރީގެ މަސްއޫލުވެރިޔާއަށް ރަޖިސްޓްރާރ ދޫކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - އެހެން ގާނޫނަކުން ލާޒިމު ކަންކަން ފުރިހަމަވެފައިވާކަމަށް ނުބެލުން

މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްދިނުމަކީ، ނުވަތަ ވިޔަފާރިއެއްގެ ރަޖިސްޓަރީ އާކޮށްދިނުމަކީ، އެ ވިޔަފާރިއާ ގުޅޭގޮތުން އެހެން ގާނޫނެއްގެ ދަށުން އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ނުވަތަ އޭނާގެ މުވައްޒަފެއް ކުރުން ލާޒިމު ކަންކަން ފުރިހަމަވެފައިވާކަމަށް ބެލެވޭނެ ސަބަބެއްނޫނެވެ. މާނައަކީ، އެ ވިޔަފާރީގެ މައްޗަށް އެހެން ގާނޫނެއް ހިނގާނަމަ، އެ ގާނޫނެއްގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިވާކަމަށް މި ގާނޫނުގެ ދަށުން ނުބެލެވުމެވެ.

 

10 ވަނަ މާއްދާ - ރަޖިސްޓަރީކޮށްނުދިނުމުގެ އިހްތިޔާރު

(ހ) އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެދާނެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްނުދިނުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

  1. އެ ވިޔަފާރިއަކީ، ގާނޫނާ ހިލާފު އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ބޭނުންކޮށްފާނެ ވިޔަފާރިއެއް ކަމުގައިވުން؛
  2. އެ ވިޔަފާރީގެ ސަބަބުން، އާންމު މަސްލަހަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްނުދިނުމަށް ރަޖިސްޓްރާރ ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބު، އެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅި މީހާއަށް ރަޖިސްޓްރާރ އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓަރީ އާކުރުން

(ހ) މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްދީފައިވާ މުއްދަތު ހަމަވުމަށްފަހުގައިވެސް އެ ވިޔަފާރި ކުރިއަށް ގެންދަން ބޭނުން ކަމަށްވާނަމަ، އެ މުއްދަތު ހަމަވުމުގެ 90 (ނުވަދިހަ) ދުވަސް ކުރިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ވިޔަފާރީގެ ރަޖިސްޓަރީ އާކުރަން ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓަރީ އާކުރުމަށް ހުށަހަޅައިފިނަމަ، އެ ވިޔަފާރިއެއްގެ ރަޖިސްޓަރީ، އިތުރު 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް، ނުވަތަ ރަޖިސްޓަރީ އާކުރަން އެދޭ ފަރާތުން އެއަށްވުރެ ކުރު މުއްދަތަކަށް ރަޖިސްޓަރީ އާކުރަން އެދޭނަމަ، އެ މުއްދަތަކަށް، އެފަރާތުގެ ރަޖިސްޓަރީ ރަޖިސްޓްރާރ އާކޮށްދޭންވާނެއެވެ.

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީ އާކުރުމަށް އެދޭ އަމިއްލަ ވިޔަފާރިތަކުގެ ރަޖިސްޓަރީ، އެ ވިޔަފާރިއަކަށް އޭރު ދޫކޮށްފައި އޮތް ރަޖިސްޓަރީގެ މުއްދަތު ހަމަވުމުގެ ކުރިން، ރަޖިސްޓްރާރ އާކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓަރީ އާކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން

(ހ) އަންނަނިވި ހާލަތުތަކުންކުރެ ހާލަތެއްގައި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

  1. އެ ވިޔަފާރި، ގާނޫނާ ހިލާފު އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް ބޭނުންކުރާކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ރަޖިސްޓްރާރަށް ގަބޫލުކުރެވުން؛
  2. އެ ވިޔަފާރިއަކީ، އާންމު މަސްލަހަތަށް ނުރައްކަލެއް ކުރިމަތިކުރުވުމުގެ ބޭނުމުގައި ހިންގާ ވިޔަފާރިއެއް ކަމުގައި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ރަޖިސްޓްރާރަށް ގަބޫލުކުރެވުން.

(ށ) އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓަރީ މި މާއްދާގެ (ހ) ގެ ދަށުން ބާތިލުކުރުމަށް ރަޖިސްޓްރާރ ނިންމައިފިނަމަ، އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާއަށް އެކަން އަންގަންވާނެއެވެ. އަދި އެ ވިޔަފާރިއެއްގެ ރަޖިސްޓަރީ ބާތިލުކޮށް، އެ ވިޔަފާރިއެއް، މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުން އުނިކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ރަޖިސްޓަރީ ބާތިލުކުރެވޭ އަމިއްލަ ވިޔަފާރީގެ މައުލޫމާތު ރަޖިސްޓްރާރ އާންމުކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ވިޔަފާރި ހިންގުން

13 ވަނަ މާއްދާ - ވިޔަފާރި ވުޖޫދަށްއައުން

އަމިއްލަ ވިޔަފާރިއެއް ވުޖޫދަށްއައި ތާރީހުކަމުގައި ބަލާނީ، މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އެ ވިޔަފާރި ރަޖިސްޓަރީކުރިކަމުގެ ސެޓްފިކެޓް ރަޖިސްޓްރާރ ދޫކުރާ ތާރީހުކަމަށް އެ ލިޔުމުގައި ބަޔާންކުރާ ތާރީހަށެވެ.

 

14 ވަނަ މާއްދާ - ސެޓްފިކެޓް ލިބުމަށްފަހު މެނުވީ ވިޔަފާރިނުކުރުން

މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ ދޫކުރާ ރަޖިސްޓަރީކުރިކަމުގެ ސެޓްފިކެޓް ލިބުމަށް ފަހުގައި މެނުވީ، އެއްވެސް މީހަކު އަމިއްލަ ވިޔަފާރިއެއް ހިންގައިގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ - ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލާ ފަރާތެއް އައްޔަންކުރުން

(ހ) އަމިއްލަ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާގެ ދިރިއުޅުން އާންމުކޮށް ދިވެހިރާއްޖޭގައި ގާއިމުވެފައި ނުވާނަމަ، އެ ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް ވިޔަފާރީގެ މަސްއޫލުވެރިޔާއަށް އެހެން ފަރާތެއް އައްޔަންކުރެވިދާނެއެވެ.

(ށ) އަމިއްލަ ވިޔަފާރިއެއްގެ މަސްއޫލުވެރިޔަކު އެ ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް މީހަކު އައްޔަންކުރަނީ، އެ ވިޔަފާރި ރަޖިސްޓަރީކުރުމަށްފަހު ކަމަށްވާނަމަ، އެފަދައިން މީހަކު އައްޔަންކުރާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ރަޖިސްޓްރާރަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ވިޔަފާރިއެއް ހިންގުމުގެ ޒިންމާ އުފުލުމަށް އެ ވިޔަފާރީގެ މަސްއޫލުވެރިޔާ މީހަކު އައްޔަންކުރި ނަމަވެސް، އެ ވިޔަފާރިއަކުން ކުރާ މުއާމަލާތްތަކަށާއި، އެ ވިޔަފާރީގެ ދަރަނިތަކަށާއި، އެނޫންވެސް އެ ވިޔަފާރީގެ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ބަރީއައެއް ނުވާނެއެވެ.

 

16 ވަނަ މާއްދާ - އަމިއްލަ ވިޔަފާރީގެ ސިއްކަ

(ހ) އަމިއްލަ ވިޔަފާރިއެއްގައި ވަކި ސިއްކައެއް ބޭނުންކުރަން އެދޭނަމަ، އެ ސިއްކަ ރަޖިސްޓަރީކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށްފަހުގައި މެނުވީ، ވިޔަފާރިއެއްގައި ސިއްކައެއް ބޭނުންކޮށްގެން ނުވާނެއެވެ.

 

ހަތަރުވަނަ ބާބު

ވިޔަފާރި ނަން

17 ވަނަ މާއްދާ - ވިޔަފާރި ނަން ބޭނުންކުރުން

އެއްވެސް އަމިއްލަ ވިޔަފާރިއަކުން، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދޭ ނަން ފިޔަވައި އެހެން ނަމެއްގައި ވިޔަފާރި ހިންގައިގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ - ރަޖިސްޓަރީކޮށްނުދެވޭނެ ނަން

މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތަކުން ހިންގާ ވިޔަފާރީގެ ނަން ކަމުގައި މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ނަމަކީ، ރަޖިސްޓަރީކޮށްނުދެވޭނެ ނަމެއްކަމަށް ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ގާނޫނުގައި ބަޔާންކުރާފަދަ ނަމެއްނަމަ، އެ ނަން ރަޖިސްޓަރީކޮށްނުދިނުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. ނުވަތަ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ވިޔަފާރި ނަން ބަދަލުކުރުމަށް އެދެނީ، ރަޖިސްޓަރީކޮށްނުދެވޭނެ ނަމެއްކަމަށް ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ގާނޫނުގައި ބަޔާންކުރާފަދަ ނަމެއްނަމަ، އެ ވިޔަފާރީގެ ވިޔަފާރި ނަން ބަދަލުކޮށްނުދިނުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ނަން ބަދަލުކުރަން ހުށަހެޅުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ނަމެއް، ބަދަލުކޮށްދިނުމަށް އެދި އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާއަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ރަޖިސްޓްރާރ އަމަލުކުރުމުގައި، މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.

 

20 ވަނަ މާއްދާ - ނަން ބަދަލުކުރުމަށް އެންގުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ނަމަކީ، ނުވަތަ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ވިޔަފާރިއެއްގެ ވިޔަފާރި ނަން ކަމުގައި މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ނަމަކީ، ރަޖިސްޓަރީކޮށްނުދެވޭނެ ނަމެއްކަމަށް ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ގާނޫނުގައި ބަޔާންކުރާފަދަ ނަމެއްނަމަ، އެ ނަމެއް ބަދަލުކުރުމަށް އެ ވިޔަފާރީގެ މަސްއޫލުވެރިޔާއަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވިޔަފާރިއެއްގެ ނަން ބަދަލުކުރުމަށް އެ ވިޔަފާރީގެ މަސްއޫލުވެރިޔާއަށް ރަޖިސްޓްރާރ އަންގައިފިނަމަ، އެފަދައިން އަންގާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ ނަމެއް ބަދަލުކުރަންވާނެއެވެ.

(ނ) އަމިއްލަ ވިޔަފާރިއެއްގެ ނަން ބަދަލުކުރުމަށް މި މާއްދާގެ (ހ) ގެ ދަށުން އެ ވިޔަފާރީގެ މަސްއޫލުވެރިޔާއަށް ރަޖިސްޓްރާރ އަންގައިފިނަމަ، އަދި މި މާއްދާގެ (ށ) ގެ ދަށުން ނަން ބަދަލުކުރުމަށްދޭ މުއްދަތުގައި އެފަރާތުން ރަޖިސްޓްރާރގެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެފަރާތަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ނަން ރިޒަރވްކުރުން

އަމިއްލަ ވިޔަފާރީގައި ބޭނުންކުރާ ނަން ރިޒަރވްކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ރަޖިސްޓްރާރ ކަނޑައަޅަންވާނެއެވެ.

 

