-

ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2000-02) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-33)

 

ގާނޫނު ނަންބަރު 2000-02 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9 ވަނަ މާއްދާރިށްވަތު ދީފިކަން ނުވަތަ ދޭންއުޅެފިކަން އެންގުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް މީހަކު ރިށްވަތު ހިފައިފިކަން، ނުވަތަ ހިފަން އުޅެފިކަން، ނުވަތަ އެފަދަ އެއްވެސް މީހަކަށް ރިށްވަތު ދީފިކަން ނުވަތަ ދޭން އުޅެފިކަން އެނގިއްޖެނަމަ، ނުވަތަ ރިށްވަތު ހިފައިފިކަމަށް، ނުވަތަ ހިފަން އުޅޭކަމަށް، ނުވަތަ ދީފިކަމަށް، ނުވަތަ ދޭން އުޅޭކަމަށް ގަބޫލުކުރެވޭފަދަ ގޮތްތަކެއް ދިމާވެއްޖެ ހާލަތެއްގައި ކަމާބެހޭ ތަފްސީލާއި، އެ އަމަލެއް ހިންގި ނުވަތަ ހިންގަން އުޅުނު މީހާގެ ނުވަތަ މީހުންގެ މައުލޫމާތާއެކު، އެންޓި-ކޮރަޕްށަން ކޮމިށަނަށް ލަސްނުކޮށް އަންގަންވާނެއެވެ. މިގޮތުން ގަބޫލުކުރެވޭފަދަ އުޒުރެއްނެތި، އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތަކަށް ނާންގައި ހުރުމަކީ، ކުށެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16.(ށ) ދައުލަތުން ކަމަކަށް އެދިގެންއުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން، އެކަމަކާބެހޭ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް، ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިއްޖެނަމަ، ލަސްނުކޮށް އެ އެއްޗެއް އެންޓި-ކޮރަޕްށަން ކޮމިށަނަށް ނުވަތަ އެ ކޮމިށަނުން ކަނޑައަޅާ ފަރާތަކަށް ރައްދުކުރަން ވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16.(ނ) ދައުލަތުން ކަމަކަށް އެދިގެން އުޅޭ މީހަކު ނުވަތަ އެފަދަ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހަކު ނުވަތަ އެފަދަ މީހެއްގެ ކިބައިން، އެކަމަކާބެހޭ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް، ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ދިނުމަށް ހުށަހަޅައިފިނަމަ، ލަސްނުކޮށް އެކަން އެންޓި-ކޮރަޕްށަން ކޮމިށަނަށް ނުވަތަ އެ ކޮމިށަނުން ކަނޑައަޅާ ފަރާތަކަށް އަންގަން ވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ސަރުކާރު" މިހެން ހުރި ތަންތަން "ދައުލަތް" މިގޮތަށް ބަދަލުކުރުން.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2000-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު