-

ކަމަށް އެކަށޭނަ

"ކަމަށް އެކަށޭނަ" ފަރާތެއް ކަމަށް ބުނެފައި އެވަނީ، އެފަރާތަކީ ތެދުވެރި އަދި އިތުބާރުކުރެވޭ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފެންނަ ގޮތުގައާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާ ގަވާއިދާއެއްގޮތްވާ ގޮތުގެމަތިން، އެފަރާތުން ހާސިލުކޮށްފައިވާ ތައުލީމާއި، ތަޖުރިބާއާއި، އެފަރާތެއްގެ މާޒީ އަދި މާލީ ފެންވަރު ނުވަތަ އެފަރާތެއްގެ ވިޔަފާރީގެ ގުޅުންތަކަށް ބަލާއިރު، އެފަރާތަކީ ބޭންކެއްގެ ވެރިފަރާތެއްކަމުގައި ނުވަތަ އެޑްމިނިސްޓްރޭޓަރެއް ނުވަތަ ކޮންޒަވޭޓަރެއް ނުވަތަ ރިސީވަރެއް ކަމުގައިވުމަށް އެކަށޭނަ ކޮންމެ ފަރާތަކަށެވެ. ތިރީގައި މިވާ ފަރާތްތަކަކީ ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމަކަށް ނުބެލެވޭނެއެވެ. (ހ) ޖިނާއީ ކުށެއްގައި ށަރީއަތަށް ސާބިތުވެ، ޖަލަށްލުމަށް ހުކުމްކޮށްފައިވާ، ނުވަތަ ޖަލަށްލުމަށް ހުކުމް ކުރެވިދާނެފަދަ ޖިނާއީ ކުށެއް ށަރީއަތަށް ސާބިތުވެ، ހުކުމެއް އިއްވާފައިވާ ފަރާތްތައް. ނަމަވެސް އެފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އެފަރާތެއްގެ ސިޔާސީ ހަރާކާތްތަކެއްގެ މައްޗަށް ބިނާކޮށްނަމަ އެފަރާތެއް މި މާއްދާއިން އިސްތިސްނާވާނެއެވެ؛ (ށ) ފާއިތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އިފްލާސްކުރެވިފައިވާ ފަރާތްތައް؛ (ނ) ސުލޫކު ގޯސްވުމުގެ ސަބަބުން އެއްވެސް ފަންނެއްގައި މަސައްކަތްކުރުމުގެ ހުއްދަ އަތުލެވިފައިވާ ނުވަތަ ވަގުތީގޮތުން ހިފެހެއްޓިފައިވާ ފަރާތްތައް. ނަމަވެސް އެފަދަ ހުއްދައެއް އަތުލެވިފައި ނުވަތަ ވަގުތީގޮތުން ހިފެހެއްޓިފައިވަނީ އެފަރާތެއްގެ ސިޔާސީ ހަރާކާތްތަކުގެ މައްޗަށް ބިނާކޮށްނަމަ، އެފަރާތްތައް މި މާއްދާއިން އިސްތިސްނާވާނެއެވެ؛ އަދި (ރ) ށަރީއަތުން ނުވަތަ ކަމާބެހޭ އިދާރާއަކުން ކުންފުންޏެއް ހިންގުމަށް ގާބިލުނޫން ފަރާތެއްކަމުގައި ކަނޑައަޅާފައިވާ ފަރާތްތައް؛