-

މަގްސަދު

އަންނަނިވި އަމަލުތައް ކުރާމީހާ، އެކަން އެކުރަނީ ވަކި މަގްސަދެއް އޮވެގެންކަމުގައި ބެލެވޭނެއެވެ: (1) އަމަލުގެ ރުކުނާއި، ނަތީޖާގެ ރުކުނާ ގުޅޭ ގޮތުންކަމަށް ވާނަމަ، ކަނޑައެޅިގެން އޭނާގެ މަގްސަދަކީ އެ އަމަލެއް ކުރުން ކަމުގައިވުން، ނުވަތަ އެ ނަތީޖާ ހާސިލުކުރުން ކަމުގައިވުން؛ (2) ހާލަތުގެ ރުކުނާ ގުޅޭގޮތުންކަމަށް ވާނަމަ، ވަކި ހާލަތެއް ދެމިއޮތްކަން އޭނާއަށް އެނގިގެންވުން، ނުވަތަ އެ ހާލަތެއް ދެމިއޮތްކަމަށް އޭނާ ގަބޫލުކުރުން، ނުވަތަ އެ ހާލަތު ދެމިއޮތުމަށް އޭނާ އުންމީދުކުރުން؛ (3) ވަކި ކަމެއް ފުރިހަމަވުމުން ނުވަތަ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް ކުށުގެ އަމަލެއް ހިންގުމުގެ މަގްސަދު އޮތް މީހެއްގެ އެ މަގްސަދުވެސް، މި މާއްދާގައި ބަޔާންވެގެންވާ މަގްސަދުގެ ދާއިރާގެ ތެރޭގައި ހިމެނިގެންވެއެވެ. އެކަމަކު، އެއީ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުން މަނާކުރާ ގެއްލުންދިނުމުގެ، ނުވަތަ އެ ގާނޫނުން މަނާކުރާ އަމަލު ހިންގުމުގެ މަގްސަދެއް ނެތްކަން، ސާބިތުކޮށްނުދެވޭހާ ހިނދަކުއެވެ.