-

އަންހެނާގެ އިއްދަ

"އަންހެނާގެ އިއްދަ" ކަމަށް ބުނެފައި އެވަނީ: (1) ވަރިކުރެވުނު އަންހެނާއަކީ ހައިޒުވާ އުމުރުގެ މީހަކު ކަމުގައިވެފައި، އެ އަންހެނާ އޭނާގެ ފިރިމީހާއާއެކު ކާވެނީގެ މުއްދަތުގެ ތެރޭގައި އެއް ފަހަރުވެސް ޖިމާއުވެފައިވާނަމަ، އަދި ވަރިކުރިއިރު އޭނާ އިނީ ހައްޔަރުގައިކަމަށް ނުވާނަމަ، ވަރިކުރި ދުވަހުން ފެށިގެން 3 ހައިޒާއި 3 ތުހުރު ހަމަވަންދެން ހިނގާ މުއްދަތު؛ ނުވަތަ (2) ވަރިކުރެވުނު އަންހެނާއަކީ ހައިޒުނުވާ ނުވަތަ ހައިޒުވުން ހުއްޓިފައިވާ އަންހެނަކު ކަމުގައިވާނަމަ، އަދި އެއަންހެނާ އޭނާގެ ފިރިމީހާއާއެކު ކާވެނީގެ މުއްދަތުގެ ތެރޭގައި އެއް ފަހަރުވެސް ޖިމާއުވެފައިވާނަމަ، ވަރިކުރި ދުވަހުން ފެށިގެން ހަނދުމަހުގެ 3 މަސް ހަމަވަންދެން ހިނގާ މުއްދަތު؛ ނުވަތަ (3) ވަރިކުރެވުނު އަންހެނާ އިނީ ހައްޔަރުގައިކަމަށް ވާނަމަ، އޭނާ ވިހެއުމާ ހަމައަށް ހިނގާ މުއްދަތު، ނުވަތަ ހައްޔަރުގައި އިންއިނުން، ނިމުމަކަށް އައުމާހަމައަށް ހިނގާ މުއްދަތު؛ ނުވަތަ (4) އަންހެނަކު ކާވެނި ކޮށްގެން ހުއްޓައި، ނުވަތަ ރަޖުއީ ވަރިއެއްގެ އިއްދައިގައި އިންދައި، އޭނާގެ ފިރިމީހާ މަރުވާ ހާލަތުގައި، އެ އަންހެނާ އިނީ ހައްޔަރުގައި ކަމަށް ނުވާނަމަ، އޭނާގެ ފިރިމީހާ މަރުވި ދުވަހުން ފެށިގެން ހަނދުމަހުގެ 4 މަހާއި 10 ދުވަސް ހަމަވަންދެން ހިނގާ މުއްދަތަށެވެ.