ފަސްވަނަ ބާބު

ވިޔަފާރި ހުއްޓާލުން

22 ވަނަ މާއްދާ - ވިޔަފާރިކުރުން ހުއްޓާލުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ވިޔަފާރިއެއް، އެއްވެސް ސަބަބަކާހުރެ ހުއްޓާލައިފިނަމަ، އެ ވިޔަފާރިއެއް ހުއްޓާލާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާ އެކަން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ވިޔަފާރިއެއް ހުއްޓާލަން ގަސްދުކުރާކަން އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާ ދުރާލާ ރަޖިސްޓްރާރަށް އެންގުމަކަށް ހުރަހެއްނާޅައެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ވިޔަފާރި ހުއްޓާލަން ގަސްދުކުރާކަން އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ދުރާލާ ރަޖިސްޓްރާރަށް އަންގައިފިނަމަ، އެފަރާތުން ވިޔަފާރި ހުއްޓާލަން ގަސްދުކުރާ ތާރީހެއް، އެ ނޯޓިހުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ރަޖިސްޓްރާރަށް ނޯޓިހެއް ލިބިއްޖެނަމަ، އެ ވިޔަފާރިއެއްގެ ރަޖިސްޓަރީ ބާތިލުކޮށް، އެ ވިޔަފާރިއެއް، މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުން އުނިކުރަންވާނެއެވެ.

(ބ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ވިޔަފާރިއެއް ހުއްޓާލައިފިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ގަބޫލުކުރެވިއްޖެނަމަ، އެކަން ކަށަވަރުކުރުމަށް އެފަރާތަކަށް މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ނޯޓިހެއްދީ، އެ ނޯޓިހުގެ މުއްދަތުގެ ތެރޭގައި، އެކަން ވިޔަފާރިއެއްގެ މަސްއޫލުވެރިޔާ ދޮގުނުކޮށްފިނަމަ، އެ ވިޔަފާރީގެ ރަޖިސްޓަރީ ބާތިލުކޮށް، އެ ވިޔަފާރިއެއް، މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުން އުނިކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ ދަށުން ރަޖިސްޓަރީ ބާތިލުކުރެވޭ އަމިއްލަ ވިޔަފާރީގެ މައުލޫމާތު ރަޖިސްޓްރާރ އާންމުކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ރަޖިސްޓަރީއާއެކު ސެޓްފިކެޓް ބާތިލުވީކަމުގައި ބެލުން

އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓަރީ، މި ގާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން ރަޖިސްޓްރާރ ބާތިލުކޮށްފިނަމަ، އެފަރާތަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ސެޓްފިކެޓްވެސް ބާތިލުވީކަމުގައި ބެލޭނެއެވެ.

 

24 ވަނަ މާއްދާ - ވިޔަފާރި ނިމުމަކަށްއައުން

އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އަމިއްލަ ވިޔަފާރިއެއް ނިމުމަކަށްއައީ ކަމުގައި ބެލޭނެއެވެ.

(ހ) އެ ވިޔަފާރިއެއް ރަޖިސްޓަރީކޮށްދީފައިވާ މުއްދަތު ހަމަވުން؛

(ށ) އެ ވިޔަފާރީގެ ރަޖިސްޓަރީ ބާތިލުކުރުން؛

(ނ) އެ ވިޔަފާރީގެ މަސްއޫލުވެރިޔާ މަރުވުން.

 

25 ވަނަ މާއްދާ - ވިޔަފާރީގެ ނަން ދެމިއޮތުން

މި ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ވިޔަފާރީގެ މަސްއޫލުވެރިޔާ މަރުވެގެން އަމިއްލަ ވިޔަފާރި ނިމުމަކަށް އަންނަ ހާލަތުގައި، އެ ވިޔަފާރީގެ މަސްއޫލުވެރިޔާގެ މުދަލާމެދު ގޮތެއް ނިންމުމުގެ މައްސަލަ  ދިވެހިރާއްޖޭގެ ށަރުއީ ކޯޓުން ބަލައި ނިމެންދެން، އެ ވިޔަފާރީގެ ނަން އެހެން ފަރާތަކަށް ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ.

 

26 ވަނަ މާއްދާ - ވިޔަފާރި ނިމުމަކަށްއައި ނަމަވެސް ޒިންމާއިން ބަރީއަ ނުވުން

މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއްގައި އަމިއްލަ ވިޔަފާރިއެއް ނިމުމަކަށްއައި ކަމުގައި ވީނަމަވެސް، އެ ވިޔަފާރީގެ މުއްދަތުގައި، އެ ވިޔަފާރިއަކުން ކޮށްފައިވާ މުއާމަލާތްތަކަށާއި، އެ ވިޔަފާރީގެ މުއްދަތުގައި ވެފައިވާ ދަރަނިތަކަށާއި، އެހެން މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ބަރީއައެއް ނުވާނެއެވެ.

ހަވަނަ ބާބު

އާންމު މާއްދާތައް

27 ވަނަ މާއްދާ - ބަލައި ފާސްކުރުން

މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަކާ ނުލާ އެއްވެސް ފަރާތަކުން ވިޔަފާރިއެއް ހިންގާކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ވިޔަފާރިއެއް ހިންގާ ތަނެއް ބަލައި ފާސްކޮށް، އެ ވިޔަފާރިއެއް ހިންގާކަމަށް ބެލެވޭ ފަރާތުގެ މައުލޫމާތު ހޯދައި، އެފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

28 ވަނަ މާއްދާ - ގާނޫނާ ހިލާފުވުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ.

(ށ) މި ގާނޫނާ ހިލާފު އަމަލެއްކޮށްފި މީހަކު، އޭނާ ހިންގި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި، 1,000 (އެއްހާސް) ރުފިޔާއާއި 20,000 (ވިހިހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - އަމިއްލަ ވިޔަފާރީގެ ދަފްތަރު

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ އަމިއްލަ ފަރުދުންގެ ވިޔަފާރި  ދަފްތަރެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ ބަލަހައްޓަންވާނެއެވެ.

(ށ) ވަކި ވިޔަފާރިއެއްގެ ރަޖިސްޓަރީއާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަފްތަރުގައި ހިމަނާފައިވާ މައުލޫމާތެއްގައި ހިމެނޭ ކުށް، ރަޖިސްޓްރާރަށް އިސްލާހުކުރެވިދާނެއެވެ.

(ނ) ވިޔަފާރީގެ ދަފްތަރުގައި ހިމަނާފައިވާ މައުލޫމާތު އިސްލާހުކުރުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ރަޖިސްޓްރާރަށް ބަޔާންކުރެވިދާނެއެވެ.

 

30 ވަނަ މާއްދާ - ރަޖިސްޓަރީއާގުޅޭ މައުލޫމާތު އިސްލާހުކުރުން

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދޭ އަމިއްލަ ވިޔަފާރިއަކާ ގުޅޭގޮތުން ނުވަތަ އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާއާ ގުޅޭގޮތުން މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ އެއްވެސް މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް މެދުވެރިވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާ ރަޖިސްޓްރާރަށް އެކަން އަންގަންވާނެއެވެ.

 

31 ވަނަ މާއްދާ - ފީ ތާވަލު

މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްދިނުމާއި، އެފަދަ ވިޔަފާރީގެ ރަޖިސްޓަރީ އާކޮށްދިނުމާއި، ރަޖިސްޓަރީއާގުޅޭ މައުލޫމާތު އިސްލާހުކުރުމާއި، ވިޔަފާރި ނަން ފާސްކޮށްދިނުމާ ގުޅޭގޮތުން ދައްކަންޖެހޭ ފީގެ ތާވަލެއް، މި ގާނޫނުގެ ޖަދުވަލުގައި އެވަނީއެވެ.

 

32 ވަނަ މާއްދާ - މި ގާނޫނުގެ ޖަދުވަލަކީ، މި ގާނޫނުގެ ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ، އެ ޖަދުވަލާ އެކުގައެވެ.

 

33 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަސް ހަމަވުމުންނެވެ.

 

34 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހަދައި، މިނިސްޓްރީން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ހިނގަމުންދާ ވިޔަފާރިތައް އަލުން ރަޖިސްޓަރީކުރުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން ގާނޫނު ނަންބަރު 6/2008 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ ޖަދުވަލު 1 ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ "ރަޖިސްޓްރީތަކާބެހޭ ގޮތުން އަމަލުކުރެވޭ ގަވާއިދު 2008" ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރަންވާނެއެވެ.

