-

ރޯޔަލްޓީ

"ރޯޔަލްޓީ" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކުރެވިފައިވާ ގޮތަކަށް ދައްކާފައިވާ ފައިސާއަށެވެ (1) އެއްވެސް އިލްމީ، ފަންނީ ނުވަތަ ތަހުލީލީ މަސައްކަތެއްގެ ކޮޕީރައިޓްއެއް؛ އެއްވެސް ޕޭޓެންޓްއެއް، ޓްރޭޑްމާކްއެއް، ފަރުމާއެއް ނުވަތަ މޮޑެލްއެއް، ކުރެހުމެއް، ސިއްރު ފޯމިއުލާއެއް، ނުވަތަ ޕްރޮސެސްއެއް؛ ސިނާއީ، މަދަނީ ނުވަތަ ތަހުލީލީ މަސައްކަތްކުރާ ސާމާނު، މިއިން އެއްވެސް އެއްޗެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ހައްގު ހޯދުމަށް މުގާބިލެއްގެ ގޮތުގައި ދައްކާ ފައިސާ؛ (2) ސިނާއީ، މަދަނީ ނުވަތަ ތަހުލީލީ މަސައްކަތްކުރުމުގެ ތަޖުރިބާއާބެހޭ މައުލޫމާތު ދިނުމަށްދެވޭ ފައިސާ؛ (3) މައުދަން؛ މައުދަން އެކުލެވޭ ތެޔޮ އަދި އެހެނިހެން ގުދުރަތީ ވަސީލަތްތައް ނެގުމަށް މަސައްކަތްކުރުމުގެ ހައްގު ދިނުމުގެ މުގާބިލެއްގެ ގޮތުގައި ދައްކާ ވަކި މިންވަރެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މިންވަރެއް ކަނޑައެޅިފައިނުވާ ފައިސާ.