 

36 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވާނީ، އެ ލަފްޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

 

(ހ) "މީހެއް" ނުވަތަ "ފަރުދެއް" ނުވަތަ "ފަރާތެއް" ކަމަށް ބުނެފައިއެވަނީ، ތަބީއީ ފަރުދަކަށެވެ.

(ށ) "ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ގާނޫނުގައި ވިޔަފާރީގެ މާނައިގެ ގޮތުގައި ބޭނުންކޮށްފައިވާ މާނައެވެ. މި ގާނޫނުގައި ބައެއް ހާލަތުތަކުގައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ "އަމިއްލަ ވިޔަފާރި" އަށް އިށާރާތްކުރުމުގައި "ވިޔަފާރި" މި ލަފްޒުވެސް ބޭނުންކޮށްފައިވާނެއެވެ. އެ ހާލަތުގައި އެ އިށާރާތްކުރަނީ އަމިއްލަ ވިޔަފާރިއަށެވެ. އެނޫން ހާލަތެއްގައިނަމަ، އެ އިށާރާތްކުރަނީ، މި ގާނޫނު އެމައްޗަށް ހިނގާ ވިޔަފާރިއަށެވެ.

(ނ) "އަމިއްލަ ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން، އަމިއްލަ ފަރުދަކު، ވަކި ނަމެއްގައި ރަޖިސްޓަރީކޮށް، ހިންގާ ވިޔަފާރިއަށެވެ.

(ރ) "އަމިއްލަ ވިޔަފާރީގެ މަސްއޫލުވެރިޔާ" ނުވަތަ "ވިޔަފާރީގެ މަސްއޫލުވެރިޔާ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން އެ މީހެއްގެ ނަންމަތީގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރެވޭ މީހާއަށެވެ.

(ބ) "ކުންފުނި" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކަށެވެ.

(ޅ) "ޕާޓްނަރށިޕް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ޕާޓްނަރށިޕްތަކަށެވެ.

(ކ) "ކޯޕަރޭޓިވް ސޮސައިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.

(އ) "ރަޖިސްޓްރާރ" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ގާނޫނުގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް ބިޒްނަސަސްއަށެވެ.

(ވ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(މ) "ދިރިއުޅުން އާންމުކޮށް ދިވެހިރާއްޖޭގައި ގާއިމުވެފައި ނުވުން" ކަމަށް ބުނެފައިއެވަނީ، އަހަރެއްގެ ތެރޭގައި، ޖުމްލަ 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހަށްވުރެ ކުރު މުއްދަތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅުމަށެވެ.

 

-------------------

 

ޖަދުވަލު

އަމިއްލަ ވިޔަފާރިއާގުޅޭ ހިދުމަތްތަކަށް ނެގޭ ފީގެ ތާވަލު

 

#

ހިދުމަތް

ފީގެ އަދަދު

1.      

އަމިއްލަ ވިޔަފާރިއެއް އަލަށް ރަޖިސްޓަރީކޮށްދިނުމުގެ ފީ

500 (ފައްސަތޭކަ) ރުފިޔާ

2.      

އަމިއްލަ ވިޔަފާރީގެ ރަޖިސްޓަރީ އާކޮށްދިނުމުގެ ފީ

500 (ފައްސަތޭކަ) ރުފިޔާ

3.      

ރަޖިސްޓަރީގައި ހިމަނާފައިވާ މައުލޫމާތެއް އިސްލާހުކުރުމުގެ ފީ

100 (ސަތޭކަ) ރުފިޔާ

4.      

ވިޔަފާރި ރަޖިސްޓަރީކުރާ ފަހުން ވިޔަފާރި ނަމެއް ރަޖިސްޓަރީކޮށްދިނުމުގެ ފީ

100 (ސަތޭކަ) ރުފިޔާ

5.      

ވިޔަފާރި ނަން ބަދަލުކުރުމުގެ ފީ

100 (ސަތޭކަ) ރުފިޔާ

6.      

ސިއްކަ ރަޖިސްޓަރީކުރުމުގެ ފީ

100 (ސަތޭކަ) ރުފިޔާ

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-19)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-109)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު